ރަށެއްގައި ކުޑަ ދެ ކުއްޖަކު ބޮއްކުރައަކުން މޫދަށް ފުންމަނީ: ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ އެތައް މައްސަލައެއް ކޮންމެ މަހަކު ވެސް ރިޕޯޓްކުރޭ.---މިހާރު ފޮޓޯ: ހުސައިން ވަހީދު
02 މާޗް 2018 - 10:55
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމުގެ ތާރީޚީ ފިޔަވަޅެއް ރާއްޖެ އިން ވަނީ އަޅައިފަ އެވެ. އެކަމަކު ހަރުކަށި ގާނޫނެއް ތައާރަފްކުރިތާ އަށް އަހަރު ފަހުން ވެސް ފެންނަނީ އަނިޔާ ލިބޭ ކުދިންގެ އަދަދު އިންތިހާ އަށް މަތި ކަމެވެ. މިއީ އެއް ގޮތަކުން ރަނގަޅު ކަމަކަށް ވެސް ވެދާނެ އެވެ؛ ރިޕޯޓްކޮށް، ބަލަމުންދާ މައްސަލަތައް އިތުރުވަމުން ދިޔުމުގެ މާނައަކީ މި ކަމަށް ލިބޭ ސަމާލުކަން ބޮޑުވުން ކަމަށް ބެލިދާނެ އެވެ.
އެކަމަކު ރިޕޯޓްކުރާ އަދަދުގެ ބޭރުން މައްސަލައިގެ ހަގީގީ ހާލަތު އެނގޭނެ ގޮތެއް ނެތް އިރު ޖިންސީ ޝިކާރަވެރިންގެ ވަކިތަކުން ކުޑަކުދިން ރައްކާތެރިކުރުމުގައި އާދެވިފައި ވަނީ ކިހާ ހިސާބަކަށް ހެއްޔެވެ؟
ސެޕްޓެމްބަރު 2016 އިން ފެށިގެން ޖެންޑަ މިނިސްޓްރީން މަހުން މަހަށް ޝާއިއުކުރަމުން އަންނަ މުޅި ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާ އިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާ އެވެ. އޭރުން ފެށިގެން 2017ގެ ނިޔަލަށް ހިނގި 16 މަސް ދުވަހުގެ ތެރޭ އެބާވަތުގެ 453 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 2017ގައި ހުށަހަޅާފައިވާ މައްސަލަތައް 332 އަށް އަރަ އެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް ގާތްގަނޑަކަށް މައްސަލައެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކުއްޖަކަށް ޖިންސީ އަނިޔާ ލިބެ އެވެ.
ޖިންސީ އަނިޔާގެ މައްސަލަތައް ގިނައީ އެކަންޏެއް ނޫނެވެ. ލިބެން ހުރި ތަފާސްހިސާބުތައް ދިރާސާކޮށްލާ އިރު، މައްސަލަތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަން ވެސް އެނގެ އެވެ. އެގޮތުން، 2016ގެ ފަހު ހަތަރު މަސް ދުވަހާއި 2017ގެ ފަހު ހަތަރު މަސް ދުވަސް އަޅާކިޔާ އިރު ޖިންސީ އަނިޔާގެ މައްސަލަތައް ވަނީ 30 ޕަސެންޓް އިތުރުވެފަ އެވެ. އަދި 2017ގެ ފުރަތަމަ ހަ މަސް ދުވަހާއި ފަހު ހަ މަސް ދުވަސް އަޅާކިޔާ އިރު އެ ބާވަތުގެ މައްސަލަތައް ދެ ގުނަ އަށް ވުރެ ވެސް އިތުރެވެ. އެގޮތުން ޖެނުއަރީން ޖޫންގެ ނިޔަލަށް 107 މައްސަލަ ހުށަހެޅި އިރު ޖުލައި އިން ޑިސެމްބަރުގެ ނިޔަލަށް ރިޕޯޓްކުރި މައްސަލަތަކުގެ އަދަދު ވަނީ 225 އަށް އަރައިފަ އެވެ. މިއީ 110 ޕަސެންޓްގެ އިތުރުވުމެކެވެ.
