ރިޕޯޓް / ތާރީހް

ބޮޑުގަނޑުވަރުގައި ނާސިރު ކޯރާޑީ ޖެއްސެވީ ކީއްވެ؟

"އެއީ ދިވެހި މިނިވަންކަން ރައްކާތެރިކުރި ކިއްލާ އެވެ. ދިވެހި ސަގާފަތް ދިރުވަމުން އާކުރަމުން ގެންދިޔަ އިސް މަރުކަޒެވެ. އެތަނުގެ ކޮންމެ ދޮރާއްޓަކީ، ކޮންމެ ވަޅަކާއި ވެވަވީ އޭގެ އަމިއްލަ ތާރީހެއް އެކުލެވިގެންވާ އެއްޗެކެވެ،"

އިބްރާހިމް ނާސިރު (ވ) ރައީސްކަމުގައި މޮރޮކޯ ސަފީރާ ސަލާމްކުރައްވަނީ. -- ފޮޓޯ: ހަސަން ނަޖްމީ

ދުވަހަކީ މާޗު 16، 1963 އެވެ. މާލޭގައި ހުންނަ ހއ. އަތޮޅު ފިހާރައިގެ މުވައްޒަފުން މިއަދު އުޅެނީ މުޅިން ތަފާތު މަސައްކަތެއްގަ އެވެ. ކުރަމުން އަންނަނީ ފިހާރައިގެ އާ އިމާރާތް އެޅުމަށްޓަކައި މާލޭ ހުޅަނގު އުތުރު ސަރަހައްދުގެ ފަޅުތެރެ ހިއްކުމަށް ބޭނުންވާ ގާކުނޑި އެއްކުރުމުގެ މަސައްކަތެވެ. އެކަމަށްޓަކައި، ބޮޑުވަޒީރުގެ އޮފީހުން އަންގައިގެން އެ މުވައްޒަފުން ތަޅާލަން އެ އުޅެނީ، އާއްމު ވިސްނުމުން ބަލާއިރު އެކަމަށް އެންމެ ފަހަށް ތަޅާލަން ހުންނާނެ އެއް އިމާރާތުގެ ފާރެކެވެ. ރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު ފަރީދުލްއައްވަލް ދިރިއުޅުއްވަމުން ގެންދެވި ބޮޑުގަނޑުވަރެވެ.

ފާރު ތަޅާލުންވީ އުނދަގޫ މަސައްކަތަކަށެވެ. ދިޔާ ހަކުރު އަޅައިގެން އުވައިން ރާނާފައިވާ ބޯފާރުގައި ކޯރާޑީން ޖެހުމުން ގުޑާ ވެސް ނުލި އެވެ. ދެން ޖެހުނީ ފާންތިލައިން ވިދުތަކެއް ތޮރުފާށެވެ. އަދި އެ ލޯވަޅުތަކަށް ނަރު ލައްވައި، އޭގެ އަނެއްކޮޅު ޓްރެކްޓަރުގައި އައްސާލީ އެވެ. އެއަށް ފަހު ޓްރެކްޓަރު ދުއްވާލުމުން، އެ ބަރު ބިޔަ ފާރުތައް ބިންގަލުން ލުހިގެންދެ އެވެ.

އެއާ އެކު މުޅި ސަރަހައްދު ގުޑުން އަރުވާލައި، ބިމާ ހަމަވެގެން އެދިޔައީ ހަމައެކަނި ފާރެއް ނޫނެވެ. ރާއްޖޭގެ ރަސްކަމުގެ ދިގު ތާރީހު ވެސް މެ އެވެ. ދިވެހި ތާރީހު ދިރާސާކުރެއްވި ކޮލިގޭ ހަސަން އަހުމަދު މަނިކު ލިއުއްވާފައިވާ ފަދައިން، "ދިވެހިއްޔަތުގެ އަމާނާތް، އެތައް ޖީލަކަށް، އެތައް ގަރުނަކަށް، އެންމެ ހާއްސަ ގޮތެއްގައި ރައްކާތެރިކުރެވި، ދެމެހެއްޓެމުން އައި އެ ހަޒާނާ" އެ ދުވަހާ ހަމައިން ތަޅާލަން ފެށި އެތަން ހިޔާލީ ގަނޑުވަރަކަށް ބަދަލުވީ އެވެ.

