18 އޮކްޓޯބަރ 2017 - 07:50
މާލޭގެ އެ ޒުވާނާއަކީ ތޫނުފިލި ކުއްޖެކެވެ. އޭލެވެލް ޓޮޕް ޓެންގައި ވެސް ހިމެނުނެވެ. ބޭރަށް ކިޔަވަން ދާން ސުކޮލާޝިޕް ވެސް ލިބުނެވެ. އާންމުކޮށްް ގެއިން ބޭރަށް ނުކުމެ ނޫޅޭ ޒުވާނާ އޭލެވެލްއަށް ފަހު ލިބުނު ޗުއްޓީގައި އާންމުކޮށް މިސްކިތަށް ދާން ފެށި އެވެ. ގެ ކައިރި މިސްކިތަކަށެވެ. އެހެން އުޅުމުގެ ތެރެއިން މިސްކިތުން ބަޔަކާ ގާތް ގުޅުމެއް އުފެދުނެވެ. އެ ގުޅުންތަކާ އެކު އެމީހުން ދައުވަތު ދިނީ އެހެން މިސްކިތަކަށް ދިއުމަށެވެ.
"ސުވާލުކުރަނީ ކިހިނެއްތޯ އުޅެނީ. ދެން އުޅޭ ގޮތް ބުނެދިނީމަ ތިއުޅެނީ ރަނގަޅަށް ނޫން ކަމަށް އެމީހުން އަންގައިދެނީ. އުޅެންވާ ގޮތާއި އަޅަން ޖެހޭ ހެދުމާ ގުޅޭ ކަންކަން ބުނެދެނީ. ފޮށާ އަޅާ ގޮތުގެ ޝެޝަންތައް ނަގައިދިން،" އޭނާ ކިޔައިދިނެވެ.
އެ ގުޅުން ބަދަހިވަމުން ގޮސް އެމީހުންގެ ނަސޭހަތުގެ ބައެއް ޝެޝަންތަކަށް ދައުވަތު ދޭން ފެށި އެވެ. އެޕާޓްމަންޓްތަކާއި ސައިހޮޓާތަކުންނެވެ. އެންމެ ފަހުން އޭނާ ލަމުން އައި ހެދުން ޖުއްބާއަށް ބަދަލުކުރުވި އެވެ. ދެން ބޮލަށް ވައްދައިދިނީ ރާއްޖޭގައި އުޅެން ނުވާނެ ކަމުގެ ވާހަކަތަކެވެ.
ރާއްޖެއިން ހަނގުރާމައަށް ދިޔަ ދިވެހި ޒުވާނުންތަކެއް ހަތިޔާރާ އެކު
"އެމީހުން ބުނަނީ މިއީ ކުފުރު ބިމެކޭ. ރާއްޖޭގައި އުޅޭކަށް ނުވާނޭ. ޝަހީދު ވާން ޖެހޭނޭ. އޭރުންނޭ ސުވަރުގެ ދެވޭނީ. އެހެންވީމަ ހަގީގީ މުސްލިމުން އުޅޭ ފަސްގަނޑަކަށް ދާން ޖެހޭކަން ވިސްނައިދިނީ،" އޭނާގެ ވިސްނުން ބަދަލުކުރަން އެ މީހުން ކުރި މަސައްކަތާ ބެހޭ ގޮތުން ބުންޏެވެ.
އެ ހުރިހާ ކަމެއް ވިސްނައިދިނީ އާއިލާއަށް ސިއްރު ކުރަން ޝަރުތުކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނަނީ އޭނާގެ ދަތުރަށް އާއިލާއިން ހުރަސް އަޅާނެތީ އެވެ. އެގޮތަށް ޝަރުތުކުރުމުގެ އިތުރުން އޭނާގެ ތައުލީމީ ސެޓްފިކެޓުތައް ވެސް ނައްތާލި އެވެ.
"އެއް ދުވަހަކު ބުނީ ލިބިފައި ހުރި ސެޓްފިކެޓްތައް ހިފައިގެން އަންނާށޭ އައިޖީއެމްއެޗް ކައިރިއަށް. ދިޔައިމަ އެ ސެޓްފިކެޓްތައް އަތުލާފައި ދަޅަކަށް އެޅީ. ދެން އަންދާލީ ކާފަރުން ދިން އެއްޗެކޭ ކިޔާފައި. އޭގައި ހުންނާނެ ޓޮޕް ޓެން ސެޓްފިކެޓުތަކާއި ތައުލީމީ ދާއިރާއިން ލިބިފައި ހުރި ހުރިހާ ސެޓްފިކެޓްތައް،" އޭނާ ތަފްސީލް ދިނެވެ.
