ރިޕޯޓް

އައިޓީ ދާއިރާގެ ނުފެންނަ ފަޅި: އަންހެނުން

ނީޝާ (ވ)، ޝަހުޒާ (މ) އަދި އައިޝާ (ކ 2): ވިމެން އިން ޓެކްއެމްވީގެ ތިން ފައުންޑަރުންގެ އަމާޒަކީ އައިސީޓީ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުން.

ޓެކްނޮލޮޖީއަކީ އަންހެންކުދިންނަށް ކުރިއަށް ދެވިދާނެ ދާއިރާއެއްގެ ގޮތުގައި ބަލައިގަނެވިފައި ނެތްކަން އައިޝަތު އަދުނާން (އައިޝާ) އަށް ޔަގީންވީ ސްކޫލެއްގައި ކެރިއަ ގައިޑެންސް ދޭން ލިބުނު ފުރުސަތެއްގަ އެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ މާހިރެއްގެ ގޮތުގައި އެ ސްކޫލުގައި އޭނާ ހޭދަކުރި ވަގުތުކޮޅުގައި ދަރިވަރުންގެ މާ ބޮޑު ޝައުގުވެރިކަމެއް ނުލިބުނީ އެވެ. އެ މީހުން ވާހަކަދައްކަން ބޭނުންވީ އެ ތަނަށް ދިޔަ ޑޮކްޓަރުންނާއި ޕައިލެޓުން ފަދަ މީސްމީހުންނާ އެކަންޏެވެ.

"ޓެކްނޮލޮޖީއަކީ ކެރިއައެއްގެ ގޮތުގައި އިޚްތިޔާރުކުރެވިދާނެ ކަމެއް ކަމަކަށް މީހުން ނުބަލާ. ރާއްޖޭގައި އަދިވެސް މީހުން ޑޮކްޓަރުކަން އިސްކުރޭ، ހާއްސަކޮށް އަންހެންކުދިންނަށް،" އައިޓީ ދާއިރާގައި މަސައްކަތްކުރާތާ 12 އަހަރު ވެފައިވާ އައިޝާ، 34، ބުންޏެވެ.

އެ ތަޖުރިބާ އަށް ފަހު އައިޝާ ވަނީ ސްކޫލް ކުދިންނާ ވަކިވަކިން ވާހަކަދައްކައި ޓެކްނޮލޮޖީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން ފަށައިފަ އެވެ. ޔޫއެންޑީޕީގެ ހަރަކާތަކުން ފުރުސަތު ހޯދައިގެން "ވިމެން ޓު ކޯޑް"ގެ ނަމުގައި ޕްރޮގްރާމެއް ވެސް އިފްތިތާހުކުރި އެވެ. އަންހެންކުދިންނަށް ކޯޑްކުރަން ދަސްކޮށްދީގެން އެ މަސައްކަތަށް ނެރުމުގެ އަޒުމުގަ އެވެ. އެކަމަކު އެ ޕްރޮގްރާމްގެ ތެރެއިން އޭނާ އަށް އެނގެން ފެށީ އައިޓީ ދާއިރާގައި މިހާރު ވެސް، ކޮންމެވެސް ވަރަކަށް، އަންހެނުން އެބަ ތިބި ކަމެވެ؛ ފޮރުވިފަ އެވެ.

"އަންހެންކުދިން އެއްވެސް ވަރަކަށް ނުއެއް ފެނޭ، ނުއެއް ނުކުމޭ. ގާތްގަނޑަކަށް ދެ ކުއްޖެއްގެ އަޑު އިވޭނީ. އަސްލު ވާ ގޮތް ބަލައިލި އިރު މި އެނގުނީ އަންހެނުންގެ އެޗީވްމެންޓްތައް ސެލެބްރޭޓްކުރުމެއް ނޯވޭ. އަނެއްކާ ފިރިހެނުން ގިނަ ދާއިރާއެއް ވީމަ އަންހެންކުދިންނަށް އެހާ ބޮޑަކަށް ނުކުންނާކަށް ވެސް ނުކުރޭ،" އައިޝާ ކިޔައިދިނެވެ.

