ރާއްޖެ އަށް މިލިއަން ވަނަ ޓޫރިސްޓް އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު: ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގައި 33 ރިސޯޓު ހުޅުވި -- ފޮޓޯ: މިހާރު
21 ނޮވެމްބަރ 2022 - 10:40
މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގައި އަލަށް 33 ރިސޯޓް ހުޅުވި ވާހަކަ ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރުމުން ސޯޝަލް މީޑިއާ ކެކިގެންފި އެވެ. އެ ރިސޯޓްތައް ހުޅުވީ މި ސަރުކާރުގައި ކަމަށް ވިޔަސް، އިދިކޮޅުން ބުނަމުން އަންނަނީ އެއީ ކުރީ ސަރުކާރުގެ މަސައްކަތް ކަމަށެވެ. އަދި، އެ ސަރުކާރުގެ ނައިބު ރައީސް، އަދި ކުރީގެ ޓޫރިޒަމް އަހުމަދު އަދީބުގެ ފަރާތުން ބުނަމުން އަންނަނީ، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހައްގު ކްރެޑިޓެއް ނޫން ކަމަށެވެ. އެ ކްރެޑިޓް ދޭން ޖެހެނީ، އަދި އެއީ ސީދާ އަދީބުގެ މަސައްކަތް ކަމަށް އޭނާ ދައުވާ ކުރައްވަ އެވެ.
ވޭތުވެދިޔަ ހަތަރު އަހަރު، ނުވަތަ 2019 އިން ފެށިގެން މިއަދާ ހަމައަށް ޓޫރިޒަމް ދާއިރާ އަށް އަލަށް 33 ރިސޯޓް، ނުވަތަ 9،497 އެނދު މާކެޓަށް ނެރެފި އެވެ. އެކަމަކު، އިދިކޮޅާއި ފާޑުކިޔާ މީހުން ސުވާލު އުފައްދަނީ، އެއީ މި ސަރުކާރުގެ މަސައްކަތުން ވުޖޫދުވި އެއްޗެއް ކަމާ ދޭތެރޭ އެވެ.
ރިސޯޓެއް ހިންގަވާ ބޭފުޅަކު ވިދާޅުވީ، ރަށްތައް ހެދުމުގެ ހަގީގީ ކްރެޑިޓް ލިބޭނީ އިންވެސްޓް ކުރާ ފަރާތްތަކަށް ކަމަށެވެ. އެހެން ނަމަވެސް އެކަން ނުހުއްޓުވައި، ކުރިއަށް ދިއުމުގައި އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ދައުރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެކަމުގެ ކްރެޑިޓް ނުވަތަ ރިސޯޓު ހުޅުވުމުގައި އެހީތެރިވެދިނުމުގެ ކްރެޑިޓް ސަރުކާރަށް ލިބުނަސް، އޭގެ ހައްގު ކްރެޑިޓް ދާނީ އިންވެސްޓަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ހުރިހާ ކަމެއް މި ފެސިލިޓޭޓް ކުރަނީ. އެކަމަކު އިންވެސްޓަރުންގެ ބުރަ މަސައްކަތުން މިކަން މިވަނީ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ވިސްނުން ވެސް ދާދި އެއްގޮތެވެ. އޭނާ ވެސް ވިދާޅުވީ، ރިސޯޓުތައް ހުޅުވުމުގެ ކްރެޑިޓަކީ އެއްވެސް ސަރުކާރަކަށް ހައްގު ކްރެޑިޓެއް ނޫން ކަމަށެވެ. އެކަމަކު އެ ސަރުކާރެއްގައި ހުޅުވާ ރިސޯޓުތަކުގެ އަދަދު ބުނެ، އެކަން ފާހަގަ ކުރުމަކީ މައްސަލައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ހުޅުވި ރިސޯޓުތަކުގެ 25 ޕަސެންޓް މި ސަރުކާރަށް ނިސްބަތްވި އިރު ކުރިއަށް އޮތް އަހަރުގެ އެތެރޭ އެ އަދަދު 35 ޕަސެންޓަށް އަރާނެ ކަަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ޓޫރިސްޓުންގެ ބަޔަކކު ގޮވައިގެން އެއާޕޯޓްގެ ރެޕަކު ދަނީ --ފޮޓޯ: ނިޝާން އަލީ/މިހާރު
އެއްވެސް ސަރުކާރަކުން ރިސޯޓު ހުޅުވީމަ ކްރެޑިޓް ނަގާކަށް ނުޖެހޭ. ސަރުކާރަކީ ފެސިލިޓޭޓް ކޮށްދޭ ފަރާތް. ފެކްޓަކީ [ހަގީގަތަކީ] ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަތަރު އަހަރުގައޭ މިހާރު ހުޅުވާފައިވާ ރިސޯޓުތަކުގެ އެނދުގެ 25 ޕަސެންޓް ނިސްބަތް ވަނީ -- މައުސޫމް
