ނަފްސާނީ ބަލިތަކުގެ ކުށްހީތަކާއި ހޯދަން އުނދަގޫ ފަރުވާ

ނަފްސާނީ ބަލިތަކާ ބެހޭގޮތުން ދިވެހިންގެ ތެރޭގައި ވާހަކަދެކެވެން ފަށާފައިވާ މި ވަގުތު، ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. ޚާއްސަކޮށް، އެފަދަ ބަލިތަކަށް ބޭނުންވާ ފަރުވާ ލިބެން ނެތް ކަމެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަމާއި ނަފްސާނީ ބަލިތަކަކީ ސިއްހީ މައްސަލަތަކެއްކަން އާއްމުކޮށް ބަލައިނުގަނެވުމުގެ ގޮންޖެހުން ވެސް އެބަ އޮތެވެ.


މިއީ މިއަދު ފާހަގަކުރާ، ނަފްސާނީ ބަލިތަކަށް ހޭލުންތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި މި ކަންކަމަށް އަލިއަޅުވާލައްވައި ސައިކިއެޓްރިސްޓް ޑރ. އާރިފް މުހައްމަދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގެ ޚުލާސާ އެވެ. އައިޖީއެމްއެޗުގައި ކޮންސަލްޓެންޓެއްގެ ވަޒީފާ އަދާކުރައްވާ ޑރ. އާރިފަކީ ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރިކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ، އާއްމު ސިއްހަތަށް ވެސް ޚާއްސަ ޑޮކްޓަރެކެވެ.

ޑރ. އާރިފް މުހައްމަދު
ސ: ނަފްސާނީ ބަލިތަކަށް ހޭލުންތެރިކުރުމުގެ ދުވަހެއް ފާހަގަކުރުން މުހިއްމު ވަނީ ކީއްވެގެންތޯ؟

ޖ: ނަފްސާނީ ބަލިތަކަކީ ޒަމާނުއްސުރެ މީހުންގެ ހޭލުންތެރިކަން ވަރަށް ކުޑަ، އަދި އެއާ ދޭތެރޭ ކުށްހީތައް ވަރަށް ގިނަ ބަލިތަކެއް. އެހެންވީމާ ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އަދި ބަލި މީހުން ފަރުވާގެ ފުރުސަތުތައް ލިބިގަތުމުގައި ވެސް ވަރަށް ބައިވަރު ގޮންޖެހުންތައް ހުރޭ. މި ދުވަހުގެ މައިގަނޑު ބޭނުމަކީ ނަފްސާނީ ބަލިތަކާއި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރިކަން އިތުރުކޮށް މި ކަމާ މެދު ހުންނަ ކުށްހީތައް މީހުންނަށް އޮޅުންފިލުވައިދީ އަދި ނަފްސާނީ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް މީހުން ހޭލުންތެރިކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާގެ ފުރުސަތުތައް ބޮޑަށް ގާއިމްކޮށް އެ ކަންކަމުގެ ހޭލުންތެރިކަން ސިއްހީ ދާއިރާގައި ވެސް އިތުރުކުރުން.

"މިއީ ސިއްހީ ކަމެއްކަން ބަލައިގަތުން ކުޑަވެފައި ކުށްހީތައް އަދިވެސް ވަރަށް ގިނަ. އަސްލު ބައްޔެއް ނޫނޭ، ހިތްވަރުކުރީމާ ރަނގަޅުވާނެއޭ، މިއީ ބޭސްފަރުވާ ކުރާ ކަހަލަ ކަންކަމެއް ނޫނޭ، އީމާންތެރިކަމާ ގުޅުން ހުރި ކަމެކޭ، ކަންނެތީއޭ، މި ކަހަލަ ބައިވަރު ކުށްހީތައް އެބަ ހުރި."
ސ: މި އަހަރު މި ދުވަސް ޚާއްސަ މި ކުރަނީ ޒުވާނުންނަށް. ރާއްޖެ އަށް ބަލާ އިރު މިއަދުގެ މައުލޫއު ޒުވާނުންނާ ގުޅެނީ ކޮން ގޮތަކުންތޯ؟