ބޮޑުގަނޑުވަރުން މިހާރު ފެންނަން ހުރި ހަމައެކަނި އިމާރާތްކަމަށްވާ އުސްގެކޮޅު

ސުވާލަކީ އޭނާގެ ބަހުން ނަމަ، "ރާއްޖެ މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތުމުގެ ސިއްރު ކަމަށްވި އަބްތާލުންގެ ޒިކުރާ އާކޮށްދޭ އެތައް އާސާރެއް އެކުލެވޭ" އަދި "މާޒީގައި ނުރައްކާތެރި ހާދިސާތައް ދިމާވި ހިނދު ބޮޑެތި އަމުރުތައް ނެރެ، ނާމާންކަން، އަމާންކަމަށް ބަދަލުކޮށްލި އިދާރާ" ތަޅާލަން އޭރުގެ ބޮޑުވަޒީރު ނާސިރު ނިންމެވީ ކީއްވެތޯ އެވެ؟

ނާސިރަކީ، ވަތަނީ ބޭފުޅެއް ނަމަވެސް، އެމަނިކުފާނަކީ ގައުމިއްޔަތުގެ ބައެއް ރުކުންތަކަށް ފަރުވާލެއް ބެހެއްޓެވި ވެރިއެއް ނޫނެވެ. ދިވެހިންގެ ރަމްޒެއް ކަމުގައިވި ތާނަ އަކުރުގެ ބަދަލުގައި ލެޓިން އަކުރު ބޭނުންކުރަން އެންގެވި އެވެ. ދިވެހިންގެ ހިތްތަކުގައި ޖަހަމުން ދިޔަ އިސްލާމީ ވިންދާ ފުށުއަރާ ކަމަކަށްވީ ނަމަވެސް އިސްރާއީލް ބަލައިގަތެވެ. ޖުމްލަކޮށް ތާރީހާއި ސަފާގަތަށް އެމަނިކުފާނު ދެއްވީ ކަނު ލޮލެކެވެ.

ބޮޑުގަނޑުވަރު އެކަންޏެއް ނޫނެވެ. މާލޭގެ ބުރުޒުތައް ތަޅާލެއްވި އެވެ. ގަބުރުސްތާނުތައް ސާފުކޮށް ގޯތި ކެނޑި އެވެ. މުލިއާގޭ ތަޅާލަން ވެސް އުޅުއްވި އެވެ. ނާސިރަށް ތާއީދުކުރާ މީހުން ދެކޭ ގޮތުގައި އެމަނިކުފާނުގެ ހުރިހާ ވިސްނުންފުޅެއް ހުރީ އިގްތިސާދީ ގޮތުން ގައުމު ކުރިއަރުވާށެވެ. އެހެންވެ އެވަގުތު އެކަމުގައި މާބޮޑު މާއްދީ އަގެއް ނެތް ތަންތަނަށް ނައްތާލައްވައި އިގްތިސާދީ މަސައްކަތްތައް ޖާގަ ދެއްވެވީ އެވެ.

އެކަމަކު އޭރުގެ ސިޔާސީ ކަންކަން ދިރާސާކުރައްވާ ބައެއް ބޭބޭފުޅުންގެ ނަޒަރުގައި ބޮޑުގަނޑުވަރު ތަޅާޅުމުގެ ފަހަތުގައި އެހެން ސަބަބެއް ވެސް އޮތެވެ. އެއީ ރަސްކަމުގެ ނިޒާމު ރާއްޖޭން ފޮހެލައްވައި އޭގެ މޫތައް ވެސް ނެތިކޮށްލެއްވުމެވެ. އެތަން ތަޅާލުމުގެ މަސައްކަތް 1963 ގައި ފެށިއިރު ނާސިރު ގެންދެވީ އޭރު އޮތް ރަސްކަން އުވާލެއްވުމުގެ ކަންކަން ރާއްވަވަމުންނެވެ.

