ކުޅިވަރު

އެސޯސިއޭޝަންތަކުގެ އިންތިހާބާ އެކު އުއްމީދީ މަންޒަރުތަކެއް

އެފްއޭއެމްގެ އާ ބޯޑުގެ މެމްބަރުން: އެފްއޭއެމަށް ދާއިމީ ބޯޑެއް މިއައީ ދެ އަހަރަށް ފަހު. ---ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހިރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބީ ދައުރެއް ނިމިގެން ދަނީ، އެސޯސިއޭޝަން ހިންގަން ތިބޭ ފަރާތްތަކާއި ނާކާމިޔާބުވާ ފަރާތްތަކުގެ މެދުގައި ހިނގާ ހަނގުރާމައެއްގެ ތެރޭގަ އެވެ. ކުޅިވަރު ޓީމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަށް ވުރެ ބޮޑީ އެސޯސިއޭޝަނުގެ ލީޑާޝިޕުގެ ތެރޭގައި އޮންނަ ވާދަވެރިކަމެވެ. ބަދަލަކަށް ގިނަ ބަޔަކު އެދި ގޮވިޔަސް އެ ފުރުސަތު ދޭން ބޭނުންނުވާ ބައެއް ވެރިންގެ ސަބަބުން އެސޯސިއޭޝަންތަކުގެ ދުވެލި އޮންނަނީ މަޑުވެފަ އެވެ. އެކަމަކު ފަހަކަށް އައިސް އެކަން ކޮންމެވެސް ވަރަކަށް އަންނަނީ ބަދަލުވަމުންނެވެ.

ދާދި ފަހުން ނިމިގެން ދިޔަ ތިން އިންތިހާބަކަށް ބަލާއިރު ފުޓްބޯޅަ އެސޯސިއޭޝަނާއި ކްރިކެޓް ބޯޑާއި ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ފެނިގެން ދިޔައީ ރީތި މިސާލެކެވެ. އެފްއޭއެމަށް ބަލާއިރު ރާއްޖެ ސަސްޕެންޑްވިޔަ ނުދިމުމަށްޓަކައި ކެންޑިޑޭޓް މުހައްމަދު ޝަވީދު ވަނީ ފަހަތަށް ޖެހި އަހުމަދު ތޯރިގް (ޓޮމް) އާ އެއް ފަޅިއަކަށް އަރައިފަ އެވެ. ކްރިކެޓް ބޯޑުގެ ރައީސްކަން މިދިޔަ ދެ ދައުރުގައި ކުރެއްވި ރެޑިއަމް އަހުމަދު ހަސަން ދީދީ (އަހައްމައިދީ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް ސީވީޑް އަހުމަދު ލަތީފް ވަނީ، ޒުވާން ލީޑާޝިޕަކަށް ފުރުސަތު ދެއްވުމަށް އިންތިހާބަށް ވާދަނުކުރައްވަން ނިންމަވައިފަ އެވެ. އަދި އަލަށް ހޮވުނު ޓީމަށް އެހީތެރިވެ، އެއްބާރުލުން ދޭން ތިއްބެވީ ތައްޔާރަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް ލަތީފް ވޯޓް ދެއްވަނީ.

"އަޅުގަނޑު އެއްވެސް އިރަކު، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ގަބޫލެއް ނުކުރަން އަޅުގަނޑު އުފަންވީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސްކަން މުޅި އުމުރަށް ކުރަން ކަމަށް،" ސީވީޑް ލަތީފް ވިދާޅުވެފައިވެ އެވެ. "އެހެންވެ އެންމެ ރަނގަޅު ވަގުތު ޖެހުމުން މި މަގާމުން ދުރުވާން ނިންމީ، އެއީ އަޅުގަނޑާ އެކު މަސައްކަތްކުރާ ޒުވާނުންނަށް ލީޑާޝިޕަށް އައުމަށް ފުރުސަތު ދިނުމަށާ އެކު."

