އަބުރުގެ ބިލް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމެއްގައި މެމްބަރުން -- ފައިލް ފޮޓޯ/ މިހާރު
11 އޯގަސްޓް 2016 - 09:26
ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށް ތަސްދީގު ކުރުމުގެ މަރުހަލާގައިވާ، "އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް" އަކީ މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ހެދި އެންމެ ފުރިހަމަ އަދި އެންމެ މުހިންމު ބިލެވެ. އެ ބިލްގައި ހިމަނާފައިވާ ބައިތަކަށް ބަލައިލުމުން ވެސް ބިލްގެ ފުރިހަމަ ކަމާއި އެ ބިލްގެ މުހިންމު ކަން އެނގެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގެ ގާނޫނީ އަދި ޝަރުއީ ނިޒާމުގެ ތެރޭގައި މިހާތަނަށް ނެތް ނަމަވެސް، މި ބިލްގައި ވަނީ މި މުހިންމު އުސޫލު ތައާރަފް ކޮށްފަ އެވެ. އެއީ ކުށް ކުރާ މީހާގެ ނިސްބަތުން ކުށުގެ ބާވަތް ބަދަލު ވުމެވެ.
މި ބިލްގެ 7، 9، 11 ވަނަ މާއްދާގައި ބުނާ ކުށްތަކުން ކޮށްފި ނަމަ، ފުލުހުން އެ މައްސަލައެއް ތަހުގީގު ކޮށް، ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވަންޖެހެ އެވެ. ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއަކުން މީހަކާ އަބުރާ ބެހެފި ނަމަ އެކަމެއް، ބަލައި ފިޔަވަޅު އަޅާނީ މީޑިއާގެ ކަންތައް ބަލަހައްޓާ އިދާރާއަކުންނެވެ. މާނައަކީ މީޑިއާއަކުން މީހެއްގެ އަބުރާ ބެހެފި ނަމަ އެއީ މަދަނީ މައްސަލަ އެކެވެ.
ނަމަވެސް ރަޖިސްޓްރީ ކޮށްފައިވާ މީޑިއާގައި ނުހިމެނޭ މީހަކު، އެހެން މީހެއްގެ އަބުރާ ބެހެފި ނަމަ އެ ކަމެއް ހުށަހަޅަން ޖެހެނީ ފުލުހުންނަށެވެ. އަދި ފުލުހުން އެ މައްސަލައެއް ތަހުގީގު ކޮށް، ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވަންޖެހެ އެވެ. މާނައަކީ އެ ފަދަ ހާލަތުގައި އެއީ ޖިނާއީ ކުށެކެވެ.
އެ ކަމަކު މި ދެ ހާލަތުގައި ވެސް ކުރީ އެއް ކުށެކެވެ. އެއީ މީހެއްގެ އަބުރާ ބެހި އަބުރު ނަގައިލުމެވެ. ތަފާތަކީ، އަބުރާ ބެހުނު އެކަކީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާއެއްގައި މަސައްކަތް ކުރާ މީހަކަށް ވުމެވެ. އަނެއް މީހަކީ މީޑިއާއެއްގައި ނޫޅޭ މީހެއް ކަމުގައި ވުމެވެ.
"އަޅުގަނޑަކަށް އެނގިފައެއް ނެތް، ކުށް ކުރާ މީހާގެ ހައިސިއްޔަތު ތަފާތުވުމުން، ކުށުގެ ބާވަތް ބަދަލުވާ ކަމެއް އެއްވެސް ގައުމެއްގައި. ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ ކަމެއް، ކޮންމެ މީހަކު ކުރިޔަސް އެ ވާނީ ޖިނާއީ ކުށަކަށް. މަދަނީ ކުށެއް ކޮށްފިއްޔާ ވާނީ މަދަނީ ކުށަކަށް. މީހާ ތަފާތު ވުމުން، ކުށުގެ ބާވަތް ތަފާތު ވުމަކީ ގާނޫނީ ހަމައެއް ނޫން،" ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ތަޖުރިބާ ލިބިފައިވާ ވަކީލަކު ވިދާޅުވި އެވެ.
