އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯތަކެއް އާންމުވެއްޖެ އެވެ. އޭގެ ދިފާއުގައި ތިމަންނާ ނުހުންނާނެއޭ، ނުފެންނާނެއޭ، ނުކުރަމޭ ބުންޏަސް އާންމުންގެ ތެރެއިން އެކަކު ވެސް މިފަހަރު އެ ވާހަކަ ގަބޫލު ކުރާނެ ހެނެއް ހިޔެއް ނުވެ އެވެ. މަންޒަރު އެހާ ސާފެވެ. އެއީ އެޑިޓްކޮށްފައޭ ބުންޏަސް، މިފަހަރު އެއިން ބޯދަމައިގަނެވޭވަރެއް ނޫނެވެ. އެތައް ބައެއްގެ އެދުމަކީ އެ ކަން ކުރި މީހުންނަށް ފިޔަވަޅު އަޅައިދިނުމެވެ. އެ ޖަރީމާތައް ހިންގި ބަޔަކާ މެދު ލުއި ގޮތަކަށް އަމަލު ނުކުރުމަށެވެ.
މީގެ 13 އަހަރު ކުރިން، 2009 ގައި މުޅި ރާއްޖެ ސިއްސުވާލީ ވެބްކެމް ކުރިމަތީގައި އޭރުގެ ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބަރަހަނާވި މަންޒަރުތަކުންނެވެ. އެ ވާހަކަ އަނެއްކާ ވެސް މި އޮތީ ދައްކަން ޖެހިފަ އެވެ. މުޅި ގައުމު އަނެއްކާ ވެސް "އެލާޓަށް" އައިސް، ކޮންމެ ތަނެއްގައި ވެސް ދެއްކެވެނީ ޖިންސީ އަމަލުތަކެއް ދައްކައިދޭ ވީޑިއޯތަކެއްގެ ވާހަކަ އެވެ. އޭގެ ތެރޭގައި އެންމެ ނުރައްކާ ކަމަކީ، އެއް ޖިންސުން ގުޅުން ހިންގުމުގެ ވީޑިއޯތަކެވެ.
އޭގެ ތެރެއިން އެއް ވީޑިއޯއިން ފެންނަނީ ބަންގްލަދޭޝްގެ ޒުވާން ފިރިހެނެއް ކަމަށްވާ، އެމްޑީ އަލަމްގީރް، މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާ އެކު ގުޅުން ހިންގާ ކަމަށް ބުނާ މަންޒަރުތަކެކެވެ. އެކަމަށް ނާޒިމް އިންކާރު ކުރައްވަ އެވެ. އަނެއް ވީޑިއޯ އިން ފެންނަނީ ޑީއާރުޕީގެ ކުރީގެ ލީޑަރު މުހަންމަދު ނަޝީދު (ކާނަލް) އެ ކޮޓަރި އަށް ވަންނަވާ މަންޒަރެވެ. އެއީ، އޭނާ ކަމަށް އޭނާ އިންކާރު ނުކުރެއްވިޔަސް، އެއްވެސް ގޯސް އަމަލެއް ހިންގެވި ކަމަށް އޭނާ އިންކާރު ކުރެއްވި އެވެ. އަދި އެތަނަށް ވަޑައިގަތީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގެ އޯކިޑް މަގުގައި ވަރަށް ރީތިކޮށް ހަދާފައިވާ 10 ބުރީގެ އިމާރާތެއްގެ ދެވަނަ ފްލޯގައި ހުރި އެ ކޮޓަރީގައި އެއް ޖިންސުން ގުޅުން ހިންގި 40 އަށް ވުރެ ގިނަ ވީޑިއޯ ހުރި ކަމަށް ވެ އެވެ.
ކިހިނެއް ހިނގި ކަމެއް؟
މި ރިޕޯޓަށް އެކި ފަރާތްތަކުން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ވީޑިއޯގައި ފެންނަ ބައެއް މީހުން ބައްދަލުވީ އާންމުކޮށް ޑައުންލޯޑް ކުރެވޭ މޮބައިލް އެޕަކުންނެވެ. މުޅި ދުނިޔޭގައި ވެސް އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައި ވަރަށް މަގުބޫލު އެ އެޕް އެޅުމުން އެ މީހަކު ހުރި ސަރަހައްދެއްގައި ތިބި އެ ފިކުރުގެ މީހުން އެޑްކުރެވެ އެވެ. އަދި އަނެއްކޮޅުން ރިކުއެސްޓް އެކްސެޕްޓް ކުރުމުން ދެން ވާހަކަ ދެެއްކެވޭ ގޮތް ވެ އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި، ނަންް ހާމަކުރަން ބޭނުން ނުވާ، އެކަމަކު މި ވީޑިއޯތަކުގެ ހަގީގަތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި މިކަން އެ ކޮޓަރީގައި ހިނގާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
"އެ އެޕުން ރަހުމަތްތެރިންނަށް އިންޓްރޮޑިއުސް ވެސް ކޮށްދެވޭ. ވީޑިއޯގައި ފެންނަ އެކަކަށް އިންޓްރޮޑިއުސް ކޮށްދެނީ ވެސް އެ އެޕްގައި ހިމެނޭ މީހެއް. އެ އެޕުން ބައްދަލުވެ ސެޓްކޮށްގެން އެ ކޮޓަރި އަށް މި ގެންދަނީ. ގެންދިއުމުގެ ކުރިން ބުނަނީ ސޭފް ޕްލޭސްއެކޭ. އެލާމް ހަރުކޮށްފައޭ ހުންނާނީ މީހަކު ނޫޅޭނެއޭ،" އޭނާ ކިޔައިދިނެވެ.