ރަދުން މުހައްމަދު ފަރީދުލްއައްވަލް

މާޗު 22، 1963 ގައި ގަނޑުވަރަށް ވަންނަން ހުންނަ އެންމެ ރަސްމީ ދޮރާށީ ކަމަށްވާ މަޝްހޫރު ހިއްތަން ދޮރާށީ، ނެގި އެވެ. އެ އަހަރުގެ ނޮވެމްބަރު 2 ގައި ކިލެގެ ބުރުޒާއި ބޮޑުކިބާ އާއި ކުޅިބަލާ ގެކޮޅު ތަޅަން ފެށި އެވެ. އަދި ޖޫން 28، 1966 އިން ފެށިގެން ގަނޑުވަރުގެ ތެރޭގައި ހުންނަ ދަނޑީގެ ބަދަލުގައި ރަދުންގެ ދިދަ، ގުޅަކުޅޭ ފަސްގަނޑުގައި ހުންނަ އާކޯއްޓޭ ދަނޑިއަށް ނަގަން ފެށި އެވެ.

އެއީ ރަދުން މުހައްމަދު ފަރީދަށް، ނާސިރު ދެއްވި ސިގުނަލެކެވެ.

އެކަމަކު ރަދުން އަކީ ސިޔާސީ ކަންކަމާ ބެހިވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ގައުމު ހިންގެވުމުގައި ބޮޑުވަޒީރުގެ ހައިސިއްޔަތުން ނާސިރު ކުރައްވަވާ ކަންކަމަށް ފާޑެއް ވިދާޅެއް ނުވެ އެވެ. އެހެންވިޔަސް ދައުލަތުގެ އެންމެ އިސްވެރިޔަކީ ރަދުން ކަމަށްވާތީ ނާސިރު ބޭނުންވީ އޭނާ އަށް ހުރިހާ ބާރެއް ލިބޭ ފަދަ ނިޒާމެއް ގެންނަވާށެވެ. އިނގިރޭސިންގެ މައްސަލަ އުޒުރަކަށް ދައްކަވައިގެން ކުރީގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ބޭރުކުރައްވައި ބޮޑުވަޒީރުކަން ހޯއްދެވި ގޮތަށް ނާސިރު ބޭނުންވީ ރަސްކަން އުވާލާށެވެ. އެގޮތުން 1968 ވަނަ އަހަރު ގާނޫނު އަސާސީއަށް ބަދަލު ގެންނަވައި ރަސްކަން އުވާލައި ޖުމްހޫރިއްޔަތެއް ގެންނަވައި އެ ޖުމްހޫރިއްޔާގެ ރައީސްކަން ނާސިރު ހޯއްދެއްވި އެވެ.

އަދި ނާސިރު ރައީސްކަމުގެ ހުވާ ކުރައްވަވައި މާގިނަ ދުވަސްތަކެއް ނުވަނީސް، ޖެނުއަރީ 2، 1969 ގައި އުސްގެކޮޅު ފިޔަވައި ބާކީ ހުރި ހުރިހާ ތަނެއް ރޫޅާލެއްވެވި އެވެ. އެއާ އެކު ބޮޑުގަނޑުވަރު ބަދަލުވެގެންދިޔައީ މިހާރު ފެންނަން އެހުރި 'ސަލްޓަން ޕާކް' އަށެވެ.

