ރިޕޯޓް / ފެން ސަޕްލައިކުރުން

އިސްކުރު ފެން ބަރާބަރު! ނުބޮނީ ކީއްވެ؟

ނުބަ އެވެ؛ ރައްކާތެރިއެއް ނޫނެވެ.--މިއީ، އިސްކުރުން ފެން ނަގައިގެން ނުބޮނީ ކީއްވެގެންތޯ އަހާލީމާ ލިބޭ ދެ ޖަވާބެވެ. އެކަމަކު އިސްކުރު ފެނަށް ވުރެ މާ ބޮޑު އަގުގައި ޕްލާސްޓިކް ފެން ފުޅި ގަނެގެން ބޯން މި ސަބަބުތައް ކަމުދޭ ހެއްޔެވެ؟

ކަނޑުގެ ދިރުންތަކާއި އިންސާނުންގެ ސިއްހަތަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ޕްލާސްޓިކުން ވެށި ގޮނޑުކުރަމުންދާ މި އާދައާ މެދު އިތުރަށް ވިސްނައި ކުރަން ޖެހޭ ސުވާލުތަކެއް އެބަ ހުއްޓެވެ. ފުޅީގައި ބަންދުކުރި ފެން, އިސްކުރު ފެނަށް ވުރެ ހަމަ ހަގީގަތުގައި ވެސް ރައްކާތެރި ހެއްޔެވެ؟ އިސްކުރު ފެނަކީ ބޯން ކަމުނުދާ އެއްޗަކަށް ވީ ކިހިނެއް ހެއްޔެވެ؟

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށަށް އުކާލާފައި ހުރި ކުނިތަކެއްގެ ތެރޭގައި ބައިވަރު ޕްލާސްޓިކް ފުޅި

ފެން ފުޅި ގަތުން ހުއްޓާލައި އިސްކުރު ފެން ބޯން ފެށި އިރު ނާޒްލީ ބުޝްރީ އަށް ރަހަ ނުބައެއް ނޫނެވެ؛ މީރެވެ. މީގެ އަށެއްކަ އަހަރު ކުރިން އިސްކުރު ފެން ބޯން ފެށުމަކީ ބުއްދިވެރި ނިންމުމެއްކަން ނާޒްލީ އަށް ޔަގީންވަނީ ވީ ފަސޭހަ އާއި ސަލާމަތްކުރެވުނު ޚަރަދުގެ ބޮޑުކަމުންނެވެ. ފެން ކޭސްތައް ސިޑިން އެރުވުމާއި އެ އެއްޗެހި ބަހައްޓާނެ ޖާގަ ހެދުމުގެ ބޮލުގެރިހުން ވެސް ނިމުމަކަށް އަ އެވެ. ޕްލާސްޓިކް ބޭނުންކުރުން މަދުކުރެވުނެވެ.

"މިހާރު މި ގޭގައި އެބަ އުޅޭ ފަސް މީހުން. އަޅުގަނޑުމެން ބޯން ވެސް، ކައްކަން ވެސް، ޖޫސް ގިރަން ވެސް ބޭނުންކުރަނީ އިސްކުރުން ނަގާ ފެން. ދުވަހަކު ވެސް މައްސަލައެއް ދިމައެއް ނުވޭ،" ނާޒްލީ ބުންޏެވެ.

އެކަމަކު، ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގެ 26،700 ގޭބިސީގެ ތެރޭގައި ހިމެނެނީ މިފަދަ ކިތައް އާއިލާ ހެއްޔެވެ؟ ގިނަ ކެފޭ/ރެސްޓޯރެންޓްތަކުގައި ވެސް ޕްލާސްޓިކް ފެން ފުޅި ބޭނުންކުރާ އިރު، ޕާލޭއާ ގުޅިގެން ޕްލާސްޓިކް ރީސައިކަލްކުރުމުގެ މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ޖަމްއިއްޔާ ބަޔޯޑައިވާސިޓީ އެޑިއުކޭޝަން އެންޑް އެވެއާނަސް (ބީމް) އިން ލަފާކުރާ ގޮތުގައި، މާލޭގައި ދުވާލަކު ބޭނުންކުރާ ޕްލާސްޓިކް ފުޅީގެ އަދަދު 280،000 އަށް އަރަ އެވެ. ގައިމު ވެސް އޭގެ ބޮޑު ބައި ހިއްސާކުރާނީ ފެން ފުޅި އެވެ.

