ވިޔަފާރި / ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ

ދަރަނި ބޮޑުކުރަނީ އެނގި ތިބެގެން: ޝައިނީ

ފިޝަރީޒް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ޝައިނީ އާދިއްތަދުވަހު "މިހާރާ" ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ މުއްދަތު މި މަހުގެ ނުވަ ވަނަ ދުވަހަށް ދެ ބައި ވިއިރު މިހާތަނަށް ހާސިލް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ތަރައްގީގެ މަޝްރޫއުތަކުގެ ކާމިޔާބީ އަކީ ކޮބައި ހެއްޔެވެ؟ ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި ތަރައްގީގެ މަޝްރޫއުތަކަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކަށް ސަރުކާރުގެ ފަރާތުން ފިޝަރީޒް އެންޑް އެގްރިކަލްޗަ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ މުހައްމަދު ޝައިނީ "މިހާރު" އާ ވަރަށް ދިގުކޮށް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

މިހާރު: ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭ ގޮތުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ދަރަނި މަތިވާތީ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި. ވޯލްޑް ބޭންކް ފަދަ ޖަމާއަތަކުން މިފަދަ ގޮތަކަށް ކަންބޮޑުވުން ފާޅުކުރުމަކީ ދިވެހި ސަރުކާރުން ވިސްނަން ޖެހޭ ކަމަކަށް ނުވޭތޯ؟

ޝައިނީ: އަޅުގަނޑުމެން ދަރަނި އިތުރުކުރަމުން މިދަނީ ހަމަ އެނގި ތިބެގެން. އެހެން މިދެންނެވީ މިހާރު ބޭރުގެ މަނީ މާކެޓުގައި ލާރި އަގުހެޔޮކޮށް ލިބެން ހުރީމާ، މިވަގުތު އެ ލާރި ނުހޯދައިފިއްޔާ މާދަމާ އޭގެ އަގު އިންތިހާ އަށް ބޮޑުވޭ. އަނެއްކާ މި ފަންޑް ކުރާ ޕްރޮޖެކްޓްތަކަކީ، އެއްކޮޅުން ބަލައިފިއްޔާ ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވެފައި ހުރި ކަންތައް. އަނެއްކޮޅުން ބަލާއިރު އޭތި މި މެޗު ކުރަނީ ލިބޭ ފަންޑުން އިގުތިސޯދަށް އަނބުރާ ނުވަތަ ދައުލަތަށް އިތުރަށް ފައިސާ ލިބޭނެ ގޮތަކަށް. މިސާލަކަށް ޓޫރިޒަމްގެ މަސައްކަތް. އެ މަސައްކަތަށް ޕްރައިވެޓް ސެކްޓަ ފަންޑިން މި އަންނަނީ. އެ މަސައްކަތުން ހުޅުވޭ ކޮންމެ ރިސޯޓަކީ އަނެއްކާ ދައުލަތަށް ޓެކްސްގެ ގޮތުގައި ވެސް އަދި އިގުތިސޯދަށް ވަޒީފާގެ ގޮތުން ވެސް އިތުރަށް ލިބޭ ކުރިއެރުމެއް.

މިހާރު: ރާއްޖޭގެ އިގުތިސޯދަށް މިދިޔަ ދުވަސްތަކުގައި އައި ކުރިއެރުން ލިބިފައި ވަނީ ކިހާ ވަރަކަށްތޯ؟ އަޅުގަނޑުމެންނަށް މި ފެންނަނީ ޑޮލަރުގެ އަގު ވެސް އަނެއްކާވެސް ބޮޑުވެ، ޑޮލަރުގެ ތާށިކަން ބޮޑުވަމުންދާތަން؟

