ރިޕޯޓް / ނޫސްވެރިކަން

މީޑިއާ ކޮމިޝަނާ އެކު ނޫސްވެރިކަން ކުޑަގޮޅި އަށް!

3 އޭޕްރީލް 2016 ވަނަ ދުވަހު ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން.---

ސަރުކާރަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މިނިވަންކަމާ އެކު މައުލޫމާތު ހާމަކޮށް ޚިޔާލު ފާޅުކުރުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައި އޮތުމެވެ. އަދި އެކަމަށް މަގު ފަހިކުރުވާ އެންމެހައި ހައްގުތައް ވެސް ކަށަވަރު ކޮށްދީފައި އޮތުމެވެ.

ނަމަވެސް އޭގެ ތެރެއިން ބައެއް ހައްގުތައް މިހާރު ވަނީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް، ކުރިން އޮތް ބޮޑު އަޣުލަބިއްޔަތުގެ ނާޖާއިޒު ފައިދާ ނަގައި، ގާނޫނުތައް ހަދައިގެންނާއި ބައެއް ގާނޫނުތަކަށް ބަދަލު ގެނެސްގެން ނިގުޅައިގެންފަ އެވެ. އެފަދަ އެއް ކަމަކީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގާއި މުޒާހަރާ ކުރުމުގެ މިނިވަންކަމެވެ.

އެފަދަ ހައްގުތަކާއި މިނިވަންކަމުގެ ތެރެއިން މިހާރު ބާކީ އޮތް ހަމައެކަނި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގެވެ. އެ ހައްގު ހަނިކުރުމަށް އެންމެ ފަހުން ހެދި ގާނޫނަކީ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ނޫސްވެރިކަން ދުއްވައިލުމަށް ހެދި ގާނޫނެވެ. އަބުރުގެ ގާނޫނުގެ ތެރެއިން ވެސް ނޫސްވެރިކަން މުޅިން އޮބިއެޅޭ ގޮތް ނުވުމުން، ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޝަނެއް އުފައްދައިގެން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މީޑިއާގެ އިދާރާތަކަށް ފުލުހުން ވައްދައިގެން އެ މީޑިއާތައް ހުއްޓުވުމުގެ "ގާނޫނީ ހުއްޖަތެއް" ހޯދުމަށެވެ.

މީޑިއާގެ ކަންތައް ބެލެހެއްޓުމަށް މިހާރު ދެ އިދާރާއެއް އޮވެ އެވެ. މިއީ ނޫސްވެރިން ވެސް އެހާ ގަބޫލުކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއް އިދާރާއަކުން ރާއްޖޭގެ ނޫސް މަޖައްލާތަކާއި ރޭޑިއޯ ޓީވީތައް ރެގިއުލޭޓް ކުރެވޭނެ ގާނޫނީ ނިޒާމަކަށް ނޫސްވެރިން ވެސް ބޭނުންވެ އެވެ.

އެކަމަކު ސަރުކާރުން މިހާރު އެ ބޭނުންވާ ގޮތަކަށް ނޫނެވެ. މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލާފައި، މީޑިއާ ކޮމިޝަން އުފެއްދުމަށް މަޖިލީހަށް ފޮނުވާފައިވާ ބިލްގެ މާއްދާތަކަށް ބަލައިލުމުން އެނގެނީ މިނިވަން ނޫސްވެރިކަން ހިމާޔަތް ކުރުމަށް ވުރެ ބޮޑަށް، ސަރުކާރާ މެދު ކިޔަމުންދާ ފާޑުކިޔުންތަކާއި ސަރުކާރުގައި ހިނގާ ވިޔާނުދާ އަމަލުތަކުގެ ވާހަކަތައް އާންމުންނާ ހަމައަށް ތިލަކޮށްދިނުމަށް ނޫސްވެރިން ކުރާ މަސައްކަތް ހުއްޓުވުމަށް ހުށަހަޅާފައި އޮތް ބިލެއް ކަމެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މީޑިއާ ކޮމިޝަންގެ ބިލްގެ ހަ ވަނަ މާއްދާގެ (ކ) އާއި 39 ވަނަ މާއްދާ (ނ) ގައި ބުނެފައިވާ ގޮތުގައި މީޑިއާތައް ވާންޖެހޭނީ ވަކި ސިޔާސީ ފިކުރެއް، މާލީ ބާރެއް ނުވަތަ މަސްލަހަތަކަށް ބުރަވުމެއް ނެތި ޚަބަރާއި މައުލޫމާތު ފަތުރާ ތަނަކަށެވެ. ނަމަވެސް މިއީ، ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފިކުރުގެ މީހުން މީޑިއާތައް ހިންގާ ޒަމާނެއްގައި ކުރެވޭނެ ކަމެއް ނޫނެވެ.

މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ނޫސްވެރިކަން ކުރާ ގޮތެއް ނޫނެވެ. މަޝްހޫރު ނޫސް މަޖައްލާތަކުގެ ތެރޭގައި ހިމެނޭ ނިއު ޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓް އާއި ޑެއިލީ މެއިލް ފަދަ މީޑިއާތަކުން އެ ގައުމުތަކުގެ އިންތިޚާބުތަކުގައި ވަކި ކެންޑިޑޭޓަކު އެންޑޯޒްކޮށް އެ ކެންޑިޑޭޓް ޕްރޮމޯޓް ކުރަން ފާޅުގައި މަސައްކަތް ކުރާކަމީ މީޑިއާ ބައްޓަންވެފައި އޮންނަ ގޮތުގެ ހަގީގަތެވެ.

މިހާރު އޮތް މީޑިއާ ކައުންސިލަކީ ނޫސްވެރިންގެ ތެރެއިން އަށް މީހަކާއި އާންމުންގެ ތެރެއިން ހަތް މީހަކު ހިމެނޭ ގޮތަށް އެކުލަވައިލާ އިދާރާއެކެވެ. އަދި އެ 15 މެންބަރުން އެ ކޮމިޝަނަށް އިންތިހާބު ކުރަނީ، ރަޖިސްޓްރީކޮށްފައިވާ މީޑިއާ އިދާރާތައް ތަމްސީލުކުރާ ބަޔަކު ވޯޓު ލައިގެންނެވެ.

އެހެންކަމުން އެ ކައުންސިލް ވެފައި އޮންނަނީ، ސަރުކާރުން ބުނާހާ ގޮތަކަށް ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާ ބަޔަކަށް ވުރެ، ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާ އިދާރާއަކަށެވެ. ނަމަވެސް ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑާ ޚިލާފުވާ ފަރާތްތަކަށް އެ ކައުންސިލުން ފިޔަވަޅު އަޅާފައި ވެސް އެބަ ހުއްޓެވެ. އެއީ ނޫސްވެރިން ދެކޮޅު ހަދާ ކަމެއް ނޫނެވެ.

އެ ކައުންސިލް އުވައިލުމަށް ފަހު، މިހާރު އުފައްދަން އުޅޭ ކޮމިޝަނަކީ ނޫސްވެރިންނާ އެއްވެސް ގުޅުމެއް ނެތް ސިޔާސީ ކޮމިޝަނެކެވެ. ކޮމިޝަނަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި ނޫސްވެރިން ނުވަތަ ނޫސްވެރިކަމުގެ ތަޖުރިބާ ހުރި ބަޔަކު ހިމެނުމަށް ބިލްގައި ބުނެފައެއް ނެތެވެ.

އަބުރުގެ ބިލާ ދެކޮޅަށް މަޖިލިސް ދޮށުގައި ނޫސްވެރިން އަޑުުއުފުލަނީ.--މިހާރު ފޮޓޯ

އޭގެ އިތުރުން ނޫސްވެރިން އަމަލު ކުރަންވީ ގޮތުގެ ސުލޫކީ މިންގަނޑު އެކުލަވައިލުމުގެ ބާރު އެ ބިލްގެ 37 ވަނަ މާއްދާގައި ދީފައި އޮތީ ވެސް ނޫސްވެރިންގެ މަޝްވަރާއާ އެކު އެ ކޮމިޝަނަށެވެ. މި ގޮތަށް އޮތުމުން، މިހާރު ވެސް ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ޕީއެސްއެމް އާއި ޗެނަލް13 ފަދަ މީޑިއާތަކުން ދެތިން މީހަކު ހިމަނައިގެން ވެސް ސުލޫކީ މިންގަނޑު އެކުލަވައިލެވުމުން، އެ ބިލްގައި އެ ބުނާ ނޫސްވެރިންގެ މަޝްވަރާ ހޯދުނީ އެވެ.

ކޮމިޝަންގެ ބިލްގެ 40 ވަނަ މާއްދާ (ޅ) ބުނާ ގޮތުން ވަކި ފަރާތަކަށް ފާޑުކިޔައި ޚިޔާލު ފާޅުކުރާ ނަމަ، އެކަން ވެސް ކުރަން ޖެހޭނީ އިންސާފުވެރިކަމާއި ހަމަހަމަ ކަމާ އެކުގަ އެވެ. މިއީ ބުއްދީގެ ހަމަތަކުން ބަލާއިރު ކުރެވިދާނެ ކަމެއް ނޫނެވެ. ސަރުކާރުގެ މުވައްޒަފަކު ނުވަތަ މުޖްތަމައުގެ މަސްލަހަތު ހިމެނިފައިވާ އިދާރާއަކުން ބޮޑު ވައްކަމެއް ނުވަތަ ޚިޔާނާތެއް ހިންގައިގެން، ފާޑުކިޔާއިރު، އެބުނާ އިންސާފުވެރިކަމާއި ހަމަހަމަކަން ހިފަހައްޓާނީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އެންމެ މުހިންމު އުސޫލަކީ، މައުލޫމާތުގެ ދިން ފަރާތް ނުވަތަ މަސްދަރު ހާމަކުރަން ނުޖެހުމެވެ. ނަމަވެސް މި ބިލްގެ 40 ވަނަ މާއްދާގެ (ބ) އާއި 55 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ގާނޫނަކުން ލާޒިމްކުރާ ހާލަތްތަކުގަޔާއި މީޑިއާ ކޮމިޝަނުން އެދިއްޖެ ނަމަ މަސްދަރު ހާމަކުރަން ޖެހޭނެ އެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ބިލް މަޖިލީހުން ފާސްކުރަން ފައި ވިއްދަވައިގެން ތިއްބެވި މެމްބަރުން ވެސް ހަނދާނުގައި ބަހައްޓަވަންވީ، ގާނޫނުއަސާސީގައި ކަޅާއި ހުދުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް ގާނޫނެއް ނުހެދޭނެ ކަމެވެ. ހެދިޔަސް އެ ވާނީ ބާތިލު އެއްޗަކަށް ކަން ގާނޫނުއަސާސީގައި އެ އޮތީ ބުނެފަ އެވެ.

