ައައިޖީއެމްއެޗުގެ ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ ފާތުން ބައިވެރިވެވަޑައިގަންނަވަނީ. ސަރުކާރު އެކި ހަރަކާތްތަކާއި ޕީޕީއެމުގެ މަސައްކަތްތަކުގައި ވެސް އެކަމަނާ އިސް ދައުރެއް އަދާކުރައްވާ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ފެބުރުއަރީ 2017 - 08:15
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ވެރިކަން ކުރާ ޕީޕީއެމް ކުރިއަރުވަން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އަށް ވުރެ ގިނަ މަސައްކަތް ކުރެއްވި އެެހެން ބޭފުޅަކު ނެތެވެ؛ މިއީ، ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރައްވާ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެވެ. ހުރިހާ ޝުކުރަކާއި ތައުރީފެއް އެކަމަނާ އަށް ރައްދު ވަނީ އެހެންވެ އެވެ.
ސިޔާސީ ދާއިރާ އާއި އިޖުތިމާއީ ދާއިރާގައި ފަސްޓް ލޭޑީ ފާތުން އަދާކުރައްވާ ދައުރު، ރާއްޖޭގެ އެހެން ފަސްޓް ލޭޑީންނާ ވަރަށް ތަފާތެވެ. ސަރުކާރުގެ އެކި ސިޔާސަތުތައް ކުރިއަރުވަން އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަ އެވެ. ޕާޓީ ކުރިއެރުވުމުގައި ވެސް އިސްވެ މިހާރު މަސައްކަތްޕުޅު ކުރައްވަނީ އެކަމަނާ އެވެ. ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮއްވެވުމުގެ ޒިންމާ އަމިއްލަފުޅަށް ނަންގަވައި އެ ކެމްޕޭން ވެސް ފައްޓަވައިފި އެވެ. މިއީ، ރާއްޖޭގެ އެހެން ފަސްޓް ލޭޑީންގެ ފަރާތުން ފެނުނު ކަމެއް ނޫނެވެ.
އިޖުތިމާއީ ޚިދުމަތްތަކުގައި އުޅުއްވިއަސް، ސިޔާސީ މައިދާނުގައި ފަސްޓް ލޭޑީ ފާތުން އަދާކުރައްވާ ފަދަ ހަރަކާތްތެރި ދައުރެއް އެހެން ފަސްޓް ލޭޑީން އަދައެއް ނުކުރައްވަ އެވެ.
ޕީޕީއެމާއި ސަރުކާރު ޕްރޮމޯޓް ކުރުމުގައި އަނބިކަނބަލުން ކުރައްވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވަން ރައީސް ޔާމީނަށް ވެސް މަޖުބޫރުވެވަޑައިގަތީ އެހެންވެ ކަމަށް ވެދާނެ އެވެ. ޕީޕީއެމްގެ އާ އޮފީސް ހުޅުއްވައި ދެއްކެވި ވާހަކަފުޅުގެ މެދުތެރެއިން ވިދާޅުވީ މިހެންނެވެ؛
ޕީޕީއެމްގެ ހަފުލާއެއްގައި ރައީސް ޔާމީން އަރިހުގައި ފަސްޓް ލޭޑީ ފާތުން. ޕީޕީއެމްގެ ހަރަކާތްތައް މިހާރު ހިންގަނީ އެކަމަނާގެ ބެއްލެވުމުގެ ދަށުން..--- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑު ވަރަށް އުފާވޭ، މެޑަމް ފާތުން އެ ކުރައްވާ މަސައްކަތުން. މެޑަމް ފާތުންގެ އޮފީހަށް ޕީޕީއެމްގެ މަސައްކަތް ކުރުމަށް، ޕީޕީއެމްގެ ލޯގޯގެ ދަށުން ހިނގަމުން ގޮސް އެއީ ވެސް އަޅުގަނޑުމެންނަށް ދަތިކަމަކަށް ވެގެން އެ އޮފީހުގެ ނަން ރައީސް ޔާމީންގެ ކެމްޕޭން އޮފީހަށް ވެސް ވެސް ބަދަލުވެގެން ދިޔަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"ނަމަވެސް އެ ކުރެވޭ މަސައްކަތަކީ ޕީޕީއެމްގެ ވެރިކަމެއް ދަމަހައްޓަން ކުރެވޭ މަސައްކަތް. ޕީޕީއެމަށް އިތުރު ޝުހުރަތު ހޯދަން ކުރާ މަސައްކަތް. ޕީޕީއެމަށް އިތުރު މެމްބަރުން ހޯދަން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ޕާޓީގެ އޮފީހުން ވެސް މި ކުރަނީ ހަމަ އެ މަސައްކަތް....އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުން އަޅުގަނޑުމެންނާ ގާތްކަން އުފެދިގެން ދިއުން."