"އެއްވެސް ސަރުކާރަކުން ރިސޯޓު ހުޅުވީމަ ކްރެޑިޓް ނަގާކަށް ނުޖެހޭ. ސަރުކާރަކީ ފެސިލިޓޭޓް ކޮށްދޭ ފަރާތް. ފެކްޓަކީ [ހަގީގަތަކީ] ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަތަރު އަހަރުގައޭ މިހާރު ހުޅުވާފައިވާ ރިސޯޓުތަކުގެ އެނދުގެ 25 ޕަސެންޓް ނިސްބަތް ވަނީ،" އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ، ޓޫރިސްޓް ރިސޯޓުތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކަމަށެވެ. އަދި ސާވިސް ޗާޖް ވެސް އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ލިބެން ފެށީ މިދިޔަ ހަތަރު އަހަރު ކަމަށާއި އެއީ ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު އިންވެސްޓަރުންނަށް ފަހި މާހައުލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"އިންވެސްޓަރުން އައިސް އިންވެސްޓް ކުރުމަށް މަގު ފަހިކޮށްދިނިން. ޑިއުޓީ ފްރީވާ ފޯމިއުލާ ބަދަލުކޮށްދިން. ކޮވިޑްގައި ހާލުގަ ޖެހުނު ވަގުތު ސަރުކާރަށް ވެދެއްވެން އެހީއެއް ވެދިން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތަފާތު މޮޑެލްތަކުގެ ޓޫރިޒަމް އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމީ ވެސް ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ މިއީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ނުކުތް ނަތީޖާ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
2018: 2 ރިސޯޓު 2019: 18 ރިސޯޓު 2020: 3 ރިސޯޓު 2021: 7 ރިސޯޓު 2022: 3 ރިސޯޓު ޖުމްލަ: 33 ރިސޯޓު/ 9497 އެނދު
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަކީ ޕްރައިވެޓް ސެކްޓަރުގެ ބުރަ މަސައްކަތް ކަަމަށެވެ. އެކަމުގައި ސަރުކާރުގެ އެހީތެރިކަން ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް ލިބިފައިވާ ކަމަށާއި މި ހިސާބަށް ޓޫރިޒަމް ގެނެވުނީ ވޭތުވެދިޔަ 50 އަހަރު ވެސް ސަރުކާރުތަކުން މިކަން ކުރުމުގައި ވެދިން އެހީތެރިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ސަރުކާރުގެ ކާމިޔާބީގެ ގޮތުގައި ހުޅުވި ރިސޯޓުތަކުގެ އަދަދު ޖެހުން އެހީ އެންމެ ރަނގަޅު ގޮޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ޓޫރިޒަމް މި ކުރިއަރަނީ އެތައް ބައިވަރު އިންވެސްޓަރުންގެ ބުރަ މަސައްކަތުން. މިއީ ވަކި ސަރުކާރަކަށް ކްރެޑިޓް ނެގޭނެ ކަމެއް ނޫން. ސިޔާސީ ގޮތުން މިކަހަލަ ކަންކަން ބޭނުންކުރުން އެއީ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެހެން ރިސޯޓު އޯނަރަކު ވިދާޅުވީ، ރިސޯޓު ހެދުމަށް ބޭނުންވާ ފައިސާ ހޯދައި، އެކަން ކުރުމަށް ބޭނުންވާ އިންވެސްޓަރުން ހޯދުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެކަން ކުރަނީ، މި ވިޔަފާރި އަށް ޝައުގުވެރިވެ އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ވިޔަފާރިވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބުރަ މަސައްކަތް. ރިސޯޓު ހަދަން ބޭނުންވާ ފައިސާ ވެސް ގިނަ ފަހަރަށް ރާއްޖޭގެ ބޭންކަކުން ނުލިބޭ. އެކަން ވެސް މިކުރަނަ ބޭނުންވާ ފައިސާ ވެސް މި ހޯދަނީ ބޭރުގެ ބޭންކަކާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.
