ރިޕޯޓް / ޓޫރިޒަމް

ފަކުރަކަށް ވެފައި ހުރި މޫދުވިނަ ފަޚުރަކަށް ހެދިދާނެ؟

ލ. ހިތަދޫގައި މޫދުވިނަ ހެދިފައި: މޫދުވިނައަކީ ތިމާވެށީގެ އަގުހުރި ނިޒާމެއްކަން ފާހަގަކޮށް ހޭލުންތެރިކުރުމުގެ ކެމްޕެއިނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަނީ ފަށައިފައި. ފޮޓޯ: އޭންޑީ ބޯލް/ މޯލްޑިވްސް އަންޑަވޯޓާ އިނިޝިއެޓިވް

ހުދު ދޮންވެލިގަނޑުތަކާއި ބިއްލޫރިހާ ސާފު މޫދުގެ ތަސައްވުރަކުން ޓޫރިޒަމްގެ އަގުބޮޑު އިންޑަސްޓްރީއެއް ދަމަހައްޓަމުން އަންނަ ރާއްޖޭގެ ރިސޯޓުތަކުން މޫދުވިނަ ނެގުން ހުއްޓާލައިފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އިތުރު ފައިދާ ލިބޭނީ އެވެ؛ މިއީ ސިކްސް ސެންސަސް ލާމުން މި ސުވާލަށް ދޭ ޖަވާބެވެ. އެ ރިސޯޓުން އެކަން ތަޖުރިބާކޮށްފި އެވެ. މޫދުވިނައަކީ މުހިއްމު މާހައުލީ ނިޒާމެއްގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަލައިގަނެ އެ ވާހަކަ ދެކެވެން ފެށުމުގެ ބިންގަލަކީ ސިކްސް ސެންސަސްގެ އެ އަޖުމަބެލުމެވެ.

މީގެ ދެ އަހަރު ކުރިން ސިކްސް ސެންސަސް ލާމުއަކީ ވެސް ހުއިފަތް ނުވަތަ މޫދުގައި ހުންނަ ވިނަ ނަގައި ސާފުކުރަމުން ގެންދިޔަ ރިސޯޓެކެވެ. މޫދުވިނަ ގިނަ ލ. އަތޮޅުގެ ހަމައެކަނި ރިސޯޓުގެ އެ ވިސްނުން ބަދަލުކޮށްލީ ފާނަ ހިމާޔަތްކުރުމުގެ މަޝްރޫއުއަކަށް އެ ރިސޯޓުގައި ގާއިމްވެގެން ހަރަކާތްތެރިވާ ބޭރުގެ ޖަމްއިއްޔާއެއް ކަމަށްވާ ބްލޫމެރިން ފައުންޑޭޝަންގެ ޝާހާ ހާޝިމެވެ. މޫދުވިނައާ ބެހޭ ބޭރުގެ ދިރާސާތަކުން ހޯދާފައިވާ ހެކިތަކަށް ބިނާކޮށް އޭގެ މުހިއްމުކަން ރިސޯޓުގެ މެނޭޖްމެންޓަށް ކިޔައިދެމުން އޭނާ ހުށަހެޅީ ގެސްޓުންނަށް ތަފާތު ތަޖުރިބާއެއް ހޯދައިދިނުމުގެ މަޝްރޫއުއެއްގައި ރަށުގެ ވަކި ސަރަހައްދަކުން މޫދުވިނަ ނުނަގައި ބަހައްޓާށެވެ.

"ގެސްޓުންނަށް ބައިވެރިވެވޭ ހަރަކާތެއް ގޮތަށް އެކަން ޕްރޮމޯޓްކޮށްފައި އެ މީހުން ސީގްރާސް [މޫދުވިނަ]އާ މެދު ދެކެނީ ކިހިނެއްތޯ ބަލަން ހުށަހެޅީ،" މޫދުވިނަ ހިމާޔަތްކުރަން ޖޫން 2017ގައި ސިކްސް ސެންސަސް ލާމުން އަޒުމް ކަނޑައެޅި ގޮތް ޝާހާ ކިޔައިދިނެވެ.

އޭގެ އެއް ބައި އެއީ ގެސްޓުންނަށް މޫދުވިނައާ ބެހޭ ގޮތުން މައުލޫމާތު ދިނުމެވެ. އަނެއް ބަޔަކީ މޫދުވިނަ ހުންނަ ސަރަހައްދަށް އެ މީހުން ސްނޯކްލިން އަށް ގެންދިޔުމެވެ.

