ރިޕޯޓް / އެމްޑީޕީ

ސުޕަ މެޖޯރިޓީއެއް ނެތް, ސަރުކާރު "ޑިފެންސްގައި"!

މަޖިލިސް ޖަލްސާއެއްގެ މެމްބަރުން ވޯޓު ލަނީ

20 ފެބުރުއަރީ 2023 - 09:00

25 comments

ގާނޫނުއަސާސީ ބަދަލު ކުރެވޭ ވަރުގެ ފުރިހަމަ ބާރާ އެކު ރައްޔިތުންގެ މަޖިލީހާ ހަވާލުވި އެމްޑީޕީ އަށް މިއަދު ވެސް ނަމްބަރުން ބަލާނަމަ ސުޕަ މެޖޯރިޓީ އެބައޮތެވެ. މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކޮށް އަދި ފަހުން ގުޅިވަޑައިގަތް މެންބަރަކާ ވެސް އެކު ޖުމްލަ 66 ގޮނޑީގައި ތިއްބެވީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނެވެ.

އެމްޑީޕީގެ ބިޔަ މެޖޯރިޓީއެއް ނަމްބަރުން ދެއްކި ނަމަވެސް މިއަދު ފެންނަނީ އެ ޕާޓީ އަށް ސުޕަ މެޖޯރިޓީ ގެއްލިފައި އޮތް މަންޒަރެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި މިހާރު ތިއްބަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގެ މެންބަރުންނެވެ.

އެއް ކުލައެއްގައި ތިއްބަސް މިހާރު އެއީ އެއް ހިޔާލެއް އަދި އެއް ކަމަކަށް ތާއީދު ކުރާ މެންބަރުންނެއް ނޫނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބަށް ފަހު މަޖިލީހުގައި މިހާރު އެ ދެ ފެކްޝަން ފެންނަނީ ދެ ޕާޓީއެއްހާ ތަފާތުކޮށެވެ. ސަރުކާރުން ހުށަހަޅާ ބިލެއް, މައްސަލައެއް, ކުޑަމިނުން ސަރުކާރުގެ މެންބަރަކު ދައްކާ ވާހަކައެއް ވެސް ނަޝީދުގެ ފެކްޝަންގެ މެންބަރަކަށް ތާއީދެއް ނުކުރައްވަ އެވެ.

އޭގެ ބަދަލުގައި މި ދައުރު ފެށިގެން މިހާތަނަށް އައިއިރު މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ އާއި ނަޝީދުގެ ފެކްޝަންގެ ގުޅުން މާ ވަރުގަދަ އެވެ. އިދިކޮޅުން ހުށަހަޅާ މައްސަލަތަކާއި ދައްކާ ވާހަކަތަކާ ނަޝީދުގެ ފެކްޝަންގެ މެންބަރުންގެ ހިޔާލު ދާދި އެއްގޮތެވެ. ނަޝީދުގެ މެންބަރުން ރޮނގެއް ދަމާލާ ހަމައެކަނި ހިސާބަކީ އިންޑިއާ އާ ދެކޮޅަށް އިދިކޮޅުން ދައްކާ ވާހަކަ އެވެ. އެ ނޫން ހުރިހާ ކަމެއްގައި އެ ދެ ބައި މީހުން ފެންނަނީ ކުޑަވަރެއްގެ "ކޯލިޝަނެއް" ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު އަސްލަމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.-- ފޮޓޯ: މަޖިލިސް

މިކަންކަމާ ހެދި ސަރުކާރުގެ މެޖޯރިޓީއެއް މަޖިލީހުގައި އޮތަސް އަޑުގަދަވެފައި ފާޑު ކިޔުން އަމާޒުވުން ބޮޑުވުމުން ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރު މެންބަރުންނަށް އޮތީ ސަރުކާރު ދިފާއު ކުރުމެވެ. ކުއްލި މައްސަލަތައް ބޭރު ކުރާ ސަބަބު ބުނެދިނުމާއި, ނެރޭ ކޮންމެ ވިޕެއް ޖަސްޓިފައި ކޮށްދިނުމުގަ އެވެ. ބަހުސްތަކުގައި ވެސް މެންބަރުންގެ މަސައްކަތަކީ އަންނަ "ހަމަލާތަކުން" ސަރުކާރު ދިފާއު ކުރުމެވެ. ބިޔަ މެޖޯރިޓީއެއް އޮވެ, ސަރުކާރު އޮތީ ޑިފެންސަށް ކުޅެން ޖެހިފަ އެވެ.