"މިސާލަކަށް މިދިޔަ މަހު މި ބާވަތުގެ 20 މައްސަލަ ރިޕޯޓްކޮށްފައި އެބަ އޮވޭ. މިއީ ވަރަށް މަތީ އަދަދެއް، އަޅުގަނޑުމެން ކަހަލަ ކުޑަ ކޮމިއުނިޓީއަކަށް،" ކުޑަކުދިންނަށް އަނިޔާކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ޗެއާޕާސަން އަބްދުލް ހަމީދު އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެންވީމާ މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް."
ތަފާސްހިސާބުގައި ހިމެނެނީ ހުށަހަޅައި އަދި ބަލާ މައްސަލަތަކެވެ. ރިޕޯޓް ނުކުރާ ކަންކަން ވެސް ހިނގާފައި ހުރެދާނެ އެވެ. އެހެންވެ، ހަގީގީ އަދަދު މި އަށް ވުރެ ވެސް މަތިވުން އެކަށީގެންވެ އެވެ.
މި ސުވާލަށް ޖަވާބު ހޯދާކަށް އެހާ ފަސޭހައެއް ނޫނެވެ.
ޖެންޑާ މިނިސްޓްރީން ފާހަގަކުރާ ގޮތުގައި ތަފާސްހިސާބުން މިހާ މަތީ އަދަދުތަކެއް މި ފެންނަނީ ރިޕޯޓްކުރުން އިތުރުވާތީތޯ ނުވަތަ އަނިޔާކުރުން އިތުރުވާތީތޯ ކަނޑައެޅިގެން އެނގޭނެ ގޮތެއް ނެތެވެ.
"ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިހާރު އެހާ ބޮޑަށް އިތުރުވެފައިވާ ސީދާ ސަބަބު، ކަމާ ގުޅޭ ދިރާސާއެއް ހެދިފައި ނެތުމުން ދެންނެވުމަކީ ދަތި ކަމެކެވެ. އެހެން ނަމަވެސް ގަބޫލުކުރެވޭ އެއް ކަމަކީ ކުރިން ވެސް މިފަދަ މައްސަލަތައް މުޖުތަމައުގައި ހިނގަމުން ގޮސްފައި އޮންނާނެ ކަމެވެ. މިހާރު މައްސަލަތައް އިތުރު ކަމަށް އެހާ ބޮޑަށް ފާހަގަކުރެވެނީ މައްސަލަތައް ރިޕޯޓްކުރެވޭ މިންވަރު އިތުރުވުމުން ކަމުގައި ވުން ގާތެވެ." ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ މައުލޫމާތު ޝާއިއުކުރާ ވެބްސައިޓުގައި ޖެންޑަ މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އާމިނަތު ޝަރީފް ގަބޫލުކުރައްވ ގޮތުގައި މައްސަލަތައް ރިޕޯޓްކުރުން އިތުރުވުމަށް މަގުފަހިކޮށްދިން ކަންތައްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު 2009ގައި އައުމާ ގުޅިގެން އެ މިނިސްޓްރީ އާއި ފުލުހުން އަދި ފަހުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހިންގާފައިވާ ހޭލުންތެރިކުރުމުގެ ކެމްޕެއިންތައް ހިމެނެ އެވެ.
އޭގެ އިތުރުން، މައްސަލަތައް ރިޕޯޓްކުރެވޭނެ ފަސޭހަ، ގިނަ ގޮތްތަކެއް ގާއިމްވެފައި ހުރުމާއި ގާނޫނުން ލިބިދީފައިވާ ލުއިފަސޭހަތަކާ އެކު، އަނިޔާކުރާ މީހުންނާ މެދު ފިޔަވަޅު އަޅަމުންދާ ތަނާއި ކުދިންނަށް ރައްކާތެރިކަން ލިބިގެންދާ މަންޒަރު ފެނުމަކީ ވެސް ރިޕޯޓްކުރުން އިތުރުވި ސަބަބެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ގާނޫނީ ގޮތުން ކުށެއްކަން އެނގިފައި އެ ކުށަށް އަދަބު ލިބެން ފެށި ހިސާބުން މީހުންނަށް މި ކަހަލަ ކަންކަން ރިޕޯޓްކުރަން އިތުރު ހިތްވަރެއް ލިބުނީ،" އާމިނަތު ވިދާޅުވި އެވެ.
