ދިވެހިންގެ ތެރޭގައި ޖޭމުދޮންކަމަނަގެ އަޑެއް އަދިވެސް ނުކެނޑެ އެވެ. ޖަމީލާ ހަސަން އާއި ހޯރަފުށީ ފަރީދާ ވެސް މީހުން ދަންނަނީ ރީތި ލަވަތަކެއް ދޫކޮށްފައި ދިޔަ އަންހެނުންތަކެއްގެ ގޮތުގަ އެވެ. އެ މީހުންގެ ލަވަތައް ޖަހައި، އެ އަޑަށް އަދިވެސް މީހުން ތައުރީފް ކުރެ އެވެ.
މިއީ ވެސް ހަމަ ޖޭމުދޮންކަމަނަ އަދި ފަރީދާގެ އަޑު ކަހަލަ ތަފާތު އަޑެއްގެ ވެރި އެކެވެ.
ރުގިއްޔާ އަބްދުﷲ މިހާރު އަންނަނީ، އޭނާގެ އަޑުގެ ޖާދޫގައި ގިނަ ބަޔަކު ޖައްސައި، މަގްބޫލުކަން ހޯދަމުންނެވެ.
ރުގިއްޔާއޭ ބުނީމައި ފަހަރެއްގައި ބައެއް މީހުންނަށް ނޭނގިދާނެ އެވެ. އެކަމަކު މި ފަހުން އޭނާ ކިޔާފައިވާ "ފެހިފެހި އާޒާދީ"ގެ ވާހަކަ ބުނެފި ނަމަ މިހާރު އޭނާ ނުދަންނަ މީހަކު މަދުވާނެ އެވެ. އެ ލަވައާ އެކު ރުގިއްޔާ ވެސް ވަރަށް މަޝްހޫރުވެއްޖެ އެވެ.
"ތިން ބެރު ރުގިއްޔާ"
މިހާރު 40 އަހަރުން މައްޗަށް ގޮސްފައިވާ ރުގިއްޔާ އުޅެބޮޑުވީ ބެރުޖެހުމާއި ނެށުމުގެ ތެރޭގަ އެވެ. އޭނާގެ ބައްޕައަކީ އުތުރަށް މަޝްހޫރު ބެރުވެރިއެކެވެ. ވަރަށް ޅައުމުރުގައި ބެރު ޖަހަން ދަސްކޮށް، ހައެއްކަ އަހަރުގައި ތިން ބެރު ޖަހަން ފަށައިފި އެވެ. އެކުއެކީގައި ތިން ބެރުގެ ހަކޮޅުގައި ޖެހުމުގެ މި ހުނަރުގެ ސަބަބުން އޭރުން ފެށިގެން މީހުން އޭނާ ދަންނަނީ ތިންބެރު ރުގިއްޔާގެ ގޮތުގަ އެވެ.
"އަޅުގަނޑަކީ ތިންބެރު ރުގިއްޔާ. ގިނަ މީހުން ކިޔާނީ އެހެން،" ތިން ކުދިންގެ މަންމަ އަމިއްލައަށް ތައާރަފްވީ ވެެސް އެހެންނެވެ.
"ލަވަކިޔައި ނަށަން ފެށުމުގެ މާ ކުރިން އަޅުގަނޑު ބެރު ޖަހަން ފަށައިފިން،"
ބައްޕަ ކައިރިން ބެރު ޖަހައި ލަވަކިޔަން ދަސްކޮށް، އާއިލާގެ ދެން ތިބި މީހުންނާއެކު އޭނާ އަބަދު ވެސް އުޅުނީ މިއުޒިކްގެ ތެރޭގަ އެވެ. ބައްޕަ އާއި ދައްތަ ނިޔާވުމުން، އެ މީހުންގެ އެ ރީތި ލަވަތައް ދެމެހެއްޓުމަށް، ހެދި ބޮޑުބެރު ގުރޫޕުގައި ވެސް ރުގިއްޔާގެ އެއްބަނޑު އެއްބަފާ ދައްތަ އައިމިނަތު ވަހީދާ އާއި ފައުޒިއްޔާ އަބްދުﷲ ހިމެނެ އެވެ.