އަބުރުގެ ގާނޫނު ފާސްކުރަން ޖެހުނީ، ސަރުކާރުގެ އިސް ވެރިންތަކެއް ހިންގެވި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ވާހަކަތައް ފާޅުގައި ދައްކައި އެކަމަށް ފާޑުކިޔަން ފެށި ހިސާބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ. އަދި މި ސަރުކާރުގައި ޖެހުނު އަދި މިހާތަނަށް ވެސް ނުފިލައިގެން އުޅޭ ލައްގަނޑަކީ އެ ޚިޔާނާތުގެ މައްސަލަ އެވެ.

އެހެންކަމުން ސަރުކާރު މިހާރު ވެސް އެންމެ ބިރުގަންނަ ކަމަކީ ސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުން ހިންގަވާ ކޮރަޕްޝަނާއި ފަސާދަ އާއި ޚިޔާނާތުގެ ވާހަކަތައް މީޑިއާތަކުން ތިލަކުރުމެވެ. އަލަށް އުފައްދާ މީޑިއާ ކޮމިޝަންގެ އެއް ޒިންމާއަކީ ވެސް އެފަދަ ވާހަކަތައް މީޑިއާތަކުގައި ހާމަކުރޭތޯ ބަލައި ފިޔަވަޅު އެޅުންކަން އެ ބިލްގެ 41 ވަނަ މާއްދާގެ (ބ) އިން އެނގެ އެވެ. އެއީ މީހުންގެ ފައިސާގެ މުއާމަލާތްތަކާއި ދަރަނިވެރިކަމުގެ މައުލޫމާތު ހާމަކޮށްގެން ނުވާނެ ކަމަށް އެ މާއްދާގައި އޮތުމުންނެވެ.

ޚަބަރާއި މައުލޫމާތަކީ އޭގައި ދޮގާއި ތެދު ވެސް ހިމެނިދާނެ އެއްޗެކެވެ. ގަސްދުގައި ދޮގު ޚަބަރެއް ލިޔުމަކީ މީޑިއާގެ އަޚުލާގީ މިންގަނޑާ ޚިލާފު ކަމެކެވެ. މި ބިލްގެ 43 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގައި ދޮގަކަށް ވެދާނެ ކަމަށް ބެލެވޭ މައުލޫމާތެއް ވެސް ހާމަކޮށްގެން ނުވާނެ އެވެ.

އެކަމުގެ ކުޑަކުޑަ މިސާލެކެވެ. މިހާރު ބަންގާޅުގައި މަރުވެގެން އުޅޭ އައްޑޫ ފިރިހެން މީހާގެ މަރާ ބެހޭ ގޮތުން އޭނާގެ އެއް ދަރިއަކު ބުނަނީ ބަޔަކު މީހުން ބައްޕަ މަރައިލީ ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އަނެއް ދަރިއަކު ބުނަނީ އެ ގޮތަށް ޝައްކު ނުކުރެވޭ ކަމަށެވެ.

މީޑިއާތަކުން މި ދެ ގޮތަށް ވެސް ޚަބަރު ގެނެސްދީފައި އެބަހުއްޓެވެ. އެހެންކަމުން ހަމަ ގައިމުވެސް އޭގެ ތެރެއިން ކޮންމެވެސް އެއް ޚަބަރެއް ދޮގުވާނެ އެވެ. އެއީ އެ މީހާގެ މަރު އަންނާނީ ކޮންމެވެސް އެއް ގޮތަކުންނެވެ. އެއް ގޮތަކީ ބަޔަކު ހަމަލާދީ މަރައިލުމެވެ. އަނެއް ގޮތަކީ ގުދުރަތީ ގޮތުން މަރުވުމެވެ. ޝާއިއުކުރާ އެއްޗަކާ މެދު ޝަކުވާއެއް އޮތް ނަމަ، މިހާރު އޮންނަ އުސޫލަކީ، އެ މައުލޫމާތެއް ރައްދުވާ ފަރާތަކުން، އެ މީޑިއާއަށް އެކަމެއް ހުށަހަޅައިގެން ސުލްހަވެރިކަމާ އެކު އެކަމެއް ހައްލު ކުރުމެވެ. އެ ގޮތަށް ހައްލު ނުކުރެވިއްޖެ ނަމަ މީޑިއާ ކައުންސިލަށް ހުށަހެޅުމެވެ.