ޝައިނީ: އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ވަރަށް މަތީގައި. ޑަބަލް ފިގާސްގައި ހުރީ. އެކަމަކު މިހާރު އެ މިންވަރު ކުޑަކޮށްގެން ސިންގަލް ޑިޖިޓްސްއާ ހަމައަށް އަތުވެއްޖެ. އަޅުގަނޑުމެން މިދަނީ ބެލެންސް ބަޖެޓަކާ ދިމާލަށް. އެހެންވީމާ އެކަން ހާސިލް ކުރެވިއްޖެ ނުވަތަ ކޮންޓްރޯލްކޮށްގެން ގެންދެވުމަކީ މުޅި އިގުތިސޯދަށް ލިބުނު ވަރަށް ބޮޑު ފައިދާއެއް. ހަމަ އެގޮތަށް ޑޮލަރުގެ ވަގު ބާޒާރު. އަޅުގަނޑުމެންނަށް ވަކި ލެވެލެއްގައި ހިފަހައްޓައިގެން މިހާތަނަށް ގެންގުޅެވިއްޖެ. އެކަމަކު އައިއެމްއެފުން ވެސް ގަބޫލުކުރާ ގޮތުގައި އޭގެ (ޑޮލަރުގެ) މާކެޓެއް އޮވެދާނެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއަކުން ބަޔަކު ޑޮލަރު ނަގަން މަޑުކޮށްލައިގެން: ޑޮލަރުގެ ވަގު ބާޒާރު ވަކިވަރެއްގައި ހިފެހެއްޓިފައި ހުރުމަކީ ކާމިޔާބެއް ކަމަށް ސަރުކާރުން ދެކޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ވަކި ހިސާބެއްގައި ކޮންޓްރޯލް ކުރެވިފައި ހުރި ހުރުމަކީ އިގުތިސޯދީ ގޮތުން ލިބުނު ފައިދާއެއް ކަމަށް ވަނީ. އަޅުނޑުމެންނަށް އަދި އުނދަގޫވާ ވަރަކަށް ޑޮލަރު އަތްމައްޗަށް އަރައިގެނެއް ނުދޭ. އެކަމަކު އަނެއްކާވެސް މިދުވަސްކޮޅަކީ ސަރުކާރުގެ ބޮރޯވިން ތަންކޮޅެއް މައްޗަށް އަރައިގެންދާ ދުވަސްވަރަކަށް ވާތީވެ، ޑޮލަރުގެ ތާށިކަން ހުރިކަން އަޅުގަނޑު ވެސް ގަބޫލުކުރަން. އެއާ އެކު ރާއްޖޭގެ އިންފްލޭޝަން ހިފެހެއްޓިފައިވާ މިންވަރު ފާހަގަކުރަން ޖެހޭ.

މިހާރު: ރާއްޖޭގެ ކަރަންޓް އެކައުންޓްގެ ޑެފިސިޓް މަތިވުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އިގުތިސޯދީ ބައެއް ތަޖުރިބާކާރުން ބުނަމުން ގެންދޭ. އެއީ ނުރައްކަލެއް ކަމަށް ސަރުކާރުން ނުދެކެނީތޯ؟

ޝައިނީ: ކޮންމެ ބޭފުޅަކު ވެސް ބަލައިފިއްޔާ އެނގޭނެ، އުފެއްދުންތެރިކަން މަދު ގައުމެއްގައި، އިގުތިސޯދުގެ ތެރެއަށް ނުވަތަ ބަޖެޓުގެ ތެރެއަަށް ދާނެ އެއްޗެއް މަދު ގައުމެއްގައި ކަރަންޓް އެކައުންޓް ޑެފިސިޓަކީ ހަމަ ބޮޑުވެގެންދާނެ އެއްްޗެއް. އެއް އިރެއްގައި ވެސް އަޅުގަނޑުމެންގެ ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަކޮށެއް ނުހުންނާނެ. އަޅުގަނޑުމެން ކާންބޯން ބޭނުންކުރާ ހަނޑޫ، ފުށް ކަމަށް ވިޔަސް، ލާން ބޭނުންވާ އަންނައުނު ކަމަށް ވިޔަސް ބޭރުން އެތެރެކުރަނީ. އެހެންވެއްޖެ ކަމަށް ވަންޏާ އެ އެއްޗެހިތައް ގަންނަން އަދި ދައުލަތުގެ އެއްޗެހި ގަންނަން ހުރިހާ ހަރަދެއް ކުރަން ޖެހެނީ ކަރަންޓް އެކައުންޓުން. އެހެންނަމަވެސް އޭތި މެޗް ވެގެން، ކޮންޓްރޯލް ކުރެވެނީ އަޅުގަނޑު ގަބޫލުކުރަނީ އިގުތިސޯދީ ގޮތުން ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން. މި ރީޖަންގެ ހުރިހާ ގައުމަކަށް ބަލާއިރު ވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އެންމެ ބޮޑީ ރާއްޖޭގައި. އެއިން ވަންނަ އާމްދަނީ އެންމެ ބޮޑީ ރާއްޖޭގައި. އޭގެ މާނައަކީ އަޅުގަނޑުމެންގެ ހުރިހާ ހަރަދުތަކަށް ބޭނުންވާ ވަރަށް މެޗް އެބަވެއޭ، ކޮންޓްރޯލް އެބަވެއޭ.

