އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު ހޭދައެއް ކުރެ އެވެ. ސަބަބަކީ، މިހާރަށް ބަލާއިރު، ސަރުކާރުން އަހަރަކު 350 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްޓީއޯ އަށް ނުދީފި ނަމަ، އެސްޓީއޯ އިން މިހާރު ހަނޑުލާއި ހަކުރާއި ފުއް އެ އަގުތަކުގައި ނުވިއްކޭނެތީ އެވެ.
އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރައްވާ ސުވާލަކީ މި އެވެ؛ ހަކުރަކީ ސަރުކާރުން ސަބްސިޑީ ދޭން ޖެހޭ އެއްޗެއް ހެއްޔޭ އެވެ!
ސީދާސީދާ އެހެން ވިދާޅު ނުވެ، އޭނާ ޓްވިޓާގައި އާންމުންނަށް ދޫކޮށްލެއްވީ ދެ ސުވާލެކެވެ. އޭނާ ލިޔުއްވާފައި ވެ އެވެ:
"ހަކުރަކީ ކާޑުގެ ބާވަތެއްކަން ޤަބޫލު ނުކުރަނީ ކިތައް މީހުންބާ!؟ ހަކުރަށް ސަބްސިޑީ ދޭން ނުޖެހޭކަން ޤަބޫލުކުރަނީ ކިތައް މީހުންބާ!؟"
މިއީ ހަމަ ރަނގަޅު ދެ ސުވާލެކެވެ؛ އެ ދެ ސުވާލަށް އާންމުންގެ ވަރަށް ގިނަ ބަޔަކު ޖަވާބު ދީފައި ވެސް ހުއްޓެވެ.
އެ ސުވާލުތައް އޭނާ އެ ކުރެއްވީ، މުހިންމު ދަނޑިވަޅެއްގައި، މުހިންމު ބޭނުމެއް އޭގެ ފަހަތުގައި ފޮރުވިފައި އޮތުމުން ކަމަށް ބެލެވެ އެވެ. އެއް ކަމަކީ، އަސާސީ ކާނާގެ ތެރޭގައި ހަކުރު އެއީ ހިމަނަން ޖެހޭ އެއްޗެއް ނޫން ކަން އަމިއްލަ އަށް ގަބޫލުކުރައްވާ ކަމެވެ. އަނެއް ކަމަކީ، ]ބެލެވޭ ގޮތުގައި[ ހަކުރުން ސަބްސިޑީ ކަނޑާލުމުގެ ވިސްނުމެއް ސަރުކާރުގައި އޮތުމެވެ.
މި ސުވާލު އުފެދެނީ ކީއްވެ؟
ސަރުކާރުގެ އިސް ބޭފުޅަކު، އަދި ބަޖެޓް ތައްޔާރު ކުރުމުގައި ވެސް އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ މިއީ ހަރަދު ކުޑަކުރަންވީ ވަގުތު ކަމަށެވެ. އޭނާ ތަފުސީލަށް ވަޑައިގެން ދެން އެންމެ އަވަހަށް ވިދާޅުވި އެއް ވާހަކައަކީ، މިކަހަލަ ވަގުތެއްގައި ބަލަން ޖެހޭނީ ބޭކާރު ހަރަދުތައް ކުޑަކުރުމަށް ކަމެވެ.
"ސަރުކާރަކުން ކުރާ އިންވެސްޓްމަންޓާއި ހަރަދު ވާން ޖެހޭނީ އެއިން ފައިދާ ހުރި އެއްޗަކަށް،" އޭނާ ވިދާޅުވި އެވެ.
ސަބްސިޑީގެ ތެރޭގައި، ނުވަތަ ސަރުކާރުން ހޭދަކޮށްގެން އަގު ކޮންޓްރޯލް ކުރަން ނުޖެހޭ އެއްޗެއްގެ ގޮތުގައި ހަކުރު ހިމަނަން އޭނާ ވެސް ތާއީދުކުރައްވަ އެވެ. އެކަމަކު ތަކުރާރުކޮށް ވިދާޅުވީ، ސަރުކާރުން އެކަމަށް އެެއްވެސް ގޮތެއް ނިންމައިފައި ނުވާ ކަމަށެވެ.
