އިބޫގެ ތަޖުރިބާ އާއި އިތުބާރުން އާ ބާބެއް:"ޕަޕެޓެއް ނޫން"!

ޅ. މެމްބަރެއްގެ ގޮތުގައި، 1994 ވަނަ އަހަރު ސިޔާސީ ހަޔާތް ފެއްޓެވި، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ގަބޫލުކުރެއްވުނު ގޮތުގައި، ސިޔާސީ މަސައްކަތުގައި 24 އަހަރު އޭނާ އަށް ފުދެ އެވެ؛ އެއީ މަޖިލީހުގެ ފަސް ދައުރެވެ. އާއްމު ނުކުރެއްވި ނަމަވެސް ނިންމެވުމަކީ، އިބޫ ވިދާޅުވި ގޮތުގައި، އަންނަ އަހަރު ރިޓަޔާ ކުރެއްވުމެވެ.


އެކަމަކު އަންނަ މަހު ބާއްވާ ރިޔާސ އިންތިޚާބަށް، ސިޔާސީ ކަންކަން ފުރޮޅިގެން އައީ އޭނާ އަށް ހީކުރެއްވިފައި އޮތް ގޮތަކަށް ނޫނެވެ. އިދިކޮޅު ޕާޓީތަކުން މަސައްކަތްކުރި ގޮތަށް ކަންކަން ތަރުތީބު ނުވެ، އިންތިޚާބު ބޯމަތިވުމުން އޭނާ އަށް ޖެހިވަޑައިގަތީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާށެވެ. އެއީ، އެއްވެސް ހިސާބަކުން، ވިސްނަވާފައި އޮތް ކަމަކަށް ނުވި ނަަމަވެސް އިބޫގެ ކުރިމަތީގައި އޮތީ، ދެ ޗޮއިސް އެވެ.

ސިޔާސީ ހަޔާތް ނިންމަވާލެއްވުން ނުވަތަ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކޮށްދެއްވުމުގެ ޒިންމާ އުފުއްލެވުމެވެ. ސިޔާސީ ތަޖުރިބާ އާއި އެންމެންގެ އިތުބާރާ ހެދި ސިޔާސީ ހަޔާތުގެ އާ ބާބެއް ފެއްޓެވުމަކީ، އިބޫ ވިދާޅުވާ ގޮތުގައި، އުނދަގޫ ނިންމެވުމެކެވެ.

ޚާއްސަކޮށް، ކުޑައިރުއްސުރެން އެންމެ ގާތް އެކުވެރިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން އޮތް މަގާމެއް ފުރުއްވަން ޖެހިވަޑައިގަތުމެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އިބޫ ނުކުންނެވީ، ނަޝީދަށް ކުރިމަތި ލެއްވޭނެ ގާނޫނީ ދޮރުތައް ބަންދުވެ، އިތުރު ގޮތެއް ނެތުމުންނެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި، ކެންޑިޑޭޓަކީ ނަޝީދު ކަމަށް ނިންމި ނަމަވެސް، ވެރިކަން ކުރައްވަން އޮތް ހުރަހަކީ އެމަނިކުފާނަށް އިއްވާފައި އޮތް 13 އަހަރުގެ ޖަލު ހުކުމެވެ.

ސިޔާސީ މި ހަގީގަތާ އެކު އިބޫ އަދިވެސް ގަބޫލުކުރައްވަނީ، ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވަން "އެންމެ ރަނގަޅު ޗޮއިސް އަކީ ނަޝީދު" ކަމަށެވެ.

"އެންމެ ގިނަ ބައެއްގެ ތާއީދު އަދިވެސް އޮތީ ރައީސް ނަޝީދަށް. އެއީ ހަގީގަތް. އެއަކަށް ޗެލެންޖް ކުރެވޭނެ އެހެން ލީޑަރެއް ހުރި ކަމަކަށެއް އަދި އަޅުގަނޑު ގަބޫލެއް ނުކުރަން. ދެން، ކަން ދިމާކުރި ގޮތުން، ރައީސް ނަޝީދަކަށް ވެސް އަޅުގަނޑުމެންގެ އެހެން [އެއްވެސް ޕާޓީއެއްގެ] ލީޑަރަކަށް ވެސް ކުރިމަތިލެވޭނެ ގޮތެއް ނުވި. އެހެންވީމާ އަޅުގަނޑު މި ނުކުތީ،" އިބޫ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކުރިމަތި ކުރުވި ފިއްތުންތަކާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަމުން ދިޔަ ކަންކަމާ ދެކޮޅަށް އެ ލީޑަރުންގެ ފަރާތުން އެންމެ އިސްކޮށް، މަސައްކަތް ކުރެއްވީ ވެސް އިބޫ އެވެ. ވަކި ހިސާބަކުން، ހައްޔަރުކޮށް ޖަލަށް ވެސް ލި އެވެ. އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ، ވާދަކުރައްވަން ސިޔާސީ ގަދަ ކަނޑަކަށް ނުކުންނެވީ އެ ހުރިހާ ތަޖުރިބާއަކާ އެކުގަ އެވެ.