ޖޫރިމަނާ ކުރާ އިރު، ޖޫރިމަނާގެ އަދަދު ބޮޑު ކޮށް ކުޑަ ކުރަނީ، އެ ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައިފަ އެވެ. ކުށް ކުރި މީހާގެ މަގާމާއި ހައިސިއްޔަތަށް ބެލުމަކީ ކޮށް އުޅޭ ކަމެއް ނޫނެވެ. ނަމަވެސް މި ބިލްގައި، ބުނެފައިވާ ގޮތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޚިޔާލެއް ފާޅުކޮށްގެން ނުވަތަ އަބުރާ ބެހެވޭ ފަދަ ޚިޔާލެއް ފާޅުކޮށްގެން ނުވަތަ އާންމު ނިޒާމާ ޚިލާފު ޚިޔާލެއް ފާޅުކޮށްގެން ޖޫރިމަނާ ކުރާ އިރު، އެ ކުށް ކުރި މީހާ މުޖްތަމައުގައި އަދާކުރާ ހައިސިއްޔަތަށް ރިއާޔަތް ކުރަންޖެހެ އެވެ.
މި ބިލާ ދެކޮޅަށް، އިދިކޮޅު އިއްތިހާދު މި މަހުގެ 5 ވަނަ ދުވަހު މުޒާހަރާ ކުރަނީ.—ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ބެލެވޭ ގޮތުގައި މި ގޮތަށް ހިމަނާފައި މި އޮތީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އާންމުކޮށް ބޭނުންކޮށް އުޅޭ ހަމައަކަށް ބަލާފައި ކަމަށް ވެދާނެ އެވެ. އެއީ އަބުރު ނަގައިލެވޭ މީހާގެ މަގާމާއި އޭނާ މުޖްތަމައުގައި އަދާކުރާ ހައިސިއްޔަތަށް ރިއާޔަތްކޮށް، އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި ނަގައިދޭ ފައިސާގެ މިންވަރު ކުޑަވުމާއި ބޮޑުވުމެވެ.
އެ ހާލަތުގައި ވެސް ރިއާޔަތް ކުރަނީ އަބުރު ގެއްލުނު މީހާ މުޖްތަމައުގައި އަދާ ކުރާ ހައިސިއްޔަތަށާއި މަގާމަށެވެ. އަބުރަށް އަރައިގަތް މީހާގެ މަގާމާއި ހައިސިއްޔަތަކަށް ނޫނެވެ. އެހެން ކަމުން މި އުސޫލުން ބެއްޔަސް، މިއީ މިހާތަނަށް ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ނުހަދާހާ ފުރިހަމަ ބިލެއް ކަމުގައި ނޫނީ ނުވާނެ އެވެ.
މި ބިލްގެ ދެން އޮތް އެންމެ ފުރިހަމަ އެއް ކަމަކީ މިހާރު ވެސް އަމަލު ކުރަމުންދާ ބައެއް ގާނޫނުތަކުގައި ހިމެނޭ ބައިތައް މި ބިލްގައި ތަކުރާރު ކޮށްފައި ވުމެވެ. އެ ގޮތުން ބަލާއިރު އިސްލާމް ދީނަށް އިހާނާތްތެރިކޮށް ހިތޭ ގޮތަށް ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުމާއި ލިޔުންތައް ލިޔުމަކީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ވެސް ބަޔާންކޮށްފައި އޮތް ކުށެކެވެ. އެ ކުށުގެ އަދަބު ވެސް ގާނޫނުލް އުގޫބާތުގައި އެބަ އޮތެވެ.