"މީހުންނަށް ހަގީގަތް ބުނެދޭ ނަމަ ކާކުތޯ ބޭނުންވާނީ، އެހާ އަގު ބޮޑުކޮށް ފެންފުޅިތަކެއް ގަނެގެން މައްޗަށް އަރުވާ ހަދަން؟ އަޅުގަނޑު ބުނާނީ ކޮންމެ މީހަކު ވެސް ފެން ފުޅި ގަތުމުގެ ބަދަލުގައި އިސްކުރު ފެނާ ބެހޭ ރަނގަޅު މައުލޫމާތު ހޯދާށޭ. ނޭނގޭތީއޭ ގިނަ މީހުންނަށް ގަބޫލު ނުކުރެވެނީ."

"އުފެއްދި ޑިމާންޑެއް"

"ސަޕްލައި ފެން" ނުވަތަ ފެން ކުންފުނިން ދޫކުރާ އިސްކުރު ފެނަކީ ބޯން އެކަށީގެންވާ އެއްޗެއްކަން އެމްޑަބްލިޔުއެސްސީން ކަށަވަރުކޮށްދެ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ފެން ތައްޔާރުކޮށް ދޫކުރަނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގަވާއިދަށް ފައްތައިގެން، ބޯން ރައްކާތެރި ގޮތަށް އަދި "ނުލާހިކު ރަނގަޅަށް ޗެކްކުރެވޭ ނިޒާމެއްގެ ތެރެއިން"ނެވެ.

"އަޅުގަނޑުމެން ގަވާއިދުން ޑިސްޓްރިބިއުޝަން ޕޮއިންޓުން ޗެކްކުރާނެ، އަޅުގަނޑުމެން މި ދޫކުރާ ފެނުގައި މާއްދާތައް އެކުލެވެނީ ކިހާ ވަރަކަށްތޯ. އެއީ ސްޓޭންޑަޑަށް ފެތޭކަން ޔަގީންކުރަން. އޭގެ އިތުރުން މާލޭގެ އެކި ލޮކޭޝަންތަކުގައި ހުންނަ ސާމްޕަލް ނަގާ ޕޮއިންޓްތަކުން ސާމްޕަލްތައް ނަގައިގެން އެމްއެފްޑީއޭ އިން ގަވާއިދުން ޗެކްކުރާނެ،" އޮފިޝަލް ފާހަގަކުރެއްވި އެވެ.

ނުކެއްކިޔަސް އަދި ފިލްޓަރެއް ބޭނުން ނުކުރިޔަސް، ސީދާ އިސްކުރުން އަންނަ ގޮތަށް ބޯން ވެސް އެމްޑަބްލިޔުއެސްސީގެ އިސްކުރު ފެން ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ. ވީއިރު، އެ ފެނުގެ ބަދަލުގައި، އެތައް ގުނައެއް އަގު ބޮޑުކޮށް ފެން ފުޅި ގަނެގެން ބޯން ފެށީ ކީއްވެގެން ހެއްޔެވެ؟

މީހުންގެ ވިސްނުމަށް އައި ބަދަލަކާ ހެދި އެވެ. އަދި އެއީ، ފެން ފުޅި އުފައްދާ އިންޑަސްޓްރީގެ މާހިރަކު އެއްބަސްވެވަޑައިގެންނެވި ގޮތުގައި، ވިޔަފާރިތަކުން ގެނެސްފައި އޮތް ބަދަލެކެވެ.

"ކުރިން ދިވެހިންނަށް ކަމުދިޔަ، އިސްކުރު ފެން ބޯން. އެކަމަކު ފުޅީގައި ބަންދުކުރި ފެން ގަންނަން ބާރު އެޅުމަށްޓަކައި، އިސްކުރު ފެނަކީ ބޯން ކަމުނުދާ ފެނެއް ކަމަށް ނުވަތަ އިސްކުރު ފެނަށް ވުރެ ބޯން ރަނގަޅުވާނީ ފުޅީގެ ފެން ކަމަށް ބުނެދީ، މީހުން ބިރު ގެންނެވީމާ އެ ބަދަލު އައީ. އެއީ އުފެއްދި ޑިމާންޑެއް،" ނަން ނުޖަހަން ޝަރުތުކުރައްވައި އޭނާ ވިދާޅުވި އެވެ.

