ޒުވާން މަންމަ ޒިޔާދާ ނައީމް މަރުވި އިރު ޒިދާން އިބްރާހީމް ހުސެން އަށް 17 އަހަރެވެ. އެ މައްސަލައިގައި ބައްޕަ ހައްޔަރުކުރި ހިސާބުން މަންމަ އާއި ބައްޕަ ވެސް ގެއްލުނީ އެވެ. އާއިލާގެ އެންމެ ދޮއްޓަށް ހުރި ޒިދާން އަށް، ފުރަތަމަ ދުވަހު ވެސް، އޭނާގެ ޒިންމާ ބޮޑުކަން އިހުސާސްކުރެވުނެވެ.

މުޅި ގައުމުގެ ސަމާލުކަން ހުއްޓުނު ހާދިސާއަކުން ދިރިއުޅުމަށް އައި ކުއްލި ބޮޑު ލޮޅުމުގައި ޒިދާން އާއި އޭނާގެ ދެ ކޮއްކޮ ވޭތުވެދިޔަ އެއް އަހަރު ތެރޭ އެތައް ތަޖުރިބާއެއް ކޮށްފި އެވެ. އަމިއްލަ ގެ އާއި ރަށް ދޫކޮށްލަން ޖެހި، މައިންބަފައިންނާ ނުލައި އެކި މީހުންގެ ގާތުގައި ދިރިއުޅެފި އެވެ. ދެ ފަރާތުގެ އާއިލާގެ އެހީތެރިކަމާއި ވިޔަފާރިވެރިއެއްގެ ދީލަތިކަމުން މަގުމަތި ނުވެ ސަލާމަތް ވިޔަސް، އެންމެ ފަހުން ތިން ބެއިން ވެސް އެކަކު އަނެކަކާ ވަކިވާން ޖެހުމަކީ ލިބުނު ބޮޑު ހިތްދަތިކަމެކެވެ.

މިހާރު އުމުރުން 18 އަހަރުގެ ޒިދާންގެ ހުރިހާ ވިސްނުމަކީ އަމިއްލަ މަސައްކަތުން އުފާވެރި ދިރިއުޅުމެއް ބިނާކުރުމެވެ. ސަތާރަ އަހަރުގެ ފިރިހެން ކޮއްކޮ އާއި 12 އަހަރުގެ އަންހެން ކޮއްކޮ އަށް ރަނގަޅު ކުރިމަގެއް ހޯދައިދިނުމެވެ. އެ އުއްމީދުތަކުގައި ޒިދާން އާއި އޭނާގެ ކޮއްކޮމެން ދެކޭ އެންމެ ފޮނި ހުވަފެނަކީ އަނެއްކާވެސް ތިން ބެއިންނަށް އެކުގައި އުޅެވޭނެ ގޮތް ވުމެވެ.

ބޮޑެތި އަނިޔާތަކެއްގައި މަންމަ މަރު، ބައްޕަ ޖަލަށް

ގދ. ތިނަދޫ ޒިޔާދާ ނައީމްގެ މަރު އެންމެންނަށް އެނގޭ ސަބަބު ބޮޑެވެ. އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭތާ ދުވަސްތަކެއް ފަހުން ޑިސެމްބަރު 28، 2015ގައި އޭނާ ދުނިޔެ ދޫކުރީ ލިބުނު އަނިޔާތަކަކާ ގުޅިގެން ކަމަށް ޕޯސްޓްމޯޓަމް އިން ވަނީ ދައްކައިފަ އެވެ. ފިރިމީހާ އިބްރާހިމް ޝާހު، 41، އޭނާ އަށް ޖިންސީ އަނިޔާ ކުރި ކަމަށް ޑޮކްޓަރުންގެ ގާތު ޒިޔާދާ ބުނެފައިވާ ކަން މިދިޔަ އަހަރުގެ މާޗް މަހު ފުލުހުން މީޑިއާ އަށް ހާމަކޮށްފައިވެ އެވެ.

