ދިވެހި ޒުވާނުން ބޭނުންވަނީ ސަރަހައްދީ ސިޔާސީ ކޯޅުމަށް ވުރެ ބޮޑަށް ސުލްހަވެރިކަމާއި އަމާންކަން، ކަމަށް ބުނެ ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން، ޕީޕީއެމްގެ ޒުވާނުން އެއްވުމެއްގައި .---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
11 ނޮވެމްބަރ 2018 - 10:43
އެންމެން ވަކާލާތުކުރަނީ ޑިމޮކްރަސީއަށެވެ. ރައްޔިތުންގެ ބާރަށެވެ. އެކަމަކު ވެރިކަމުގެ ހަގީގީ ވެރިން ކަމަށްވާ ރައްޔިތުންނާ ހިސާބުން އަހަރެމެންނަށް ވަރަށް ބޮޑަށް ފިކުރުކުރަން ޖެހޭ ކަމަކީ ޒުވާން ޖީލު އޮތް ހާލަތެވެ. ޒުވާނުންގެ ހޭލުންތެރިކަމަށާއި އެ މީހުންނަށް ދުނިޔެ އެނގޭ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ޒުވާނުންނާ އެކު މަސައްކަތްކުރާ މީހުންގެ ތަޖުރިބާ އަކީ އެއީއެއް ނޫނެވެ.
މިއީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ރައްޔިތުން ބާރުވެރިކުރުވުމުގެ މަސައްކަތަށް އޮތް ގޮންޖެހުމެކެވެ.
ޒުވާނުންނާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވައި، ޒުވާނުންގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ހަސަން ޝިޔާމް ވިދާޅުވީ ޒުވާން ޖީލު ޒަމާނުންސުރެ ބިނާވެފައި އޮތް ގޮތާއި ކަންކަމާ ވިސްނާ ގޮތާއި، މުޖުތަމައުން ޒުވާނުންނާ މެދު ދެކޭ ގޮތާއި އަމިއްލަ ވިސްނުމަށް ކަންކަން ނުނިންމުމާއި ފުދުންތެރިކަން ނެތުމާއި ކަންކަމުގައި ހައްދެއް، އިމެއް ނެތް ކަމަށް ދެކޭ ޒުވާނުން ގިނަވުމަކީ ޒިންމާދާރު ނޫން ޒުވާނުންގެ އާބާދީ ބޮޑުވާ ބައެއް ސަބަބުތައް ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ޒުވާނުންނަކީ އަބަދު ކުޅިވަރާއި މަޖަލުގައި އުޅެން ޖެހޭ ބައެއްގެ ގޮތުގައި މުޖުތަމައުން ޒަމާނުންސުރެ ގަބޫލުކުރަމުން އައިސްފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ޒުވާނުންގެ ވެސް ހަމައެކަނި ޑިމާންޑަކީ ކުޅިވަރާއި މުނިފޫހިފިލުވުން ކަމަށް ވަނީ އެވެ. އެކަމަކު މިކަން މިހާރު މަޑުމަޑުން ނަމަވެސް ބަދަލުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
މިއީ ޝިޔާމް ވިދާޅުވި ގޮތުގައި، ގައުމުގެ ކަންކަމާ ވިސްނައި، ކަންކަމާ ހަވާލުވާނެ ޒިންމާދާރު ލީޑަރުން އުފެދުމަށް އޮތް ހުރަހެކެވެ.
ގައުމުގެ ކަންކަމާ ނުވިސްނައި، ބޭކާރު ގޮތުގައި ވަގުތު ހޭދަކުރާ ޒުވާނުން ގިނަ. -- ފޮޓޯ: ހުސައިން ވަހީދު
ދައުލަތުގެ މުއައްސަސާއެއްގައި، ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅަކު، އޭނާ ޒުވާނުންނާ ކުރައްވާފައިވާ އިންޓަވިއުތަކުން ލިބިވަޑައިގެންފައިވާ ތަޖުރިބާ ހިއްސާކުރެއްވި އެވެ.
