މާލޭ ސަރަހައްދުގެ ކުނީގެ މައްސަލައަށް އަދިވެސް އެންމެ އެކަށޭނަ ހައްލެއް ނުލިބެ އެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ކުރި އިރު މިދިޔަ ސަރުކާރުން 2015 އަހަރުގެ ފަހުކޮޅު މާލޭ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށްޓަކައި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ނަމުގައި ކުންފުންޏެއް ހެދި އެވެ. އަދި ކުނީގެ މައްސަލައަށް ހައްލުތަކެއް ގެނައުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރި އާދަމް މުހައްމަދު ވަނީ ވެމްކޯ އަށް ގެންނަވާނެ ބަދަލުތަކާއި ތަސައްވަރު "މިހާރު" އަށް ވިދާޅުވެދެއްވައިފަ އެވެ.
ކުނި މެނޭޖްކުރުމަށް ކުރަންޖެހޭ މަސައްކަތް ބައިވަރު
އާދަމް ވިދާޅުވި ގޮތުގައި ވެމްކޯއާ ހަވާލުވެ ވަޑައިގެންނެވި އިރު އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ، އެ ކުންފުނީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކުނި މެނޭޖް ކުރުމަށް މާބޮޑަށް މަސައްކަތް ކުރެވިފައިނުވާ ކަމެވެ. މިފާއިތުވެދިޔަ ތިން އަހަރާއި ބައިގެ މުއްދަތުގައި އެންމެ ބޮޑަށް ހޭދަކުރެވިފައި ވަނީ، ކުނި ކަލެކްޓް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ގޭބީސީތަކުގައި އުފެދޭ ކުނި ނެގުމާއި ކުނި ގެންގޮސް ޖަމާކުރާ އިރު އެ ކުނިތައް މެނޭޖް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެވުނީ. މައިގަނޑު ގޮތެއްގައި އިންވެސްޓް ކުރެވިފައިވަނީ ކަލެކްޝަނަށް،" އޭނާ ވިދާޅުވި އެވެ.
ކުނި މެނޭޖް ކުރެވޭނެ ގޮތްތައް
ކުނި މެނޭޖް ކުރުމަށްޓަކައި އޭޝިއަން ޑިވެޕޮލްމެންޓް ބޭންކްގެ މާލީ އެހީތެރިކަމާ އެކު ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށައިފަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ދަށުން މަޝްރޫއު ނިމޭއިރު "ޒީރޯ" ވޭސްޓަށް މާލޭގެ ހާލަތު ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިލަފުށީގައި މިހާރު ހުރި ކުނިގޮނޑު ސަރަހައްދު ޕާކަކަށް ބަދަލު ކުރެވުމުގެ މަސައްކަތް 2020 އަހަރު ނިންމާލެވޭނެ ކަމަށާއި މިހާރު ކުރިއަށްދަނީ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. ކުނި ހާމަކަން ބޮޑު ސަރަހައްދުތަކުގައި އެންދުން އެއްކޮށް ހުއްޓާލައި، ކުނި ނައްތާލުމަށް ހާއްސަ މެޝިންތައް ތިލަފުށީގައި އިންސްޓޯލްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓް ފެށުމުން ވަގުތީ ގޮތުން ކުނި ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭނެ. އެގޮތުން މާލޭ އޭރިޔާއިން ގެންދާ ހުރިހާ ކުންޏެއް ވަކިކޮށް ކުނީގެ ތެރެއިން ގިނަ ދުވަހަށް ލީކު ނުވާ ގޮތަށް ބެއިލް ކުރެވިފައި ބަހައްޓާނީ. އަޅުގަނޑުމެންގެ އިންސިނެރޭޝަން ފެސިލިޓީސްތައް (ކުނި މެނޭޖް ކުރާ މެޝިންތައް) އިންސްޓޯލް ކުރެވެންދެން އެ ކުނިތައް ބެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.