ޖެންޑަ މިނިސްޓްރީން ފާހަގަކުރާގޮތުގައި މި ދާއިރާ އިން އެ މިނިސްޓްރީގެ މަސައްކަތްތަކަށް ވަނީ ހަރުދަނާކޮށް ފުޅާކޮށްފަ އެވެ. ތަފާސްހިސާބު ބެލެހެއްޓުން ހަރުދަނާކުރުމާއި އެ ނޫން ވެސް ގޮތްގޮތުން ވޭތުވެދިޔަ ދެ އަހަރު "މިނިސްޓްރީ ތެރޭގައި ބައިވަރު ކަންތައްތަކެއް ބަދަލުވެގެން ދިޔަ" ކަމަށް އާމިނަތު ވިދާޅުވި އެވެ.
"މިނިސްޓްރީގައި މައްސަލަތައް ބަލަން ކަނޑައެޅިފައިވާ ސޯޝަލް ސާވިސް ޑިޕާޓްމެންޓަށް މުވައްޒަފުން އިތުރުކޮށް އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ވެސް ކުރިއާ ބަލާ އިރު، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރަނގަޅުވާނެ. ބަޖެޓުގެ ގޮތުން ވެސް ކުރިއާ ޚިލާފަށް ބައިވަރު ފަސޭހަތަކެއް އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ. މި ހުރިހާ ސަބަބުތަކަކީ ވެސް ރިޕޯޓްކުރާ މައްސަލަތައް އިތުރުވުމަށް އެޅޭ ބާރެއް ކަމަށް އަޅުގަނޑު ދެކެނީ،" އާމިނަތު ވިދާޅުވި އެވެ.
އެކަމަކު އޭނާ ފާހަގަކުރެއްވިގޮތުގައި ހުރިހާ ގޮންޖެހުންތަކެއް ހައްލުވީއެއް ނޫނެވެ. ޚާއްސަގޮތެއްގައި މިނިސްޓްރީގައި މަސައްކަތްކުރާނެ ފަންނީ މީހުން، ބޭނުންވާ ވަރަށް ނުލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދަތިވެފައި ހުރި ކަންތައްތަކެއް ރަނގަޅުވަމުންދަނީ. އެއްކޮށް ރަނގަޅުވެއްޖެއެކޭ ނުދަންނަވާނަން. މިއީ އަދިވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ބޭނުންވާ ދާއިރާއެއް،" އާމިނަތު ވިދާޅުވި އެވެ.
ރަށެއްގައި ކުޑަކުދިންތަކެއް ބައިސްކަލު ރޭސް ޖަހަނީ. ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ޖެންޑާ މިނިސްޓްރީން ފާހަގަކުރޭ.---މިހާރު ފޮޓޯ: ހުސައިން ވަހީދު
ކެޕްސް އިން ދެކޭގޮތުގައި ޖިންސީ އަނިޔާ އިން ކުޑަކުދިން ހިމާޔަތްކުރުމުގެ މަސައްކަތް އަދިވެސް ފުޅާކޮށް، ހަރުދަނާކުރަން ޖެހެ އެވެ. އެގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުންތެރިކަން އަދިވެސް ބޮޑު ކަމަށް ހަމީދު ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެން ރަށު ކައުންސިލްތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގާ އިރު ފާހަގަކުރެވެނީ މި ކަހަލަ މައްސަލަތަކާ މެދު ހޭލުންތެރިކަން އޮންނަން ޖެހޭ މިންވަރަށް އަދިވެސް ނެތްކަން،" އޭނާ ވިދާޅުވި އެވެ.
