އާ ކޯޗުގެ ވިސްނުން: ބަލިކުރަން އުނދަގޫ ޓީމެއް ތައްޔާރުކުރުން

މެއި 30 ވަނަ ދުވަހު އެފްއޭއެމް ހިންގުމާ ހަވާލުވުމަށް ފަހު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ މެދު ދެއްކެވީ ކުރިއަށް އޮތް 10 ނޫނީ 20 އަހަރަށް ރާއްޖޭގެ ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދަން ހަދާ މާސްޓަ ޕްލޭނެއްގެ ވާހަކަ އެވެ. އެ ޕްލޭންގެ އެންމެ މުހިއްމު ދައުރެއް އަދާކުރާނީ ސީނިއާ ގައުމީ ޓީމެވެ. އެ ޓީމަށް އާ ކޯޗެއް މިހާރު ހަމަޖައްސާފައިވަނީ ޓެކްނިކަލް ކޮމިޓީގެ ލަފާ ވެސް ހޯދައިގެންނެވެ. ގައުމީ ޓީމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލުކޮށް ވާހަކަ ދައްކަމުން ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނީ ދިވެހި ކުޅުންތެރިންގެ ހުނަރު ބޭނުންކޮށްގެން ރަނގަޅު ނަތީޖާ ނެރެވިދާނެ ކަމަށެވެ.


ޕޮޕޯފް އާއި ހާބަޓް: ނަތީޖާ އަށް މާ ބޮޑު ސަމާލުކަމެއް ނުދޭ

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން ގައުމީ ޓީމަށް މިދިޔަ އަހަރު ޖެނުއަރީ މަހު ހަމަޖެއްސީ 2013 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްދިން ކޯޗު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް އެވެ. ގައުމީ ޓީމާ ހަވާލުވުމަށް ފަހު ޕޮޕޯފް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކުރިއަށް ދެވޭނީ މޮޅެތި ޓީމުތަކާ ކުޅެގެން ކަމަށާއި ބަލިވިޔަސް ފަރުވާލެއް ނެތް ކަމަށެވެ. އަދި އާދައިގެ ޓީމުތަކާ ކުޅެގެން މޮޅުވިޔަސް ކުރިމަގެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ޕޮޕޯފްގެ ކޯޗުކަމުގައި ގައުމީ ޓީމުގައި މައްސަލަތަކެއް ދިމާވިއިރު އޭނާ އަށް ގިނަ މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ. ޕޮޕޯފްގެ ކޯޗުކަމުގައި ގައުމީ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ގަތަރާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުގަ އެވެ. އެ މެޗުން ބަލިވީ ފަހު ވަގުތު ވަން ލަނޑަކުންނެވެ. އެ އަށް ފަހު ދެން ކުޅުނު މެޗުތަކުން ރާއްޖެ ކުރިމަތިލީ ނާކާމިޔާބާ އެވެ.

ޕޮޕޯފް ވަކިކުރުމަށް ފަހު މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމު ހަވާލުކުރީ ނިއު ޒީލެންޑަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކޯޗުކޮށްދިން ރިކީ ހާބަޓްއާ އެވެ. އޭނާ އަކީ ގައުމީ ޓީމާ ހަވާލުވި އެންމެ މަތީ ލެވެލެއްގައި ކޯޗުކޮށްދިން ކޯޗެވެ. އެހެންކަމުން ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބީ ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެހެނެއްނުވި އެވެ. ކޯޗުކަމުގައި ހޭދަވި ނުވަ ވަރަކަށް މަހު ވެސް ހާބަޓްގެ ފަރާތުން އިވުނީ އެއް ވާހަކަތަކެކެވެ. އެއީ އޭނާ މަސައްކަތްކުރަމުން އަންނަނީ މުސްތަގުބަލަށް ޓީމެއް ބިނާކުރަން ކަމަށާއި ފުރަތަމަ އާ ޓީމެއް ގޮވައިގެން ކުޅޭއިރު ދަށް ނަތީޖާތަކެއް ފެންނާނެ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ތޯރިގް ގައުމީ ޓީމުގެ ކުރީގެ ކޯޗު ހާބަޓްއާ ސަލާމްކުރަނީ.-- ފޮޓޯ: އެފްއޭއެމް

ސާފް ސުޒުކީ ކަޕާއި ބަންގުބަންދު ގޯލްޑް ކަޕް އަދި ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން ރާއްޖެ ބަލިވުމުން ހާބަޓްގެ ފަރާތުން އިވުނީ އެއް ޝަކުވާތަކެކެވެ. ފަރިތަކުރަން ވަގުތު ނުލިބޭ ކަމަށާއި ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް ގޮވައިގެން ކުޅޭއިރު މި ފަދަ ނަތީޖާތައް ނުކުންނާނެ ކަމަށެވެ.

ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުނު އެންމެ ފަހު މެޗަކީ މިދިޔަ ޖޫން 2 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔަމަން އަތުން ބަލިވި މެޗެވެ. އެއީ ފާއިތުވި 15 ވަރަކަށް އަހަރު ގަލޮޅު ދަނޑުގައި ގައުމީ ޓީމުގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނުނު ދުވަހެވެ. ރޭވުންތެރިކަމެއް، ޓީމުތެރޭގައި ރޫހެއް ނެތެވެ.

އެފްއޭއެމުން ހާބަޓް މަގާމުން ވަކިކުރި ސަބަބު ބެލުމަށް ވަނީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެއީ ހާބަޓް ހުރިއިރު ހެދުނު ގޯސްތައް މުސްތަގުބަލުގައި ތަކުރާރުވިޔަ ނުދިނުމަށެވެ. ގައުމީ ޓީމު މިހާރު އޮތް ހާލަތުން އަރައިގަނެ ކާމިޔާބުގެ މަގަށް ޓީމު ގެންދިއުމަށެވެ.

އެފްއޭއެމުން ގައުމީ ޓީމަށް ގެނައި އާ ކޯޗު އޮސްޓްރޭލިއާގެ ސްޓެވާޓަކީ ކޯޗިންގައި މާ މަޝްހޫރު ނަމެއް ނޫނެވެ. މީގެ ކުރިން ގައުމީ ޓީމަކަށް ކޯޗުކޮށްދީފައިނުވި ނަަމަވެސް އެފްއޭއެމުން އޭނާއާ މި ޒިންމާ ހަވާލުކޮށްފައިވަނީ 10 ކޯޗެއް ރާއްޖެއާ ހަވާލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.

ބޭނުންވަނީ ރާއްޖެ އަކީ ބަލިކުރަން އުނދަގޫ ޓީމަކަށް ހަދަން: ސްޓެވާޓް

އޮސްޓްރޭލިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ސްޓެވާޓަކީ އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ހުރި ކޯޗެކެވެ.

ސްޓެވާޓް ކޯޗިން ކެރިއަރު ފެށީ 2004 ވަނަ އަހަރު ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިނުމަށް ފަހު އޭނާ ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. ސްޓެވާޓް އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ.

ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ސްޓެވާޓް ވަނީ ފާއިތުވި 26 ވަރަކަށް އަހަރު އޭޝިއާގައި މަސައްކަތް ކޮށްފަ އެވެ. އޭނާ ބުނީ މިއީ އޭނާގެ ޕްލަސް ޕޮއިންޓެއް ކަމަށެވެ.

"އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ އަހަރެންގެ އެބަހުރި. އެކަމަކު ދެކުނު އޭޝިއާގެ ފުޓްބޯޅަ އަށް އާވެދާނެ،" ސްޓެވާޓް ބުންޏެވެ.

"ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު އެބަހުރި. އަހަރެން މަސައްކަތްކުރި ޓީމުތަކުގެ ކުޅުންތެރިންނާއި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު މާ ބޮޑު ތަފާތެއް ނެތް. އަހަރެން ބޭނުމީ ރާއްޖެ ޓީމަކީ ބަލިކުރަން އުނދަގޫ ޓީމަކަށް ހަދަން."

ގައުމީ ޓީމަށް އެންމެ ފަހުން އިރުޝާދު ދިން ހާބަޓް ވަނީ ގިނަ ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދީފަ އެވެ. އަދި އޭނާ ބުނަމުން އައީ ގައުމީ ޓީމުގައި އުމުރުން ދޮށީގެ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި މިއީ ޓީމު އާކޮށްލަން ޖެހޭ ވަގުތު ކަމަށެވެ.

އެފްއޭއެމްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ކޯޗު ސްޓެވާޓް (ކ) އާއި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް މުހައްމަދު ކަލީމް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްޓެވާޓްގެ ވިސްނުން މިކަމުގައި ތަފާތެވެ. އޭނާ ބުނީ އުމުރަށް ވުރެ ބޮޑަށް އޭނާ ބަލާނީ ކުޅުންތެރިޔާ މިހާރު ހުރި ފޯމާއި ދައްކާ ކުޅުމަށް ކަމަށެވެ.