އެކަން އެހެން އޮއްވައި މި ބިލްގައި ވެސް ވަނީ އެކުށް ތަކުރާރުކޮށްފަ އެވެ. އެކަމަކު، މި ބިލްގައި ވެސް ބުނެފައި އޮތީ މި ބިލްގައި ބުނެފައިވާ ކުށް (އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ޚިޔާލު ފާޅުކުރުމުގެ ކުށް) ކޮށްފި މީހަކަށް ދައުވާ ކޮށް އަދަބު ކަނޑައަޅާނީ ގާނޫނުލް އުގޫބާތުން ކަމަށެވެ. ސުވާލަކީ މިހާރު ވެސް ގާނޫނުލް އުގޫބާތުގައި އޮތް ކުށަކާއި އަދަބުތައް މި ބިލްގައި ހިމެނީ ހަމަ ބިލް ފުރިހަމަކޮށްލަން ހެއްޔެވެ؟
މިފަދަ އަނެއް ކަމަކީ ބިލްގެ އަށް ވަނަ މާއްދާގައި ބުނެފައިވާ ދީނީ ތަގުރީރު ދިނުމާއި އިސްލާމް ކިޔަވައިދިނުމުގެ މައްސަލަ އެވެ. މިއީ މިހާރު ވެސް އަމަލު ކުރަމުން އަންނަ "ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު" ގައި ބަޔާންވެފައި ހުރި ކަންކަމެވެ.
ނަމަވެސް ހަމަ އެ ބައިތައް، މި ބިލްގެ އަށް ވަނަ މާއްދާ އާއި 20 ވަނަ މާއްދާގައި ވަނީ ތަކުރާރު ކޮށްފަ އެވެ. އެ ކަންތައް މިހާރު އޮތް ގޮތަށް ވުރެ ފުރިހަމަ ކުރަން ބޭނުން ނަމަ، މި ބިލްގައި ނުހިމެނިޔަސް، ކަމާ ގުޅޭ އަސްލު ގާނޫނަށް އެ ބައިތައް އިތުރުކޮށް އިސްލާހު ކުރި ނަމަ މާ ފުރިހަމަ ވީސް ކަމުގައި ފެނެ އެވެ.
މި ގާނޫނު ބުނާ ގޮތުން މީޑިއާގެ ފަރާތަކުން މީހެއްގެ އަބުރާ ބެހެފި ނަމަ ކުރާ ޖޫރިމަނާ ބޮޑެވެ. އެއީ އަބުރާ ބެހުނު މީޑިއާގެ އިދާރާ 50،000-2،000،000ރ އިން ޖޫރިމަނާ ކުރުމުގެ އިތުރުން އަބުރާ ބެހުނު ރިޕޯޓަރު ނުވަތަ ލިޔުންތެރިޔާ ނުވަތަ އެނައުންސަރު 50،000-150،000ރ. އިން ޖޫރިމަނާ ކުރުމެވެ. އެހެންވީމާ މިހާރު މީޑިއާތަކަށް އޮތް ޖޫރިމަނާ އަކީ 50،000-2،150،000ރ. އެވެ. ކުރިން އޮތް އެންމެ ބޮޑު ޖޫރިމަނާ އަކީ ދެ މިލިއަން ރުފިޔާ އެވެ.
މަޖިލީހުގެ މެމްބަރުން ހީފުޅު ކުރައްވާ ގޮތުގައި، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުމަށް މި ބިލްގައި ކުރިން އޮތް އަދަދު، އަލަށް ފާސްކުރި ބިލްގައި ދޮޅު ލައްކަ އަށް ކުޑަ ކުރުމުން، ޖޫރިމަނާ ކުޑަކުރީ ކަމަށް ނޫސްވެރިން ގަބޫލު ކުރަންވީ ހެއްޔެވެ؟ އޭގެ ބަދަލުގައި ކުރިން ބިލްގައި ނެތް ބައެއް އިތުރުކޮށް، ނޫސްވެރިޔާ ކުރާ ޖޫރިމަނާގެ މައްޗަށް އެ މީޑިއާއެއް ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ހަމަޖައްސާފައި، ތިޔަ ބުނަނީ އެ އޮތީ ޖޫރިމަނާ ކުޑަކޮށްފައި ކަމަށް ހެއްޔެވެ؟
މާލެ: އޮގަސްޓް 8، 2016: ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލް ފާސް ކުރަން މަޖިލީހުގައި ވޯޓު ނަގަމުން ދިޔަ އިރު މަޖިލިސް ދޮށުގައި ނޫސްވެރިން ބިލާ ދެކޮޅަށް އަޑުއުފުލަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މިއީ ބޭސް ނުބޯން އުޅޭ ކުއްޖަކަށް، ޖޫސް ތަށީގެ ތެރެއަށް ބޭސް އަޅާފައި ބޯންދޭން އުޅުން ކަހަލަ ކަމެއް ނޫން ބާވަ އެވެ؟ އެ ޖޫސްތަށި ބޯނީ އެއަށް ބޭސް އެޅިކަން ނޭނގޭ ކުއްޖާތާ އެވެ؟ އެނގި ހުރެ އެ ބޭސްތަށި ބޯކަށް ނޫޅޭނެ އެވެ. ބޭނުން ނުވިޔަސް މި އޮތީ ބޯން ޖެހިފަ އެވެ.
