އައިޖީއެމްއެޗުގެ ނަރުހުންތަކެއް މަސައްކަތުގައި: އާ އޮނިގަނޑުގެ ދަށުން، ކުރީގެ ބައެއް އިނާޔަތްތައް ކަނޑާލާފައިވާތީ، ޖުމްލަ އުޖޫރަ ކުޑަވެފައިވާ ކަމަށް ނަރުހުން ބުނޭ. ފައިލް ފޮޓޯ: ހުސެން ވަހީދު/ މިހާރު
30 އޯގަސްޓް 2018 - 08:19
ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަކަށް މި މަހުން ފެށިގެން އަމަލުކުރަން ފެށި އިރު މުސާރަ އަށް އެވްރެޖުކޮށް 15 ޕަސެންޓުގެ ކުރިއެރުމެއް ގެނެސްދީފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏަސް، ނަރުހުންގެ ބަހަކީ، ކުރިން ލިބުނު ބައެއް އިނާޔަތްތައް ކަނޑާލާފައިވާތީ، ޖުމްލަ އުޖޫރަ ހަގީގަތުގައި ވީ ކުޑަ ކަމެވެ. އެހެންވެ ނަރުހުން ވަނީ "ދިވެހި ނަރުހުންނަށް އިންސާފު"ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފަ އެވެ. އެކަން ވީ އެހެން ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ އުދާސްތައް ވެސް ބޭރުކޮށްލަން ލިބުނު ފުރުސަތަކަށެވެ. ޚާއްސަކޮށް ޓީޗަރުންނެވެ. އެއާ އެކު ޓީޗަރުންނާއި ނަރުހުންގެ މަސައްކަތް އަޅާކިޔުމުގެ އަރާރުމެއް ސޯޝަލް މީޑިއާގައި ވަނީ އުފެދިފަ އެވެ.
ސޯޝަލް މީޑިއާގައި ބާރަށް ފެތުރެމުންދާ ޕޯސްޓެއްގައި، ނަރުހުންގެ މުސާރައާ މެދު ޝަކުވާކުރަނީތޯ ސުވާލުކޮށް، މީހަކު ލިޔެފައިވާ ގޮތުގައި އެހެން "ހުރިހާ ދާއިރާއެއްގެ ފަހަތުގައި އޮތް ދާއިރާ"ގެ މުސާރަ އަދިވެސް މާ ކުޑަ އެވެ. އެ މީހަކު ބޭނުން ދާއިރާއެއް އިޚްތިޔާރުކުރުމުގެ ބިންގާ އަޅައިދޭ ޓީޗަރުންނަށް ލިބެނީ އެ މީހުންގެ މަސައްކަތާއި ނިދި ނަގާލަން ޖެހޭ ރޭތަކާ ނުބައްދަލު އުޖޫރައެއްކަން އޭނާ ފާހަގަކޮށްފައިވެ އެވެ.
"ޑިޕްލޮމާ ސެޓްފިކެޓެއް އޮތް ޓީޗަރަކަށް ކިރިޔާ 10،000 ރުފިޔާ ލިބޭ އިރު ހޮސްޕިޓަލުގައި ތަރުޖަމާކުރަން އިންނަ މީހާ އަށް އޯލެވެލް ނުވަތަ އޭލެވެލް ސެޓްފިކެޓަކުން ހަމަ އެ ވަރު ލިބޭ. ބޭއިންސާފުގެ ވާހަކަ ދައްކާ!" އޭނާ ބުންޏެވެ.
އެ ޕޯސްޓަށް ރައްދު ދެމުން ފޭސްބުކްގައި މީހަކު ލިޔެފައިވާ ގޮތުގައި އެއީ "ނަރުހުންނަށް އިންސާފު" ހޯދުމުގެ ކެމްޕެއިން ހީނަރުކޮށްލަން ދައްކާފައި އޮތް ވާހަކައެކެވެ.
