މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ މާލޭގެ މަރުކަޒެއްގައި ވޯޓުލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ -- ފައިލް ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު
22 ޖުލައި 2018 - 09:06
ރައީސަކު ހޮވަން ސެޕްޓެމްބަރު 23ގައި ވޯޓުލާން އެތައް ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. ރައީސް އަބްދުﷲ ޔާމީނަށް އިތުރު ދައުރެއް ދިނުން ނުވަތަ އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ އަޒުމުގަ އެވެ. އަނެއް ބަޔަކު، ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް ހައްގުގެ ބޭނުން ހިފައި މަދަނީ ވާޖިބު އަދާކުރުމުގެ ނިޔަތުގަ އެވެ. އެކަމަކު އާމިނަތު އާޒިޔާ އަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލާން މިއިން އެއްވެސް ސަބަބެއް ނުފުދެ އެވެ. ޕާޓީތަކާއި ސިޔާސީ ލީޑަރުންނާ މެދު އޭނާގެ މާޔޫސްކަން އެއަށް ވުރެ މާ ބޮޑެވެ.
"ކޮންމެ ބަޔަކު ވެސް ނިކަން އަޑަށް ބާރުލާފައި ކިޔާނެ، ތިމަންނަމެންގެ ވެރިކަމެއްގައި މިވެނި އެވެނި ކަމެއް ކޮށްދޭނަމޭ. އެކަމަކު ވެރިކަމަށް އައިމަ އެއިން އެއްވެސް ކަމެއް ވާ ތަނެއް ނޫނީ ކޮށްދޭ ތަނެއް ނުފެނޭ. ކަޑަ ދޯ؟ އެހެންކަމުން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވޯޓު ނުލާން ނިންމައިފިން،" ފޭސްބުކް ޕޯސްޓެއްގައި އާޒިޔާ ލިޔުނެވެ.
ސިޔާސީ ޕާޓީތައް ތައާރަފްކުރި ފަހުން 13 އަހަރުވެ، އާ ގާނޫނުއަސާސީއަކާ އެކު ޒަމާނީ ޑިމޮކްރެސީއަކަށް ރާއްޖެ ބަދަލުވިތާ 10 އަހަރު ވީ އިރު ރައްޔިތުންނަށް ލިބުނީ ކޮން ހެވެއް ހެއްޔެވެ؟ މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ މި ދަނޑިވަޅުގައި ބައެއް ދިވެހިން ކުރަމުންދާ ސުވާލެކެވެ. ޕާޓީތަކާއި ލީޑަރުންގެ އަމިއްލަ އެދުންތައް ކުރިއެރުވުމާއި ވެރިކަމާ ތޮޅުމުގެ ކޯޅުންތަކުގެ ތެރޭގައި ވޭތުވެގެން މި ދިޔަ އަހަރުތަކުގައި، ދިރިއުޅުމުގެ ހާލަތާއި ގައުމުގެ ކަންކަމަށް ހެޔޮ ބަދަލެއް ނާންނަ ކަމުގެ އިހުސާސް ކުރާ ބައެއް މީހުން ދެކެނީ މި އިންތިޚާބުގައި ވޯޓު ލާން ނުކުންނަންވީ ސަބަބެއް ނެތް ކަމަށެވެ.
ދޮގު ވައުދުތައް އަޑުއިވިއިވި އާޒިޔާ ފޫހިވެފައި ހުރި އިރު ކުރީގެ ސިޔާސީ އެކްޓިވިސްޓް ޖެނިފާ ލަތީފު ވެސް ހިމެނެނީ ސިޔާސީ މާހައުލާ މެދު މާޔޫސްވެގެން ވޯޓުލާން ބޭނުން ނުވާ މީހުންގެ ތެރޭގަ އެވެ. ނުވަތަ ތާއީދުކުރެވޭ އެއްވެސް ފަޅިއެއް، ޕާޓީއެއް ނުވަތަ ކެންޑިޑޭޓަކު ނެތް މީހުންގެ ތެރޭގަ އެވެ.
"މިހާރު މި އޮތް ގޮތަށް ސިޔާސީ މަސްރަހު އޮވެގެން ސިޔާސީ ކަންކަން ރަނގަޅަށް ދާނެ އެއްވެސް ގޮތެއް އަހަންނަކަށް ނުވިސްނޭ،" އެމްޑީޕީ އުފައްދަން ސޮއިކުރި މީހުންގެ ތެރޭގައި ހިމެނުނު ޖެނިފާ ފޭސްބުކްގައި ލިޔުނެވެ.