މި ބިލްގައި ބުނެފައި އޮތް ގޮތުން، ޖޫރިމަނާ ނުދައްކައިފި ނަމަ، އެމީހަކު 3-6 މަސް ދުވަހަށް ޖަލަށް ލާނެ އެވެ. ސުވާލަކީ ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު ވެސް އެ މީހަކަށް އެ ޖޫރިމަނާ ނުދެއްކިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އުމުރު ހުސްވަންދެން ތަކުރާރުކޮށް ޖަލަށް ލާނީ ހެއްޔެވެ؟ ނުވަތަ އެއީ ސާބިތު ދަރަންޏެއް ކަމަށް ނިންމައި އެމީހެއްގެ ހުރި ނަމަ ހުރި މުދަލެއް ދައުލަތަށް ނަގައިގެން އެ ދަރަނީގެ އަގު އަދާކުރާނީ ހެއްޔެވެ؟ ދެ މިލިއަން ރުފިޔާގެ އަގު ހުރި މުދަލާއި ތަކެތި ހުންނާނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ނޫސްވެރިންގެ އަތުގައި ބާވަ އެވެ.
މި ބިލަށް ނޫސްވެރިންނާއި އެހެން ފަރާތްތަކުން ހުށަހެޅި އިސްލާހުތައް ބަލައިނުގަތީ ފިގުހު އެކަޑަމީގެ ނަމުގައި ހާޒިރު ކުރި އިލްމުވެރިންތަކެއް ދެއްވި ލަފާގެ މަތިންނެވެ. އެއީ ގަޒްފު ކުރުން ފަދަ، މީހުންގެ އަބުރާ ބެހުމާއި އަބުރު ނަގައިލުމަކީ އިސްލާމީ އަސްލުތަކުން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ޖިނާއީ ކުށެއް ކަމަށާއި، ކޮންމެ ގޮތެއްގައި ވެސް އަބުރު ރައްކާތެރި ކުރަންޖެހޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވުމުންނެވެ. އަދި ބިލް ދިރާސާ ކުރި ކޮމިޓީގެ މެމްބަރުން، އަބުރާ ބެހުން މާނަ ކުރެއްވީ އަބުރާ ބެހުމަކީ ގަޒްފުކުރުން ކަމުގައި ބައްލަވައިގެން ކަން އެ ބޭފުޅުންގެ ވާހަކަތަކުން ދޭހަވެ އެވެ.
ސުވާލަކީ އިސްލާމް ދީނުގެ އަސްލުތަކުން އެހާ ސާފުކޮށް ބަޔާންކޮށްފައި އޮތް ކުށެއް ކުރުމަށް ގާނޫނަކުން ވަކި ބަޔަކަށް ހުއްދަ ދެވިދާނެ ހެއްޔެވެ؟
"އިސްލާމް ދީނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް، ކޮންމެ މީހަކު ކޮންމެ ހާލަތެއްގައި ކުރިޔަސް ވާނީ ކުށަކަށް. އަޅުގަނޑަކަށް އެނގިފައެއް ނެތް، ވަކި މީހަކު ކުރީމާ ކުށްވެރި ވެފައި އަނެކަކު އެހެން ހައިސިއްޔަތަކުން ކުރީމާ އެއީ ކުށަކަށް ނުވާ އުސޫލެއް އިސްލާމީ ޝަރީއާގައި އޮންނަ ކަމެއް. އާންމު ތަނެއްގައި މީހެއްގެ މައްޗަށް ގަޒްފު ކުރިޔަސް، ގޭތެރޭގައި ފިލައި ހުރެ ގަޒްފު ކުރިޔަސް އެއީ ހަމަ ފާފައެއް، ކުށެއް. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ނޫނީ ސިޔާސީ ޕޯޑިއަމެއް ކީއްކުރަން، މައްކާގެ ހަރަމްފުޅުގެ ތެރޭގައި ކުރިޔަސް އެ ފާފަ ވާނީ ހަމަ ފާފައަކަށް. އެއީ އިސްތިސްނާ ލިބޭނެ ހާލަތްތަކެއް ނޯންނާނެ،" މި ބިލާ މެދު ކަންބޮޑުވާތީ ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން ދީނީ އިލްމުވެރިއަކު ވިދާޅުވި އެވެ.
