ރިޕޯޓް / ވިޔަފާރި

އާބިޓްރޭޝަންގެ ނިޒާމު: ރާއްޖޭގައި އަދިވެސް ހިނގައި ނުގަނެވިފައި

ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން: ރާއްޖޭގައި އާބިޓްރޭޝަން ސެންޓަރެއް އުފެދިފައި ހުއްޓަސް އެ ސެންޓަރުގެ މަސައްކަތެއް މިހާތަނަށް ނުފެނޭ -- ފޮޓޯ/މިހާރު

ރާއްޖޭގައި އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރެއް ހުންނަ ކަމަށް ބުނެފި ނަމަ ފަހަރެއްގައި ބައެއް މީހުން ހައިރާން ވެދާނެ އެވެ. ސަބަބަކީ ގިނަ މީހުންނަށް އަބަދުވެސް އެނގެނީ ރާއްޖެއިން ބޭރުގައި ހިންގާ އާބިޓްރޭޝަންގެ މައްސަލަތަކެވެ. ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫއުތަކާ ގުޅިގެން ވެސް އާބިޓްރޭޝަން ހިންގާފައިވަނީ ބޭރު ގައުމުތަކުގައި ކަމަށްވާތީ ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަނީ އާބިޓްރޭޝަނަކީ ހަމައެކަނި ބޭރު ގައުމުތަކުގައި ހިންގާ އެއްޗެއްގެ ގޮތުގަ އެވެ.

ހަގީގަތަކީ ރާއްޖޭގައި ވެސް އާބިޓްރޭޝަން ސެންޓަރެއް ހުރި ކަމެވެ. އާބިޓްރޭޝަންގެ ގާނޫނަށް 2013 ގައި އަމަލު ކުރަން ފެށުމާ އެކު މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ނަމުގައި އާބިޓްރޭޝަން ސެންޓަރެއް ވަނީ އުފައްދައިފަ އެވެ. އެކަމަކު އެފަދަ ސެންޓަރެއް ރާއްޖޭގައި ހުންނަ ކަން އެނގޭނީ ނިސްބަތުން މަދު މީހަކަށެވެ. ސަބަބަކީ މިހާތަނަށް އައިއިރު ވެސް އެ ސެންޓަރުގެ އެއްވެސް މަސައްކަތެއް ފެނިފައި ނެތުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެއީ ނަމެއްގައި އުފެދުނު ސެންޓަރެކެވެ.

އާބިޓްރޭޝަނަކީ ވިޔަފާރިއާ ގުޅުންހުރި މައްސަލަތައް ކޯޓަކަށް ހުށަހެޅުމުގެ ބަދަލުގައި މިނިވަން ތިން ވަނަ ފަރާތެެއް މެދުވެރިކޮށް އެ މައްސަލައެއް ބަލައި ނިންމުމަށް އޮންނަ ބައިނަލްއަގްވާމީ އުސޫލެކެވެ. ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫއުތަކާ ގުޅޭ މައްސަލަތައް ހިންގީ ރާއްޖެއިން ބޭރުގެ އާބިޓްރޭޝަން ސެންޓަރުތަކުގައި ކަމަށް ވިޔަސް، ރާއްޖޭގެ އާބިޓްރޭޝަންގެ ގާނޫނު އޮތްގޮތުން އާބިޓްރޭޝަނަކީ ރާއްޖޭގައި ވެސް ހިންގިދާނެ އެއްޗެކެވެ. އާބިޓްރޭޝަން ހިންގާނެ ތަނަކީ އެ އެއްބަސްވުން ހަދާއިރު ދެ ފަރާތުން ކަނޑައަޅާ ކަމެކެވެ. އެ ގާނޫނުގެ ދަށުން އުފެދިފައިވާ ކުރިން މިދެންނެވި އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި ހިންގާ އާބިޓްރޭޝަންތައް ހިންގުމަށްޓަކައި އުފެއްދި ތަނެކެވެ.

އާބިޓްރޭޝަނަކީ ކޯޓުތަކުގައި ބަލާ މައްސަލަތަކާ ތަފާތުކޮށް ހިނގާ ނިޒާމެކެވެ. މިސާލަކަށް ކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައެއް ބަލާނީ އެ ކޯޓުން ކަނޑައަޅާ ފަނޑިޔާރެވެ. މައްސަލަ ބަލާނެ ފަނޑިޔާރު ކަނޑައެޅުމުގައި މައްސަލާގައި ހިމެނޭ ދެ ފަރާތުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ އެވެ. އެއާ ޚިލާފަށް، އާބިޓްރޭޝަންގައި މައްސަލަ ބަލާނީ މިނިވަން އާބިޓްރޭޓަރުންނެވެ. އަދި އާބިޓްރޭޓަރުންގެ ގޮތުގައި އެ މައްސަލައެއްގައި އައްޔަން ކުރާނެ ފަރާތްތަކާއި އާބިޓްރޭޓަރުންގެ ގޮތުގައި ތިބޭނެ މީހުންގެ އަދަދު އިހްތިޔާރު ކުރުމުގެ ފުރުސަތު ވެސް އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށް އޮންނާނެ އެވެ.