ފަސްޓް ލޭޑީ ފާތުންގެ މަސައްކަތްޕުޅު ތަފްސީލްކޮށްދެއްވައި ރައީސް ޔާމީން ހިތްވަރުދެއްވި އެވެ. އެއް ބަޔަކަށް ރައީސްގެ މި ތައުރީފް ކަމަކުނުދިޔަ އެވެ. ފާޑުކިއުން އޮއްސާލީ އެވެ. އެ ތައުރީފް ބައެއް މީހުން ސިފަކުރީ، ސަރުކާރާއި ޕާޓީ ތެރޭގައި އެކަމަނާގެ ނުފޫޒު އޮތް މިންވަރުގެ ބޮޑުކަމެވެ.
އެކަމަކު ޕީޕީއެމްގެ ބައެއް މީހުން އުފައްދާ ސުވާލަކީ އެކަމަނާ އެ ކުރައްވާ މަސައްކަތްޕުޅަށް ހިތްވަރުދިނުމަކީ މައްސަލައެއް ހެއްޔެވެ؟ ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަށް ހެއްދެވުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވާ އިރު އެކަމަށް ނުރުހުން އަމާޒުކުރަން ޖެހޭ ސަބަބެއް އޮންނަން ޖެހޭ ހެއްޔެވެ؟
ޕީޕީއެމަށް މެމްބަރުން އިތުރުކުރަން ފަސްޓް ލޭޑީ ފާތުންގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތުން ލިބުނު ފޯމުތަކަކާ އެކަމަނާ ހަވާލުވެވަޑައިގަންނަވަނީ. --ފޮޓޯ: ސޯޝަލްމީޑިއާ
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކެވަޑައިގަންނަވާ ގޮތުގައި، މައްސަލައަކީ އެކަމަނާއާ ހަވާލުވެފައި ނެތް މަސްއޫލިއްތުތަކެއް އަދާކުރެއްވުމެވެ. ޕީޕީއެމް ދެ ބައިވުމުގެ އަސްލަކީ ވެސް ފަސްޓް ލޭޑީ ފާތުންގެ އޮފީހުން ޕާޓީގެ ކަންކަން ކުރަން ފެށުން ކަމަށް ނުސީދާކޮށް، މައުމޫން ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ހުރިހާ ކަމެއް ވެސް ފަސްޓް ލޭޑީގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާތީ، މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ފަސްޓް ލޭޑީ އަކީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގައި ވެސް ވަކި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ މަގާމެއް ނޫން ކަމަށެވެ. އެހެންވެ، ޕީޕީއެމްގެ ގައުމީ ޖަލްސާ އާއި ކައުންސިލުން ވެސް ފާސްކޮށްފައި ނުވާ މަގާމެއްގައި ހުންނަވާ ބޭފުޅަކާ ޕާޓީގެ ހިންގުމުގެ ކަންކަން ހަވާލުކުރުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް، މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ ސަރުކާރު ހިންގުމުގައި ވެސް އެކަމަނާ އަށް އެއްވެސް ދައުރެއް ނެތްއިރު ހުރިހާ ކަމެއް އެކަމަނާ އަށް ދަންނަވައިގެން ކުރަން ޖެހުމަކީ މައްސަލައެއް ކަމަށެވެ. ސަރުކާރުގެ އެކި ކަންކަމުގައި އެކަމަނާ ނުފޫޒު ފޯރުއްވަވާ ކަމުގެ ތުހުމަތުތައް ކުރުމުގެ ފުރުސަތު ލިބެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ބަލަމާ، އާސަންދަ. އާއްމު އުސޫލުން ފޯމު ހުށަހަޅައިގެން އާސަންދަ ނުލިބޭ މީހާ އަށް ފަސްޓް ލޭޑީ އަށް ދަންނަވައިގެން އެބަ ހަމަޖައްސައިދޭ. މިއީ މައްސަލައެއް ދެއްތޯ؟ ޕާޓީ ކަންކަމުގައި ވެސް އެކަމަނާ ކުރިއަށް ނެރުއްވައިގެން އުޅުއްވަނީ ޕީޕީއެމްގެ ކަންކަމަކީ ވެސް ރައީސް ޔާމީން ކުރައްވާ ކަންކަން ނޫން ކަމަށް ދެއްކުމަށް،" ނާދިރާ ވިދާޅުވި އެވެ.