އިސްލާމީ އުސޫލަކީ އެއީ ކަމުގައި ވިޔަސް، މި ބިލްގެ 14، 15 ވަނަ މާއްދާގައި މީހެއްގެ އަބުރަށް އަރައިގަނެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައިވެ އެވެ. އިލްމީ މަގްސަދެއް ހާސިލުކުރުމަށް ނުވަތަ ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ ތެރޭގައި ދައްކާ ވާހަކައިގައި މީހެއްގެ އަބުރު ގެއްލޭ ފަދަ ވާހަކައެއް ދެއްކިޔަސް އެއީ އަބުރާ ބެހުން ކަމުގައި ނުބެލެވޭނެ އެވެ. ސްކޫލް މަދަރުސާތަކާއި މުދައްރިސުންނާއި މުފައްކިރުންނާއި މާހިރުންނާއި ފަންނުވެރިންނާއި އިލްމުވެރިންނާއި އެފަދަ އެހެން ފަރާތްތަކުން ހެޔޮ ނިޔަތުގައި ދައްކާ ވާހަކަތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނި ރައްކާތެރި ކުރެވިގެންވާ ކަންތަކެވެ. އޭގެ އިތުރުން ވަޒީރުންގެ މަޖިލީހުގައި ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދައްކާ ވާހަކަތަކަކީ ވެސް މީހުންގެ އަބުރާ ބެހުންކަމުގައި ނުބެލެވޭނެ އެވެ.
ކިތަންމެ ހެޔޮ ލަފާ ދަރިއަކު ހޯދުމުގެ ނިޔަތާއި މަގްސަދުގައި ވިޔަސް ޒިނޭއެއް ކޮށްފިއްޔާ ވާނީ ފާފައެއް އަދި ކުށަކަށެވެ. ހަމަ އެފަދައިން ކިތަންމެ ހެޔޮ ނިޔަތެއްގައި ވިޔަސް މީހަކަށް ގަޒްފު ކޮށްފިއްޔާ ވެސް އެއީ ވެސް ހަމަ ފާފައެކެވެ. މީހުންގެ އަބުރަށް އަރައިގަތުން ވެސް ވާނީ ހަމަ އެފަދަ އެވެ.