ލަތީފް ވިދާޅުވީ އަބަދުވެސް، ޒުވާނުންނަށް ކުރިއަށް ދިއުމަށް ހިތްވަރު ދެއްވި ކަމަށާއި އެ ފަރާތްތަކުގެ ކެންޑިޑެސީ އަށް ފުރިހަމައަށް ތާއީދުކުރި ކަމަށެވެ. އާ ރައީސް އަލީ ރަޝީދު (އައްޔަ) އަށް މަގާމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ވެސް އައްޔަ ދެކެވަޑައިގަންނަވާ ގޮތުގައި ކުރީގެ ޓީމުގެ ފަރާތުން ލިބޭ އެއްބާރުލުމެވެ.

"އަޅުގަނޑުމެން އެއްމެން އެއްކޮށް މިތިބީ. އޭގެ ސަބަބުން ވަރަށް ފަސޭހަވެގެންދާނެ ކުރިއަށްދާން. އެހެން ގިނަ ކުޅިވަރަތާ ހިލާފަށް މި ކުޅިވަރުގައި ނެތް އެއްވެސް ބައިބައިވުމެއް،" އައްޔަ ވިދާޅުވި އެވެ.

އަހައްމައިދީ ވެސް ވިދާޅުވެފައިވަނީ، އެކަށީގެންވާ ހިދުމަތްތަކެއް ކުރެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި މިއީ އާ ބަޔަކަށް ފުރުސަތު ދޭންވީ ވަގުތު ކަމަށެވެ. އަހުމަދު އަފްލާހް (އަފޫ) އިންތިހާބު ކާމިޔާބުކުރެއްވި އިރު އަހައްމައިދީ މާ ކުރިން ވަނީ، ވާދަނުކުރައްވާނެކަން އިއުލާންކޮށްފަ އެވެ.

އެސޯސިއޭޝަންތަކުގެ ބެލެނެވެރިޔާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ވަނީ މި ބަދަލުތަކަށް މަރުހަބާ ކިޔައިފަ އެވެ. ޒަމާންތަކަށް ފަހު އޮލިމްޕިކް ކޮމިޓީގެ ލީޑާޝިޕަށް 2008 ވަނަ އަހަރު އައި ބަދަލާ އެކު އެ ކޮމިޓީގެ ހިންގުމާ ހަވާލުވެ ރަނގަޅު ބަދަލުތަކެއް ގެންނެވި މަރުޒޫގު ވިދާޅުވީ ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި ހަމަ އެއާ އެކު، ޒުވާނުންނަށް ލަފާ ދިނުމުގައި ކުރީގެ ތަޖުރިބާކާރު ހިންގުންތެރިން ތިބުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އާ އެކްސްކޯ (ކ-ވ) ނިޝާ، ތާޅަފިލި އަލިބެ، ޝާޒިލް، އަލީ ރަޝީދު، ޒުލައިހާ، ޝިއުރީ، އިބްރާހިމް ލަތީފް.

"ވަރަށް ރަނގަޅު ބަދަލުތަކެއް މި އައީ. ހާއްސަކޮށް ޒުވާނުން އެސޯސިއޭޝަންތަކުގެ ލީޑާޝިޕަށް އައުމަކީ ރަނގަޅު ބަދަލެެއް. އެއާ އެކު އެބަފެނޭ ކުރީގެ ރައީސުން ވެސް އަލަށް ހޮވުނު ލީޑަރުންނާ އެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރާތަން. އެފަދަ ގައިޑެންސް އެބަ ބޭނުންވޭ. އެއީ ވަރަށް މުހިއްމު ކަމެއް،" މަރުޒޫގު ވިދާޅުވި އެވެ.

ތިން އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ހޮވުނު ތިން ޒުވާން ރައީސުންނަކީ ވެސް ކުރީގެ ކުޅުންތެރިންނެވެ. އެފްއޭއެމްގެ ރައީސް ޓޮމް އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑެވެ. ގައުމީ ފެންވަރުގައި މޮޅަށް އައްޔަ ޓީޓީ ކުޅުއްވި އިރު އަފޫ އަކީ ގައުމީ ކްރިކެޓް ޓީމުން ބައިނަލްއަގްވާމީ ދެ މުބާރާތެއް ކާމިޔާބުކުރިއިރު ބޮޑު ހިއްސާއެއްވި ކުޅުންތެރިއެކެވެ.