ފޯކަސް އެޑިއުކޭޝަން ސެންޓަރާއި ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި މަސައްކަތްކުރުމަށް ފަހު މިހާރު އެލައިޑް އިންޝުއަރެންސްގެ އިންފޮމޭޝަން ސިސްޓަމްސްގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމްގައި ހުރި މި މަންމަ އަށް، އެހާ ހިސާބުން އައީ އެހެން ވިސްނުމެކެވެ.

"ހިތަށް އެރީ ކިޔަވައިދީގެން ނުވަތަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައިގެނެއް މި ކަމެއް ނުވާނެއޭ، މިހާރު ތިބި ކުދިންނަށް ހިތްވަރުދީގެން އެބަ ޖެހެއޭ ނެރެން. އެ މީހުންގެ ހުނަރުތައް އިތުރަށް ތަރައްގީކުރަން ވެސް އެބަ ޖެހެއޭ،" އައިޝާ ބުންޏެވެ.

ވިމެން އިން ޓެކްއެމްވީގެ ބައެއް މެމްބަރުން

އެކަން ކުރާނެ ގޮތް އޭނާ ހޯދީ ފާތުމަތު ނީޝާ އާއި ޝަހުޒާ ކަރީމް ގުޅިގެންނެވެ. އެލައިޑްގެ ސީނިއާ ސޮފްޓްވެއާ ޑިވެލޮޕަރު ނީޝާ އާއި މީރާ އާއި ވިލާގައި މަސައްކަތްކުރުމަށް ފަހު އިންޑިއާގައި އާޓިފިޝަލް އިންޓެލިޖެންސް އިން މާސްޓާސް ހަދަމުން އަންނަ ސޮފްޓްވެއާ ޑިވެލޮޕަރު ޝަހުޒާ އާއި އައިޝާ އިވެންޓަކުން ދިމާވި ހިސާބުން "ވިމެން އިން ޓެކް މޯލްޑިވްސް"ގެ ބިންގާ އެޅުނެވެ.

ކ-ވ: ނީޝާ، ޝަހުޒާ އަދި އައިޝާ

އެ ހަރަކާތް އަމިއްލަ ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އައިސީޓީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުމާއި އެ މީހުންނަށް ހިތްވަރުދީ، އެ މީހުންގެ ކާމިޔާބީތައް ފާހަގަކުރުމުގެ މަސައްކަތް ވަނީ ފަށައިގެންފަ އެވެ. ދެ ޖިންސަށް ވެސް ހުޅުވާލާފައިވާ "ވިމެން އިން ޓެކްއެމްވީ"އާ މިހާތަނަށް ގުޅިފައިވާ 92 މެމްބަރުންގެ ތެރެއިން 80 މީހުންނަކީ އަންހެނުންނެވެ.

"މިއީ ހަމަ މި ދާއިރާގައި އުޅޭ ކުދިން. ގްރެފިކް ޑިޒައިނަރުން، ކޯޑްކުރާ މީހުން، އައިޓީގެ މެނޭޖްމެންޓް ލެވެލްގައި އުޅޭ މީހުން، ހާޑްވެއާ އެންޑް ނެޓްވޯކިން މަސައްކަތްތައް ދަންނަ މީހުން. އަސްލުގައި ގަބޫލެއް ވެސް ނުކުރެވޭނެ ރާއްޖޭގައި މި ދާއިރާތަކުގައި އަންހެންކުދިން އުޅޭނެއެކޭ ވެސް،" އައިޝާ ބުންޏެވެ.

އެކަން ފުރަތަމަ ފަހަރަށް ހާމަވާން ފެށި އިރު، ވިމެން އިން ޓެކްގެ ތިން ފައުންޑަރުންނަށް އިވުނީ މުޅިން ވެސް އެއްކަހަލަ ވާހަކަތަކެކެވެ. އިންޓަވިއުތަކުގަ އާއި ވަޒީފާގައި އުޅޭ އިރު ވެސް ފިރިހެނުންނާ ތަފާތުކުރާކަމުގެ ޝަކުވާ އެވެ. ކިތަންމެ މޮޅަސް، އަންހެނުންނަށް ވީތީ، އެ މީހުންގެ އަގުވަޒަން ނުކުރާ ކަމާއި އާދައިގެ ނުވަތަ އިދާރީ މަސައްކަތެއް ނޫން ކަމެއް ހަވާލު ވެސް ނުކުރާ ކަމެވެ. އައިޝާ ފާހަގަކުރި ގޮތުގައި ސަރުކާރުގެ އޮފީސްތަކާއި ބޮޑެތި ކުންފުނިތަކުގައި ވެސް ކަން ހިނގަނީ އެހެންކަން، ޖަމްއިއްޔާގެ މެމްބަރުން ކިޔައިދޭ ވާހަކަތަކުން އެނގެ އެވެ.