ޒިޔާދާ: މަރުވީ ބޮޑެތި އަނިޔާތަކެއްގައި ސިކުނޑި އަށް ލޭ އެޅިގެން ކަމަށް ޕޯސްޓްމޯޓަމް އިން އެނގިފައިވޭ.
ޒިޔާދާ: މަރުވީ ބޮޑެތި އަނިޔާތަކެއްގައި ސިކުނޑި އަށް ލޭ އެޅިގެން ކަމަށް ޕޯސްޓްމޯޓަމް އިން އެނގިފައިވޭ.

ޒިޔާދާ ހޮސްޕިޓަލުގައި އޮއްވާ ހައްޔަރުކުރި ގޮތަށް އަދިވެސް ބަންދުގައި ހުރި ޝާހުގެ ޝަރީއަތް މިދިޔަ އަހަރުގެ އޮގަސްޓްގައި ކްރިމިނަލް ކޯޓުން ވަނީ ފަށައިފަ އެވެ. ސިއްރުން ކުރިއަށް ގެންދާ އެ ޝަރީއަތުގައި ޝާހުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެ އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.

ޝާހު: އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރޭ
ޝާހު: އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރޭ

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފުލުހުން ބުނެފައިވާ ގޮތުގައި ޒިޔާދާގެ އެތެރެހަށީގެ އެކި ގުނަވަންތަކަށް ލޭ އެޅިފައި ހުރިކަން އޭނާގެ ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭނާ މަރުވީ ސިކުނޑި އަށް ލޭ އެޅިގެން ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓު ބުނެ އެވެ. އޭގެ އިތުރުން ޒިޔާދާގެ ދެ އަތުގެ ދެ މުލައްދަނޑީގަ އާއި ބޮލުގެ އަރިމަތިން ފަހަތަށް ވާ ގޮތަށް އަނިޔާގެ ނިޝާންތައް ހުރި ކަމަށް ވެސް، އިންޑިއާ އަށް ހަށިގަނޑު ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓާ ހަވާލާދީ، ފުލުހުން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިދިޔަ މާޗް 29ގައި ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހާމަކުރި ގޮތުގައި ފިރިމީހާ ޝާހު ޖިންސީ އަނިޔާކޮށްފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ގާތު ޒިޔާދާ ބުނެފައިވާ އިރު، އެ އަނިޔާތަކާ ގުޅިގެން ތިނަދޫގައި ހުންނަ ޑރ. ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވެސް ދެ ފަހަރެއްގެ މަތިން އޭނާ ދެއްކި އެވެ.

ފަރުވާ އަށް ޒިޔާދާ މާލެ އައީ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ. އެނގިފައިވާ ގޮތުގައި، ފްލައިޓުން ފައިބައިގެން ފުރޮޅުލީ ގޮނޑިއެއްގައި އެއާޕޯޓުން ނުކުތް ދުވަހު، އޭނާގެ ފިރިހެން ކޮއްކޮއަކާއި ދޮށީ ދަރިފުޅު ޒިދާންގެ އެހީތެރިކަމާ އެކު، އައިޖީއެމްއެޗުގެ އިމަޖެންސީ އަށް ދެއްކި އެވެ. އެކަމަކު ހޮސްޕިޓަލުގައި އޮންނަން ބޭނުން ނުވެގެން ޒިޔާދާ ގެ އަށް ދިޔައީ އެވެ. ދެވަނަ ފަހަރަށް އައިޖީއެމްއެޗަށް ދިޔައީ ހާލު ގޯސްކަމުން އެ ރޭ ޑރ. ޔަގާނެގީ ކްލިނިކަށް ދައްކައި ސްކޭން ހެދުމަށް ފަހު ޑޮކްޓަރު ދިން ލަފާގެ މަތިންނެވެ.