މިހާރު: މާލެ އަކީ ދެވަނަ ސިންގަޕޫރަށް ހަދަން ބޭނުންފުޅުވާ ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވޭ. އެކަމަކު އަޅުގަނޑުމެންގެ ބައެއް ކަންކަން ހަމަޖެހިފައި ހުރި ގޮތުން، އެ ވާހަކަފުޅުތަކަށް ބައެއް މީހުން ވަރަށް ޖޯކު ޖަހާ. އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް ބުނޭ.

އަޅުނޑުމެންނަށް އަދި އުނދަގޫވާ ވަރަކަށް ޑޮލަރު އަތްމައްޗަށް އަރައިގެނެއް ނުދޭ. އެކަމަކު އަނެއްކާވެސް މިދުވަސްކޮޅަކީ ސަރުކާރުގެ ބޮރޯވިން ތަންކޮޅެއް މައްޗަށް އަރައިގެންދާ ދުވަސްވަރަކަށް ވާތީވެ، ޑޮލަރުގެ ތާށިކަން ހުރިކަން އަޅުގަނޑު ވެސް ގަބޫލުކުރަން.

ޝައިނީ: އެންމެ ބަހެއްގައި ހިފައިގެން ބައެއް ބޭފުޅުން ދުވާ ދުވުމަކީ ޒިންމާދާރުކަމެއް ނޫން. ސިންގަޕޫރަށް ވާން ބޭނުން ކަމަށް ވަންޏާ، އެންމެންނަށް ވެސް އެބަ އެނގޭ ސިންގަޕޫރަކީ ސަތޭކަ ޕަސެންޓް މުސްލިމް ގައުމެއް ނޫންކަން. އޭގެ މާނައަކީ އަޅުގަނޑުމެން ހުރިހާ އެންމެން ދީން ދޫކޮށްލަން ބޭނުން ވަނީކީ ނޫނޭ. އެކަމަކު އެތަނުގައި ހުރި ރަނގަޅު ކަންކަން، އެމީހުންނާ އެއްވަރަށް ކުރިއަށް ދާން ބޭނުންވަނީ. އެހެންވީމާ ސީދާ ލަފްޒުގެ މާނަ ނަގައިގެން ބައެއް މީހުން މިކުރާ ކަންތައްތަކުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް އޭގެ ނޭދެވޭ އަސަރުކުރޭ. ސަރުކާރާ ދޭތެރޭގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތް މި ހުންނަނީ.

