ރަސްދޫގައި ހުރި މަޑިވަރު ކްރޯ ގެސްޓް ހައުސް
16 ޑިސެމްބަރ 2018 - 09:36
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު އއ. ރަސްދޫއަކީ ވެސް ގެސްޓް ހައުސް ވިޔަފާރީގައި ފާހަގަކޮށްލެވޭ ރަށެވެ. އެ ރަށުގައި ޓޫރިޒަމް މިނިސްޓްރީގެ ދަށުން ރަސްމީކޮށް ރަޖިސްޓްރީ ވެގެން 15 ގެސްޓް ހައުސް ހިންގަމުންދާއިރު މިހާރު ގާތްގަނޑަކަށް 29 ގެސްޓް ހައުސް އިން އަންނަނީ ހިދުމަތްދެމުންނެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ މި ހަފްތާ ބަންދުގައި އެ ރަށަށް ވަޑައިގެން ރަށުގެ ގެސްޓް ހައުސްތައް ބައްލަވައިލައްވައިފަ އެވެ.
މި ވިޔަފާރި ކުރުމުގައި އެ ރަށުގެ އެންމެ ބޮޑު ތަފާތަކީ ރަށުގެ ގެސްޓް ހައުސްތަކުގެ ނަންތަކެވެ. ރަސްދޫ އައިލެންޑް އިން ބީޗް ފްރޮންޓް، ޝެލޯ ލެޖޫން ރަސްދޫ، ހޮލިޑޭ ގާޑަން ރަސްދޫ، މަޑިވަރު ކްރޯ ރަސްދޫ އާއި ރަސްދޫ ވޯޓަ ސްޕޯޓްސް ސެންޓަރާއި ރަސްދޫ ޑައިވް ލޮޖާއި ވައިޓް ކޮރަލް ރަސްދޫ، މިއީ އެ ރަށުގެ ބައެއް ގެސްޓްހައުސްތަކުގެ ނަންތަކެވެ. އެ ރަށުގެ ގިނަ ގެސްޓް ހައުސްތަކުގެ ނަމުގައި "ރަސްދޫ"ގެ ނަން ހިމެނެ އެވެ. މިއީ ރަސްދޫން އެންމެ ފެންނަ އެންމެ އުފާވެރި އެއް މަންޒަރެވެ. މިކަމާ ގުޅޭ ގޮތުން ރަށުގެ ރައްޔިތުން ކައިރިން ސުވާލުކޮށްލީމެވެ. ގިނަ މީހުން ބުނަނީ "ރަސްދޫ"ގެ ނަމުގައި ވިޔަފާރި ހިންގަން ފަސޭހަ ކަމަށެވެ.
ރަސްދޫގައި ހުރި "ވައިޓް ކޮރަލް ރަސްދޫ"
އެ ރަށު ކައުންސިލްގެ ރައީސް އަބްދުލް ޖަލީލު ވިދާޅުވީ، އެގޮތަށް ނަން ދީފައި ވަނީ ރަސްދޫ ޖަހައިގެން ގޫގުލްގައި ވެސް ފަސޭހައިން ހޯދޭނެތީ ކަމަށެވެ. ރަސްދުއަކީ މީގެ ކުރިން ވެސް އިޝްތިހާރުވެފައިވާ ނަމެއް ކަމަށާއި އެހެން ކަމުން މިހާރު ރަސްދުއަކީ ބްރޭންޑެއް ކަމަށެވެ. ރަށުގެ ނަން ބްރޭންޑެއްގެ ގޮތުގައި ވިއްކައިގެން މި ވިޔަފާރި ކުރަން ވަރަށް ބޮޑަށް ގެސްޓްހައުސްތަކަށް ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީއްސުރެ ވެސް މިތާ ކައިރި ރިސޯޓުތަކުން ވެސް ރަސްދޫ އަންނަނީ ޕްރޮމޯޓްކުރަމުން. އެހެންވީމަ ރަސްދޫގެ ނަން މިވަނީ ބްރޭންޑަކަށްވެފައި. ރަސްދޫގެ ނަމުގައި ބޭނުން ކުރުމުން ގެސްޓުންނަށް ސެލްކުރަން ފަސޭހަވޭ،" ޖަލީލު ވިދާޅުވި އެވެ.