"ވީޑިއޯގައި ފެންނަ އެކަކު އެ ކޮޓަރި އަށް މި ގެންދަނީ ގާތްގަނޑަކަށް މީގެ އަހަރެއްހާ ދުވަސް ކުރިން، ވާހަކަ ދައްކަން ފެށިތާ އަށެއްކަ ދުވަސް ފަހުން. އޭނާ އެ ގެއަށް ގެންދިޔަ ދުވަހު އަލަމް ބުނަނީ އެ ގޭގައި މީހަކު ނެތޭ ގޭ މީހުން ވީ ޕިކްނިކަށް ގޮހޭ."
އެ ގެ ހުންނަނީ ސީދާ އޯކިޑް މަގުން ވަދެވޭ ގޮތަށް، މައި ދޮރެއް ލައި، އެލާމް ސިސްޓަމް ހަރުކޮށް، ގޭޓް ހަރުކޮށްފަ އެވެ. ބޭރަށް ކެމެރާ ހަރުކޮށްފައި ހުރެ އެވެ. އަދި އެ ދޮރުން ވަދެގެން ރީތިކޮށް ހަދާފައި އޮތް ގޯޅިއަކުން ވަދެގެން ގޮސް ދެން އެ ގެއަށް ވަދެވެނީ ވެސް މައިދޮރަކުން ލައިފަ އެވެ. އެ ދޮރު ކައިރީގައި ވެސް އެލާމް ސިސްޓަމް ހަރުކޮށްފައި ހުރެ އެވެ. މަތީގައި މުޅި ގޯޅިތެރެ ފެންނަހެން ކެމެރާއެއް ހުރެެ އެވެ.
ބެލެވޭ ގޮތުގައި އެ ގޭތެރޭގައި ވެސް ކެމެރާ ހުންނާނެ އެވެ.
ރިޕޯޓަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި އެ އެޕުން އަލަމްގީރް ވަނީ ވަރަށް ދިވެހިން އޭނާގެ ދަލުގައި ޖައްސައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު މީހުން ހިމެނޭ ކަމަށް ވެ އެވެ. ލީކުވެފައިވާ ވީޑިއޯގެ އިތުރުން އެ ކޮޓަރީގައި އިތުރު ވީޑިއޯތައް ވެސް އުޅޭނެ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
"އެ ކޮޓަރި އަށް ދިޔަ މީހުން ދެވަނަ ފަހަރަށް ނުދާ ކަމަށް ވަނީ،" އޭނާ ބުންޏެވެ.
އާންމުވެފައިވާ ވީޑިއޯއާ ހަވާލައިދީ، އޭނާ ބުނާގޮތުން ކެމެރާ އެޖެސްޓްކުރަނީ ވެސް އާލަމް އެވެ. އޭގެ މާނައަކީ އެ ރެކޯޑް ކުރަނީ އޭނާ އެވެ.
"ބެލެވޭ ގޮތުގައި އޭގެ އަޑީގައި ކޮންމެ ވެސް ބަޔަކު އުޅޭ. ބެލެވެނީ އޭނާ ލައްވާ ބަޔަކު ކުރުވާ ކަމެއް ކަމަށް، ނޫނީ އޭނާގެ ލޯބިވެރިޔާ މީގެ އަޑީގައި ހުރެގެން ފައިސާ ހޯދަން ކުރުވި ކަމެއްގެ ގޮތުގައި،" އޭނާ ކިޔައިދިނެވެ.
ބްލެކްމެއިލްކުރަން ފެށުން
އެނގިފައިވާ ގޮތުގައި ނާޒިމްގެ ވީޑިއޯ ބޭނުންކޮށްގެން އޭނާ ބްލެކްމެއިލް ކުރަން ފެށީ މިދިޔަ ރޯދަ މަސް ތެރޭގަ އެވެ. އެހެންވެ، އޭނާ އެ މައްސަލަ މާފަންނު ޕޮލިސް އަށް ހުށަހެޅި އެވެ. އެކަމަކު މައްސަލަ އެކި ގޮތްގޮތަށް ގޮސް އެކަން ކުރިއަކަށް ނުދިޔަ އެވެ. ލީކުވީ އެހެން އޮއްވަ އެވެ.
"ރޯދަ މަހުގެ ތެރޭގައި ނާޒިމަށް ފޯނެއް އައި. އޭނަ ކީ އަގަކީ އެއް މިލިއަން ރުފިޔާ،" މި ރިޕޯޓަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
"މަށަށް އެނގިފައި އޮތީ ނާޒިމް ބުނި އަގަކީ 12،000ރ. އޭ. އެއީ ރޯދަ މަހުގެ ރޭގަނޑެއް. ދެން އޭނަ ބުނި ކަމަށް ވަނީ ނަމާދުކޮށްލައިގެން އެބަ ގުޅަމޭ ވެސް."