މީގެ އިތުރުން އާބިޓްރޭޓަރުންގެ ގޮތުގައި ކަނޑައަޅާ މީހުންނަކީ ގާނޫނީ އިލްމުގެ މީހަކަށް ވުމުގެ ބަދަލުގައި އެ މައްސަލައަކާ ގުޅޭ ދާއިރާއެއްގެ އިލްމާއި ތަޖްރިބާ ހުރި މީހަކަށް ވެސް ހެދިދާނެ އެވެ. މިސާލަކަށް އިންޝުއަރެންސްއާ ގުޅޭ މައްސަލައެއް އާބިޓްރޭޝަނަށް ދާ ހާލަތުގައި އެ މައްސަލައެއްގެ އާބިޓްރޭޓަރެއްގެ ގޮތުގައި އިންޝުއަރެންސާ ގުޅޭ ދާއިރާގެ ތަޖްރިބާ ހުރި މީހުން ވެސް ހަމަޖެއްސުމުގެ ފުރުސަތު މައްސަލާގައި ހިމެނޭ ފަރާތްތަކަށް އޮންނާނެ އެވެ. އެކަމަކު އާބިޓްރޭޓަރުގެ ފީއަށް ކުރަންޖެހޭ ޚަރަދުތަކަކީ ދެ ފަރާތުން ޒިންމާވާން ޖެހޭނެ ކަންކަމެވެ.

އާބިޓްރޭޝަން ނިޒާމު ހިނގާ ގައުމުތަކުގައި އާބިޓްރޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންގެ ދަފްތަރެއް އެ ގައުމެއްގެ އާބިޓްރޭޝަން ސެންޓަރެއްގައި އޮވެ އެވެ. އާބިޓްރޭޓަރުންގެ ދަފްތަރުގައި ތިބޭނީ އެ ގައުމެއްގެ އާބިޓްރޭޝަން ސެންޓަރުން ކަނޑައަޅާ މިންވަރަކަށް ތައުލީމާއި ތަޖްރިބާ ލިބިފައި ތިބޭ ބައެކެވެ. އޭގެ ތެރޭގައި އެކިއެކި ދާއިރާތަކަށް ޚާއްސަ މީހުން ތިބޭނެ އެވެ. އާބިޓްރޭޝަނަށް ދާ މައްސަލަތަކުގައި މައްސަލަ ބަލާނީ މިދެންނެވި ލިސްޓުގައި ހިމެނޭ އާބިޓްރޭޓަރުންގެ ތެރެއިން ދެ ފަރާތުން އައްޔަން ކުރާ އާބިޓްރޭޓަރުންނެވެ.

ރާއްޖޭގައި ހިންގާ މަޝްރޫއެއް: ރާއްޖޭގައި ފަހުން ހިންގި ބޮޑެތި މަޝްރޫއުތަކުގެ އާބިޓްރޭޝަން ހިންގީ ބޭރު ގައުމުތަކުގައި

އާބިޓްރޭޝަނަކީ އާންމު އުސޫލުން، ކޯޓުތަކުގައި ހިނގާ މައްސަލަތަކާ ތަފާތު ނިޒާމެއް ކަމަށް ވިޔަސް، ހެކިންނާއި އެކްސްޕާޓުން ހާޒިރުކޮށް، އެ މީހުންގެ ބަސް ހޯދުން ފަދަ ކަންކަން ކޯޓުތަކެކޭ އެއްގޮތަށް އާބިޓްރޭޝަންގައި ވެސް ކުރެވޭނެ އެވެ. އެކަމަކު އާބިޓްރޭޝަންގެ ނިޒާމުގެ ފައިދާއަކީ އަވަސް މިނެއްގައި މައްސަލަތައް ނިމިގެން ދިއުމެވެ. އަދި ދެ ފަރާތުން އެއްބަސްވާ ނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އާބިޓްރޭޝަން ނިންމަން ވެސް ކަނޑައެޅިދާނެ އެވެ. ބޮޑެތި ވިޔަފާރީ މުއާމަލާތްތަކާ ގުޅޭ މައްސަލަތަކުގައި އާންމުކޮށް އާބިޓްރޭޝަނަށް ދާނީ މިފަދަ ފައިދާތައް އެ ނިޒާމުގައި ހުރުމުންނެވެ.