"އަންހެންކުދިން ވީމަ ތަންކޮޅެއް ފަސޭހަ މަސައްކަތްތައް ދީފައި ނިންމާލަނީ. ވެރިންނަށް ވިސްނިފައި އޮންނަނީ ކްރިއޭޓިވް ކަންކަން އަންހެންކުދިންނަކަށް ނުކުރެވޭނެއޭ. އަލަށް އަހަރެމެންނާ ގުޅޭ އެންމެން ވެސް ވާހަކަދައްކަނީ މިކަހަލަ ގޮތަކަށް. އެ މީހުން އަންނަ އިރު ވަރަށް ބައިވަރު އިހުސާސްތަކާ އެކު ހުރިހާ އެއްޗެއް ބޭރުކޮށްލަނީ،" އޭނާ ބުންޏެވެ.

ވިމެން އިން ޓެކްއެމްވީގެ ރައީސާ ހަފްސަތު އަލީމް (ކ)

ވިމެން އިން ޓެކްގެ މެމްބަރުންގެ ބައެއް ތަޖުރިބާތައް:

- އަހަންނަކީ ބޭރު ގައުމުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ސޮފްޓްވެއާ ޑިވެލޮޕަރެއް. އެކަމަކު މާލެ އައި އިރު، ރާއްޖޭގެ ބޮޑު ކުންފުންޏަކުން އަހަންނާ ދިމާލަށް ބުނީ އަންހެންކުއްޖަކަށް ވީމަ ވަޒީފާ ދެވޭކަށް ނެތޭ. ކުރިއަށް ދާނެ ފުރުސަތެއް މިތާކު ނެތް. އެއްފަރާތްކޮށްފައި ނުވަތަ ނުގުޅޭ މަސައްކަތެއް ހަވާލުކޮށްފައި ބަހައްޓަނީ.

- އަހަރެން ވެބް ޑިވެލޮޕަރެއްގެ ވަޒީފާގައި ހުރެފައި، ހާލަތު ހުރި ގޮތުން، ފްލެކްސިބަލް ވަޒީފާއެއް ބޭނުންވެގެން މީގެ ދެ އަހަރު ކުރިން ސަރުކާރުގެ އޮފީހެއްގެ ގްރެފިކް ޑިޒައިނައިރެއްގެ ވަޒީފާ އަށް ބަދަލުވީ. އެ ތަނުގައި އަހަރެއްހާ ދުވަސް ވަންދެން ސިސްޓަމް އެޑްމިންއެއްގެ މަސައްކަތްކުރިން، ގްރެފިކް ޑިޒައިނަރެއްގެ މުސާރަ އަށް. ޑޭޓާބޭސް އާއި ހުރިހާ ސެޓަޕްތަކެއް ހެދީ އަހަރެން. އޭރު ވެސް އަހަރެންގެ އަތުގައި ޑިގްރީއެއް އޮތް. ސިސްޓަމް އެޑްމިންއަކަށް ޕްރޮމޯޓްކޮށްދޭނަމޭ އެ ތަނުން ބުނި. އަދި ހުއްދަ ހޯދަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިފީމޭ ވެސް ބުނި. އެކަމަކު އޭގެ ދުވަސް ކޮޅެއް ފަހުން ބޮޑު މުސާރައެއް ދީފައި، އަހަންނާ އެއްކޮށް ކިޔަވަން އުޅެ ގްރެޖުއޭޓްވި ފިރިހެން ކުއްޖަކު ގެނެސް، ދިނީ ސިސްޓަމް އެޑްމިންއެއްގެ ވަޒީފާ. ގިނަ މަސައްކަތްތައް އަހަރެން ކުރި ފަހުން. އަހަރެން ބަދަލުކުރީ ނުވެސް ގުޅޭ ތަނަކަށް. އަހަރެން އެ ތަނުން ކެނޑުނީ. ރިފަރެންސް ލެޓާއެއް ވެސް ނުދިން. ދެން އެއް އަހަރު ކޮށްފައި އަހަރެން މި އަހަރު ވަނީ ސަރުކާރުގެ އެހެން އޮފީހެއްގެ އައިޓީ އަށް. އަހަރެން ނުކުންނަން ފެށި އިރު އެ ތަނުގެ އައިޓީ މުވައްޒަފުން ޗުއްޓީގައި ތިބީމާ އައިޓީ މަސައްކަތްތައް ކުރާނެ މީހަކު ނެތް. އެހެންވެ އައިޓީ މަސައްކަތްތައް ކުރަން ލިބުނު. އެކަމަކު ފަހުން އައިޓީ އަށް ދެ ފިރިހެންކުދިން ގެނެސްފައި އަހަންނާ ހަވާލުކުރީ ޕްރޮކިއޮމެންޓް މަސައްކަތް.