"ކިތަންމެ ރަނގަޅު ފެންވަރެއްގެ ފެން އުފައްދާފައި ދޫކުރިޔަސް މީހުން މި ވިސްނަނީ މިއީ އިސްކުރު ފެނޭ، މި ކަމަކު ނުދާނެއޭ ބޯކަށް. އެއީ މާކެޓިން. އެ މާކެޓް އުފެއްދީމަ އެންމެންނަށް ވެސް މި ވިސްނެނީ މިއޭ ރަނގަޅު ފެނަކީ. އެހެން ނޫން ނަމަ މާލޭގެ ހުރިހާ ރައްޔިތުން މިހާރު ވެސް ބޭނުންކުރާނީ އިސްކުރު ފެން."

އެކަމަކު އޭގެ ބަދަލުގައި މާލޭގެ މުޅި އާބާދީ ފުޅީގެ ފެނަށް ބަރޯސާވެފައިވާ އިރު އެހެން ސަރަހައްދުތަކުގައި ވެސް އިސާހިތަކު ބޮޑު ޑިމާންޑެއް އުފެދިދާނެ ކަމުގެ ކޮޅުމަތި ވަނީ ފެންނަން ފަށައިފަ އެވެ. ފެން ފުޅި އުފެއްދުމުގެ ވިޔަފާރި ދަނީ ފުޅާވަމުންނެވެ. އެމްޑަބްލިޔުއެސްސީން، ގަޑިއަކު 10،000 ފުޅީގެ ފެން އުފައްދާ ކާރުޚާނާއެއް ހދ. ކުޅުދުއްފުށީގައި އަދި ގަޑިއަކު 6،000 ފުޅީގައި ފެން ބަންދުކުރާ ކާރުޚާނާއެއް ރ. އުނގޫފާރުގައި މި އަހަރު ހުޅުވާ އިރު އައްޑޫގައި ވެސް އެކަން ފަށަން ވަނީ ނިންމައިފަ އެވެ. އަދި މި އަހަރު ހުޅުމާލޭގައި ވެސް ބޮޑު ކުންފުންޏަކުން ފުޅީގައި ފެން ބަންދުކުރަން ފަށާނެ ކަމަށް ބެލެވެ އެވެ.

"ބޮޓްލިން އިންޑަސްޓްރީ މި ދަނީ ވަރަށް ބޮޑު ވާދަވެރިކަމަކާ ދިމާއަށް. އެހެންވީމާ އަގު ވެސް ތިރިވާނެ ކަމަށް ލަފާކުރެވެނީ،" ފެން ފުޅީގެ ޑިމާންޑް ދާނީ ހައްތަހާ ބޮޑުވަމުންކަން ލަފާކުރައްވަމުން އިންޑަސްޓްރީގެ މާހިރު ފާހަގަކުރެއްވި އެވެ.

"ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތައް އަޅާކިޔާއިރު، ފުޅީގައި ބަންދުކުރި ފެން ވަކި ރަނގަޅެކޭ ބުނެވޭކަށް ވެސް ނެތް."

ފުޅީގެ ފެން "ވަކި ރަނގަޅެކޭ ނުބުނެވޭނެ"

ރާއްޖޭގައި ފުޅީގައި ބަންދުކުރާ ފެނަކީ ވެސް، އިސްކުރު ފެނެކޭ އެއްގޮތަށް، މޫދު ލޮނުން އުފައްދާ ފެނެވެ. ތަފާތަކީ، އިންޑަސްޓްރީގެ މާހިރު ފާހަގަކުރެއްވި ގޮތުން ނަމަ، ފުޅީގެ ފެން ދެވަނަ ފަހަރަކަށް ފިލްޓަކޮށްފައި އެއަށް އެ ބްރޭންޑެއްގެ ރެސިޕީއާ އެއްގޮތަށް އަލުން މިނެރަލްސް އެޅުމެވެ. އެކަމަކު މިނެރަލް އަޅާފައި ހުންނަނީ ވެސް ބައެއް ބްރޭންޑްތަކެވެ.

