ރިޕޯޓް / އެކްސިޑެންޓް

އެންމެ ހިނދުކޮޅަކުން ދިރިއުޅުން ފުނޑުފުނޑު!

ދެކެވެމުންދިޔަ ވާހަކައިގައި އުމަރު ސަލީމް ބައިވެރިވަމުން ގެންދިޔަ އެވެ. ނުހަނު އުނދަގުލުންނެވެ. ދަމަމުން، ލަސްލަހުން އުމަރު ދޭތެރެއަކުން އެ ބުނެލާ އެތި ދޭހަވާ މީހަކަށް އެ ތަނުގައި ހުރީ އޭނާގެ އަނބިމީހާ އެކަންޏެވެ. މާ ބޮޑު ހަރަކާތެއް ނެތި ގޮނޑީގައި ލެނގިލައިގެން އިން ފިރިމީހާގެ އަތުގެ ހަރުވެފައި ހުރި އިނގިލިތައް އިރުއިރުކޮޅާ ހުޅުވައިދެމުން، ފާތިމަތު ނައުފާ ތަރުޖަމާނެއްގެ ދައުރު ވެސް އަދާކުރި އެވެ.

"ކުރިން އަހަރެން މިއީ ހުރިހާ ކަމެއް އަމިއްލަ އަށް ކޮށްގެން އުޅުނު މީހެއް. މިއަދު އުޅުނީ ފަންކާއެއް ނުނިއްވިގެން،" ކޮޓަރީގެ ފާރުގައި ހުރި ސްވިޗުތަކަށް ލޮލުން އިޝާރާތްކޮށްލަމުން އުމަރު ބުނެލި އެވެ.

"އެންމެ ކަޑަވަނީ އެންމެ ސިމްޕަލް ކަންތައް ވެސް ނުކުރެވޭތީ."

އެއީ މީގެ ހަތް މަސް ކުރިއާ މުޅިން ތަފާތު ދިރިއުޅުމެކެވެ.

"ވަރަށް މިނިވަންކޮށް ވަރަށް އެކްޓިވްކޮށް (އުމަރު) އުޅުނީ،" ނައުފާ ބުނެލި އެވެ.

"ދުވަން ދާނެ، ކޮންމެ ދުވަހަކު ފުޓުބޯޅަ ކުޅެން ދާނެ، މޫދަށް ދާނެ. ފަތާނެ. ދަތުރެއް ދިޔަޔަސް، ރަށް ވަށައި ދުވާނެ. ފޮތް ކިޔާނެ. ޓެކްނޮލޮޖީއާ ވަރަށް ރައްޓެހިވާނެ. މިހާރު އެއް ކަމެއް ވެސް ނުކުރެވޭ."

ތެދެކެވެ. ގޭގެ ސިޓިން ރޫމުގައި ކުޅެން އިން އެ ދެމަފިރިންގެ ތުއްތު ދަރިފުޅަށް ވުރެ އުމަރުގެ ހަށިގަނޑުގެ ހަރަކާތްތެރިކަން ކުޑަ އެވެ.

އުމަރާއި އޭނާގެ އާއިލާގެ ހުރިހާ ކަމަކަށް ހުއްޓުން އެރީ މިދިޔަ މޭ މަހު އެވެ. އަލަށް ފެށި އަމިއްލަ ވިޔަފާރި އާއި އަލަތު ދަރިފުޅާ އެކު، އެއީ އުމަރުގެ ހަޔާތުގެ އެންމެ އުފާވެރި އަދި އުއްމީދީ ދުވަސްތަކެވެ. އެ އުޖާލާ ދަނޑިވަޅުގައި ހަތަރު މަހުގެ ދަރިފުޅާ އެއް ހާލަތަކަށް އުމަރު، 33، ވައްޓާލީ ހުޅުމާލޭގައި ބާރަށް ދުއްވާފައި ދިޔަ މީހެއްގެ ސައިކަލުން އޭނާގެ ސައިކަލުގައި ޖެހުނު އެކްސިޑެންޓެވެ. އޭގެ އަށް މަސް ފަހުން އުމަރު އަދިވެސް އެ އިންނަނީ އެއްވެސް ކަމެއްގައި އަމިއްލަ ބާރެއް، އިޚްތިޔާރެއް ނެތިފަ އެވެ. ރަނގަޅަށް ވާހަކަ ނުދެއްކިފަ އެވެ. ހިނގައިނުގަނެވިފަ އެވެ.

އުމަރު އޭނާގެ ދަރިފުޅާ އެކު، އެކްސިޑެންޓުގެ ކުރިން (ކ) އަދި ފަހުން

ފާތުމަތު ޔޫސުފަށް، އޭނާގެ ހަމައެކަނި ދަރިފުޅު އޮއްތޮއަކީ ދަރިއެއް، ފިރިއެއް، ބައްޕައެއް އަދި އެކުވެރިއެއްގެ ގޮތުގައި ވެސް ނަމޫނާއެކެވެ. ބުރަކޮށް މަސައްކަތްކުރަމުން އައި ތެދުވެރި، ވަފާތެރި، ހިތްތިރި، މަޑުމައިތިރި، އެންމެންގެ އިހުތިރާމް ލިބިފައިވާ އަދި އެންމެންނަށް އިހުތިރާމްކުރާ ޒިންމާދާރު ޒުވާނެކެވެ. އެއް ދުވަހެއްގެ ހަވީރު ހުޅުމާލޭގައި ހުރެފައި ފާމަސީއަކަށް އޭނާ ކުރި ނަސީބު ދެރަ ދަތުރު ވެސް ފަހަރުގައި ބުނެދެނީ، އެހެން މީހުންނަށް ބަލައިގެން އުޅުމުގެ ސިފަ އުމަރުގެ ކިބައިގައި ހުރި ކަމެވެ.