"ދެވޭ މައުލޫމާތަކީ އާއްމުންނަށް އެންމެ މުހިއްމު މައުލޫމާތަށް އެބަ ވާން ޖެހޭ. ބެލެނިވެރިން ފާރަވެރިވާންވީ ގޮތާއި ޖިންސީ އަނިޔާއަކީ ކޮބާކަން ދެނެގަންނާނެ ގޮތްތައް ކުދިންނަށް ވެސް ރަނގަޅަށް ކިޔައިދޭން އެބަ ޖެހޭ. ޕްރޮގްރާމްތަކުގެ ތެރެއިން ބެލެނިވެރިންނަށް ކިޔައިދޭން އެބަ ޖެހޭ ގޭތެރޭގައި އޮންނަން ޖެހޭ ގުޅުމާއި އެ ގުޅުން އެހެން ގޮތަކަށް ބަދަލުވާން އުޅެންޏާ އެކަން ދެނެގަންނާނެ ގޮތް ވެސް."
ހަމީދު ގަބޫލުކުރައްވާ ގޮތުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އެންމެ އެކަށީގެންވާ ގޮތަށް މައުލޫމާތު ފޯރުކޮށްދެވެމުންނެއް ނުދެ އެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން ބޭއްވިން ވަރަށް ބޮޑު ޕްރޮގްރާމެއް ގދ. އަތޮޅުގައި. އެ ބޭފުޅުން ވިދާޅުވި މި ތަނަށް މީގެ ކުރިން ވެސް ބަޔަކު އައޭ، މިނިސްޓްރީން ވެސް. މި މައުލޫމާތުތަކެއް ތިމަންނަމެންނަކަށް ފޯރުކޮށެއް ނުދެއޭ،" އޭނާ ވިދާޅުވި އެވެ.
"ބައެއް ފަހަރު މި ވާ ގޮތަކީ ޖިންސީ އަނިޔާގެ މައުލޫމާތު ދޭން ދަނީ އެކަމަކު ހެލްތު އެންޑް ނިއުޓްރިޝަން ނުވަތަ ކޮންމެވެސް އެހެން ކަމަކަށް އޭތި ގެންގޮސްދާނެ. އެހެންވީމަ ލިބެންވާ މައުލޫމާތު ނުލިބެނީ ކަމަށް އަޅުގަނޑުމެންނަށް ބޮޑަށް ގަބޫލުކުރެވެނީ."
އެކަމަކު އާމިނަތު ވިދާޅުވި ގޮތުގައި ޖެންޑަ މިނިސްޓްރީން އަންނަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ބެހޭގޮތުން އާއްމުންނަށް މައުލޫމާތު ދިނުމަށް އެކި ގޮތްގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2015 އިން 2017 އަށް ހިންގި "އަހަން" ކެމްޕެއިނަކީ ހޭލުންތެރިކުރުމުގެ ބޮޑު ޕްރޮގްރާމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޭގެ ތެރޭގައި 2016ގައި މިނިސްޓްރީގެ ފަރާތުން ވަކިވަކި ރަށްތަކަށް ޒިޔާރަތްކޮށް ގްރޭޑް ހަތަރަކުން ފެށިގެން މަތީގެ ކުދިންނަށް ވަކިވަކި ސެޝަންތައް ނަގައިގެން އެބިއުޒްއަކީ ކޮބައިކަމާއި އެބިއުޒް ވެއްޖެއްޔާ ކުރާނެ ކަންތައްތަކާއި ސައިންސް އޮފް އެބިއުޒް ކަހަލަ ކަންކަން ކިޔައިދީފައިވޭ،" އާމިނަތު ވިދާޅުވި އެވެ.
ކެޕްސް އިން ދެކޭގޮތުގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ދަފްތަރެއް، ކަނޑައަޅާފައި އޮތް މުއްދަތަށް ވުރެ ފަސް އަހަރު ފަހުން ކަމަށް ވިޔަސް، 2015ގައި ޝާއިއުކުރަން ފެށުމަކީ ގާނޫނާ އެކު އައި އެންމެ ބޮޑު ކުރިއެރުމެވެ. އެކަމަކު ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ ތުހުމަތުކުރެވޭ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭކަން ފާހަގަކޮށް އެ ޖަމްއިއްޔާ އިން ކަންބޮޑުވުން ފާޅުކުރެ އެވެ.