"އެކަމަކު ހަކުރަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް. ހަކުރުގެ ސަބަބުން ވަރަށް ގިނަ ބަލިތައް ޖެހޭކަން އެއީ ޔަގީން ވާހަކައެއް. ބަލި ގިނަވި ވަރަކަށް އާސަންދައިގެ ހަރަދުތައް ވެސް އެބަ ބޮޑުވޭ. އެހެންވެ ވިސްނާލުން ރަނގަޅުކަން ނޭނގެ ހަކުރަކީ ސަރުކާރުން ހޭދަކޮށްގެން އަގު ކޮންޓްރޯލް ކޮށްފައި ބާއްވަން ޖެހޭ އެއްޗެއްތޯ،" އޭނާ ވިދާޅުވި އެވެ.
"އެއްޗެއް އަގުހެޔޮކޮށްފައި ބަހައްޓަން ސަރުކާރަކަށް ލާޒިމްވާނީ އެއިން ފައިދާ ކުރާ އެއްޗެހި. މިސާލަކަށް އަޅުގަނޑު އަމިއްލަ އަށް ގަބޫލުކުރާ ގޮތުގައި ހަކުރުގެ ސަބްސިޑީ ކަނޑާލައިފައި ތަރުކާރީ އާއި މޭވާ އަށް އެބައި ހޭދަކޮށް އޭގެ އަގުހެޔޮ ކުރުން ވެސް މާ ރަނގަޅު."
އަމްރު ކުރެއްވި ސުވާލަށް ޑައިޓީޝަން އާސިއާ އަބްދުއްރަހީމް ވެސް ޖަވާބު ދެއްވި އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ހަކުރަކީ ކާޑުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫނެވެ. އަދި އެއީ ސަބްސިޑީ ވެސް ދޭން ޖެހޭ އެއްޗެއް ނޫނެވެ. އެހެން ބައެއް މީހުން ވެސް އެކަމަށް އެއްބަސް ވެ އެވެ. އެއްބަސް ނުވާ މީހުން ވެސް އެބަތިއްބެވެ.
ރާއްޖޭގައި މި ވިއްކާ ދޯބުރާލި ހަކުރަކީ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ވަރަށް ގިނަ ބަލިތަކަށް ހުށަހެޅޭ އެއްޗެކެވެ. އެކަމަކު، ސިޔާސީ ސަބަބުތަކާ ހެދި ކާޑުގެ ބާވަތްތަކާ ކުޅެން އެއްވެސް ސަރުކާރަކަށް ނުކެރެނީ އެވެ.
ހަގީގަތަކީ، ހަކުރު ކިލޯއެއް 5ރ. އަށް ފިހާރަތަކުން އެ ވިއްކަނީ ސަރުކާރުން އެ ކިލޯ އަށް 12 ވަރަކަށް ރުފިޔާ ހޭދަކޮށްފަ އެވެ. އަމްރު ވެސް އެ ވިދާޅުވަނީ އެ ވާހަކަ ކަމަށް ގަބޫލުކުރެވެ އެވެ. ސިއްހަތާ ދުރު އެއްޗަކަށް ހޭދަކުރުން އެއީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ގަބޫލު ކުރަނީ ކިތައް މީހުން ހެއްޔޭ އެވެ!
ކާޑުގެ ސަބްސިޑީ އަކީ ބޮލު ރިހުމެއް
ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓް ހުށަހަޅާ އިރު، އެ ފޮތުގައި ކުލަޖައްސައި، ފާހަގަކޮށްފައި އޮންނަ ބައެއް އޮވެ އެވެ؛ އެއީ ދައުލަތުން ދޭ އެހީ އާއި ސަބްސިޑީގެ ބައެވެ. މި އަހަރުގެ ބަޖެޓް ފޮތުގައި ވެސް އޮރެންޖް ކުލައިން ބޯޑަރު އަޅާފައި އޮތީ އޭގެ ކަންބޮޑުވުންތަކެވެ.
"... މި ގޮތުން ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކާއި ފަތުުރުވެރިންނަށް ވެސް މި ސަބްސިޑީ ލިބެ އެވެ. 2019 ވަނަ އަހަރު ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާ ސާވޭގައި ގޭބިސީތަކުން ކާޑުގެ ބާވަތްތަކަށް ކުރި ހަރަދަށް ބަލާއިރު އަންދާޒާ ކުރެވެނީ ގޭބިސީތަކުން ބޭނުންކުރަނީ އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތަކުގެ މަދު ބައެއް ކަމެވެ،" ބަޖެޓް ފޮތުގައި ވެ އެވެ.