"އޮއްތޮގެ ދަރިފުޅު މިކާ އަށް ބޭނުންވާ އެންޓިބަޔޮޓިކެއް ގެނައި އިރު މާ ގިނައިން ލިބުނީމާ ބާކީވާ ބައި ޑިސްޕެންސަރީ އަށް ލާން އެ ދުވަހު ދިޔައީ. އޭރުން ކޮންމެވެސް އެހެން މީހަކަށް މި އެއްޗެހި ލިބޭނެއެއް ނޫންހޭ ކިޔާފައި،" މިދިޔަ ރޯދަމަހު، މޭ 29ގައި، ހުޅުމާލޭ ސިނާއީ ސަރަހައްދުގައި އުމަރު އެކްސިޑެންޓްވާން ދިމާވި ގޮތް އޭނާގެ މަންމަ ފާތުން ކިޔައިދިނެވެ.

"ޑޮކްޓަރު ބުނެގެން ފުލުހުން ދެއްކި ސީސީޓީވީ ފުޓޭޖު އަޅުގަނޑުމެން ވެސް ބެލިން. ގަވާއިދު ފަޅިން އޮއްތޮ މަޑުމަޑުން ދުއްވާފައި ދަނިކޮށް ވަރަށް ބާރަށް ދުއްވާފައި އައި ޒުވާނެއްގެ ސައިކަލުން ޖެހުނީ. އެ ސައިކަލު އޮއްތޮގެ ކުރީ ފުރޮޅަށް އަރާފައި ވަރަށް ބާރަށް އެނބުރިގަތް ގޮތަށް އޮއްތޮ އުއްޑުން ވެއްޓި ޖެހުނީ. ސިކުނޑި

އެއްކޮށް ގުޑާފައި ހުރީ."

ބޮޑެތި ޒަޚަމްތަކެއް ލިބި ސިކުނޑި އަށް ލޭއެޅިފައި ވަނިކޮށް އުމަރުގެ ފުރާނަ ސަލާމަތްކޮށްދިނީ ހުޅުމާލޭ ހޮސްޕިޓަލުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރުމުން އެ ތަނުން ކުރި ބޮޑު އޮޕަރޭޝަނެވެ. ފާތުން ކިޔައިދިން ގޮތުގައި ޑޮކްޓަރުންނަކަށް ވެސް އޭނާއާ މެދު އޭރު މާ ބޮޑު އުއްމީދެއް ނެތެވެ. އެކަމަކު ތިން ހަފްތާ ވަންދެން ކޯމާއެއްގައި ބާއްވާފައި ހޭއަރަން ފުރުސަތު ދިނުމާ އެކު އުމަރު ލޯ ހުޅުވާލި އެވެ. ދެން އައީ ތުއްތުކުއްޖެއް ފަދައިން ހުރިހާ ކަމެއް އަލުންބަލުން ފަށައިގަންނަން ޖެހުނު ދުވަސްތަކެވެ.

"ސާޖަރީ އަށް ފަހު ހަމަ ވާ ގޮތަކީ ބޭބީއެއް ގޮތަށް ނިދެނީ،" އޭރުގެ ހާލަތު ފާތުން ކިޔައިދިނެވެ.

"މީހުން ދައްކާ ވާހަކަ އެނގޭ، އެކަމަކު އެއްގޮތަކަށް ވެސް ވާހަކައެއް ނުދެއްކޭ. ދެން އޮއްތޮއަކީ ވަރަށް ސްމާޓް ކުއްޖެއް. އެހެންވީމާ ފަހުން ހަދަން ފެށި ގޮތަކީ ބޮޑުކަމު ދެވުނަސް ކުޑަކަމު ދެވުނަސް، އެކަން އަންގަން ކުޅުޖަހަނީ. އެ ހިސާބުން އަޅުގަނޑުމެންނަށް އެނގޭނެ ނެޕީ ބަދަލުކުރަންވީ ކަން. އޭރު ވަރަށް ކުޑަކޮށް ލޯ ހުޅުވާލަނީ ވެސް. ނެގީމަ ވެސް އެއްގޮތަކަށް ވެސް ނުހިނގޭ، ހިފަހައްޓައެއް ވެސް ނުލެވޭ. ގޮނޑީގައި ބޭންދީމަ ވެސް ހަމަ ނިދެނީ."

ދެ މަސް ފަހުން އިތުރު ފަރުވާ އަށް އުމަރު ބެންގަލޫރަށް ގެންދިޔަ ހިސާބުން އާއިލާ އަށް ޔަގީންވީ ސިކުނޑީގެ ވާތް ފަރާތަށް ގެއްލުމެއް ނުލިބި ސަލާމަތްވެފައިވާތީ، އެ ފަޅީގެ މަސައްކަތްތައް ދެމިހުންނާނެ ކަމެވެ. މާނައަކީ ހަނދާންތަކާއި މީހުން ދަތުމާއި ކިޔެވި އެއްޗެއްސާއި އޮސްޓްރޭލިއާ އިން އޭނާ ހޯދި މަތީ ތައުލީމާއި އެނގިފައި ހުރި ކަންކަން ކުރިއެކޭ އެއްގޮތްވާނެ އެވެ. އެ ހުރިހާ ކަމެއް ބަރާބަރެވެ. އެކަމަކު އުމަރަށް ދުލުން ކިރިޔާ އެއްޗެކޭ ބުނެލެވޭ ވަރު ވީ އެކްސިޑެންޓަށް ހަތަރު މަސް ފަހުންނެވެ. މިހާރު ވެސް އޭނާ ދައްކާ ވާހަކަ ސާފުވާ ވަރުވަނީ ގާތުގައި އުޅޭ މީހުންނަށް އެކަންޏެވެ.