މެޑަމް ފާތުންގެ މަސައްކަތުން އެ ލިބޭ ފޯމެއް ވެއްޖިއްޔާ ވެސް ވަންނަނީ ޕާޓީގެ އޮފީހަށް. މެޑަމް ފާތުން އަމިއްލަ އަށް އުފައްދައިގެން އުޅޭ ޕާޓީއެއް ނޯވޭ. އެކަމަނާ އެ ކޮށްދެއްވާ މަސައްކަތުން ވެސް ފޯމެއް އިތުރުވެއްޖިއްޔާ މި އިތުރުވަނީ ޕީޕީއެމްގެ މެމްބަޝިޕް. --ނިހާން
ޕީޕީއެމްގެ އެއްވެސް މަސައްކަތެއް ކުރެއްވުމުގެ ހައިސިއްޔަތެއް ފަސްޓް ލޭޑީ ފާތުން އަށް ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވާ ވާހަކަފުޅާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ދެކޮޅެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޕާޓީގެ އާއްމު މެމްބަރެއްގެ ހައިސިއްޔަތު ފަސްޓް ލޭޑީ ފާތުން އަށް ވެސް އެބަ އޮތެވެ. މާނައަކީ، ޕާޓީ ކުރިއަރުވަން ހެޔޮހިތުން އެކަމަނާ ކުރައްވާ މަސައްކަތްތަކުގައި، އެއްވެސް ފަރާތެއްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.
"އެކަމަނާ އިސްވެ ކުރައްވާ ޕާޓީގެ މެމްބަޝިޕް ޑްރައިވް މަސައްކަތަކީ ވެސް ރަނގަޅަށް، ބަރާބަރަށް ކުރައްވާ ކަންތައްތަކެކޭ،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ އާ އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ބައިވެރިވެވަަޑައިގަންނަވަނީ..---ފޮޓޯ: ނިޝާން އަލީ/މިހާރު
ފަސްޓް ލޭޑީ ފާތުން ކުރައްވާ އިޖުތިމާއީ ކަންކަމަށް ފާޑުކިއުން އަމާޒުކުރާއިރު، ނިހާން ވިދާޅުވީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ކުރާ މަސައްކަތަށް އެކަމަނާގެ އިޖުތިމާއީ ދައުރެއް އޮންނަ ކަމަށެވެ. އެކި ދާއިރާތަކުން މިހާރު، އެ ކުރައްވަނީ އެ މަސައްކަތްޕުޅު ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ވެސް، ހުރިހާ ފަސްޓް ލޭޑީން އިޖުތިމާއީ މަސައްކަތްތައް ކުރެއްވި އެވެ. ހަމައެކަނި ތަފާތަކީ، ނިހާން ދެކެވަޑައިގަންނަވާ ގޮތުގައި، ފާތުން ކުރައްވާ މަސައްކަތުގެ ސްޕީޑެވެ.
"އެކަމަނާގެ މަސައްކަތްޕުޅުގެ ސްޕީޑު އެ ހުންނެވީ މިހާތަނަށް އެ ކަންތައްތަކުގައި އުޅުއްވި ބޭފުޅުންނަށް ގާތް ވެސް ނުކުރެވޭ އަދަދެއްގައި، ތިން އަހަރުގެ މަސައްކަތަށް ބަލާއިރު ވެސް،" ނިހާން ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ދެއްކެވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝަކުވާތަކަށް ހައްލު ހޯއްދަވައި ދެއްވަން ކުރައްވާ މަސައްކަތްޕުޅެވެ. އެ ދާއިރާގެ ތެރެއިން އެކަމަނާ ކުރައްވާ މަސައްކަތުން ނަތީޖާ ހާސިލްވަމުން އަންނަ ކަމަށް ނިހާން ވިދާޅުވި އެވެ.