"މަންމަ ހޮސްޕިޓަލުގައި އޮތް އިރު ބުނެފައި އޮތީ މަންމަ ނެތަސް ކޮއްކޮމެން ބަލައްޗޭ. ތިން މީހުންނަކީ އެއް ލެއެއް. މަންމައެއް، ބައްޕައެއް ނެތް. އެހެންވީމާ އިހުސާސްކުރެވެނީ ކޮއްކޮމެންގެ ބެލެނިވެރިއަކީ ޒިދާންއޭ."

އުމުރުން 37 އަހަރުގައި ޒިޔާދާ މަރުވީ ފިރިމީހާ ޝާހުއާ ޖެހުނު މައްސަލައެއްގައި ގެއިން ނުކުމެގެން ދިޔަތާ ހަ މަސް ފަހުންނެވެ. ހަގު ދެ ކުދިން ގޮވައިގެން ބައްޕަގެ ގޭގައި އުޅެފައި ޒިޔާދާ އެހެން ގެއަކަށް ބަދަލުވި އެވެ. އެކަމަކު އޭނާ ގެންދިޔައީ ފިރިމީހާ އަށާއި ޒިދާން އަށް ވެސް ކައްކާފައި ކާންދީ އެއްޗެހި ދޮވެ އިސްތިރިކޮށްދީ ހަދަމުންނެވެ. އެ ކަންކަމުގައި ޝާހުގެ ގެ އަށް ގޮސް އުޅުނެވެ.

ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި ގޭގެ ހާލަތު ދަށްކަމުންނާއި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ ޒިޔާދާ ޝާހުއާ އެކު އުޅުނީ ވަރަށް ހިތްދަތި ދިރިއުޅުމެއް ކަމަށް އޭނާގެ ގާތް ބައެއް މީހުން ނޫސްތަކަށް ކިޔައިދީފައިވެ އެވެ.

ރަށު ކައުންސިލްގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ވަޒީފާގައި އުޅުނު ޝާހުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކެއް އޭނާގެ އާއިލާ އިން ވަނީ ދޮގުކޮށްފަ އެވެ.

"ބެލެނިވެރިއަކީ ޒިދާން"

މައިންބަފައިންނާ ވަކިވެ ހާލުގައި ޖެހުނު ތިން ކުދިން މާލޭގައި ތިބި ޒިޔާދާގެ އާއިލީ މީހުންގެ ގާތަށް ގެނަ އެވެ. އެކި ގޭގޭގައި އުޅެފައި ފަހުން ޝާހުގެ އާއިލާގެ މީހުންގެ ގާތަށް ބަދަލުވެ، މިހާރު ތިން ކުދިން ތިބެނީ ތިން ތަނެއްގަ އެވެ.

ޒިދާން: އެންމެ ފުރަތަމަ އަމާޒަކީ ވަޒީފާ އަދާކުރަމުން މަތީ ތައުލީމް ހާސިލްކުރުން. ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒިދާން: އެންމެ ފުރަތަމަ އަމާޒަކީ ވަޒީފާ އަދާކުރަމުން މަތީ ތައުލީމް ހާސިލްކުރުން. ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަށުގައި އޯލެވެލް ނިންމި ފަހުން ޒިދާން އުޅެމުން ގެންދިޔައީ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ފޮޓޯގްރާފަރަކަށެވެ. މާލެ އައިސް ވެސް އޭނާ ކުރަން ފެށީ ފޮޓޯ ނެގުމުގެ މަސައްކަތެވެ. މިދިޔަ އަހަރުގެ ޖެނުއަރީން އޮކްޓޯބަރަށް ކޮންމެ މަހަކު ތިން ބެއިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިން މަޝްހޫރު ވިޔަފާރިވެރިޔާ ވަނީ ލެޕްޓޮޕަކާއި ކެމެރާއެއް ވެސް ޒިދާން އަށް ދީފަ އެވެ. ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި މިހާރު ދެވަނަ ވަޒީފާ އަދާކުރަމުން އަންނަ ޒިދާންގެ އަޒުމަކީ ގައުމީ ޔުނިވާސިޓީން ކުރިއަށް ގެންދާ ނޫސްވެރިކަމުގެ ޑިގްރީ ކޯހުގައި ބައިވެރިވުމެވެ.