މިހާރު: ސަރުކާރަށް ދެ އަހަރު ބައިވީއިރު ލިބުނު ކުރިއެރުންތަކަކީ ކޮބައިތޯ؟

ޝައިނީ: ތިޔަ ބޭފުޅުން ވަޑައިގަންނަވާ އަތޮޅުތަކުގެ ތެރެއިން ރަށަކަށް. ޕްރޮޖެކްޓެއް ނުހިނގާ ރަށެއް މަދުވާނެ. މާޒީއަށް ބަލައިފި ކަމަށް ވަންޏާ ރާއްޖޭގެ ހުރިހާ ހައުސިންއެއް، އެއްކޮށްލީމާ ވެސް މީގެ ކުރިން ނުވާ ވަރަށް، 15،000 ހައުސިން ޕްރޮޖެކްޓެއް ރައީސް ޔާމީން ފައްޓަވައި ދެއްވައިފި. އެމަނިކުފާނު ބޭނުންފުޅެއް ނުވޭ ސްޓެޕަކުން ސްޓެޕަކުން ކުރިއަށްދާކަށް. އިކޮނޮމިކް ޓްރާންސްފޯމޭޝަނެއް ގެންނަން އުޅުއްވަނީ. އެހެންވެއްޖެ ކަމަށް ވަންޏާ ބިޒްނަސް އޭޒް ޔޫޝުއަލް ގޮތަށް ގޮސްގެންނެއް އަޅުގަނޑުމެންނަށް އެކަމެއް ނުކުރެވޭނެ. ފަސް އަހަރު ދުވަހަކީ ވަރަށް ކުޑަކުޑަ ދުވަސްކޮޅެއް އަޅުގަނޑުމެންނަށް މިކަން ކުރަން. ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި ޒިންމާދާރުކަން ކުޑަ ކަންތައްތަކުން އަޅުގަނޑުމެން ބަޖެޓް، ވަރަށް ބޮޑު ވަޅުގަނޑެއްގައި ހުއްޓައި ނަގައި އަރުވައި، ބޭރު ދުނިޔޭގައި އަޅުގަނޑުމެންގެ އިތުބާރު ނެތިގެން ގޮސް އޮއްވައި، އެ އިތުބާރު އަލުން ހޯދައި، މި ހުރިހާ ކަމެއް ކޮށްފައި، އޭގެ މައްޗަށް ޕޮޒިޓިވް އިންޑިކޭޓާސްތަކެއް ނެރެވުމަކީ އަޅުގަނޑު ގަބޫލުކުރާނީ ވަރަށް ބޮޑަށް ކުރިއެރުން ލިބުނު ކަމެކޭ.

މިހާރު: އާބާދީގެ ބޮޑު ބައެއް ހުޅުމާލެ އަށް ގެންނަން ރާވާއިރު، އެކި ރަށްރަށުގައި ވެސް ބޮޑެތި މަޝްރޫއުތަކެއް އަންނަނީ ހިންގަމުން. މިއީ ދެކޮޅު ޖެހޭ ކަމެއްތޯ؟

މިނިސްޓަރު ޝައިނީ "މިހާރާ" ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ޝައިނީ: ގާނޫނީ ގޮތުން ބަލާއިރު ވެސް ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދޭން އެބަ ޖެހޭ. އަޅުގަނޑުމެން ގަބޫލުކުރަން މުޅި ރާއްޖެ މިތާނކަށް [ހުޅުމާލެ] ނުގެނެވޭނެ ކަމަށް. އެހެން ނަމަވެސް އާބާދީ ބޮޑެތި ރަށްރަށް އެބަހުރި. ޖާގައިގެ ގޮތުން ބޮޑެތި ރަށްރަށް އެބަހުރި.

މާޒީއަށް ބަލައިފި ކަމަށް ވަންޏާ ރާއްޖޭގެ ހުރިހާ ހައުސިންއެއް، އެއްކޮށްލީމާ ވެސް މީގެ ކުރިން ނުވާ ވަރަށް، 15،000 ހައުސިން ޕްރޮޖެކްޓެއް ރައީސް ޔާމީން ފައްޓަވައި ދެއްވައިފި. އެމަނިކުފާނު ބޭނުންފުޅެއް ނުވޭ ސްޓެޕަކުން ސްޓެޕަކުން ކުރިއަށްދާކަށް.

