ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދުވަސްވީ މީހެއް'--
28 ޖެނުއަރީ 2018 - 09:12
އައިޖީއެމްއެޗްގެ ވޯޑަކަށް ވަނުމާ އެކު ލޮލުގައި އަޅައިގަތީ ބަލިމީހުން އޮންނަ އެނދު ކައިރީގައި ބަހައްޓާފައި ހުރި ކަބަޑެއްގައި ބޯ އަޅާލައިގެން، ފުރަގަހަށް އޮތް ދުވަސްވީ ފިރިހެނެކެވެ. ބުރަކަށީގައި އަތް ޖައްސާލުމުން ބޯ ހިއްލާލައިފައި އަހަރެންގެ މޫނަށް ބަލައިލުމާ އެކު "ބޭބެ ވަރަށް ބަނޑުހައި" ކަމަށް ބުންޏެވެ.
އަހަރެން ގޮސް ސޭންޑްވިޗެއް ގަނެގެން ގެނެސް ދިނީމެވެ. އެ ބޭބެ މަޑުމަޑުން އެ ކައި ނިންމި އެވެ. އަހަންނަކީ ނޫސްވެރިއެއް ކަމަށް ބުނުމުން ވަރަށް އަސަރާ އެކު އޭނާގެ ހާލަތު ކިޔައިދިނެވެ.
އުމުރުން 67 އަހަރުގެ އެމީހާއަށް އޮކްސިޖަންގެ އެހީގައި ނޫނީ މިހާރު ނޭވާއެއް ނުލެވެ އެވެ. ފުއްޕާމޭގައި އޮކްސިޖަން ހިފަހައްޓައި ނުދެނީ އެވެ. ހޮސްޕިޓަލްގައި އޮންނަތާ ދޮޅު މަހަށް ވުރެ ގިނަ ވެއްޖ އެވެ. ތިން ދަރިންގެ އިތުރުން އެއްބަނޑު ހަ މީހުން ތިބި ނަމަވެސް ބަލިވި ދުވަހު ހޮސްޕިޓަލްގައި އުޅެން ޖެހިފައި ވަނީ އެކަންޏެވެ. އޭނާ ބުނާ ގޮތުން ކިރިޔާ ވެސް އެހީތެރިކަމެއް ލިބެނީ އެންމެ ހަގު ދަރީގެ ފަރާތުންނެވެ. އެކަމަކު އެ ދަރިފުޅު ވެސް މާ ގިނައިން ހޮސްޕިޓަލަށް ޒިޔާރަތްކޮށެއް ނުހަދަ އެވެ.
"ދެ ދަރިން ތިބެނީ ރަށުގައި. އެމީހުންނަށް އަންނަން ނުފެންނާތީތާ އެ ނާންނަނީ. އެހެން ނޫންތަ ވާނީ؟" އޭނާ ބަލަން ދަރިން އައިސް ނުތިބެނީ ކީއްވެގެންތޯ ސުވާލު ކުރުމުން ބުންޏެވެ.
އޭނާ ބުނާ ގޮތުން ދޮށީ ދެ ދަރިންގެ މަންމަ އެކުދިން ކުޑައިރު މަރުވުމުން އެކުދިން ބެލުވީ އެ މަންމަގެ އާއިލާ މީހަކާ ހަވާލުކޮށްގެންނެވެ. ހަރަދު ކުރީ އޭނާ އެވެ. އެކަމަކު ދަރިންނާ ދެމެދު ކުރިން އޮތް ގުޅުން ކުޑަވީ، އޭނާ ބުނާ ގޮތުން، އުމުރުން ދުވަސްވެ، ބަލިވި ހިސާބުންނެވެ.
"އެންމެން ވެސް ބޭނުންވަނީ ފައިސާ ދޯ. އެއްޗެހި ދޯ. މިހާރު [އުމުރުން ދުވަސްވުމުން] އެއެއް ނުދެވޭނު،" އޭނާ ބުންޏެވެ.