"އެ ތަނުން ފެންނަން ފެށީ ވަރަށް ބައިވަރު މަޑި، މިޔަރު، ވެލާ އަދި ކަހަނބު. އާއްމުކޮށް މުރަކަ ފަރުތައް ކައިރި އަށް ސްނޯކްލިން އަށް ދާއިރު އެހާ ބޮޑެތި އެއްޗެހި އެހާ ގިނައިންނެއް ނުފެންނާނެ. އެކަމަކު ސިކްސް ސެންސަސްގައި ގެސްޓަކު ހަތަރު ދުވަސް ހޭދަކުރާ ޗުއްޓީއެއްގައި މަދުވެގެން 11 މެގަފައުނާ [ބޮޑެތި އެއްޗެހި] ފެންނަ ކަމަށް އެ މީހުން ބުނަނީ،" ޝާހާ ބުންޏެވެ.

ފޮޓޯ: މޯލްޑިވްސް އަންޑަވޯޓާ އިނިޝިއެޓިވް

ނަތީޖާއަކީ މޫދުވިނައާ ދޭތެރޭ ގެސްޓުން ހިތްހަމަޖެހުން ފާޅުކުރަން ފެށުމެވެ. ޚިޔާލު ހޯދި އިރު 93 ޕަސެންޓް ގެސްޓުން ބުނެފައި ވަނީ މޫދުވިނައިގެ ސަބަބުން އެ މީހުންގެ ޗުއްޓީ އަށް އިތުރު ފުރިހަމަކަމެއް ލިބިގެންދިޔަ ކަމަށެވެ.

"ދެން އެ މީހުން ރިވިއުސް ލިޔާ އިރު ސީގްރާސްއާ މެދު ވަރަށް ޕޮޒިޓިވްކޮށް ލިޔެފައި ހުންނަނީ. އެހެންވީމާ ސިކްސް ސެންސަސް އިން މި ދެއްކީ ނަމޫނާއެއް ސީގްރާސްއާ އެކު ވެސް ޓޫރިޒަމް ކުރިއަށް ގެންދެވިދާނެކަން،" ޝާހާ ބުންޏެވެ.

"ކޮރަލް ރީފްއެއް ނުވަތަ މެންގްރޯވްއެއް މުހިއްމުވާ ވަރަށް ސީގްރާސް ވެސް، އީކޯސިސްޓަމްގައި އެ އަދާކުރާ ދައުރުގެ ގޮތުން، ހަމަ އެހާ މުހިއްމު. އެއިން އީކޯސިސްޓަމް އަށް ކޮށްދޭ ޚިދުމަތްތަކަށް ބަލާ އިރު، އެ އެއްޗެހި ނައްތާލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ވަރު ކަމެއް ނޫން."

ސިކްސް ސެންސަސް ލާމުގެ ގޮނޑުދޮށަށް މޫދުވިނަ ލައްގާފައިވާ ތަން ފެންނަ ފޮޓޯއަކާ އެކު ޝާހާ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއް

މޫދުވިނަ ހިމާޔަތްކުރަން ސިކްސް ސެންސަސް އިން އަޒުމް ކަނޑައެޅިތާ އެއް އަހަރު ފަހުން އެކަމަށް އެހެން ރިސޯޓުތަކުގެ ބައިވެރިވުން ހޯދަން މަސައްކަތް ފެށި އެވެ. އެކަމާ ގުޅޭ ސާވޭއެއް ހެދި އިރު އެނގުނީ 49 ރިސޯޓެއްގެ ތެރެއިން 50 ޕަސެންޓް ރިސޯޓުތަކުގައި މޫދުވިނަ ނައްތާލާ ކަމެވެ. އޭގެ މައިގަނޑު ސަބަބަކީ ހުއިފަތްގަނޑުތަކަކީ މޫދުގެ ޗާލުކަން ކިލަނބުކޮށްލާ އެއްޗެއް ކަމަށާއި ގެސްޓުން މޫދުވިނަ ބަލައިނުގަންނާނެ ކަމަށް ބެލެވިފައި އޮތުމެވެ. މާޗް 1ގައި ފާހަގަކުރި މޫދުވިނައާ ބެހޭ ބައިނަލްއަގުވާމީ ދުވަހު "#ޕްރޮޓެކްޓްމޯލްޑިވްސްސީގްރާސް" ކެމްޕެއިން ފެށީ އެ ވިސްނުން ބަދަލުކޮށްލާށެވެ.