ސަރުކާރު ފަޅީގައި ހުންނެވި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އެމްޑީޕީން މަޖިލީހުގައި ސުޕަ މެޖޯރިޓީ އާއި އެ ޕާޓީގެ ސަރުކާރެއް އޮތް އިރު އެކަމަށް އިހްތިރާމް ނުކުރައްވައި ބައެއް މެންބަރުން ހަމަތަކާއި އުސޫލުން ނެއްޓިފައިވުމަކީ ބޮޑު ކަންބޮޑުވުމެވެ. އެހެންވެ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަކީ ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އަދި ސަރުކާރަށް އުނދަގޫވާ ކުއްލި މައްސަލަތަކުގެ ސަބަބުން ސަރުކާރު މިހާރު އަބަދުހެން އޮންނަން ޖެހެނީ ދިފާއަށް ކުޅެން ޖެހިފަ އެވެ. ސަބަބަކީ، އެ މައްސަލަ ބޭރުކޮށްލެވޭ ވަރަށް ވޯޓު ނުލިބިދާނެ ކަމުގެ ބިރު އޮތުމެވެ.

އެއީ "ޑިމޮކްރަސީ ފައްކާވުން"ގެ ގޮތުގައި ބައެއް މެންބަރުން ސިފަ ކުރެއްވި ނަމަވެސް އަސްލަމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ފައްކާވުމަކީ ޕާޓީއެއް ތެރޭގައި އޮޕޮޒިޝަނެއް އުފެއްދުމެއް ނޫނެވެ.

މިހާރު ފެންނަނީ އެމްޑީޕީގެ ތެރޭގައި ވަކި ބަޔަކު ސީދާ ސަރުކާރުގެ ގޯސްކަން ދައްކަން, ސަރުކާރު ގޯސް ކުރަން އަދި ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ މަންޒަރު ކަމަށް އަސްލަމް ވިދާޅުވި އެވެ.

ސަރުކާރު ކަމު ނުދާކަން މީހުންނަށް ހާމަކޮށްދިނުމަށް އެގޮތަށް މަސައްކަތް ކުރުމަކީ ޑިމޮކްރަސީގެ ހަމަތައް ނުދަންނަ ސިޔާސީ ކަންކަމާ ވަރަށް ދޯހަޅި އަދި އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސީ ލީޑަރުން ކުރާ ކަމެއް ގޮތުގައި އަޅުގަނޑު ދެކެނީ -- އަސްލަމް

"ސަރުކާރު ކަމު ނުދާކަން މީހުންނަށް ހާމަކޮށްދިނުމަށް އެގޮތަށް މަސައްކަތް ކުރުމަކީ ޑިމޮކްރަސީގެ ހަމަތައް ނުދަންނަ ސިޔާސީ ކަންކަމާ ވަރަށް ދޯހަޅި އަދި އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސީ ލީޑަރުން ކުރާ ކަމެއް ގޮތުގައި އަޅުގަނޑު ދެކެނީ،" އަސްލަމް ވިދާޅުވި އެވެ.

މުހައްމަދު އަސްލަމް

އެހެން ޕާޓީއެއްގެ އުނދަގޫ ޖެހުމާއި އެމްޑީޕީ އެތެރެއިން މެންބަރުންތަކެއް އިދިކޮޅު ހެދުމުގެ ތަފާތަކީ އެމްޑީޕީގެ އެތެރެއިން ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ގެންނަން ސަރުކާރަށް ކުރެވޭނެ ކަންކަން ހުރުމެވެ. އެމްޑީޕީގެ އެތެރޭގެ ހުރިހާ ގުނަވަންތަކުގެ ބާރު އޮތީ ސަރުކާރު ފެކްޝަން ފަޅީގަ އެވެ. އެހެންކަމުން ތްރީ ލައިން ވިޕް ނެރުމާއި ފިޔަވަޅު އެޅުމާއި އެހެނިހެން ކަންކަމަކީ ވެސް ސީދާ ސަރުކާރުން ބޭނުންވާ ގޮތަށް ހިނގާ ކަންކަމެވެ.