"ސިސްޓަމް އެއްކޮށް ފެއިލްވެފައި އޮތް އިރު އެންމެ ރަނގަޅު ގޮތަކީ ވޯޓު ނުލުން."
ބައެއް ދިވެހިންގެ އިހުސާސްތައް މި ގޮތަށް ހުންނަނީ ސަބަބުތަކަކާ ހުރެކަން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދު ގަބޫލުކުރައްވަ އެވެ. އެކަމަކު އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވޯޓު ނުލުމަކީ ހައްލެއް ނޫނެވެ. އޭނާ ވިދާޅުވީ ސިޔާސީ އަދި މަދަނީ ކަންކަމުން އެކަހެރިވެގެން "ކަންކަން ރަނގަޅެއް ނުވާނެ" ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖެހުމުގެ އިތުރުން ވެސް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ޖެހޭކަން ވެސް އޭނާ ފާހަގަކުރައްވަ އެވެ.
"އަސްލު މުހިއްމީ ސިޔާސީ ޕްރޮސެސްގައި ބައިވެރިވުން. ރައްޔިތުންގެ ކަންތައްތަކަށް އަސަރުކުރާ ކަންކަމުގައި ބަސް ބުނުން. ވޯޓު ލުމަކީ ބަސް ބުނުމުގެ އެއް ގޮތް. ޕެޓިޝަން ހަދައި މަޖިލިސް މެމްބަރުންނާ ވާހަކަދައްކައި ސިޔާސަތުތަކަކަށް އަސަރު ފޯރާނެ ކަންކަން ކޮށް، ކައުންސިލްތައް ޖަވާބުދާރީކުރުން، މިއީ ސިޔާސީ ކަންކަމުގައި ބައިވެރިވެވޭނެ އެކި ގޮތްތައް،" އައިމަން ވިދާޅުވި އެވެ.
"ބައެއް މީހުން ބުނާ ވާހަކައަކީ ތިމަންނަ ވަޒީފާ އަށް ގޮސްފައި ދަރިންގެ ކަންކަން ކޮށްފައި އަދި އެހެން މީހުންގެ ޒިންމާ އަދާކުރަން ވެސް އުޅެންވީހޭ. އެކަމަކު މިއީ އެހެން މީހެއްގެ ޒިންމާއެއް ނޫން. ދައުލަތް ރަނގަޅަށް ހިނގާކަން ޔަގީންކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް."
އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ތަންތަނުގައި ވޯޓު ލުމުގެ މާނައަކީ ސިޔާސަތުތަކަކީ ކޮބައިތޯ ބަލައި އެ ސިޔާސަތުތަކުން އެ މީހަކަށް ކުރާނެ އަސަރުތައް ބަލައި ރަނގަޅު ގޮތް އިޚްތިޔާރުކުރުމެވެ.
އެކަމަކު "ރާއްޖޭގައި ވޯޓު ލުމަކީ ހަމަ ގޮސް ވޯޓު ލުން،" އައިމަން ވިދާޅުވި އެވެ.
ހަމައެކަނި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވީތީ ނުވަތަ އެ ޕާޓީއަކަށް ނުވަތަ ވަކި ލީޑަރަކަށް ތާއީދުކުރާތީ ނުވަތަ އެ ޕާޓީއަކުން ނުވަތަ އެ މީހަކު ބުނީތީ ވަކި ކެންޑިޑޭޓަކު ހޮވުމުގެ އަޒުމުގައި ވޯޓު ލާ މީހާގެ އަމިއްލަ އިޚްތިޔާރާއި ބާރު އޮންނަނީ ގެއްލިފަ އެވެ. އާއިލީ ގުޅުމާއި ގާތްތިމާގެ ކަމަށް ބަލައިގެން ނުވަތަ ލިބެން ހުރި ފައިދާއެއް، އެހީތެރިކަމެއް، އިނާޔަތެއް، މަންފާއެއް ނުވަތަ ފައިސާ އަކަށްޓަކައި ވޯޓު ލުމަކީ ވެސް ރާއްޖޭގައި ހިނގާ ކަމެކެވެ.