"މިސާލަކަށް އިއްޔެ ހައްޔަރުކުރި މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު މުޖުތަމައަށް ދޫކޮށްލާ ތަން އެބަ ފެނޭ. އެއީ އަނެއްކާވެސް އެއްކަލަ ކުއްޖާ އަށް ނުވަތަ އިތުރު ކުދިންނަށް ބިރުވެރިކަމެއް،" ހަމީދު ވިދާޅުވި އެވެ.
"ތަކުރާރުކޮށް މިކަން ކުރާ މީހުން އެބަ އުޅޭ. މިސާލަކަށް އެއްކަލަ މީހާ ހައްޔަރުކުރާތާ 24 ގަޑި އިރު ތެރޭ ދޫކޮށްލީމާ ދެން އޭނާގެ އެ މައްސަލަ (ޝަރީއަތް) ތާވަލުކުރަން ނަގާފާނެ އަހަރު، ދެ އަހަރު. އެއްކަލަ މީހާ ހުންނާނީ މުޖުތަމައުގައި. އޭނަ އެ ކުރާ ކަންތައް ކުރާނެ. އެހެންވީމާ އިތުރު ކުދިން ވެސް ޝިކާރައަކަށް ވެގެންދާނީ. އޭނަ ބަންދުން ދޫވެފައި ހުންނަ ކަމަށް ވަންޏާ ނުވަތަ ކުށް ސާބިތު ނުކުރެވޭ ކަމަށް ވަންޏާ އެކަން ކުރާނެ."
Offenders | Child Sex Offenders Registry
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު
ޖިންސީ އަނިޔާގެ ތުހުމަތު ކުރެވޭ މީހުންނަކީ މުޖުތަމައަށް ނުރައްކާތެރި ބައެއްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ އެފަދަ މައްސަލަތަކުގެ ޝަރީއަތްތައް ވީހާ ވެސް އަވަހަކަށް ނިންމަން ޖެހޭ ކަމަށެވެ. އަދި މައްސަލަ ނިމެންދެން އެ މީހަކު ބަންދުގައި ބަހައްޓަން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ވެސް ކެޕްސް އިން ދެކެ އެވެ. ގާނޫނުގައި، ކުށް ސާބިތުކުރަން 12 ބާވަތެއްގެ ހެކި ބޭނުންކުރެވިދާނެ ކަމަށް ބުނެފައިވާ އިރު، އޭގެ ތެރެއިން މަދުވެގެން ފަސް ކަމެއް ފުރިހަމަވާން ޖެހެ އެވެ. އެ ޖަމްއިއްޔާ އިން ދެކެނީ އެ އަދަދު ގިނަ ކަމަށެވެ.
"އެ އަދަދު އެއަށް ވުރެ ތަންކޮޅެއް މަދުކޮށްގެން މިކަން ވާނީ. އެހެން ނޫނީ މި ވާގޮތަކީ އެކަން ހިނގާ އިރު ވީޑިއޯ ކެމެރާއެއް ވެސް ހުންނަން އެބަ ޖެހޭ (ހެކީގެ ގޮތުގައި ވީޑިއޯ ރެކޯޑިން ބޭނުންކުރެވިދާނެ). އެ ފަސް ހެކި ނެތި، ގަބޫލު ނުކުރެވޭ ކަމަށް ވަންޏާ ގިނަ ފަހަރަށް އެއްކަލަ މީހާ ހުންނާނީ މުޖުތަމައަށް ދޫވެފައި،" ހަމީދު ވިދާޅުވި އެވެ.