އާބިޓްރޭޝަން ހިންގުމުގައި އާބިޓްރޭޝަން ސެންޓަރުގެ ދައުރަކީ އާބިޓްރޭޝަންގެ އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި، މިނޫނަސް އެކަމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރުމެވެ. މިސާލަށް މައްސަލައެއްގައި އާބިޓްރޭޓަރެއްގެ ގޮތުގައި އައްޔަން ކުރާނެ މީހަކާ މެދު ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވި އޮއްވާ އެކަމަށް އޮތް މުއްދަތު ހަމަވެއްޖެ ނަމަ، އެ ހިސާބުން އާބިޓްރޭޓަރު އައްޔަން ކުރާނީ އާބިޓްރޭޝަންގެ ސެންޓަރުންނެވެ.

އާބިޓްރޭޝަންގެ ނިޒާމަކީ ވިޔަފާރިއާ ގުޅޭ ބޮޑެތި މައްސަލަތައް ދެ ފަރާތަށް ވެސް އިތުބާރު ހިފޭ ގޮތަށް ހައްލު ކުރުމަށް އޮތް ނިޒާމެއް ނަމަވެސް، ރާއްޖޭގައި އެކަން މިހާތަނަށް ވެސް ފަހިވެފައެއް ނެތެވެ. އާބިޓްރޭޝަންގެ ގާނޫނު ވުޖޫދަށް ގެނައީ ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ ވެސް އެގޮތަށް، އާބިޓްރޭޝަންގެ ނިޒާމުގެ ރާއްޖޭގައި ވެސް ތައާރަފް ކުރުމަށެވެ. އެކަމަކު އޭގެ މަގްސަދު އަދި ހާސިލެއް ނުވެ އެވެ.

އާބިޓްރޭޝަންގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު އާބިޓްރޭޝަން ސެންޓަރު އުފެދުނީ ކަމަށް އެ ގާނޫނުގައި ބުނެފައި ވިޔަސް މިއަދާ ހަމައަށް ވެސް އެ ސެންޓަރުގެ އެއްވެސް މަސައްކަތެއް އަދި ނުފެނެ އެވެ. އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަ މަސް ތެރޭގައި ހަދައި، އާންމު ކުރަން އެ ގާނޫނު ލާޒިމް ކުރިޔަސް، މިހާތަނަށް ގަވާއިދު ހެދީ އާބިޓްރޭޝަންގެ ނިންމުންތައް އިސްތިއުނާފަށް މަރުހަލާއިން ބަލާ ހައި ކޯޓުން އެކަންޏެވެ. އާބިޓްރޭޓަރުންގެ ދަފްތަރެއް ވެސް ރާއްޖޭގައި މިހާތަނަކަށް ނެތެވެ.

އެނގިފައިވާ ގޮތުގައި ތިން މެމްބަރުން ތިއްބަވާ އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ބައެއް ބޭފުޅުން ވަނީ އައްޔަން ކޮށްފަ އެވެ. އަދި އެ ގާނޫނު ވުޖޫދަށް އައުމުން އެ ސެންޓަރުގެ މަސައްކަތް ހިންގުމަށްޓަކައި އޮފީހެއް ވެސް ގާއިމްކުރި އެވެ. އެކަމަކު އެ ސެންޓަރުގެ މަސައްކަތް ކުރިއަށް ނުދަނީ ބަޖެޓްގެ ދަތިތަކެއް ހުރުމުން ކަމަށް ވަނީ އެނގިފަ އެވެ.

އާބިޓްރޭޝަން ސެންޓަރެއް ނެތުމުން ދިމާވާ އެހެން މައްސަލައެއް ވެސް އެބައޮތެވެ. އާބިޓްރޭޝަންގެ ގާނޫނު ބުނާގޮތުން އާބިޓްރޭޝަން މެދުވެރިކޮށް ނިންމަން ޖެހޭ ބާވަތުގެ މައްސަލަތައް ކޯޓުތަކަކަށް ނުބެލޭނެ އެވެ. އެފަދަ މައްސަލައެއް ކޯޓަކަށް ހުށަހެޅިޔަސް، އާބިޓްރޭޝަންގެ ގާނޫނުގައި ބުނާ ޝަރުތުތައް އެ މައްސަލައެއްގައި ފުރިހަމަވާ ނަމަ އެ މައްސަލަ ބެލުން ހުއްޓާލައި، އާބިޓްރޭޝަނަށް އެ މައްސަލައެއް ހުށަހަޅަން ކޯޓުން އަމުރު ކުރަންޖެހެ އެވެ.