އައިމަން ފާހަގަކުރެއްވި ގޮތުގައި ވޯޓު ލުމުގެ ކުރިން ޕާޓީތަކާއި ކެންޑިޑޭޓުންނާއި ވައުދުތަކާ މެދު ވިސްނައި ރަނގަޅަށް ދިރާސާކޮށް ފުރިހަމަ މައުލޫމާތު ހޯދައިގެން އަމިއްލަ އަށް ގޮތެއް ނިންމުމަކީ ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ މުހިއްމު ބައެކެވެ. އޭނާ ގަބޫލުކުރައްވަނީ އެފަދަ ދިރާސާއަކާ ނުލައި "މި ކެންޑިޑޭޓް ރަނގަޅޭ، އަނެއް ކެންޑިޑޭޓް ގޯހޭ ބުނަން ވަރަށް އުނދަގޫވާނެ" ކަމަށެވެ.
ޖެނިފާގެ ނިންމުމަކީ ވޯޓު ލާން ނުދިއުމެއް ނޫނެވެ. ބާތިލް ވޯޓެއް ލުމެވެ. އޭނާ ބުނަނީ މި ހާލަތުގައި، "ވޯޓަކުން ނިޒާމް ބަދަލެއް ނުވާނެ" ކަމަށެވެ.
"ވޯޓުން ކަމެއް ބަދަލުވަންޏާ މިހާރު އެ ދުވަސް އޮންނާނީ ފެނިފައި. ފުރަތަމަ ކުރަންވީ ކަމަކީ ނިޒާމް ބަދަލުކުރުން،" އޭނާ ބުންޏެވެ.
"އަހަރެން އެއްވެސް ކެންޑިޑޭޓަކަށް ވޯޓެއް ނުލާނަން. ހުރިހާ ކެންޑިޑޭޓުންނަށް ރަސްގެ ލާފައި މެސެޖެއް ލިޔެލާނީ 'ނިޒާމް ބަދަލުކުރާށޭ'."
އޭނާގެ ވިސްނުމަކީ އެފަދަ ގޮތަކަށް ގިނަ ބަޔަކު ޝުއޫރު ފާޅުކޮށްފި ނަމަ، ހަގީގީ ބަދަލެއްގެ ކޮޅުމަތި ފެންނަން ފަށާފާނެ ކަމެވެ.
އައިމަން ފާހަގަކުރައްވާ ގޮތުގައި ވޯޓު ލުމާއި ސިޔާސީ ނިޒާމާ މެދު މީހުން މާޔޫސްވާ އެއް ސަބަބަކީ މުއައްސަސާތަކާއި ސިޔާސީ މީހުންނަށް އިތުބާރު ގެއްލުމެވެ.
"މިސާލަކަށް ސިޔާސީ ޕާޓީތަކަށް، ސަރުކާރަކަށް، ލީޑަރުންނަކަށް އިތުބާރެއް ނުކުރެވެއޭ އެހެންވީމާ ކީއްކުރަންހޭ ވޯޓު ލާންވީ. މިއީ ވަރަށް ގަބޫލުކުރެވޭ ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.
ދެވަނަ މައްސަލައަކީ، އައިމަން ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތުން ސިޔާސީ ކަންކަމުގައި ބައިވެރިވާން ހުރި ފުރުސަތުތައް ނިޒާމީ ގޮތުން ހަނިކުރުމެވެ. ރައްޔިތުން އެ މީހުންގެ ކަންބޮޑުވުންތައް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާ ހަމައަށް ގެންދާނެ ގޮތްތައް ދުނިޔޭގެ ޑިމޮކްރެޓިކް ގިނަ ގައުމުތަކުގައި ގާއިމްކޮށްފައި ހުންނަ އިރު ރާއްޖޭގައި އެފަދަ ސަގާފަތެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް މުޒާހަރާކުރުން، ސޯޝަލް މީޑިއާގައި ފާޑުކިޔުން، ޕެޓިޝަން ހުށަހެޅުން، ޓައުން ހޯލް ބައްދަލުވުންތައް ބޭއްވުން، މި ކަހަލަ އެއްވެސް ކަމެއް ކުރުމަކަށް ނިޒާމުން ފުރުސަތެއް ނުދޭ. އަދި އެކަން ކުރަން އުޅެފި މީހަކަށް ސަލާމަތުން ހުރެވޭނެ މަގެއް ވެސް ނެތް،" އައިމަން ވިދާޅުވި އެވެ.