ޕާޓީގެ މަސައްކަތްތަކަށް ބަލައިލާއިރު ވެސް، ނިހާން ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ މެމްބަރުންގެ އަދަދު ކުއްލިއަކަށް އިތުރުވެގެން ދިޔައީ ފަސްޓް ލޭޑީ ފާތުން ކުރެއްވި މަސައްކަތްތަކުންނެވެ.
"މެޑަމް ފާތުންގެ މަސައްކަތުން އެ ލިބޭ ފޯމެއް ވެއްޖިއްޔާ ވެސް ވަންނަނީ ޕާޓީގެ އޮފީހަށް. މެޑަމް ފާތުން އަމިއްލަ އަށް އުފައްދައިގެން އުޅޭ ޕާޓީއެއް ނޯވޭ،" ނިހާން ވިދާޅުވި އެވެ.
"އެކަމަނާ އެ ކޮށްދެއްވާ މަސައްކަތުން ވެސް ފޯމެއް އިތުރުވެއްޖިއްޔާ މި އިތުރުވަނީ ޕީޕީއެމްގެ މެމްބަޝިޕް، އެއަށް ފާޑުވިދާޅުވާން ވެއްޖިއްޔާ މައްސަލައެއްތާ އެއީ، އެކަމަކު ވެސް އެ ދަތިކަން މިދިޔަ އަހަރު ވެސް އޮތް ފާޑުވިދާޅުވަމުން ގެންދެވި. އެކަމަކު ވެސް ހިތްވަރު ދޫކޮށްނުލައްވައި ކުރެއްވުމުގެ ނަތީޖާ އަކީ މެމްބަރުންގެ އަދަދު އިތުރުވުން."
ނިހާން ވިދާޅުވި ގޮތުގައި ފަސްޓް ލޭޑީ ފާތުން އަށް ވަޒީރުންނާއި މަޖިލިސް މެމްބަރުން ވެސް ތައުރީފްކުރައްވަނީ، އިޖުތިމާއީ ދާއިރާ އާއި ސިޔާސީ ދާއިރާ ވިއަސް އެކަމަނާ ހާސިލްކުރެއްވި ކަންކަން ކުރެއްވި އެހެން ބޭފުޅަކު ނުފެންނާތީ އެވެ.
ކޮންމެއަކަސް މިއީ ޚިޔާލު ތަފާތުވާ ކަމެކެވެ. ނަމަވެސް ފެންނަނީ ފަސްޓް ލޭޑީ ފާތުން، ޕީޕީއެމް އާއި ރައީސް ޔާމީންގެ ޕްރޮމޯޝަންގައި ކުރީ ސަފުގައި ހުންނަވާ ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުރުމު
14 February 2017
މެޑަމް ވަށާގެން އެބުރޭ އެމްޑީން ވަގުތުބަެނުން ކޮށްގެން އަމިއްލަރަށުގަ ގެސްޓހައުސްތަށް ދަނީ ހަދަމުން. ކޮންތާކުން ނެރޭ ފައިސާއަކުންބާ......!!
މޮޑެން
14 February 2017
އެމެރިކާގެ ރައީސުން އިނދެގެން އުޅުނު އަންހެނުންނަށްވެސް މެޑަމް އެއް ނުކިޔާ. ކޮން މެޑަމެއްތަ؟
ޒައިޝް
14 February 2017
ދައްކަން ހުރި ވާހަކަ ވަރަށް ގިނަ.. ކުރުކޮށް ބުނަންޏާ ބުނެވެން އޮތީ އަދީބުގެ ރޯލު އަދާކުރާނެ މީހެއް ނެތި ޕީޕީއެމަށް ފަކްޝަނެއް ހަމަ ނުކުރެވެޔޭ
Maldives
14 February 2017
ފަސްޓްލޭޑީ ގެ ނަން ބޭނުންކޮށްގެން ކޮރަޕްޝަންހިންގުމަކީ ވަރަށްބޮޑު ގޯހެއް.