މުވައްޒަފަކު ރިސޯޓެއްގައި ހިދުމަތް ދެނީ: ލަގްޒަރީ ބްރޭންޑްތައް ތައާރަފުވީ އަމިއްލަ މަސައްކަތުން -- ފައިލް ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ، މިހާރު ވެސް ޓޫރިޒަމް ދާއިރާއާ ގުޅޭ ބައެއް ކަންކަން ކުރަން ޖެހެނީ އެންމެ އިސްކޮށް ހުންނަ މީހާ ނުވަތަ ސިޔާސީ ވެރިއަކަށް ގުޅައިގެން ކަމަށެވެ. މިއީ އެކަން އޮންނަ ޖެހޭ އުސޫލު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަމެއް އަވަސް ކުރަންޏާ މި ޖެހެނީ އެތަނުގެ ހުންނަ މިނިސްޓަރަށް ގުޅަން. އެކަމަކު އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއީ އެކަން އޮންނަން ޖެހޭ ގޮތެއް ނޫން. ކަންކަން ނުގުޅައި ވެސް ފަސޭހައިން ކުރެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ހެދުމަށްޓަކައި މިހާރަށް ވުރެ ވެސް ފަސޭހަ އުސޫލަކުން ކަންކަން ކުރެވެން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު ވިޔަފާރި ކުރައްވާ ބޭފުޅަކު ވިދާޅުވީ، ސަރުކާރުން ޓޫރިޒަމަށް ފުރުސަތު ހުޅުވާލި ނަމަވެސް، އެކަމަށް ބޭނުންވާ އުސޫލުތައް ތަންފީޒު ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން އިތުރުވަމުން އަންނަ އިރު ޑައިވިން ފަދަ ބައެއް އެކްސްޕީރިއަންސްތައް ހޯދުމުގައި އެއްވެސް ހަމައެއް ލަމައެއް ނޯންނަ ކަމަށެވެ.
"ޓޫރިޒަމްގެ އެއްވެސް ކަމެއްގެ ކްރެޑިޓެއް ސަރުކާރަކަށް ނުނެގޭނެ. ބެޑް އިތުރުވެއްޖެ. އެކަމަކު އެކަމުގައި ވެސް އެއްވެސް ސެކިއުރިޓީއެއް ނެތް. ރެގިއުލޭޓެއް ނުކުރެވޭ. މިސާލަކަށް ހިލްޓަނުން އަންނަ މީހަކު 2،000 ޑޮލަރަށް އަންނަ މީހާ ވެސް ޑައިވް ކުރަން އަންނަ މީހާ، ގެސްޓްހައުސް އަށް 60 ޑޮލަރަށް އަންނަ މީހާ ވެސް އެރެނީ ހަމަ އެ ޑައިވް ޕޮއިންޓަށް. އެހެންވެ، ބައެއް ސަރަހައްދުތައް އޮންނަނީ ތޮއްޖެހިފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ އޭގެ އެންމެ މިސާލެއް ދައްކަވަމުން ވިދާޅުވީ، ވަކި އުސޫލެއްގެ ތެރެއިން ފާހަގަކޮށްލެވޭ ޑައިވް ޕޮއިންޓްތަކަށް ވެސް އެއް ފަހަރާ އެރެވޭނެ އަދަދުތައް ކަނޑައަޅާ، މަޝްހޫރު ސަރަހައްދުތަކަށް ބުކް ކޮށްގެން ޑައިވް ކުރެވޭނެ ގޮތްތައް ވެސް އޮންނަން ޖެހޭ ކަަމަށެވެ.
ރިސޯޓުތަކުން ޓެކްސް ނަގައިގެން ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދާ އިރު، ޓޫރިޒަމަށް ބޭނުންވާ ކަންކަން ރެގިއުލޭޓް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫޜިޒަމް ކުރިއަރާ ވާހަކަ ދައްކަނީ. އެކަމަކު ރިސޯޓުތަކަށް ކޮށްދޭ ނުފެނޭ. ރިސޯޓު ގަނެފައި، ޑޭ ވަން އިން ފެށިގެން ރަށުގެ ހުރިހާ ކަމެއް ކުރަނީ ރިސޯޓު ގަންނަ މީހުން. އަދި ފަޅު ކޮނުނަސް، ނެރެއް ހެދިޔަސް، ކޮންމެ ކަމެއް ކުރަން ޖެހެނީ ޕްރައިވެޓް މީހާ. ސަރުކާރަށް އޮންނަނީ ޓެކްސް ނެގުމާއި، އެކުއިޒިޝަން ކޯސްޓް ނެގުމާއި ލޭންޑް ރެންޓް ނެގުން،" އޭނާ ވިދާޅުވި އެވެ.