އެއް ޓީޗަރެއްގެ ސުވާލަކީ ރިސެޕްޝަންގައި އިންނަ މީހަކަށް ރިސްކު އެލަވަންސްގެ ގޮތުގައި އިނާޔަތެއް ލިބޭ އިރު ޓީޗަރުންނަށް ރިސްކު އެލަވަންސް ނުލިބެންވީ ކީއްވެގެންތޯ އެވެ؟
"އަހަރެމެންނަށް ދުވާލަކު ރިސްކީ ކިތައް ކަންތައް ދިމާވޭ؟" ފޭސްބުކްގައި އެ ޓީޗަރު ލިޔުނެވެ.
"އަހަރެމެން މި ކުރަނީ ރިސްކީ މަސައްކަތެއް ނޫންތަ؟"
ބައެއް މީހުންގެ ޝަކުވާއަކީ މުސާރަ ބޮޑުކޮށްދޭން އެދި ޓީޗަރުން އާދޭސްކުރާތާ އެތައް ޒަމާނެއްވީ އިރު ވެސް އެކަން ކޮށްދީފައި ނުވުމެވެ. ޓީޗަރުންގެ ހައްގުގައި ބަޔަކު އަޑުއުފުލަމުން ނުދާ ކަމުގެ އިހުސާސްކުރެވޭ ބައެއް މީހުން އެ ގޮތަށް ވެސް ޝުއޫރު ފާޅުކޮށްފައިވެ އެވެ.
"ޓީޗަރުންގެ މުސާރައަކީ، އަހަރެމެންގެ ލީޑަރުން ތައުލީމުގެ އަގުވަޒަންކުރާ މިންވަރު އަންގައިދޭ ކަމެއް. އެހެން ހުރިހާ ކަމެއް އުފެދިގެން އަންނަނީ ތައުލީމުން،" ފޭސްބުކް ކޮމެންޓެއްގައި އަހުމަދު ޝިރަން ލިޔުނެވެ.
އެކަމަކު ބައެއް ނަރުހުންގެ ޝުއޫރަކީ، މި ދަނޑިވަޅުގައި ޓީޗަރުންގެ ވާހަކަ ދައްކައި ނަރުހުންގެ ކެމްޕެއިނަށް ފާޑުކިޔުމަކީ ނަރުހުން ކުރާ މަސައްކަތް ބަލައިނުގަތުން ކަމެވެ. ފޭސްބުކްގައި މީހަކު ލިޔެފައިވާ ޕޯސްޓަކުން ދޭހަވާ ގޮތުގައި ނަރުހުންނަށް އެ ގޮތަށް އިހުސާސްކުރެވެނީ، އެ މީހުންގެ އަގުވަޒަން ނުކުރުމާއި ނަރުހުންނަކީ "އެއްޗެއް ނުދަންނަ"، "އެއްވެސް ކަމެއް ނުކުރާ"، ހަމައެކަނި ޑޮކްޓަރުންނަށް މަސައްކަތްކޮށްދޭން ތިބޭ ބައެއް ކަމަށް ބައެއް މީހުން ދެކޭތީ އެވެ.
މަންޒަރު ބަލަން ތިބި ބައެއް މީހުން މި ޒުވާބު ސިފަކުރަނީ ޓީޗަރުންނާއި ނަރުހުންނާ ދެމެދު އޮތް "ހަސަދަވެރިކަމެއް"ގެ ގޮތުގަ އެވެ.
މި މައްސަލަ ހޫނުވުމާ ގުޅިގެން ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުސާރައިގެ މައްސަލައިގައި އަޑުއުފުލުމަކީ ނަރުހުންނަށް އޮތް ހައްގަކަށް ވާ އިރު އެ ކަމަށް ފާޑުކިޔައިގެނެއް ނުވާނެ އެވެ. އަދި ކޮންމެ ދާއިރާއެއްގެ ބަޔަކު ވިޔަސް ކަންކަމަށް ވަކާލާތު ކުރުމަކީ އެ ބައެއްގެ އަމިއްލަ ކަމެއްކަން އެ މީހުން ފާހަގަކުރެ އެވެ.