އެއްބަނޑު މީހުން ވެސް، އޭނާގެ ހާލު ބަލަން އާންމުކޮށް ހޮސްޕިޓަލަށް ގޮހެއް ނޫޅެ އެވެ. އެހެންކަމުން ކެއުމުގެ ކަންކަމާއި ބޭސް ހޯދުން ފަދަ ކަންކަން ކުރަމުން އަންނަނީ އަމިއްލައަށެވެ. އަދި އޭނާ އޮތް ވޯޑްގައި ތިބޭ އެހެން ބަލިމީހުންގެ އެހީތެރިން އޭނާއަށް އެކަމުގައި ވަރަށް ބޮޑަށް އެހީވެ އެވެ.
އޭނާއަކީ ހޮސްޕިޓަލްގައި އޮންނަން ޖެހުމުން އަޅާލުން ނުލިބޭ ހަމައެކަނި މީހާއެއް ނޫނެވެ. މުސްކުޅި ބަލީގައި އަޅާލާނެ ބަޔަކު ނެތި ހޮސްޕިޓަލުގައި ތިބެން ޖެހޭ ނުވަތަ ގެއަށް ގެންދަން ދޫކޮށްލުމުން ނުގޮންގޮސް ތިބޭ މީހުން ފެނެ އެވެ.
މި ވަގުތު ވެސް އައިޖީއެމްއެޗުގައި އެކަހަލަ ހަތަރު ވަރަކަށް މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ވަރަށް ދުވަސް ވީ އަންހެނަކު ވެސް ހިމެނެ އެވެ. އާއިލާގެ ފަރާތުން ލިބެން ޖެހޭ އެހީތެރިކަން ގިނަ ފަހަރު ފޯރުކޮށްދެނީ ނަރުހުން ކަމަށްވެ އެވެ.
"އެދައްތަ އެހެން އޮންނަތާ އެތައް ދުވަހެއް ވެއްޖެ. ހެނދުނު އާދޭ އޭނާގެ ދޮންދަރިއެއްގެ ރައްޓިއްސެއް. އައިސް ކާން ދީފައި ދާ މީހާ ދެނެއް ނާދޭ. ހަމައެކަނި އެ އޮންނަނީ،" ސްޓްރޯކެއް ޖެހިފައިވާ ބައްޕަ ބަލަން އިން އަންހެނަކު އެތަނުގައި އޮތް އުމުރުން ދުވަސްވީ މީހަކަށް އިޝާރަތްކޮށް ކިޔައިދިނެވެ.
ބައެއް ނަރުހުން ބުނާ ގޮތުގައި ހޮސްޕިޓަލުން ދޫކޮށްލުމުން ވެސް ހަވާލުނުވެ ތިބި ބައެއް މީހުންނަށް ކާންދިނުމާއި ރީތިކުރުން ފަދަ ކަންކަން ކޮށްދެނީ ނަރުހުންނެވެ.
މުޖުތަމައުގެ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތްކުރައްވާ އަހުމަދު ހިޝާން ވިދާޅުވީ އަޅާލާނެ މީހަކު ނެތި ހޮސްޕިޓަލުގައި ދޭތެރެދޭތެރެއިން ދުވަސްވީ މީހުން ތިބޭ ކަމަށެވެ.