"މަތީ ފާހެއް ހިފައިގެން އަޔަސް ގައުމު ހިނގާ ނިޒާމު ނޭނގޭ ޒުވާނުން ވަރަށް ގިނަ. އަޅުގަނޑު ގަބޫލުކުރަނީ މިއީ ވަރަށް ބޮޑު މައްސަލައެކޭ. ތައުލީމީ ޒުވާނުން ގިނަވުމުން ޒުވާނުންނަކީ މިހާރު ވަރަށް މޮޅު، ފުރިހަމަ ބައެއްކަން އޮންނަނީ ހީވެފައި،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު ގައުމެއްގެ ޑިމޮކްރަސީ ހަރުދަނާކޮށް، ޒިންމާދާރު ބަަޔަކަށް އެ މީހުން ހަދަން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށް ފެނޭ."
ތައުލީމީ ގޮތުން މަތީ ފާސް ހިފައިގެން ވަޒީފާ އަށް ނުކުންނަ ޒުވާނުންގެ ތެރޭގައި، ގައުމުގެ އެކި މުއައްސަސާތަކުގެ ބޭނުން ނޭނގޭ އަދި ވެރިކަމުގެ ނިޒާމު ހިނގަނީ ކިހިނެއްކަން ކިޔައިދޭން ވެސް ނޭނގޭ ޒުވާނުން ވަރަށް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ޑިމޮކްރަސީ ހަރުދަނާކުރަން މަސައްކަތްކުރާއިރު ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
"ޑިމޮކްރަސީ ހަރުދަނާކުރަން އެންމެ ފުރަތަމަ މި ނިޒާމަށް ފަރިތަވާން ޖެހޭ. ހަގީގަތަކީ ނިޒާމު ވެސް ދަސްނުވާކަން،" އޭނާ ވިދާޅުވި އެވެ.
ކުރިން ވާހަކަ ދެއްކި ޝިޔާމްގެ ތަޖުރިބާއިން ވެސް މިކަމަށް ބާރުދެ އެވެ.
"ފޮތުގެ ދެލިގަނޑު ކިޔައި ދަސްކޮށްގެން ކިޔަވައި ނިންމުމަކުން ޒުވާނުން އަދި ހަރުދަނާ ބަޔަކަށް ނުވާނެ. އެ މީހުންނަކީ ގައުމުގެ ހިންގުމާ ހަވާލުވާން ތިބި މީހުންނަށް މުޖުތަމައުން ވެސް ގަބޫލުކޮށް، މި ކަންކަމުގެ ތެރެއަށް ނެރެ ދަސްކޮށްދީގެން ނޫނީ ގައުމު ހިނގާ ގޮތެއް ވެސް، މި ނިޒާމެއް ވެސް ދަހެއް ނުވާނެ. ޒިންމާދާރެއް ވެސް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މުޖުތަމައު ބައްޓަންވެފައި އޮތީ މިފަދަ ފުރުސަތު ޒުވާނުންނަށް ފަސޭހައިން ލިބޭ ގޮތަކަށް ވެސް ނޫނެވެ.