ހުސް އަންހެނުން ހިމެނޭ އެ ގުރޫޕުން މިވީ ދުވަސްތަކުގައި ވަނީ އިތުރުގެ ގިނަ ރަށްރަށުގެ އިތުރުން ބައެއް ރިސޯޓުތަކުގައި ވެސް ފޯރިގަދަ ޝޯތަކެއް ދީފަ އެވެ.
އެކަމަކު ރުގިއްޔާގެ ނަން މި ފަހުން މަޝްހޫރު ވެގެން މިއުޅެނީ، ސަގާފީ މިއުޒިކް ބޭންޑް، "ވޭލާ"އާ ގުޅި، ގެނެސްދިން ލަވަތަކެއް ބައެއް ޓީވީ ޗެނަލްތަކުން ދައްކަން ފެށުމާއެކު އެވެ. ހުރިހާ ލަވަތަކުގެ ތެރޭން ވެސް، ހޯރަފުށީ މަރުހޫމް އާދަމް ސަލީމް ހައްދާފައިވާ ފެހިފެހި އާޒާދީ ވަރަށް ރީތިވެފައި މަޝްހޫރެވެ.
ރުގިއްޔާ ވޭލާ ބޭންޑާ ގުޅުނީ މިދިޔަ އަހަރު އެވެ. އާމްދަނީ ހޯދުމަށް ހަވާދު ދެވުން ފަދަ މަސައްކަތް ރަށުގައި ކޮށް އުޅޭ ރުގިއްޔާ، ބޮޑު ބަންދަށް މާލެ އައިސް، އެންމެ ފުރަތަމަ އެ ބޭންޑުގެ ޕްރެކްޓިސް ސެޝަނެއްގައި ބައިވެރިވީ އެވެ. ދެން ބޭންޑުގެ އިސް މީހުންނާއެކު، އޮންނަ އެކުވެރިކަމުގައި އެ ބޭންޑާ އޭނާ ގުޅުނީ އެވެ.
މީގެ ވިއްސަކަށް އަހަރު ކުރިއްސުރެ މިއުޒިކް ކުޅެމުން އަންނަ ވޭލާ ބޭންޑުގައި ރުގިއްޔާގެ އިތުރުން އޭނާގެ ދައްތަ ފައުޒިއްޔާ ވެސް ހިމެނެ އެވެ. އޭނާއަކީ އެ ބޭންޑުގެ ނެށުންތެރިއާ އެވެ.
މިހާރު ބަންދު ދުވަސްތަކުގައި ރަަށުގައި ހުންނާކަށް ރުގިއްޔާއަކަށް ފުރުސަތެއް ނުލިބެ އެވެ. އީދު ބަންދު ފަދަ ޗުއްޓީތަކުގައި އޭނާ މުޅިން ވެސް އުޅެން ޖެހެނީ ބޭންޑާއެކު އެއް ރަށުން އަނެއް ރަށުގަ އެވެ. މިދިޔަ ބޮޑު އީދުގައި ވެސް އޭނާ ވަނީ ރ. ދުވާފަރާއި ޅ. ނައިފަރާއި ބ. ކަމަދޫ އާއި ށ. ފޯކައިދޫގެ އިތުރުން އަމިއްލަފުށި ރިސޯޓަށް ގޮސްފަ އެވެ.
"ކޮންމެ ރަށަކުން ވެސް ވަރަށް ހޫނު މަރުހަބާއެއް ކިޔާ. ވޭލާ ބޭންޑާ ގުޅުނު ފަހުން އަޅުގަނޑަށް ލިބޭ ތަރުހީބު ވެސް ވަރަށް ބޮޑު،" އެންމެ ހަގަށް، 13 އަހަރުގެ އަންހެން ކުއްޖަކު ހުންނަ ރުގިއްޔާ ބުންޏެވެ.