މަރުޒޫގު ވިދާޅުވީ މޮޅަށް ކުޅެފައި ހުރުމަކީ އޮޓޮމެޓިކުން މޮޅު ހިންގުތެރިއަކަށް ވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެހެންވެ އެ ތިން ރައީސުން ވެސް ބުރަކޮށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ރަނގަޅު ޓީމްތައް އެބަހުރި ފެއިލްވެފައި ވެސް. މީގައި ކޮމިޓްމެންޓް މުހިއްމީ. ދެން މީގެ ތެރެއިން ބަލާއިރު އައްޔަ އަކީ ވެސް އެސޯސިއޭޝަންތަކުގެ މަގާމްތައް ފުރަމުން ރައީސަކަށް އައި މީހެއް. އަފޫ ވެސް ބޯޑުގައި ކުރިން މަސައްކަތްކުރި. އަދި ބޮޑެތި ކުންފުނިތައް މެނޭޖްކުރުމުގައި ވެސް ހަރަކާތްތެރިވި. އެހެންކަމުން ތަޖުރިބާ ވެސް ހުންނާނެ،" މަރުޒޫގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ނެޓްބޯޅަ "މަރުވެފައި" އޮއްވާ ފަހުން އެސޯސިއޭޝަނާ ހަވާލުވި ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ޝާޒްލީ އަދި ނައިބް ރައީސް އައިމިނަތު ނިމާއާ އެކު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

"ކްރިކެޓް ވެސް އެފަދަ ހާލަތެއްގައި އޮތީ. އުއްމީދުކުރަނީ އާ އިންތިހާބަކާ އެކު ނެޓްބޯޅައަށް އެއައި ހެޔޮ ބަދަލު ކްރިކެޓުން ވެސް ފެންނާނެ ކަމަށް،" މަރުޒޫގު ވިދާޅުވި އެވެ.

އުއްމީދީ ބަދަލުތަކެއް ފެނުނު ނަމަވެސް އަދި ބައެއް އެސޯސިއޭޝަންތަކުގެ ހާލަތު ބަދަލެއް ނުވެ އެވެ. އެގޮތުން ބަލާއިރު ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބު އޮތީ މަރުތަޅު އެޅިފަ އެވެ. އެސޯސިއޭޝަނުގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، ކޯރަމް ހަމަނުވެ އެކްސްކޯ ނުބޭއްވި އިންތިހާބާ މެދު އޮތީ ގޮތެއް ނުނިންމިފަ އެވެ. އެސޯސިއޭޝަންތަކުގެ ވެރިންނާއި އެ މަގާމަށް އަންނަ ބޭނުންވާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އޮންނާނެ އެވެ. އެކަމަކު މައްސަލައަކީ އެ ވާދަވެރިކަމުގެ ތެރޭ އެސޯސިއޭޝަންތައް ނުހިންގި ނުވަތަ އިންތިހާބަކާ ހަމަޔަށް ނުގޮސް އޮންނަން ޖެހުމެވެ.

ކްރިކެޓް ބޯޑުގެ ރައީސް އަފްލާހް ޖަލްސާގައި ވާހަކަދައްކަނީ.

"އޭގެ އެންމެ ބޮޑު ގެއްލުމެއް ކުރަނީ ކުޅުންތެރިންނަށް. ޖުމްލަކޮށް ބަލާއިރު ކުޅިވަރު ދާން ޖެހޭ ހިސާބަށް ނުގޮސް ހުއްޓިފައި މި އޮންނަނީ އިދާރީ ހިންގުމުގެ މައްސަލައަކާ ހެދި. ބާސްކެޓްބޯޅަ އަކީ ވެސް މީގެ ކުރިން ރާއްޖޭގެ ދެ ވަނަ ނުވަތަ ތިން ވަނަ ކުޅިވަރު. އެކަމަކު މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު އެސޯސިއޭޝަންގެ މަތީ ފަޑީގެ ތެރޭގައި އޮތް ހިތްހަމަނުޖެހުމަކާ ހެދި އެ ކުޅިވަރު އިތުރަށް ކުރިއަށް ނާރާ އޮތީ،" ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް ވެރިޔަކު ނަން ހާމަކުރަން އުޒުރުވެރިވަމުން ވިދާޅުވި އެވެ.

