މަގާމާ އެކު ފައިސާވެރިންނަށް! ވާނުވާއެއް ނޭނގޭ!

ދައުލަތުގެ މަގާމެއް ލިބޭ އިރަށް ކުއްލިއަކަށް ބޮޑެތި މަހުޖަނުންނަށް ވެގެންދާ މީހުން އެހާ ފަސޭހަ އިން ފާޑުކިޔުންތަކުން ރެކިގަންނަނީ ކިހިނެއް ހެއްޔެވެ؟ ގޯއްޗާއި ފްލެޓާއި ކާރު ފަދަ އަގު ބޮޑު މުދާ މިލްކުކުރަނީ ހަމަ ހަލާލު ފައިސާއިންނޭ ބުނެލާފައި އެ މީހުންނަށް ފަރުޖައްސާލެވެނީ ކިހިނެއް ހެއްޔެވެ؟


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބޮޑެތި މަގާމްތައް ފުރާ އެ ނޫން ވެސް ގިނަ ބަޔަކު ރިޝްވަތުން ފޯވެފައިވާ ކަން ގަބޫލުކުރާ އާއްމުން ކުރަންވީ މި ސުވާލުތަކެވެ.

ފުލުފުލުން ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވަމުންދާ އިރު އަދި ޚާއްސަކޮށް މަޖިލީހުގެ މެމްބަރުން ރިޝްވަތު ދީ، ހިފައި އުޅޭކަން އެ މީހުންގެ އަމިއްލަ އިއުތިރާފުން އެނގިފައިވާ އިރު، އެއާ އެކުއެކީގައި ފެންނަނީ އެފަދަ ތުހުމަތުތައް ރައްދުވާ މީހުން ކުއްލިއަކަށް ބޮޑެތި ފައިސާވެރިންނަށާއި މުދާވެރިންނަށް ބަދަލުވެގެންދާ މަންޒަރެވެ. އެކަމަކު ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން ހަގީގީ މާނައިގައި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟

ދައުލަތުގެ މަގާމްތަކުގައި ތިބޭ މީހުންނަށް ނުހައްގު މުއްސަނދިކަމެއް ލިބިނުގަނެވޭނެކަން ކަށަވަރުކުރުމުގެ އެންމެ އަސާސީ ފިޔަވަޅަކީ އެ މީހުންގެ މާލީ އަދި ވިޔަފާރީގެ މަސްލަހަތުތައް ތެދުވެރިކަމާ އެކު، ގަވާއިދުން ހާމަކުރަން ޖެހޭ ގޮތް ހަމަޖެއްސުމެވެ. މިހާރު ވެސް، ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި ޕްރޮސެކިއުޓަ ޖެނެރަލާއި ބައެއް މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަހަރަކު އެއް ފަހަރު އެ މީހުންގެ މުދަލާއި ފައިސާގެ ބަޔާނެއް ކަމާ ބެހޭ ވަކި ފަރާތްތަކަކަށް ހުށަހަޅަން ޖެހެ އެވެ. އެކަމަކު އެއީ، އާއްމުންނަށް ނޭނގޭ ގޮތަށް އަދި މަގްސަދު ހާސިލް ނުވާ ގޮތަށް، ހަމައެކަނި ނަމެއްގައި ކުރަން އޮންނަ ކަމެކެވެ.

ފުރަތަމަ މައްސަލައަކީ، މާލީ ބަޔާން ހުށަނާޅާ މީހުންނާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ގާނޫނެއްގައި ނެތް އިރު އެކަން ނުކުރާ މީހުން ޒިންމާދާރުކުރެވޭނެ ގޮތެއް ވެސް ނެތުމެވެ. ދެވަނަ ކަމަކީ، ބަޔާނުގައި ހިމަނަނީ ސައްހަ، ތެދު މައުލޫމާތުތޯ ކަށަވަރުކުރަން ނުޖެހުމެވެ. އަދި ތިން ވަނަ މައްސަލައަކީ، އެފަދަ ބަޔާންތައް އާއްމުކޮށް ޝާއިއުކުރަން ނުވަތަ ހާމަކުރަން ވެސް ގާނޫނީ ގޮތުން ލާޒިމް ނުކުރާތީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށް، މަގާމްތައް ފުރާ ގިނަ މީހުންނާއި އެ މީހުންގެ މާލީ ބަޔާންތަކާ ހަވާލުވާ މުއައްސަސާތަކަކުން ނުދެކުމެވެ. އެންމެ ކުޑަމިނުން، މާލީ ބަޔާން ހުށަހަޅަނީ ކިތައް މީހުން، ނުވަތަ ކޮން ބައެއްކަން ވެސް އެ ތަންތަނުން އިސްވެ ހާމަކުރަމުން ނުދާ އިރު އެ މައުލޫމާތު ހޯދުން ވެސް ވަނީ އުނދަގޫ ކަމަކަށެވެ.

