ރިޕޯޓް / އައިވީއެފް

އުއްމީދުގެ ހުޅުކޮޅު، ރާއްޖޭން އައިވީއެފް!

އަންހެނަކު، ކުއްޖަކު ގޮވައިގެން މޫދުގައި. ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަ ވަރަށް ގިނަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފާތިމަތު ޝާނީ (އަސްލު ނަމެއް ނޫން)ގެ ދެމަފިރިން އައިވީއެފް ހެދުމަށް އިންޑިއާގައި އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން މަޑުކުރި އެވެ. ހަތް ފަހަރަށް އެމްބްރިއޮ ޓްރާންސްފާ ހަދައިގެން ވެސް ނާކިޔާބުމުން މި އަހަރުގެ ކުރީކޮޅު އަނބުރާ ރާއްޖެ އައިއިރު، އަތުން 300،000 އެއްހާ ރުފިޔާ ހަރަދުވެއްޖެ އެވެ.

ގިނަ ދުވަސްވާތީ ޝާނީ ހުރީ ވަޒީފާއިން ނޯ-ޕޭ ނަގައިގެންނެވެ. މާލީގޮތުން ލުއެއް ލިބުނީ ފިރިމީހާ އަދާކުރާ ވަޒީފާއިން މުސާރަ ލިބެން ފެށުމާއި އާއިލާގެ ފަރާތުން ދޭ އެހީންނެވެ. ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރުމުން، އެ ދެ މީހުންގެ ހާލު ބަލައި ހިތްވަރު ދިނުމަށް އާއިލާގެ މީހުން ވެސް ދޭތެރެދޭތެރެއިން އިންޑިއާއަށް ދިޔަ އެވެ.

އެކަމަކު، އަމިއްލަ ގައުމުގައި ތިބެގެން އެ ފަރުވާ ލިބޭނަމަ އެ ހުރިހާ ގުރުބާނީތަކެއް ވާކަށް ނުޖެހޭނެ ކަމަށް ޝާނީ ގަބޫލުކުރެ އެވެ. އެހެންވެ، ރާއްޖޭގައި އަންނަ ހަފުތާގައި އައިވީއެފް ފެށުމަށް ތައްޔާރުވާކަމުގެ ހަބަރުތައް އިވުމުން އެންމެ އުފާވެފައި ހުރި އެކަކަކީ، އަލަތު ކައިވެނީގައި 9 އަހަރު ހޭދަކޮށްފައިވާ ޝާނީގެ ދެމަފިރިންނެވެ.

"އަގު ވެސް ވަރަށް ރަނގަޅު. ރާއްޖޭގައި އައިވީއެފް ހެދޭނަމަ އާއިލާ ކައިރީގައި ތިބެގެން އަދި ވަޒީފާ އަދާކުރަމުން ވެސް އެ ފަރުވާ ހޯދޭނެ. މިއީ ލިބިގެންދާ. ވަރަށް ބޮޑު އުފަލެއް." އޭނާ ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު އަންނަ ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވާނެ އެވެ. މިއާއެކު، އެ ފަރުވާއާ ގުޅޭގޮތުން ގިނަ ބައެއްގެ ސުވާލުތައް އެބަހުއްޓެވެ. ނަމަވެސް، ދަރިމައިވުމުގެ މައްސަލަތައް ގިނަވުމުގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް ޓްރީޓޮޕް ހޮސްޕިޓަލުން ފެށި ފަރުވާގެ ފެންވަރާ މެދު އެ ތަނުގެ ބޮޑު ޔަގީންކަމެއް އެބައޮތެވެ.

ރާއްޖޭގެ ފުރަތަމަ އިންފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވި ގޮތުގައި ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރު ހުޅުވަނީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. އެ ގައުމުގައި ވެސް އައިވީއެފް ސެންޓަރުތައް ހިންގާ ކުންފުންޏަކާއެކު މި ކަން ކުރާނަމަ އިތުރަށް އިތުބާރު ލިބޭނެ ކަމަށް އާދިލް ގަބޫލުކުރައްވަ އެވެ.

"އެކްސްޕީރިއަންސް ބަޔަކާއެކު މިކަން ކުރާތީވެ އަޅުގަނޑަށް ހީވަނީ އެއީ އިތުރަށް ލިބިގެންދާނެ އިތުބާރެއްހެން." އާދިލް ވިދާޅުވި އެވެ.