"މަޖިލީހުގައި ވެސް ނެތް ގަވާއިދެއް، މިސާލަކަށް 5،000 މީހުން ސޮއިކޮށްފައި ޕެޓިޝަނެއް ހުށަހެޅީމަ މަޖިލީހުގައި ބަހުސްކުރަން ޖެހޭނެއޭ ބުނާ. ހުރިހާ ދިވެހި ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކޮށްފައި ހުށަހެޅިޔަސް މަޖިލީހަށް ބަހުސްކުރަން ނުފެންނަންޏާ އޭތި ބޭރުކޮށްލަންވީ."
ސިޔާސީ އަދި މަދަނީ ކަންކަމުގައި ދިވެހިންގެ ބައިވެރިވުން ކުޑަވާ އަނެއް ސަބަބެއް ކަމަށް އައިމަން އަށް ފާހަގަކުރެއްވެނީ އެކަމަށް ހުރަސްއަޅާ ގަބޫލުކުރުންތަކެވެ.
"މިސާލަކަށް ވަރަށް ގިނަ މީހުން ގަބޫލުކުރޭ ސިޔާސީ ކަންކަމަކީ ވަރަށް ހަޑި ކަމެކޭ. ނުވަތަ މުޒާރާކުރުމަކީ ނުވަތަ ސަރުކާރާ ދެކޮޅަށް އަޑުއުފުލަކީ ގައުމުގެ އަމަންއަމާންކަމާއި މަސްލަހަތު ނަގާލުމޭ. ނުވަތަ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކަކީ ހުޅަނގުން މުސްލިމުން ބައިބައިކުރަން އުފައްދައިގެން އުޅޭ އެއްޗެއްސޭ،" އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވެ، އައިމަންގެ ނަޒަރުގައި، ސިޔާސީ ކަންކަމާ މެދު މާޔޫސްވުން ހުއްޓޭނީ މި ތިން މައްސަލަ ވެސް ހައްލުކޮށްގެންނެވެ. އަދި އެ ކަމަށް ބާރު އެޅުމަކީ ރައްޔިތުން އުފުލަން ޖެހިފައި އޮތް ޒިންމާއެކެވެ.
"މިއިން އެކަތި ވެސް ދޫ ނުކޮށް މި ހުރަސްތައް ނައްތާލަން ހަމަ ވަކިވަކިން މަސައްކަތްކުރަން ޖެހޭނީ،" އޭނާ ފާހަގަކުރެއްވި އެވެ.
ދޮގު ވައުދުތަކާއި ސިޔާސީ ނިޒާމުގެ ކިލަނބުކަމާ މެދު މާޔޫސްވެގެން ގިނަ ބަޔަކު ވޯޓު ނުލާފާނެތޯ އެއީ ނޭނގޭ ކަމެކެވެ. މާޒީގައި ފެނިފައި ވަނީ އޭގެ އިދިކޮޅެވެ. ވޭތުވެދިޔަ އިންތިޚާބުތަކަށް ވަރަށް ހޫނު ތަރުހީބު ލިބިފައިވެ އެވެ. ފެހި ގާނޫނުއަސާސީ އަށް ފަހު 2008 އިން ފެށިގެން މިހާތަނަށް ބޭއްވި ހަތް އިންތިޚާބުގައި، ވޯޓު ލީ މީހުންގެ އެވްރެޖް ނިސްބަތް 77 ޕަސެންޓަށް އަރަ އެވެ. ކުރިއަށް އޮތް އިންތިޚާބުގެ ކުރިން ވެސް ފެންނަނީ އުއްމީދުތަކާއި އަޒުމްތަކުގެ ވަރުގަދަ ރޫހެކެވެ.
ހަމަ އެ ގޮތަށް، ވަކި ފިކުރަކަށް ތާއީދު ނުކުރާ މީހުން އިހުސާސްކުރާ މާޔޫސްކަން ވެސް އެބަ އޮތެވެ.
"ތެދަށް ބުނަންޏާ (ސިޔާސީ) ދެ ފަޅިން ކުރެ އެއްވެސް ފަޅި އަކަށް އިތުބާރެއް ނުކުރެވޭ،" އާޒިޔާ ބުންޏެވެ.
އެކަމަކު އެއް ބައެއްގެ ނަސޭހަތަކީ އެ ސަބަބާ ހެދި ވޯޓު ލުމުގެ ހައްގު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
"ތިއީ ގޯސް ނިންމުމެއް. ގައުމު އޮތް ނުބައި ހާލަތުން އަރައިގަންނަން އެންމެންގެ ހިއްސާ ބޮޑު،" އާޒިޔާގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓްކުރި މީހަކު ލިޔުނެވެ.