އެއްވެސް ކަމެއްގައި އިމެއް ނެތް ކަމަށް ދެކޭ، "ޕޯސްޓްމޮޑަނައިޒަމް" ގެ ފިކުރަކީ ވެސް ބައެއް ޒުވާނުންގެ ދިރިއުޅުން ބިނާކުރާ ފަލްސަފާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"...ހައްދެއް ނެތި މިނިވަން ވެގެންދާ ދިޔުމަކީ، ގައުމަށާއި މުޖުތަމައަށް އެންމެ ފައިދާ ކުރާނެ ގޮތްތޯ ޒުވާނުން ބުއްދިވެރިކަމާ އެކު ވިސްނަން ޖެހޭ. ކޮންމެއަކަސް އެއީވެސް ފަލްސަފާއެއް، ފިކުރެއް ނުވަތަ އެއީވެސް ޚިޔާލެއް،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުދުންތެރިކަން ކުޑަވުމަކީ ވެސް ޒުވާނުން ޒިންމާދާރު ނުވާ ވަރަށް ބޮޑު ސަބަބެކެވެ. ކޮންމެ އަހަރަކު އެތައް ބައިވަރު ކުދިންނެއް ސްކޫލް ނިންމާއިރު، މަތީ ތައުލީމު ހޯދަން ފުރުސަތު ނުލިބުމާއި އެ ތަނަވަސްކަން ނެތުން އަދި ވަޒީފާއަކަށް ދިޔަޔަސް، އެ ލިބޭ އެއްޗަކުން ދެކޮޅުޖެއްސޭނެ ގޮތެއް ނެތުމުން ޒުވާނުން ނުރަނގަޅު މަގުތައް އިޚްތިޔާރުކޮށް އެފަހަރަކު އެންމެ ފަސޭހައިން ކަންކަން ހާސިލްކުރެވެން އޮންނަ ގޮތަކަށް އެކަން ކޮށްލުމަކީ އާންމު ކަމަކަށް ވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޒުވާން ލީޑަރެއްގެ އެންމެ މުހިންމު ސިފައަކީ، ނަޒާހަތްތެރިކަން، ނަޒާހަތްތެރިކަމާއި ފުދުން ތެރިކަން ވަރަށް ބޮޑަށް ގުޅިލާމެހިފައިވޭ،" ޝިޔާމް ވިދާޅުވި އެވެ.
މިކަން ބޮޑުވެފައި އޮތް މިންވަރުން މި ނޫން ކަމަކަށް ވިސްނުން ގެންދެވެން ވެސް ނެތީ އެވެ.
ފްލެޓަށް އެދޭ ފޯމް ހޯދުމަށްޓަކައި ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި: ބޯހިޔާވަހިކަން ނުލިބުން ފަދަ ކަންކަމުގެ ސަބަބުން ޒުވާނުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ބޮޑު.--- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
މި ހުރިިހާ މައްސަލަތަކެއްގެ ނަތީޖާއަކަށް ވަނީ އަމިއްލަ ދިރިއުޅުން ސަލާމަތްކުރަން ހުރިހާ ވަގުތަކާއި ވިސްނުމެއް ހުސްކުރުމެވެ.
"ޒުވާނުންނަށް ވިސްނިފައި އޮންނަނީ އެ މީހުން ސަވައިވް ވާނީ ޔަގީންކަން ބޮޑު ކޮންމެވެސް ވަޒީފާއެއް އަދާކޮށް މަހުން މަހަށް މުސާރަ ލިބުމުން ކަމަށް. އެކަމަކު މީހާ ކާމިޔާބުވެ، ޒިންމާދާރުވުމަކީ އެއީ ނޫންކަން އެނގޭ އިރު މި އޮންނަނީ އުމުރުން ތިރީސް ފަހަކުން މައްޗަށް ގޮސް އާއިލާއެއް ބަލަހައްޓަން ޖެހިފައި. ވަންނާނެ ގެދޮރެއް ނުހުރޭ، އާމްދަނީ ލިބޭނެ ގޮތެއް ނޯވޭ،" އޭނާ ވިދާޅުވި އެވެ.
ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި އާބާދީގެ މެޖޯރިޓީ އަކީ ޒުވާނުން ކަމަށް ވާއިރު ގައުމުގެ ހާލަތަށް ވިސްނައި ފިކުރު ކުރުމަށް ވުރެ އަމިއްލަ ހާލައިގެން ނޫޅެވޭ ޒުވާނުން ގިނަވުމަކީ ކޮންމެ ކަމެއް ވަރިހަމަވެ، ޒިންމާދާރުކަން ގެއްލެން ދިމާވާ ވަރަށް ބޮޑު ސަބަބެކެވެ.
އުމުރުގެ އެންމެ މުހިންމު ހިސާބަށް ދާއިރު ވެސް ދިރިއުޅުމެއް ނުހޯދި އުޅެން ޖެހުމުން އެ ނޫން އެއްވެސް ކަމެއް މުހިންމު ނުވަނީ އެވެ.