ފުޓްބޯޅައަށް ބެލި ނަމަވެސް މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި، ނޫސްތަކުގެ ސުރުހީތަކަށް އެރީ ނިސްބަތުން ފުޓްބޯޅަ މުބާރާތްތަކުގެ ވާހަކަތަކަށް ވުރެ ބޮޑަށް އިންތިހާބާ ގުޅޭ ވާހަކަތަކެވެ. އިންތިހާބު ނުބޭއްވި ދިގުލަައި، ދާއިމީ ބޯޑެއްް ނާންނާތީ އެސޯސިއޭޝަނަށް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. އެންމެ ފަހުން ކަންކަން ހަމަޔަކަށް އަޅުވަން އައި ނޯމަލައިޒޭޝަން ކޮމިޓީއަށް ވެސް ހުރަސްތަކެއް ކުރިމަތިވީ އެވެ. ނަމަވެސް ފަހު ވަގުތު ދެ ފަރާތުން އެއްގަލަކަށް އަރައި، މިހާރު ފެންނަ ފެނުމަށް އެފްއޭއެމްގެ ހާލަތު ރަނގަޅެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަކީ ދައުރު ހަމަވުމާ އެކު ފުރިހަމަކޮށްލާ އިދާރީ މަސައްކަތެކެވެ. އެންމެ ދުވަހަކުން އެކަން ނިމިގެންދާއިރު ބާކީ ހުރިހާ ދުވަހެއް ހާއްސަ ވެފައި އޮންނަނީ ކުޅިވަރު ކުރިއެރުވުމަށެވެ. އެސޯސިއޭޝަންތަކުގެ ވެރިންގެ ވިސްނުމަކީ އަބަދު ލީޑަޝިޕުގައި ތިބެވޭނެ ގޮތެއް ރޭވުމުގައި ބަދަލުގައި ރަނގަޅު ބަދަލުތަކަށް ފުރުސަތުދީ، ކުޅިވަރު ކުރިއެރުވޭނެ ގޮތެއް ރޭވުން ކަމަށް ވާން ޖެހެ އެވެ. ފަހަކަށް އައިސް ބޭއްވި އިންތިހާބުތަކުން އުއްމީދީ މަންޒަރުތައް އަންނަނީ ފެންނަމުންނެވެ.

9 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 33%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަގީގަތް

03 July 2016

ޓޮމްއަކީ ތައުލީމީ ސިކުނޑިއެއް. ދަނޑުމަތީގަޔާއި ދަނޑުންބޭރުން އެކަން ސާބިތުކޮއްފި. ހަސަދަވެރިވެ ކޮމެންޓްކުރިއަސް ފުޓްބޯޅަ އާއިލާތެރޭގައި މޮޅަށް ކުޅެ ތައުލީމު ހާސިލްކޮށް، ޓީމް ހިންގުމުގެ ތަޖުރިބާހުރި ދެވަނަ ނަމެއް އަދި ނެތް. އެފްއޭއެމްގެ ރައީސަކަށް މިހާތަނަށް ސަރުކާރުގެ ބްލެސިން ނެތް މީހަކު ހުރެފައެއް ނުވޭ. ސަރުކާރުގެ މީހަކު އެފްއޭއެމްގައި ހުރުމަކީ ފުޓްބޯޅައަށް އެވަގުތަކަށް އެންމެ ފައިދާވާނެ ގޮތް. ވިސްނާލައްވާ. ސަމަރުބުލޫ އިބްރާހިމް މަނިކު، ކާމިނީޕޫލް ޝަކޫރު، އަލީ އާޒިމް، އިލްހާމް، ޓޮމް. ފާއިތުވެތާނގައި ސަރުކާރުގެ އެހީނުލިބުނު ކޮންމެ ފަހަރަކީ ފުޓްބޯޅަ ފަހަތަށް އެޅި ބަނަކަން އައި ފަހަރުތައް. އާޒިމްއާއި އެމްޑީޕީއާއި ފުށުއެރުން..އިލްހާމުއާއި މިސަރުކާރާއި ދިމާނުވެ އިންތިޤާލީ މަރުހަލާއަށް ދިއުން..ބޮމާއެކި ޝަވީދުގެ އޮފުގޮސް ސަސްޕެންޝަނާއި ގާތަށް ދަތުރުކުރުން. ހައްތާވެސް ފިލާވަޅު. ފުޓްބޯޅަ ކުޅެނީ ސަރުކާރުގެ ދަނޑުތަކުގައި، ކުލަބުތަކަށް އެހީ ދެނީ ސަރުކާރުން. ޑަނޑުތައް ތަރައްޤީކުރަނީ ސަރުކާރުން. ބޭނުންވަމީ ސިޔާސީ ސީދާ ނުފޫޒު އެފްއޭއެމަށް ނުވަނުން. އެކަން ވެއްޖެ ނަމަ ފުޓްބޯޅަ އިޖާލާވާނެ