"މި ކަހަލަ ކަންތައްތަކަށް ބަދަލެއް ގެނެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުން ރައްޔިތުންގެ ފަރާތުން. އާއްމުން މިކަން ރަނގަޅަށް ގަބޫލުކޮށްފިއްޔާ އަދި އާއްމުންގެ ފަރާތުން ޕްރެޝާއެއް އަންނަ ކަމަށް ވަންޏާ، ގާނޫނު ހަދަން ތިބީ މަޖިލީހުގެ މެމްބަރުން ކަމަށް ވިޔަސް، އެ ބަދަލު އަންނާނެ."

މުއައްސަސާތަކުގެ ސިއްރުވެރިކަން

މާލީ ބަޔާނާ ގުޅުން ހުރި މިފަދަ މައްސަލަތައް ބޮޑަށް ހާމަވާން ފެށީ 2015 އިން ފެށިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހިންގަމުން އަންނަ "ހާމަކުރޭ!" ކެމްޕެއިނާ އެކުގަ އެވެ. އެ ހަރަކާތުގައި އެ ޖަމްއިއްޔާގެ ތަޖުރިބާ އިން ފާހަގަވި މައިގަނޑު ދެ ކަމަކީ މާލީ ބަޔާން ހުށަހެޅުމާ ގުޅޭ ކަންކަން ސިއްރުކުރާ ކަމާއި އެއީ ސައްހަ ބަޔާންތަކެއްތޯ ނުބަލާ ކަމެވެ. މާލީ ބަޔާން ބަލައިގަންނަ މުއައްސަސާތަކަކީ މަޖިލީހުގެ އިދާރާ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހާއި ޖުޑީޝަލް ސާވިސް ކޮމިޝަނެވެ.

"އަޅުގަނޑުމެން މައުލޫމާތަށް އެދުނީމަ، މިއިން އެއްވެސް ފަރާތަކުން ނެތް، ސަބްމިޓްކުރެވިފައި ހުރި މައުލޫމާތު ވެރިފައިކުރަން އެއްވެސް ވަރަކަށް މަސައްކަތްކުރިތޯ ބުނެދީފައެއް. ނުކުރަމެކޭ އެއްވެސް ފަރާތަކުން ސީދާ ބުނީއެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވެނީ ސަބްމިޓްކުރީމަ އެ އެއްޗެހިތައް ހަމައެކަނި ފައިލްކޮށްލާފައި ބަހައްޓަނީއޭ،" ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އާހިދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީގައި ލާޒިމްކޮށްފައި އޮންނަ ގޮތަށް މާލީ ބަޔާން ހުށަހަޅާކަން ކަށަވަރުކުރުމަކީ ވެސް އުނދަގޫ ކަމެކެވެ.

"މައުލޫމާތު ހާމަކުރުމުގެ ގާނޫނުގެ ދަށުން އަޅުގަނޑުމެން އެދިގެން އެކި ތަންތަނުން އެކި ވަރަށް ޖަވާބު ލިބިފައި ހުރީ،" އާހިދު ވިދާޅުވި އެވެ.

"މިސާލަކަށް ބުނަންޏާ، އޮޑިޓް އޮފީހަކަށް ބުނެއެއް ނުދެވުނު ރައީސުލްޖުމްހޫރިއްޔާ ނުވަތަ ކެބިނެޓް މިނިސްޓަރުންގެ ތެރެއިން މިދިޔަ 10 އަހަރު ތެރޭ މާލީ ބަޔާން ހުށަހަޅާފައި ވަނީ ކޮން ބަޔަކު، ކޮން އަހަރުތަކެއްގައި ކަމެއް. ޖުޑީޝަލް ސާވިސް ކޮމިޝަނުން އެއްފަހަރު ބުނެދިން، ހުރިހާ ފަނޑިޔާރުން ބަޔާން ހުށަހެޅި ކަމަށް. ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ފުރަތަމަ އެ ވަރު ވެސް ބުނެ ނުދޭން އުޅެފައި އަޅުގަނޑުމެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެ ކަންތައް އެޕީލްކޮށްގެން އެންމެ ފަހުން 2016ގައި ބުނެދިނީ އެ ވަގުތު ބަންދުގައި ހުންނެވި އެއް މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން މާލީ ބަޔާން ހުށަހެޅިއޭ."