ދިވެހި ތާރީހު ދިރާސާކުރައްވާ އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި ނާސިރުގެ އަމަލުފުޅުތަކާއި ވާހަކަފުޅުތަކުން ތަރުޖަމާކުރެވޭ މާނަތަކަށް ބަލާއިރު، އެމަނިކުފާނު ގެންދެވީ ރަސްކަމެއް އަލުން އިއާދަވުމުގެ ހުރިހާ ފުރުސަތެއް ބަންދުކުރައްވަމުން ކަމަށެވެ. އެހެންވެ ބެލެވޭ ގޮތުގައި ބޮޑުގަނޑުވަރު ތަޅާލުމުގެ ފަހަތުގައި އޮތް ސަބަބަކީ ރަސްކަން އޮތް ދުވަސްވަރުގެ ކުލަތަލާއި އަސަރުތައް ފޮހެލެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލުން ރަސްކަމެއް އިއާދަވެދާނެ ފަދަ ކަންކަން ނެތިކޮށްލެއްވުމުގެ ވިސްނުންފުޅު ހުންނެވީ،" ސައީދު ވިދާޅުވި އެވެ.

ތާރީހު ދިރާސާކުރައްވާ އެހެން ބޭފުޅެއް ކަމަށްވާ މުހައްމަދު ޝާތިރު ވިދާޅުވި ގޮތުގައި ބޮޑުގަނޑުވަރު ތަޅާލީ އެއީ އޭރު ކޮންމެހެން ކުރައްވަންވެއްޖެ ކަމެއް ކަމަށް ނާސިރަށް ފެނިވަޑައިގަތުމުން ކަމަށާއި ބޭނުންފުޅަކީ ޒަމާނީ ތަރައްގީ އާއި ކުރިއެރުން ގެންނެވުން ކަމަށެވެ.

"އެކަމަށް ހުރަސްއެޅޭ ކަންކަން އަދި ތަންތަން ނެތިކޮށްލެއްވުން ބޭނުމަކީ،" ޝާތިރު ވިދާޅުވި އެވެ.

ޝާތިރު ވިދާޅުވި ގޮތުގައި ދެމެހެއްޓެނެވި ޖުމްހޫރިއްޔާތެއް ރާއްޖޭގައި ގާއިމްކުރެވެން އޮތީ ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި، ރަސްކަމާ ގުޅުން ހުރި ކަންކަން ނެތިގެންނެވެ.

ބޮޑުގަނޑުވަރުގެ އުސްގެކޮޅު

ނާސިރަކީ، އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓެވުމަށް ވަރަށް ގިނަ އެހެން ފިޔަވަޅުތައް ވެސް އެޅުއްވި ބޭފުޅެކެވެ. ނާސިރުގެ ވެރިކަމުގައި ބޮޑުބޭބޭފުޅު ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ ރާއްޖެ ވަޑައިނުގެންނެވޭ ގޮތަށް ސްރީ ލަންކާގައި ހުންނަވަން ޖެހިވަޑައިގަތީ ވެސް އެއް ބަޔަކު ދެކޭ ގޮތުގައި އެމަނިކުފާނުގެ ރޭއްވެވުމެއްގެ މަތީންނެވެ. ފުރަތަމަ ރައީސް މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލެއްވި ލީޑަރު ރާއްޖެ ވަޑައިގެންފި ނަމަ ނާސިރުގެ ވެރިކަމާ ވެސް ތޮޅިދާނެ ފެނިވަޑައިގަތީ އެވެ.

އެކަމަކު ބޮޑުގަނޑުވަރު ތަޅާލުމަކީ، ސިޔާސީ ގޮތުން ވިޔަސް ނާސިރު އެޅުއްވި ގޯސް ފިޔަވަޅެއް ކަމަށް ގަބޫލުކުރެވެ އެވެ. އެތަން ތަޅާލުމަކީ ގައުމީ ވިސްނުން ހުރި ކޮންމެ މީހަކަށް އެއީ އަސަރުކުރާނެ ކަމެކެވެ.

ކޮލިގޭ ހަސަން އަހުމަދު މަނިކު ލިއުއްވާފައިވާ ފަދައިން އެއީ ހަމައެކަނި ދިވެހި ރަސްކަމުގެ ދަރުބާރެއް ނޫނެވެ.

