ރިޕޯޓް / ގެވެށި އަނިޔާ

ގާނޫނީ ހިލޭ އެހީ، މުހިންމު ދާއިރާއަކުން ބޮޑު އެހީއެއް

ގެވެށި އަނިޔާއަށް ހޭލުންތެރިކުރަން ބައްދަލުވުމެއް ކުރިއަށް ގެންދަނީ -- ފޮޓޯ: އެފްއެލްސީ

ފިރިމީހާ ނުވަތަ އަނބިމީހާގެ ފަރާތުން އަނިޔާއެއް ލިބޭ ހެއްޔެވެ؟ ރައްކާތެރިކުރުމުގެ އަމުރެއް ބޭނުން ހެއްޔެވެ؟ ދަރިންނާ ބައްދަލުވުމުގެ ފުރުސަތު ނުލިބުން ނުވަތަ ދަރިންނަށް ހަރަދު ނުކުރުމުގެ މައްސަލަ ދިމާވޭ ހެއްޔެވެ؟ ކައިވެންޏެއް ކުރަން ނުވަތަ ވަރިވާން ގާނޫނީ އެހީތެރިކަމެއް ބޭނުން ހެއްޔެވެ؟

މި ހުރިހާ ސުވާލުތަކުގެ ޖަވާބަކީ އާނއެކޭ ނަމަ، އެކަމުގައި ހިލޭ އެހީތެރިވާނެ ޒުވާނުންތަކެއް މިހާރު ވަނީ އުފެދިފަ އެވެ؛ ފެމިލީ ލީގަލް ކްލިނެކެވެ. އާއިލީ ތަފާތު މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން މުޅިން ހިލޭ ފޯރުކޮށްދޭ އަމިއްލަ މި ޖަމިއްޔާގެ މަސައްކަތްތައް އަންނަނީ ފުޅާވަމުންނެވެ.

ރާއްޖޭގައި 2007 ގައި ކޮށްފައިވާ ގެވެށި ދިރިއުޅުމުގެ ދިރާސާއަކުން އެނގޭ ގޮތުން ކޮންމެ ތިން އަންހެނަކުން އެކަކު ގެންދަނީ ކޮންމެވެސް ކަހަލަ ޖިންސީ އަނިޔާއެއް ތަހައްމަލް ކުރަމުންނެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 5،000 އަށް ވުރެ ގިނަ ކައިވެނިކުރިއިރު، ވަރީގެ އަދަދު 3،000 އަށް ވުރެ ގިނަ އެވެ. މިއިން ކުރަހައިދޭ މަންޒަރު ވަރަށް ގޯހެވެ؛ އާއިލީ މައްސަލަތައް ރާއްޖޭގައި ގިނަ ކަމެވެ.

އާއިލީ ކޮންމެ މައްސަލައެއްގެ ސަބަބުން އިޖުތިމާއީ އެތައް ގޯހެއް ފެންމަތިވެ އެވެ. އަދި އާއިލާއާ ބެހޭ ގާނޫނާއި ގެވެށި އަނިޔާގެ ގާނޫނުގައި ހައްގުތައް ކަނޑައަޅާފައިވީ ނަމަވެސް އެހައްގުތައް ހޯދަން އަމަލު ކުރަންވީ ގޮތެއް އާންމު މީހާއަކަށް ނޭނގެ އެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވެން އޮންނަނީ ގާނޫނީ ދާއިރާގެ މީހުންނަށެވެ.

ތިން ޒުވާނުންގެ އިސްނެގުމެއް

އާއިލީ މައްސަލަތައް ރާއްޖޭގައި އިތުރުވާތީ ގާނޫނީ ދެ ވަކީލަކާއި ނޫސްވެރިޔަކު އިސްނަގައިގެން ފެމިލީ ލީގަލް ކްލިނިކް ހުޅުވި އެވެ. އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ "ހޯޕް ފޯ ވިމެން"ގެ ޕުރޮޖެކްޓެއްގެ ގޮތުގައި ފެމިލީ ލީގަލް ކުލިނިކުގެ ހިދުމަތް އަމާޒުކުރީ އާއިލާއާ ބެހޭ ގާނޫނުން ލިބިދޭ ހައްގުތަކާއި ގެވެށި އަނިޔާގެ މައްސަލަތަކަށެވެ.

ފެމެލީ ލީކަލް ކްލިނިކްގެ ދެ ފައުންޑަރުންނާއި ހޯޕް ފޯ ވިމެންގެ ކޯޑިނޭޓަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި. -- ފޮޓޯ: އެފްއެލްސީ

"ވަރަށް ހާލުގައި އުޅޭ މީހުން ދެއްތޯ މިއުޅެނީ ގެވެށި އަނިޔާގެ ތެރެއިން. ވަކީލެއްގެ ހިދުމަތް ހޯދުމަށް މާލީ ތަނަވަސްކަން ނެތުމާއި ވަކީލަކަށް ވާސިލް ވުމަށް ފުރުސަތެއް ނެތް،" މިހާރު ވަކިން ރަޖިސްޓްރީކޮށްގެން ހިންގާ ފެމެލީ ލީގަލް ކްލިނިކްގެ ކޯފައުންޑާ ޝަފީއާ ރިޒާ ވިދާޅުވި އެވެ.