ނަމަވެސް މި ބިލްގެ 68 ވަނަ މާއްދާ (ހ)ގެ (2) އޮތް ގޮތުން، އެ ދެ ފަރާތުން ސުލްހަވެރި ގޮތުގައި މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ ވެސް އެމައްސަލަ ހުށަހަޅަންވީ މީޑިއާ ކޮމިޝަނަށެވެ. އެފަދަ ހާލަތެއްގައި ނަމަ، ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު ވެސް އަމަލުކުރާ އުސޫލުން، ސަރުކާރު ހިތްހަމަނުޖެހޭ މީޑިއާއާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ބާރު ލިބިދެ އެވެ.

އޭގެ އިތުރުން މި ބިލްގެ 69 ވަނަ މާއްދާގެ (ނ) އޮތް ގޮތުން، މީޑިއާއެއްގައި ޝާއިއުކުރާ އެއްޗަކާ ގުޅޭ ގޮތުން ތަހުގީގުކުރާ ދެ އިދާރާއަކުން އެއްފަހަރާ އެ މައްސަލަ ތަހުގީގުކުރުމުގެ ފުރުސަތު ފަހިވެ އެވެ. އަބުރުގެ ގާނޫނުގެ ދަށުން ފުލުހުންނަށް މައްސަލަ ހުށަހެޅޭ އިރު، މި ބިލްގެ ދަށުން މީޑިއާ ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނަށް ވެސް ތަހުގީގު ކުރެވޭނެ އެވެ. މީޑިއާ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް، ތަހުގީގުކުރާ އެހެން އިދާރާއަކުން ތަހުގީގު ކުރަމުންދާ ނަމަ، އެ މައްސަލައެއް ކޮމިޝަނުން ބަލައިގެން ނުވާނެ ކަމަށް މި ބިލްގައި ބުނެފައެއް ނުވެ އެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަބުރުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ހުށަހެޅޭ މައްސަލައަކީ، މީޑިއާގައި ޝާއިއުކުރާ އެއްޗަކާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ނަމަ، އެ މައްސަލައެއް މީޑިއާ ކޮމިޝަނަށް ފޮނުވުމަށް ވެސް ބުނެފައެއް ނުވެ އެވެ. އެހެންކަމުން ދެ އިދާރާ އިން އެއް ފަހަރާ އެއް މައްސަލައެއް ބަލައި، އެއް މައްސަލައެއްގައި ދެ ފަހަރަށް އަދަބު ދިނުމުގެ ފުރުސަތު ފަހިވާނެ އެވެ.

މި ބިލުން ނޫސްވެރިން ބަނދެވިގެންދަނީ ހަމައެކަނި ޚިޔާލު ފާޅުކުރުމުގެ ދާއިރާއަކުން ނޫނެވެ. ނޫސްވެރިއެއްގެ މައްސަލައެއް ކޮމިޝަނުން ބަލަމުންދާ ނަމަ، އެމީހަކު ރާއްޖޭން ބޭރަށް ފުރިޔަ ނުދީ ހިފެހެއްޓުމުގެ ބާރު، މި ބިލްގެ 69 ވަނަ މާއްދާގެ (ޅ) އިން ކޮމިޝަނަށް ލިބިދެ އެވެ.

މި ބިލްގެ 70 ވަނަ މާއްދާގެ (ށ) ގައި، ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ކަމާ ބެހޭ އިދާރާއަކަށް ހުށަހެޅިދާނެ ކަމަށް ބުނެފައި އޮތުމުން، މީޑިއާ ކޮމިޝަންގެ މައްޗަށް ވެސް މީޑިއާގެ ކަންތައް ބަލަހައްޓާ އިދާރާއެއް ހުންނާނެ ކަމަށް މާނަކުރެވެ އެވެ. ނަމަވެސް އެއީ ކޮން ތަނެއް ކަމެއް މި ބިލްގައި ބުނެފައި ނުވާއިރު، އެފަދަ މައްސަލައެއް އިސްތިއުނާފް ކުރެވޭނެ ކަމަށް މި މާއްދާގައި ނެތުމުން، ހަމަގައިމުވެސް އެއީ ޝަރުއީ ކޯޓެއް ނޫން ކަން އެނގެ އެވެ.

ދެން އޮތީ މިހާތަނަށް މީޑިއާ ކައުންސިލަށް ވެސް އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ލިބިދީފައި ނެތް ބާރެކެވެ. އެއީ މީޑިއާ އިދާރާތަކަށް ފުލުހުން ފޮނުވައިގެން އެ މީޑިއާއެއްގެ ޕްރޮގްރާމްތައް ހުއްޓުވުމާއި ޝާއިއުކުރިޔަ ނުދީ ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް ލިބިދިނުމެވެ.