"އެއީ ދިވެހި މިނިވަންކަން ރައްކާތެރިކުރި ކިއްލާ އެވެ. ދިވެހި ސަގާފަތް ދިރުވަމުން އާކުރަމުން ގެންދިޔަ އިސް މަރުކަޒެވެ. އެތަނުގެ ކޮންމެ ދޮރާއްޓަކީ، ކޮންމެ ވަޅަކާއި ވެވަވީ އޭގެ އަމިއްލަ ތާރީހެއް އެކުލެވިގެންވާ އެއްޗެކެވެ،"

ބޮޑުގަނޑުވަރުގެ ބޮޑުކިބާ ގެކޮޅުތެރެ

މީލާދީން 1602 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި ފްރާންސްގެ ދަތުރުވެރިއެއް ކަމަށްވާ ފްރާންސްވާ ޕިރާޑް ލިއުއްވާފައިވާ ގޮތުގައި ބޮޑުގަނޑުވަރަކީ އޭރު ވެސް ޝަރަފްވެރި، ރީތި ބިނާއެކެވެ. އެތަނުގެ އެތެރޭގައި އެތައް އިމާރާތްތަކެއްވެ އެވެ. ވަށަވަށައިގެން ބަގީޗާތަކާއި މޭވާ އަޅާ ގަސްގަހާއި ވަޅުތަކާއި ވެއޮތައް ހުއްޓެވެ.

"ގަނޑުވަރުގެ ގޯތިތެރޭގައި ކިތަންމެ ގެއަކާއި ހުސްބިންވެ އެވެ. މިއިން ކޮންމެ ތަނެއްގައި ހިރިގަލުން ހަދާފައިވާ ވަޅު ހުރެ އެވެ. މީގެ ތެރެއިން ހުސް ދެތަނެއްގައި ވަނީ ރަސްކަމުގެ ހަތިޔާރު ރައްކާކުރާ ދެގުދަނެވެ. އެތަނުން އެއް ގުދަނުގައި ރަދުން ބޮޑުބަޑި ރައްކާކުރައްވާފައިވެ އެވެ. އަނެއް ގުދަނުގައި އެހެން ބާވަތް ބާވަތުގެ ހަތިޔާރު ބަހައްޓަވަ އެވެ." ޕިރާޑް ލިއުއްވާފައިވެ އެވެ.

ބޮޑުގަނޑުވަރު ބެހެނީ ތިން ބަޔަކަށެވެ. އެއީ ބޮޑުކިބާ، ކުޑަކިބާ އަދި ވެޔޮގެ އެވެ. ބޮޑުކިބާ އަކީ ރަސްކަން ހިންގަވަން ރަދުން ހުންނަވާ ތަނެވެ. ރަދުން ދަރުބާރުކުރައްވަނީ މަތިގޭގަ އެވެ. އެތަނުގެ ފެންޑާއަކީ ކަޓަކަރާމަތި އެވެ. އެއީ ހައިވަކަރު ލަކުޑިން ހަދައި ފުރާޅުގައި ތާންލޯޖަހައި އޭގެ އެކި ބައިތައް ވަކިން މަލަރުކޮށް ފުރާޅެއްގެ ސިފަގެނެސްފައިވާ ތަނެކެވެ.

ބޮޑުގަނޑުވަރަކީ ދުޝްމިނުންގެ ހަމަލާތައް ވަރަށް ގިނައިން އަމާޒުވި ތަނެކެވެ. އެގޮތުން ކަލާފާނުގެ ރަސްކަމުގައި މީލާދީން 1609 ގައި މަލާބާރީން ރާއްޖެ އަރައި އެތަނުގެ އެތެރެކޯލު ވަރަށް ބޮޑަށް ހަލާކުކުރި އެވެ. ފަހުން އެތެރެކޯލު އަލުން ބިނާކޮށް ވަށައި ފާރުލައި ބަޑިދޮރު ކަނޑައި ބޭރުން ކަންޒުކޮނުނީ މަލާބާރީންގެ އަސީރަކަށް ވެ ކަންނަންނޫރުގައި ހައްޔަރުވި އެކަމަކު ފަހުން ރާއްޖެ ވަޑައިގެން ރަސްކަން ކުރެއްވި ސުލްތާން މުހައްމަދު އިމާދުއްދީނު (އެއްވަނަ) ނުވަތަ މަޝްހޫރު ކަޅުތުއްކަލާގެ ރަސްކަމުގަ އެވެ.