އޭގެ ފަހުން އެހެން މީހަކާ ބައްދަލުކުރުވި އެވެ. އޭނާއަކީ ޕާކިސްތާނަށް ދާ ދިވެހިންގެ ''އަމީރޭ' ބުނެ، ތައާރަފުކޮށްދިނެވެ. އެމީހާ އޭނާއަށް އެންގީ ފުރަން ތައްޔާރުވުމަށެވެ. އެކަމަކު، ކުރިން ވެސް ޝަރުތުކުރި ގޮތަށް، އާއިލާއަށް އެކަން ސިއްރުކުރަން ޖެހެ އެވެ. ފުރައިގެން ފުރަތަމަ ދިޔައީ އިންޑިއާގެ ޓުރިވަންޑުރަމްއަށެވެ. މާ ގިނަ އެއްޗެއް ވެސް ނުގެންދެ އެވެ. ލިބުނީ 500 ޑޮލަރެވެ. އެހެން ހަރަދުތައް ކުރީ ''އަމީރެ"ވެ.
ޓްރިވަންޑުރަމަށް ގޮސް ޕާސްޕޯޓް އަތުލުމަށް ފަހު އަންދާލި އެވެ. ދެން މަންމައަށް ގުޅާށޭ ކިޔާފައި ފޯނު ދިނެވެ. މަންމައާ ދައްކާނެ ވާހަކަ އެމީހާ އޮތީ ލިއެފަ އެވެ. އޭގައި ބުނަނީ އޭނާ ޖިހާދަށް ދިޔަ ވާހަކަ އާއި ދެން ދިމާވާނީ ސުވަރުގެއިން ކަމަށެވެ.
ޓްރިވަންޑްރަމްގައި އެއް ރޭ ރޭކުރަން ދިވެހި އަންހެނަކާ ކައިވެނިކުރި އެވެ. އެ ކަހަލަ ކައިވެންޏެއް ކުރަން ޖެހިދާނެ ކަމަކަށް އޭނާ ދުވަހަކު ވެސް ހިއެއްނުކުރެ އެވެ.
އެ ޒުވާނާ ގެންދިޔަ 500 ޑޮލަރު އޭނާގެ އަތުން "އަމީރު" އަތުލި އެވެ. ދެން ރޭލުގެ ދިގު ދަަތުރެއް ކޮށް ޕާކިސްތާންގެ ބޯޑަރު ކައިރިއަށް ދިޔަ އެވެ. ޕާކިސްތާނަށް އެތެރެވެވުނީ އެތައް ކަމެއް އޮޅުވާލައިގެންނެވެ.
ޕާކިސްތާނުގައި އޭނާ ގެންދިޔަ ތަނުގައި ދިވެހި އެހެން ބަޔަކު ވެސް ތިއްބެވެ. އެތަނުގައި އަރަބި ބަހާއި އެހެން ބައެއް ބަސްތައް ދަސްކޮށްދެ އެވެ. ފަސް މަސް ތެރޭގައި އޭނާއަށް އަރަބި ބަަސް ކޮންމެވެސް ވަރަކަށް އެނގުނެވެ. ތިބުމާއި ކެއުމުގެ ކަންކަން ހަމަޖައްސާފައި އޮންނަނީ ހިލެ އެވެ.
ފަސް މަސް ފަހުން ގެންދިޔައީ ހަނގުރާމައިގެ ތަމްރީންތަކަށެވެ. އެއީ އޭނާގެ ހަޔާތުގައި ވެސް "އޭކޭ47" ގައި އަތްލަން ލިބުނު ފުރަތަމަ ފަހަރެވެ. އެ ތަމްރީނުތަކުގައި އޭނާއާ އެކު 30 އަަކަށް ދިވެހިން ބައިވެރިވި އެވެ. ބަޑިޖަހަން ދަސްކޮށްދިނުމުގެ އިތުރުން ހަތިޔާރާ ގުޅޭ ތަފާތު މައުލޫމާތު ވެސް ދިނެވެ.