"މީގެ މައިގަނޑު މެސެޖަކީ ސީގްރާސް ހުރި ރިސޯޓެއް ވެއްޖެއްޔާ، ސީގްރާސްއަކީ ކިހާ އަގުހުރި އެއްޗެއްކަން ޓޫރިސްޓުންނަށް ކިޔައިދިނުން ވަރަށް މުހިއްމުކަން."

ސިކްސް ސެންސަސް ލާމުގައި ތިބެގެން ކަނޑުގެ ދިރުންތަކުގެ ހިމާޔަތަށް މަސައްކަތްކުރާ އެކި ފަރާތްތައް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އަންޑަވޯޓަ އިނިޝިއޭޓިވް (އެމްޔޫއައި) އާއި ބްލޫމެރިން ފައުންޑޭޝަން އިން ހިންގާ އެ ހަރަކާތުގައި ރާއްޖޭގެ ރިސޯޓުތަކުގެ 50 ޕަސެންޓަކީ މޫދުވިނަ ނައްތާނުލާ ތަންތަނަށް ހަދަން ވަނީ އަމާޒު ހިފައިފަ އެވެ. އެމްޔޫއައިގެ ގޮވާލުމަކީ ކޮންމެ ރިސޯޓަކުން ވެސް އެންމެ މަދުވެގެން އެ ރަށެއްގެ މޫދުވިނައިގެ 80 ޕަސެންޓް ހިމާޔަތްކޮށްފައި ބޭއްވުމެވެ.

"ގެސްޓުން ފަތަން ވެސް ބޭނުންވާތީ އާއި ހެބިޓެޓަކަށް ގެއްލުން ނުދީ މޫދު ތެރޭގައި ހިނގާފައި ވެސް އުޅެން ބޭނުންވާ އިރު މުޅި ރަށް ވަށައިގެން ސީގްރާސް ބަހައްޓަން ދަތިވެދާނެ ކަމަށް ވިސްނާފައި 80 ޕަސެންޓްގެ އަމާޒެއް މި ކަނޑައެޅީ. އެންމެ ކުޑަވެގެން، ސީގްރާސްގެ 80 ޕަސެންޓް ނުނަގާނަމޭ ބުނުމަކީ ވެސް ވަރަށް ބޮޑު ކަމެއް ކަމަށް މި ބަލަނީ،" ޝާހާ ބުންޏެވެ.

އެ ގޮތަށް ވައުދުވާ ރިސޯޓުތަކަކީ މި ހަރަކާތުގެ ބައިވެރިން ކަމަށް ހަމަޖެހިގެންދާނެ އެވެ. ރިސޯޓުތައް ނޫނަސް، މޫދުވިނަ ހިމާޔަތްކުރުމުގެ މުހިއްމުކަން ބަލައިގަންނަ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ހަރަކާތް ރަސްމީކޮށް ފެށުމުގެ ކުރިން 11 ރިސޯޓަކުން ވަނީ އެކަމުގައި ބައިވެރިވެފަ އެވެ.

"އެކަމަކު މިހާތަނަށް ބައިވެރިވި ބައެއް ރިސޯޓްތަކަކީ މިހާރު ސީގްރާސް ނެތް ރިސޯޓްތަކެއް. އެ މީހުން ބޮޑަށް ކުރިއަށް ގެންދާނީ ކައިރި ރަށެއްގެ ސީގްރާސް ގެސްޓުންނަށް ދައްކާ، ހޭލުންތެރިކުރުމުގެ ބައި،" ޝާހާ ބުންޏެވެ.

"ދިވެއްސަކަށް ވިޔަސް ރާއްޖެ އަށް ޒިޔާރަތްކުރަން ބޭނުންވާ ބޭރު މީހަކަށް ވިޔަސް، ވެބްސައިޓަށް ވަދެ، މި ކެމްޕެއިނަށް ސަޕޯޓް ދޭން ވައުދުވެވިދާނެ."

Seagrass - Maldives Resilient Reefs

Seagrass - Maldives Resilient Reefs

[...]Read More...