މި ބިލްގެ 71 ވަނަ މާއްދާގެ (ޅ) އޮތް ގޮތުން، ޓީވީ ރޭޑިއޯތަކުން ފޮނުވާ ޕްރޮގްރާމަތަކާއި ލައިވް އިވެންޓްތައް ވަގުތުން މެދުކަނޑައިލުމަށް އެންގުމުގެ ބާރު ކޮމިޝަނަށް ލިބިދެ އެވެ. އަދި އެ މީޑިއާއެއްގައި ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓް ކުރި ކޮންޓެންޓަކީ ގައުމީ ސަލާމަތާއި އާންމު ނިޒާމާއި އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި އެ ތަނަކަށް ފުލުހުން ފޮނުވައިގެން އެ ސްޓޭޝަނެއް ނުވަތަ ނޫސް މަޖައްލާއެއް ހުއްޓުމުގެ ބާރު މި ބިލްގެ 71 ވަނަ މާއްދާ (ކ)، އާއި 72 ވަނަ މާއްދާގެ (ކ) އިން ކޮމިޝަނަށް ލިބިދެ އެވެ.

މާނައަކީ ޝާއިއު ކުރި ނުވަތަ ބްރޯޑްކާސްޓް ކުރި ކޮންޓެންޓަކީ، ގައުމީ ސަލާމަތާއި އާންމު ނިޒާމާއި އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް ނުވިޔަސް ވެސް، އެ ކޮމިޝަންގައި ރައީސް އައްޔަން ކުރައްވާފައި ތިއްބެވި މެންބަރުންގެ ނަޒަރުގައި އެއީ، ގައުމީ ސަލާމަތާއި އާންމު ނިޒާމާއި އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް ބެލެވުނަސް، ފުލުހުން މެދުވެރިކޮށް އެ މީޑިއާއެއް ވަގުތުން ހުއްޓުވޭނެ އެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސުލޫކީ މިންގަނޑާ ޚިލާފު ވުމުން އަދަބު ދިނުމަކީ އޭގެ ޒާތުގައި ރަނގަޅު އުސޫލެކެވެ. ނަމަވެސް އަދަބު ދިނުމުގައި ވަކި ހަމަތަކެއް ގެންގުޅުމަކީ، ނޫސްވެރިކަމާ މެދު ކުޑަ ވެސް ރަހުމެއް ހުރި ނަމަ ކުރަން އެންމެ ރަނގަޅު ކަމެކެވެ. މި ބިލްގެ 72 ވަނަ މާއްދާ (ބ)، 73 ވަނަ މާއްދާ (ށ)ގައިވާ ގޮތުން ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސް، މަޖައްލާތަކާއި ނޫސް މަޖައްލާގައި ލިޔާ މީހުން 10،000-100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވިދާނެ އެވެ.

ރަނގަޅު ގޮތެކެވެ. ނަމަވެސް ޖޫރިމަނާ ކުރާ ފުރަތަމަ ފަހަރު ވަކިވަރެއް، ދެ ވަނަ ފަހަރު އެއަށް ވުރެ ބޮޑަށް އަދި ތަކުރާރުވާ ވަރަކަށް ޖޫރިމަނާ ބޮޑުވަމުންދާ އުސޫލެއް ބިލަކު ނެތެވެ. މިހާރު މި ބިލް އޮތް ގޮތުން، ޗެނަލް 13 ވީމާ ޖޫރިމަނާ ނުކުރެވިފައި ރާއްޖެ ޓީވީ ނަމަ ކޮންމެ ފަހަރަކު އެއް ލައްކަ ރުފޔާ އިން ޖޫރިމަނާ ކުރެވޭ ކަހަލަ ގޮތަކަށް އޮތީމާ ކަމަކުނުދާނެ އެވެ.

މި ބިލްގެ އެންމެ ނުރައްކާތެރި އަނެއް މާއްދާއަކީ 72 ވަނަ މާއްދާ (ޅ) އެވެ. މި މާއްދާގައިވާ ގޮތުން، ކޮމިޝަނުން އަންގާ ގޮތަށް އަމަލު ނުކުރާ ނަމަ، އެ މައްސަލައެއް ބަލައި ނިމެންދެން އެ ނޫސް މަޖައްލާއެއް ވަގުތީ ގޮތުން މެދުކަނޑައިލުމުގެ ބާރު ކޮމިޝަނަށް ލިބިދެ އެވެ.

މީޑިއާއެއްގައި ޝާއިއުކުރާ އެއްޗަކާ މެދު މައްސަލަ ހުށަހެޅުމަށް އެއް އަހަރުގެ ދިގު މުއްދަތެއް ދިނުމުން ވެސް އެތައް މައްސަލައެއް ކުރިމަތިވާނެ އެވެ. މި ބިލްގެ 74 ވަނަ މާއްދާގެ (ށ)ގައި ވާ ގޮތުން، އެ މައުލޫމާތެއް ޝާއިއުކުރި ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައި ކޮމިޝަނަށް މައްސަލަ ހުށަހެޅިދާނެ އެވެ.