http://www.mvlaw.gov.mv/pdf/ganoon/chapterVIII/12-2009.pdf
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު
ހަމީދު ވިދާޅުވިގޮތުގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން މައުލޫމާތު ލިބުމުން އާއްމުންގެ ފަރާތުން ވަރަށް ރަނގަޅު ރޫހެއް ފެނެ އެވެ. ރަށު ފެންވަރުގައި ކުދިކުދި ކަންތައްތައް އަމިއްލަ އަށް އިސްނަގައިގެން ވެސް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އަމިއްލަ ޒިންމާ އާއި މުޖުތަމައުގެ ޒިންމާ ވެސް މި ކަމުގައި އޮތްކަން މީހުންނަށް މިހާރަށް ވުރެ ވެސް ބޮޑަށް އެނގެން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ޝިއާރެއް އޮންނާނެ ހުރިހާ ކުދިންނަކީ ވެސް ތިމާގެ އަމިއްލަ ދަރިން ކަމަށް ދެކިގެންނޭ، މިކަން ހައްލުކުރެވޭނީ. އެހެންވީމާ، މަގުމަތިން ފެނުނަސް، ގެއެއްގެ ތެރޭގައި އެކަހަލަ ކަމެއް ހިނގާކަން އެނގުނަސް ލަސް ނުކުރައްވާ އަންގަންވީ ފަރާތަށް އަންގާށޭ. ތި ބޭފުޅުންނަށްތާއޭ އެކަމާ މެދު ފިޔަވަޅެއް ނޭޅޭނީ، އެހެން ނަމަވެސް އަންގަންވީ ފަރާތަށް ވަގުތުން އަންގާށޭ. ބައެއް ފަރާތްތަކުން ބިރުގަނެ ޖެހިލުންވޭ އެކަން ކުރަން. އެކަމަކު އަޅުގަނޑުމެން މި ކިޔައިދެނީ އެންމެން ވެސް ބައިވެރިވާން އެބަ ޖެހެއޭ މިކަން ހައްލުކުރަން،" އޭނާ ފާހަގަކުރެއްވި އެވެ.
އެ ހޭލުންތެރިކަން އިތުރުކުރަން އޮފީސްތަކުގެ ފެންވަރުގައި މަސައްކަތްކުރުން މުހިއްމު ކަމަށް ކެޕްސް އިން ދެކެ އެވެ. އެހެންވެ، އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުން ވެސް މުވައްޒަފުން ޕްރޮގްރާމްތަކުގައި ބައިވެރިކުރަން އެ ޖަމްއިއްޔާ އިން ގޮވާލަ އެވެ.
"އަޅުގަނޑުމެން މިހާރު ވެސް ކުރިއަށް އެބަ ގެންދަން ހުޅުމާލޭގައި ހުރި އޮފީސްތަކަށް އެފަދަ ޕްރޮގްރާމެއް. އަޅުގަނޑުގެ ދަރިފުޅަށް އަނިޔާއެއްވާ އިރު އެކަންޏެއް ނޫން ހުއްޓުވަން ޖެހޭނީ. ފަރުދީ ޒިންމާ އޮންނަން އެބަ ޖެހޭ ކޮންމެ ކަމެއްގައި ވެސް. އެގޮތުން ބަލާ އިރު މުވައްޒަފުންނަކީ ވެސް، އެންމެންނަކީ ވެސް ކުޑަކުދިންގެ ބެލެނިވެރިން،" ހަމީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ހަމައެކަނި ރަސްމީ ފޯރަމްތަކުގައި މި ވާހަކަ ދެއްކުމެއް ނޫން. މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވާ މީހަކު އޭނާ އިންނަ ޖޯލިފައްޗެއްގައި ނުވަތަ ހޮޅުއަށީގައި ނުވަތަ އޭނާ އިންނަ ފެރީއެއްގައި ވެސް މި ވާހަކަ ދެއްކުން."