މި ހާލަތުގައި، ޑިމޮކްރަސީއެއް އަދި އެހެން ކަމެއް ވެސް މުހިންމެއް ނުވެ އެވެ.
އެހެންވެ ޒުވާނުންގެ ހާލަތު އޮތް ގޮތުން ރާއްޖޭގެ ޑިމޮކްރަސީ އަށް ބޮޑެތި ގޮންޖެހުންތައް އެބަ ހުއްޓެވެ. އެ ހާލަތު ބަދަލުކުރަން އެބަ ޖެހެ އެވެ.
ޝިޔާމް ވިދާޅުވީ "ޒުވާން ލީޑަރެއްގެ އެންމެ މުހިންމު ސިފައަކީ، ނަޒާހަތްތެރިކަން" ކަމަށާއި ނަޒާހަތްތެރިކަމާއި ފުދުންތެރިކަން ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.
ޒުވާނުންނަށް ހުރި ފުރުސަތުތައް ދައްކާލަން ބޭއްވި ޔޫތު ޗެލެންޖްގައި ދަރިވަރުން މައުލޫމާތު ހޯދަނީ
ޒުވާނުންގެ ހާލަތު ދިރާސާކުރާ ބައިނަލްއަގުވާމީ ތިންކްޓޭންކެއް ކަމަށްވާ "ޔޫތު ޕޮލިސީ" ގެ ދިރާސާ ކަރުދާހެއްގައި ބުނެފައިވާ ގޮތުގައި ގައުމީ އަދި ބައިނަލްއަގުވާމީ ކަންކަމުގައި ވެސް ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ޒުވާނުންގެ ބައިވެރިވުން ކުޑަ އެވެ.
"ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ޒުވާނުންނަށް ފުރުސަތު ދިނުމާއި ފުރުސަތުގެ ބޭނުން ހިފުމަށް އޮތް ޖާގަ ކުޑަ،" އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވެސް މި މައްސަލާގައި ވާހަކަ ދައްކަވާފައިވެ އެވެ.
"އާންމު އުސޫލަކީ ކަމެއް އޮޅުންފިލުވަން ބޭނުންވެއްޖެ ނަމަ އެކަމެއްގެ ތަޖުރިބާކާރުންނާ ވާހަކަ ދެއްކުން. އެކަމަކު ޒުވާނުންގެ ކަމަކާ ޖެހުމުން އެ މީހުންގެ މަތިން އޮންނަނީ ހަނދާންނެތިފައި،" ޒުވާން ލީޑަރުން އުފެއްދުމަށް އޮތް ހުރަހަކީ ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ބައިވެރިވުން ކުޑަވުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހިމާޔަތްކޮށް، ނަޒާހަތްތެރިންނާއި އަމާނާތްތެރިން ގިނަ މުޖުތަމައުއެއް އުފެއްދޭނީ ޒުވާނުންގެ ކިބާގައި ވެސް އެ ސިފަތައް ހުރެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިސާމް
12 November 2018
ގައުމު މިހާލަތަށް ގެނައީ މިހާރުގެ 'ހަރުދަނާ ދުރު ވިސްނޭ" މީހުން. ޒުވާނުންނެއް ނޫން. އެހެންވީމަ ޒުވާނުންގެ ބޮލުގަ މިއަދުގެ ދެރަ ހާލަތު އަޅުވަން އުޅޭނެ ކަމެއް ނެތް.