"އަހަރެން މީ އުމުރަށް ބަލައިގެން ޓީމަށް ކުޅުންތެރިން ހޮވާ ކޯޗެއް ނޫން. އަހަންނަކީ ކުޅުންތެރިންގެ ކޯޗެއް. އުމުރުން 18 އަހަރު ވިޔަސް 38 އަހަރު ވިޔަސް އަހަރެން ބަލާނީ އެ ކުޅުންތެރިއަކު ދައްކާ ކުޅުމަށް. އަހަރެން ބޭނުންވާ ލެވެލަށް ކުޅުންތެރިޔާ އަށް ކުޅެވެންޏާ އެ ނިމުނީ،" ސްޓެވާޓް ބުންޏެވެ.

ތައްޔާރީތަކާ މެދު ޝަކުވާއެއް ނެތް، އަމާޒު ފުރަތަމަ މެޗަށް

ގައުމީ ޓީމާ ސްޓެވާޓް ހަވާލުވީ މިިދިޔަ މަހު 25 ވަނަ ދުވަހު އެވެ. ގައުމީ ޓީމާ އެކު އޭނާ ފުރަތަމަ ނުކުންނާނީ މި މަހު 29 ވަނަ ދުވަހު، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމުގެ މެދުގައި ކުޅޭ މެޗަށެވެ. އެ އަށް ފަހު ދެން އޮންނާނީ އަންނަ މަހު އެއް ވަަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިން ރައުންޑުގައި ލާއޯސްއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހު ހަ ވަނަ ދުވަހު އެވެ.

ސްޓެވާޓް ބުނީ މި މަހުގެ 27 ވަނަ ދުވަހުގައި ގައުމީ ޓީމުގެ ޕްރެކްޓިސް ފަށައިގެން އެ މެޗަށް ތައްޔާރުވާން ލިބޭނީ މަދު ދުވަސްކޮޅެއް ކަމަށާއި އެފްއޭއެމް ޓެކްނިކަލް ޓީމުގެ އެހީގައި މި މެޗަށް ފުރިހަމަ އަށް ތައްޔާރު ވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ޑަރެން ސްޓެވާޓް.

"އަހަރެން ޓީމާ ހަވާލުވިއިރު މި ޓީމު އޮތް ހާލަތު އެނގޭ. ލާއޯސް މެޗަށް ތައްޔާރުވާން ލިބޭ ދުވަސް މަދު ނަމަވެސް ޝަކުވާއެއް ނެތް. އެއީ ޓެކްނިކަލް ޓީމުގެ އެހީ ހޯދައިގެން މި މެޗުގައި ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އޮތުމުން،" ސްޓެވާޓް ބުންޏެވެ.

ފާއިތުވި މެޗުތަކުގައި ގަލޮޅު ދަނޑުގައި ނެރެފައިވާ ނަތީޖާތައް ދަށް

މިދިޔަ އަހަރު ޕޮޕޯފްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ގަލޮޅު ދަނޑުގައި ކުޅުނީ ދެ މެޗެވެ. އެއީ ތަޖިކިސްތާން އާއި ގަތަރާ ދެކޮޅަށް ކުޅުނު ދެ މެޗެވެ. ޕޮޕޯވްގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން 2-0 އިން ބަލިވިއިރު، ގަތަރު އަތުން ބަލިވީ 1-0 އިންނެވެ.

ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ވަނީ ގަލޮޅު ދަނޑުގައި ތިން މެޗެއް ކުޅެފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ހޮން ކޮން އާއި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޔަަމަނާ ދެކޮޅަށް ކުޅުނު މެޗެވެ.

ހޮން ކޮން އަތުން 1-0 އިން ބަލިވިއިރު، ބުޓާން އަތުން މޮޅުވީ 4-2 އިންނެވެ. އަދި މިދިޔަ ޖޫން މަހު ޔަމަން އަތުން ބަލިވީ 2-0 އިންނެވެ.

މި ނަތީޖާތަކަށް ބަލާއިރު ގައުމީ ޓީމު ގޮވައިގެން ފުރަތަމަ މެޗަށް ނުކުންނައިރު ސްޓެވާޓަށް ޕްރެޝަރު އެބައޮތެވެ. ނަމަވެސް އޭނާ ބުނީ ޕްރެޝަރު އޮތް ކަަމަށް ނުދެކޭ ކަމަށާއި ޓީމާ މެދު އިތުބާރު ބޮޑު ކަމަށެވެ. އަދި ކުޅުންތެރިންގެ ހިތްވަރާ އެކު ހުރިހާ ވެސް އަމާޒަކީ ފުރަތަމަ ލާއޯސް މެޗުން މޮޅުވެ އޭޝިއަން ކަޕްގެ ކޮލިފައިން އަނެއް ބުރުން ޖާގަ ހޯދުން ކަމަށް ވެސް ބުންޏެވެ.