"ދައުލަތުގެ ހޮސްޕިޓަލެއްގައި މި އޮންނަނީ އެޑްމިޓްކޮށްފައި. ދެން އެމީހަކަށް ހަވާލުވާނެ މީހެއް ނޫނީ ބަލަދުވެރިއެއް ނެތިގެން ހައްގުތައް ނުލިބި އޮތުމަކީ ގަބޫލްކުރެވޭ ކަމެއް ނޫން. ދައުލަތުން އެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ،" ހިޝާން ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ޑިރެކްޓަރު ޕަބްލިކް ރިލޭޝަންސް އަހްމަދު މައުސޫމް ވިދާޅުވީ އެ ހޮސްޕިޓަލުން ދޫކޮށްލުމުން ހަވާލުވާނެ މީހަކު ނެތިގެން ހޮސްޕިޓަލުގައި ތިބެން ޖެހޭ ދުވަސްވީ މީހުންގެ މައްސަލަ ހައްލުކުރަން ޖެންޑާ މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަމަކު ދެ ފަރާތުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ލިބޭ ގޮތެއް ނުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލީ މައްސަލަތަކަށް ހައްލު ހޯދުމުގެ ޒިންމާއާ ހަވާލުވެފައިވާ ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަޅާލާނެ ބަޔަކު ނެތި އައިޖީއެމްއެޗުގައި ތިބެން ޖެހޭ މީހުންގެ މައްސަލަ ކުރިން ވެސް ބަލާފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އެފަދަ މީހެއްގެ މައްސަލަ އެ މިނިސްޓްރީއަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅުމުން މިނިސްޓްރީގެ އިޖްތިމާއީ ހިދުމަތްތެރިން ބަލިމީހާއަށް ޒިޔާރަތްކޮށް، އާއިލާގެ މައުލޫމާތު އެއްކޮށް، އާއިލާގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ބަޔަކު ތިބިތޯ ބަލާ ކަމަށެވެ.
"ޝަރުއީ ބަލަދުވެރިން ދުނިޔޭގައި ތިބެ، އެ ފަރާތަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދޭން ދެކޮޅުހަދާ ނަމަ، މޯލްޑިވެސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް މައްސަލަ ހުށަހަޅާ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ބަލަދުވެރިއެއް ނެތް މީހެއް ނަމަ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދެ އެވެ.
ބައެއް މީހުން ލަފާކުރާ ގޮތުގައި ކުރިންސުރެ ދަރިންނަށް އަޅާނުލާ މީހުން އުމުރުން ދުވަސްވުމުން އެކަހެރިކޮށްލުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު ދަރިން ދެކެ ލޯބިން އުޅުނު ބައެއް މައިންބަފައިންނަށް ވެސް އުމުރުގެ ފަހުކޮޅު ހިތްދަތި ކަންކަން ދިމާވެ އެވެ. ލޯބި ނުލިބުމާއި އަޅާލުން ކުޑަވުމުގެ މައްސަލަތަކެވެ.
"ބައެއް މީހުން މަރުވީމަ މުދަލާއި ގޭ ބަހަން މީހުން ތިބޭ. އެކަމަކު އެމީހުން ބަލިވީމަ އަޅާލާނެ މީހަކު ނެތީ،" ދުވަސްވީ ބައެއް މީހުންނަށް އެހީތެރިވުމުގައި އުޅޭ މީހަކު ބުންޏެވެ.