"'މަންމަ' ވަރަށް ރީއްޗަށް ކިޔާ. 'ނައުފާ' ކިޔާނެ. ދެން އޮއްތޮ ދަރިފުޅުގެ ނަން ކިޔަން ވަރަށް މަސައްކަތްކުރާނެ. އެކަމަކު 'މި' ކިޔާފައި 'ކާ'އެއް ނުކިޔޭ،" ފާތުން ބުންޏެވެ.

އޮކްޓޯބަރު ފަހުކޮޅު އެނބުރި ރާއްޖެ އައީއްސުރެ ދުވާލަކު ދެ އިރު ޓްރީ ޓޮޕް ހޮސްޕިޓަލަށް އުމަރު ގެންގޮސްގެން ފަރުވާ ހޯދި އެވެ. މިހާރު އެ ފަރުވާތައް ހޯދަނީ އައިޖީއެމްއެޗުންނެވެ. ކޮންމެ ދުވަހަކު ހެނދުނު މޫދަށް ވެސް ގެންދެ އެވެ.

ފިޒިއޮތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީގެ ނަތީޖާ މަޑުމަޑުން އަންނަނީ ފެންނަމުންނެވެ. އެކަމަކު ހަށިގަނޑުގެ ކަނާތް ފަޅީގެ ނާރުތަކަށް ލިބިފައިވާ ގެއްލުންތަކާ އެކު، އުމަރަށް އާދައިގެ ހާލަތަކަށް ދެވޭނީ ކޮން ދުވަހަކުން ކަމެއް އަދިވެސް ނޭނގެ އެވެ. ޑޮކްޓަރުން ލަފާކުރަނީ އަހަރުތަކެއް ވަންދެން ވަރަށް ވަރުގަދަ އަށް ފިޒިއޯތެރަޕީ ދޭން ޖެހޭނެ ކަމަށެވެ.

"އެންމެ ކުރިން ގޮނޑިއެއްގައި ވެސް ނީނދެވޭ. ވީލް ޗެއާގައި ބައިންދަނީ ވެސް ބެލްޓް އަޅުވާފައި. ކަނދުރާ ހަރެއް ނުލައި. ހަށިގަނޑު ތެދެއް ނުކުރެވޭ. މިހާރު އިރާދަކުރެއްވީތީ ހަށިގަނޑު ސީދަލަށް ބެހެއްޓޭ. ކަނދުރާ ރަނގަޅު. ކެވޭ. ވެފައި ހުރި ވަރާ ބަލާފައި މިހާރު އަޅުގަނޑުމެން ހިތްހަމަޖެހޭ. އެކަމަކު ރަނގަޅުވާލެއް ލަސް،" ފާތުން ކިޔައިދިނެވެ.

"ﷲގެ ކުޅަދުންވަންތަކަން ދެން އޮތީ. ޑޮކްޓަރުން ބުނާ ގޮތުން ގިނަ ދުވަސްތަކެއް ނަގާނެ. އެކަމަކު ހީ ވިލް ބީ ބެކް، ސަތޭކަ ޕަސެންޓް ރަނގަޅު ނުވި ކަމުގައި ވިޔަސް. ދެން ހަމަ ދުއާކޮށްލައިގެން މި ތިބެނީ."

"އެހެން މީހުންނަށް ޚިޔާލަށް ވެސް ނުގެނެވޭނެ"

އެކްސިޑެންޓާ އެކު ހުރިހާ ކަމެއް ހުއްޓުމަކަށް އައީ އުމަރަށް އެކަންޏެއް ނޫނެވެ. އޭނާގެ އާއިލާ އަށް ވެސް މެ އެވެ. ފާތުންގެ ބަހުން ނަމަ، އުމަރު އެކަނި ދޫކޮށްލެވެން ނެތުމުން "އެންމެންގެ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިގެން" ދިޔަ އެވެ. ވަޒީފާ މެދުކަނޑާލާފައި އަދި ހުއްޓާލާފައި އުމަރުގެ މައިންބަފައިންނާއި އަންހެނުން ހުރިހާ ވަގުތެއް އޭނާއަށްޓަކައި ހުސްކުރި އެވެ. ތުއްތުކުއްޖަކު ވެސް ބަލަމުންނެވެ.

"ވަރަށް އުފަލުގައި އުޅެނިކޮށް، ހުރިހާ ކަމެއް ހަމަޔަކަށް އެޅެމުން އަންނަނިކޮށް، ކުއްލިއަކަށް ދިރިއުޅުން ފުނޑުފުނޑުވީހެން ހީވީ،" ނައުފާ ކިޔައިދިނެވެ.

"ސިކުނޑި އަށް ގެއްލުން ލިބުމަކީ ކުޑަކުއްޖެއްހެން އަނެއްކާވެސް ބޮޑުކުރުން. ދެން ކުޑަކޮށް ވެސް ފަސޭހައީ އޮއްތޮގެ ހަނދާންތައް ނުގެއްލި ހުރީމާ. އެކަމަކު އަސާސީ ހުރިހާ ކަމަކަށް ވެސް އެހީތެރިކަން އެބަ ބޭނުންވޭ."