The name is already taken The name is available. Register?

ތުއްތޮންބެ

02 July 2016

ކުޅިވަރުގެ ތެރެއަށް ސިޔާސީ އުނދުޅި ނުބާނާ ކުރިޔަށް ގެންދާނަމަ ރާއްޖޭގައި ބައެއް ކުޅިވަރުތައް ބައިނަލް އަގްވާމީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރުސަތު އެބައޮތެވެ. ޚާއްސަ ކޮށް ކްރިކެޓް ފަދަ ދުނިޔޭގެ ނިސްބަތުން މި ސަރަހައްދު ގެ ގިނަ ގައުމުތައް މޮޅު ކުޅިވަރުތަކެވެ.

The name is already taken The name is available. Register?

ބަލާމީހާ

02 July 2016

ރާއްޖޭގެ ކްރިކެޓާބެހޭ އެއްވެސް މަޢުލޫމާތެއް މަރުޒޫޤުގެ ކިބައިގައި ހުރި ހެނެއް ހިއެއް ނުވޭ. އެހެން ނޫންނަމަ އެއީ މަރުވެފައި އޮތް ކުޅިވަރެކޭ ނުބުނާނެ. މި ވޭތުވެދިޔަ 15 ވަރަކަށް އަހަރު ސަރަޙައްދީ ފެންވަރުގައި ރާއްޖެއަށް އެންމެގިނަ ރަންމެޑެލް ހޯދި ކުޅިވަރު އޮތްނަމަ ރަންމެޑެލް ހޯދާނީ ކިހިނެތްތޯ. ކްރިކެޓަށް އިމާދުއިސްމާޢީލު ކުރި ޚިދުމަތް ފާހަގަކޮށް ބައިނަލްއަޤްވާމީ ކްރިކެޓުގެ އެންމެ މަތީ ފެންވަރުގެ ޖަމްޢިއްޔާއިން ލައިފްޓައިމް ސަރވިސް އެވޯޑް ދިން އިރު ކަމާބެހޭ އެއްވެސް ފަރާތަކަށް މިކަން ފާހަކޮށް އެއްޗެއް ބުނެފައި އެބައޮތްތޯ. ކުޅިވަރު މާކެޓްކޮށްގެން ނަފާ ހޯދަން ދަސްކޮށްދިނީ ކްރިކެޓްކަން އެއީ އެންމެން ދަންނަ ހަޤީޤަތެއް. އޭސީސީގެ މާކެޓިންގ އެވޯޑް ކްރިކެޓް ބޯޑަށް ލިބުނުކަންވެސް އެނގިވަޑައިގެންފައި ނެތް އެހެން ނޫންތޯ. ކްރިކެޓް އޮތީ ވަޅުގަނޑެއްގެ ތެރޭގައެއް ނޫން. ކޮންމެވެސް ބަޔަކު މި ކާމިޔާބީތައް ބަލައިގަންނަން ބޭނުންނުވެފައި އޮތީ.

The name is already taken The name is available. Register?