އިތުރަށް ފުރޭނުމަކީ ފެން ބޮޑަށް ސާފުވެގެންދާނެ ކަމެކެވެ. އެކަމަކު، ފުޅީގައި ބަންދުކުރި މިނެރަލައިޒްޑް ފެނަކީ ވަކި މޮޅު އެއްޗެއް ހެއްޔެވެ؟

އިންޑަސްޓްރީގެ ބޭފުޅާ ވިދާޅުވާ ގޮތުގައި ފުޅީގެ ފެން ބޯން ބައެއް ފަހަރު ޑޮކްޓަރުން ލަފާ ދިނަސް (އެކަމަކު ރޯގާތަކުން ރައްކާތެރިވާން ރާއްޖޭގައި އާއްމު ގޮތެއްގައި ސިއްހީ އިރުޝާދު ދެނީ ކެއްކި ފެން ބޯން) އެފަދަ ހުރިހާ ފެނަކީ އެންމެ ރައްކާތެރި އެއްޗެއް ކަމަކަށް ނުބެލެވޭނެ އެވެ.

"ޑޮކްޓަރުން އެ ބަލަނީ، އެ ބޭފުޅުން އެ ބޭނުންވާ މާއްދާތަކެއް ބޭނުންވާ މިންވަރަކަށް (ފުޅީގެ ފެނުގައި) އެކުލެވޭނެ ކަމަށް. އެކަމަކު ލެބޯޓްރީއެއްގައި ޓެސްޓްކޮށް ރަނގަޅަށް ބަލައިފިއްޔާ މިނެރަލް ވޯޓާއޭ ކިޔާފައި އަޅުގަނޑުމެން މި ބޭނުންކުރާ ބައެއް ބާވަތްތަކުގެ ފެނުގެ ކޮލިޓީ އެ ހުންނަން ޖެހޭ ވަރަށް ވުރެ މާ ދަށް. ބަލިތައް ޖެހޭނެ ކަމަށް ލަފާކުރެވޭ މިންވަރަށް ވެސް އެބަ ހުރޭ، މިސާލަކަށް އެސިޑިޓީ ލެވެލް، ހާޑްނެސް، ޕޮޓޭސިއަމް އަދި ކެލްސިއަމް ލެވެލްތައް ވެސް،" ބޭރުގެ ބައެއް ތަޖުރިބާތަކުން އެނގިފައިވާ ހަގީގަތްތަކަށް އިޝާރާތްކުރައްވައި އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތައް އަޅާކިޔާއިރު، ފުޅީގައި ބަންދުކުރި ފެން ވަކި ރަނގަޅެކޭ ބުނެވޭކަށް ވެސް ނެތް."

ހަފްތާއަކު ބައި ބިލިއަނަށް ވުރެ ގިނަ ފެން ފުޅި ބޭނުންކުރާ އެމެރިކާގައި، އިސްކުރު ފެނާއި ފުޅީގައި ހުންނަ ފެން އަޅާކިޔުމުގައި، އިސްކުރު ފެނުގެ ފެންވަރު މާ ރަނގަޅުކަން ބައެއް ޓެސްޓްތަކުން ދައްކާފައިވެ އެވެ. ބައެއް ފަހަރު ފުޅީގައި ހުންނަ ފެން އިސްކުރު ފެނަށް ވުރެ ސާފެވެ. އެކަމަކު ހުރިހާ ފަހަރަކު ނޫނެވެ. އެއް ސަބަބަކީ ފުޅީގައި ބަންދުކުރާ ފެނަށް ވުރެ މާ ހަރުދަނާ ގަވާއިދުތަކެއް އިސްކުރު ފެން އުފައްދައި ދޫކުރުމުގެ މަސައްކަތަށް ކަނޑައަޅައި ތަންފީޒުކުރަމުން އަންނަ ކަމެވެ. އެމެރިކާގެ ދިރާސާތަކުގައި، ފުޅީގައި ހުންނަ ފެނަށް ވުރެ އިސްކުރު ފެން މީހުންނަށް މާ މީރުކަން ވެސް އެނގިފައިވެ އެވެ.