އެހެންކަމުން މިދިޔަ ދުވަސްތަކުގައި ފެނިގެން ދިޔައީ ޓެކްސް ބިލާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންނަށް ޕާލިމެންޓަރީ ގްރޫޕުން ފިޔަވަޅު އެޅިތަނެވެ. އެގޮތުން ނަޝީދު ފެކްޝަންގެ ގިނަ މެންބަރުންނަށް މިހާރު ވަނީ ދެތިން ފިޔަވަޅެއް އަޅައި ޕާޓީތަކުން ލިބިދޭ ހުރިހާ އިނާޔަތްތަކެއް ވެސް ކަނޑާލައިފަ އެވެ.

އެކަމަކު ސަރުކާރުން ހީކުރި ގޮތަށް މެންބަރުން "ސައިޒު" ވުމުގެ ބަދަލުގައި ނަޝީދު ފެކްޝަންގެ ބައިބައިވުންވީ އިތުރަށް ބޮޑެވެ.

އެ މައްސަލާގައި "މިހާރު" އާ ކުރިން ވާހަކަ ދެއްކެވި ބައެއް ނަޝީދު ފެކްޝަންގެ މެންބަރުން ތިއްބެވީ ސަރުކާރުން ފިޔަވަޅު އެޅިޔަސް ދޫ ދޭނެ ގޮތަކަށް ނޫނެވެ. އެ މެންބަރުން ގަބޫލު ނުކުރާ އަދި އެ މެންބަރުންގެ ދާއިރާގެ ރައްޔިތުންނަށް ވެސް ތާއީދު ނުކުރެވޭ ގޮތަކަށް ވޯޓުތައް އަޅަން އެވަރަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އެ މެންބަރުން ގަބޫލެއް ނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަޖިލީހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް

"އޮތް ގޮތަކީ ޕާޓީން ވަކި ކުރުން. ވަކި ކުރިޔަސް އަޅުގަނޑުމެން ތިބޭނީ މި ގޮތުގައި. ސަރުކާރުގެ ޕަޕެޓަކަށް ނުވާތީ ޕާޓީން ވަކި ކުރަންޏާ ރަނގަޅު ޕާޓީ ވަކި ކުރިޔަސް," ނަޝީދުގެ ފެކްޝަންގެ މެންބަރަކު ވިދާޅުވި އެވެ.

ނަޝިދު ފެކްޝަނުން ގޮތް ދޫނުކުރިޔަސް އެ މެންބަރުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސަރުކާރު މެންބަރުން ގަބޫލު ކުރެ އެވެ. ސަރުކާރު މެންބަރުން ޑިފެންސަށް ވެއްޓި މަޖިލީހުގައި މަސައްކަތް ކުރަން އުނދަގޫވާ އެންމެ ބޮޑު އެއް ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް އަދި ދެ ބޭފުޅުން ނެތް ހާލަތުގައި ރިޔާސަތާ ހަވާލުވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަކީ ވެސް މިހާރު އިދިކޮޅާ އެއް ރާގެއްގައި ތިއްބެވި ސަރުކާރާ ދެކޮޅު މެމްބަރެކެވެ.

ސަރުކާރުގެ ޕަޕެޓަކަށް ނުވާތީ ޕާޓީން ވަކި ކުރަންޏާ ރަނގަޅު ޕާޓީ ވަކި ކުރިޔަސް -- ނަޝީދު ފެކްޝަންގެ މެންބަރެއް

އޭގެ ސަބަބުން މަޖިލީހުގެ ގަވައިދަކީ ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ހައްދަވާ އެއްޗެއް ކަމުގެ ތުހުމަތު ސަރުކާރު މެންބަރުން ވަރަށް ބޮޑަށް ކުރެ އެވެ.