ރިސޯޓެއް ހިންގަވާ އިސް ބޭފުޅަކު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ހަރުދަނާ ކުރަން ބޭނުންވާ އުސޫލުތައް ކޮންމެ ފަސް އަހަރަކުން ބަދަލު ވުމަކީ އިންވެސްޓަރުންނަށް އުނދަގޫވާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކުއްލިއަކަށް ޓެކްސް ބޮޑުކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން އަނެއްކާ ވެސް އިންވެސްޓަރުންގެ އިތުބާރު ސަރުކާރަށް ގެއްލޭނީ ކަމަށެވެ.
"ޓެކްސް ފަދަ އެއްޗެހި އެހާ ކުރު މުއްދަތެއްގައި އިތުރު ކުރާ ނަަމަ އިންވެސްޓަރުން ވެސް ފަހަތަށް ޖެހޭނެ. އެއީ ސްޓެބިލިޓީއެއް ނެތީމަ. ބިޒްނަސް ޕްލޭން މިހަދަނީ ޓެކްސް ރޭޓަށް ބަލައިގެން. އެކަމަށް އޯވަނައިޓުން މި ބަދަލު އަންނަންޏާއި ބިޒްނަސް ޕްލޭނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރީ ގިނަ ބައެއްގެ ބުރަ މަސައްކަތުންނެވެ. ރިސޯޓުތައް ތަރައްގީކޮށް، ދައުލަތުގެ އާމްދަނީ އެތައް ގުނައެއް އިތުރުވަނީ ޕްރައިވެޓް ސެކްޓަރުގެ ހިތްވަރުންނެވެ. އެހެންވެ، ރިސޯޓުތައް އިތުރުވުމުގެ ކްރެޑިޓް އެއްވެސް ސަރުކާރުން ނުނެގޭނެ ކަމަށް މި ވިޔަފާރީގައި އުޅޭ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި މިއީ ސަރުކާރެއްގެ ކާމިޔާބީގެ ގޮތުގައި ސިޔާސީ ފަރާތްތަކުން ދައްކަން އެންމެ ރަނގަޅު މިސާލު ނޫން ކަމަށް ވެސް ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜިބަން
21 November 2022
ރިބަނއ ކަނޑާ ސަރުކާރުން 4 އަހަރުތެރޭގައި އަމިއްލައަށް އެއްވެސް މަޝްޜޫއުއެއް ނުހިންގުނު. 4 އަހަރު ފެންނަނީ ކުރީ ސަރުކާރުން ފެއްޓި މަޝްރޫއުތަކުގެ ރިިބަން ކެނޑިތަން. މިސަރުކާރުން ފެއްޓީ ހަމައެކަނި ބުރިޖު އެކަން ވެސް ނިވި. ޥިލިނގިލީ ފަރުހަލާކުކޮށްްލުން ފިޔަވާ ކުރެޑިޓް ލިބޭނެކަމެއް ނެތް
ފިރާން
21 November 2022
ބްރިޖް އެޅީ އަދީބް..ދަރުމަވަންތަ ހޮސްޕިޓަލް އަދީބް..ރަންވޭ އަދީބް..ފޭސް2 އަދީބް..އެމްއެމްޕީއާރސީ ފައިސާ ކަހާލީ ޔާމީން؟؟އަދީބް މުގުލުގަ ހުރެ ހުރިހާ ފައިސާއެއް ކާލައިގެން ގޭގަ..
ރަށްވެރި
21 November 2022
ރިސޯޓް ހަދަން ހޯދާ ރަށުގަ ކަމެއް ނުކޮށް ދިހަ ބާރަ އަހަރަށްވުރެ ގިނަ ދުވަސްވެފަ ހުރި ރައްތައް އެނގޭބާ؟ އެތަންތަން އެގޮތަށް ހުރުމުން ސަރުކާރަށް ކިހާ ޓެކްސް ފއިސާ ނުލިބި ގެއްލޭބާ؟ މިކަހަލަ ރިޕޯޓެއް ކިޔާލަން ލިބޭނީ ކޮން ދުވަހަކުންބާ؟
ބޮޑުމީހާ
21 November 2022
ރިސޯޓެއް އެވޯޑްކޮށް ހަދަން އެންމެ ބާރު ސްޕީޑުގަ ގެންދިޔަސް މަދުވެގެން 3 އަހަރު ނަގާނެ. އެހެންކަމުން 2018، 2019 އަދި 2020 ވަނަ އަހަރު ހުޅުވުނު 23 ރިސޯޓްގެ ކްރެޑިޓް ދޭންވާނީ ކުރީ ސަރުކާރަށް. 2021 އަދި 2022 ވަނަ އަހަރު ހުޅުވުނު 10 ރިސޯޓް މި ސަރުކާރަށް.