ފުޅި ގެންގުޅޭ ގޮތް ސިއްހަތަށް ނުރައްކާ؟

ޕްލާސްޓިކް އެއްޗެހީގައި ހުންނަ ކާބޯތަކެތި ބޭނުންކުރުމުގެ އަސަރުތައް ދެނެގަތުމުގެ ދިރާސާތައް ދުނިޔޭގައި ހަދަމުން އަންނަ އިރު، އެފަދަ އެއްޗެހި ބޭނުން ނުކުރަން ބޭރުގެ ސިއްހީ ބައެއް މާހިރުން މިހާރު ވެސް ލަފާދެ އެވެ. އެއީ، ޕްލާސްޓިކްގައި ހުންނަ ބީޕީއޭ ފަދަ ކެމިކަލްތަކުގެ ސަބަބުން ދިގު މުއްދަތުގެ ސިއްހީ ބޮޑެތި މައްސަލަތަކާއި ބަލިތައް ކުރިމަތިވާ ކަމަށް ބައެއް ދިރާސާތަކުގެ އަލީގައި ގަބޫލުކުރެވިފައިވާތީ އެވެ.

ރާއްޖެ އަށް ބަލާ އިރު، އެހެން ކަންބޮޑުވުމެއް ވެސް ފާހަގަކުރެވެ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ފެން ބަންދުކޮށްގެން ފުޅިތައް ކާރުޚާނާ އިން ނެރެނީ ރައްކާތެރި ގޮތުގައި ކަމަށް ބެލިޔަސް، އެ އެއްޗެހި ގެންގުޅޭ ގޮތުން، ފުޅީގައި ހުންނަ ކެމިކަލްތަކާއި ވަރަށް ކުދިކުދި ޕްލާސްޓިކްކޮޅުތައް ފެނުގެ ތެރެއަށް އެޅިފައި ހުރުމުގެ ފުރުސަތު ބޮޑެވެ. އެއް ކަމަކީ ފުޅިތައް އަވީގައި އުފުލައި ބެހެއްޓުމުގެ ސަބަބުން އެ އެއްޗެއްސަށް ހޫނުވުމެވެ. އަނެއް ކަމަކީ ބަރު ފެން ކޭސްތައް މަތިމައްޗަށް ބަރިޖެހުމުގެ ސަބަބުން ފުޅި ފިތި، ޕްލާސްޓިކްގައި ރެނދުލުމެވެ. އޭގެ އިތުރުން، ފެން ހުސްވާ ފުޅި އަށް އަލުން ފެނާއި ޖޫސް އަޅައިގެން ބޭނުންކުރުމަކީ ވެސް ސިއްހަތަށް ނުރައްކާތެރި ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ.

މިފަދަ ކަންބޮޑުވުންތަކުގެ ހަގީގަތް ހޯދުމުގެ ޓެސްޓުތަކެއް ރާއްޖޭގައި ހަދާފައިވާ ކަމެއް އެނގިފައެއް ނެތެވެ. އެކަމަކު އެހެން ގައުމުތަކުގެ ބައެއް ދިރާސާތަކުން މައްސަލަތައް ވަނީ ފާހަގަކުރެވިފަ އެވެ. މިސާލަކަށް، އެމެރިކާގެ ސްޓޭޓް ޔުނިވަސިޓީ އޮފް ނިއު ޔޯކްގެ ސައިންސްވެރިން މި އަހަރު ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ މަޝްހޫރު 11 ބްރޭންޑެއްގެ 259 ފެން ފުޅި ޓެސްޓްކުރި އިރު، 90 ޕަސެންޓް ފުޅީގެ ފެނުގައި ކުދިކުދި ޕްލާސްޓިކްކޮޅުތައް ހުއްޓެވެ. ފުޅީގެ ފެން އުފައްދާ ބައެއް ކުންފުނިތަކުން މިފަދަ ހޯދުންތައް ގަބޫލެއް ނުކުރެ އެވެ. އަދި މިފަދަ ދިރާސާތައް ހަދާ ގޮތާ މެދު ބައެއް ކުންފުނިތަކުން ސުވާލު އުފައްދަ އެވެ.