ޔޫތް
11 November 2018
މާފްކުރައްވާ...... އަޅުގަނޑުމެންނަށް ޑިމޮކްރަސީ ދަސްވެއްޖެ ދެން އިތުރަކަށް ތިކަހަލަ ނަޖިސް ނިޒާމެއް ބޭނުންމެއް ނޫން ބޭނުންވަނީ އިސްލާމީ ޝަރިއަތް މިޤައުމުގައި އިމްޕްލިމެންޓްކުރަން
ނުވިސްނޭ
11 November 2018
މި ލިޔުން ލިޔުއްވި ބޭފުޅާ ޒުވާނުން ތިކިއުއްވަނީ ކޮންބަޔަކައް ތޯ. ޑިމޮކްރަސީ ދަމަހައްޓަން ތިބި ޒުވާނުންނަކީ އަދުގެ ކިޔަވާ ކުދިން އެމީހުން ޒިންމާދާރު ވާނެ. ޢެކުދިން ނާ ދޭތެރޭ އުންމީދު ކަޑާލާކައް ނުޖެހޭ. ޢެކުދިން ނަށް ހެޔޮމިސް ބަހެއް ބުނެވޭތޯ ބަލަމާ. ޢަދި ހިއްވަރެއް ދެމާ. ނޭގުމެއްގަ ހަލާކުވި ކުދިންކޮޅު އައް ގޮތެއް ހޯދޭތޯ ބަލަމާ ހިގާބަލަ.
މަރޭމިތުރާ
11 November 2018
ޒުވާނުންނަށް ކިޔަވަން ފުރުސަތުދޭންވީ! ޒުވާނުންނަށް ކުރިމަގު ދައްކަންވީ! ޒުވާންޖީލު ގައުމުން ހަލާކު ނުކުރަންވީ! ޒުވާނުން ޒުވާންކަމަށް ދެކެންވީ! ޒުވާނުން ވާވައްދަން ކުރާމަސައްކަތް ހުއްޓަންވީ!
މަރޭމިތުރާ
11 November 2018
ވަޒީފާތައް ޒުވާނުންނަށް ލިބުން ދަތިވި ވަރަކަށް ޒުވާނުންތިބޭނީ ވަރަށް ނިކަމެތިހާލުގަ.ގައުމީ ވިސްނުންތަކާއި ދުރުގަ! އަދި ޒުވާން އުމުރުގަ ކައިވެނިތައް ގިނަކުރިކުރިހެންވެސް ޒުވާނުންގެ ދައުރު ގައުމުން ގެއްލޭނެ! މިސާލު އިންޑިއާ! އިނަޑިއާގަ އެއޮތީ މިހެންވެފަ! ޅައުމުރުގަ ޝާދީކުރުމުން ދަރިންލިބި ނިކަމެތިހާލުގަ! އިތުރު ވިސްނުމެއް ވިސަނާކަށް ފުރުސަތުނުލިބޭ!
މީމް
11 November 2018
އެޑިއުކޭޝަން ސިސްޓަމަކީވެސް މައްސަލަ އަކަށް ވެދާނެ. މިރާއްޖޭގައި އޮންނަގޮތުން ވެއްޖިޔާ ގްރޭޑް 12 ނިންމާފައި ނުކުންނަ އިރު ކުދިންނަށް ދުނިޔެ ހިނގާ ގޮތާ ބެހޭގޮތުން އިނގެނީ ވަރަށް މަދު އެއްޗެއް. ހުރިހާ ކުދިންނަކީ އަމިއްލަ އަށް އުނގެނެން އުޅޭނެ ކުދިންނެއް ނޫން. ސްޓްރީމް ތަކަށް ބަހާނުލާ ކޮންމެ މާއްދާއެއްގެ ބޭސިކްސް ކިޔާ ދިނުމަށް ފަހު ބޭނުން އެއްޗެއް އިޙްތިޔާރު ކުރެވޭނަމަވެސް މިއަށް ވުރެ ރަނގަޅު ވާނެ ކަން ނޭނގޭ.
އަތްޖަހާ
11 November 2018
ރާއްޖޭގެ ޒުވާނުންނަކީ މައިންބަފައިން އަތުން ފައިސާ ހޯދައިގެން ރެސްޓޯރެންޓް މޭޒުމައްޗަށް ފައިނަގައިގެން އުޅޭ ބަޔަކަށް ކިޔާނަމެއް.
ކަންބޮޑުވެފައި
11 November 2018
އަސްލުގަވެސް!