އެކްސިޑެންޓުގެ ފަހުން އުމަރު އޭނާގެ އަންހެނުންނާއި ދަރިފުޅާ އެކު

ފަރުވާ ހޯދާތާ އެތައް މަހެއް ވެފައިވާ އިރު ދިރިއުޅުމަށް އައި ހީނަރުކަމުގެ ނަފްސާނީ ބުރަ ވެސް އުމަރާއި އާއިލާ އަށް ބޮޑުކަން ނައުފާ ފާހަގަކުރެ އެވެ.

"ތިމަންނަ އަށް އަނބިމީހާއަކަށް، ދަރިފުޅަކަށް، އާއިލާއަކަށް އެއްވެސް ކަމެއް ނުކޮށްދެވެއޭ، އެކަހަލަ ފިކުރުތައް އޮއްތޮގެ ކިހާ ގިނަވާނެ؟" އޭނާ ބުނެލި އެވެ.

"ނިދީގައި ހުވަފެނެއްގައި އޮވެފައި ހޭލެވިފައި ހިތަށް އަރަނީ ހިނގޭނެއޭ، ހިނގާފައި ދާންވީއޭ ފާޚާނާ އަށް. ދެން ނުދެވުނީމާ ރުޅިއާދެވެނީ. މި ކަހަލަ އެތަކެއް ބައިވަރު ކަންކަން އެބަހުރި. އެހެން މީހުންނަށް ޚިޔާލަށް ގެންނާކަށް ވެސް ނޭނގޭނެ. އޮއްތޮއާ އެއްކޮށް އަހަރެމެން އެންމެން ވެސް މި ކަހަލަ ބައިވަރު ކަންކަން އެބަ ތަހައްމަލްކުރަން، އަދި ތުއްތުކުއްޖެއް ވެސް ގެންގުޅެމުން. ދަރިފުޅަށް ވެސް، ބައްޕަގެ ފަރާތުން އެތައް ކަމެއް ނުލިބި މި ދަނީ."

"އޭނާ އެ ހަލާކުކޮށްލީ މީހެއްގެ ދިރިއުޅުން"

އާއިލާގެ އެންމެ ބޮޑު އުދާހަކީ އަމިއްލަ ކުށެއް ނެތް އެކްސިޑެންޓެއްގައި އުމަރު ނުކުޅެދުންތެރި ހާލަތަކަށް ދިޔުމުގެ ބޭއިންސާފާއި ބާރަށް ސައިކަލު ދުއްވި މީހާ ނަގަން ޖެހުނު ޒިންމާއެއް ނެތުމެވެ. އެކްސިޑެންޓުގައި މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ އެ ޒުވާނާއާ މެދު ފިޔަވަޅެއް އަޅާފައި ނުވާކަން އެ މީހުންނަށް ބަލައެއް ނުގަނެވެ އެވެ.

"އެ ކުއްޖާ ގަސްދުގައި ކުރި ކަމެއް ނޫން. އެކަމަކު އޭނާ އެއްވެސް ވަރަކަށް ޒިންމާދާރު ކުރުވުމެއް ނެތި އެހެރީ މުޖުތަމައު އަށް ދޫކޮށްލާފައި،" ފާތުން ބުންޏެވެ.

ނައުފާ ކިޔައިދިން ގޮތުގައި ފުލުހުން އާއިލާ އަށް ދިން ޖަވާބަކީ، އެކްސިޑެންޓުގައި އުމަރު މަރުވެފައި ނުވާތީ، އެ ޒުވާނާ ހައްޔަރުކުރެވެން ނެތް ކަމެވެ.

"އެކަމަކު އޭގައި އިންސާފެއް ކޮބާ؟ އޭނާ އެ ހަލާކުކޮށްލީ މީހެއްގެ ދިރިއުޅުން. އޭނާ ދޫކޮށްލާފައި ހުއްޓާ އަނެއްކާވެސް އެހެން މީހަކަށް މި ގެއްލުން ދޭނީ،" އޭނާ ބުންޏެވެ.

އަނެއްކޮޅުން، އެ ޒުވާނާ ހިމެނޭ އެކްސިޑެންޓުތަކެއް ކުރިންނާއި ފަހުން ވެސް ހިނގާފައިވާ ކަމަށް ވެ އެވެ. މި މައްސަލައިގައި ސަރުކާރުގެ ޒިންމާ އޮތް ކަމަށް އާއިލާ އިން ބުނަނީ އެހެންވެގެންނެވެ.

"އޭނާއަކީ ހުޅުމާލޭގައި ބާރަށް ދުއްވަން ނަން މަޝްހޫރު ކުއްޖެއް. އަޑުއިވޭ ގޮތުގައި މިއީ އޭނާގެ ތިންވަނަ އެކްސިޑެންޓް. އަދި އޭގެ ފަހުން އޭނާގެ ރަށުގައި ހަތަރުވަނަ އެކްސިޑެންޓެއް ވެސް ހިނގައިފި ކަމަށްވޭ،" ނައުފާ ބުންޏެވެ.

"މިއީ ސަރުކާރުގެ ސަބަބުން ވީ ކަމެއް. އެއީ، ދެ އެކްސިޑެންޓު ހިނގީމާ ދެން އެ ކުއްޖާ އިންނަން ޖެހޭނީ ޖަލުގައި ނުވަތަ ކޮންމެވެސް ކަހަލަ ތަނެއްގައި."

"ހެލްމެޓް އަޅުވާށޭ!"