އެއް އަހަރު ދުވަހަށް އެގްރިމެންޓް ހަދާފައިވާ ސައިމާގެ ރޯލަކީ އައިވީއެފް ސެންޓަރުގެ ސެޓަޕް ހެދުމުން ފެށިގެން މުވައްޒަފުން ތަމްރީނުކުރުމުގައި ކޮންސަލްޓެންސީ ދިނުމެވެ. އޭގެ އިތުރުން، ރާއްޖޭގެ ފުރަތަމަ ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދާއެކު ވެސް ސައިމާގެ ކޮންސަލްޓެންޓުން މަސައްކަތްކުރާނެ އެވެ.

ޑރ. ޒާކިޔާއާއެކު އައިވީއެފް ހަދަން ފެށިއަސް، އައިވީއެފް ހެދުމުގައި އިނގިރޭސިވިލާތުގައި 14 އަހަރު މަސައްކަތްކުރައްވާފައިވާ އިތުރު ޑޮކްޓަރެއް ކުރިއަށް އޮތް 2-3 މަސް ދުވަހުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލާ ފުލްޓައިމްކޮށް ގުޅިވަޑައިގަންނަވާނެ އެވެ. އޭގެ އިތުރުން، އިންޑިއާގެ އައިވީއެފް ސްޕެޝަލިޓް ނާސް ސުންޔާ މިކައިލް ވެސް ތަމްރީނު ފުރިހަމަކުރުމަށްފަހު ވަނީ ހިދުމަތާ ގުޅިވަޑައިގެންފަ އެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދަން އެއްވެސް އިރެއްގައި އާސަންދައިގެ އެހީއެއް ނުލިބެ އެވެ. އެކަމަކު، ރާއްޖޭގައި އެ ފަރުވާ ފަށާތީ ސަރުކާރުގެ ކޮންމެ ވެސް އެހީއެއް ލިބޭނެ ކަމަށް އުއްމީދުކުރެ އެވެ.

އާދިލް ވިދާޅުވި ގޮތުގައި، އާސަންދައިގެ ހިދުމަތްތަކުގެ ތެރޭގައި އައިވީއެފް ހިމެނުމާ މެދު ރަސްމީކޮށް އަދި މަޝްވަރާނުކުރާ ކަމަށެވެ. އެކަމަކު، އަގުތައް ހަމަޖައްސާފައިވާ ގޮތުގެ މައުލޫމާތުތައް ފޮނުވަން އެ ކުންފުނިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޓްރީޓޮޕުން ގަބޫލުކުރަނީ ބޮޑު އިންވެސްޓްމަންޓަކާއެކު ފަށާ ފަރުވާއަށް މި ވަގުތަށް ކަނޑައަޅާފައިވަނީ ހެޔޮ އަގެކެވެ. އެއީ، ކޮންސަލްޓެންސީން ފެށިގެން އެންމެ ފަހުގެ މަރުހަލާ، އެމްބްރިއޯ ޓްރާންސްފާއާ ހަމައަށް 46،000ރ. އަށެވެ.

އައިވީއެފް ލަފާ ލެބް.- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ގިނަ ފަހަރަށް ދެ މީހުން ދަތުރުކުރުމާއި އެކޮމޮޑޭޝަނާއި ވަގުތަކީ ވެސް ވެލިއު ހުންނަ އެއްޗެއް، އެއަށް ވެސް އަގެއް ހުންނާނެ. އަޅުގަނޑުމެންގެ މި އަގާ ބަލާއިރު، އަޅުގަނޑުމެން މި ހުށަހަޅާ އަގަކީ ވަރަށް ރީޒަނަބަލް އަގެއް ކަމަށް ބަލަނީ. މިއީ، ފަށާއިރު ކުރިއަށްގެންދާ އަގެއް. މިއާއެކު، އާސަންދާ އެކު މި މަސައްކަތްކުރަނީ ކިހާ ކަވަރޭޖެއް މި ކަމުގައި ލިބޭނެތޯ." އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އައިވީއެފްއަށް އާސަންދަ ނުލިބުނަސް، އެ ފަރުވާ ރާއްޖޭގައި ގެންދިއުމަށް އުނދަގޫވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ހިލޭ ގެންދިޔަ ސްކްރީނިން އަށް ހުޅުވާލިއިރު 270 މީހުން ރަޖިސްޓްރީކުރުމުން މި ކަމުގެ މުހިއްމުކަމާއި ހިދުމަތް ބޭނުންވެފައި ތިބި މީހުން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޭނުންތެރި ހިދުމަތެއްގެ ގޮތުގައި އަޅުގަނޑު [އައިވީއެފް] މި ހިދުމަތް ބަލަނީ. ރާއްޖޭގައި ނެތް ހިދުމަތަކަށް ވެފައި، ވަރަށް ގިނަ ބައެއްގެ ތަކުލީފު އޮތް ކަމެއް މިއީ. މީގައި އަނެއްކާ އުނދަގޫ ކަމަކީ، ވަރަށް ގިނަ ދުވަހު ބައެއް ބޭފުޅުން އެބަޖެހޭ ރަށުން ބޭރުގައި އުޅެން ވަޒީފާ ދޫކޮށްލައި އެކަމަށް ހަމަ ހުސްވެގެން އުޅެނީ. މިހާރު ވިއްޔާ ގައުމުގައި ތިބެގެން އެކަން ކުރެވޭނެ މަގު މި އޮތީ ފަހިވެފައި."