ހިޝާން ވިދާޅުވީ މައިންބަފައިން ނުބަލައި އާއިލާތަކަށް ދޫކޮށްލެވެނީ އެކަށޭނަ ގާނޫނެއް ނެތުމުން ކަމަށެވެ. ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހާއްސަ ގާނޫނެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ގާނޫނެއް އޮތުމުން އެ ގާނޫނުގެ ދަށުން އެފަދަ ފަރާތްތަކަށް ހައްގުތައް އެބަ ޔަގީންކުރެވޭ. ދުވަސްވީ މީހުންނަށް ވެސް އެފަދަ ގާނޫނެއް ބޭނުންވޭ،" ހިޝާން ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި އޮތް 67 އަހަރުގެ ފިރިހެންމީހާގެ ހާލަތަށް ވިސްނާލުމުން މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތައް ކުޑަ ނޫންކަން އެނގެ އެވެ. ހައްލު ހޯދަން އެކި ފަރާތްތަކުން މަސައްކަތްކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
29 January 2018
އަޅަމެންގެ ޒުވާނުންގައި މައިންބަފަައިންނަށް ކަމޭ ހިތުމާއި ލޯްތްބާއި އަޅާލުމައި ކުލުނު އަށަގަންނުވާ، ރިވެތި އަޙުލާގު ލައްވާށި.... އާމީން... މި ފދަ ހާލަތް ތަކުގައި ތިބި ދުވަސްވީ މިހުނަށް އެހެން ގޮތެއް މެދުވއރި ކުރައްވާށި...އާމީން
ހިޔާމަ
29 January 2018
ރާއްޖޭގަ ހޮސްޕިޓަލް ސިސްޓަމް އޮންނަގޮތުން ކޮންމެ މީހަކު ކައިރީ މީހަކު އިންނަންޖެހޭ. އަސްލުމީހަކު ނެތަސް ހޮސްޕިޓަލުން ބަލަހަށްޓަންޖެހޭނެ، ދައުލަތުން (ނޫނީ އަމިއްލަފަރާތްތަކުންވެސް) ބެޑްފީ ދައްކާގެން ހިދުމަތް ހޯދަނީ. އެއީމީހުން މަރުވަންދެން އަޅާނުލާބާއްވާންދާތަނެއްނޫން. ހޮސްޕިޓަލުގަ އެނދެއްގަ އޮންނަ ބަލިމީހަކު އޮތީ ކާގެންތޯ އަދި ނުކާނަމަ ކެވޭގޮތެއް ހަމަޖެއްސުމަކީ ހޮސްޕިޓަލުގެ އިންސާނީ ވާޖިބެއް.
ސޭޑް
29 January 2018
ހިޝާނު ބުންޔަސް ގަދަކަމުން މައިންބަފައިން ބެއްލުމަކީ މައިންބަފައިންނަށް ރަގަޅު އަޅާލުމެއް ލިބޭނެ ކަމެއްނޫން. ހަރުކަށި ގާނޫނެއް ހަދައި ދަރިން ލައްވާ މައިންބަފައިން ބަލަން މަޖްބޫރުކުރުވީމަ ނަފްރަތުން ފުރިގެން ތިބެ މައިންބަފައިން ބެލުމަކީ މައިންބަފައިން އިތުރަށް ހިތުގައި ޖެހޭނެ ހާލަތެއް. ދަރިންގެ ހިތުގައި މައިންބަފައިންނަށް ލޯބި ނެތްނަމަ ކޮންމެވެސް ސަބަބަކާ ހުރެ އެކަން ރަގަޅުވީ ދުވަހަކުން މައިންބަފައިންނަށް އޯގާތެރި އަޅާލުމެއް ލިބޭނީ. ބައެއް އާއިލާތަކުގަ ދިމާވާ ކަމެއް ތަންކޮޅެއް ދަރިން ގިނަވުމުން ވަކި ކުއްޖަކަށް ފޭވަރކުރަނީއޭ ކިޔައި މައިންބަފައިންނާ އަޅާނުލުން. އެކަކު އަނެކަކާ ބައްސައިގެން ތިބުން. އެކަމު އެމީހުންނަށް ނުވިސްނޭ އެއްޗަކީ ކަންނޭގެ ފެމިލީ ތެރޭ އޮންނަ ހަމަނުޖެހުމަކުންވިއަސް މައިންބަފައިންނާ ތިމަންނަ އަޅާނުލުމުން ފާފަ ލިބޭނީ ތިމަންނައަށްކަން. ތިމަންނަގެ މަންމަބައްޕަ އެއީ އެހެން ބަޔަކާ އެކުނަމަވެސް ތިމަންނަގެ އަމިއްލަ މަންމަ ބައްޕަކަން. ހެޔޮކޮށް ނުހިތުމުން ސުވާލު އަންނާނެކަން.