ކާނަލް ބްލެކްމެއިލް މެއިލް ކުރަން ހުށަހެޅީ 200،000 ޑޮލަރެވެ. އެކަމަކު އޭނާ ވިދާޅުވެފައި ވަނީ އެ އަގު ނުދޭނެ ކަމަށާއި ލީކުކޮށްލިޔަސް ހެޔޮ ކަމަށެވެ. ނާޒިމް ވެސް ފައިސާ ނުދޭ ކަމަށް ވެ އެވެ.
"ދިވެއްސަކު މި ގުޅަނީ. ކާނަލް އަށް ގާތްގަނޑަކަށް އަށް މީހަކު ގުޅި. އެއީ ހުޅުމާލޭގައި އޮންނަ ގުރޫޕެކޭ ވެސް ކިޔާ،" އޭނާ ބުންޏެވެ.
އެކަމަކު ނާޒިމް އަށް ގުޅީ އެންމެ މީހެކެވެ.
ބިރު ދެއްކުމާއި އިންޒާރު!
ޖިންސީ އަމަލުގެ މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު، މީގެ ތެރޭގައި ހިނގައިދިޔަ، ބިރުދެއްކުމާއި އިންޒާރު ދިނުމުގެ އަމަލުތަކުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
"މިއީ ބަޔަކު ވަރަށް ދުރާލައި ރާވައިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެއް. ބެލެވޭ ގޮތުގައި ބްލެކްމެއިލް ކުރުމުގައި ވަރަށް އެހެން ކަހަލަ މީސްމީހުން ގޭންގު ވެސް ބައިވެރިކޮށްގެން މިކަމެއް މި ކުރީ،" މި ރިޕޯޓަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
"މީގެ ވަކި ހިސާބަކުން އާލަމްގެ ކޮންޓްރޯލް ގެއްލިއްޖެ. ބްްލެކްމެއިލް މި ކުރީ އެހެން ބައެއް. އެއްގޮތަކީ ކުރިން ބުނިހެން އޭނާ ވީޑިއޯތައް ބަޔަކަށް ވިއްކާލީ. ނޫނީ އޭގެ އަތުން ވީޑިއޯތައް ވަގަށް ނެގީ. ބްލެކްމެއިލް ކުރި ހުރިހާ ކޯލެއްގައި ހެން ވާހަކަ ދެއްކީ ހުސް ދިވެހިން."
ކާނަލް އަށް ވިއްކަން އުޅުނު ވީޑިއޯ 200،000 ޑޮލަރަށް އޭނާ ނުގަންނާނެ ވާހަކަ ބުނުމުން 50،000 ޑޮލަރަށް ވެސް ކުޑަކޮށްދިން ކަމަށް މި ރިޕޯޓަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެކަމަކު ކާނަލް ވެސް ބްލެކްމެއިލްގެ މައްސަލަ ޕޮލިހަށް ލީ އެވެ.
"ކާނަލް އަށް ދިވެއްސަކު ގުޅާފައި އޭނާ އެ ކޮޓަރި އަށް ގެންދިޔައީ. އެހެންވެ ބެލެވެނީ މިއީ ސީދާ ބްލެކްމެއިލް ކުރަން މާ ދުރާލައި ރާވައިގެން ގުރޫޕަކުން ހިންގި އަމަލެއް ކަމަށް،" އޭނާ ބުންޏެވެ.
"ނުގަންނާނަމޭ ނުގަންނާނަމޭ ބުނީމަ ބިރު ވެސް ދެއްކި. އެހެން މީސްމީހުން ކައިރިއަށް ގޮސް އެބަހުއްޓޭ ވެސް ކިޔައިގެން ބިރު ދެއްކި. އިންޒާރު ވެސް ދީ ހެދި."
އެ ކޮޓަރިން މިހާތަނަށް އަދި ލީކުވީ ދެ ވީޑިއޯ އެވެ. އެކަމަކު، ބެލެވޭ ގޮތުގައި އެއީ ފެށުމެކެވެ. ތުންތުންމަތިން އިވޭ އަޑުތައް ބުނާ ގޮތުން އަދިވެސް ހައިޕްރޮފައިލް މީސްމީހުން އެބަ ހިމެނެ އެވެ.
އާންމުން ކުރަނީ މި ޝަކުވާ އެވެ؛ ފާހިޝް އަމަލުތައް ގިނަވެ، މިހާ ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގައި އެކަން ހިނގާ އިރު ކަމާ ބެހޭ ފަރާތްތައް ކޮބައި ހެއްޔޭ އެވެ؟ ފާޅުގައި އެކަން ފެންނަން އޮތް އިރު ވެސް، މީގައި ހިމެނޭ މީހުންްގެ މައްސަލަތައް އެހާ ލަސް ސްޕީޑެއްގައި ކުރިއަށް ދަނީ ކީއްވެތޯ އެވެ!