އެކްސިޑެންޓާ ބެހޭ ގޮތުން އުމަރު ދައްކަން އޮތް އެންމެ މުހިއްމު ވާހަކައަކީ މި އެވެ. އޭނާގެ "ހިތަށް އަރަނީ ހެލްމެޓް އަޅައިގެން ހުރި ނަމަ މިހެނެއް ނުވާނެއޭ" އެވެ. އުމަރު ބުނާގޮތުގައި މަޖުބޫރު ކަމެއް ނަމަ އޭނާ ހުރީހީ ހެލްމެޓް އަޅައިގެންނެވެ.

"ހެލްމެޓް އަޅުވާށޭ. އެކަމާ މެދު ހަރުކަށިވާން ޖެހޭނެއޭ،" އުމަރު އޭނާގެ މެސެޖަކީ ކޮބައިކަން ބުނެދިނެވެ.

ނައުފާ ވެސް ބުނަނީ "ބާރަށް ދުއްވުން، މީހުން ގައިގައި ޖެއްސުން، ހެލްމެޓް ނާޅައި އުޅުން މިއީ މަޖާ ކަމެއް، ނުވަތަ އާދައިގެ ނޫން" ކަމަށެވެ.

އެކްސިޑެންޓުތަކުގައި އުމަރުގެ ބޮލަށް ލިބުނު ކަހަލަ ބޮޑެތި ގެއްލުންތަކުން އެހެން މީހުން ސަލާމަތްކުރަން ހެލްމެޓް އެޅުން މަޖުބޫރުކުރަން ޖެހޭ ކަމަށް ފާތުން ވެސް ގަބޫލުކުރެ އެވެ. އެކްސިޑެންޓުތައް ގިނަވެ އެތައް ބަޔަކު މަރުވެ ނުވަތަ ނުކުޅެދުންތެރިކަމަށް ވެއްޓެމުންދާ މި ދަނޑިވަޅުގައި ސަރުކާރުން ވަނީ މާޗް 10 އިން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުކޮށްފަ އެވެ. އަދި ސަރުކާރުން ހިލޭ 5،000 ހެލްމެޓް ބަހަން ކުރިން ނިންމައިފައިވެ އެވެ. އަމިއްލަ އިޚްތިޔާރަށް ދޫކޮށްލާފައި އޮވެގެން މީހުން ހެލްމެޓް އަޅައިފާނެ ކަމަކަށް އުމަރާއި އޭނާގެ އާއިލާ އިން ވެސް ނުދެކެ އެވެ.

"ހެލްމެޓް އަޅަން މަޖުބޫރުކުރުވައި މަގުމަތީގެ ގަވާއިދުތަކާއި މި ކަހަލަ އެކްސިޑެންޓްތައް ވީމާ ފިޔަވަޅުއެޅުން ހަރުދަނާކުރަންވީ. ބާރަށް ދުއްވާ މީހުން ހުއްޓުވަން ޖެހޭ. ސީސީޓީވީ ކެމެރާ އާއި ލައިޓްތައް ބަހައްޓައިގެން މި މީހުންނަށް ޕޮލިސް އެބަ ފާރަލާން ޖެހޭ. އެކްސިޑެންޓެއް ހިނގީމާ ޕޮލިހުން އެބަ ޖެހޭ އެކަމަށް ބަޔަކު ޒިންމާކުރުވަން ވެސް،" ފާތުން ބުންޏެވެ.

ދަތިތަކާ އެކު އެތައް ޝަކުވާއެއް

ދަރިފުޅުގެ އެކްސިޑެންޓަކީ ފާތުން އަށް އެތައް ގޮތަކުން ހިތި ތަޖުރިބާއެކެވެ. ދަތިތަކާއި ހުރަސްތައް ކުރިމަތިވި އިރު އެތައް ދިމާލަކުން ބޮޑެތި މައްސަލަތައް އޭނާ އަށް ފެނުނެވެ. އެއާ އެކު އޭނާ ދެކެން ބޭނުންވާ ބަދަލުތައް ގިނަ އެވެ.

ފާތުންގެ ހިތުގައި ޝަކުވާތައް ވަނީ ފުނިޖެހިފަ އެވެ. ޕްރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި ސަރުކާރުގައި 34 އަހަރު އުޅުނު އިރު ވެސް، މި ކަހަލަ ބޮޑު ކަމެއް ދިމާވީމާ، ޚާއްސަ ޗުއްޓީއެއް ލިބޭނެ ގޮތެއް ހަމަޖެހިފައި ނެތުމެވެ. އަދި އުމަރުގެ ފަރުވާ އަށް ޚަރަދުކުރަން ޕެންޝަން ފަންޑުން ފައިސާ ނެގެން ވެސް ނެތުމެވެ.

"މި ކަހަލަ އިމަޖެންސީތަކުގައި ޕެންޝަން ފައިސާ ނެގޭ ގޮތަށް ހަމަޖައްސައި ބަޔަކު މީހުން އައިސް ބަލައި އިވެލުއޭޓްކޮށްފައި ހައްގުވާ މީހުންނަށް އެ ފައިސާ ދޫކުރަން އެބަ ޖެހޭ،" ފާތުން ބުނެލި އެވެ.