ބެއްޔާ
14 February 2017
އަހަރެން ދެކޭ ގޮތުގާ މެޑަމް ފާތުން އަކީ ޕޕމ ހަލާކު ކޮށްލުމުގެ އިސް މޭސްތިރި!!!! ވަކި އޮފީހެއްހަދައިގެން ވަކި އެޖެންޑާއެއްގެ ދަށުން ކުރި މަސައްކަތުގެ ނަތީޖާ މިއަދު މިފެންނަނީ!!! ޒާތީ ތައްއްސުބާއި އާއިލީ ނަފްރަތާއި ބަދަލު ހިފުމަށް ފުރުސަތު ލިބުމުން (އާރާއި ބާރު ލިބުނު ވަގުތު) ހިތުހުރި ގޮތަކަށް ބަދަލު ހިފުމުގެ ނަތީޖާއަކީ ފފމ ހަލާކުވެ، ވެރިކަން ބީވެގެން ދިއުމާއި ދިމާލަށް މިސްރާބު ސީދާވުން!!! މިވަރުގެ ފަސްޓް ލޭޑިއެއް ދެން މިގައުމަކަށް އަންނާނެހެން ހިއެއްނުވޭ!!!!
ތެދުބަސް
14 February 2017
ތީ ޤަުމުގެ ރައްޔިތުންނާއިގެން އުޅޭ ބައެއް ނޫން، ވެރިކަމާއިގެން އުޅޭބައެއް،،،،
ކޮރި ބޯށި
14 February 2017
ޕީޕީއެމް ކުރި އަރުވަން ސަރުކާރުގެ މުދަލާއި ވަސީލަތް ތަށް ބޭނުން ކޮއްގެން ނުވާނެ.
ހަސަން
14 February 2017
މެޑަމް ފާތުންއަށް ތިގޮތައް ފޯމް ފުރިދާނެ.. އެކަމަކު އަހަރެން އަހާލަން ބޭނުން ވަނީ މެޑަމް އަށް މީހުންގެ ހިތް އަތުލާފަ ހިތުގަ ޕީޕީއެމް އައް ސޮއި ކޮށްލެވޭނެތޯ...
އަންނަންއުޅޭ
14 February 2017
މީހުންގެ ހިތް އަތުލާފައި ވެސް ފަސްޓް ލޭޑީ އަށް ރަންރީނދޫ ބިއުޓީ ކްއީން މެންގެ ސޮއި ހޯދުމުގެ ގާބިލް ކަން ލިބިގެން ވެއެެވެ. މަމެން ގެ ފަސްޓް ލޭޑީ އަކީ އެއީ ވެލް ބްލެސްޑް ފަސްޓް ލޭޑީއެކެވެ. ތަމެން ދެން އަންނަން އުޅެގަ ހެޔޮ ނުވާނެ ދޯ.
ދޮންކަމަނަ
14 February 2017
އަހަރެންގެ ފިރިމީހާވެސް ބާރުގަދަ މަޤާމެއްގައި ހުރިނަމަ އަހަރެންވެސް ނިކަން ހަލުވި ސްޕީޑުގައި ކަންކަންކޮށްލާނަން. މިހާރު ކަން ހިނގަމުންދާ ގޮތުން ބުނެވެންއޮތީ އެކްސެސް އޮތީމައި އޭގެ ބޭނުން ހިފަނީއޭ. ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމޭ މިބުނަނީ. އެއްވެސް އުސޫލެއް ޤަވައިދެއްނެތި ފާތުން ކުރާކަމެއްގެ އާހިރު ނަތީޖާ ނުބައިވެއްޖެ ނަމަ އޭގެ ޒިންމާ ކާކުގެ ބޮލުގައިބާ އަޅުވަންޖެހޭނީ.
ފުނޯސް
14 February 2017
މިދިޔަ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ލިބުނުކަމަށް ވަނީ. ރަށްޔިތުންގެ އެހީ ކިތަންމެ ހާވެސް ބޮޑު. ރަށްޔިތުން މިވަރަށް ފައިސާ ދޭއިރުވެސް، ކުރިއެރި ނިސްބަތް ވަރަށް ކުޑަ. ރަށްޔިތު މީހާގެ ޖީބަށް އެގުމެއްނުވޭ. ލިބެމުން ދަނީ ނިކަމެތިކަން.