މިހާ ދިގު މުއްދަތެއް ދިނުމުން، މީޑިއާގައި ޝާޢިއުކުރާ އެއްޗަކާ ގުޅޭ އެތައް ކަމެއް، އެއެއްޗެއް ޝާއިއުކުރި ހާލަތާ ޚިލާފަށް ބަދަލުވެ، އެ މައްސަލައެއް އެ މައްޗަށް ބިނާވާ ރުކުންތަކާއި އުންސުރުތައް ބަދަލުވެގެން ހިނގައްޖެ ނަމަ، ކަމާ ނުގުޅޭ ކަންތަކެއްގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ބިލްގެ 76 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުން، މި ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާއިރު، މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގައި ނުނިމި ހުރި ޝަކުވާތަކުގެ މައްސަލަތައް، މި ބިލުން އުފަންވާ މީޑިއާ ކޮމިޝަނަށް ނަގުލުވާނެ އެވެ.

މީޑިއާ ކައުންސިލަށް މިހާރު ހުށަހެޅޭ މައްސަލަތައް ބިނާވަނީ ވަކި އިޖުރާއާތުތަކެއްގެ މައްޗަށް ކަމަށް ވެފައި، މީޑިއާ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގައި އަމަލުކުރަން ޖެހޭ އިޖުރާއާތުތައް ވެސް އަލަށް އުފައްދާ ކޮމިޝަންގައި އަމަލުކުރާ އިޖުރާއާތުތަކާ މުޅިން ތަފާތެވެ. އަދި މީޑިއާ ކައުންސިލުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ގޮތާއި، މީޑިއާ ކޮމިޝަނުން ފިޔަވަޅު އަޅާ ގޮތް ވެސް ތަފާތެވެ. މީޑިއާ ކައުންސިލުން އަޅާ ފިޔަވަޅުތަކާއި ދޭ އަދަބުތައް، މީޑިއާ ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތަކާއި އަދަބުތަކަށް ވުރެ މާ ބޮޑަށް ވެސް ލުޔެވެ.

މިހެން އޮތުމުން މެދުވެރިވާ ގޮތަކީ، އެ ކަމެއް ހިނގި އިރު އެކަމަށް ކަނޑައެޅިފައި އޮތް އަދަބަށް ވުރެ ބޮޑު އަދަބެއް ދެވެނީ އެވެ. އެހެންކަމުން، ދެ ގާނޫނަކުން އެއް މައްސަލައެއްގައި ދެ އަދަބެއް ކަނޑައެޅިފައިވާ ނަމަ، އޭގެ ތެރެއިން ލުއި އަދަބު ދިނުމަށް އޮންނަ ގާނޫނީ މަބްދައު މި ބިލްގައި ދަމަހައްޓައިފައެއް ނުވެ އެވެ.

މިފަދަ ހަރުކަށި ގޮތަކަށް ގާނޫނެއް ހަދައި، އެ ހަރުކަށި އުސޫލުތަކުން ދިވެހި ނޫސްވެރިކަން ބަނދެލުމަށް ސަރުކާރަށް މަޖުބޫރުވީ ސަބަބުތަކެއް ހުރެގެން ކަމަށް، ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން ވެސް ބުނެ އެވެ. އެއީ ބައެއް ނޫސްވެރިން އެއްވެސް ހަމައެއް އަޚުލާގީ މިންގަނޑެއް ނެތި، ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކުން މީހުންގެ އަބުރު ކަތިލަމުން ދިޔުމެވެ.

ނަމަވެސް މިއީ އެކަމަށް އޮތް ހުއްޖަތަކަށް ނުވެދާނެ އެވެ. ދޮގު މައުލޫމާތާއި ދޮގު ޚަބަރު ފަތުރާ ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭނެ ގޮތްތައް މިހާރުގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި އެބަ ހުއްޓެވެ. އެހެންކަމުން މުޅި މީޑިއާ އެކުގައި ކުޑަ ގޮޅިއަށް ލުމަކީ ގައުމަށް ވެސް ލިބޭ ދެރައަކަށް ނޫނީ ނުވާނެ އެވެ.

12 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 17%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޫހީ

02 November 2017

ހާމާނާއި ފިރުއައުނުވެސް ވަރަކަށް ކަންތައްތައް ކޮށްލާނަމޭ ހިތާއުޅުނެވެ. އާހިރުގައި ކަންތައް ދިމާވީ ކިހިނެއްތޯއެވެ. ވެރިކަމަށް ރައްޔިތުން އެމީހަކު އިންތިހާބުކުރީމާ ރައްޔިތުން އަނގަމަތީ ޓޭޕް އަޅާ ، ދެކަންފައްމަތީ އުނގުރި ޖަހަން މަސައްކަތް ކުރަނީ މަގާނުގެ ދަހިވެތިކަމުގާއި އުމުރުދުވަހަށް ވެރިކަމުގެ ތަހުތުގައި ، ހިތަށް އެރިގޮތަކަށް ކަންކަން ކޮށްކޮށް ހުރެވިދާނެ ކަމަށް ހެއްޔެވެ؟ ހަމަ އިސާހިތަކު ވެރިކަމުގެ މަގާމު އަތުންބީވެ ކަންތައްތައް ކުރެވުނު ގޮތާއިމެދު ކަރުނައަޅާ ރޯންޖެހިދާނެކަން ދަންނާ

The name is already taken The name is available. Register?