ބައްޕަގެ އާއިލާގެ މީހުންގެ ބެލުމުގެ ދަށުގައި ތިން ބެއިން ތިއްބަސް، އަމިއްލަ ޒިންމާގެ މަތިން ޒިދާން ހަނދާނެއް ނުނެތެ އެވެ. އޭނާ ދެކެނީ، ހާލު ދެރަވަމުން ދިޔަ އިރު މަންމަ ކުރި ފަހު ވަސިއްޔަތާ އެއްގޮތަށް، ކޮއްކޮމެން ބެލުމަކީ އޭނާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"މަންމަ ހޮސްޕިޓަލުގައި އޮތް އިރު ބުނެފައި އޮތީ މަންމަ ނެތަސް ކޮއްކޮމެން ބަލައްޗޭ. ތިން މީހުންނަކީ އެއް ލެއެއް. މަންމައެއް، ބައްޕައެއް ނެތް. އެހެންވީމާ އިހުސާސްކުރެވެނީ ކޮއްކޮމެންގެ ބެލެނިވެރިއަކީ ޒިދާންއޭ. ޒިދާން އަށް ލިބޭ އެއްޗަކުން ކޮއްކޮމެންނަށް ކަންތައްތައް ކޮށްދެން،" އޮންލައިން ނޫހެއްގައި މަސައްކަތްކުރަމުން އަންނަ ޒުވާނާ ކިޔައިދިނެވެ.

ޒިދާން އޭނާގެ ބައްޕަ ޝާހު (ކ) އާއެކު އަދި މަންމަ ޒިޔާދާ (ވ) އާ އެކު
ޒިދާން އޭނާގެ ބައްޕަ ޝާހު (ކ) އާއެކު އަދި މަންމަ ޒިޔާދާ (ވ) އާ އެކު

މައިންބަފައިން ވަކިވެދިޔުމާ އެކު ތިން ކުދިންނަށް ދެން ކުރިމަތިވީ އެކަކު އަނެކަކާ ވަކިވާން ޖެހުމުގެ ހިތާމަ އެވެ. ޒިދާން ބުނިގޮތުގައި އަބަދުވެސް ވަރަށް ގާތްކޮށް އުޅެމުން އައި ތިން ބެއިންގެ އުއްމީދަކީ އަލުން އެއްތަން ވުމެވެ.

"އެންމެ ފުރަތަމަ މި ބަލަނީ ފިރިހެން ކޮއްކޮ އާއި ޒިދާންއާ ދެ މީހުން އެއްކޮށް އުޅެވޭނެ ގޮތެއް ހޯދަން. ދެ މީހުން މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން އެންމެން އެކީގައި މާލޭގައި އުޅެން ބޭނުން ވަނީ. ރަށުގައި ހުރި ގެ ހަދަން ވެސް ބޭނުން،" ހުސް ވަގުތުގައި ފުޓްބޯޅަ ކުޅޭ ޒުވާނާ ކިޔައިދިނެވެ.

ޒިދާންއާ ޖެހިގެން ހުރި ފިރިހެން ކޮއްކޮ ވެސް މިހާރު ވަނީ ފޮޓޯގްރަފީގެ ތެރެއަށް ވަދެފަ އެވެ.

"މި އިހުސާސެއް ނޭނގޭނެ"

ޒިދާން ބުނާ ގޮތުގައި މަންމައަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. އޭނާގެ ހުރިހާ ކަމެއް މަންމައާ ހިއްސާކުރި އިރު މަންމަ ވެސް އެ ގާތްކަމާއި ލޯތްބާއި އަޅާލުން އޭނާ އަށް ދިނެވެ. ކުރާ ކޮންމެ ކަމެއްގައި އެންމެ ބޮޑަށް ހިތްވަރު ދީ އެހީތެރިވެދިނީ މަންމަ އެވެ.