އެތައް ބަޔަކު އެއްބަސްވާ ގޮތުގައި ނަރުހުންނާއި ޓީޗަރުންނާ ދެ ބައި މީހުން ވެސް މުހިއްމެވެ. އަދި އެ ދެ ބައި މީހުންނަށް ވެސް، އެކަށީގެންވާ އުޖޫރައެއް ނުލިބެ އެވެ. އެހެންވެ، އޭގެ ތެރެއިން ވަކި ބައެއްގެ ޚިދުމަތް އަނެއް ބައި މީހުންގެ ޚިދުމަތަށް ވުރެ މާ މުހިއްމު ކަމަށް ބުނެ އަޅާކިޔައިގެން ނުވާނެ ކަމަށް ގިނަ ބަޔަކު ޚިޔާލުފާޅުކުރެ އެވެ.
"އަނެއް ބައި މީހުންނަކީ ތިމަންނާމެންނަށް ވުރެ ދަށް ބައެއް ކަމަށް ޓީޗަރުންނާއި ނަރުހުން ދެކި، އަނެއް ބައި މީހުން މުޖުތަމައު އަށް ކޮށްދޭ ޚިދުމަތުގެ އަގުވަޒަން ނުކުރުމަކީ އަދި މާ ބޮޑު ހިތާމައެއް،" ޓްވިޓާގައި މަރިޔަމް ހުދާ ލިޔުނެވެ.
Both sectors are equally crucial for a community and its future. It’s important to remember that a nurse needs a teacher to become a nurse. A teacher needs help from a nurse to feel better.
— Maryam Hudha (@hudhyy) August 29, 2018
މި އަރާރުމުގެ ތެރެއިން އުފެދިފައިވާ ޚިޔާލުތަކުގައި އެތައް ބަޔަކު އެއްބަސްވާ އެއް ކަމެއް އެބަ އޮތެވެ؛ އެއީ ރާއްޖޭގައި ވަޒީފާ އަދާކުރާ އާއްމު މުވައްޒަފުންގެ ތެރޭގައި އެކަށީގެންވާ އުޖޫރައެއް ލިބޭ އެއްވެސް ބަޔަކު ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފަދަ ސިޔާސީ މީހުންނަށާއި ދައުލަތުގެ ބޮޑެތި މަގާމްތައް ފުރާ މީހުންނަށް ލިބޭ ބޮޑެތި މުސާރަތަކާއި އެހެން އެންމެންގެ މުސާރަތަކުގެ ފަރަގު އިންތިހާ ދަރަޖަ އަށް ބޮޑުކަން ފާހަގަކޮށް އެއް ބަޔަކު ބުނަނީ އުޖޫރަ ކުޑަވުމާއި މުސާރަ ތަފާތުވުމުގެ މައްސަލަ އަށް ފުޅާ ދާއިރާއެއްގައި ބޮޑު ހައްލެއް ގެންނަން ޖެހިފައިވާ ކަމަށެވެ.
ތަފާސްހިސާބުން އެނގޭ ގޮތުގައި ސިވިލް ސާވިސްގައި ތިބި 22،000 މުވައްޒަފުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް (47 ޕަސެންޓް) އަސާސީ މުސާރައިގެ ގޮތުގައި މިދިޔަ އަހަރު 5،000 ރުފިޔާ ވެސް ނުލިބެ އެވެ. އަދި 97 ޕަސެންޓް ސިވިލް ސާވެންޓުންގެ އަސާސީ މުސާރަ މިދިޔަ އަހަރު 10،000 ރުފިޔާ އަށް ވުރެ ކުޑަ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ އުޖޫރަ 700 ރުފިޔާ އިން ފެށިގެން 1500 ރުފިޔާއާ ހަމައަށް މި އަހަރު ބޮޑުކޮށްފައިވެ އެވެ. އެކަމަކު އެއީ ވެސް އެލަވަންސެވެ. އަސާސީ މުސާރައެއް ނޫނެވެ.