ބޮޑުގަނޑުވަރުގެ މެދުމާ ދޮރާށި

އޭގެ ފަހުން 1752 ގައި ހޮޅީންގެ ބަޔަކު މާލެ އަރައި ވެސް ބޮޑުގަނޑުވަރަށް ހަމަލާ ދިނެވެ. އަދި ނާބުސްހާނުގައި ރޯކުރި އެވެ. ބޮޑުގަނޑުވަރު ފޮތުގައިވާ ގޮތުގެ އެ ފަހަރު އެތެރެ ކޮއިލުގައި ހުރި ހުރިހާ ގެތަކާއި، ދޮރޯށިތައް އަނދާ އަޅިއަށްވި އެވެ.

ހޮޅިން ރާއްޖޭގައި ތިބި ދުވަސްވަރު ވެރިކަން ކުރަމުން ގެންދިޔައީ ވެޔޮދޮށު ގަނޑުވަރު (މިހާރުގެ ބަނޑޭރިގޭ) ގަ އެވެ. ފަހުން ބޮޑުގަނޑުވަރު މަރާމާތުކުރައްވައި ދިރުން ގެނެސްދެއްވީ ހޮޅިން މި ރާއްޖޭން ފައްސާލެއްވި ބަތަލު ދޮން ބަންޑާރައިންނެވެ. ތާރީހު ބުނާ ގޮތުގައި ބޮޑުގަނޑުވަރުގައި އެންމެ ފަހަށް ހުރި ގިނަ އިމާރާތްތަކީ ދޮންބަންޑާރައިން ބިނާކުރެއްވި ތަންތަނެވެ. އޭގެ ފަހުން އައްސުލްތާން މުހައްމަދު ޝަމްސުއްދީން ތިން ވަނައިގެ ރަސްކަމުގައި ހަތަރު ފުރާޅަށް ޓިނު ޖަހާ އަލުން ހަދައި، ހައިވަކަރު ސިޑިއެއް ބެހެއްޓެވި އެވެ.

ޝަމްސުއްދީނުގެ ފަހުން ރާއްޖޭގައި ރަސްކަން ކުރެއްވި ހަސަން ނޫރައްދީނާއި މުހައްމަދު ފަރީދުގެ ރަސްކަމަކީ ވެސް ރަމްޒީ ރަސްކަންތަކެކެވެ. އެކަމަކު ބޮޑުގަނޑުވަރަށް އިއްޒަތް އޮތެވެ. ނަމަވެސް ނާސިރުގެ ބޮޑުވަޒީރުކަމުގައި ތަން ވުޖޫދުން ގެއްލުނީ އެވެ. "ޒަމާނުއްސުރެ ދިވެހިންގެ ކީރިތިކަމާއި މޫރިތިކަން ދަމަހައްޓަމުން ވަޑައިގެންނެވި އެކިއެކި ރަސްކަލުން ދިރިއުޅުއްވަމުން ގެންދެވި" ބޮޑުގަނޑުވަރަށް ވުރެ އެ ދުވަހު އެމަނިކުފާނަށް މުހިއްމުވީ އެހެން ކަމެކެވެ.