"ޓުރެއިނިން ނިންމާފައި އެންގީ ފަރުބަދަ މައްޗަށް އަރަން. ހުވާކުރިން މަރުވާން ނޫން ގޮތަކަށް ނުދާނެ ކަމަށް. ފަރުބަދަ މަތީ އެކަނި ސަވައިވްވުން ފަދަ ކަންކަން ދަސްކޮށްދިން،" ޒުވާނާ ކިޔައިދިނެވެ.
ތަމްރީން ނިމުމުން އެ އެންމެން ދެ ބަޔަކަށް ބަހާލަ އެވެ. އެއީ ހަނގުރާމައަަށް ކުރިމަތިލެވޭނެ މީހުންނާއި އެ ގާބިލްކަން ނެތް މީހުންނެވެ. ހަނގުރާމައެއްގައި ނޫޅެވޭނެ މީހުން ފޮނުވަނީ، އޭނާ ބުނި ގޮތުން ނަމަ، އަމިއްލައަށް މަރުވެގެން ދޭ ހަމަލާތަކަށް ތައްޔާރުވާށެވެ. އޭނާ އަކީ ތަންދޮރު ދަންނަ ތައުލީމީ މީހެއް ކަމުން އޭނާ ބަދަލުކުރީ އިދާރީ މަސައްކަތަށެވެ. އެކަން ފިޔަވައި ދެން މައިގަނޑު މަސައްކަތަކަށް އޮންނަނީ ޖާސޫސްކުރުމެވެ.
ޖިހާދުވުމުގެ ނަމުގައި އުޅޭ ބައެއް މީހުންގެ ހަގީގަތް މަޑުމަޑުން އޭނާއަށް ސާފުވާން ފެށީ ޖާސޫސްކުރަން އެކި ތަންތަނަށް ގޮސް މައުލޫމާތު އެއްކުރުމުގެ ތެރޭގަ އެވެ. އެގޮތުން ދީނުގައި ހަރާންކޮށްފައިވާ ކިތައްމެ ކަމެއް އެ މީހުން ދިޔައީ ކުރަމުންނެވެ. ބަދުއަހުލާގީ އަމަލްތަކާއި ފައިސާގެ ވަގު މުއާމަލާތްތަކެވެ.
އެ ހުރިހާ ކަމެއް އެނގުނު އިރު އެތަނުގައި އޭނާ އުޅޭތާ ހަތް އަހަރު ވެއްޖެ އެވެ.
"އެމީހުންގެ ފަރާތުން އެކަންކަން ފެންނަން ފެށީމަ ވިސްނެން ފެށީ މިއީ އަދި ދީނަށް އުޅޭ ބައެއް ނޫންކަން. އެމީހުން ކަމެއް ކުރަން ބޭނުންވީމަ ހަރާމް ކަންކަން ވެސް ހުއްދަކޮށްލަނީ،" އޭނާ ބުންޏެވެ.
"އެއީ ބޮޑުންނަށް ތިބޭ މީހުން ކުރާ ވިޔަފާރިއެއް. އެމީހުން ފައިސާގެ އެތައް މުއާމަލާތެއް ހިންގާ."
އެންމެ ފަހުން ފިލައިގެން އެނބުރި ރާއްޖެ އައީ އެ ހުރިހާ ކަމެއް އޭނާއަށް ފަޅާއެރުމުންނެވެ. އެކަމަކު އޭނާ ބުނާ ގޮތުގައި އެހެން ޒުވާނުންނަށް އެ "މަޅިން" ސަލާމަތެއް ނުވެވެ އެވެ. ބައެއް މީހުންނަށް ހަގީގަތް އެނގުނަސް ގޮތްދޫނުކޮށް ތިބެނީ ކަމަށް އޭނާ ދެކެ އެވެ. އޭގެ ނަތީޖާއަކީ، ޒުވާން އުމުރުގައި، އެހެން ބައެއްގެ ހަނގުރާމަތަކުގައި މަރުވުމެވެ.