"މާ މީރު، މާ ޚަރަދު ކުޑަ، މާ ފަސޭހަ"

އިސްކުރު ފެން ނުބޮނީ ރަހަ ކަމުނުދާތީ ކަމަށް ވަންޏާ، ވާރޭ ފެނުން އިސްކުރު ފެނަށް ނުވަތަ ފުޅީގެ ފެނަށް ބަދަލުވި ޖީލުގެ ތަޖުރިބާ އެނގިލުން މުހިއްމެވެ. އޭރު ވާރޭ ފެން ބުއިން ހުއްޓާލަން ޖެހުނު އިރު، އެ ނޫން ފެން ނުބައިވި އެވެ. އެކަމަކު މިހާރު ފުޅީގެ ފެނަށް ވުރެ ވާރޭ ފެން މީރުވެދާނެ ހެއްޔެވެ؟ ރަހައަކީ އެކި މީހުންނަށް ތަފާތު އެއްޗަކަށް ވިޔަސް، ބޯން ފަށައި ހޭނުނީމާ އިސްކުރު ފެނަކީ މާ މީރު އެއްޗަކަށް ވެސް ވެދާނެކަން އެ ޖީލުގެ ބައެއް މީހުން ފާހަގަކުރެ އެވެ.

އިސްކުރު ފެނަށް ހޭނޭކަށް ނާޒްލީ އަށް އުނދަގުލެއް ނުވި އެވެ. ރަހަ މީރުވުން އެކަންޏެއް ނޫނެވެ. ޖީބަށް ލުއިވުމަކީ ވެސް ބޮޑު ހިތްހަމަޖެހުމެކެވެ. އާއިލާގެ އެންމެންނަށް ވާ ވަރަށް ފުޅީގެ ފެން ގަންނަން މަހަކު ހޭދަކުރަން ޖެހުނު 1،700-2،000 ރުފިޔާ ސަލާމަތްވި އިރު ފެން ބިލަށް އިތުރުވީ އެންމެ ސާޅީހަކަށް ރުފިޔާ އެވެ.

"ޕްލާސްޓިކާ ދުރުވާން އަޅުގަނޑު ބޭނުންވީ. ދެން ބަދިގެ ތެރޭގައި ފެން ފުޅިތައް ގިނަ ކަމުންނާއި އެ އެއްޗެހިތައް ސިޑިން މައްޗަށް އަރުވަން ޖެހޭތީ އާއި އެ އެއްޗެއްސަށް ބޮޑު ޚަރަދެއް ވެސް ހިނގާތީ އެކަމާ ވިސްނަމުން ގެންދިޔަ ދުވަސްވަރެއްގައި މީހަކު ބުނީ ވަރަށް ރަނގަޅު ފިލްޓަ ސިސްޓަމެއްގެ ވާހަކަ. ދެން ރާއްޖެ އިން ބޭރުން އެކަހަލަ ސިސްޓަމެއް ގެނެސްގެން އިސްކުރު ފެން ބޯން ފެށީ،" ނާޒްލީ ކިޔައިދިނެވެ.

"އަޅުގަނޑު ކައްކާށާއި ޖޫސް ގިރަން ބޭނުންކުރަނީ ފިލްޓަ ވެސް ނުކޮށް ސީދާ އިސްކުރުން ނަގާ ފެން. ދުވަހަކު ވެސް މައްސަލައެއް ދިމައެއް ނުވޭ. ބައެއް މީހުން ބުނެ އުޅޭ މި ފެން ބުއީމަ ބޮލުން އިސްތަށި ފައިބާނެއޭ ވެސް. އެކަމަކު އެކަހަލަ ކަމެއް ނުވޭ. ވަރަށް ކުރިން، ބޯކޮށް ވާރޭވެހިއްޖެއްޔާ ކޮންމެވެސް ވަރަކަށް ކްލޮރިން ވަސް ހުރޭ. އެކަމަކު މިހާރަކު އެކަހަލަ ކަމެއް ވެސް ފާހަގައެއް ނުވޭ."

ބޯން އިސްކުރު ފެން މާ ރަނގަޅުކަން ނާޒްލީ އަށް މިހާރު ޔަގީނެވެ. އޭނާ ބުނީ ކުރިން އެކަން އެނގުނު ނަމަ ފިލްޓަރެއް ހޯދަން ވެސް ނޫޅުނީސް ކަމަށެވެ.