ރަސްދޫގެ ގެސްޓް ހައުސް "ހޮލިޑޭ ގާޑަން ރަސްދޫ"
ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ރަށުގައި ކުރިއަށް ގެންދަމުންދާ ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމުގައި މި ރަށަށް ވަނީ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތް ފުޅާ ކުރުމަށް ލޯނު ނެގުމުގައި ދިމާވާ ދަތިތަކެވެ. ލޯނުތައް ހޯދަން ހުށަހަޅާތާ އަހަރުވެގެންދާއިރު ވެސް ބައެއް ފަރާތްތަކަށް ލޯނެއް ހަމަނުޖެހެ އެވެ. ލޯނު ލިބުނު ކަމުގައިވީ ނަމަވެސް ލޯނު އަނބުރާ ދައްކަން ފަށާއިރު ވެސް ގެސްޓްހައުސް އިމާރާތުގެ މަސައްކަތް ނުނިމޭތަން ވެސް ބައެއް ފަހަރު އާދެ އެވެ.
ރަޖިސްޓާޑް ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަ ނުކުރާ ގެސްޓްހައުސްތައް ވެސް އެ ރަށުގައި ވަރަށް ގިނަ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ، ރަޖިސްޓަ ކުރަން ބޭނުންވާ ތަންތަނުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން އަދިވެސް ހުރުން ކަމަށް ޖަލީލު ވިދާޅުވި އެވެ. އޭގެ ތެރޭގައި އިންސްޕެކްޓް ކުރުމަށް އައުން ލަސްވުން ފަދަ ކަންކަން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްދޫ ޑައިވް ސެންޓަ
ގާތްގަނޑަކަށް 150 ބެޑް ތަރައްގީ ކުރެވިފައިވާ އިރު މި ވިޔަފާރި ފުޅާ ކުރުމަށް ކުރިމަތިވާ އަނެއް މައްސަލައަކީ ތިމާވެށީގެ މައްސަލަތަކެވެ.
"އިރުވައި މޫސުމުގައި ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވޭ. އަދި ކުރީގެ ކުނިގޮނޑު ސަރަހައްދުން އިރުވައި މޫސުމުގައި ގިރާލައިގެން ގޮސް މުޅި ފަރުމައްޗާ ބީޗާއެއްކޮށް ކުނިތައް ފެތުރިގެން ދަނީ،" ޖަލީލު ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން ރަށުގެ މޫދުގައި ފީނާ ފަރާތްތަކަށް ކަޑުގެ ރީތިކަމުގެ ކަމުގެ ބަދަލުގައި ފެންނަނީ ކުނިތަކެވެ. މިއީ ރަށުގެ ގެސްޓް ހައުސް ވިޔަފާރި ތަރައްގީ ކުރުމަށް އަވަސް ހައްލެއް ބޭނުން ވެފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްދޫ ވޯޓަ ސްޕޯޓްސް ސެންޓަ
އިރުވައި މޫސުމަށް ރަސްދޫ މޫދު ސަރަހައްދުގައި ކުނިތައް ފެތުރުނު ނަމަވެސް އެ އަތޮޅުގައި ތަފާތު 17 ޑައިވިން ސްޕޮޓް ހުރެ އެވެ. އެ ރަށަށް އަންނަ ގިނަ ޓޫރިސްޓުންނަކީ ސްނޯކްލިން އާއި ޑައިވް ކުރުމަށް އަންނަ މީހުންނެވެ. ރަށުގެ ގިނަ ގެސްޓްހައުސްތަކުގައި ޓޫރިސްޓުންނަށް ގަޔާވާނެ ގިނަ ސްނޯކްލިން ޕެކޭޖުތައް ވަނީ ހެދިފަ އެވެ. މީގެ އިތުރުން އެ ރަށަކަށް އަންނަ ގިނަ ގެސްޓުންނަށް ކުޑަފީއެއްގައި ކައިރީގައި އޮންނަ ޕިކްނިކް އައިލެންޑް "މަޑިވަރު" އަށް ވެސް ދެވެ އެވެ. އެ ރަށުގެ މޫދު ސަރަހައްދުގައި ވެސް ޓޫރިސްޓުންނަށް ސްނޯކްލިން ކުރުމަށް ރަނގަޅު ސްޕޮޓްތައް ހުރެ އެވެ.