އިބޫ، ވެވަޑައިގަންނަވާނީ ނަޝީދުގެ "ޕަޕެޓަކަށް"؟

ނަޝީދާ އެކު އޮންނަ ގާތް ގުޅުމާ ހެދި އިބޫ އަށް އަށް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި، ނަޝީދު ދޫދެއްވައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފަހު ވަގުތު އިބޫ ނެރުއްވީ، އިތުބާރު ކުރެއްވޭ ބޭފުޅަކަށް ވާތީ އެވެ. އަދި ނަޝީދުގެ ވިސްނުންފުޅާ އެއްގޮތަށް ކަންކަން ކުރައްވާނެ ބޭފުޅަކަށް ވާތީ އެވެ. ޕީޕީއެމުން ބުނާ ގޮތުގައި، ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، "އިބޫ ވެވަޑައިގަންނަވާނީ ނަޝީދުގެ ޕަޕެޓަކަ"ށެވެ.

އެކަމަކު އިބޫގެ ރައްދު އައީ އެ ވާހަކަތަކާ މުޅިން ދެކޮޅަށެވެ.

ކެމްޕޭން ޖަލްސާއެއްގައި، އިބޫ ވާހަކަ ދައްކަވަނީ: ވެރިކަން ކުރައްވާނީ، ގާނޫނުއަސާސީގައިވާ ގޮތަށް، އަދި ލީޑަރުން އެއްބަސްވި ކަންކަމަށް އިހްތިރާމް ކުރައްވައިގެން ކަމަށް ވިދާޅުވި.

"އެއްވެސް ހާލެއްގައި ރައީސް ނަޝީދުގެ އަދި އެހެން އެއްވެސް މީހެއްގެ ވެސް ޕަޕެޓެއްގެ ގޮތަކުއެއް ނޫން، ރާއްޖޭގެ ވެރިކަން ލިބިއްޖިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ. އަޅުގަނޑަކީ މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މީހެއް،" އިންތިޚާބާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑު ކުރިމަތީގައި އޮންނާނީ ގާނޫނުއަސާސީ އާއި ގާނޫނުތައް. އަދި [ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން] އެއްބަސްވެފައިވާ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި. އެހެންވީމާ، އެއީއަކީ، އެއްވެސް ހާލެއްގައި، ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. އަދި އެހެނެއް ގަބޫލެއް ނުކުރައްވާނެ، އަޅުގަނޑުމެންގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ވެސް."

އިބޫ ވިދާޅުވި ގޮތުގައި، ކިތަންމެ ގާތް ނަމަވެސް ނަޝީދާއި އޭނާއާ ދެމެދު ވެސް ޚިޔާލުތަފާތުވާ ކަންކަން ހުރެ އެވެ. އެއީއަކީ މައްސަލައެއް ކަމަށް ދެ ބޭފުޅުން ވެސް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެެވެ.

އިބޫގެ އަމިއްލަ ނަފްސަށް އޮތް ޔަގީންކަމަކީ، ޚިޔާލު ތަފާތުވުންތައް ހުއްޓަސް ހައްލު ހޯދޭނެ ކަމެވެ. އެއީ، ނަޝީދަށް ވިއަސް އެހެން ބޭފުޅަކަށް ވިއަސް ވާހަކަ ދައްކައިގެން، ހައްލު ނުވާނެ ކަމެއް ނޯންނާނެ ކަމަށް އިބޫ ގަބޫލުކުރައްވަ އެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިބޫ، "މިހާރު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"ހިޔާލުތަފާތުވިއަސް ގައުމު ކުރިއަށް ގެންދަން ވިސްނާ ބައިވަރު މީހުން އުޅޭކަން އަޅުގަނޑަށް ގަބޫލުކުރެވޭ. އަޅުގަނޑު ހިތަށްއެރީ، އެންމެން އެކީގައި މަސައްކަތްކޮށްގެން އެކަން ކުރެވޭނެއޭ. އަޅުގަނޑުގެ ވިސްނުން އަބަދުވެސް ހުރޭ އެކީގައި މީހުންނާ އެކު މަސައްކަތް ކުރަން. އެގޮތުން، މި އެންމެންނާ އެކުގައި މަސައްކަތް ކުރަން އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ވިސްނުމުގައި މި ހިސާބަށް މިއައީ،" އިބޫ ވިދާޅުވި އެވެ.