"އަޅުގަނޑުމެން މި ގެންނަނީ ހާފް ސޮލިއުޝަނެއް ނޫން. ފުލް ސޮލިއުޝަން މި ގެންނަނީ ކޮންސަލްޓޭޝަނުން ފެށިގެން ސާޖަރީ ހެދިގެން. އަޅުގަނޑުމެން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ބަލައިގެން މި ކަން ފަށާފައިވާނީ. އެހެންވީމަ މި ބަލަނީ މިއީ ހަމަ އެފޯޑްބްލް ކަމެކޭ." އާދިލް ވިދާޅުވި އެވެ.

ޓްރީޓޮޕާ މެދު އާއްމުންގެ ޝަކުވާތައް ބޮޑު، އައިވީއެފަށް އެހެން ވެދާނެތަ؟

އެންމެ ފަހުގެ ވަސީލަތްތަކާއެކު ހުޅުވި ޒަމާނީ، ބޮޑު ހޮސްޕިޓަލަށް ފަސް އަހަރުވިއިރު، އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ، އެ ތަން ހުޅުވިއިރު ދިން ހިދުމަތުގެ ފެންވަރު ނުހިފެއްޓެވުމެވެ. އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާއިން ވެސް މި ހަފުތާގައި ފެނުނެވެ.

އާދިލް ވިދާޅުވި ގޮތުގައި ހިދުމަތްތަކާ ގުޅޭގޮތުން އާއްމުންގެ ކަންބޮޑުވުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އެކަންކަން ރަނގަޅުކުރަން މަސައްކަތްކުރާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

ނަމަވެސް، އައިވީއެފްގެ ހުރިހާ ކަމެއް ކުރަނީ ވަކި ޑިޕާޓްމަންޓަކަށް ވުމާއި ހޮސްޕިޓަލްގެ ނޯމަލް ޕްރޮސެސް އިން ބޭރުގައި ބައެއް ކަންކަން ހުންނާތީ، އެ ފަރުވާ އަށް އެއްވެސް ދައްޗެއް ނާންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.

ޓްރީޓޮޕްގެ ސީއޯއޯ އާދިލް، "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޕޮއިންޓްމަންޓް ހެދުމަށް ކޯލް ސެންޓަރަށް ގުޅުމުގެ ބަދަލުގައި ވެބްސައިޓު އަދި ޕޯޓަލް އަކުން ވަރަށް އާއްމު މައުލޫމާތުތަކެއް ފުރިހަމަކުރުމަށް ފަހު ޖެހޭނީ ފޯމު ފޮނުވާލާށެވެ. އޭރުން، އައިވީއެފް ކަންކަމަށް ކަނޑައަޅާފައިވާ ޓީމުން އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ކަންކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ސްޓާފުންގެ ކަމަކަށް އޮންނާނީ އެ ދުވަހަކަށް ޑޮކްޓަރަށް ދެއްކޭނެ ވަރަށް ޕޭޝަންޓުންނަށް ގުޅުން. ގުޅީމަ، ޑޮކްޓަރު ވަކި ދުވަހަކަށް ފޮލޯއަޕްއަކަށް ބުނެފިއްޔާ އެ ޑޭޓާބޭސްގައި ވަކިން މިކަން ހިނގާނީ. ވަކި ކައުންޓަރެއް އިންނާނީ. އަޅުގަނޑުމެންގެ މެއިން ރަޖިސްޓޭޝަން ކައުންޓަރަކާ މިކްސް އެއް ނުވާނެ. ފާޓިލިޓީ ސެންޓަރާ ހިސާބުގައި އިންނާނެ އައިވީއެފް ކައުންޓަރު ޖަހާފައި. މިއީ ޑެޑިކޭޓެޑް ސާވިސް އެއް ގޮތަށް ދޭންވެގެން އަޅުގަނޑުމެން މި ވަކިކުރީ." އާދިލް ވިދާޅުވި އެވެ.