ނާސިރު ފަހުން ވަނީ ބޮޑުގަނޑުވަރު ތަޅާލެވުމަކީ އެމަނިކުފާނަށް ދެރަކޮށް ކުރެއްވުނު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

46 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 29%
icon angry icon angry 17%
icon wow icon wow 4%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންތަކުރު

28 July 2022

އައްޑޫގައި ސަރުކާރެއް އުފެއްދީ އަފީފު އެއް ނޫނެވެ. އެއީވެސް އިނގިރޭސީން ކުރިކަމެކެވެ. ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންކުރެން އަހާ އޮޅުންފިލުވާށެވެ. ނާސިރުގެ ރަނގަޅުކަންތައް ރަނގަޅެވެ. އެކަމަކު ރާއްޖޭގެ ސަޤާފަތާއި ތާރީޚަށް ގެއްލުންދިނުމުގެ އިތުރުން ދިވެހިސަރުކާރާއި އާންމުރައްޔިތުންގެ އެސެޓްތައް ހަލާކޮށް ސުންނާފަތިކޮށްލެއްވި ވެރިއެކެވެ.

The name is already taken The name is available. Register?

ނުރަބޯ

27 July 2022

އެތަން ތަޅާ ނުލި ނަމަވެސް ޖުމްހޫރީ ވެރިކަމެއް ކުރެވުނީސް. އެތަން ތަޅާލާ ނައްތާނުލި ނަމަ މިއަދު އެތަނުން ވަރަށްބޮޑެތި މާލީ މަންފާ ތައް ލިބުނީސް. އެހެންނަމަވެސް ރައީސް ނާޞިރަކީ ދުނިޔޭގެ ބޮޑު ބާރެއްގެ އަތުން ރާއްޖެއަށް ފުރިހަމަ މިނިވަން ކަން ހޯއްދަވައި ދެއްވި ވެރި އަކަށް ވާތީ ހިތުގެ އަޑިން އެމަނިކުފާނަށް ޝުކުރު ދަންނަވަން ޖެހޭ. މާތްﷲ އެމަނިކުފާނުގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށި- އާމީން.

The name is already taken The name is available. Register?

ހޯލާ

27 July 2022

ގަޑުވަރު ހަދައިގެން ޖެހީ ސަކަރާތް.އަމިއްލަ އެދުމާ ވެރިކަން ދިފާއުކުރި ކުރުން ވީ ގައުމިޡްޔަޡު ދިފާއު ކުރިކަމައް. ރަށްޔިތުންނަށް ނުހައްގުން އަނިޔާވެރިވީ ބައެއް މާލެއާ ވިލިގިއްޔާ ގުޅޭ ކަޱަށް އެތަށް ދިވެއްސެއް ގޯނި ތުންބަދެފަ ވާޖަހާ ފެތްތި. މީހުންގެ ހަލާލު އަބިންނާ ބިކުރުވެޜި އެތަށް ޅަދަރިން ރަސްގެފާށް ޚަލާލުވި (މިޔަދުވެސް ހަމަ އެށަރިއްޔައް)

The name is already taken The name is available. Register?

އަތީރީ ކުޑަ މަނިއްޕުޅު

27 July 2022

އެގިގެން ދިޔައީ ބަޔަކު ހޭވި ހަޑި މަތީން ހަނދާންވެ ވެލާނާ އަށް ހުތުރު އަރުވާކަން. މާލޭގެ ބޭފުޅު ބާރު ކެނޑުއްވީ ރަޢީސް ނާސިރު އާ ރަޢީސް މަޢުމޫނުގެ މަސައްކަތުން. އަތިރީ ބާރާއި ހަސަން ފަރީދުގެ ހަޑިހޭވުން ވަރަށް ފާހިޝް. އެނގޭ ބަޔަކު ހެކިވާނެ ގަނޑުވަރު އުވާލީ ރަނގަޅަކަށް. ހަބީބާގެ ނަޒަރުން ތާރީހު ލިޔުން ހުއްޓާލާ!!! ނަސީމާ ކުރެން އޮޅުން ފިލުވާ މާޖެހިގޭ ބޭފުޅުން ހެންވޭރު ގަލޮޅު ގޯތިން ވެސް ސާފުވާނެ

The name is already taken The name is available. Register?

