"މިހާރު"އާ ހަމައަށް އަޅުގަނޑުމެންގެ ދަތުރު

މާޗު 31 އިން ފެށިގެން ކުރީގެ "ހަވީރު"ގެ 75 މުވައްޒަފުން ހޭދަކުރީ ވަރަށް ހިތްދަތި ދުވަސްތަކެއް. އާމްދަނީ ލިބޭނެ ގޮތެއް ނޭނގި، ދިރިއުޅުމުގެ ގިނަ އުނދަގޫތަކަކާ ކުރިމަތިވި. އާ ނޫހެއް އުފައްދަން އެ ނޫސްވެރިން ފައި ނެގީ ބޭނުން ވަޒީފާއެއް އަދާކުރުމަކީ އަސާސީ ހައްގަކަށް ވާތީ.

"ހަވީރު" އަކީ މާޒީ އެވެ. "މިހާރު" މިއީ އެހެން ދަތުރެކެވެ؛ "ހަވީރު"ގެ ވާހަކަ ދައްކަން މި ޖެހެނީ މިއަދު މިތިބި ޕްލެޓްފޯމަށް މި ހުރިހާ މުވައްޒަފުން އަރަން ޖެހެނު މައިގަނޑު ސަބަބު ކަމަށް ވާތީ އެވެ. މާޗް 31 ގައި ސިވިލް ކޯޓުގެ ހުކުމަކާ އެކު ރާއްޖޭގެ އެންމެ ބޮޑު ނޫހާ އަލްވަދާއު ކިޔަން ޖެހުމާ އެކު އެތާނގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުން އިސްތިއުފާ ދިނުމަށް ފަހު އެ މީހުންގެ ކުރިމަގު ބިނާ ކުރީ މިއަދު ތިޔަބޭފުޅުންނަށް މަރުހަބާ މި ކިޔާ ނޫހާ އެކު އެވެ.


ކޯޓުގެ ހުކުމާ އެކު، "ހަވީރާ"އި "ހަވީރު އޮންލައިން" ހުއްޓާލި އިރު، ހަވީރު މީޑިއާ ގްރޫޕުގައި 75 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ އެވެ. އެ ހުއްޓުމަކީ ހަމައެކަނި އެ މީޑިއާ ހުއްޓުން އެކަންޏެއް ނޫނެވެ. އެއީ 75 މުވައްޒަފުންނާއި އެ މީހުންގެ އާއިލާތައް ވެސް ހުއްޓުމަކަށް އައި ސަބަބެވެ. އެ މުވައްޒަފުންގެ ތެރޭގައި ގިނައީ މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅެމުން އައި ބައެކެވެ. އެހެންވެ، މި ހުއްޓުމާ އެކު އެއިން ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު ވިސްނުމަކަށްވީ ދިރިއުޅުމެވެ. ހަވީރުގެ ހިއްސާދާރުންގެ ތެރޭގައި އޮތްް މައްސަލަ ނިމި، ވަޒީފާ އަށް އަނބުރާ ރުޖޫއަވާނެ ދުވަހެއް އެއީ ސުވާލެއްގެ ތެރޭގައި އޮތް ކަމެކެވެ. އަމިއްލަ ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސާނެ ގޮތެއް އެކަކަށް ވެސް ނުވިސްނުނެވެ. ބައެއް މުވައްޒަފުން 25، 26 އަހަރު ވަޒީފާ އަދާކުރި އޮފީސް ދޫކޮށްލަން ޖެހުން ވެގެން ދިޔައީ އެ މީހުންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާ ވަރުގެ އަސަރު ގަދަ ކަމަކަށެވެ.

އެއްކޮޅުން އޮތީ އެ މައްސަލަ އެވެ. އަނެއްކޮޅުން އާންމުން ސުވާލު ކުރަމުން ދިޔައީ މިނިވަން ނޫސްވެރިކަމަށް އައި ބޮޑު ހުސް ކަމާ ބެހޭ ގޮތުންނެވެ. އާންމުންގެ ތެރެއިން ވަރަށް ގިނަ މީހުން، އަޅުގަނޑުމެން އެނބުރި އަންނަން އެދެމުން ދިޔަ އެވެ. އެ މަޖުބޫރު ކަމުގެ ތެރެއަށް އައި އަނެއް މަޖުބޫރު ކަމަކީ އަމިއްލަ ދިރިއުޅުން ސަލާމަތް ކުރުމެވެ. މިދިއަ ދެ މަސް ދުވަހު އެ މީހުންނަށް ބަރާބަރަށް މުސާރަ ލިބިފައެއް ނުވެ އެވެ. އޭގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ހެއްޔެވެ؟ މުސާރަ ހޯދަން އެ މުވައްޒަފުން ދާނީ ކާކު ކައިރިއަށް ހެއްޔެވެ؟ މިއިން އެއްވެސް ކަމަކާ ވިސްނާނެ ބަޔަކު، އެ މުވައްޒަފުން ނޫނީ ނެތެވެ. އެހެންކަމުން މިދިއަ ދުވަސްތަކުގައި އަމިއްލަ ދިރިއުޅުމަށް ކުރިމަތިވީ ވަރަށް ބޮޑެތި ގޮންޖެހުންތަކެކެވެ. އާއިލާތަކަށް ވަރަށް ނިކަމެތި އަސަރުތަކެއް ކުރި އެވެ.