އެފް އެމް

02 November 2017

މި އާރޓިކަލް ކިޔާލުމުން ދޭހަމިވީ މިނިވަންކަމާއި އިންސާފްވެރިކަމާއި އެކު ޚަބަރުފަތުރަން ނޫސްވެރިން ބިރުގަނެފައިވާކަން މީގެކުރިންވެސް ނޫސްވެރިކަމާއިގުޅޭ ގާނޫނެއް ފާސްކުރުމުން ބައެއް ނޫސްވެރިންނަށް ހީވީ ހޫނު ތެޔޮތާހަކަށް ފޭބެން އުޅޭހެން އެގާނޫނަށްފަހުވެސް ހިތުހުރިހާ ގޮތަކަށް ލިޔެވުނު އިންސާފްވެރިކަމާއިއެކު ވަކިފަރާތަކަށް ބުރަނުވެ ހަގީގަތް ހާމަކުރަން ފަސްޖެހޭ ނޫސްވެރިން ދޫކޮށް އިންސާފަށް ލޯބިކުރާ ނޫސްވެރިން ގެންގުޅުމުން ތިޔަ މައްސަލަ ހައްލުވާނެ

The name is already taken The name is available. Register?

ޔާ.ގ.ނ.ޑ

02 November 2017

މިއީ ތަރައްޤީ އަކީ ހައްގުތައް ފޭރިގަތުން، މަގުމަތީގައި އަމާންކަން ނެތުން، ގަތުލުއާއްމުވުން، ނޭގި އެކައުންޓްތަކަށް މިލިއަނުން ފައިސާޖަމާވުން، އިތުބާރު ގެއްލުމުން ކޮށިގަނޑު ހާދާގެން ގޮޑީގައިތުބުން ރައްޔިތުން ހޮވާފައި ތިބި މެމްބަރުންގެ މަގާމުތައް ވަގައްނެގުން. ދީނީ އިލްމުވެރިންނަށް ބެވުން. ނޫސްވެރިން މިވާހަކަ ލިއާތީ ގަލަން އަތުލުން.

The name is already taken The name is available. Register?

ވާލުސޮރު

02 November 2017

ރަސްމީ ނޫސްވެރިކަން ދޫކޮށް ކޮންމެމީހަކު އަމިއްލަ "ނޫސްވެރިޔަކަށް" ވީމަ ތިޔަ ހުރިހާ ކޮމިޝަނެއް ފަނުފުލުން ދިޔައީ! މާރުކޭޓް ގޮޅިޔަކަށް ދިޔަސް ރައްޓެއްސަކާއެކު ކޮފީއަށް ދިޔަސް ދަރިފުޅުބަލާ ސްކޫލް ދޮށަށް ދިޔަސް މީހަކަށް ފޯނެއް ކޮށްލިޔަސް މަހެއް ގަންނަން މާރުކޭޓަށް ދިޔަސް ކާރީގަ ތިބިހާ ބަޔަކަށް އެދުވަހެއްގެ އެންމެ ތާޒާ ތެދު ޚަބަރުތައް ކިޔައިދިނީމަ އެވީ. "ލިޓްލް ނޯތުކޮރެއާ" ގަ އުޅެވޭނީ ފިސާރި ހިއްވަރު ހުރެގެން.

The name is already taken The name is available. Register?

ނޫސް

02 November 2017

ތިޔަވެސް ފާސްކުރާނެ. ރިޔާސީ އިންތިޚާބަށް ހުރިހާ އިދިކޮޅު ޗެނަލްތައް ބަންދުކުރުވާނެ. އަދި މިނިވަން ޚިޔާލު އެއްކޮށް ކަފުންކޮށް ވަޅުލާނެ. ސަބަބަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި މި ސަރުކާރުން ކޮށްފައިވާ ކަންކަން ރައްޔިތުންނަށް ތިލަކުރުމުގެ ފުރުޞަތު ނުދިނުން. އިދިކޮޅަށް މި އަދަބު ދީފައި ރައީސް ދައުލަތުގެ މީޑިއާއިން ހެސްކިޔާފައި ޕްރޮމޯޓް ކުރާނެ. އަދި ހަމަ ދައުލަތުގެ މީޑިއާއިން އިދިކޮޅު ކެންޑިޑޭޓްގެ ނަފްސް ކަތިލާނެ. އެޅޭނެ ފިޔަވަޅެއް ބެލޭނެ ތަނެއް ނޯންނާނެ. އާޅެ ފަހެ ރައްޔިތުން މިހާނިކަމެތިވީކީއްވެ؟ ރައްޔިތުން މަޖިލީހަށް މެމްބަރުން އިންތިޚާބުކުރީ ރައްޔިތުން ހަތަރެސްފައި ބަންނަންތަ؟ ރައްޔިތުން ގެ ކަންކަން ކުރުމަށް ވެރިއަކު ހޮވީ އެވެރިމީހާ ރައްޔިތުންގެ ހުރިހާ އިޙްސާސެއް ޖަލަލަށް ލާންތަ؟ ވިސްނާތި ރައްޔިތުންނޭ މި އުޅެނީ ނުބައިމަގަކުން ކަންކަން ކުރަން.