އެހެން ބައެއް ގައުމުތަކާ ޚިލާފަށް، އެއްވެސް ކެންޑިޑޭޓަކު ހޮވަން ނުފެންނަ ނޫން ކަމަށް ބުނުމުގެ ހައްގެއް އިންތިޚާބުތަކުގައި ދިވެހިންނަކަށް ނުލިބެ އެވެ. ގިނަ ބަޔަކަށް އިހުސާސްކުރަން ޖެހެނީ "އެންމެ ނުބައިކަން ކުޑަ" މީހަކަށް ވޯޓު ލާން މަޖުބޫރުވާ ކަމެވެ. ނުވަތަ، އޮތް ހާލަތު ގޯސްކަމުން ބަދަލެއް ގެންނަން ކޮންމެހެން މަޖުބޫރުވާތީ ހިތާ ދެކޮޅަށް ކޮންމެ މީހަކަށް ވެސް ވޯޓު ލާން ތައްޔާރަން ހުންނަން ޖެހޭ ކަމެވެ.
އައިމަން ދެކެވަޑައިގަންނަވާ ގޮތުގައި ވޯޓު ލާން ކަމުދާ ކެންޑިޑޭޓަކު ނެތް ކަމަށް ދެކެންޏާ އެ ހާލަތު ބަދަލުކުރަން މަސައްކަތްކުރަންވީ އެވެ.
"މިހާރު އެއްގޮތަކުން ބަލާ އިރު މި އޮތީ ގާނޫނުން (ނުސީދާކޮށް) ދެ ޕާޓީގެ ނިޒާމެއް ރާއްޖޭގައި ގާއިމްކޮށްފައި. ޕާޓީއެއްގައި 10،000 މެމްބަރުން ތިބެން ޖެހޭނެއޭ ކަނޑައެޅީމަ އެއީ އާބާދީގެ 3.3 ޕަސެންޓް. އެއީ ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު އަދަދެއް، ސިޔާސީ ޕާޓީއެއްގެ ޝަރުތަކަށް ކަނޑައަޅަން. އެކަހަލަ ސިޔާސަތުތައް ބަދަލުކުރަން އުޅެންވީ،" އޭނާ ފާހަގަކުރެއްވި އެވެ.
"ކެންޑިޑޭޓުން ގޯސްވުމުގެ މައްސަލައިގައި އަމާޒަކަށް ވާންވީ ވީހާ ވެސް ގިނަ ކެންޑިޑޭޓުންނަށް ބައިވެރިވެވޭނެ މާހައުލެއް އުފައްދަން އަޑުއުފުލުން."
ވޯޓު ނުލައި އަދި އެ ނޫން ވެސް ގޮތްގޮތަށް ސިޔާސީ ކަންކަމުގައި ބައިވެރިނުވެ ތިބެގެން އެ ދުވަހެއް ނުފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
22 July 2018
ކޮންމެ އިންތިހާބެއް ކައިރި ވީމަ މި އައިމަނެއް އަރާނެ ޓީވީ އަށާ ރޭޑިޔޮލަށް.ތިޔަ ކަން ކަން ހައްލު ކުރަން ޓްރާންސް ޕޭރެންސީ އިން ކުރާ އެއްވެސް ކަމެއް ނޯވެ. ވާހަކަ ގިނަ ނުކޮށް އެކަމާ އުޅޭ ތަނެއް ނުފެނެ
ވޯޓު
22 July 2018
ވޯޓު ނުލާ ބަޔަކު ނުލިޔަސް ކޮންމެވެސް މީހަކު ހޮވޭނެ. ނުލީމަ އެގެއްލެނީ ތިމާޔަށް އެ ފެންނަ ޗޮއިސް ތަކުން އެންމެ ރަނގަޅު ޗޮއިސްއަކަށް ލިބޭނެ ވޯޓެއް. އޭގެ ފައިދާ އެ ލިބެނީ ދެން ހުރި ޗޮއިސްތަކަށް. މިއިން ވޯޓު ނުލާ މީހާއަށް ލިބޭނެ މޮޅެއް ނެތް.