Maldives Resilient Reefs

"#ޕްރޮޓެކްޓްމޯލްޑިވްސްސީގްރާސް" ކެމްޕެއިންގެ ވެބްސައިޓް

"ފަރުތަކާއި މެންގްރޯވްތައްހާ މުހިއްމު"

ހުއިފަތްގަނޑުތައް ހުންނަ ރާއްޖޭގެ ރަށްރަށުގެ ހުދު ވެލިގަނޑުތައް އޭގެ ފަތްތަކުން ކަޅުވެފައި ހުރުމަކީ މީހުން މާ ގަޔާވާ މަންޒަރަކަށް ނުވެ އެވެ. ހުއިފަތް ހުންނަ ތަންތަނަށް މޫދަށް އެރެން ބޭނުން ނުވާ މީހުން ވެސް މަދެއް ނުވާނެ އެވެ. ގިނަ މީހުންނަށް މޫދުވިނައަކީ ހަޑި، ފަކުރު އެއްޗެކެވެ. އަމުދުން ރިސޯޓުތަކަށް އެއީ ބޮޑު ބޮލުގެރިހުމެކެވެ. ނޮޅައިގެންނާއި ކޮނެގެން އަދި ކާޕެޓާއި ކެމިކަލް އަޅައިގެން ހުއިފަތް ނައްތާލަން ބޮޑެތި މަސައްކަތާއި ޚަރަދުކުރެ އެވެ.

ފޮޓޯ: މޯލްޑިވްސް އަންޑަވޯޓާ އިނިޝިއެޓިވް

މޫދުވިނައަކީ ފިލުވައިލަން ޖެހޭ އުނދަގުލަކަށް ވެފައި އޮންނަނީ އެއީ އެންމެ ކުރިން ރާއްޖޭގައި ނެތް ނުވަތަ މަދު އެއްޗެއް ކަމަށް ބެލެވިފައި އޮންނާތީ ކަމަށް ވެދާނެ އެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މޫދުވިނަ ބޮޑަށް ފެތުރިގަތީ އިހު ޒަމާނުގައި ދިވެހިން ގޮނޑުދޮށަށް ބޮޑުކަމުދިޔުމުން މޫދުގައި ނިއުޓްރިއެންޓްސް މާ ގިނަވުމާ ގުޅިގެންނެވެ. މޫދުވިނަ ހެދެން ފަހިވާ ގޮތަށް ނިއުޓްރިއެންޓްސް ގިނަވުމުގެ އެހެން ސަބަބުތަކުގެ ތެރޭގައި ރަށްރަށުގައި ފެންބޮޑުވުމުން މޫދަށް ފެން ބޭރުކުރުމާއި ދަށުން އޮއިނުދެމޭ ފާލަން އަޅައި ދެ ރަށް ގުޅުވުން ފަދަ ކަންކަން ވެސް ހިމެނޭ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެހެންކަމުން، އިންސާނުންގެ އަމަލުތަކެއްގެ ސަބަބުން "ހަޑިވެފައި" ހުރި މޫދުތައް ސާފުކޮށް، ކުރިން ރާއްޖެ އޮތް އަސްލު ގޮތް މެހްމާނުންނަށް ދައްކައިދޭން ރިސޯޓުތަކުން މޫދުވިނަ ނެގުމަކީ ގޯހެއް ކަމަކަށް ތިމާވެށީގެ ބައެއް ތަޖުރިބާކާރުން ނުދެކެ އެވެ.

އެކަމަކު މޫދުވިނަ ހިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން ކިޔައިދެނީ އެއީ ތިމާވެށީގެ ވަރަށް މުހިއްމު ނިޒާމެއް ކަމާއި ހުއިފަތަކީ ރާއްޖޭގެ ޓޫރިޒަމްގެ ރައުސުމާލަކަށް ވެސް ހެދިދާނެ ކަމެވެ.

"ސީގްރާސް ނެތް ތަންތާކު ސީގްރާސްއެއް ނެހެދޭނެ. އެކަމަކު ހުރި ތަންތަނަށް ނިއުޓްރިއެންޓް ޕޮލިއުޝަން އައިމަ ބޮޑަށް ހެދިގަންނަނީ. އެންޓާޓިކާ ނޫން ހުރިހާ ހިސާބެއްގައި ސީގްރާސް ހުންނަ އިރު ރާއްޖޭގައި ކުރިން ސީގްރާސް ނުހުންނަންވީ ސަބަބެއް ނެތް،" ޝާހާ ބުންޏެވެ.