އެހެންވެ، މިހާރު އުފެދިގެން އުޅޭ ޒުވާބުގައި، ނަރުހުންނާއި ޓީޗަރުންގެ އިތުރުން އެހެން ދާއިރާތަކުގެ ސިވިލް ސާވެންޓުން ވެސް އަންނަނީ މުސާރައިގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި މި ބަހުސްގެ ތެރެއިން ވެސް އެނގެނީ، އެންމެ ކުޑަ އުޖޫރަ އާއި ލިވިން ވޭޖު ކަނޑައެޅުމަށް ހުރިހާ އެންމެން ގުޅިގެން އަޑުފުލަންވީ ކަމެވެ.
"ހުރިހާ މަސައްކަތްތެރިންނަށް، ދިވެހިންނާއި ބިދޭސީންނާއި ފަންނީ މީހުންނާއި އެ ނޫން މީހުންނަށް ވެސް ލިވިން ވޭޖެއް ލިބެން ޖެހޭ،" އަބްދުﷲ މުއްތޮލިބު ފޭސްބުކްގައި ލިޔުނެވެ.
"މުސާރަ ބޮޑުކޮށްދޭން ގޮވާލަން ޓީޗަރުން ވެސް ނަރުހުންނާ ގުޅެންވީ. މުޅި ސިވިލް ސާވިސް ވެސް ގުޅެންވީ،" މޯޑިސިއަންގެ ނަމުގައި ޓްވިޓާގައި އުޅޭ މީހަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމާނާ
31 August 2018
ހުރިހާވެސް މައްސަލަޔަކީ ނަރުހުން.ކޮން ރިސްކު އެލަވަންސެއްދޭކަށް.ނަރުހުންނަކީ ކޮންކަމެއްކުރާބަޔެއް.ބަލި މީހަކު ގޮއްސިއްޔާ މޫނު ކުނިކޮށްގެންތިބެނީ.އެމީހުންނަށް ރަނގަޅީ ބަޔަކު ނުގޮއްސިއްޔާ.ރަނގަޅު ނަރުހުންވެސް އުޅޭ.ޓީޗަރުންވެސް މުސާރަ ކުޑަވެގެން އުޅެނީ އެމީހުންކުރެން އަހާބަލަ މަހަކު ކިތެއްދުވަހު ސަލާމް ބުނަންހެއްޔޭ.ސިޔާސީ ކޯޅުން އޮންނަނީ.އެއްބަޔަކު އަނެއްބަޔަކާ ޖައްސާލައިގެން އުޅެނީ.
ނަރުސް
31 August 2018
ނިކަން އެއްދުވަހު ގޮސް ހޮސްޕިޓަލެއްގަ ނަރުހެއްގެ ގޮތުގަ އުޅެބަ ކެރެންޏާ. އޭރަށް ރަނގަޅަށް އިނގޭނެ ނަރުހުން ކުރާ މަސައްކަތާއި ނަގާ ރިސްކު.
ޙހހހ
31 August 2018
މައްސަލައަކީ ތިގޮތައް ވިސްނާ މީހުން މި ދިވެހިރާއްޖޭގަ އުޅޭތީ
އެއްކަލަ2
31 August 2018
މި ލިޔުމުން ކިޔާލީމަ އެނގެނީ ނަރުހުންނަށް ލިބިލިބި ހުރި އެއްޗެއް ނުލިބެން ފެށީމަ ދިމާވެގެން އުޅޭ މައްސަލައެއްހެން ޓީޗަރުންގެ މައްސަލަ އަކީ ނަރުހުން އެވާހަކަ ދައްކާތީ ޓީޗަރުންގެ ޙައްގު ހޯދަންވެގެން ކިތައްފަހަރު ތޯ ކިޔަވައިނުދީ ހަޅުތާލު ކުރީ ނަރުހުން އެންމެ ދުވަހަކު ވަޒީފާ އަދާނުކޮށް ހަޅު ކޮށްފިއްޔާ ކިހިނެއްތޯ ވާނީ؟ އަޅުގަނޑަށް ފެންނަނީ ނަރުހުން އެމީހުންގެ ހައްގު ހޯދަން ދޫކޮށްލުން