"އެސްޓީއޯ އިން 2019 ވަނަ އަހަރު ވިއްކި ހަނޑުލުގެ 57.2 އިންސައްތަ އަދި ފުށުގެ 49.6 އިންސައްތަ ގޭބިސީތަކުން ބޭނުންކުރާއިރު ގޭބިސީތަކުން ބޭނުންކޮށްފައި ވަނީ އެސްޓީއޯ އިން ވިއްކި ހަކުރުގެ އެންމެ 31.7 އިންސައްތަ އެވެ. އެހެންކަމުން އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތަކުގެ ބޮޑުބައެއް ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާ އިން ބޭނުންކުރާ ކަމަށް ލަފާ ކުރެވެ އެވެ."
އޭގެ މާނައަކީ، ދައުލަތުން ދޭ 350 ވަރަކަށް މިލިއަން ރުފިޔާގެ ސަބްސިޑީގެ ބޮޑުބައެއް ގޮސް މުއްސަނދިންގެ ޖީބުތަކަށް ވެސް ނުސީދާކޮށް ވަންނަ ވާހަކަ އެވެ. އެކަމަކު ސަބްސިޑީ އަކީ ފަގީރު މީހާ އަށް، ބޮޑު އަގުގައި ނުގަނެވޭނެތީ ދޭ އަސާސީ ހިދުމަތެކެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި ގޮތުގައި ކޮވިޑް ތެރޭގައި ވެސް ފާހަގަވި އެއް ކަމަކީ ކާޑުގެ ސަބްސިޑީ އަށް ކުރަން ޖެހުނު ހޭދަ ވަރަށް ބޮޑަށް ކުޑަވެގެން ދިޔަ ކަމެވެ.
"އޭރު ރިސޯޓްތައް އޮތީ ބަންދުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް އަބަދު ވެސް ވަކާލާތު ކުރާ ކަމެއް އެއީ ސަބްސިޑީ ބޭނުންވާ މީހާ އަށް ސަބްސިޑީ ދިނުމަކީ. މިހާރު އެންސްޕާގައި ވެސް އެކަން ކުރެވޭނެ ނިޒާމް ހުންނާނެ. ކާޑުގެ ބާވަތްތަކަށް އެތަނުން ވަކިން ވެސް ސަބްސިޑީ ދެވިދާނެ."
ކާޑުގެ ސަބްސިޑީ އުވާލައި ސީދާ އެ ބޭނުންވާ މީހާ އަށް ދޭން ކުރީގެ ސަރުކާރުން ވެސް ވިސްނުންތަކެއް ވިސްނި އެވެ. އެކަމަކު އޭރު އިދިކޮޅު ޕާޓީތައް އެކަމާ ނުރުހި ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.
ފުށާއި ހަނޑުލާއި ހަކުރަކީ ޒަމާނުއްސުރެ ދައުލަތުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަހައްޓަމުން އަންނަ ބާވަތްތަކެކެވެ. ކާޑުގެ ބާވަތްތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިވުމަކީ އެއްވެސް ސަރުކާރަކުން ކުރާނެ ކަމެއް ނޫނެވެ. ދައުލަތުގެ މާލިއްޔާގައި، ކާޑާއި ބޭހާއި ތެލަށް އަބަދު ވެސް ފައިސާ ރައްކާކޮށްފައި ހުރެ އެވެ.
އެކަމަކު، ހަކުރަކީ އަމްރު ވިދާޅުވި ގޮތަށް ވިސްނާލަން ޖެހިފައި އޮތް މައްސަލަ އެކެވެ. ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަކުރުގެ ސަބްސިޑީ އަށް ވެސް ކޮންމެ އަހަރަކު އެބަ ހޭދަކުރެ އެވެ. ބައެއް މީހުންގެ ނަޒަރުގައި ފުށާއި ހަނޑޫ އޯކޭ އެވެ. އެކަމަކު ހަކުރަށް ދައުލަތުން ހަރަދު ކުރުން އޯކޭއެއް ނޫނެވެ. ހަމައެގޮތަށް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ފުށާއި ހަނޑުލާއި ހަކުރަކީ ވެސް ސަބްސިޑީ ދޭން ޖެހޭ އެއްޗެކެވެ.