އެ ހުރިހާ ސަރަހައްދެއްގައި މީހުން ދިރިއުޅޭ. އެހެން ނަމަވެސް އެ ކުދިކުދި ރަށްރަށުގައި މީހުން އުޅުމުގެ ބަދަލުގައި، މިދެންނެވި ހިސާބުތަކަށް ގެނެވިއްޖެ ކަމަށް ވާ ނަމަ، ދުރު މުސްތަގުބަލެއްގައި ހަރަދު ކުޑަވާނެ.

މިހާރު: ތިކަން ސަރުކާރުގެ ޕޮލިސީއެއްގެ ސިފައިގައި އެބަ އޮތްތޯ؟

ދ. މާއެނބޫދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން: މަޝްރޫއެއް ނުހިނގާ ރަށެއް ނެތް ކަމަށް ޝައިނީ ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް

ޝައިނީ: އެއީ ޕޮލިސީއެއްގެ ގޮތުގައި މިހާތަނަށް ހުރިހާ ސަރުކާރުތަކުން ވެސް ގެންގުޅެފައި ހުރި ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން މިބަލަނީ ޕުލް އެފެކްޓެއް ގެނެވޭތޯ. އަޅުގަނޑުމެންގެ ސިޔާސަތަކީ ޕުލް އެފެކްޓެއް ގެނައުން. މާނައަކީ އެ ތަންތަނާގައި ހިދުމަތްތައް ރަނގަޅު ކޮށްގެން މީހުން އަންނަ ހިތުން އަންނާނެ ތަންތަނަށް ހެދުން. އެ ފުރުސަތު ނުދީ ކިތަންމެ ވަރަކަށް އަންނާށޭ ބުންޏަސް ނާންނާނެ. މަޖުބޫރު ކުރުވައިގެން ބަދަލުވާން ބުނަނީކީ ނޫން.

މިހާރު: ހުންނާނެތޯ ތިޔަ ވިދާޅުވާ ގޮތަށް، މީހުން ބަދަލުވާނެ ރަށްތަކެއް ކަނޑައަޅާފައި؟

ޝައިނީ: އަޅުގަނޑުމެން އެގޮތަށް ރަށްތަކެއް ވެސް ކަނޑައެއް ނާޅަން. އެކަމަކު އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރެއިން ފެންނާނެކަން ނޭނގެ، މިސާލަކަށް ކުޅިވަރު ސިޔާސަތުގެ ތެރެއިން، އެންމެ ފުރަތަމަ އަޅުގަނޑުމެން އަމާޒު ކުރަނީ 2،000 އަށް ވުރެ މަތީގެ އާބާދީތަކަށޭ. އެހެންވީމާ އެ އާބާދީތަކަށް ފޯކަސް ކުރެވުނީމާ ދެން އަންނާނީ 1،000 އަށް ވުރެ މަތީ އާބާދީތައް. ދެން އޭގެ ފަހުންނޭ އެއަށް ވުރެ ކުދި ތަންތަނަށް. އެހެން ނަމަވެސް އޭގެ މާނައަކީ އަސާސީ ހިދުމަތްތައް ހުރިހާ އެންމެންނަށް އެއްވަރަކަށް ދޭންޖެހޭތީވެ، ދޭނޭ.

މިހާރު: އިގުތިސޯދީ ވިސްނުމެއްގައި ބައެއް ކަންކަން ކުރައްވަން ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވި. ބައެއް ސަބްސިޑީތައް ކަނޑާލެއްވި. ސިވިލް ސާވިސް އިން މުވައްޒަފުން މަދުކުރައްވަން އުޅުއްވި ތަން ފެނުނު. އެކަމަކު އެ ހުރިހާ ކަމެއް ކާމިޔާބެއް ނުވި. އެކިއެކި ޕްރެޝަރުތަކާ ހެދި ކާމިޔާބު ނުވެ ހުރި އެފަދަ ފިޔަވަޅުތައް އެބަހުރިތޯ؟