- އަހަރެން އުޅެނީ ސަރުކާރު އޮފީހެއްގެ އައިޓީ ޑިޕާޓްމެންޓްގައި. ބޮޑެތި މީހުން ގަބޫލެއް ނުކުރޭ، އުނދަގޫ ކަންތައް އަންހެނުންނަށް ކުރެވޭނެ ކަމަކަށް. އައިޓީގެ ވެސް އެޑްމިން ކަންތައް އަހަންނަށް ދީފައި ސާވާ މެނޭޖްމެންޓް ކަހަލަ ކަންތައް ދެނީ ފިރިހެންކުދިންނަށް. އަހަރެން ވެސް މި ހުރީ އެ މީހުންނެކޭ އެއްވަރަށް ކިޔަވައިގެން. އަހަރެމެންގެ މަގާމަކީ ވެސް އެކައްޗެއް.

- އައިޓީ އިންޖިނިއަރެއްގެ ގޮތުގައި ކެރިއަރު ފަށައިގަތް އިރު އަހަންނަށް ވެސް ކުރެވުނީ އެއް ތަޖުރިބާއެއް. ބޮޑެތި ކުންފުނިތަކުން އަހަރެން ބަލައިނުގަތީ އަންހެނެއް ވީމަ. އެ މީހުން ބުނަނީ ފިރިހެނަކަށް މާ ރަނގަޅަށް މި މަސައްކަތް ކުރެވޭނެއޭ. ދެން ޓެކް ކުންފުންޏެއްގެ ސޭލްސް ވަޒީފާއެއްގައި އުޅެނިކޮށް އަހަންނަށް ނަސީބު ލައްވާލީ. އެ ތަނުގެ ޑިރެކްޓަރަކަށް އަހަރެންގެ ޕޮޓެންޝަލް ފެނިގެން އިންޖިނިއަރިން ޑިޕާޓްމެންޓުން ފުރުސަތު ދިނީ. އަދި ތަމްރީންތަކަށް އަހަރެން ބޭރަށް ވެސް ފޮނުވި. ވަކި ހިސާބަކުން ހިތްވަރު އެލިގެން އިދާރީ ވަޒީފާއެއްގައި ވެސް އުޅުނިން. އެކަމަކު ފަހުން ކިޔަވައި ނިންމާފައި އަނެއްކާވެސް މި ދާއިރާއާ ގުޅުނީ. އަދިވެސް މި އުޅެނީ އެ ތަނުގައި. މި ދާއިރާގެ މީހެއްގެ ގޮތުގައި އަހަރެން ކުރިއަރުވަން އެ މީހުން ވަރަށް ބޮޑަށް އެހީތެރިވެދިން.

ވިމެން އިން ޓެކްއެމްވީގެ ބައެއް މެމްބަރުން

ވަޒީފާ ނުލިބުމާއި ކުރިއަށް ދާން ލިބޭ ފުރުސަތުތައް މަދުވުމުގެ މިފަދަ އެތައް ވާހަކަތަކެއް އައިޝާމެން ވަނީ އަޑުއަހައިފަ އެވެ. ވިމެން އިން ޓެކްގެ އެންމެ ބޮޑު އަމާޒަކީ އެ ހުރަސްތައް ނައްތާލުމެވެ. އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަކަށް ވާތީ އެވެ.