އެހެން ނޫހެއް ނެރުމުގެ ޚިޔާލު

ސިވިލް ކޯޓުގައި ކުރިއަށް ދާ "ހަވީރު" އާ ބެހޭ ޝަރީއަތާ މެދު މާޗު 31 ގެ ކުރިން މުވައްޒަފުން ނުވިސްނަ އެވެ. އެކަމަކު ހަވީރު މީޑިއާ ގްރޫޕްގެ ބަދަލުގައި މުވައްޒަފުން ނުވެސް ދަންނަ ދެ މީހަކާ ގުޅިގެން ނޫން ގޮތަކަށް "ހަވީރު" ނުހިންގޭނެކަމުގެ އަމުރު އައުމުން އެންމެން ދެން ކުރަން ފެށި ސުވާލަކީ "ތިމަންނަމެންގެ ކުރިމަގަކީ ކޮބައި ހެއްޔެވެ؟" މި އެވެ. އާ ނޫހަކާއި އާ ވެބްސައިޓެއް ހެދުމުގެ ޚިޔާލު މުވައްޒަފުންގެ މެދުގައި ފާޅުކޮށް، އެ މިސްރާބަށް ދިޔައީ، ޕްރޮފެޝަންގެ ގޮތުގައި ކުރަމުން އައި މަސައްކަތް ދެމެހެއްޓުމަށެވެ.

"ހަވީރު"ގެ މުވައްޒަފުން ދުށް ގޮތުގައި ހަވީރު މީޑިއާ ގްރޫޕުން ކެނޑޭކަށް އަދި ނޫސްވެރިކަމުގެ މަސައްކަތްކުރާކަށް އެ މީހުންނަކަށް ހަމަ އެއްވެސް ހުރަހެއް ނެތެވެ. "ހަވީރު"ގެ މައްސަލަ އަކީ ހަވީރު މީޑިއާ ގްރޫޕުން ވަކިވުމަށް ފަހު އެ މީހުންނާ ބެހޭ ކަމެއް ނޫނެވެ.

ދިވެހި ކޮންމެ ރައްޔިތަކު، އެ މީހަކު ބޭނުން ކޮންމެ މަސައްކަތެއް ކުރުމުގެ ހައްގު ގާނޫނުއަސާސީގައި ވަނީ ދީފަ އެވެ. އަދި މަޖުބޫރުކޮށްގެން އެއްވެސް މީހަކު ލައްވާ މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ގާނޫނުއަސާސީ ބުނެ އެވެ. "ހަވީރު"ގެ މުވައްޒަފުން ދުށް ގޮތުގައި ހަވީރު މީޑިއާ ގްރޫޕުން ކެނޑޭކަށް އަދި ނޫސްވެރިކަމުގެ މަސައްކަތްކުރާކަށް އެ މީހުންނަކަށް ހަމަ އެއްވެސް ހުރަހެއް ނެތެވެ. "ހަވީރު"ގެ މައްސަލަ އަކީ ހަވީރު މީޑިއާ ގްރޫޕުން ވަކިވުމަށް ފަހު އެ މީހުންނާ ބެހޭ ކަމެއް ނޫނެވެ.

މުއްސަނދިކަމުގެ ގޮތުންނާއި މުވައްޒަފުންގެ އަދަދަށް ބަލާއިރު "ހަވީރަ"ށް ވުރެ މާ ބޮޑެތި ކުންފުނިތަކުގެ މިލްކުވެރިކަމާ މެދު މައްސަލަ ޖެހި، ޝަރީއަތުން ގޮތްތައް ކަނޑައަޅާފައިވެ އެވެ. އެއިން އެއްވެސް މައްސަލައެއްގައި އެތަންތަނުގެ މުވައްޒަފުންނަށް އަމާޒުކޮށް އެއްވެސް ކަހަލަ އަމުރެއް ނެރެފައެއް ނުވެ އެވެ. އަދި މައްސަލަ ޖެހޭ ވިޔަފާރިތަކާ ގުޅުމެއް ހުރި ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ނުކުރާކަށް ވެސް ކޯޓަކުން މީގެ ކުރިން ބުނެފައެއް ނުވެ އެވެ. ތަނުގެ މުވައްޒަފުންނާއި ކުންފުންޏާ ޖެހޭ ވަޒީފާގެ މައްސަލަތައް ނިންމަމުން އައީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންނެވެ.

މިހާރު"ގެ މުވައްޒަފުން ފުރަތަމަ ދުވަހު ވެސް މަސައްކަތް ފެށީ އަމިއްލަ އެއްޗެހީގަ އެވެ. "ހަވީރު"ގެ ހަރު މުދަލެއް އަދި ފިކުރީ ހައްގަކަށް އަރައެއް ނުގަނެ އެވެ. އޮފީހުގައި ބޭނުންކުރާ ފަންސުރަށް ދަންދެން "މިހާރު"ގެ ޓީމުން ހޯދީ، ހެޔޮ އެދޭ ފަރާތްތަކުގެ އެހީގަ އެވެ.