އެކަމަކު ކުރިން ވެސް މިދެންނެވިހެން އާބިޓްރޭޝަން ސެންޓަރެއް ރާއްޖޭގައި ނެތުމުން އާބިޓްރޭޝަން ރާއްޖޭގައި ހިންގޭނެ ގޮތެއް މިވަގުތު ނެތެވެ. އެހެންވުމުން އާބިޓްރޭޝަނުން ހައްލު ކުރަންޖެހޭ ބާވަތުގެ މައްސަލަތަކުގައި ދެ ފަރާތުގެ ދެމެދުގައި ކިތަންމެ ބޮޑު މައްސަލައެއް އުފެދުނަސް، އެކަމަށް ގާނޫނީ އިމުގެ ތެރެއިން ހައްލެއް ހޯދޭނީ ކިހިނެތްތޯ މިހާރު މިއޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާބިޓްރޭޝަންގެ ނިޒާމު ރާއްޖޭގައި ރަނގަޅަށް ހިނގަން ނުފެށެން އޮތް މައްސަލައަކީ ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އަދާ ނުކޮށް އޮތުމުންނެވެ. އާބިޓްރޭޓަރުން އައްޔަން ކުރުމަކީ މައްސަލާގައި ހިމެނޭ ފަރާތްތަކަށް އަމިއްލައަށް ކުރެވޭ ކަމެއް ވިޔަސް، އެކަމާ ގުޅޭ އުސޫލުތައް ހެދުމަކީ އާބިޓްރޭޝަން ހިންގޭނެ ގޮތް ފަހިކޮށް ދިނުމަކީ އާބިޓްރޭޝަން ސެންޓަރުން ކުރަންޖެހޭ ކަމެއް ކަމަށް އެ ބޭފުޅުން ވެސް ފާހަގަ ކުރައްވަ އެވެ.

"އާބިޓްރޭޝަންގެ ގާނޫނަށް އަމަލު ނުކުރެވެންޏާ އިސްލާހު ކުރަންވީތާ. އެކަމެއް ވެސް ނުކުރޭ. ރާއްޖޭގައި އާބިޓްރޭޓަރުން ނެތިއްޔާ އެ ގާނޫނުގައި ހެދިއިރު ވެސް އެކަން އެނގޭނެ،" އެއް ވަކީލަކު ވިދާޅުވި އެވެ.

ޒަމާނަށް އަންނަމުންދާ ބަދަލާ އެކު ބޮޑެތި އިންވެސްޓްމަންޓާއި އެކި ބާވަތުގެ ވިޔަފާރި ރާއްޖެއަށް ވެސް މިދަނީ ތައާރަފް ވަމުންނެވެ. އެހެންވީިއިރު، ވިޔަފާރިއާ ގުޅޭ މައްސަލަތައް އިތުބާރު ހިފޭ އަދި އަވަސް ނިޒާމެއްގެ ތެރެއިން ބެލޭނެ ގޮތަށް އާބިޓްރޭޝަންގެ ނިޒާމު ހިނގަން އެބަޖެހެ އެވެ. ނަމެއްގައި އުފެދިފައި އޮތް އާބިޓްރޭޝަން ސެންޓަރު ވެސް ރަނގަޅަށް މަސައްކަތް ކުރަން ފަށައި، އާބިޓްރޭޝަންގެ ނިޒާމުގެ ފައިދާ އެބަ ހޯދައިދޭން ޖެހެ އެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާބިޓްރޭޝަން

02 May 2018

އާބިޓްރޭޝަނޭ ކިޔާފަ ގާޒީން އެކަން ކުރީމަ އެނުވޭ އާބިޓްރޭޝަނަކަށް.

The name is already taken The name is available. Register?

1234

02 May 2018

މީގެ އެނެމެ ރަނގަޅުވާނީވެސް ރާއްޖޭގައި ތިކަން ނުކުރިއްޔާ. އެއީ އަރބިޓްރޭޓަރުންނަށް މިލިއަނުން ފައިސާދީ ވަކިކޮޅަކަށް މައްސަލަ ނިންމާ ރިޝްވަތު ދިނަސް ކޯޓަށް ދިއުމުންވެސް އިންސާފެއްނނުލިބޭނެތީ. ސިންގަޕޫރު ފަދަ ތަނަތަނުގެ ކޯޓުތަކަކީ އިތުބާރު ހިފޭ ހަމަޔާ އިންސާފު ލިބޭ ތަންތަންވީމަ އެންމެ ބުއްދިވެރީ އެތަންތަނުގައި އަރބިޓްރޭޝަންގެ ކަންކަން ނިންމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454