"ކޮންމެވެސް ސަބަބަކާ ހެދި ނިއުޓްރިއެންޓްސް ގިނަވަނީ. އޭގެ މާނައަކީ ސީގްރާސް ނައްތާލަންވީއެކޭ ނޫން. ނިއުޓްރިއެންޓްސް ގިނަވާ ސަބަބަކީ ކޮބައިތޯ ބަލައި އެކަން ހައްލުކުރަންވީ."

ފޮޓޯ: މޯލްޑިވްސް އަންޑަވޯޓާ އިނިޝިއެޓިވް

އެއްގަމުގައި ހެދޭ ވިނަ ގޮތަށް ފެތުރިފައި އަދި ގިނަ ބާވަތްތައް ވިނަހެން ހިމަ ދިގު ފަތްތަކެއް ލާފައި ހުންނަ ހުއިފަތްގަނޑުތަކަށް "މޫދުވިނަ"އޭ ކިޔަސް އެއީ ހަގީގަތުގައި މާ އަޅާ ގަހެކެވެ. މޯލްޑިވްސް އަންޑަވޯޓާ އިނިޝިއެޓިވް އިން ފާހަގަކުރާ ގޮތުގައި މޫދުވިނަ ކާބަންޑައިއޮކްސައިޑް ބޭނުންކޮށް ޖައްވުން އެ ގޭސް މަދުކޮށްދީގެން މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތްކުރެ އެވެ. ފަރުތައް ހިމާޔަތްކޮށްދީ ދެމެހެއްޓެނިވި މަސްވެރިކަމަށް އެހީތެރިވެދެ އެވެ. ވެލާކަހަނބާއި މަޑި އާއި މިޔަރު ފަދަ ބޮޑެތި ޖަނަވާރުތަކަށް ހިޔާވަހިކަން ފޯރުކޮށްދީ އެހެނިހެން ދިރޭ އެއްޗެއްސަށް ކާނާ ދެ އެވެ. އަދި ރަށް ގިރުމުން ރައްކާތެރިކޮށްދެ އެވެ.

"މިހާރު ލިބެން ހުރި ހެކިތަކަށް ބަލާއިރު ސީގްރާސްއަކީ ވަރަށް މުހިއްމު ހިމާޔަތެއް ރާއްޖޭގެ ރަށްރަށަށް. ނިއުޓްރިއެންޓް ޕޮލިއުޝަން އައިމަ އެ އެއްޗެހި އިތުރަށް ހެދިފައި ހުއްޓަސް، އެއިން އީކޯސިސްޓަމް އަށް ކޮށްދޭ ޚިދުމަތްތަކަށް ބަލާ އިރު، އެ އެއްޗެހި ނައްތާލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ވަރު ކަމެއް ނޫން،" ޝާހާ ބުންޏެވެ.

"ކޮރަލް ރީފްއެއް ނުވަތަ މެންގްރޯވްއެއް މުހިއްމުވާ ވަރަށް ސީގްރާސް ވެސް، އީކޯސިސްޓަމްގައި އެ އަދާކުރާ ދައުރުގެ ގޮތުން، ހަމަ އެހާ މުހިއްމު."

އެމްޔޫއައި އިން ދެކެނީ މިކަން ޓޫރިސްޓުންނަށް އަންގައިދީފި ނަމަ މޫދުވިނަ ނެގުމުގެ ބޭނުން ނިމުމަކަށް އައިސް ރިސޯޓުތަކުން ކުރަން ޖެހޭ މަސައްކަތާއި ޚަރަދު ސަލާމަތްވުމުގެ އިތުރުން ގެސްޓުންގެ ސްނޯކްލިން ތަޖުރިބާތައް އިތުރަށް މުއްސަނދިވެ ފުރިހަމަވެގެންދާނެ ކަމަށެވެ.

"މީގެ މައިގަނޑު މެސެޖަކީ ސީގްރާސް ހުރި ރިސޯޓެއް ވެއްޖެއްޔާ، ސީގްރާސްއަކީ ކިހާ އަގުހުރި އެއްޗެއްކަން ޓޫރިސްޓުންނަށް ކިޔައިދިނުން ވަރަށް މުހިއްމުކަން،" އެމްޔޫއައިގެ ކޮމިއުނިކޭޝަންސް ކޯޑިނޭޓަރު އެންޑްރޫ ބޯލް ފާހަގަކުރި އެވެ.