ކިރު ސައި

26 July 2022

ތިގަނޑުވަރުގަ ކުރި އެހެންކައްތައްތައް ގެނެސްދިންނަމަ ފުރިހަމަ ނިންމުންމެއް ގެނެވުނީސް. އަދިފަރާތް ނުގެނެސް ރައްޔިތުން އޮޅުވާލާ ނަފްރަތު އުފެެއްދުންތޯ ބޭނުމަކީ؟

The name is already taken The name is available. Register?

ކަތިބުރުމާ

26 July 2022

އައްޑޫ އަފީފު ދެކުނުގައި އުފެއްދި ސަރުކާރާއި ތިނަދޫން ބަޔަކު ގުޅުނީތީވެ، އެރަށުގެ ކުށެއްނެތް އެތަށް ބަޔަކާއި،ކުޑަކުދީންނާއި އަންހެނުން ރަށުންބާލާ، އެމީހުންގެ ތެރެއަށް ބަޑިޖަހާ 3 ނޫނީ 2 މީހުން މަރާފައި ތިނަދޫރައްޔިތުންގެ މުދާފޭރުނު ބަތަލެއް ނާސިރަކީ.....

The name is already taken The name is available. Register?

ސަޔު

27 July 2022

އެހެންވާނި ވަކިވެ ބަގާވާތް ކުރަންޏާ ދެންވެސް

The name is already taken The name is available. Register?

ތެދުބުރުމާ

27 July 2022

މިހާރުވެސް ހަމަ އެގޮތައް ޢަމަލު ކުރެވޭނީ ބަޣާވާތް ކުރީމާ.

The name is already taken The name is available. Register?

ބޯ މީހާއާ ވިއްކާ މީހާއާ އުފުލާ މީހާވެސް ހަމަ އެއްވަރު

26 July 2022

ނަސީބެއްނު ތަޅާލާފަ ކޯރާޑި ތިޔަ ބިތްތަކުގަ އަޅުވާފަ ނުބެހެއްޓިކަން

The name is already taken The name is available. Register?

ސީޒަން ޖެކުހަން

26 July 2022

މިލިއުން ކިޔާލުމުން ދޭހަވީ ދިޔާހަކުރުގެ ބާރު.

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

26 July 2022

އައްޑޫ އަފީފު މިގައުމުން ފަހާލީ ނާސިރު. އަދި އިނގިރޭސީންވެސް ފަހާލީ ނާސިރު. އެހެން އެކަން ނުކުރިނަމަ މިގައުމުގާވެސް "ފަލަސްތީނަކާ" "ކަޝްމީރެއް" އޮތީސް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 July 2022

ފުލޯކް ބުހުތާން ދޮގުތަކެއް. އޭރު ނާސިރު ހިތުގައި އޮތް އެއްޗަކާއި ބޭނުންވިގޮތް ޝާތިރަށް އެގުނީ ކިހިނެއް؟! އެހެން ނޫނަސް "ދިވެހި ތާރީޙޭ ކިޔާފައި" ކ.އަތޮޅު މާލޭގައި ތިބިބަޔަކު ކަންކުރިގޮތްކަމަށް އެޒަމާނަކު ތިބި ބަޔަކު ހިތަށް އެރިގޮތް ފޮނިގޮތްގޮތަށް ފޮތްތަކުގައި ލިޔެފައިހުރީ ހަމަ ހުސް މިކަހަލަ ޙިޔާލީ ފޮނިވާހަކަ ތަކެއް. އަހަރުމެން ތިއިން އެއްވެސް ވާހަކަ އަކީ ތެދެއްކަމަކަށް ޤަބޫލެއް ނުކުރަން. އަދި ތިއީ ދޮގުކަން ޝައްކެތް ނެތް މިންވަރަށް އިގޭ.

The name is already taken The name is available. Register?

ޚަސަބު

29 July 2022

ކަލޯ މެންވެސް އަފީފުކައިރިއަށް ސިސެލްއަށް ދޭބަލަ?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454