ޝައިނީ: ރައީސް އެކަން އެ ކުރައްވަނީ ހުރިހާ އެންމެން ކަނޑާލާ ނިޔަތެއްގައެއް ނޫން. ތަންތަނަށް އިތުރު ފުރުސަތުތައް މި ފަހިކޮށްދެނީ. ސިވިލް ސާވިސްގައި މިއޮތް މައްސަލަ އަކީ މުވައްޒަފުން ގިނަވެފައި، މުސާރަ ކުޑަވުން. މަސައްކަތުގެ ގަޑި ކުޑަކޮށްފައި އަޅުގަނޑުމެން މި ހުޅުވާލަދިނީ ފުރުސަތެއް، ސިވިލް ސާވިސްގައި ތިބި މުވައްޒަފުން ވެސް، ޓެކްނިކަލް މުވައްޒަފުން ވެސް ސިވިލް ސާވިސް އިން ވަކިނުވެ ޕްރައިވެޓް ސެކްޓާގައި ވެސް މަސައްކަތް ކުރުމަށް. އަދި ޕްރައިވެޓް ސެކްޓާގައި ތިއްބެވި ބޭފުޅުން ވެސް ސިވިލް ސާވިސްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތް. ކޮންމެވެސް ވަރަކަށް އަދަދު ދަށްކުރެވިގެން ނޫނިއްޔާ، ދައުލަތަށް ލިބޭ އެއްޗަކުން މުސާރަ ބޮޑެއް ނުކުރެވޭނެ. ރައްޔިތުންނަށް ވާ ކޮންމެ އުނދަގުލަކީ ގައިމު ވެސް އެ ޕްރެޝަރު ރައީސަށް އިހުސާސް ކުރެއްވޭނެ ކަމެއް. ރައީސް ޔާމީނަކީ ރައްޔިތުންނާ ވަރަށް ކައިރިން މަސައްކަތް ކުރައްވާ ބޭފުޅެއް. އައްޑޫ ހިތަދޫ ނުވަތަ ގދ. ނުވަތަ ތިނަދޫގައި ހުންނަ މަސްވެރިޔާ އަށް ވެސް ރައީސް ޔާމީނާ ހަމައަށް މެސެޖް ޕާސް ކުރެވޭނެ.

މިހާރު: ހަމަ ސީދާ ރައީސް ޔާމީނަށް މެސެޖް ޕާސް ކުރެވޭނެތޯ؟

ޝައިނީ: ހަމަ ޑައިރެކްޓްލީ މެސެޖް ޕާސްކުރެވޭނެ. އެބޭފުޅުންނާ ކޮމިއުނިކޭޓް އެބަ ކުރައްވާ، އޭގެ މާނައަކީ އެބޭފުޅުންގެ ހިޔާލުތައް ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ. އެމަނިކުފާނުގެ ކެމްޕެއިން އޮފީސް މެދުވެރިކޮށް ރާއްޖޭގެ އެތައްމިތަނުގައި މަހާސިންތާ ބާއްވައިގެން މި ކުރައްވާ މަސައްކަތަކީ އެބޭފުޅުންގެ ހިޔާލުތައް އެމަނިކުފާނާ ހަމައަށް އައުން. ގައުމު ބިނާކުރުމަށްޓަކައި އެބަ ބޭނުންވޭ ހުރިހާ އެންމެންގެ ހިޔާލު. އެމަނިކުފާނަކީ ވަރަށް އިންފޯމްޑް ޑިސިޝަން ނަންގަވާ ބޭފުޅެއް. އެހެންވީމާ ބައެއް ކަންތައްތައް ކުރައްވާފައި ބައެއް ފަހަރު ބަދަލު ކުރައްވަނީ ރައްޔިތުންގެ ފަރާތުން އަންނަ އިހުސާސްތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ. އެއްވެސް ގޮތަކަށް ފޮރުވިފައި ނުހުންނާނެ. އެ ޕްރެޝަރު އެންމެ ފަސޭހައިން ފީލްވާނެ އެއް ބޭފުޅަކީ ރައީސް ޔާމީން.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454