"ކިތަންމެ ބޮޑަށް ޚިޔާލު ތަފާތުވިއަސް އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ވާހަކަ ނުދެއްކޭނެ މީހެއް ނުހުންނާނެ ކަން."

ކޯލިޝަންގެ ވެރިކަން މިފަހަރަކު ނުރޫޅޭނެ!

އިބޫ، އިންތިޚާބަށް ނުކުންނެވީ، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބު، އިބޫ އަށް ކާމިޔާބުވެއްޖެ ނަމަ، އަނެއްކާވެސް އުފެދޭނީ ކޯލިޝަން ސަރުކާރެކެވެ. ނުވަތަ ތަފާތު ފިކުރުތަކުގެ އެތައް ބަޔަކު ހިމެނޭނެ ވެރިކަމެވެ. އޭގެ ތެރޭގައި، ހިމެނެނީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރާ މީހުންނެވެ.

ކިތަންމެ "ފުޅާ ކޯލިޝަނަކަސް" ރާއްޖޭގެ ތަޖުރިބާ އަށް ބަލާއިރު އިއްތިހާދުވެގެން "އޮއްޓަރު ހުރި ވެރިކަމެއް" އުފެއްދިފައެއް ނެތެވެ. ދެހާސް އަށް ވަނަ އަހަރު، އެމްޑީޕީ ވެރިކަމަށް އަންނަން ހެދި ކޯލިޝަން ވެރިކަމުގެ ތިން ވަނަ ހަފުތާ ތެރޭގައި ރޫޅުނެވެ. ހަމަނުޖެހުން ބޮޑުވި 2013 ގެ ރިޔާސީ އިން އިންތިޚާބުގެ ދެ ވަނަ ބުރުގައި އެތައް ބަޔަކާ އެކު އިއްތިހާދުވެގެން ވެރިކަމަށް ވަޑައިގަތް ރައީސް އަބްދުﷲ ޔާމީންގެ ފަަރާތްޕުޅުން ވެސް ފެނުނީ އެ މަންޒަރެވެ.

ދެން ހުންނެވީ އިބޫ އެވެ. ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، ކޯލިޝަން ސަރުކާރު އޭނާ އަށް ދެމެހެއްޓެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟

އޭނާ ވިދާޅުވަނީ، ކުރީގެ ކޯލިޝަންތަކާ، މިފަހަރުގެ ކޯލިޝަން ހުރިހާ ގޮތަކުން ވެސް ތަފާތު ކަމަށެވެ.

"ކުރީ ފަހަރުތަކުގައި ކޯލިޝަން އުފެދިގެން އައީ، އިންތިޚާބުގެ ދެ ވަނަ ބުރުގައި ގާތްގަނޑަކަށް ހަފުތާއަކަށް ވެފައި ވަނިކޮށް. އެއްވެސް ކަހަލަ ކޮންކްރީޓް އެއްބަސްވުމެއް ނެތް އެއަކު. ބައެއް ފަހަރު ސޮއި ވެސް ނުކޮށް އަނގަ ބަހުން ދެކެވުނު ވާހަކަތަކެއްގެ ތެރޭގައި ކޯލިޝަން ހެދިގެން އައީ. އެއީ އެ ވަގުތަށް ކޮންމެހެން ބޭނުން ކަމަކަށް ވެގެން. އެނގިވަޑައިގަންނަވާނެ ކުރީ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބު ކުރެވުނީ އޭރު އޮތް ވެރިކަން ބަދަލުކުރަން. ތާއީދަށް ވުރެން ބޮޑަށް ނޫނެކޭ ބުނަން ވެރިކަމަށް،" އިބޫ ވިދާޅުވި އެވެ.