މަޖިލީހުގެ ކޮމިޓީގައި ދުވަހުން ދުވަހަށް ދިރާސާކޮށް، އަވަސް އަރުވާލައިގެން ފާސްކުރި ބިލްގައި މި ނޫނަސް ކިތަންމެ މައްސަލަތަކެއް އެބަ ހުއްޓެވެ. މި ބިލް މި ގޮތަށް ފާސް ނުކުރުމަށް އެދެނީ، މި ބިލުން ގެއްލުން ވާނީ މި ވަގުތު ނޫސްވެރިކަން ކުރަން ތިބި މީހުންނަށް އެކަނި ކަމަށްވާތީކީ ނޫނެވެ. މިއީ އާންމު ރައްޔިތުންގެ އެތައ ހައްގުތަކެއް ނިގުޅައިގަނެވޭ ބިލަކަށް ވެސް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާޢީލް
12 August 2016
ޙަޤީޤަތަކީ މެދުމިން ދޫކޮށްލުން. ޤާނޫނެއް ވުޖޫދަށް ގެންނަންވާނީ ދެ ފުށަށް ރިޢާޔަތްކޮށްފައި. ޢެއީ ފައިސާ ފޮއްޗެއްފަދަ އެއްޗެއް. މަދުފަހަރަކު ދެފުށް ފެންނަގޮތަށް އިންނާނީ. ގިނަފަހަރު ފެންނަމް އޮންނާނީ ކޮންމެވެސް އެއް ފުށެއް. ދެފުށް ފެންނަގޮތަށް ޤާނޫނުތައް ފަރުމާކުރެވިފައި ހުރުމަކީ ޖުމްލަކޮށް ގިނަ ބަޔަކަށް ފައިދާކުރާނެ ކަމެއް. ޤާނޫނަކީ އޭގެ ޞައްޙަ މާނައެއް މިހާތަނަށް ކުރެވިފައިވާ އެއްޗެއްނޫން. މަދަނީ އަދި އިޖުތިމާޢީ ކަންކަމަށް ވަކި ސުލޫކީ މިންގަނޑުތަކެއް ނަޞޭޙަތުގެ ގޮތުގައި އަދި ޖިނާއީ ކަންކަމުގައި ކުށަށް އަދަބު ކަނޑައެޅިފައިވާ އެއްޗެއްކަމަށް ބައެއް ޢިލްމުވެރިން މާނަ ކުރަްްވާފައިވާއިރު އެއީ ވަކި ކަންކަމެއް މަނާކުރުމަށް އޮންނަ އެއްޗެއްކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވޭ. ޤާނޫނަކީ ވަކި ނަމެއްގައި ހެދޭ އެއްޗެއް ނަމަވެސް ޢާންމުކޮށް އެންމެންގެ މައްޗަށް ހިނގާނެ އެއްޗެއް. ޤާނޫނު ޤާނޫނަަކަށް ވާނީ އޭގައި ވަކި ޝަރުޠުތަކެއް ހިމެނުމުން. އޭގެ ތެރެއިން އެއް ޝަރުޠަކީ އެ ޤާނޫނަކީ މީސްތަކުންގެ މައްޗަށް ހިންގަން ކަމުދާ އަދި އެ ޤާނޫނު ހިނގާ މީހުން ޤަބޫލުކުރާ ޤާނޫނަކަށްވުން. ޤާނޫނީ މައްސަލަތައް ހައްލަކަށް އެޅިގެން މެނުވީ ޤައުމެއް ހަމަޖެހުމުގެ ނޭވައެއް ނުލާނެ. އެހެނީ 3 ބާރުވެސް ބޭނުންކުރާ އެންމެ ބޮޑު ޓޫލްއަކީ ޤާނޫނުކަމުގައި ވުން. ޤާނޫނު ހަދަނީ މަޖިލީހުން. ޤާނޫނު އެކި ގޮތްގޮތަށް މާނަކޮށް ގޮތް ނިންމަނީ ޢަދުލުއިންޞާފު ޤާއިމްކުރާ ފަރާތުން. ސަރުކާރު ހިނގަނީވެސް ޤާނޫނުތަކުގެ އިންތަކާމިންތަކުގެ ތެރޭގައި ކަމުގައިވުން. ޤާނޫނުތައް ޤާނޫނަކަށް ވުމުގައި މިހާރު އޮންނަ އިޖުރާޢާތުތަކަށް ބަދަލު ގެނެސްގެން މެނުވީ ރަގަޅު ޤާނޫނުތަކެއް ވުޖޫދަކަށް ނާންނާނެކަން. މަޖިލީހުގައި ޤާނޫނީ މާހިރުންގެ ކޮމިޓީއެއް ޤާނޫނުތައް ދިރާސާކުރަން އޮތުން. ޤާނޫނުގެ ލިޔުންތަކަށް ރިޢާޔަތްކޮށް ޙުކުމް ކުރާ އިސްފަރާތަކީ ޝަރުޢީ ދާއިރާކަމުން އެފަރާތުގެ ދިރާސާއެއް އޮތުން. އެހެން ނޫންނަމަ އެންމެ ރަގަޅު ޙުކުމެއް ނުކިރެވޭނެ. ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ބަހެއް ހޯދުން. މީގެ އިތުރުން 3 ބާރު ހިންގާ އެންމެހާ ފަރާތްތަކުގެ އިޚުލާޞްތެރިކަން. ޝުކްރަން.