"އެހެންވެ އެފަރާތްތަކަށް ހިދުމަތް ދިނުމަށް މަސައްކަތް ފެށީ."

އަދިވެސް ސިއްރުކުރާ މައްސަލަ ބޮޑު

ގެވެށި އަނިޔާ ލިބޭ މީހުން އިތުރުއިރު އެފަދަ އަނިޔާތައް ތަހައްމަލް ކުރަން ޖެހޭ އެތައް ބަޔަކު އެކަން ސިއްރުކުރުމަކީ ގޮންޖެހުމެކެވެ.

"އެއްގެއެއްގައި އުޅެން ޖެހުމުން އެފަދަ މައްސަލައެއް ހުށަހެޅުމުގެ ސަބަބުން ދެން ދިމާވެދާނެ ކަމަކަށް ބިރުން މައްސަލަ ހުށަހަޅަން ޖެހިލުންވާ ފަރާތްތައް ގިނަކަން ފާހަގަކުރެވޭ،" ޝަފީއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް ރައްކާތެރިވުމުގެ އަމުރަކަށް އެދުމުގައި އެ ޖަމިއްޔާއިން އެހީތެރިވާއިރު ކޯޓްތަކުން ފަސޭހަކަމާ އެކު އެ އަމުރު ލިބޭ ކަމަށެވެ. ރައްކާތެރިކަމުގެ އަމުރެއް ކޯޓަކުން ނެރެދީފި ނަމަ އަނިޔާ ކުރާ މީހާގެ ފަރާތުން އަނިޔާ ލިބޭ މީހާ ރައްކާތެރިކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ލާޒިމްވެ އެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ސިއްރުކުރަން އުޅުމުގެ އިތުރުން ދެން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަރަދު ހޯދުމުގެ މައްސަލަތަކުގައި ދިމާވާ މައްސަލަތައް ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.

"ކުންފުންޏެއްގެ ވަޒީފާގައި އުޅޭ ނަމަ ކޯޓުން މި އަމުރުކުރަނީ އެމީހެއްގެ މުސާރައިން ހަރަދަށް ވާ ފައިސާ ކެނޑުމަށް ފަހު މުސާރަ ދޭން. އެކަމަކު ޓެކްސީ ޑުރައިވަރުން ނުވަތަ މަސްވެރިން ފަދަ މީހުންގެ އާމްދަނީން ކަނޑަށް އެގޮތަކަށް ނޭންގޭނެ ދެއްތޯ؟ އެހެންވެ އެބަ ދިމާވޭ ބޮޑެތި ދަތިތައް،" ޝަފީއާ ވިދާޅުވި އެވެ.

ފެމިލީ ލީގަލް ކުލިކުން އަންނަނީ ކޮންމެ ހަފްތާއެއްގެ ބުދަދުވަހު ހިލޭ ގާނޫނީ ލަފާ ދިނުމަށް ހާއްސަ ފޯރަމްތަކެއް ބާއްވަމުންނެވެ. އާއިލީ މައްސަލައެއް ނުވަތަ ގެވެށި އަނިޔާގެ މައްސަލައެއް ތަހައްމަލް ކުރަން ޖެހިފައިވާ ފަރާތްތަކުން 9977771 އަކަށް ގުޅުމުން ވަކީލަކާ ބައްދަލުވުމުގެ ފުރުސަތު ލިބެ އެވެ. އެކަމަށް 40 މިނެޓުގެ ބައްދަލުވުމެއް ހަމަޖައްސައިދެ އެވެ.

ފެމިލީ ލީގަލް ކުލިނިކުން ހިލޭ ގާނޫނީ ލަފާ ދެމުން އަންނަނީ ވަރި، ކައިވެނީގެ މައްސަލަތަކާއި ހަރަދު ދިނުމުގެ މައްސަލަތަކުގެ އިތުރުން ހަޟޯނާތާއި ގެވެށި އަނިޔާގެ މައްސަލަތަކަށެވެ.

"ކޮން ފޯމެއްތޯ ފުރާނީ، ކީކޭތޯ ފޯމްގައި ލިޔާނީ، ކޮން ކޯޓަކަށްތޯ ދާނީ، ކިހިނެއް މައްސަލަ ރިޕޯޓްކޮށްގެންތޯ މައްސަލައަށް ހައްލު ލިބޭނީ، މިހެން ގޮސް ގާނޫނީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ބުނެދީ އެހީތެރިވެދޭނެ،" ޝަފީޢާ ވިދާޅުވި އެވެ.