"ގައުމަށް ޚިދުމަތް ކޮށްދިނީމާ އެންމެ ކުޑަމިނުން ޕޭ ލީވްއެއް އަޅުގަނޑަށް އެބަ ލިބެން ޖެހޭ. އަދި ވަޒީފާ އަށް ނުކުތަސް މި ކަހަލަ ހާލަތެއްގައި ކިހިނެއްތޯ އަޅުގަނޑުގެ ސިކުނޑި މަސައްކަތްކުރާނީ؟"

އެކްސިޑެންޓުތަކާއި އިމަޖެންސީ ހާލަތްތަކުގައި ދޭން ޖެހޭ ސިއްހީ ޚިދުމަތްތަކާއި އުމަރު ފަދަ މީހުންނަށް ދެން ބޭނުންވާ ފަރުވާ އެކަށީގެންވާ ގޮތަކަށް ލިބެން ނެތުމާއި އަމިއްލަ ތަންތަނުން ލިބެން ހުރި ފަރުވާތަކަށް ކުރަން ޖެހޭ ޚަރަދު ބޮޑުވުމަކީ އުމަރުގެ އާއިލާގެ އަނެއް ކަންބޮޑުވުމެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ނެތް ނަމަ އުމަރުގެ ފުރާނަ ސަލާމަތެއް ނުވީހެވެ. އެ މީހުންގެ ހުރިހާ ޝުކުރެއް އޭނާ އަށް ފަރުވާ ދިން އެ ތަނުގެ ޓީމަށެވެ. އެކަމަކު ޓްރީ ޓޮޕުން އިތުރު ފަރުވާ ހޯދަން ކުރަން ޖެހުނު ޚަރަދު ވަރަށް ބޮޑެވެ.

އުމަރު، ބެންގަލޫރުގައި އޭނާ އަށް ފަރުވާދިން ޓީމާ އެކު

"ޓްރީ ޓޮޕުން އާސަންދަ ލިބެނީ ހަމައެކަނި ފިޒިއޯ އަށް. އޮކިއުޕޭޝަނަލް ތެރަޕީ އަށާއި ސްޕީޗް ތެރަޕީއަކަށް އާސަންދައެއް ނުލިބޭ. ދެ އިރު މާލެ އިން ހުޅުމާލެ އަށް ދާން ވެސް ދުވާލަކަށް ޓެކްސީ ޚަރަދަށް ދިޔަ 400 ރުފިޔާ އަދި ހުރިހާ ތެރަޕީތަކަށް ހާހަކަށް ވުރެ ގިނަ ރުފިޔާ،" ފާތުން ކިޔައިދިނެވެ.

"އައިޖީއެމްއެޗުން މި ފަރުވާތަކަށް އާސަންދަ ލިބޭ. އެކަމަކު ފަރުވާ ލިބޭނީ އައިޖީއެމްއެޗުން ޖާގަ ލިބިއްޖެއްޔާ. އެހެން ނޫނިއްޔާ ގޭގައި އިންނަންވީ،" ނައުފާ ބުނެލި އެވެ.

"މި ކަންތައް ހިނގީ ހުޅުމާލޭގައި ކަމަށް ވީމާ ފުރަތަމަ ޓްރީ ޓޮޕަށް ދިޔައީ. އެ ތަނަށް ދިޔައިމަތާ މި ވަރު ވެސް މި ވީ؟ އައިޖީއެމްއެޗުގައި ނެތް، ނިއުރޯސާޖަންއެއް ވެސް. އެހެންވީމާ ރާއްޖޭގައި އޮޕްޝަންތައް ވަރަށް މަދު. ފައިސާ ހުރި ބަޔަކަށް ރާއްޖެ އިން ބޭރަށް ދެވެނީ. ސަރުކާރަކުން މި ކަހަލަ ކަންކަމަށް އެއްވެސް ކަހަލަ ސްކީމެއް އެއްޗެއް ނެތް. އާސަންދަ އޮތަކަސް ހުރިހާ ކަމެއް ކަވައެއް ނުކުރޭ."

"އެންމެން އުމަރުހާ ނަސީބު ގަދައެއް ނުވާނެ"

އާއިލާގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ކުއްލި ހާދިސާތަކުގައި މިފަދަ ބޮޑެތި އަނިޔާ ލިބޭ މީހުންނަށް ޚާއްސަ އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ.

"އަހަރެމެންގެ އަތްފޯރާ ވަރު ވާތީ، ޓްރީ ޓޮޕްގައި ބޭއްވުނީ. އެކަމަކު ފަގީރު މީހަކަށް މިހެން ވި ނަމަ ކިހިނެއް ވާނީ؟" ނައުފާ ކުރީ މުހިއްމު ސުވާލެކެވެ.

"ސަރުކާރުން މި ކަހަލަ ކަންކަމުގައި ހަމަ އެއްވެސް ކަހަލަ އަޅާލުމެއް ނެތް."

ފާތުން ދެކެނީ "ދިވެހި ރައްޔިތަކަށް ވީތީ އޮއްތޮ އަށް ލިބެން ޖެހޭ ހައްގުތައް ލިބެން ޖެހޭ" ކަމަށެވެ. އާސަންދަ ލިބިގެން އުމަރު ރާއްޖެ އިން ބޭރަށް ގެންގޮސްގެން އިތުރު ފަރުވާދޭން އޭނާ ބޭނުންވެ އެވެ.

"އަޅުގަނޑުމެންނަށް މި ޚަރަދުތައް ކޮށް އޮއްތޮ ބަލަހައްޓާ މި ހެދެނީ ތިން އާއިލާ އެކުވެގެން. އެކަމަކު އަބަދަކު ނުވާނެ ދެއްތޯ؟ އެހެންވީމާ ސަރުކާރުން އެބަ ޖެހޭ ކޮންމެވެސް ކަމެއް ކޮށްދޭން. މީހުން ކައިރީގައި ސަލާން ޖަހާނީ ކިހިނެއް؟ އެކަމަކު މިހެން ހުރެފައި އެއް ދުވަހަކު އެކަން ކުރަން ވެސް ޖެހިދާނެ،" ފާތުން ކަންބޮޑުވުން ފާޅުކުރި އެވެ.