މަޢުލޫމާތާއި އެހީ | ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު
މަޢުލޫމާތާއި އެހީ ޖިންސީ ގޯނާ ޖިންސީ ގޯނާއަކީ، ބޮޑެތި މީހުން އެމީހުންގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެމީހެއްގެ މައްޗަށްކުރާ އިތުބާރާއި އިޙްތިރާމްގެ ނާޖާއިޒު ފައިދާ ނަގައިގެން، ޖިންސީ ކަންކަމުގައި ކުއްޖާ މަޝްޣޫލްކުރުވުމެވެ. މިފަދަ ކަންކަން ގަދަބާރުން، މަކަރުން، އެއްޗެތި ދީގެން ހައްލާލައިގެން ނޫނީ ބި…
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ބެހޭ މައުލޫމާތު އަދި ގުޅާނެ ނަމްބަރުތައް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހުނާ
03 March 2018
މީހުންގެ އެހެން އުޅުމަށް އައި ބަދަލުތަކާ މެދު ވިސްނާނީ ކާކު؟ ސައިހޮޓަލުގެ ސައި ބޯ އިނދެ އެތާ ބިންމައްޗަށް ސިގިރޭޓް އަޅި އެބަ ކަނޑާ. މިއީ މީހާގެ އެތެރެ ނަޖިސް ވީމަ ކުރާނެހާ ކަންތައް.
މަންމަ
02 March 2018
އަހަރެމެން ވެރިކަމާއި ހެދި އަވަދިނެތި.
ޖެންޑާ
02 March 2018
އަނިޔާކުރާ މީހުންނާ މެދު ފިޔަވަޅު އަޅަމުންދާ ތަނާއި ކުދިންނަށް ރައްކާތެރިކަން ލިބިގެންދާ މަންޒަރު ފެނުމަކީ ވެސް ރިޕޯޓްކުރުން އިތުރުވި ސަބަބެއް ކަމަށް އާމިނަތު ދެކެވަޑައިގަންނަވަ އެވެ. * ހަމައެއާއެކު އަނިޔާ ކުރާ ފަރާތައް ފިޔަވަޅުއަޅާފައި އަނިޔާ ލިބޭ ފަރާތްތައް އިތުރައް ރައްކާތެރިކުރުމަށް ނުވަތަ އަނބުރާ މުޖުތަމަޢުއަށް ބޭނުން ހިފޭ ބަޔަކަށއ ހެދުމަށް މިނިސްޓްރީ އޮފް ޖެންޑާއިން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ޢަނިޔާގެ ޝިކާރަޔަކަށް ވާކުދިން ޒުވާން އުމުރައް އަލާއިރު އމުރުން 18 އަހަރު ނުފުރެނީސް މުޅި މުޖުތމަޢުގައި ފަޟީހަތްވާފަދަ ކަންކަން ދިނާވެ. ނުވަތަ ކުރިން ދިނާވި ހާދިސާ ތަކާއި ގުޅިގެން ދިރިއުޅުމެއް ލިބޭނެ ކަމުގެ އުމންމީދުނެތި ހަމަ އެ ގުންތަކަށް ރުޖޫއަ ވާ މަންޒަރު މުޖުތަމައުން ފެންނަނީ މަދެއްކޮށް ނޫނެވެ.
ފަޤީރުކަލޯ!
02 March 2018
ތިކަމަކީ މިހާރު މުޅިދުނިޔޭގައި ފެތުރެމުން އަންނަ ބޮޑުވަބާއެކެވެ. ތީގެ ސަބަބުތައް ވަރަށް ގިނައެވެ. ނަމަވެސް މިމަޤާމަކީ ސަބަބު ބަޔާން ކޮށްދެވޭނެ މަޤާމެއް ނޫނެވެ. އެއީވެސް މަސްތެކެވެ. ޢެއީ ޤާނޫނަކުން ފުހެލެވޭނެ ކަމެއް ނޫނެވެ. މަސްތުވާތަކެތި މަނާކުރާ ކިތައްޤާނޫނު އޮތްތޯ ބައްލަވާށެވެ. އިޚްލާޞްތެރިކަން ނެތިއްޖެ! އަމާނާތްތެރިކަން ފުހެވިއްޖެ! ލަދުވެތިކަމުގެ ބުރުގާ ކަޝްފުވެއްޖެ! ދުނިޔެޚިޔާރު ކޮށްފި ހުރިހައިވެސް ސަބަބަކީ ދެވޭތަޢުލީމު!