ސިވިލް ކޯޓުގެ އަމުރުގައި މުވައްޒަފުންނަށް އަންގާފައި އޮތީ "ހަވީރު" އާއި މުވައްޒަފުންނާ ދެމެދު ވެފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރާށެވެ. އަދި "ހަވީރު"ގެ އެއްވެސް އެއްޗެއް ބޭނުންނުކުރާށެވެ. "މިހާރު"ގެ މުވައްޒަފުން ފުރަތަމަ ދުވަހު ވެސް މަސައްކަތް ފެށީ އަމިއްލަ އެއްޗެހީގަ އެވެ. "ހަވީރު"ގެ ހަރު މުދަލެއް އަދި ފިކުރީ ހައްގަކަށް އަރައެއް ނުގަނެ އެވެ. އޮފީހުގައި ބޭނުންކުރާ ފަންސުރަށް ދަންދެން "މިހާރު"ގެ ޓީމުން ހޯދީ، ހެޔޮ އެދޭ ފަރާތްތަކުގެ އެހީގަ އެވެ. އޭގައި ހަވީރު މީޑިއާ ގްރޫޕްގެ އެއްވެސް ހިއްސާދާރެއްގެ ރޯލެއް ނެތެވެ.

"މިހާރު"ގެ ބައެއް ނޫސްވެރިން ނިއުސްރޫމްގައި---މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ

"މިހާރު"ގެ ނޫސްވެރިންނާއި އެހެން މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ "ހަވީރަ"ކީ މާޒީ ކަމަށް ބަލައިގެންނެވެ. އެއީ މިހާރު އެއްވެސް ގޮތަކުން ހަވީރު މީޑިއާ ގްރޫޕްގެ މުވައްޒަފުންނެއް ނޫނެވެ. ބޭނުން އިރަކު ވަޒީފާ އިން ވަކިވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ.

ބޭނުންވަނީ މިނިވަން ނޫސްވެރިކަމެއް

"މިހާރު"ގެ އަމާޒަކީ ވަކި އަތަކަށް ނުޖެހޭ، މިނިވަން ނޫސްވެރިކަމެއް ކުރުމެވެ. އެ އަމާޒަށް ދާން ތަޖުރިބާކާރު ލިއުންތެރިންނާއި ނޫސްވެރިން އެބަ ތިއްބެވެ. އެއިން އެއްވެސް މީހަކު ޒާތީ ގޮތުން އެއްވެސް ބަޔަކާ ޖައްސާލައިގެން ނޫސްވެރިކަމެއް ނުކުރާނެ އެވެ. "މިހާރު"ގެ އަޚުލާގީ މިންގަނޑު ބިނާކޮށްފައި އޮތީ އެއަށް ވުރެ ފުރިހަމައަށް އަދި އެއަށް ވުރެ ޕްރޮފެޝަނަލް ފެންވަރެއްގަ އެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް "މިހާރު" ފެންނާނީ ވަކި އަތަކަށް ނުޖެހޭ މީޑިއާއެއްގެ ގޮތުގަ އެވެ. ސާފު ބަސްމަގަކުން ލިއެ، ލިއުންތެރިކަމުގެ މަތީ ފެންވަރުގެ އުފެއްދުންތައް ގެނެސްދިނުމަކީ ކޮންމެ ނޫސްވެރިއެއްގެ ވާޖިބެކެވެ.

"މިހާރު"ގެ ފުރަތަމަ އަދަދު މިއަދު ޗާޕް ކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ދެ މަސްދުވަހުގެ ތެރޭގައި އާ ވެބްސައިޓެއް ޑިޒައިންކޮށް ތައްޔާރުކުރުމާއި ދުވަހު ނޫހެއް ނެރުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. "މިހާރު" ނޫސް ޗާޕްކުރާނީ އަމިއްލަ މީހެއްގެ ވަރަށް ކުޑަ ޗާޕްހާނާއެއްގަ އެވެ. ޗާޕްގެ ފެންވަރު ކުރިއަށް އޮތް ތަނުގައި މަތިކުރުމުގެ އަޒުމް "މިހާރު"ގެ އެބަ އޮތެވެ.

ރަނގަޅު ވެބްސައިޓެއް، ދެ މަސްދުވަހުގެ ތެރޭގައި ތައްޔާރުކުރަން ވަރަށް ބުރަ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެބްސައިޓްގެ ފެންވަރު މިހާރަށް ވުރެ ވެސް ރަނގަޅުވާނެ އެވެ.

އެއްވެސް ބައެއްގެ ނުފޫޒެއް "މިހާރު" އަކަށް ނެތެވެ. "މިހާރު"ގެ ޓީމުން މަސައްކަތް ފެށީ އެ ހިތްހަމަޖެހުމާ އެކުގަ އެވެ.