ކަޑަ
29 January 2018
ހަމަ ފަހުރުވެރި ދިވެހިން ދޯ. މިއަދު ކާފަ މާމަ އަށް ހަދާލާގޮތަށް މާދަމާ މަންމަ ބައްޕައަށް ހަދާލާތިއިގޭ. އެއީ މައިންބަފައިންނަށް ލޯބިދިނުމަކީ.
ސަރުކާނު
29 January 2018
ކޮންމެ މީހެއްގެ ވަެސް މިނިވަންކަން އޮންނާނެ. މައިންބަފައިން ގަދަކަމުން ނުބެއްލޭނެ. ބަލަންބޭނުން މީހަކު ލައްވާ ބެއްލޭނީ. އެހެނޭ ކިޔާފަ ޤާނޫނީ ފިޔަވަޅެއް އެޅިގެންނުވާނެ. މީ މިނިވަން ޒަމާން. ތިބޭނީ މިނިވަނުން. މީ އަނެއްރާއްޖޭގެ ތަސައްވަރު
ޞޮފާ
29 January 2018
މިއީ ހަމަ އަހަރެމެން ދިވެހިންގެ ކަންކަން ހުރި ގޮތް. ތަރައްޤީ އާއެކު ދަޢުވާ އުފުލަނީ ޙައްޤަށް އެކަނި. ކޮންމެ މީހަކުވެސް ތިމާގެ ޙައްޤަށް. ކޮބައިބާ ވާޖިބާ އިންސާނިއްޔަތުކަން؟ ކޮބައިބާ ޢާއިލީ ގުޅުމާއި ޢާއިލީ ތަހުޒީބު؟އެކަމަކު މިވަރުންވެސް އަހަރެމެން މި ދުވަނީ ދިވެހިންނަކީ ވަރަށް އޯގާތެރި ހިތްތިރި އަޚްލާޤް ރަނގަޅު ބަޔެކޭ ކިޔަމުން ދޯ؟ މައިންބަފައިންނަކީ ކޯޗެއްކަން ، ޢާއިލާ އަކީ ކޯޗެއްކަން، އިންސާނިއްޔަތު ކަމަކީ ކޮބައިކަން ނޭނގުނު ބަޔެއްގެ ކޮން ރީއްޗެއްތަ އަޅެ އޮންނާނީ؟
ބޮޑުމާމަ
29 January 2018
މީ ދަރިފުޅުމެން ބޭނުންވާ ތަރައްޤީ! ޒިންމާތަކުގެ ކުރިން ހައްޤުތައް ލިބެން ޖެހެންޔާ ކަންކަން ދާނީމިހެން... ދަރިންގެ ހައްޤު ގެއްލީ ދާނެތީ އަދަބެއް ނުދެވޭ.. އަބިމީހާގެ ހައްޤު، ފިރިމީހާގެ ހައްޤު. މިގޮތަށް ކިޔާނެ ކަމެނެތް. ތިމާމެންގެ ޒިންމާއެ ނުފެނޭ. ބޮޑުމާމަ ބުނާނީ ދެން އެންމެން ހަގު ކޮއްލާގެ ތިބެލާޝޭ. ތި ކުދިން އަމިއްލަ އަތުން ކުރި ކަންކަންމީ. ދެން ތިބީ މީހުންން ވެސް ދުވަހެއް އަންނާނެ
މެންޓަލިސްޓް
29 January 2018