"އަޅުގަނޑުގެ ރައްޓެއްސެއްގެ ދަރިފުޅު އުޅެނީ އެމްޑަބްލިޔުއެސްސީގައި. އެއް ދުވަހަކު ކޮންމެވެސް ވާހަކައެއްގެ ތެރެއިން އަޅުގަނޑު އޭނަ ގާތު އެއްޗެކޭ ބުނީ، ނޫނެކޭ ތިމަންނަމެންގެ އިސްކުރު ފެން މާ ރައްކާތެރިވާނެއޭ ފުޅީގައި ބަންދުކުރި ފެނަށް ވުރެ. އެ މީހުންގެ ޕްލާންޓް ރަނގަޅުކަމާއި އާ އެތައް ބަޔަކަށް ފެން ދޫކުރާތީ އާއި ކޮންމެ ދުވަހަކު ހެނދުނު ލެބޯޓްރީގައި ފެން ޓެސްޓްކޮށްފައި ނޫނީ ފެން ދޫނުކުރާ ކަމާއި އެ މީހުންގެ މޮނިޓަރިން ސިސްޓަމް ވަރަށް ރަނގަޅުވާނެ ކަމަށް ބުނީ. އަޅުގަނޑު ހިތަށް އެރީ މިކަން ކުރިން އެނގުނު ނަމަ މި އެއްޗެއް (ފިލްޓަރު) ހޯދަން އުޅޭކަށް ވެސް ނުޖެހުނީހޭ،" ނާޒްލީ ކިޔައިދިނެވެ.

އޭނާ ވެސް ދެކޭގޮތުގައި ހަމައެކަނި މައްސަލައަކީ މީހުންގެ ވިސްނުމަށް އައި ބަދަލެވެ؛ ފުޅީގައި ބަންދުކުރި ފެން މާ ރަނގަޅުވާނެ ކަމަށް ނުވަތަ އިސްކުރު ފެނަކީ ބޯން ކަމުނުދާ ފެނެއް ކަމަށް ހީވެފައި އޮތުމެވެ.

"މީހުންނަށް ތެދު ހަގީގަތް ކިޔައިނުދެނީ. ހަގީގަތް ބުނެދޭ ނަމަ ކާކުތޯ ބޭނުންވާނީ، އެހާ އަގު ބޮޑުކޮށް ފެންފުޅިތަކެއް ގަނެގެން މައްޗަށް އަރުވާ ހަދަން؟ އަޅުގަނޑު ބުނާނީ ކޮންމެ މީހަކު ވެސް ފެން ފުޅި ގަތުމުގެ ބަދަލުގައި އިސްކުރު ފެނާ ބެހޭ ރަނގަޅު މައުލޫމާތު ހޯދާށޭ. ނޭނގޭތީއޭ ގިނަ މީހުންނަށް ގަބޫލު ނުކުރެވެނީ،" ނާޒްލީ ބުންޏެވެ.

120 ކޮމެންޓް, 207 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 3%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޯޔީން33

18 April 2020

ދެންކީއްވެބާ ފެންކުންފުނިން ލައިފް ކިޔާ ފެން މި ވިއްކަނީ!!

The name is already taken The name is available. Register?

އަބޫ މުހަންމަދު

17 April 2020

މިއީ ފެން ސަޕްލައި ކޮށްދޭން އުނދަގޫވެގެން ސަރުކާރުން ބޭނުންވެގެން ލިޔުނު ރިޕޯޓެއްކަން ކަށަވަރު. އިސްކުރު ފެން ޓެސްޓްކޮށްބަލަ! ނޫނީ މައިކްރޮސްކޯޕް އަކުން ބަލާލަބަލަ! ތިޔަ ރިޕޯޓް ލިޔުނު އާސިޔަތު ވެސް ނުބޯނެ އެ ފެނެއް ކައްކައިގެން ނޫނިއްޔަކާ!

The name is already taken The name is available. Register?

ާްްއަހްމަދު

16 April 2020

މިމައުލޫމާތު ދިންމީހާ ގޭގަވެސް ބޯނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފަހުރި ފެން

The name is already taken The name is available. Register?

އެހެން

22 June 2018

ސަޕްލައި ފެން ގެއާހަމަޔަށް އަންނަ ހޮޅިތަކަށް ކިހާދުވަހެއްތޯ؟ އޭގެތެރެ ހުރި ގޮތެއް އެކަމާބެހޭ އެއްވެސް ކަހަލަލެބޯޓްރީއެއްގައި ޓެސްޓެހެދިފައި އަދި ހެދި ދުވަހެއް އެގޭ އެހަނދާހުރި މީހަކު އެމް.ޑބްލިޔު އެސް.ސީ އެބަހުރި ތޯ؟

The name is already taken The name is available. Register?