ށުކުރު
11 August 2016
ޝުކުރިއްޔާ ދިވެހި ރައްޔިތުން. އެންމެފަހުން އެޅި ވޯޓުގެ މަތިން ހަދުމަ އެބަހުރި ދެއްތޯ؟ މޮޅުގޮތަކަށް ވޯޓު އެޅުމަށްފަހު ކޮމަންޓް ކިޔާކުދިންނަށް ޝުކުރިއްޔާ.
ލަލަަލަ
11 August 2016
ހަހަހަ ތިއޮތީވާ ބިލެއް ވާވާ
އަގަގަދަމިތުރު
11 August 2016
ރައްކާވެތިބިއްޔާ ދަތުރެވެ. މަބުނާނެ އިތުރު ބަހެއްނެތެވެ. އެކަމަކުވެސް ހަދާންކުރާށެވެ. އެމީހެއްގެ ޢަބުރު ހިފަހައްޓާ ނަގަހައްޓާނީ ހަމަ އެމީހެކެވެ.
ސީރިއަސް
11 August 2016
އަހަރެން މިހުންނަނީ ރައީސް ތިބިލް ތަސްދީގު ނުކޮށްގެން. އެއީ ތިބިލަކީ މިސަރުކާރުގެ ނިމުމުގެ ފެށުން ކަމުގައި ވާނެތީ. ތިބިލް ވެގެން ދާނީ ރައީސް ޔާމީނުއާއި މަޖިލީހުގައި އެތިބަ ރައްޔިތުންގެ މެންބަރުންނޭ ކިޔައިގެން ތިބި ރައީސްމީހާ އަޅުންގެ ބޮލަށް މަހާލެވޭ މަޅިއަކަށް. ސަބަބަކީ، މިސަރުކަރު ވެއްޓޭނެ. އެއަކާމެދު ޝައްކެތް ނެތް. މިސަރުކާރު ވެއްޓިގެން ތިބިލް ފާސްކުރި މީހުންނަށް އެއްޗެއް ނުބުނެވި އަނގަ ބަންދުވެގެން އުޅެން ޖެހުނީމަ ސަހަރޯ ހީވާނެ. ދެން އަންނަ ސަރުކާރަކުން ތިބިލް އުވާލަންވާނީ މި ބައިގަނޑަށް ފިސާރި ރަނގަޅަށް ބިލްގެ "ރަހަ" ދައްކާފަ. ޝުކުރިއްޔާ.
އުދުހޭ
11 August 2016
އެމީހެއްގެ މިލްކިއްޔާތުގަ ހުރި ހުރިހާ މުދަލަކާ ފައިސާއަކާ ލައިގެންހުރި އަންނައުނު ދައުލަތަށް ނެގޭގޮތަށް ކީއްވެބާ ނުހެދީ؟!
ލޮލް
11 August 2016
އޭ އަނެއްކާ މަ ކޮމެންޓެއް ކޮށްގެން ގޮޅިއަށް ގޮސްދާނެތަ؟ ނުކެރޭނެ ބޭނުންވާ ކޮމެންޓު ކުރަން...
މަރިޔަމް
11 August 2016
އަހަރެން ދެން ވޯޓު ދޭނީ އަހަރެންނަށް 2މިލިއަން ރުފިޔާ ދޭ މީހަކަށް.. އެހެން ނޫނީ ވޯޓް ބާޠިލް ވިޔަސް ނުބައި ފާހަގަ ޖަހާނީ!
އަހުމަދު
11 August 2016
މިއެތަނަކީ ހަގީގީ ބަލަން އާދެވޭ...
ރަދުން
11 August 2016
500 ރުފިޔާ އިން ގިނަ ބަޔަކުގެ ދުނިޔެ އާ އާޚިރަތްވެސް ހަދާންނައްތާލަދޭ. ކަން ނިމޭއިރު އެ އިންސާނާ ދެ މިލިޔަނުގެ އަޅަކަށް ވޭ