ތެދުވިޔާ ތެދު
30 August 2018
ރިސްކު އެލަވެންސް ސިއްހީދާއިރާ އަށް ހައްގު . ޢެކަމަކު އެޑްމިން މީީހުނަށް ރިސްކު ލިބެން ނުޖެހޭ. ދެން ޓީޗަރުންގެ މުސާރަވެސް ކުޑަ އެކަމަކު ހޭދަވާ ވަގުތަށް މުސާރަ ދޭކަމައްވަންޏާ ފުލުހުން ސިފައިން ނަށް މުސާރަ ބޮޑުވާން ޖެހޭ އެންގިފައިވާ ގޮތުގަ ރިސްކް އެލަވެންސް ލިބޭ ބައެއްނޫންްްްްް އެޔެއްވެސް. ގިނަ ޓީޗަރުންް ނަަށް ކުދިން ކޮންޓްރޯލް ނުކުރެވޭތާގަ ޓްރެފިކް ގަވައިދައްވެސް ހުރުމަތް ތެރިކޮން ނުހިތޭ އަދި ބަލި މީހުނާ ގިނިތުން ވުމާއެކު އަނގައިން ބުނރވެނީ މަދު ނަރުހަކަށް
ޙަނު ނުތިބެމާ
30 August 2018
24 ގަޑި އިރު މަސައްކަތް ކުރާ ބައެއް އެފް.ސީ.އެސް.ސީ މުވައްޒަފުންނަކީ އެމީހުންގެ މުސާރަ އަކީ 5000 ރުފިޔާ އެހެން ވަޒީފާ އެއް އަދާ ކުރުމުގެ ހުއްދައެއް ނޯވޭ އެކަމަކު ނޮން ޕްރެކްޓިސް އެލަވަންސް ވެސް ނުލިބޭ ކޮންބައެއް އަޑު އުފުލަން ތިބީ
ނަރުސް ބުރުސް
30 August 2018
ހަގީގަތުގައި ނަރުހުން އެމީހުންގެ ހައްގުގައި އަޑުއުފުލަން ފެށީމަ ޓީޗަރުންނަށް ހަޖަމް ނުވެެގެން ނަރުހުން ދައްކުރަން ކެމްޕޭނެއް ފެށީ. ބަލަ އެންމެ ފަހަރަކުވެސް ނަރުހުން ބުނިތަ ޓީޗަރުންނަށް ލިބެނީ މިވެނި އެއްޗެކޭ އެހެންވީމާ ނަރުހުންނަށް މި ދޭށޭ. ނޫން ދޯ. ޢަމިއްލަ ހައްގުގައި ދިފާއުގަ ނުކުތީ. ޓީޗަރުންވެސް ހަމަ އެމީހުންގެހއްގު ހޯދަން ވާހަކަ ދައްކަންވީ ނަރުހުންގެ މަސައްކަތާ އަޅާނުކިޔާ
ކަތުން
30 August 2018
ނަރުހުންނަށްވެސް ކިޔާދެނީވެސް ޓީޗރުން. ޓީޗަރުންނަށް ބަދުބަސް ބުނަން ލަދުގަންނަންޖެހޭ.
ނަރުސް
30 August 2018
އަޅުގަނޑަކީ ނަރުހެއް އަދި އަޅުގަނޑަށް ކިޔަވަދިނީ ވެސް ނަރުހެއް. ސްކޫލަށް ދިޔަ އިރު ކްލާހުގައި ކިޔަވައިދިނުމުގެ ބަދަލުގައި ޓީޗަރު ބެލީ ޓިއުޝަނަށް ގިނަކުދިންނަށް މަޖުބޫރުވާ ފަދަ ގޮތަކަށް ކިޔަވައި ދެވޭތޯ.