ޒުވާނާ ބުނި ގޮތުގައި ރާއްޖެއިން ބޭރުގައި ކުރާ ދާހިލީ ހަނގުރާމަތަކަށް ދިވެހިން ފޮނުވަން ހަރަކާތްތެރިވާ ދިވެހި އެޖެންޓުން ރާއްޖޭގައި އުޅެ އެވެ. އެ މީހުންގެ އަމާޒަކަށް ހަދަނީ މިސްކިތްތަކަށް ނަމާދަށް ގަވާއިދުން ދާ ކުދިންނާއި ސުކޫލުތަކުގައި އުޅޭ ކުދިންނެވެ. ކުދިން ހޮވާއިރު ފަސޭހައިން ތަންތަނަށް ގެންދެވޭނެ އަދި އެކި ކަންކަމުގެ ގާބިލްކަން ހުރި ކުދިންނަށް އިސްކަން ދެ އެވެ.
"ބައެއް މީހުން އަލްގައިދާ އަށް. އަނެއް ބަޔަކު ލަސްކަރޭ ތޮއިބާއަށް. އަދި އެހެން ޖަމާއަތްތަކަށް ވެސް މީހުން ފޮނުވާ،" ދިވެހިން ގެންދާ ބައެއް ދިމަދިމާލާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
ޕާކިސްތާނުގެ އިތުރުން ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ވެސް ގިނަ ބަޔަކު ވަނީ ގޮސްފަ އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެހެން ގައުމުތަކުގެ ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ އިން މިހާތަނަށް ދިޔައީ ޖުމްލަ 49 ފިރިހެނުންނެވެ. އެކަމަކު އެ އަދަދު އެއަށް ވުރެ މަތިވާނެ ކަމަށް ބަައައް އެހެން ފަރާތްތަކުން ގަބޫލުކުރެ އެވެ.
ޖިހާދުގެ ނަމުގައި ދިވެހިން ބޭރަށް ފޮނުވަން އެއް ބަޔަކު މަސައްކަތްކުރަމުން ދާއިރު ހަނގުރާމަ ހިނގާ ގައުމުތަކުގެ ދީނީ ބައެއް އިލްމުވެރިން އިރުޝާދު ދެނީ ބޭރު މީހުން އެ ގައުމުތަކަށް އެތެރެނުވުމަށެވެ. އޭގެ ބަދަލުގައި އެ އިލްމުވެރިން އެދެނީ އަމިއްލަ ގައުމުގައި ތިބެގެން "އެ މީހުންނަށް ހެޔޮ ދުއާކޮށްދިނުމަށް" ކަމަށް، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން 2014 ގައި ނެރުނު ރައުޔުގައި ބުނެފައިވާ ގޮތުގައި އެއް ބަޔަކު އަނެއް ބަޔަކު ދެކެ ރުޅިއައިސްގެން އަދި ހައްގާއި ބާތިލް ވަކިނުވެވޭ ގޮތަށް ކުރާ ހަނގުރާމަ ދީނީ ގޮތުން ޖިހާދަކަށް ނުވާނެ އެވެ.
ހަނގުރާމައިން ސަލާމަތްވެގެން އެނބުރި ރާއްޖެ އައި ޒުވާނާއަށް އެ ވާހަކަ ގަބޫލުކުރެވެ އެވެ. އަދި ޖިހާދަށް ވާގިދޭ މީހުންގެ ވާހަކަތަކުން ވިސްނުން ބަދަލުވެފައިވާ ދިވެހި އެހެން ޒުވާނުން ވެސް އެގޮތަށް ގަބޫލުކުރާ ނަމަ އާއިލާތަކުން ކަރުނަ އަޅާކަށް ނުޖެހުނީހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަ މީހާ
19 October 2019
ކިހިނެއްބާ ތި ވިސްނުން ތޫނު ކުއްޖާ ޕާސްޕޯޓް ނެތި ދަތުރު ކުރީ. ބޯ ހަލާކު
ނިޝް
16 October 2019
ރާއްޖޭގައި އޮތް ޖަމާއަތް ހިފާ ހައްޔަރު ކުރޭ އަވަހަށް! މޫނަށް ކަނދުރަ އަށް ބަލާނެކަމެއް ނެތް
ރިޔާޒު2020
14 October 2019
މިލިޔުން ކިޔައިލުމުން..... ތިޔަ އިމޯޖީ ތަކުގެ މާނަ އޭގެ ތިރީގއަ ދިވެހި ބަހުން ލިޔެދެއްވުން އެދެން....މާނަ އޮޅޭ ގޮތްވާތީ
ޑީން
07 May 2019
މީނަޔައް އިގޭނެތާ ރާއްޖޭގައި ތިބި އެޖެންޓުން. ޢެހެން މީހުންގެ ސަލާމަތަށްޓަކާވެސް އެމީހުންގެ ނަންތައް ހާމަކުރަން ޖެހޭ. ޖިހާދަށް ގޮވާލި މީހުންނާ 500 ޑޮލަރު ދިން މީހުންނާ އެބުނާ އަމީރަކާ އަދި އިންޑިއާއިން ކައިވެނި ކުރި މީހާގެ ނަންވެސް ހާމަ ކުރަން ޖެހޭ.