އައިވީއެފް ހަދަނީ ކިހިނެއް؟

ޑރ. ޒާކިޔާ ވިދާޅުވީ އިންފާޓިލިޓީގެ މައްސަލައަށް ފަރުވާ ހޯދުމަށް މިހާރު ވަކިން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ. އެގޮތަށް ދެއްކުމަށްފަހު، ދެމަފިރިންގެ ހިސްޓްރީ އޮޅުންފިލުވައި ޓެސްޓުތަކެއް ހަދަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިވީއެފް ހަދާ ސެންޓަރު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ޓެސްޓުތައް ހެދި ނަމަވެސް، ނަތީޖާއަށް ބަލައި އެންމެންނަކީ އައިވީއެފް ހަދަންޖެހޭނެ ބައެއް ނޫނެވެ. ބައެއް މީހުންނަށް ބޭސް ދީގެން ހާލަތު ބަދަލުކުރެވިދާނެ އެވެ. އަނެއް ބައި މީހުންނަށް އައިވީއެފްއަށް ވުރެ ކުޑަ ޓްވީޓްމަންޓް ދީގެން ވެސް ކާމިޔާބުވުމުގެ ފުރުސަތު އޮވެދާނެ އެވެ. އައިޔޫއައި އަކީ ވެސް އޭގެ އެއް ވައްތަރެވެ.

އައިވީއެފް ހަދާނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބިސް ބޮޑުކުރަން އިންޖެކްޝަންތަން ޖެހުމެވެ. ވަކި ވަރަކަށް ބިސްތައް ބޮޑުވުމުން ދެން އިންނާނެ އެ ބިސްތައް ނެގުމުގެ ކުޑަ ޕްރޮސީޖާއެކެވެ. އޭގައި ކުރާ ކަމަކީ އަންހެން މީހާގެ ބިސްތައް ނެގުމަށްފަހު ފިރިމީހާގެ ދަރިފަންޏާއެކީ ފާޓިލައިޒް ކުރުމެވެ. އެކަން ކުރަނީ އެމްބްރިއޮލޮޖީ ލެބުގަ އެވެ.

ބިހާއި ދަރިފަނި ފާޓިލައިޒް ވުމަށްފަހު، ވަކި ދުވަހެއް ވުމުން އެމްބްރިއޮ، ރަހިމުތެރެއަށް ލައްވަން ޖެހެ އެވެ. އެ ޕްރޮސީޖާއަށް ކިޔަނީ އެމްބްރިއޮ ޓްރާންސްފާ އެވެ. މިއީ، އައިވީއެފްގެ އެންމެ ފަހު މަރުހަލާ އެވެ. ބަނޑުބޮޑުވެއްޖެނަމަ އައިވީއެފްގެ އެ ސައިކަލް ކާމިޔާބުވީ އެވެ.

ޒާކިޔާ ވިދާޅުވީ އައިވީއެފް ހެދުމަށް މިހާރު ނަގަނީ މަހަކު 7-8 މީހުން ކަމަށެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ. އެ ހިދުމަތާއި ބަދަލުން، ގިނަ ބަޔަކަށް ލުއެއް ގެނެސްދެވޭނެ ކަމުގެ އުއްމީދު އޭނާއަށް ވެސް އެބައޮތެވެ.

8 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުޅުދޫ ކަޅޯ

31 May 2023

ޑރ.މަޖީދު ދުނިއޭގަހުނަވަނިކޮށް މިކަމާބެހޭގޮތުން ދެއްނެވީ އިތުބާރުހުރި ނިޒާމެއްގެތެރެއިން ދާކަމެއްނަމަ ހުއްދަކަމެއްކަމުގަ. ހަޤީގަތުގަވެސްމީވަރަށްއުފާވެރިކަމެކެވެ. މިފަދަބޮޑު ހިދުމަތަކަށްޓީ.ޓީ.އެޗްއިސްނެގިމަކީ ނުހަނުށުކުރުޙައްޤުކަމެކެވެ.މިކަމުގެ ވޭނާއިބުރައހުސާސްކޮށް މިއަދު އެއްމާބަނޑުދެކުދިންގެ ބައްޕައެއްގެ ހައިސީޔަތުން ބުނެލާންބޭނުންވަނީ ދަރީންނުލިބުމުގެ ހިތްދަތިކަންއިޙްސާސްކުރާއެއްމެހާ ފަރުދުނަށް ކެއްތެރިކަމާއެކު ކުރިމަތިލުމަށްނަސޭހައްތެރިވަން.