އެކްސިޑެންޓްތަކާއި އިމަޖެންސީ ހާލަތްތަކުގައި ވަގުތުން ހަރަކާތްތެރިވެ މައުލޫމާތު އެއްކޮށް ފިޔަވަޅުތައް އަޅައި އާއިލާތަކަށް ކަންކަން ފަހިކޮށްދޭ ޓީމެއް ސަރުކާރުގައި އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ދެކެ އެވެ. ފާތުން ފާހަގަކުރާ ގޮތުގައި އެފަދަ ހާދިސާތަކުގައި ބޮޑެތި އަނިޔާތައް ލިބި ދިރިއުޅުން އެކޮޅުކޮޅުން ޖެހުމަކީ އެންމެންނަށް އުފުލޭ ވަރަށް ވުރެ ބޮޑު ތަކުލީފެކެވެ.

"އުމަރުގެ މި ކަހަލަ އާއިލާއެއް ނެތް ނަމަ މުޅި އުމުރަށް އޭނާ އޮންނާނީ އެނދުމަތިވެފައި. ﷲގެ ރަހުމަތްފުޅުން އަޅުގަނޑުމެންގެ ގައިބާރު ވެސް އެބަ ހުރި. އެކަމަކު އެންމެން އުމަރުހާ ނަސީބު ގަދައެއް ނުވާނެ،" ފާތުން ބުންޏެވެ.

އުމަރުގެ ނަސީބަކީ އޭނާގެ ވަށައިގެން ތިބި މީހުންނެވެ. ފާތުން ގަބޫލުކުރާ ގޮތުގައި އޭނާ އާއި ކުޅިވަރު ޝަޚުސިއްޔަތު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)ގެ ދަރިފުޅު ރަނގަޅުވަމުން އައުމުގެ އެއް ސިއްރަކީ އެންމެންގެ ފަރާތުން ލިބޭ ލޯތްބެވެ.

"އޮއްތޮގެ ރިކަވަރީ ރަނގަޅަށް ދަނީ އަޅުގަނޑުމެންގެ ތިން އާއިލާގެ ސަބަބުން. ނައުފާ ވަރަށް ލޯބިން ހުރިހާ ކަމެއް ކޮށްދެނީ. ނައުފާގެ މުޅި އާއިލާގެ ސަޕޯޓް ވެސް ވަރަށް ލިބޭ. އޮއްތޮ ބައްޕަ ފަރާތު އާއިލާ އާއި މަންމަ ފަރާތު އާއިލާގެ ސަޕޯޓް ވެސް ވަރަށް ލިބޭ. އަނެއްކާ އޮއްތޮގެ ތިބެނީ ވަރަށް ރަނގަޅު އެކުވެރިން. އެއީ ކަންނޭނގެ އޭނާގެ ރިކަވަރީ އަށް ލިބޭ އެންމެ ބޮޑު އެހީއަކީ،" ފާތުން ކިޔައިދިނެވެ.

އެކްސިޑެންޓްވީ ދުވަހު އުމަރު ފާމަސީއަކަށް ދާން ނައްޓާލީ ހުޅުމާލޭގައި ރައްޓެއްސަކާ އެކު އޭނާ ހުޅުވާފައިވާ ވަޑާންގޭގައި ހުރެފަ އެވެ. އަމިއްލަ ވިޔަފާރިއެއް ފެށި ބުރަ ދަނޑިވަޅުގައި އުމަރަށް ކުއްލިއަކަށް މަސައްކަތް ހުއްޓާލަން ޖެހުމުން، ކުންފުނި ކުރިއަށް ގެންދަނީ ރަހުމަތްތެރިޔާގެ ހިތްވަރުންނެވެ.

"ވަރަށް ރަނގަޅު ޕާޓްނަރެއް އޮއްތޮގެ ހުރީ. ނައުފާ ވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ،" ފާތުން ބުނެލި އެވެ.

"އޮއްތޮ އަބަދުވެސް ބޭނުންވާނެ އަމިއްލަ ފައިމައްޗަށް ތެދުވަން. އެހެންވީމާ އަމިއްލަ އަށް ވިޔަފާރީގެ ތެރެއަށް ވަދެގެން ޑިޒައިންކުރުމާއި ލަކުޑިން އެއްޗެހި ހަދާ މެޝިން ގެނެސްގެން، ރައްޓެއްސަކާ ދެ މީހުން ވެގެން މޭކްޝޮޕްގެ ނަމުގައި ވޯކްޝޮޕެއް ހުޅުވީ. ވިޔަފާރި ކޮޅަށް ޖަހަން ވެގެން ރެ އާއި ދުވާލު މަސައްކަތުގައި އުޅެނިކޮށް މިކަން ދިމާވީ."

ވޭތުވެދިޔަ ހަތް މަސް ތެރޭގައި އުމަރުގެ ހާލަތަށް އައިސްފައިވާ ކުރިއެރުމާ މެދު އޭނާގެ ވަށައިގެން އުޅޭ އެންމެން ވެސް އުފާކުރެ އެވެ. އުމަރުގެ އަމިއްލަ ބަހުން ނަމަ، އޭނާ "ކުރިން ހަމަ އޮންނަނީ" އެވެ؛ މިހާރު "ވަރަށް ބޮޑަށް" ރަނގަޅެވެ. ދެން އޮތީ ކުރީގެ އުފާވެރި، ހަރަކާތްތެރި ދިރިއުޅުމަށް އެނބުރި ދިޔުމުގެ އިންތިޒާރެވެ.