ރިޔާސަތުން އިދިކޮޅު ފަރާތްތަކަށް ބޭނުން ވާހަކައެއް ދައްކަން ފުރުސަތު ދިނުމަށް ފަހު އެކަންކަމަށް ސަރުކާރު މެންބަރުން ރައްދު ދޭން މަސައްކަތް ކުރާ އިރަށް އެކަން ހުއްޓުވުމާއި މަޖިލީހަށް ވަޑައިގަންނަވާ ސަރުކާރުގެ ވަޒީރުންނަށް ޕްރެޝާ ބޮޑު ކުރުމާއި އިދިކޮޅު ފަރާތްތަކަށް ގިނަ ވަގުތު ބަހުސް ކުރަން ދިނުމުގެ ތުހުމަތު ވެސް ސަރުކާރު މެންބަރުން ކުރެ އެވެ.

ސަރުކާރަށް ތާއީދު ކުރާ މެންބަރުންނަށް ސަރުކާރު ދިފާއު ކުރަން ވެސް އުނދަގޫ ވަނީ އެހެންވެ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ސަރުކާރު މެންބަރުންނަށް ވުރެ އިދިކޮޅުގެ އަޑު ގަދަވެފައި ސަރުކާރަށް އަންނަ ފާޑު ކިޔުންތަކުގެ ވާހަކަ ގިނަ ކަމަށް ފެންނަނީ ވެސް އެހެންވެ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް ޕީޖީގެ އިތުރުން ޕާޓީގެ ހުރިހާ ލެވަލްއެއްގައި ވިސްނައި ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން މިހާރު ގަބޫލު ކުރެ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އޭނާ ގަސްދު ކުރައްވަނީ ޕާލިމެންޓަރީ ގްރޫޕްގެ ގަވައިދަށް އިތުރު ބަދަލުތަކެއް ގެނައުމަށެވެ. އޭގެ އެއް މިސާލެއް ގޮތުން އޭނާ ވިދާޅުވީ ތްރީލައިން ވިޕެއް ތިން ފަހަރަށް ބްރޭކް ކޮށްފި ނަމަ ތިން އަހަރުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރި ނުވެވޭ ގޮތަށް ގަވައިދު ބަދަލު ކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: އެމްޑީޕީގެ މެމްބަރުން ދެބަޔަކަށް ބެހިގެން ދިއުމަކީ އެ ޕާޓީ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުން -- ފައިލް ފޮޓޯ

"ގަސްތުގައި ރޭވިގެން ސަރުކާރަށް ގޮންޖަހައި ބަލިކަށިކޮށްލުމަށް އިދިކޮޅު ފަރާތްތަކާއެކު ހަރަކާތްތެރިވުމަކީ ގައުމަށް ރަނގަޅަށް ހެވެއް ނުވަތަ ސަރުކާރު ޖަވާބު ދާރީވުމަށް ކުރެވޭ ކަމެއް ނޫން. މިކަންކަމާ މެދު ފިޔަވަޅު އެޅެން ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރު މި ދައުރުގައި ހިފަހައްޓާލަން އޮތީ ހައެއްކަ މަސް ދުވަހެވެ. އެހެން ނަމަވެސް މި ހަ މަސް ދުވަހަކީ ސިޔާސީ އެންމެ ބޮޑެތި މަސައްކަތް ހިނގާ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ދުވަސްތަކެވެ. އަދި މަޖިލީހުގައި ހިނގާ ކަމަކުން ސަރުކާރަށް އަންނަ ޑެމޭޖްތައް ވެސް ކުޑައެއް ނުވާނެ އެވެ.