ޖ: މިއަދުގެ ޝިއާރަކީ "ބަދަލުވަމުންދާ ދުނިޔެއެއްގައި ޒުވާނުންނާއި ނަފްސާނީ ދުޅަހެޔޮކަން." މިއީ އަޅުގަނޑުމެންނަށް ވަރަށް މުނާސަބު ޝިއާރެއް. ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ ޒުވާނުން. ދުނިޔޭގެ އެހެން ތަންތަނެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ވަރަށް ބޮޑަށް ދައްކަން އެބަ ޖެހޭ.

ޒުވާނުންނަށް ދިމާވާ ކަންކަން ވަރަށް ގިނަ. އެ މީހުންގެ ދުނިޔެ ވަރަށް ތަފާތު. ބަދަލުވަމުންދާ ދުނިޔެއެއްގައި އުޅެމުންދާ އިރު ޒުވާނުންނަށް ނަފްސާނީ ދުޅަހެޔޮކަމުގައި ވަރަށް ބައިވަރު ގޮންޖެހުންތައް ކުރިމަތިވޭ. އޭގެ އިތުރުން، ބޮޑެތި ނަފްސާނީ ބަލިތައް ފުރަތަމަ މި ދިމާވަނީ ޒުވާން ދުވަސްވަރު. އެހެންވީމާ ޒުވާނުންނަށް ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދީ އަދި ބަލިތައް ޖެހުމުން ފަރުވާގެ ފުރުސަތުތައް ހޯދައިދޭން ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ.

ޓެކްނޮލޮޖީ އާއި އިންޓަނެޓާއި ސޯޝަލް މީޑިއާއާ އެކު ހުރިހާ ކަމެއް މި އޮތީ ވަރަށް ބޮޑަށް ހުޅުވިފައި. އިންފޮމޭޝަން ފްލޯ މިހާ ވަރުގަދަވުމަކީ ނަފްސާނީގޮތުން ޒުވާނުންނަށް ވަރަށް ޗެލެންޖިން ކަމެއް. ކުރީގައި އަޅުގަނޑުމެން ކުދިން ގެންގުޅުނީ ވަރަށް ބޮޑަށް ރައްކާތެރިކޮށްގެން. މިހާރު ކުދިންނަށް ކަންކަން ފޮރުވޭކަށް ނެތް. އެއަށް ވުރެ މާ ބޮޑަށް ދުނިޔެ މި އޮތީ ހުޅުވިފައި. އެހެންވީމާ ތަރުބިއްޔަތުކުރުމުގަ އާއި ތައުލީމު ދިނުމުގައި އަޅުގަނޑުމެން މި ކަމަށް ތައްޔާރު ނުވަންޏާ ޒުވާނުން ދާނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއްގެ ތެރެއަށް. މި ކަމުގައި ބެލެނިވެރިންނާއި މުޖުތަމައު އޮތީ ތަންކޮޅެއް ފަހަތުގައި. އަޅުގަނޑުމެން ބޮޑުވި ގޮތާ ވަރަށް ތަފާތުކޮށް މިހާރު ކުދިން ބޮޑުވަނީ. ތަފާތު މާހައުލެއްގައި ތަފާތު ގޮންޖެހުންތަކެއްގެ ތެރޭގައި. އެކަމަކު ތަރުބިއްޔަތު މި ކުރެވެނީ އަޅުގަނޑުމެންގެ ޒަމާނާ އެއްގޮތަށް.

އެހެންވީމާ މި ކަންކަމާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވާލަން އެބަ ޖެހޭ. ޒުވާނުންގެ ކަންކަމަކީ ހުރިހާ އެންމެން ގުޅިގެން ކުރަން ޖެހޭ ކަންކަން. އަދި ޒުވާނުންނާ ގުޅޭ ކަންކަމުގައި ހައްލުތައް ހޯދާ އިރު ސީދާ ޒުވާނުން ބައިވެރިކޮށް އެ މީހުން ބާރުވެރިކުރުވަން ވެސް ޖެހޭ.