ިމުހައްމަދު

02 July 2016

ކްރިކެޓް އޮތީ ހާލަތައްގައެއް ނޫން. ކްރިކެޓް އޮތީ ރާއްޖޭގެ ހުރިހާ ކުޅިވަރުތަކަށްވުރެ ކުރީގައި. މިހާތަނަށް ބައިނަލްއަޤްވާމީ އެންމެ ގިނަ ރަންމެޑެލް ޤައުމަށް ގެނެސްފައި ވަނީ ކްރިކެޓް. ސަރަޙައްދީ މުބާރާތްތަކުގައި އެންމެ މޮޅުކުޅުންތެރިޔާގެ މަގާމާއި، އެންމެމޮޅު އުކުންތެރިޔާގެ މަގާމު، އެންމެމޮޅު ހޮވުންތެރިޔާގެ މަގާމު ދިވެހި ކްރިކެޓަރުން ހޯދާފައި އެބަހުރި. ކްރިކެޓަށް ދިމާވެފައި އޮތް މައްސަލައަކީ ކަމާބެހޭ ފަރާތްތަކުން މިހާރު އޮތް ހަރުފަތުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ނުލިބުން. ޚާއްޞަކޮށް ޤައުމީޓީމަށް ކުޅުންތެރިން ބިނާކުރުމަށް ބޭނުންވާ ސްޕެޝަލް ޓްރޭނިންގ ދެވޭނެ ގޮތެއް ހަމަޖެހިފައި ނެތުން. އަވަށްޓެރި ހުރިހާ ޤައުމެއްގައި މި ފެސިލިޓީޒް އެބަހުރި. އެކަމަކު އެހީތެރިވާން ތިބި އެއްވެސް ފަރާތަކުން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މިފުރުޞަތު ހޯދައިދީފައި ނުވަނީ. ފައިސާ ނުލިބުނީ. އެހީއެއް ހޯދާނަމަ އަވަށްޓެރި ހުރިހާ ޤައުމަކުން އެންމެ ފަސޭހައިން އެންމެ މަތީ ފެންވަރުގައި މީހުން ބިނާކުރުމަށް އެހީ ހޯދެން އޮތީވެސް ކްރިޓްގެ ދާއިރާއިން. އެންމެ ޚަރަދުކުޑަކޮށް މީހުން ބިނާކުރެވެން އޮތީވެސް މިދާއިރާއިން. މިކަންކަން ނުކުރެވޭ ހާލަތުގައި މަރުވެފައޭ އޮތީ ހިތާމަހުރި ކަމެއް.

The name is already taken The name is available. Register?

މާހިދު

02 July 2016

ވޮލީ ބޯޅަ އެސޯސިއޭޝާނަށް ދީފައި އޮތް ބޮޑޫސިންގާ ބިމުގައި އެއްވެސް ވޮލީގެ ކަމެއް ނުކޮށް އެތައް އަހަރެއްިވީ. އެތަނުން މަހަކު ލިބޭ އެއްލައްކަ ރުފިޔާއަށް ވެސް ވާނުވާ އެއްނޭގޭ.

The name is already taken The name is available. Register?

އެތްލީޓް

02 July 2016

މިއާޓިކަލް އެތްލެޓިކްސް އެސޯސިޢޭޝަންގެ ޖެނެރަލް ސެކްރެޓަރީ އާއި އެކްސްކޯ ކިޔާނެކަމަށް އުންމީދު ކުރަން.

The name is already taken The name is available. Register?

ޒާޒާ

02 July 2016

ޓޮމް ލައިން ނުވާނެ ތިކަމެއް. އަމިއްލަ ބޭނުމަށް އޮޑިޓަރ ޖެނެރަލް ބޭރުކޮށްފައް ޤައުމް އަނދަވަޅަކަށް ވައްޓާލި މީހަކަށް ދިވެހި ފުޓްބޯޅައިގެ ލަގަން ދޭކަށް ހިތެއް ނުރުހޭ.

The name is already taken The name is available. Register?

ހަމިއްކޮ

02 July 2016

ހަހަހާ މަށަށް ފެންނަނީ ތިޔަހުރިހައި ކުދިން އުމަރުބެއާއި ހަވާލްކޮށް ޓެގް އަޅުވައިގެން ގަދަބާރުން ތިޔަކަން ކުރަން. ޢުމަރުބެ ރައީސް އަކަށް ބަހައްޓައިގެން......އުމަރުބެ މޮޅުވާނެ ވަރަށް ކުކުޅު ގެންގުޅެން....

The name is already taken The name is available. Register?

ޢާޑީ

02 July 2016

އުމަރު ނަޝީރު ތިޔަކަހަލަ ކޮންމެސް ކުޅިވަރެއްގެ ރައީސް ކަމަށް ރަނގަޅުވާނީ.....ޢެހެންކަމަަށް ރަނގަޅެށް ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454