ރުގިއްޔާ ބުނިގޮތުގައި ކޮންމެ ރަށަކުން ވެސް އެންމެ ބޮޑު ތަރުހީބެއް ލިބެނީ އޭނާގެ "ފެހިފެހި އާޒާދީ ލަވަ" އަށެވެ.
އޭނާގެ އަޑުގެ އިތުރުން ދެން އެންމެ ގިނަ ބަޔަކު ރުގިއްޔާ ފާހަގަ ކުރަނީ ލަވަ ކިޔާއިރު އޭނާ ގެންގުޅޭ ނެށުމުގެ ހަރަކާތްތަކަށެވެ. ހާއްސަކޮށް ދެ ކޮނޑު ތަޅުވާލާގޮތް ގިނަ ބަޔަކަށް ވަރަށް މަޖަލެވެ.
ރުގިއްޔާ ބުނިގޮތުގައި އޭނާއަށް ނަށަން ދަސްކޮށްދިނީ ދައްތަ ވަހީދާ އެވެ. އަރާ ފޯރީގައި ކޮނޑު އެހެން ތެޅުވުނު ނަމަވެސް އޭނާއަކީ ބޮޑުބެރަށް ރީތިކޮށް ނަށާ މީހެކެވެ.
އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ އާއި އާއިލާ
ރަށުގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ރުގިއްޔާގެ ފިިރިމީހާއަކީ މަސްވެރިއެކެވެ. ދޮށީ ދެ ފިރިހެން ދަރިން މާލޭގައި ވަޒީފާ އަދާކުރާއިރު ހަގު ދަރި ރަށު ސްކޫލުގައި ކިޔަވަނީ އެވެ. އެއިން އެއްވެސް ކުއްޖެއް މިއުޒިކްގެ ދާއިރާއަކަށް މާބޮޑު ޝައުގުވެރިކަމެއް ނުބަހައްޓަ އެވެ. އެކަމަކު ރުގިއްޔާ ބުނިގޮތުގައި މި ދާއިރާއިން އޭނާއަށް އެންމެ ބޮޑު އެއްބާރުލުމެއް ދެނީ ފިރިމީހާއާ ދަރިންނެވެ.
"އާއްމުކޮށް ވަރަށް އަންހެނުން ނުކުރާ ކަމެއް މިއީ. އެކަމަކު އަޅުގަނޑު ފިރިމީހާ މިކަމަށް ހިތްވަރު ދޭ." އޭނާ ބުންޏެވެ.
"އަޅުގަނޑާއެކު ޝޯދޭން އަދި ރަށަކަށް ނުދިޔަޔަސް މިކަން ނުކުރާށެކޭ ނުބުނޭ،"
އޭނާ ބުނީ މިއީ އެ އުމުރުގެ އަންހެނުން އާއްމުކޮށް ނުކުރާ ކަމެއް ނަމަވެސް، ބޭންޑާއެކު ރަށްރަށަށް ދަތުރުކުރާއިރު އެއްވެސް ކަހަލަ ނުރަނގަޅު ކޮމެންޓެއް މީހުންގެ ފަރާތުން ނުލިބޭ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ކޮންމެ ރަށަކުން ވެސް ހީނުކުރާވަރުގެ ރަނގަޅު މެހެމާންދާރީއެއް ލިބޭ ކަމަށް ބުންޏެވެ.
"ރަށްރަށުގެ މީހުން ވަރަށް ވަރަށް ރަނގަޅު. ގުޅާފައި ވެސް ގިނަ ބަޔަކު ބުނޭ ލަވަކިޔާ ގޮތް ވަރަށް ރީއްޗޭ. އެހެންވެ، ވަރަށް ހިތްހަމަ ޖެހޭ،" ރުގިއްޔާ ބުންޏެވެ.
މި މަސައްކަތުން އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އަދި ހިތްހަމަޖެހުމާއި ގިނަ ބައެއްގެ ލޯބި ލިބެ އެވެ. އެހެންވެ، ރުގިއްޔާ ހުރީ މި ދާއިރާއިން އެރުނު އެންމެ އުހަކަށް އަރާށެވެ.