އާ އުސޫލާއެކު ނަރުހުންނަށް ލިބޭ އާމްދަނީ ވީ ކުޑަ، މަސައްކަތްވީ ބުރަ!

ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަށް މި މަހުން ފެށިގެން އަމަލުކުރަން ފެށުމާ އެކު ޖުމުލަ މުސާރަ ކުޑަވުމުން ނަރުހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.


މި މަހުން ފެށިގެން ނަރުހުންގެ ބޭސިކް ސެލަރީ 15 ޕަސެންޓް ބޮޑު ކުރިޔަސް ކުރިން ލިބޭ އެލަވަންސްތައް ވަނީ ކަނޑާލައިފަ އެވެ. އެއާއެކު ގެއަށް ގެންދަން ލިބޭ ޖުމްލަ އާމްދަނީ 700 އެއްހާ ރުފިޔާ މަދުވާނެ ކަމަށް ނަރުހުން ބުނެ އެވެ.

ނަރުހުންނަށް މުސާރަ ދޭން ނިންމާފައި ވަނީ އަންނަ ހަފްތާގަ އެވެ. މުސާރަ އަށް އަންނާނެ ބަދަލުތައް މި ހަފްތާގައި ނަރުހުންނާ ހިއްސާކޮށްފައިވެ އެވެ. އެ ބަދަލުތަކާ އެކު މުސާރައިގެ ގޮތުގައި ޖުމުލަ ލިބޭވަރުގެ ހިސާބުތައް ހެދުމުން ކުރިއަށް ވުރެ މުސާރަ ކުޑަވާ ކަމަށް ނަރުހުން ބުނެ އެވެ.

އާ ބަދަލުގައި ވާ ގޮތުން ބޭސިކް ސެލަރީ އަކީ 5،600ރ. ނަމަ 9،000ރ. އަށް ވަނީ ބޮޑުވެފަ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި ލިބެމުންދިޔަ 2،500ރ. ގެ އެލަވަންސް ވަނީ 3،000ރ. އަށް ބޮޑުވެފަ އެވެ. އޭގެން އިތުރުން ދެން ދެމުން ދިޔަ އެލަވަންސްތައް ކަމަށްވާ ރިސްކް އެލަވަންސާއި ޝިފްޓް ޑިއުޓީތައް ނުދޭން ވަނީ ނިންމައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ ނަރުހުންގެ ތެރެއިން އެންމެ ދަށް ލެވެލްގެ މީހުންނަށް ވެސް، ގެއަށް ގެންދަން ގާތްގަނޑަކަށް 14،000ރ. ލިބޭނެ ކަމަށެވެ. ނަމަވެސް އެވަރުގެ އާމްދަނީއެއް ނުލިބޭ ކަމަށް ނަރުހުން ބުނެ އެވެ. އެގޮތުން ކުރިން 13،500ރ. ލިބޭއިރު މި މަހު ލިބޭނީ 12،800ރ. ކަމަށް އެންމެ ދަށް ފަންތީގެ ނަރުހުން ބުނެ އެވެ.

އަށް ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ނަރުހުންނަށް މީގެ ކުރިން ހަ ގަޑިއިރަށް ވުރެ ގިނައިން ކުރާ މަސައްކަތަށް އިތުރު ވަގުތުގެ ފައިސާ ލިބެ އެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު އިތުރު ގަޑީގެ ފައިސާ ލިބެނީ އަށް ގަޑިއިރަށް ފަހު ކުރާ މަސައްކަތަށް އެކަންޏެވެ.

"ސިވިސް ސާވިސް އެހެން މުވައްޒަފުންނަށް އޮންނަ ގޮތް ނަރުހުންނަށް ވެސް އޮންނަން ވާނެ. އެހެން ނޫނީ ސިފައިންނާއި ފުލުހުންނަށް އޮންނަ ކަހަލަ އޮނިގަނޑެއް ހަދައި ސިވިލް ސާވިސްގެ ދަށުން ނަރުހުން ވަކި ކުރަންތާ ޖެހޭނީ،" ތަޖުރިބާކާރު ނަރުހަކު ނަން ނުޖަހަން އެދި ބުންޏެވެ.

ސިވިލް ސާވިސް މުވައްޒަފުން ހަ ގަޑިއިރު މަސައްކަތް ކުރަން ޖެހޭއިރު ނަރުހުން، އަށް ގަޑިއިރު މަސައްކަތް ކުރަން ޖެހޭތީ ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަރުހުން އެދެނީ ހަ ގަޑިއިރަށް ވުރެ އިތުރަށް ކުރާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ދިނުމަށެވެ.

ނަރުހުންތަކެއް ޖަލްސާއެއްގައި، އާ އުސޫލާއެކު މުސާރަ ކުޑަވެ ނަރުހުން ދަނީ ކަންބޮޑުން ފާޅުކުރަމުން-- ފޮޓޯ: މިހާރު

ކުރިން ރޭގަނޑު ޑިއުޓީ ނަގާ ނަރުހުންނަށް ލިބޭ އެލަވަންސް މިހާރު އުނިކޮށްފައިވުމަކީ ވެސް ގިނަ ނަރުހުން ކަންބޮޑުވުން ފާޅުކުރާ ސަބަބެކެވެ.

"އެހެން ހެދީމަ ރަސްމީ ގަޑީގައި މަސައްކަތް ކުރާ ނަރުހުންނެކޭ ރޭގަނޑު ހޭލާތިބެ މަސައްކަތް ކުރާ ނަރުހުންނެކޭ ނެތް ތަފާތެއް. އެއީ ފެއާ ގޮތެއް ނޫން. ކާކު ބޭނުންވާނީ ދަރިން ދޫކޮށް ރޭގަނޑު މަސައްކަތަށް ދާން،" ނަރުހަކު ބުންޏެވެ.

ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ތިބޭ އެޓެންޑެންޓުންނަށާއި ރިސެޕްޝަނިސްޓުންގެ އިތުރުން ޑޮކްޓަރުންނަށް ވެސް ރިސްކް އެލަވަންސް ލިބޭއިރު ނަރުހުންނަށް އެ އެލަވަންސް ނުލިބޭތީ ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ ނަރުހުންގެ މުސާރަ އަށް ގެނައީ ހެޔޮ ބަދަލުތަކެއް ކަމަށެވެ. އެ ބަދަލުތައް ގެނައީ ތައުލީމާއި ތަޖުރިބާ އަށް ބަލައި، އެ ދާއިރާއިން ކުރިއަށް ދެވޭނެ ގޮތަށް ކަމަށެވެ. އެއާއެކު ނަރުހުންގެ ދާއިރާއިން ހާއްސަ ނަރުހުން ހިދުމަތަށް ތައާރަފުވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. މިކަމާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީން އަދި އެއްޗެކޭ ނުބުނެ އެވެ.