ސ: ރާއްޖޭގައި އެންމެ ގިނައިން މީހުން ފަރުވާ ހޯދަނީ ކޮން ކަހަލަ ނަފްސާނީ މައްސަލަތަކަކަށްތޯ؟ އަދި އެ މައްސަލަތައް ދިމާވާ މައިގަނޑު ސަބަބުތަކަކީ ކޮބާތޯ؟

ޖ. ރާއްޖޭގައި މި ކަމާ ގުޅޭ ދިރާސާއެއް ކުރެވިފައެއް ނެތް. އެކަމަކު ފަރުވާ ހޯދާ މީހުންގެ ތެރޭގައި ނިސްބަތުން ގިނައީ ޒުވާނުން. ފަނަރަ އާއި 25އާ ދެމެދުގެ އުމުރުފުރާ ވަރަށް ގިނަ. އެހެން އާބާދީތަކާ އަޅާބަލާ އިރު ޒުވާނުންގެ މެދުގައި މި ކަމުގެ ހޭލުންތެރިކަން ބޮޑު.

މާޔޫސްވުން ނުވަތަ ޑިޕްރެޝަންގެ އަލާމާތްތަކައިގެން [ފަރުވާ ހޯދަން] ވަރަށް ގިނައިން އާދޭ. އަމިއްލަ ނަފްސަށް އަނިޔާކުރެވި ނުވަތަ އެ ކަހަލަ ވިސްނުންތައް ހުރެ އެކަމަކު ކުރަން ބޭނުން ނުވެގެން އާދޭ. ހާސްވެ ފިކުރުބޮޑުވުމުގެ ބަލިތަކުގައި ވެސް ވަރަށް ގިނައިން ފަރުވާ ހޯދަން އާދޭ. ދެން މަދުން ނަމަވެސް ފެންނަ ދެ ބައްޔެއް، ބައިޕޯލާ ޑިސްއޯޑާ އާއި ސައިކޯސިސްއަކީ. ދެން ޖުމްލަކޮށް ބަލާ އިރު، ކުދިން އާދޭ އެކުވެރިންނާ ޖެހޭ މައްސަލަތަކާއި ތިމަންނައަކީ ކާކުކަން ނޭނގުން ނުވަތަ އައިޑެންޓިޓީއާ ގުޅޭ މައްސަލަތަކުގައި ވެސް.

މިފަދަ ކަންކަމުގައި ވަރަށް ބައިވަރު ސަބަބުތައް އެކުލެވޭ. މި އުމުރުފުރައަކީ ތޮބީއީ ގޮތުން، ނަފްސާނީ ބަލިތައް ފުރަތަމަ ފެންނަ ދުވަސްކޮޅު. ހަށިގަނޑުގައި އަދި ސިކުނޑީގައި ބަދަލުތަކެއް އަންނަ ދުވަސްކޮޅަކާ މި ދިމާވަނީ ދުނިޔޭގައި އަދި މުޖުތަމައުގައި އަންނަ ވަރަށް ބައިވަރު ބަދަލުތައް. ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގެ ޒަރީއާ އިން މި ދިމާވާ ގޮންޖެހުންތަކުގެ އިތުރުން މީގެ ތެރޭގައި އެބަ ހިމެނޭ އާއިލީ މައްސަލަތަކާއި މުޖުތަމައުގެ ހަލަބޮލިކަމާއި މަސްތުވާތަކެއްޗަށް ހުށަހެޅުމާއި މާލެ އަށް ބަދަލުވުމާއި އުޅެން ޖެހޭ މާހައުލާއި ސްކޫލުގައި މި އޮންނަ ވާދަވެރިކަމާއި ބުލީން އަށް ހުށަހެޅުމާއި ސަޕޯޓް ސިސްޓަމްތައް މަދުވުން ކަހަލަ ކަންކަން.