ގެސްޓްހައުސް ވިޔަފާރިއާ އެކު އުމްނާރީ ބޮޑެތި ބަދަލުތަކެއް ފާއިތުވެދިޔަ ފަސް އަހަރު ރަސްދު އަށް ވަނީ އައިސްފައިވެ އެވެ. މިއީ އެ ރަށުގައި ރައްޔިތުން އާމްދަނީ ހޯދުމަށް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތްތަށް ވާ އިރު ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ފަސޭހަ ކަމާ އެކު ލޯނު ލިބޭނެ ނިޒާމެއް ގާއިމް ވެގެންދިއުމެވެ. އަދި ރަށުގެ ތިމާވެށީގެ މައްސަލަތަކަށް އަވަސް ހައްލެއް ލިބިއްޖެ ނަމަ "ރަސްދޫ" ބްރޭންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
16 December 2018
ރާއްޖޭގެ ކޮންމެ ރަށެއްގަ ގެސްޓް ހައުސް އެއް ހިންގިޔަސް އެ ގެސްޓް ހައުސް ހުންނަ ރަށެއްގެ ނަން މަޝްހޫރުވޭ. ގެސްޓް ހައުސްގެ ނަމާގުޅުވާފަ ރަށުގެ ނަން އޮތުމާ ނެތުމަކުން ތަފާތެއްވާކަމަކަށް ނުބެލެވޭ. ރާއްޖޭގަ 1970 ގެ މެދުތެރޭ އެންމެ ފުރަތަމަ "ގެސްޓް ހައުސް" ހިންގި ގުޅި، ގުރައިދޫ، ހިންމަފުށި، ހުރާ؛ ފަދަ ރަށް ރަށުގެ ހަނދާން ޔޫރަޕްގެ ބައެއް ފަތުރުވެރިން މިހާރުވެސް ހުރޭ. އެރަށްތަކުގެ ގެސްޓް ހައުސްތައް ބަންދުކުރުވީ ރިސޯޓް މަހުޖަނުން.
ފަނުދުންމާރި
16 December 2018
29 ގެސްޓް ހައުސް އިން އޮޕަރޭޝަންސް، 15ރެޖިސްޓަޑް. އެހެންވީމަ ރެޖިސްޓްރީ ނުކުރާ 14ގެސްޓް ހައުސް އަށް ފައިދާ ބޮޑުވާނެތާ ސަރުކާރުގެ އިދާރާއަކަށް އެއްޗެއް ދައްކަން ނުޖެހޭތީ. މުޅި ރަށުގަ ތިއޮތީ ކޮރަޕްޝަނާއި ފަސާދަ، ވައްކަން އާންމުވެފަ. ކައުންސިލްގެ ރައީސް ތިވާހަކަ ދެއްކީމަ ލަދުވެތި ދޯ. ރަސްދޫ މީހުންގެ ސިނކުނޑި ބުރޭންޑަޑް ވިއަކަސް ކަމަކު ނުދޭ ދޯ. ގުރޯއަޕް ގާއިސް...
ނެރުބައްތި
16 December 2018
ރަޖިސްޓަރީކޮށްގެން ވާރު ދެއްކީމަ ކޮންކަމެއްތަވަނީ، ރަށްރަށުން ވާރު ނަގައިގެންގެން ގެންދަނީ ކ.މާލެއަށް، ދެން އެރަށުތެރޭގެ ކަންކަމަށް އެއްބައި ހަރަދުކޮށްފަ އަނެއްބައި ލަނީ އެރަށުގެ އެކިއެކި ގަބީލާތަކުގެ ބޭބޭފުޅުންގެ އެކައުންޓުތަކަށް. ރަށަށް ނުލިބޭ ހުދުމުންޑުގަނޑެއްހާ ހިސާބުވެސް.
ވަހީދު
16 December 2018
"ރަޖިސްޓާޑް ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަ ނުކުރާ ގެސްޓްހައުސްތައް ވެސް އެ ރަށުގައި ވަރަށް ގިނަ އެވެ." ކައުންސިލަށް އެނގިގެން މިފަދަ ޤާނޫނާ ޚިލާފް ކަމެއް ކުރަމުންދާއިރު، އެކަން ނުހުއްޓުވާ އެކަމަކަށް ސަޕޯޓްކުރުމަކީ ކައުންސިލްގެ ނާގާބިލްކަން ދޭހަކޮށްދޭ ކަމެއް. ރަޖިސްޓްރީނުކޮށް ގެސްޓްހައުސް ހިންގުމަކީ މަނާކަމެއް. މިފަދަ ކަންކަން ހުއްޓުވަންޖެހޭ. ގާނޫނާ އެއްގޮތަށް އުޅެން ދަސްކުރަންޖެހޭ.
ވަހީދުގެ ބޭބެ
16 December 2018
ބުރޯ، ބައެއް ގެސްޓް ހައުސްތައް އަދި ރަޖިސްޓްރީ ނުވެ އެއޮތީ ކީއްވެގެންކަންވެސް އެބައޮތްދޯ ލިޔެފަ، އާރޓިކަލް ރަނގަޅަށް ކިޔާފަ ކޮމެންޓް ކޮށްބަލަ. ޕލސ :ޕ