"ކޮންމެ ދާއިރާއެއްގައި ވެސް ޖެންޑާ ބެލެންސެއް އަންނަން ޖެހޭ. އަންހެނުންނަކީ ވަރަށް ކްރިއޭޓިވް ބައެއް. ހެދުން ފެހިޔަސް، ކޭކު އެޅިޔަސް، އެ ހުރިހާ ކަމެއް މި ބިނާވަނީ އެ މީހުންގެ ޑިޒައިނިން ސްކިލްސް އަށް،" ދާދި ފަހުން އައިޓީ އިން މާސްޓާޒް ޑިގްރީ ހާސިލްކޮށްފައިވާ އައިޝާ ފާހަގަކުރި އެވެ.

"ޓެކްނޮލޮޖީ އަށް ބަލާ އިރު ވެސް މި ހަދާ ހުރިހާ ޕްރޮޑަކްޓްތަކެއްގައި ފެމިނިން ޓަޗްއެއް ވަރަށް މުހިއްމު. ދެން އަންހެނުންނަކީ ކޮމްޕްލެކްސް އެއްޗެހި ސޯލްވްކުރަން މޮޅު ބައެއް. އެކަން އެނގޭނެ ގޭތެރޭގައި އަންހެނުން އަދާކުރާ މަލްޓި ޓާސްކިން ދައުރުން ވެސް. އެހެންވީމާ އޭގެ އަނެއްކޮޅަށް ވެސް އެ މީހުންނަށް މަސައްކަތްކުރެވެންވާނެ."

ވިމެން އިން ޓެކްގެ ހަރަކާތްތައް ފެށިތާ މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ވެސް ނަތީޖާ ފެންނަން ފަށައިފާވާކަން ފައުންޑަރުން ފާހަގަކުރެ އެވެ. ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި އަމިއްލަ ފަރާތްތަކުން ވެސް މިހާރު ތިބީ އަންހެނުންނަށް ފުރުސަތު ދިނުމުގެ ރޫހެއްގަ އެވެ. އައިޝާ ފާހަގަކުރިގޮތުގައި މިހާރު "އިންޑަސްޓްރީ ތެރެއިން މި ފުރުސަތުތައް މި ހުޅުވެނީ އަހަރެމެން ވެސް ތިބިކަން އެނގޭތީ" އެވެ.

"އަހަރެމެން މި ކަން ކުރަން ފެށީމަ ޓެކް ކޮމިއުނިޓީން، ފިރިހެންކުދިން ވެސް ފުދޭ ވަރަކަށް ސަޕޯޓް އެބަ ދޭ،" އޭނާ ބުންޏެވެ.

"ދެން އެންމެ އުފާވާ ކަމަކީ، އަހަރެމެން ކުރިން ހީކުރި ވަރަށް ވުރެ މާ ގިނަ ކުދިން އެބަ އުޅޭ. އެހެންވީމާ އެ މީހުންނާ ދިމާވެ، އެ މީހުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ އެ މީހުންގެ ކާމިޔާބީތައް ފާހަގަކޮށް، ދެން ކޮމިއުނިޓީ އަށް ކަމެއް ކޮށްދިނުން އެއީ އަހަރެމެން ބޭނުންވާ ކަމަކީ."

33 ކޮމެންޓް, 94 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 2%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެންމަބުނީ

09 January 2019

ކިނާން މެންގެ ތިހުންނަނީ ހަމަ ސަރުކާރުގެ އޮފީސްތަކުގައި އުޅޭ މުސްކުޅި ޑިރެކްޓަރ ޖެނެރަލުންގެ ވިސްނުން ހުންނަ ގޮތަށް..ސޮފްޓްވެއަރ އިންޖިނިއަރިންގ ކިޔަވައިގެން ހުންނަ މީހާ ފުރާޅު މައްޗަށް އަރާ އޭސީ ގެ ހޮޅި ބެދިފައިތޯ ހުރީ ބަލަން ޖެހުނީމަ ކޮންތާކު މި ޖެހުނީ..ކަރަންޓު ވަޔަރު ކުރަން ޖެހުނީމަ ކޮންތާކު މި ޖެހުނީ؟އައިޓީ ދާއިރާއިން ކިޔަވަނީ ޕޯސްޓަރު ޑިޒައިން ކުރާކަށް ނޫނޭ..އެއީ އެއް ނޫން ވާ ގޮތަކީ..ގިނަ އޮފީސްތަކުގެ ވެރިންގެ ދަހި ކަމުން ވާ ގޮތް

The name is already taken The name is available. Register?