ސ: ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުން ގިނަ ބަޔަކު ސިފަކުރަނީ ވަރަށް އުނދަގޫ އަދި ޚަރަދު ބޮޑު ކަމެއްގެ ގޮތުގައި. މި ގޮތަށް މި ދިމާވަނީ ކީއްވެގެންތޯ؟

ޖ: ނަފްސާނީ ބަލިތަކަކީ އަޅުގަނޑުމެންނަށް އަޅާނުލެވި އޮތް ކަމެއް. ހޭލުންތެރިކަން ނެތިފައި މި ދާއިރާގެ ބޭފުޅުން ވެސް ނެތިފައި އަދި މިއީ އެހާ މުހިއްމު ކަމެއްކަން ދޭހަ ނުވެ އޮވެފައި އެހެން ގޮތްގޮތަށް ވިސްނި މިކަމާ ބެހޭ ކުށްހީތައް ވެސް ގިނައީ. އެއީ އެކި ފެންވަރުގައި. ސިއްހީ ދާއިރާގައި ޚިދުމަތްތައް ފޯރުކޮށްދޭން ތިބޭ މީހުންނާއި ޕޮލިސީ ދާއިރާގެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް. އެހެންވީމާ ނަފްސާނީ ބަލިތަކަށް ފަރުވާގެ ޚިދުމަތްތައް އަދި މި އޮތީ ވަރަށް ކުޑަކޮށް. ގިނަ ބޭފުޅުންނަށް ފަރުވާގެ ފުރުސަތުތައް ނުލިބި ދަނީ. އެއީ ވަރަށް ހިތާމަހުރި ކަމެއް.

ނަފްސާނީ ބަލިތަކަށް އެކި ކަހަލަ ފަރުވާތައް ދޭ. އޭގެ ތެރޭގައި ހިމެނޭ، ވާހަކަދައްކައިގެން ދޭ ފަރުވާ ނުވަތަ ސައިކޮލޮޖިކަލް ފަރުވާއަކީ އަދި ވަކިން ޕަބްލިކް ސެކްޓާގައި އެއްގޮތަކަށް ވެސް ލިބެން ނެތް ޚިދުމަތެކޭ ބުނެވިދާނެ. ވަރަށް ކުޑަކޮށް ލިބޭ. އެއީ ވެސް މާލޭގައި އެކަނި. ދަމަނަވެށި ކަހަލަ ތަނެއް އެކަނި މި ހުންނަނީ ކައުންސެލިންގެ ޚިދުމަތް ދޭ. އެންޖީއޯ ސެކްޓާ އިން ކޮންމެވެސް ވަރަކަށް ސައިކޮލޮޖިކަލް ސާވިސް ހިލޭ ފޯރުކޮށްދިނަސް މައިގަނޑުގޮތެއްގައި ސައިކޮލޮޖިކަލް ފަރުވާ މި އޮތީ ޕްރައިވެޓް ސެކްޓާގައި. އެހެންވީމާ އަގުބޮޑު ކަމަކަށް ވަނީ. އެ ތަންތަން އަގުބޮޑު އިރު ވެސް ފުރިފައި މި އޮންނަނީ. އެ ތަންތަނުގެ ޚިދުމަތްތައް ވެސް މި ލިބެނީ މާލޭގައި. އެހެންވީމާ ރަށްރަށުން މާލެ އައިސް ތިބުމުގެ ދަތިކަމާއި އެޕޮއިންޓްމެންޓް ހޯދުމުގެ ދަތިކަން މިއީ ހަމަ ވަރަށް ބޮޑު ހަގީގަތެއް.

ދެން ސައިކިއެޓްރިކް ފަރުވާ ނުވަތަ ބޭސްވެރިކަމަށް ބެލިޔަސް، ބޭހަކީ ވެސް ހަމަ ވަރަށް އުނދަގުލުން ލިބޭ އެއްޗެއް. ގިނަ ފަހަރަކަށް ބޭހެއް ނުހުންނާނެ.