އެހެން ނަމަވެސް މިވަގުތު ސަރުކާރުން ރިއެކްޓު ކޮށް ރިޔާސަތު ބަދަލު ކުރުން ނުވަތަ މެންބަރުންތަކެއް ވަކި ކުރުން ފަދަ ކަމެއް ކުރުމަކީ އެމްޑީޕީ އަށް ޑެމޭޖް ބޮޑު ވާނެ ކަމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި ވަނީ ޕާޓީ އަލުން އެއްބައިވަން އެދިވަޑައިގެންފަ އެވެ.

އެ މަންޒަރު ނަޝީދު ފެކްޝަންގެ މެންބަރުންނަކަށް ނުފެނެ އެވެ. ރިޔާސީ އިންތިހާބަށް ސަރުކާރަށް ކުރެވެން އޮތް ހުރިހާ ހުރަހެއް އަޅާނެ އެވެ. ސުޕަ މެޖޯރިޓީ ނަމެއްގައި އޮތަސް ގާނޫނުއަސާސީ ބަދަލު ކޮށްގެން ކުރެވޭ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުން ފަދަ ސަރުކާރުގެ މުހިންމު ވައުދުތަކާ ގުޅޭ އެއްވެސް މަސައްކަތަކަށް އެއްބާރުލުމެއް ނުދޭނެ އެވެ.

25 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 29%
icon angry icon angry 7%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

21 February 2023

މިހާރު އޮތީ ކަރަޕްޝަންއަަށް ފަހި ފެކްޝަން އަކާއި ކަލްޓް ފެކްޝަންއެއް!

The name is already taken The name is available. Register?

އިބޫ ފެކްޝަން މަޑަވެލި ޗިކާ ގޮފި

21 February 2023

އިބުރާހިމާ މަށަކީ އެމްޑީޕީ މީހެކޭ އެކަމަކު އިބުރާހިމަށް އަހަރެން ދޭނެ ވޯޓެއް ނެތޭ ދެވަނަ ބުރަށް އިބުރާހިމު ގޮއްސިއްޔާ ޕާޓީ ވަކިވެގެން އެހެން ޕާޓީއަކަށް ބަދަލުވެ ސީދާ އިބުރާހިމާ ދެކޮޅަށް ރަސްމީކޮން މަސައްކަތް ފަށާނަން. ބޮޑަށް ގަބޫލު ކުރެވެނީ ދެވަނަ ބުރަކަށް އިބުރާހިމު ނުދާނެކަމަށް

The name is already taken The name is available. Register?

އެޑަމް

21 February 2023

އަންނި ތިއުޅެނީ ހުވަފެނެއްގަ ސަންތިމަރިޔަބު ގޮވައިގެން ވެރިކަން ކުރަންޑެންމާރކައް ދޭ! ކަަލެއަށް ވެރިކަންދެވުނުމޮޔަހީނުވާރައްޔިތަކު މިޤައުމަކުނެއްއަހަރުމެން ބޭނުންވަނީ އިސްލާމީހިދާޔަތްތިޔަގޮތައްޣައިރު މުސްލިމުކަން މިތާފަތުރަންނޫޅޭށެވެ,މީހެޔޮނަސޭހަތެއްކަމަށްޤަބޫލުކޮއް ޖާބެވެސްގޮވައިގެން ދާށެވެ.އެއިރުން ޖާބެއައް,ރައީސްކަން,މަނިކުފާނައްބޮޑުވަޒީރުކަން,މިޤައުމު މަގުފުރައްދަންނޫޅޭ!!

The name is already taken The name is available. Register?

ބަގަޅޭ

20 February 2023

އަންނި ޔާމީނަށް ތާއީދު ކުރީ ވަކި ބޭނުމަކު.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

20 February 2023

ޕަޕެޓް ސަރުކާރައް އެމްޑީޕީގައި ތިބިކަމުގައިވިޔަސް އެއްބާރުލުމެއް ވޯޓެއްވެސް ނުލިބޭނެ! އިބޫ ރިޔާސީ އިންތިހާބުގައި ކުރިމަތި ލައިގެން %5 ވެސް ނުލިބޭނެ! ހަމަގައިމުވެސް އެމްޑީޕީ މެންބަރެއްގެ ހައިސިއްޔަތުން އިބޫއަށް ވޯޓެއްނުލާލަން! އަދި ޕީޕީއެމް އަށް ވެސް ވޯޓެއްނުދޭނަން!