ތުނިޔަ
02 March 2018
ތީސިޔާސީ ކަމެއްނަމަ ހައްލު ވެފައޮތީހީ! ސިޔާސީ ކަމެއްނަމަ ކުރިން އިލްހާމް ވެގެންވެސް ތިކަން ހައްލު ކުރަން އުޅުނީސް!
ޖަްބުރޯލު
02 March 2018
ކައިވެނިކޮއްގެން އުޅޭއިރު ގަދަކަމުން ޖިންސީގުޅުން ހިންގުމަކީ ރޭޕެއް ނޫންކަމަށް ދެކޭ ދިވެހިން ބައިވަރު އެބަތިބި. މިފަދަ ކަންތައްތައް މިގޮތައް ބެލޭހާ ދުވަހަކު މިފަދަ ޖިންސީ މައްސަލަތަކަށް ހައްލު ނުލިބި ދިގުދެމިގެން ދާނެ.
ބޮޑުއަދުރޭ
02 March 2018
ކޮބާ ތިކިޔާ ގާނޫނީ ދިގު އަތް!!! ގާނޫނޫ އައިސް އަރާހަމަކުރުން. ކަމާއިބެހޭމީހުން ވަރަށް މޮޅު ވާހަކަ ކިޔާއަޑުއިވޭނެ. ބަހާއި އަމަލު ދިމަލެއްނުވާނެ ކޮންމެކަމެއްގައި ހަމަ ޗޮކުން.
ޙްމް
02 March 2018
މިކަން ކުރާ އެންމެން ފަޅު ރަށަކަށް އުމުރައް އަރުވާލަންވީ. މައިތިރި ނުވަންޏާ ރޯދަ ހިފާބަލަ.
ލުކްވެލް
02 March 2018
ދުވާލަކު ކުއްޖެއް، ޖިންސީ އަނިޔާ އިންތިހާގައި އޮތް އިރު މިރާއްޖޭގެ ނޫސްވެރިން ވެސް ދުވަނީ ސިޔާސީ މީހެއްގެ ފަހަތުން ކޮންމެވެސް އެހެން މީހެއްގެ ބަނޑު އެ ސިޔާސީ މީހާ ކާލާނެ ވާހަކަ އެއް ލިބޭތޯ އެ ފަދަ މީހެއްގެ ފަހަތުން ނޫންތޭ. މިރާއްޖޭގެ ނޫސްވެރިން ވެސް އަމިއްލަ އަށް ފެނިގެން ލިޔާ ޚަބަރަކީ ކޮބައިތޭ މީހުން ކޮށްފައިވާ ޓްވީޓްސް ތަކަށް ގޭގެ އޭސީ ރޫމް ގައި އިނދެގެން ލިޔާ ޚަބަރު އެއީ ޚަބަރު ކަމަށް މަމެން ނުދަންނަމޭ މިރާއްޖޭގައި މިގޮތަށް ފުނި ޖެހިފައިވާ އިޖްތިމާއީ މައްސަލަ ތަް މަދެއް ނޫނެވެ. މީ ސަރުކާރުން މިހާރު ވިސްނާ ދިރާސާ ކޮށް ހަދާ މާލެ ސަރަހައްދަށް އާބާދީ ކުޑަ ރަށްރަށުގެ މީހުން ބަދަލު ކުރުމަށް ޓަކައި އަޒުމް ކަނޑައަޅަންވީ ވަގުތު އައިސް ޖެހުނު ކަން އަންގައިދޭ އަލިގަދަ ދަލީލެކެވެ.
އަރުތޫސް އަދުރޭ
02 March 2018
މި ވެރިކަމުގައި ނުބައި ނުލަފާ ކަންތައް ތަކުގެ ތެރެ އިން ނުހިގާ އޮތީ ކޮންކަމެއްބާ
ދީން
02 March 2018
ގައުމުގައި ބުދުބެހެއްޓުން ނަޝީދު ފަދައިން.