ދިބާން
22 July 2018
ވައްކަމާއި ފަސާދަ އާއި ބޭއިންސާފަށް ނޫނެކޭ ނުބުނެ ހައްލެއް ނުވާނެ
ކޮރި ބޯށި
22 July 2018
ވޯޓްލާން ނުދިޔުމަކީ ސަރުކާރުން ހިންގާ ގާނޫނާއި ހިލާފު ކަންކަމަށް ވަރިހަމަކޮއްގެން ހުރުން ކަހަަ ކަމެއް
ހަަސަނު2
22 July 2018
ތިމޭރުމުން ވެއްޖިއްޔާ ދެން އަންނަ ސަރުކާރަކުން ހިންގާފާނެ ޖަރީމަތަކަކަށް އާނ ބަސް ބުނެދެވެނީ ތާ މި؟
ޅަވިޔަނިނއ
22 July 2018
2013 ވަނަ އަހަރު ކޯޓްތަކުން މީހަކަށް ވެރިކަން ވެދުންކުރި ހަނދާން ނުނެތޭއަދިވެސް. މިހާރުވެސް ކޯޓުތަކާއި އިލެކެސްސަން ކޮމިސަން އެއޮތީ ޕީޕީއެމްގެ ގޮތްޕަކާ ތަފާތެއްނެތް. ދެންވެސް މާޔޫސް ނުވާށޯ.
އަސްލު
22 July 2018
އަރަބި ކަރައިގަގެ އީމާމުން ގެނެސްގެން އެމީހުންގެ ފަހަތުގައި ތަރާވީސް ނާމާދު ކުރިޔަސް އޯކޭ.. އެމީހުން ހުކުރު ހުތުބާ ކިޔަސް އޯކޭ... އެކަމަކު އެމީހުން ފަނޑިޔާރުކަން ކުރަން ކަޑަ? ކޮބާ މީގެ ހިކުމަތަކީ??
ދޮންބީފާނު
22 July 2018
"މާޔޫސްވިޔަސް ވޯޓު ލުން ދޫކޮށްގެން ނުވާނެ!" ހެހެހެހެހެހ މާޔޫސް ވެގެން ތުންގަނޑު ބިމަށް ހަރައިގެން އެކުދިން ތިބެދާނެ ވިއްޔަ. ދޮޅު އަހަރުގެ ދޮޅު ރޯނާއަށް ވާނެ ގޮތެއްވެސް ނޭގޭވިއްޔަ. ދޯ ކަކަކަކަ
ދިބާން
22 July 2018
ކޮރަޕްޝަނާ ފަސާދައިގެ ތާރީޚެއް އޮތް ވެރިޔަކު ނޭނގި ނަމަވެސް ގެނެވުމުގެ ހިތިރަހަ ދިވެހިން މިދެކެނީ
މިވެސް
22 July 2018
ވަރަށް މާޔޫސްވޭ. އެހެންވެ ޕާޓީތައް ބޯއިކޮޓް ކުރުމަށްޓަކައި އުމަރަށް ވޯޓްލާނީ. ހެޔޮ އުމަރަށް 2 ވޯޓް ލިބުނަސް. ކޮންމެހެން މަޝްހޫރު މީހުންނަށް ވޯޓްލާކަށް ނުޖެހޭ. ޕާޓީތަކުން އަރާ ވެރިކަން ކުރާ ގޮތް ފެނިފަ ވަރަށް ފޫހި. ޖޭޕީގެ ގޮތް މިހާރު ނޭނގި އޮތީ. އެކަމު އެމްޑީޕީއާ އެކުވީމަ އެމީހުންނަކަށް އިތުބާރެއް ނުކުރެވޭ. ހަނި ގޮތަކަށް ނަމަވެސް އުމަރު ހޮވިއްޖިއްޔާ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މީހުން ލައިގެން ކޮރަޕްޝަން ނެތް ކުރިއަށްވުރެ އިންސާފުވެރި ސަރުކާރެއް ހިންގަފާނެ.
ތޮށަލިޑިމޮކްރަސީ
22 July 2018
ކަންކަން ހައްލުވޭތޯ ގޭގަ އޮވެގެން ނިދާ. އޭރުން ހިޔާލު ފާޅުކުރެވިދާނެ ހުވަފެނުގަވެސް. އޭރުން ހުންނާނީ ޖެނިފާ ބޭނުންވާ ޑިމޮކްރޮސީގެނެވިފަ. ކަންކަން ގޯސްވަނީ އެންމެ ސަބަބަކާ ހެދިއެއްނޫން. ނިޒާމް ބަދަލުކުރުމަކީ ހައްލެއްނޫން. ދިވެހިންބާލާފަ ހަނދުންމީހުންގެނެސް އެޅީމަ ފަހަރެއްގަ ދިވެހިރާއްޖެ ރަނގަޅުވެދާނެ. ޖެނިފާއަށް ސަލާން