"ސިކްސް ސެންސަސްގެ ތަޖުރިބާ އިން ވެސް އެނގުނީ މި ވާހަކަ ބުނެދިނީމަ ގެސްޓުން ސީގްރާސް ވަރަށް ބޮޑަށް ބަލައިގަތްކަން."

އެކަން އެ މީހުންނަށް ބޮޑަށް އިހުސާސްކުރެވެނީ ސްނޯކްލިން އަށް ދާ އިރު މޫދުވިނަ ހުންނަ ތަންތަނުން ތަފާތު އެއްޗެހި ފެންނާތީ އެވެ.

"އާއްމުކޮށް ކޮރަލް ރީފްތަކުން ނުފެންނަ މަސްމަހާއި ނޫޑީބްރާންކް، ޝްރިމްޕް، ރިބަން ވެން، ގޯސްޓް ޕައިޕްފިޝް، އަދި ސީހޯސް ކަހަލަ ކުދި އެއްޗެހި ވެސް ފެނޭ،" ކަނޑު އަޑީގެ ދިރާސާތަކަށް އާދަވެގެން ޑައިވްކޮށް އުޅޭ ޝާހާ ބުންޏެވެ.

"މި ކަހަލަ ތަފާތު އެއްޗެހި ފެންނަން ފެށީމަ އެއީ ތަފާތު ތަޖުރިބާތަކެއްގެ ގޮތުގައި ގެސްޓުން ބަލައިގަނޭ."

ޝާހާ ދެކޭގޮތުގައި ރާއްޖޭގެ އެކި ރަށްރަށް ތަފާތު އިރު ހުރިހާ ރިސޯޓުތަކެއް އެއްގޮތް ކަމަށް ދެއްކުމަކީ ޓޫރިޒަމްގެ އެންމެ ރަނގަޅު ނަމޫނާއެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެ ރަށެއްގެ ވެސް އަސްލު ސިފަތައް ޓޫރިޒަމްގެ ތެރެއަށް ވައްދައިގެން ރިސޯޓުތައް ހިންގިދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. މޫދުވިނަ ހުންނަ ރަށެއް ވެއްޖެއްޔާ މޫދުވިނަ ބަހައްޓައިގެންނެވެ.

"ރާއްޖޭގެ ހުރިހާ ރަށެއް ހުންނަނީ އެއް ތައްގަނޑަކަށް ނޫން. ހުންނާނެ ޕޯސްޓްކާޑް، ޕިކްޗަ ޕާފެކްޓް ރަށްރަށް. އެއްވެސް ވަރަކަށް ސީގްރާސް ނުހުންނަ، ހަމައެކަނި ހުދު ދޮންވެލީގެ ފަޅުތައް. އެކަމަކު ރާއްޖޭގެ ދެން ހުރި ރަށްރަށް ހުންނަނީ އެހެނެއް ނޫން. އެހެންވީމާ އެއް ތައްގަނޑަކަށް ޓޫރިޒަމް ބޭއްވުން ހިނގާށޭ ހުއްޓާލަން،" ޝާހާ ބުންޏެވެ.

"މިހާރު ކްލައިމެޓް ޗޭންޖުގެ އަސަރުތައް އެހާ ބޮޑުވެ ގާ ހުދުވުމާއި ރަށް ގިރުން ކަހަލަ ބައިވަރު ނުރައްކާތައް ކުރިމަތިވެފައި ހުރި އިރު، ސީގްރާސްއަކީ މިހާ މުހިއްމު އެއްޗަކަށް ވީމަ، އެއާ އެކީގައި އުޅެން މަސައްކަތްކުރަން ހިނގާށޭ."

ފޮޓޯ: މޯލްޑިވްސް އަންޑަވޯޓާ އިނިޝިއެޓިވް

އެމްޔޫއައި އިން ދެކެނީ މޫދުވިނައަކީ އަގުހުރި އެއްޗެއްކަން މީހުންނަށް އެނގި ހޭލުންތެރިވުމުން އޭގެ ހައްގު މަގާމް ލިބޭނެ ކަމަށެވެ. އަދި އެއީ ޓޫރިޒަމަށް ކުރިމަތިވެފައި އޮންނަ އުނދަގުލަކަށް ވުން ނިމުމަކަށް އައިސް ސަނާކިޔޭ ފަޚުރަކަށް ވެގެންދާނެ ކަމަށެވެ.

"ސީގްރާސްގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަދެކެވެން ފެށީމަ އޭގެ ދަރަޖަ ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމުގެ އުއްމީދު އެބަ އޮތް،" އެންޑްރޫ ބުންޏެވެ.

35 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕުރޮޖެކުޓް ފައިސާ

08 March 2019

ސީގުރާސް އޭގެޒާތުގައި ގޯހެއްނޫން އެއްވެސް އިރަކު. ގޯސްކުރީވެސް ތިޔަ ރިސޯޓްތަކުން. އެކަމު ވިސްނަންޖެހޭ ސީގުރާސް ނެތް ތަނަކަށް އެ އާލާކުރުމުގެ ނުރައްކާ. މޫގުގައިވާ ހަމައެކަނި އެކޯސިސްޓަމަކީ ސީގުރާސްއެއްނޫން. ގުދުރަތީ ސިސްޓަމްތަކުގެ ބެލެންސް ގެއްލުމުން ދެން ލިބޭނެ ގެއްލުމުގެ ވާހަކަ ދެއްކުންވެސް މުހިއްމު. ސީގުރާ ރިޓޮރޭސަންއޭ ކިޔާފަ ކޮންމެ ރިޒޯޓަކުން ލާރިނަގައިގެން އުޅެވިދާނެ. އެކަމު ކަމެއްކުރުމުގެ ކުރިން ހުރިހާ ކޮޅަކަށް ބެލުން ބުހިންމު.

The name is already taken The name is available. Register?

ސީގުރާސްއެކޯސިސްޓަމް

08 March 2019

މިއާޓިކަލް ލިޔުން ކުއްޖެކައިރީގައި ރިކުއެސްޓެއްކޮށްލަން މިކޮމެންޓް މިލިޔެލީ. ސާހާ ކައިރީގައި އަހާލަދީބަލަ އެފަރާތަށް ނުވަތަ ދިވެހިރާއްޖޭގެ އެއްވެސް ފަރާތަކަށް ކުރީގައި ސީގުރާސް ހުރިތަންތަނާއި މިހާރު ހުރިތަންތަށް އގޭތޯ އަދި ކިތަށް ސަރަހައްދުގައިތޯ އަލަށް ސީގުރާ ހެދެންފެސީ އަދި އޭގެ ސަބަބު؟ ސީގުރާސްބެޑް ތަށް ސަލާމަތްކުރަން ބާބޮޑު ކަމެއްކުރަން ނުޖެހޭހެން ހީވަނީ. އެފަޅަންވާތަންތަނުގައި ކަމެއްކޮށްގެންނުން މިހުރިހާދުވަހުވެސް ފަޅަންފަށަނީ.

The name is already taken The name is available. Register?

ޓިނު

07 March 2019

އަޅެ! ދިވެހިންގެ ތެރޭގައި ގިނައީ މޮޔަ، ގޮތްދޫނުކުރާ، ހިތްހަރު ބައެއްތާ! ހާދަހާ ދެރައޭ

The name is already taken The name is available. Register?

ފތޔޔ

07 March 2019

ތީކެއުމިގާވެސް ބޭނުން ކުރއވޭނެ ފައިދާހުރި އެއްޗެއް..

The name is already taken The name is available. Register?

ޒިޔަތު

07 March 2019

އެމް.އެމް.ޕީ.އާރު.ސީ. އިން ދޮންވެލި އަތިރިޔާ ފަރުގެ ބަދަލުގަ ސީގްރާސް ވިއްކަން ފަށާކަށް ނުވޭތަ؟

The name is already taken The name is available. Register?

އަހުމަދުބޭ

06 March 2019

ކިތައްމެ ދިރާސާއެއް ހަދާ ސައިންސާ ޓެކްނޮލޮޖީ އިންގުނަސް ދެކަމެއްނުވާނެ، ރިސޯޓެއްގެ %80 މޫދުވިނަ ނިކަން ހައްދަބަލަ ލާހިކެއްނޫން ސާފްކޮއް ބަލަހައްޓައިކަށް، ފޮޓޯއިން އަދި ތިޔަފެންނަނީ ކުޑަތަންކޮޅެއް، މުޅި މޫދާއި ގޮނޑުދޮއް އެއްކޮއް ހިސާރުކޮށް ގެސްޓަކަށް ބީޗަށް ފައިބައިލަން ނުކެރޭވަރަށް ބީޗް ތަށް ބޮޑު ފަކުރަކަށްވެ ރާއްޖޭގެ ޓޫރިޒަމް ހަމަ ފުޑޭނެ، ތިޔަބުނާ މޫދުވިނައަކީ އަހަރުމެން ނުދަންނަ އެއްޗެއްނޫން، ދުވަސްކޮޅަކުން ބީޗްގައި ވިނަތަށް ކުނިވާނެ ދެން ވަސް

The name is already taken The name is available. Register?