ޅަ ކުދިން ނުވަތަ ޒުވާނުންގެ ފަރުވާގައި ބޭހަށް ވުރެ އިސްކުރެވޭތޯ ބަލަނީ ވެސް ވާހަކަދެއްކުމުގެ ފަރުވާ. އެހެންވީމާ ވަރަށް ބޮޑެތި ދަތިތަކެއް އެބަ ހުރި. ހޭލުންތެރިކަން އިތުރުކުރާ ވަރަކަށް މީހުންނަށް އެބަ އެނގޭ، މިއީ މުހިއްމު ކަމެއްކަން. އެކަމަކު ދާނެ ތަނެއް ނެތް. އެއީ މިހާރު އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ މައްސަލައަކީ. ހޭލުންތެރިކަން އިތުރުވާ ވަރަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަމެއް ނެތް.

ސ: ނަފްސާނީ ބަލިތަކާ މެދު އުފެދިފައިވާ ކުށްހީތައް ފިލުވައިދެއްވަން ވިދާޅުވާނީ ކީކޭތޯ؟

ޖ: މިއީ ސިއްހީ ކަމެއްކަން މީހުން ބަލައިގަތުން ކުޑަވެފައި ކުށްހީތައް އަދިވެސް ވަރަށް ގިނަ. އަސްލު ބައްޔެއް ނޫނޭ، ހިތްވަރުކުރީމާ ރަނގަޅުވާނެއޭ، މިއީ ބޭސްފަރުވާ ކުރާ ކަހަލަ ކަންކަމެއް ނޫނޭ، އީމާންތެރިކަމާ ގުޅުން ހުރި ކަމެކޭ، ކަންނެތީއޭ، މި ކަހަލަ ބައިވަރު ކުށްހީތައް އެބަ ހުރި. އެހެންވީމާ އެކި ލެވެލްތަކުގައި މި ބަލިތައް ބަލައިގަންނަލެއް ކުޑަވީމަ ފަރުވާ ހޯދުމާއި ފަރުވާގެ ފުރުސަތުތައް ހުޅުވާލުމުގެ ދަތިކަން އެބަ ކުރިމަތިވޭ.

ކުރުކޮށް ބުނަންޏާ، އިންސާނާގެ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާ އިރު ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަން މުހިއްމުވާނެ. މީހާގެ ނަފްސާނީ ދުޅަހެޔޮކަން ނެތިއްޔާ އެއީ އެ މީހާގެ ދިރިއުޅުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. އެހެންވީމާ ނަފްސާނީ ދުޅަހެޔޮކަމަކީ މީހާގެ ޖުމްލަ ދުޅަހެޔޮކަމުގެ އެއް ބައި.

އަނެއް ކަމަކީ އެހެން ބަލިތަކެކޭ އެއްފަދައިން ނަފްސާނީ ބަލިތަކަކީ ވެސް ފަރުވާ ހުރި އަދި ފަރުވާ ލިބުމުން ނޯމަލްކޮށް އުޅެވޭނެ ބަލިތަކެއް. މި ކަން ބަލައިގަތުން ވަރަށް މުހިއްމު. ކުށްހީތައް ފިލުވައިލައި ފަރުވާގެ ފުރުސަތުތައް ހޯދަން އަޅުގަނޑުމެން އަވަސްވެގަންނަންވީ.

އަޅުގަނޑުމެން މިހާރު އަވަސްވެގަންނަންވީ ބަލި އެހާ ބޮޑު ނުވަނީސް އެ ވާހަކަ ދައްކާލެވޭނެ ފުރުސަތުތައް ގެނައުމަށް. ހޭލުންތެރިކުރުމާ އެކުއެކީގައި މި ވަގުތަށް ކުރަން ޖެހޭ ކަންކަމަކީ މިއީ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މި އުޅެނީ ކަންކަން ރަނގަޅުކުރުމުގެ ކުރީކޮޅުގަހެން. އިރާދަކުރެއްވިއްޔާ ކުރިމަގު ފެންނަނީ އަލިކޮށް.