"އެއާޚިލާފަށް މި ފަހަރު އަޅުގަނޑުމެން ކޯލިޝަން މި ހެދީ އޭގެ މާ ކުރިން. ދެ އަހަރު ވެގެން މިދަނީ އަޅުގަނޑުމެން ކޯލިޝަނެއްގައި މަސައްކަތް ކުރާތާ. ދެ އަހަރު ހިފެހެއްޓިއްޖެ. ހުންނާނެ އެއްބަސްވުންތަކެއް، ކޯލިޝަން ރޫޅޭނެ ގޮތާއި، ދަމަހައްޓަން ކުރަން ޖެހޭނެ ކަންތައް. އޭގެ އިތުރުން ގާނޫނީ ބާރު އެއަށް، އަޅުގަނޑުމެން ހޯދައިދޭނަން. މީގައި އެންމެ ރަނގަޅު ގޮތަކީ ގާނޫނުއަސާސީ އަށް އެ ބަދަލު ގެނައުން. އެހެން ނަމަވެސް އެކަމަށް ވެސް ވަގުތު ނަގާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ، ފުރަތަމަ އެ އެއްބަސްވުން އޮވެފައި ގާނޫނަކުން، ކޯލިޝަންގެ ސަރުކާރު ދެމިއޮންނާނެ ގޮތް އަޅުގަނޑުމެން ފާސްކުރާނީ."

ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ސަލާމްކުރައްވާއިރު، އިބޫ އަރިހުގައި: އިދިކޮޅު ލީޑަރުންގެ މެދުގައި އިތުބާރު އެބައޮތް ކަމަށް ވިދާޅުވި.

ވެރިކަމުގެ ފަސް އަހަރު ނިމެންދެން ކޯލިޝަން ދެމިއޮންނާނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

"އެކަމަކު ވިސްނަވަން ޖެހޭނެ. މިއީ ތަފާތު ފިކުރުގެ، ތަފާތު ވިސްނުމުގެ ސިޔާސީ ޕާޓީތައް. ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ވަކި ހިސާބަކުން އެ ފިކުރުތަކަށް ޖާގަ ދީގެން. ވާދަވެރި ސިޔާސީ މާހައުލެއް އުފައްދައިގެން،" އިބޫ ވިދާޅުވި އެވެ.

އެއްބަސްވުމުގެ އިތުރުން، ލީޑަރުންގެ މެދުގައި އިތުބާރު އޮތް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެހެން ނޫން ނަމަ، ގައުމު ހަމަ މަގަށް އަޅުވަން ދެ އަހަރު ވަންދެން އެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

"ގައުމު މިއަދު މިއޮތް ހާލަތުން އަޅުގަނޑުމެންގެ އެއްވެސް ލީޑަރަކަށް ނެތް މި ނޫން ހާލަތެއް. ގައުމު ސަލާމަތް ކުރަން އެބަ ޖެހޭ. އެއަށް ފަހު އަޅުގަނޑުމެންގެ ސިޔާސީ ޚިޔާލުތަފާތުވުންތައް އިސްކުރަން ޖެހޭނީ. އެއީ އަޅުގަނޑުމެން އެންމެން ގަބޫލުކޮށްގެން މިތިބި ގޮތަކީ. އެއީ ސިޔާސީ ޚިޔާލުތަފާތުވުންތައް ދުރުކޮށް ގައުމު އިސްކޮށްގެން ނޫން ގޮތަކަށް އެކަން ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެންވެ ކޯލިޝަނެއް ހަދައިގެން މި ނުކުތީ."

އިބޫ، ސިޔާސީ ގަދަ ކަނޑަކަށް ނުކުމެވަޑައިގަތީ، އިދިކޮޅު ހުރިހާ ލީޑަރުންގެ ތާއީދާއި އެއްބާރު ލެއްވުމާ އެކުގަ އެވެ. އެއާ އެކު ވެސް، އިބޫގެ ސިޔާސީ ހަޔާތް، މަޖިލީހުގެ ފަސް ވަނަ ދައުރާ ހަމައިން ނިންމާލައްވާނީތޯ ނުވަތަ އާ ބާބަކުން ފަށާނީތޯ، މުޅިން ސާފުވާނީ އިންތިޚާބަށް ފަހު އެވެ. އިބޫ ވިދާޅުވި ގޮތުގައި، ސިޔާސީ، އާ ބާބަކަށް، އޭނާ ތައްޔާރެވެ.