The name is already taken The name is available. Register?

ބޮޑުމީހާ

20 February 2023

ސުޕަރމެޖޯރިޓީ އޮވެމެ ރައްޔިތަކަށް ބޭނުންވާ އެއްކަމެއް ވެސް ނުކޮށްދޭ. މީ ރައްޔިތުންނަށްވުރެ ބޮޑަށް އަމިއްލަ އެދުމަށް އުފެދިފައިވާ ސަރުކާރެއް. 1200 ސިޔާސީ މަގާމު، ދައުލަތް 100 ބިލިއަނުން ދަރަނި، ސިޔާސީ މީހުންގެ ދަރިންނަށް ލައްކައިން މުސާރަ،

The name is already taken The name is available. Register?

ލިލީ...

20 February 2023

ސުޕަމެޖޯރިޓީ އޮވެގެން ރައްޔިތުން ނައް ވީ ފައިދާއެއްނެތް.. ނިކަމެތިން ފެލާލާ ޓެކުސް ބޮޑުކުރީ

The name is already taken The name is available. Register?

އިބާޖާ

20 February 2023

އަދި އިބުރާހިމު ކޮޅުަގަ ތިބިމީހުން ނަސީދު ފަހަތުން ދުއްފައިގަންނަ ދުވަސް އޮތީ މާދުރަކުނޫން

The name is already taken The name is available. Register?

ބޮޑުމީހާ

20 February 2023

ސުޕަރ މެޖޯރިޓީ ނެތޭ ކިޔާ ސަރުކާރު ޕްރޮމޯޓްކުރާނެ ކަމެއް ނެތް. މިހާރުވެސް ސުޕަރ މެޖޯރިޓީ އެބައޮތް. ޖޭއެސްސީ ބަދަލެއް ނުކުރެވުނު، ކޮރަޕްޝަން ނުބެލުނު، އިންސާފެއް ނުގެނެވުނު. ހުރިހާ ބާރެއް އޮވެމެ ރައްޔިތުންނަށް އެންމެ ޚިޔާނަތްތެރިވީ ސަރުކާރު މީ. ބަދަލު ދޭންވީމާ ރޮކެޓް ސްޕީޑް، ރައްޔިތުންގެ ކަމަކާއި ޖެހުނީމާ އުސޫލާއި ފިނިހަކަ ސްޕީޑް

The name is already taken The name is available. Register?

ތައްތީ

20 February 2023

ޑިމޮކްރަސީގެ ޗެމްޕިއަންއަށް ބަލި ގަބޫލު ނުވެގެން ކޯޓަށް ގޮސް ޓިކެޓް ހަވާލުކުރި ރަސްމިއްޔާތަށް ނުގޮސް އުޅޭއުޅުން ވަރަށް ހަޑި. އަންނިއާއި ހެދި އެމްޑީޕީ ބައިބައިވެ ޕާޓީ ފުނޑުނަސް އަދިވެސް ވެރިކަން ނުލިބިގެން. އެންމެ ފަހުގެ ކޮންގްރެސްގައި ފެނުނު ކަންކަމުން ޕްރައިމަރީގެ ނަތީޖާ ސަޕްރައިޒިންގއެއް ނޫން. އަންނީގެ ޕޮޕިއުލާރިޓީވަނީ ވަރަށް ފަނޑުވެފަ. ދެންވެސް ހަގީގަތް ގަބޫލުކޮށްގެން ޕާޓީ ބައިބައިނުކޮށް މަޑުން ހުރުން ރަނގަޅުވާނީ

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

20 February 2023

ޕާޓީ ފުނޑާލީ އިބޫ! ދެން އެއްބައިވުމެއްނެތް! ވަރިހަމަ ޕާޓީ ފުނޑުނަސް! މިހާރު މިކުރާ ޕަޕެޓް ވެރިކަމަށް ވުރެން ޕާޓީ ފުނޑުނަސް މާރަގަޅު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454