ކިނާން

09 January 2019

އަންހެންކުދިންނަށް ވީމަ ފުރުސަތު ނުދެނީކީ ނޫން! އައިޓީ އިން ސީ4 ނުވަތަ ޑިޕްލޮމާ އެއް ހަދާލީމަ ބައެއްކުދިންނަށް ހީވަނީ ލައްކައެކޭ! ވަޒީފާދޭފަރާތުން ބަލާނެދޯ އެއފީހެއްގައި ނުވަތަ ކުންފުންޏެއްގައި ކުރަންޖެހޭ މަސައްކަތް ކުރެވޭތޯ! މޮޅުކުދިން މަދުތިބިނަމަވެސް ގިނަކުދިންނަކަށް ނުކުރެވޭ! އާދައިގެ ކުޑަ އޮފީހަކަުން ވަޒީފާލިބޭ ކުއްޖާ ޖެހޭނެ ނެޓވޯކްވެސް އަޅާން ޕޯސްޓަރ ޑިޒައިންކޮށްލަން، ކުދި ރިޕެއަރ ވޯކްސް، ރާއްޖެތެރެއަށް ދަތުރެއްގަ ދާންޖެހުނަސް ދެވޭނެ މީހަކ

The name is already taken The name is available. Register?

ޖަމީލް

08 January 2019

އޮފީސްތަކުގެ ބޯދާހިޔާލުގެ ނުފޫޒު ހިންގާ ވެރިންގެ ސަބަބުން މިކަހަލަ މައްސަލަތަށް އުފެދެނީ..މިކަހަލަ މީހުން ބޭރު ކުރަންވީ!

The name is already taken The name is available. Register?

ޭލޯސައި

08 January 2019

ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އައިޓީ އިސް މަގާމްތަކުގަ ތިއްބެވި އަންހެން ކަނބަލުން ތިފޮޓޯތަކުން ފެނިވަޑައެއްނުގަންނަވާ.

The name is already taken The name is available. Register?

ޓެކް މޭޓް

08 January 2019

އެބޭފުޅުންވެސް އައީމަ ވީނު؟

The name is already taken The name is available. Register?

އިސްރާއު

08 January 2019

އެބޭފުޅުންވެސް މިކުދިންނާއި ބައިވެރިވީމަ ނިމުނީނު

The name is already taken The name is available. Register?

ފެންބޮކި

08 January 2019

ރިސޯރޓްތަކާއި ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ އައިޓީ ޖޮބްތަކަށް މީހުން ނަގާއިރު ވަރަށް ބޮޑަށް ބަލާ ދާއިރާގެ ތަފާތު ގިނަކަންކަން އަމަލީ ގޮތުން ހާސިލްކޮށްފައިވާ މިންވަރަށް، ޚާއްސަކޮށް ހާރޑްވެއަރ ނެޓްވޯކިންގއަށް. މިކަމުގަ އަންހެނުން ހާސިލްކޮށްފައިވާ މިންވަރު ވަރަށް ކުޑަ. އެެހެންވެ އަންހެނުންނަށް ފުރުސަތު ހަނިވެ ގެއްލި މިދާއިރާގައި އިންސައްތަ ދަށީ

The name is already taken The name is available. Register?