ކެބިނެޓް ބައްދަލުވުމެއް: ދައުލަތުގެ އެންމެ މަތީ ވެރިންގެ މާލީ ބަޔާން އާންމުކުރެވޭނެ ގޮތެއް އޮންނަން ޖެހޭ

އަމިއްލަ ޒިންމާ

ގާނޫނީ ގޮތުން ލާޒިމް ކަމަކަށް ނުވިޔަސް ކޮރަޕްޝަނަށް ނޫނެކޭ ބުނުމާއި ޑިމޮކްރެސީ ނެގެހެއްޓުމުގެ ރޫހުގައި މާލީ ބަޔާން ހާމަކުރުމުގެ އިޚްތިޔާރު މަގާމްތައް ފުރާ މީހުންނަށް އެބަ އޮތެވެ. "ހާމަކުރޭ!"ގެ ޕްރެޝަރާ އެކު، މަޖިލީހުގެ ބައެއް މެމްބަރުން އެކަން ކޮށްފައި ވެސް ވެ އެވެ. އެކަމަކު އެ ކެމްޕެއިން ފެށި އަހަރު އެންމެ 12 ވަރަކަށް މެމްބަރުން އެ މީހުންގެ މާލީ ބަޔާން ސޯޝަލް މީޑިއާގައި ހާމަކުރުމަށް ފަހު، ވޭތުވެދިޔަ ދެ އަހަރު އެ އަދަދު ވީ އެ އަށް ވުރެ ވެސް ދަށެވެ. ބައެއް ކަންބޮޑުވުންތަކާއި އުޒުރުތަކާއި ބަހަނާތައް ވެސް އެ ކަމުގެ ތެރެއިން ފާހަގަވެގެން ދިޔަ އެވެ. އަދި މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ދީފައި އޮންނަ ފޯމެޓުން އެ ކަމުގެ މަގްސަދު ހާސިލްވާ ކަމަކަށް ގިނަ މީހުން ނުދެކެ އެވެ.

"ދައުލަތުގެ ބޮޑެތި މަގާމްތަކުގައި ތިބި ފަރާތްތަކުން ލިބެން އަޅުގަނޑުމެން މި އުއްމީދުކުރާ ސަޕޯޓް އަދިވެސް ހަމަ ނުލިބޭ. ގިނަ ފަރާތްތަކަކުން އަދިވެސް ގަބޫލެއް ނުކުރޭ މާލީ ބަޔާން އާއްމުކޮށް ހާމަކުރަން ޖެހޭނެ ކަމަކަށް،" އާހިދު ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުންދާ ކަމެއް މާލީ ބަޔާން ހާމަކުރުމަކީ. އެއާ ހެދި ނުހައްގު މުއްސަނދިކަން ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވޭ އެ ގައުމުތަކުގައި. އަދި އެއާ ހެދި ކޮރަޕްޝަންގެ އަމަލުތައް ވެސް ވަރަށް ބޮޑަށް ކުޑަކުރެވެމުން ދަނީ."

"އާއްމުން ގަބޫލުކޮށްފިއްޔާ ބަދަލު އަންނާނެ"

މައިގަނޑު ގޮތެއްގައި ދިމާވެގެން މި އުޅެނީ، ކަމުގެ ރޫޙަށް ނުބަލައި، ގާނޫނުން ކަންތައްތަކެއް ކަނޑައަޅާފައި ނެތީމާ، އެ ބާގަނޑުތަކުން ދެމިގަންނަ މައްސަލަ އެވެ. އެކަމަކު ގާނޫނާއި ގަވާއިދުތައް ހަދަން ތިބި މީހުން މި ބާގަނޑުތައް ބައްދައިދީފާނެ ހެއްޔެވެ؟ މިއީ އެ މީހުންގެ އަމިއްލަ ނަފްސަށް ރައްދުވާ، އަމިއްލަ މަސްލަހަތު އެކުލެވިގެންވާ ކަމެކެވެ.