ދަގަތްފާނު

06 March 2019

ހުޅުމާލޭ ބީޗާއިދިމާލުން ފަޅުތެރެއަކީ ނިކަން ރަނގަޅުތަނެއް މޫދުވިނަ އާލާކުރަން. މޫދުވިނަ އިންދަންވީނޫންތޯ. ނިކަން އަވަހަށް މުޅި ފަޅުތެރެ އިކޯސިސްޓަމަކަށްވާނެ. މުޅިންވެސް ރާއްޖެތެރޭ ރަށްރަށާ އަޅައިގަނެގެން އުޅޭނީ. ރަށަކުން ގަހެއްކެނޑޭކަށްނެތް. އެކަމަކު މާލޭގަ ހުރި ހުރިހާ ރުއްގަސް ކަނޑާ ކޮންކުރީޓު އެޅިއިރު އިކޯސިސްޓަމުގެ ވާހަކަ ދެއްކިމީހަކުނެތް.

The name is already taken The name is available. Register?

ތިމާވެށި

06 March 2019

ސީވީޑް އަކީ ޕްރޮސެސް ކޮށް ރާއްޖެ އިން އެކްސްޕޯޓް ކޮށް ގެން ރަނގަޅު ފައިދާ އެއް ހޯދިދާނެ ވިނައެކެވެ.

The name is already taken The name is available. Register?

ުލުތުފީ

07 March 2019

ސީވީޑް އާއި ސީގްރާސް އަކީ އެކަށްޗެއްތަ

The name is already taken The name is available. Register?

ނުވާނެއޭ

06 March 2019

ފަކުރަކަށް ވެފައި ހުރި މޫދުވިނަ ފަޚުރަކަށް ހެދިދާނެ ކަމަށް ވާހަކަ ދައްކަނީ އެއީ ރާއްޖޭން ބޭރު މީހުން ނޫންތޭ އެއީ ކަނޑުކޮހުންނޭ މިހާތަނަށް ރާއްޖޭން ބޭރު މީހުން ތިޔާ ގޮތަށް ދެއްކި އެއްވެސް ވާހަކަ އެއް ދިމާވެފައި ނެތޭ އެމެން ބުނެގެން ނޫންތޭ މިއަރު ހިފުން މަނާ ކުރަނީ މިއަދު އެސޮރު މެން ގިނަވެގެން ގޮސް އެސޮރު މެން ކާނެ އެއްޗެއް ނެތިގެން އެއްގަމަށް އަރާ ކުކުޅުގެ ފިޔޮއްކާލާ މިންވަރުގައޭ އެސޮރު މެން އުޅެނީ މޫދުވިނަ ރިސޯރޓްސް ތަކަށް ކަމަކު ނުދާނެއޭ..

The name is already taken The name is available. Register?

އިކޯސައިޑިސްޓް

06 March 2019

ބައެްލަވާ ސީގްރާސް އަކީވެސް އިކޯސިސްޓަމެއް. ސީގްރާސް ރާއްޖޭގައި އިންތިހާއަށް ފަޅައިގެން މިއުޅެނީ އިންސާނުންގެ އަމަލުތަކުން. އޭތި މުޅި ފަޅު ޑޮމިނޭޓް ކުރީމައި އެކަން އެކުރަނީ ކުރިން އޮތް އޮކޯސިސްޓަމް ހަލާކުކޮށްލާއިފައި އަދި މުރަކައާލާވުންވެސް ހުއްޓުވާފައި. ރަށްރަށު ބޭރަށް އަޅާފައި އޮތް ނަޖިސް ހޮޅީއަކީވެސް އިކޯސިސްޓަމަށް ކާނާ ލިބޭ އެންމެ ބޮޑު ވަސީލަތް. އިކޯސިސްޓަމް ހަލާކުވެދާނެތީ އެވެސް ހިމާޔަތް ކުރަމާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454