"މަންމަ އާއި ޒިދާންއާ ދެމެދު އޮންނަ ކަހަލަ ގުޅުމެއް އެހެން އެއްވެސް މީހެއްގެ ނޯންނާނެ،" ޒިދާން ބުންޏެވެ.

އަތްމަތި ދަތިކަމުން ގޭގެ ޚަރަދުތަކާއި ކުދިންގެ ކިޔެވުމުގެ ކަންކަމާ މެދު މަންމަ ފިކުރުބޮޑުވި ވަރު ޒިދާނަށް އޮތީ ކިޔައިދީފަ އެވެ. އެކަމަކު މަންމަ އާއި ބައްޕަގެ ޒާތީ މައްސަލަތަކާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ޒިދާނަކަށް ނޭނގެ އެވެ. އެނގެނީ އެއް އާއިލާއެއްގެ ގޮތުގައި އުޅުމުގެ އުފާވެރިކަން ގެއްލި ދިޔުމަކީ ކިހާ ހިތްދަތި ކަމެއް ކަން އޭނާ އަށާއި ދެ ކޮއްކޮ އަށް ތަޖުރިބާކުރަން ޖެހިފައިވާ ކަމެވެ.

"ޒިދާން މީހަކަށް ވީ މަންމަ އާއި ބައްޕަގެ މަސައްކަތުން. ބައްޕަ އަބަދުވެސް ޒިދާންމެންގެ ކަންތައް ބަލަހައްޓައިދީ ސަޕޯޓް ދިން،" ޒިދާން ބުންޏެވެ.

"މަންމަ އާއި ބައްޕައާ ނެތީމާ ކުރެވޭ އިހުސާސް އެހެން މީހަކަށް ނޭނގޭނެ. ހަމަ އިއްޔެ ވީ ކަމެއްގެ ގޮތުގައި މިކަން އަބަދުވެސް ހަނދާން ހުރޭ. އަބަދުވެސް ވިސްނޭ. އަބަދުވެސް ދެރަވޭ."

މަންމަ އާއި ދަރިންގެ އުފާވެރި ވަގުތުކޮޅެއް: ޒިޔާދާ (ކ) އޭނާގެ ތިން ކުދިންނާ އެކު ފޮޓޯއަކަށް ހިނިތުންވެލައިގެން
މަންމަ އާއި ދަރިންގެ އުފާވެރި ވަގުތުކޮޅެއް: ޒިޔާދާ (ކ) އޭނާގެ ތިން ކުދިންނާ އެކު ފޮޓޯއަކަށް ހިނިތުންވެލައިގެން

އާއިލީ ގުޅުމަކީ މަންމަ އަށް ކިހާ މުހިއްމު އެއްޗެއް ކަން އޭނާ ހަނދާން އެބަ ހުއްޓެވެ. މަންމަގެ މާޒީގެ ވާހަކަތައް ކިޔައިދިން އިރު ދުށް ހުވަފެނަކީ އަމިއްލަ ދަރިން މައިންބަފައިންގެ ލޯތްބާއި އަޅާލުމުން މަހުރޫމްވިޔަ ނުދިނުން ކަމަށް ޒިދާން ދެކެ އެވެ.

"މަންމަ ނިޔާވުމުގެ ކުރިން އަބަދުވެސް ބުނާނެ، ޒިދާންމެން އުފާކުރަން ޖެހޭނެއޭ، ޒިދާންމެން ބޮޑުވާ އިރު މަންމަ އާއި ބައްޕައާ ދެ މީހުން ވެސް އެބަ ތިއްބޭ ކައިރީގައި،" އޭނާ ކިޔައިދިނެވެ.

މަންމަގެ މަރާއި ބައްޕަގެ ބަންދާ އެކު އެ އުފަލުން ޒިދާން އާއި ކޮއްކޮމެން މަހުރޫމްވީ އެވެ. ދެން އޮތީ ތިން ބެއިން އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ހޯދުމެވެ.