ސީދާ
07 October 2019
7 އަހަރު ފަސް މި އެކަމަކު....
ކަލީމް
16 October 2018
ވިސްނުން ތޫނުކަމުގެ އިންތިހާ.އަހަރެމެންނަށް އެނގޭ.ތިގޮތަށް ގޭގައި ބަންދުކޮށްގެން މާ ރަނގަޅުކުދިންގެ ގޮތުގައި ބޮޑުކޮށްފަތިބެނީ. ގަމާރުން.ނަޑުން. މުޖުތަމައުގަ އުޅެން ނޭނގޭ..މީހަކު އެއްޗެއް ބުނާއިރަށް ހެއްލޭނެ. އާއްމު އަދަބުތައް ނޭނގޭނެ.
އޭލެވެލް
07 October 2018
ތިހާ ވިސްނުންތޫނު ކުއްޖަކަށް އެހާހިސާބަށް ކަންކަން ދިޔައިރު ދީން އެނގޭ މީހެއްގެ ކައިރިން އަހާނުލީ ކީއްވެ؟ އޭލެވެލް ނިންމިއިރުވެސް މުތުޢާ ކައިވެނި ހަރާންކަން ނޭގުނު؟ ފޭކު ސްޓޯރީ ޖައްސައިގެން ތިއޮތީ އަތަށްގޮވާފަ! ސެކިއުލާ މީހުންގެ ކުލަވަރު ތި ފެންނަނީ..
އޭނަ
10 October 2018
ދީނީ ހައްދުފަހަނަ އަޅާފަ ތިބޭމީހުންނަށް އިލްމީ ކުދިންގެ ބޯކާން މާ އުނދަގުލެއް ނުވާނެ. އާން ކާކު ބޭނުންނުވާނީ ސުވަރުގެ ވަންނަން.
އެނޮނިމަސް
07 October 2018
ޚަބަރު ކިޔާފަ އުފާކުރަން އޭނަ އަށް މާތްﷲ ހެޔޮ ވިސްނުން ދެއްވީތީ.. އެކަމު މިލިޔުމުގެ ކުރީބައިގައި ލިޔެފަ އެއޮށް 'ތޫނުފިލި' ބަޔާ އަހަރެން އެއްބަސް ނުވަން.. ތޫނުފިލި ނަމަ އެގޮތަށް ހައްލާލައިގެން އެ ހިސާބަށް ނުގެންދެވުނީސް.!!
ޟމމމމމ
07 October 2018
ޕާސްޕޯޓް ގެ ބޭނުމެއްނެތެނުން ?
އީވް
22 October 2017
ހިއުމަން ޓްރެފިކިން ހަމަ. ސަރުކާރުވެސް ބައިވެރިވެގެން. ދީނުގެ ނަމުގަ ކުރާ ކަމެއްވީމަ މިއަށްވެސް އެއްޗެއް ބުނާމީހާ ލާދީނީ ވާނެ. ދީނަށް ފުރައްސާރަ ކުރާ ކަމަށް ވާނެ. މިގައުމުގަ ހުރިހާ ނުބައި ކަމެއް ހިންގަން ބޭނުން ކުރާ ހަތިޔާރު މިހާރު ދީނަކީ. ހުރި ހަލާކެއްގެ ބޮޑުކަމާއެ! މިގައުމުގެ ރައްޔިތުންގެ އިމާން ވަރުގަދަ ކުރައްވާ ތެދުމަގު ދައްކަވާންދޭވެ. ޢާމީން.
ޒަކިއްޓެ
19 October 2017
ހަހަހަހަހަ. ... އަންދާލި ޕާސްޕޯޓް ގަ ހާދަ ދަތުރެެކޭ ކޮއްލިވެސް އަޅެފަހެ. ހާދަ ފޭކޭ ކަލޯ