އާ އޮނިގަނޑަށް އަމަލުކުރަން ފަށައި ނަރުހުންނަށް މުސާރައިގެ 15 ޕަސެންޓުގެ ކުރިއެރުމެއް

ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަށް މި މަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށާއި އޭގެ ނަތީޖާއަކީ، ނަރުހުންގެ މުސާރައަށް އެވްރެޖުކޮށް 15 ޕަސެންޓުގެ ކުރިއެރުމެއް ލިބުން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށީ އެ މީހުންނަށް ވަޒީފާގެ ކުރިއެރުން ލިބޭ އަދި އެކި ދާއިރާތަކަށް ޚާއްސަ ނަރުހުން ތައާރަފުުރުމުގެ މަގުސަދުގައި ކަމަށެވެ.

"މި އޮނިގަނޑުގެ ސަބަބުން ނަރުހުން މަތީ ތައުލީމް ހާސިލް ކުރުމަށް ޝައުގުވެރިވެ ހިތްވަރު ލިބިގެންދާނެ އެވެ. އަދި މި އޮނިގަނޑު ތަންފީޒުވުމާ ގުޅިގެން އެވްރެޖްކޮށް ނަރުހުންނަށް ލިބޭ އުޖޫރައިގެ 15 ޕަސެންޓުގެ ކުރިއެރުމެއް ލިބިގެންދާނެ އެވެ،" ހެލްތު މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

އެއާ އެކު، ނަރުހުންނަށް މި މަހު މުސާރަ ލިބޭނީ އާ އޮނިގަނޑުގެ ތެރެއިންވެ. ނަރުހުންގެ ތެރެއިން އެންމެ ދަށް ލެވެލް އަކީ އެންރޯލްޑް ނަރުހުންނެވެ. އެ މީހުންނަށް ވެސް، ގެއަށް ގެންދަން ގާތްގަނޑަކަށް 14،000ރ. ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑު ހަދާފައި ވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެއީ؛

1) ނަރުހުންގެ ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ދެވޭ ގޮތަށް.

2) ނާސިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމުން އެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިވާ ގޮތަށް.

3) ނަރުހުންގެ ދާއިރާއިން ހާއްސަ ނަރުހުން ހިދުމަތަށް ތައާރަފުވެގެން ދާނެ ގޮތަށް.

4) އާއްމު އަދި ހާއްސަ ދާއިރާތަކުގެ މަގާމުގެ ކުރިއެރުން ލިބޭނެ ގޮތަށް.

ހެލްތު މިނިސްޓްރީން ބުނީ ނަރުހުންގެ އާ އޮނިގަނޑު އެކުލަވައިލުމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އައިޖީއެމްއެޗްގެ އިތުރުން މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ އިިސް އޮފިޝަލަކު ވިދާޅުވީ، ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑާއެކު، ވަކި ފެންވަރަކަށް ކިޔެވުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އޮނިގަނޑު އެކުލަވާލާފައިވަނީ މިހާރު ތިބި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އާ އޮނިގަނޑާ އެކު ނަރުހުންގެ ފެންވަރު މަތިކުރުމަށް އެކި ތަމްރީނުތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ހިންގަން ވަނީ ނިންމާފައި. އޭރުން މިހާރު މަސައްކަތުގައި ތިބި ނަރުހުންގެ ފެންވަރު މަތިވެ، ހިދުމަތް ރަނގަޅު ކުރެވިގެން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަރުހުންނަށް މީގެ ކުރިން ދެމުން އައި އެލަވަންސްތައް ކަނޑާލާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ސާވިސް އެލަވަންސާއި މުސާރަ ބޮޑުކޮށްދީފައިވާ ކަން ފާހަގަކުރެއްވި އެވެ.

"އެހެންވީމާ، އެލަވަންސްތައް ކަނޑާލި ކަމުގައި ވިޔަސް ގެއަށް ގެންދަން ލިބޭ މުސާރަ ކުޑައެއް ނުވާނެ. އޭގެ ބަދަލުގައި 15 ޕަސެންޓްގެ ކުރިއެރުމެއް ލިބިގެން މިދިޔައީ،" އޮފިޝަލް ވިދާޅުވި އެވެ.