ފެމިލީ ލީގަލް ކުލިނިކުން މިހާތަނަށް 119 މީހުންނަށް ގާނޫނީ ލަފާދީފައިވެ އެވެ. އޭގެ ތެރެއިން 91 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. ފިރިހެނުން ހިއްސާކުރަނީ ނުވަ ޕަސެންޓެވެ.

އެ ކުލިނިކުން 2016 ގައި އެންމެ ގިނައިން ގާނޫނީ ލަފާދިނީ ގެވެށި އަނިޔާގެ މައްސަލަތަކުގަ އެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 45 ޕަސެންޓެވެ. މިދިއަ އަހަރަށް ބަލާއިރު އެންމެ ގިނައިން ގާނޫނީ ލަފާ ދޭން ޖެހުނީ ދަރިންގެ ބަލަދުވެރި ފަރާތެއް ކަނޑައެޅުމުގެ މައްސަލަތަކާއި ހަރަދު ދިނުމުގެ މައްސަލަތަކަށެވެ.

ހަމައެކަނި ގާނޫނީ ލަފާ ދިނުމަށް ފަހު ޖަމިއްޔާގެ މަސައްކަތް ނިމުނީކީ ނޫނެވެ. ފެމިލީ ލީގަލް ކްލިނިކުން އަަންނަނީ ގެވެށި އަނިޔާގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވަން ވޯކްޝޮޕްތައް ވެސް ހިންގަމުންނެވެ. އޭރުން ވަކިވަކި ފަރުދުންނަށް ވުރެ ބޮޑަށް މުޅި މުޖުތަމައުގެ ތެރެއަށް، މައުލޫމާތު ފަތުރައިދެވެ އެވެ

އެ ކްލިނިކުގެ އަމާޒު މިހާރު އޮތީ ރަށްރަށުގެ ރައްޔިތުންނަށް ވެސް ހިލޭ ހިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން އަންނަ ފެބްރުއަރީ މަހު އައްޑޫގައި އެކަން ފަށަން އަންނަނީ މަސައްކަތްކުރަމުންނެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީމުހައްމަދު

03 January 2018

ވަކީލުން ވަރަށް ރުޅި އާދޭ ތިކަން ކުރާތީ، އެމީހުންނަށް ލިބޭ ބައި މަދުވާތީ

The name is already taken The name is available. Register?

ނާސު

03 January 2018

ކަނދުރާގެ ރިއްސައިގެން ޑޮކްޓަރަށް ދިޔައީމަ އޭނަ ބުނަނީ މައްސަލަ ހުރީ ކަނދުރާގައެއް ނޫނޭ، އަރައިގެން ހުރި ފައިވާނުގެ މައްސަލައެކޭ. އިންސާނުން މައްސަލަ ދެނެގަތުމަކީ އެހާ ފަސޭހަ ކަމެއް ނޫން. މީޑިޔާ ގަ މަޝްހޫރު ކުރާ ގޮތާ ހަގީގަތާ މާ ދުރު. ފިރިހެނުން ބޭނުންވަނީ އިހްތިރާމް. އަންހެނުން ބޭނުންވަނީ އަޅާލުން. އަންހެން ކުދިން މިހާރު ބޮޑުކޮށްފަ ތިބީ ފިރިހެނުންނަށް އިހްތިރާމް ކުރާ މައިންޑްސެޓެއްގަ ނޫން. މިއީ ހަގީގަތެއް.

The name is already taken The name is available. Register?

މެދުމިން

03 January 2018

ފިރިހެނުން ކުރާނީ ޖިސްމާނީ އަނިޔާ އަންހެނުން ކުރާނީ ނަފްސާނީ އަނިޔާ(ހުދު އެހެން އަންހެނުންނަށް ވެސް). ދެޖިންސް ގެ މީހުންވެސް ހަމައިން ނެއްޓުނީމަ ވާނީ މިހެން.

The name is already taken The name is available. Register?

ފާއިޒް

03 January 2018

ކައިވެނި ރަގަޅަށް ކުރެވޭތޯ ބަލާބަލަ. މިހާރު ކައިވެންނާ އެކީ އެހެން އަގްދެއްގަ ވެސް އެއްބަސްވާން ޖެހޭ. އިސްލާމީ ޝަރީއަތުން ހުއްދަތަ؟ އަންހެނުން ކިބައިގަ މިހާރު ފިރިހެނުން ގެ އަގުވައްޓާލުމުގެ ހުނަރު އެހާ މަތީގަ. އަދި މުޖުތަމައުން ވެސް ބުނަނީ އެއީ މާ ބޮޑު މައްސަލައެއް ނޫނޭ. ފިރިހެނުންވެސް ހިލޭ އަންހެނުންގެ ފޮޓޯތައް ފޭސްބުކްގަ ލައިކް ކުރުމުގެ ހޭވެރިކަމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454