The name is already taken The name is available. Register?

ޝިފާން

25 May 2023

ދީނީގޮތުން މީ ހުއްދަކަމެއްނޫން ކަމަށް ބުނާތީ އިވޭ. މީގެ ޙަޤީޤަތެއްވެސް އެނގެން ބޭނުން

The name is already taken The name is available. Register?

އެނގޭ

25 May 2023

ކަލޭމެން ތިއުޅެނީ ހުއްދަ ކަންތައް އެކަނި ކޮށްގެންތަ؟ ދަރި އަކު ބޭނުން ވެފަ ތިބި ކިތައް ދެމަފިރިންނަށް މިކަމުން އުފާވެރިކަން އެލިބެނީ. އެމީހަކު އެ ހާލުގަ އުޅެން ޖެހުނީމަ އިނގޭނީ ވާވަރު. އެއޮތީ އެކަން ކުރާ ގޮތް ވެސް ލިޔެދީފަ

The name is already taken The name is available. Register?

އޅގނޑ

26 May 2023

ވަކި ހާލަތެއްގައި ހުއްދަ ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

25 May 2023

ސަޅި ކަމެއް.ކުދިން ލިބުމުން މަހުރޫމް ވެފަ ތިބި މީހުންނަށް މަރުހަބާ.ގުޑް ލަކް.އެކިމީހުންނަށް ދެއްވަނީ އެކިކަހަލ ނިއުމަތްތައް.އަހަރުމެންގެ ދަރިން އެބަތިބި ، އެކަމަކު ވަންނާނެ ގެއެއް ނެތް.ހުރިހާ ކަމެއް ފުރިހަމަ އިންސާނުން ނުތިބޭނެ.

The name is already taken The name is available. Register?

ރަތްގައު

25 May 2023

ދީނީގޮތުން ގޯސްނަމަ ކޮންމެވެސް ބަޔާނެއް ނޫނީ ފަތުވާއެއް މިހާރު އާއްމުކުރީސްކަން ޔަޤީނެވެ. އަސްލު ބުނެލަން ބޭނުންވަނީ މީ މިގައުމުގައި ފެށުން މާލެސްވެއްޖެ ކަމެއްކަން. ހަމައެކަނި އަޅުގަނޑުގެ ރަށުގައި ތިކަމުގައި އިންޑިޔާއަށްގޮސް މިލިއަނުން ރުފިޔާ ހަރަދުކޮށްފައި. 10 ދެމަފިރިން އުޅޭ.. އާސަންދައިންވެސް ޚަރަދު ކުރަންވީ.. ސަރުކަރުން އަޅާނުލަތީދޯ...

The name is already taken The name is available. Register?

ބުރުގާ

25 May 2023

އެކަމު ދީނީގޮތުން ކޮންކަހަލަ ކަމެއްތޯމީ؟؟! ކީއްވެތޯ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ދަންނަބޭކަލުން މިކަމާ ބެހޭގޮތުން އަޅާނުލާ ހަނު އެތިބެނީ؟؟ ފަހަރެއްގަ ވެދާނެ މީ ސިޔާސީކަމެއް ނޫންވީމަ އެމީހުންގެ އިންޓަރެސްޓު ނެތީކަމައްވެސް.

The name is already taken The name is available. Register?

އެނގޭ

25 May 2023

ކަލޭމެން އާއިލާ މީހަކަށް ނޫނީ އަނބި މީހާ އެހެން ވީމަ ގަބޫލު ކުރެވޭނީ ހިތުގަ އަޅާ ވޭން. ޢެކަން ކުރާ ގޮތް އެއޮތީ ކިޔާދީފަ. މީހަކާ ޒިނޭ ކޮށްގެނެއް ނޫނީ އެހެން މީހެއްގަ ދަރި ފަންޏެއް ނޫން ލައްވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454