ANAM
30 August 2018
ނަރުހުންނަ ކިޔަވާދެނީ ހަމަ ނަރުހުން
ޙހހހހ
31 August 2018
ނަރުހުންނަށް ކިޔަވައި ދޭ ޓީޗަރުންނަށް ލިބޭ ބޮޑު މުސާރަ ނަރުހުން ނެތިއްޖެޔާ ކިހިނެއް ތިމީހުން ހޮސްޕިޓަލް ގަ އެޑްމިޓް ކުރީމަ ފަރުވާހޯދަނީ
އުއްމު އިސްމާއީލް
30 August 2018
ހުރިހާ ދާއިރާއެއްގެ އުފެއްދި ދާއިރާ އަކީ ޓީޗަރުން ކަމަކަށް ގަބޫލު ކުރަންޏާ ކުއްވެރިން އުފެއްދި ބަޔަކީވެސް ޓީޗަރުން ތާދޯ
މަރިޔަބު
30 August 2018
ދިވެހިރާއްޖެ ނޫނީ ނޯންނާނެ މުދައްރިސުންނަށް އިޙްތިރާމް ނުކުރާ ޤައުމެއް. އަހަރުމެންގެ ދީނުގައިވެސް އުގަންނައިދޭ މީހުންގެ މުހިންމުކަން އިގިގެންދާ އެތަށް ހާދިޘާ ތަކެއް އެބަހުރި. ދަރިންނަކީ އަމާނާތެއް. މައިންބަފައިންނާއި ސުވާލު ކުރެވޭނެ. އަޚްލާގަކީ ދިރިއުޅޭ ތަނުން ދަސްކުރާއެއްޗެއް. އިންސާނާ ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަންމަތީ.
އިފޫ
31 August 2018
ލޮލް. ތިހިރީ ވިސްނުން ހުރިގޮތް. ކުށްވެރިންނަކީ ދާއިރާއެއް ނޫން. ވަޒީފާ އެއްވެސް ނޫން. އެއީ ކެރިއަރ އެއްވެސް ނޫން.
ޜައްޔިތެއް
30 August 2018
ޕާލަމެންޓު މެމްބަރުންގެ މުސާރަޔާ އަޅާކިޔާލަން ފެނޭ
މަންމަ
30 August 2018
ސިއްޙަތު ރަނގަޅުނޫންނަމަ ކިޔަވައިދޭކަށް ނުދެވޭނެ. އެހެންވީމަ، ކާކަށް ބޮޑުމުސާރަ ދޭންވީ؟ ގައުމުގެ އެންމެބޮޑު މުސާރަ ދޭންވީ މަންމައިންނަށް އެމީހުން އެންމެބޮޑު ރިސްކު ނަގަނީ
އައިސާފުޅު
30 August 2018
ދައިތައަށް ހޭލެވެނީ ކުނިކަހާހިތުން ނުނިދިގެންނެވެ. މުނާޖާ ކޮނޑުއަޅައިގެން ނިކުންނަނީ މުޅިރަށުތެރެ ކުނިކަހާށެވެ. އެއޮތްއަރާ ހިރަފުހުގެތެރޭގައި އަމިއްލަ ސިއްޙަތާއި ދަރިންނާއި ދަރިންގެ ދަރިންގެ ސިއްޙަތު ރިސްކަށްލައިފަ މިގައުމީ ވާޖިބު އަދާމިކުރަނީ ނުހަނު އިޚްލާޞްތެރިކަމާއިއެކުވެ. މުސާރައިގެ ވާހަކަ ދެއްކުމުގެ ބޭނުމެއްވެސްނެތެވެ. ރިސްކު އެލަވަންސް ހައްގީ އައިސާފުޅު ދައްތައަކަށްނޫންތޯއެވެ؟ ހިރަފުހުގެތެރޭގައި އުޅުމަކީ ރިސްކެއްނޫންތޯއެވެ؟ ދައްތަގެ ފިރި އާދަނުގެވާހަކަ ދައްކާނެތޯއެވެ؟ އޭނައަކީ ފާޚާނާހޮޅި - ނަރުދަމާ - ސާފުކުރާމީހެކެވެ. އޭނަދަންނަގޮތުގައި ރިސްކްއެލަވަންސް މާމުއި ލައިގެން ފިހޭ ފޮޅިއެކެވެ.