މިދިޔައަހަރުގެ ކުރީކޮޅުގައި އަޅުގަނޑާޢިވެސް އައިޖީއެމްއެޗް އިން އަޅާލާނެ މީހަކުނެތިފައިއޮތް ފައިބިންދައިގެންގޮސް އޮޕަރޭޝަންކޮއްފައިއޮތް އުމުރުން ދުވަސްވީމީހަކާއި ދިމާވި ،،، އަޅުގަނޑު އެމީހާއަށް ކާންދީވެސް ހެދީން ،،، އަދި މައުލޫމާތްވެސް އޮޅުންފިލި ،،،، އެބޭބެގެ އާޢިލާމީހުންވެސް މިފުރަމާލޭގައި އުޅޭ ،،، ނަމަވެސް ކޮންމެވެެސް ސަބަބަކާއިހުރެ އެކަކުވެސް ނާދޭ ،،، އެބޭބެ ހޮސްޕިޓަލްއަށް ގެނައިމީހާ ދިއައީ ބޭބެގެ ކޭޝްކާޑްވެސް ހިފައިގެން ،،، އަދި އަޅުގަނޑު ދުށީމު ރޭގަޑުގެ ގަޑީގައި ޑިއުޓީގައި ވަރަށް ގިނަ ޕޭޝަންޓުންކައިރީ އާއިލާމީހުންގެ ބަދަލުގައި ބަނގްލަދޭޝްމީހުން ބައިތިއްބައިފައިތިބިތަން ،،، ވެގެން އުޅޭ ގޮތަކީ އިންސާނީހިއްތަކުން ކޮމްޕެޝަންއާޢި ލަވް ގެއްލިގެން ދިއުން ،،،، އެހިސާބުން އެމްޕަތީވެސް ދަނީ ،،،، މިއަދު ދިވެހި މުޖްތަމައުގައި ގިނަވަުން ދާކަމެށް މިއީވެސް ،،، އެއީ މުޅިގައުމުގައި ނެގެޓިވް އެނާރޖީގިނަވީމައި ދެންވާނެ ހަތަރެތި މިވަނީ ،،، އެއީ ލައިފް ފިޒިކްސް އަދި އޭގެ ސައިންސްވެސް ހެކިދޭކަމަކީ ،،،
ކަމަނަ_
28 January 2018
މިއީ ރާއްޖޭގައި އެކަނި ދިމާވާ ކަމެއް ނޫން. ބޭރުގެ ގިނަ ގައުމުތަކުގައި ދުވަސްވީ މީހުން ބައިތިއްބައިގެން ބަލާދިނުމުގެ ހިދުމަތްދޭ ތަންތަން ހުރޭ. ވާރިސުން ނެތް ނަމަ ދައުލަތުން (އާސަންދައިން) އެފަދަ ތަނަކަށް ފައިސާ ދައްކާފައި މީހާ ބެލުމާ ހަވާލުކުރެވިދާނެ. ވާރިސުން ތިބި ނަމަ އެމީހުން ޚަރަދުކޮށްގެން އެކަން ކުރަންޖެހޭނެ.
ސަޖޯ
29 January 2018
މިފަދަ ކަމެއް ނަމަ ބޭރުގައުމުތަކުގައި ވެސް އޮންނަ ގޮތް. ރޯ ހައުސް އާ ފުލެޓް ގަންނަން ގުރުއަތަށް ދާންޖެހޭބާ ބޭރުގައުމުގަ. މަށަށް ފެންނަނީ ވިއްކާ ވިއްކާ ޖެހާފަ ހުންނަ ގެޔާއި އެޕާޓްމަންޓްތައް.
އަހުރެން
28 January 2018
ދުވަސްވީ މީހުން ބަލަން ނުތިބޭ ސަބަބުތައް ދިރާސާކޮށް ހޯދަން ޖެހޭ. އެއީ އަމިއްލަ އަބި ދަރިންގެ ކަންކަން ހަމަ ޖައްސަން ވަޒީފާގައި އުޅޭތީ އެކަން ހުއްޓާލާފައި އައިސް ހުރެވެން ނެތީ ކަމަށްވެސް ވެދާނެ. ނުވަތަ ނާރސިންގް ހޯމް ކަހަލަ ދުވަސްވީ މީހުން ބަލަހައްޓައި ދިނުމުގެ ޚިދުމަތްދޭ ތަނެއް ނެތީމާވެސް މި މައްސަލަ ދިމާވެދާނެ.