The name is already taken The name is available. Register?

އައްދު

02 November 2017

އަހަރެން ބުނާނެ އެއްޗެއް ނެތިފަ މިހިރީ ނޯތުކޮރެޔާ އައް ވެނިމިއްޖެ

The name is already taken The name is available. Register?

ހަލީފާ

02 November 2017

ޕީ.އެސް.އެމް އާއި ޗެނަލް 13 ފިޔަވާ އެހެން ހުރިހާ މީޑިއާތަކެއް އެއްބައިކިޔަންވީ ވަގުތު މީ. އެގޮތުން ހުރިހާ މީޑިއާ އަކުން ރައީސްގެ ދަތުރު ފުޅުގެ ހަބަރު ތަކާއި ޖަލްސާތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ތައް އެ ޗެނެލްތަކުން ގެނެސް ދިނުން ހުއްޓާލަންވީ. މީގެ އިތުރުން ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ވާހަކަަތައްވެސް ގެނެސްދިނުން ހުއްޓާލަންވީ. އޭރުން ސަރުކާރަށް ހުންނާނީ ރަނގަޅު ފިލާވަޅެއް ލިބިފައި.

The name is already taken The name is available. Register?

ދެންދޯ

02 November 2017

މިއަދު ދުނިޔެ ކުރިއަރާފައިވާ މިންވަރުން އޮބިއަޅަން އުޅުނަސް އާއްމުންނަށް ޚިޔާލުފާޅުކުރެވޭނެ. އަވަހަށް މިހާރު ނޫސް ސްރީލަންކާގައި ރަޖިސްޓްރީ ކޮށް ހަމަ ދިވެހި ބަހުން އޮންލައިންކޮށާއި ޕްރިންޓް ކޮށްގެން އެ ނޫސް ނެރޭ. އޭރުން ރާއްޖޭގެ ޤާނޫނަކުން އެ ނޫހަކަށް ފިޔަވަޅެއް ނޭޅޭނެ. އަދި ޓީވީ ޗެނަލްތައްވެސް ރާއްޖޭން ބޭރުގައި ރަޖިސްޓްރީ ކޮށްގެން ދިވެހިބަހުން ބްރޯޑްކާސްޓް ކުރެވޭނެ. އެހެންވީމާ އެއްގޮތް ނެތިއްޔާ އަނެއްގޮތް އިންސާނުންހޯދާނެ. ވީމާ މިއަދު ޚިޔާލުފާޅުކުރުން މަރާލާ ކުޑަގޮޅިއަށް ލިއަސް އަޑެއް މަޑެއްނުކުރެވޭނެ.

The name is already taken The name is available. Register?

އެތެރެވަރި

02 November 2017

މައްސަލައަކީ ގާނޫނު އަސާސީގައި ދީފައިވާ މިނިވަން ކަމުގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކު އުޅޭކަން. އެމީހުން ބޭނުން މީހަކާދިމާއަށް ބޭނުން އެއްޗެއް ކިޔެންޖެހޭ އެކަމަކު އެމީހުންނާ ދިމާއަށް އެއްވެސް މީހަކަށްމ އެއްޗެއް ބުނެވުގެންނުވާނެ މިއީ އެމީހުން ބޭނުން ވެގެން މިއުޅޭ މިނިވަން ކަމަކީ. އެމީހުން ކުރާ ކޮންމެކަމަކީ ދީނާ ގައުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ދައްކައިގެން މިއުޅެނީ. އެހެންމީހު އެމީހުންނާ އިދިކޮޅު މީހުންނަށް އެމީހުން ހިތަށޤ އެރި އެއްޗެއް ކިޔާނީ. އެފަދަ މިނިވަން ކަމެއް އޮންނަ އެއްވެސް ގައުމެއް ދުނިޔެއަކު ނޯންނާނެ! ދެންކީއްވެ މިރާއްޖޭގައި ދެވެންވީ.

The name is already taken The name is available. Register?

ޕޮކަންޑިމޭން

02 November 2017

އިންތައް ފަހަނައަޅައި ނުދާނަމަ ދާންޖެހޭނެ ކުޑަގޮޅިއެއް ދައްކަންޖެހޭނެ ޖޫރިމަނާއެއް ނޯންނާނެ. އިސްލާމްދީނުގައި އިންސާނާގެ އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް. ތިމާމެން ހިތްނުރުހޭ މީހުންގެ އަބުރު ދޮގު ވާހަކަތައް ފަތުރައިގެން ސިޔާސީ މަންފާއަށްޓަކައި ކުޑައަގެއް ދީގެން ކަތިލުމަކީ ބަލައިގަނެވޭނެކަމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454