"އެންމެ މިސްވަނީ (ފުޓުބޯޅަ) ކުޅުން،" އުމަރު ބުނެލި އެވެ.

އޭނާ އުއްމީދު ނަގައެއް ނުލަ އެވެ.

141 ކޮމެންޓް, 875 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 98%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޔާސިފް

30 May 2019

އުމަރުއާއި އާއިލާއަށް ހެޔޮދުޢާ...

The name is already taken The name is available. Register?

ހަސަންކޮއި

30 May 2019

މިބާވަތުގެ ހިތްދަތި ހިތާމެވެރި ހާދިސާތަކުން ސަލާމަތްވެވޭނީ ގަވާއިދާއި ގާނޫނު ގެގެހެއްޓިގެން. އުމަރު ގެން ކޮންކުށެއް އޮވެގެން ބާ ދިރިއުޅުން މިހާހޮތްދަތި ހިސާބަކަމިދިޔައީ، އަދި އުމަރަށް ދިމާވިފަދަ ނުވަތަ އެއަށްވުރެން ހިތާމެވެރި ގޮތްތަށް މެދުވެރިވި ކިތަޢް އާއިލާތޯ އުޅޭނީ. އެންމެންގެ ސަލާމަތަކަށް ބާރަށް ދުވާމީހުން މަގުމަތީ ގަވާއިދާހިލާފުވާމީހުން ބޮޑެތިއަދަބުދީ މައިތިރިކުރުވެން ެބަޖެހޭ

The name is already taken The name is available. Register?

ނޭންްްްްގެ

25 March 2019

އާމީން

The name is already taken The name is available. Register?

ޜަވީ

24 January 2019

ސަރުކާރު ސަރުކާރު ސަރުކާރު ހުރިހާކަމެއް ސިޔާސީ ކޮށްފަ ނުގެނެވިގެން އުޅޭބައިގަނޑު ތިތިބީ ގައުމުހިންގަން މިހާރު އެކްސިޑެންޓް އެއްނުވާނެ

The name is already taken The name is available. Register?

ބެނޭ

23 January 2019

މާތްﷲ އުމަރުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި

The name is already taken The name is available. Register?

ހަސަނުގެ

23 January 2019

ނުބައިފަރާތުން އޯވަރޓޭކު ކުރާ މީހުން ގެ ސަބަބުން މިފަދަ ކަން ކަން ބޮޑައް ހިންގާތަން މި ފެން ނަނީ ގަވައިދުން ދުއްވާ މީހާ ބޮޑައް ގަވައިދު ފަޅިއައް ޖެހި ކަނާތް ފަލިން ގާގަ ދޭން އުޅޭއިރު ފަހަތުން އަންނަ އެތި ވާތް ފަޅީން އެރީމަ ގަވާއިދުން ދުއްވާ މީހާ ފުންޑެނީ.

The name is already taken The name is available. Register?

ްްޤައުމު

23 January 2019

ފޫލުހުންގެ ޖަވާބުން ދޭހަވަނީ ބާރު ސްޕީޑްގަ ވެހިކަލް ދުއްވުމަކީ ކުއްވެރިވާނެ ކަމެއް ނޫންކަން އަދި ބާރު އެކްސިޑެންޓްއެއް ވެގެން މީހަކު މަރުނުވާ ހިދަކު އެ ހިނގި އެކްސިޑެންޓާއި ގުޅިގެން އެއްވެސް އަދަބެއް ނުދެވޭނެކަން. އެހެންވީމަ ފުލުހުންނަށް އާންމު ރައްޔިތުންނަށް ހޯދައިދެވޭނެ އެއްވެސް ރައްކާތެރިކަމެއް ނެތް. އެމީހަކާ އެމީހެއެއް. ރައްކާވެ ތިބިއްޔާ ދަތުރެއް.

The name is already taken The name is available. Register?

ޕޮކަޑިމޭން

23 January 2019

މަރުވިޔަސް މައްސަލައެއް ނުބެލޭ، ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއް ގައިގާ ގަސްތުގައި ސައިކަލުން ޖައްސައި އެފުލުސްމީހާ މަރާލި ށ.ފޯކައިދޫ ހުސައިން އަފީފްގެ މައްސަލަ ބަލައި އޭނާއާމެދު ފިޔަވަޅުނޭޅުނީ މިދަންނަވާ ފުލުސް މީހާ މިދުނިޔޭގަ މަރުނެވެ ހުރީމަތަ؟ މީގެ ކުރިންވެސް މިބުނާ އަފީފަކީ ވެހިކަލް ޗެކް ޕޮއިންޓެއްގައިހުރި ފުލުހެއްގައިގާ ސައިކަލުން ޖައްސާފައިވާ މީހެއް. އެކަމަކު އަދިވެސް އޭނާ އެހުރީ މިނިވަންކަމާއެކު މުޖުތަމައުއަށް ދޫކޮށްލެވިފަ.

The name is already taken The name is available. Register?

އާމަނާ

23 January 2019

ރާއްޖޭގަވެސް 3 ލައިސަންސް ނަގަން ގާވާއިދު ބަދަލުކުރަންވީ.

The name is already taken The name is available. Register?

ކިމް

23 January 2019

ގުޓް ވައިފްސް ސްޓިލް އެގްޒިސްޓް މާޝާﷲ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454