ހިމާސް

16 April 2020

ތިބުނާ ހޮޅިތަކުން އަންނަ ފެން މޭލޭގެ އެކި ސަރަހައްދުތަކުން ސާމްޕަލް ނަގައި ޓެސްޓްކުރާ ވާހަކަ އެބުނީ

The name is already taken The name is available. Register?

ޕީވީސީ ތެރަސް

22 June 2018

ދޭތެރެއަކުން ޕީވީސީ ތެރަސް ވަސް ދުވާ ސައިކުރާގަ ކައްކާލުމުންވެސް، ދެން ކިހިނެއް ތިބުނާ ފެނެއް ބޯނީ.. ހަމަ ﷲގަންދީ ހުވައޭ!

The name is already taken The name is available. Register?

ޢިބަ

21 June 2018

ޢިސްކުރުން ލިބޭ ފެނަކީ ޑީސަލިނޭޓް ކޮށްފަ ހުންނަ ލޮނު ފެން.އެފެނުގަ އެތަކެއް ހެވީ މެޓަލް އެބަހުރި.ފެން ރައްޔިތުން ނަށް ފޯރު ކޮށް ދެނީ އޭގައި ހުން ނަހެވީ މެޓަލް ތައް ނައްތާލާފަ ތޯ.ތިޔަ ދޫކުރާ ފެނާ ބެހޭގޮތުން ދުނިޔޭގެ ސިއްހީ ޖަމިއޔާއިން އޭރުގެ ސަރުކާރަށް މިގެ އަހަރުދުވަސް ތަކެއް ކުރިން ހުށަހެޅި ރިޕޯޓް ސިއްހީ ވުޒާރާއިން ސިއްރުކުރީ ކީއްވެތޯ.ތިޔަ އިސްކުރުފެން އަހަރެން ބުއި އިރު އަބަދު ބަޑުގަ ރިއްސާ ބަޑުދިޔާވެ ބަލިވޭ.އެކަން ނިމުނީ މިނަރަލް ފެން ބޭނުން ކުރަން ފެށިފަހުން.މިނިސްޓްރީގެ ވެރިއަކު ނުރަސްމީކޮށް ބުނި ޑަބްލުޔުއެޗްއޯގެ ދިރާސާ ރިޕޯޓުގަވެޔޯ ރާއްޖޭގެ އިސްކުރު ފެނުގަ ހެވީ މެޓަލްސް އިންސާނުން ބޯން ކަމުނުދާ ވަރަށް ހުރިކަން ބަޔާން ކޮށްފަ

The name is already taken The name is available. Register?

ވިން

16 April 2020

ތިބުނާ ރިޕޯޓް ތިފެނުނީ ފެންވިއްކާ ފުޅިވިއްކާ ކުދިންނަށް

The name is already taken The name is available. Register?

އާދަނު

21 June 2018

ޕްލާސްޓިކް ގޮތްގަނޑުކަނޑުވާ، ޖަޒީރާ ގޮތަށްދިޔައިމާ ރަގަޅުވާނެ.

The name is already taken The name is available. Register?

އަލީ!

21 June 2018

އެމްޑަބިޔޫއެސްސީން އުފައްދާފެން އެބަޖެހޭ މިހާރަށްވުރެން ކޮލިޓީކޮށް ބޯން ކަމުދާ ފެންވަރަށް ތައްޔާރުކޮށް ރައްޔިތުން ހޭލުންތެރިކުރުވަން. އޭރުން ޕްލާސްޓިކް މަދުވުމުގެ އިތުރުން ރައްޔިތުންނަށް އެތަށް ގޮތަކުން ލުއިފަސޭހަވެގެންދާނެ.

The name is already taken The name is available. Register?

އައްސަދު

21 June 2018

ނުބޮނީ މީހުން ފޮނިކަމުން

The name is already taken The name is available. Register?

ނަސްރު

21 June 2018

ކޮމެންޓް ކުރި މީހުންނަށް ހެޔޮވިސްނުން ދެއްވާށި، އާމިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454