މަޖިލިސް ތެރެއިން ކޮރަޕްޝަން ނައްތާލާށޭ ބުނެ އެންޓި-ޑިފެކްޝަން ބިލެއް ވަގުތުން ވަގުތަށް ފާސްކޮށް ގާނޫނަކަށް ހެދި އިރު، ދެން ހުރި ފިޔަވަޅުތައް ނާޅަނީ ކީއްވެގެން ހެއްޔެވެ؟ މަތީ މަގާމްތަކުގައި ތިބޭ މީހުންގެ މާލީ އަދި ވިޔަފާރީގެ މަސްލަހަތުތައް އާއްމުންނަށް ފެންނާނެ ގޮތަށް ހާމަކުރަން މަޖުބޫރުކުރުމާއި ހާމަކުރަނީ ފުރިހަމަ އަދި ތެދުވެރި މައުލޫމާތެއްތޯ ކަށަވަރުކުރުމާއި ނުހައްގު މުއްސަނދިކަން ލިބިގަންނަ މީހުންނަށް އަދަބު ދިނުމުގެ މަގުތައް ފަހިކޮށްދޭންވީ ނޫން ހެއްޔެވެ؟ ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ކަނޑައަޅަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި އޮތް "އިލިސިޓް އެންރިޗްމަންޓް" ބިލް މަޖިލީހަށް ފޮނުވައިގެން އަވަހަށް ފާސްކުރަންވީ ނޫން ހެއްޔެވެ؟

އެކަމަކު މި ކަންތައްތަކެއް ނުވެ އެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުން، އެ މީހުން އަމިއްލަ އަށް ބޯލަނބަން ޖެހޭ ނުވަތަ އަމިއްލަ މަސްލަހަތަކަށް ބުރޫއަރާފާނެ ފަދަ ކަމެއް އަމިއްލަ އަށް އިސްނަގައިގެން ހެޔޮ ނިޔަތެއްގައި ކުރާ މަންޒަރު ނުފެންނަންޏާ ދެން އޮންނާނީ އާއްމުން އެ މީހުން ލައްވައި އެކަން ކުރުވުމެވެ.

"މި ކަހަލަ ކަންތައްތަކަށް ބަދަލެއް ގެނެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުން ރައްޔިތުންގެ ފަރާތުން. އާއްމުން މިކަން ރަނގަޅަށް ގަބޫލުކޮށްފިއްޔާ އަދި އާއްމުންގެ ފަރާތުން ޕްރެޝާއެއް އަންނަ ކަމަށް ވަންޏާ، ގާނޫނު ހަދަން ތިބީ މަޖިލީހުގެ މެމްބަރުން ކަމަށް ވިޔަސް، އެ ބަދަލު އަންނާނެ. ކޮންމެ ގޮތެއް ވިޔަސް މަޖިލީހުގެ މެމްބަރުން ފަސް އަހަރު ކޮށްފައި މި އަންނަ އަހަރު އަނެއްކާވެސް އިންތިޚާބުވާން ބޭނުމިއްޔާ ދާން ޖެހޭނީ ރައްޔިތުންގެ ކުރިމައްޗަށް،" އާހިދު ވިދާޅުވި އެވެ.

"މި ކަމަކީ ރައްޔިތުންނަށާއި ގައުމަށް ވެސް ލިބޭނެ ފައިދާއެއް ކަމުގަ އާއި އަދި މާލީ ބަޔާނެއް އާއްމުކޮށް ހާމަކުރުމަކީ އޭގެ ސަބަބުން އެ ފަރާތަކަށް ވެސް ގެއްލުމެއް ލިބޭނެ ކަމެއް ނޫން ކަމާއި ހަމައެކަނި ގެއްލުމެއް ލިބޭނީ އެ ފަރާތުން ނުހައްގު ގޮތުގައި މުއްސަނދިވެފައި ހުރިއްޔާކަން، މި ހުރިހާ ކަންތައްތަކެއް ރައްޔިތުންނަށް އަންގައިދޭން އަޅުގަނޑުމެން ބޭނުންވަނީ."

ކޮންމެ ގައުމެއްގައި ވެސް، ދައުލަތުގެ ބޮޑެތި މަގާމްތަކުގައި ތިބޭ މީހުން އެ މީހުންގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނުހައްގު މުއްސަނދިކަން ހޯދުމުގެ ޖާގަ ވަރަށް ބޮޑަށް އޮވެ އެވެ. ރާއްޖޭގައި އެފަދަ އެތައް ކަމެއް ފަޅާއަރައި ސާބިތުވަމުން، ނުވަތަ ތުހުމަތުތަކާއި ޝައްކުތައް ކުރެވެމުން ދާއިރު، ނުހައްގު މުއްސަނދިކަން ހުއްޓުވައި އެފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރުމުގެ އިތުރުން ފަސޭހަ އިން އެފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅޭނީ ވެސް މާލީ މަސްލަހަތުތައް ތެދުވެރިކަމާ އެކު ރަނގަޅަށް ހާމަކުރަމުން ގެންދާ އަދި އެފަދަ މައުލޫމާތުތަކުގެ ސައްހަކަން ބެލުމުގެ ސަގާފަތެއް އުފެދިގެންނެވެ.