އެމްސް
21 November 2022
ފަތުރުވެރިކަން ވުޖޫދުކުރީވެސް އަދި ދަމަހައްޓަނީވެސް ސަރުކާރެއްގެ މާބޮޑު ޙިއްސާއެއްނެތި، ހަމައެކަނި ޕްރައިވެޓް ސެކްޓާރ އިން ތަރައްޤީކޮށް ކުރިއަރުވަމުންދާ ކަމެއްގެ ގޮތުގަ! ސަރުކާރުން ކުރަން ހުރި ކަންކަން ތެރޭގަ ހިމެނޭ، %75 މުސާރަ ނުވަތަ ވަޒީފާ ދިވެހިންނަށް އޮންނަން ޖެހޭނެ ކަމަށް އޮންނަ ޤާނޫނުވެސް އެއްވެސް ސަރުކާރަކަށްވެސް ތަންފީޒެއް ނުކުރެވޭ!
فاطمة
21 November 2022
ދިގުމުއްދަތަށް ގޯތިކުއްޔަށްނަގައިގެން އެގޮތުގައި ދިހަ ބުރީގެ އިމާރާތެއް އެޅީމާ އޭގެ ކްރެޑިޓް ގޭގެ ވެރިފަރާތަށް ލިބެންޏާ ސަރުކާރަށްވެސް އެކްރެޑިޓް ލިބޭނެ.
ސަސ
21 November 2022
ފަހުުރުވެރިކަމާއެކު އެމްއެމްޕީއާރުސީއިން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނެގި މީހަކު ނޫނީ ބަޔަކުވެސް އެކަމުގެ ކުރެޑިޓް ނަގާބަލަ. ޔަގީން ކުއްވެރިވި މީހަކު ނެތް.
ޙިމް
21 November 2022
ޕަޓީނާ، ކުރޮސްރޯޑް މަސައްކަތް ފެށީ ޔާމީނުގެ ވެރިކަމުގައި.
އޮނަރަބްލް އަފީފު ދީދީ
21 November 2022
ރާއްޖޭގައި ކިތަންމެ ގިނަ ރިސޯޓް ހުޅުވިކަމުގައިވިޔަސް އޭގެ ޙަޤީގީމަންފާ ދިވެހިންނަކަށް ލިބެމުން ނުދޭ. # ހުރިހާ ރިސޯޓް ތަކެއްގައިހެން އިސްމަޤާމްތަކުގައި މުޅިންވެސް ތިބީ ބިދޭސިން. އަދި ރިސޯޓްތަކުގެ އިންޖީނުގެތަކާއި ފޮރޮންޓް ޑެސްކްގެ އިތުރުން އެކައުންޓްސް ގެ މަޤާމްތަކަކީ ދިވެހިންގެ މައްޗަށް ޙަރާމް ވަޒީފާތަކަކަށް ވަނީ ވެފައި. # ރިސޯޓްތަކުގެ މާލީކަންކަން ހަމަޖެހިފައިވާގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީވެސް ލިބޭކަމާއިމެދު ވަނީ ޝައްކު އުފެދިފައި.
ވިސްނާލުމަށް އެދެމޭ
21 November 2022
މިހާރުގެ ނޫސްވެރިޔާ ކްރެޑިޓްދޭނީ ހައްގު ނޫނަސް އިބުރާހިމުގެ ސަރުކާރަށް..އިބުރާހިމު ނުދެނެހުއްޓާ 33ރިސޯޓު ހެދިޔަސް ކްރެޑިޓްދޭނެ މިހާރުން..ބަލަގަ ދެމަސްދުވަހުން 6މަސްދުވަހުން ރިސޯޓެހުޅުވަން މިސަރުކާރުން ކޮންކަމެކުރީ އިންވެސްޓަރުން ހޯދާ އެކަމަށް މަގުފަހިކޮއްދިން މީހުން ދިރިދުނިޔޭގައެބަތިބި ތިރިސޯޓުތައްހަދަން ރައްތަ ކުއްޔަށްދޫކުރި ތާރީޙާ އެއްބަސްވުންތަ އެކުލަވާލިމީހުން އެއްފަރާތްކޮއްފަ ރިއެކްޓްނުކުރާ ސަރުކާރަކަށް ކްރެޑިޓްދިނަސް އަހަރެމެންދޭނީ ޑެބިޓް