މަރޭމިތުރާ

08 January 2019

[ތަފާތުކުރުމާއި ރީތިހުތުރައްވެސް ވަޒީފާދިނުމުގެކުރިން ދިވެހިންބަލާ! ތަފާތު ކެރޭކުއްޖެއްތޯ ވަޒީފާގެ ކުރިން އިންޓަރވިއުގައި އަހާ!]....... ވަޒީފާއަށް ފުރަތަމަ ސީވީ ފުނުވުމަށްފަހު ދިވެހިން ބަލަނީ އެކުއްޖެއްގެ ފޮޓޯއަށް ފުރަތަމަވެސް އެއަށްފަހު އިންޓަރވިއުއަށް ކިޔަނީވެސް. އަދި ތިއީ ކެރޭކުއްޖެއްތޯ އެއްވެސް މީހެއްގެ ފަރާތުން ނުފޫޒެއް އޮތްތޯވެސް އަހާނެ، އަދި ކުއްޖަކާއި ރައްޓެހިވެގެން އުޅުނު ކަމުގައިވިޔަސް އޮފީސްގެ ވާހަކަގޭމީހުންނަށް ނުކިޔައިދޭންބުނޭ!

The name is already taken The name is available. Register?

Imdad Zubair

08 January 2019

ޝަހޫ އަކީ މޮޅު ހުނަރުވެރި އަދި ޑިސިޕްލިން ކުއްޖެ. ގުޑްލަކް

The name is already taken The name is available. Register?

ދިސްވޭއޭ

08 January 2019

ރާއްޖޭގެ އަންހެން ކުދިންނަށް ވެސް އަދި ފިރިހެން ކުދިންނަށް ވެސް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ މާ އަވަހަށް ބޮންތީގައި ހިފަން ދިމާކުރުމެވެ. ވަޒީފާ ގައި އަހަރު ދުވަސް އުޅެފައި ޕްރޮމޯޝަން އަކަށް ބެލުން އެއީ ކޮށްގެން ވާނެ ކަމެއް ނޫން މަދުވެގެން ވަޒީފާ ގައި 3 އަހަރު ހޭދަ ކުރުމަށް ފަހު ޕްރޮމޯޝަން އަކަށް ބަލަން ޖެހޭނީ ވެސް ސަރުކާރުގެ އެޑްމިނިސްޓްރޭޝަން ސިސްޓަމް ގައި ތިޔާ ބުނާ ރަނގަޅު ސޮފްޓްވެއަރ އެއް ޑިވެލޮޕް ކޮށްފައި ނެތް ކަން އިނގޭނެ ތަމެންގެ ވެބް

The name is already taken The name is available. Register?

1828

08 January 2019

ވަޒީފާ ބޭނުންވަނީ ހަމައެކަނި މާލޭގެ ސަރުކާރުގެ އޮފީހަކުން. ކިހިނެއް އައިޓީ ކިޔަވައިގެންއަންނަ ހުރިހާ އަންހެނުންނަށް މާލޭ ސަރުކާރުގެ އޮފީހަކުން ވަޒީފާ ދޭނީ. ތިޔަށްވުރެއް އަންހެނުންގެ ވިސްނުން ފުޅާކުރަން ވެއްޖެ. މިހާރުވެސް ރާއްޖޭގެ ގިނަ ރިސޯޓްތަކުގެ އައިޑީ ޑިރެކްޓަރުން، މެނޭޖަރުން އަދި އެސިސްޓެންޓް މެނޭޖަރުންނަށް އުޅެނީ ބޭރުމީހުން. ސަރުކާރުގެ ވަޒީފާ ތަކުގައި ތިބެގެން ލިބޭ މުސާރައަށްވުރެއް ބޮޑު މުސާރައެއް ރިސޯޓުން ދޭނެ.

The name is already taken The name is available. Register?

ފުޅިތޮށި

08 January 2019

"ހުރިހާ ދާއިރާއެއްގަވެސް ޖެންޑާ ބެލެންސް އޮންނަންޖެހޭ"، އޭގެ ރަނގަޅުގޮތަކީ "ގެއާއި ކައިރީގަ ފިނިކޮޓަރީގަ ތިބެގެން ބޮޑެތި މުސާރަލިބޭ ހުރިހާ ދާއިރާއެއްގަވެސް ޖެންޑާ ބެލެންސް އޮންނަންޖެހޭ". މިސާލަކަށް ބޮޑުކަންނެލީގެ މަސްވެރިކަމަށް އަންހެނަކު ނެރެން ނޫޅޭނެ އެކަކުވެސް.

The name is already taken The name is available. Register?

މީވެސް އަންހެނެއް

08 January 2019

ކަންނެއްްޔައް ދާން ބޭނުމިއްޔާ ހަމަ ދާން ވީ. ފުރުސަތު ލިބެން ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454