މިތަން ގާއިމް ކުރެވުމުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ކުނި ކަލެކްޝަން ސެންޓަރުތައް ގާއިމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި ކުނި އުފުލުމަށް އިތުރު ތިން ބާޖު ގެނައުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭ ސަރަހައްދުގެ ކުނީގެ މައްސަލަ އަށް 2024 ވަނަ އަހަރު އަންނަންވާ ވަރަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށެވެ. ވޭސްޓްޔާޑަށް އަޅާ ކުނިން ކަރަންޓު އުފައްދާ ގާތްގަނޑަކަށް ހަތް މެގަވޯޓްގެ ކަރަންޓު ތިލަފުއްޓަށް ލިބޭނެ ގޮތް ފަހި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ވެސް ޕްރޮކިއުމެންޓް މަސައްކަތްތަކާއި ތިލަފުށީގެ ގޮނޑުދޮށް ސަރަހައްދުގެ ޕައިލިން މަސައްކަތްތައް ކުރަމުންދާ ކަމަށް އާދަމް ވިދާޅުވި އެވެ.
މި އަހަރު ނިމެންވާ އިރަށް ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. ތިލަފުށީގައި ގާއިމް ކުރާ ކުނި މެނޭޖް ކުރާ ސެންޓަރަކީ ގްރޭޓާ މާލޭ އޭރިއާ އަށް ހާއްސަ ކުރެވިފައިވާ ތަނެކެވެ. އެގޮތުން މާލޭ ސިޓީ ސަރަހައްދާއި ކ. އަތޮޅާއި އއ. އަތޮޅާއި އއ. އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކުގު ކުނި މެނޭޖްކުރާނީ ތިލަފުށީގަ އެވެ.
މާލޭ ސަރަހައްދުގެ އިތުރުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގެ ކުނި މެނޭޖް ކުރުމަށްޓަކައި 16 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުނި ރީޔޫސް ކުރުން، ރީ-ސޭލް ޝޮޕެއް ގާއިމް ކުރެވޭނެ
ވެމްކޯއަށް އުކާލާ ކުނީގެ ތެރޭގައި ބޭނުންކޮށްފައި ހުންނަ ފަރުނީޗަރާއި ސޮފްޓް ޓޯއީސް އާއި ބޭނުން ކުރެވޭ ޒާތުގެ ތަކެތި އުކާލުމުގެ ބަދަލުގައި އެ ތަކެތި ވިއްކާނެ ގޮތެއް ފަހި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް މި އޮތް ދެތިން އަހަރުގެ ތެރޭގައި އެކަން ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ޝޮޕެއް ހެދުމަށްފަހު އެފަދަ ކުނިތައް ވެސް ކަލެކްޓް ކުރުމަށް ދުވަސްތައް ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
"އެ ޕްރޮޖެކްޓާ އެކު އައްޑޫ އާއި ފުވައްމުލަކުގައި ވެސް އެފަދަ ރީސޭލް ޝޮޕެއް ހުޅުވުމުގެ ވިސްނުން އެބަހުރި. އަދި ވަންދޫ އޭރިއާ އިން ވެސް އެކަން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ކުނި ކަލެކްޓް ކުރުން ހަރުދަނާ ކުރުން
ކުނި ކަލެކްޓް ކުރުމަށް ބޭނުން ކުރާ ވެހިކަލްތަކަށް ކޮންމެވެސް ވަރަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ގޭގެއިން ޕްލާސްޓިކާއި ކުނި ވަކި ކުރެވުނު ނަމަވެސް، ވެހިކަލްތަކުން ވަކިން ކުނި ނެގޭގޮތަށް ނުހުރެ އެވެ.
މާލޭ އޭރިއާ އަށް އިތުރު ވެހިކަލްތައް ގެނަމުގެ ވިސްނުން ވެމްކޯއިން ގެންގުޅެ އެވެ. އަދި ވަކި ދުވަސްތަކެއްގައި ރީސައިކަލް ކުރެވޭ ކުނި ކަލެކްޓް ކުރާނެ ގޮތްތައް ހަމަޖައްސާނެ ކަމަށް އާދަމް ވިދާޅުވި އެވެ.
އާންމުކޮށް ގޭގެއިން ނަގާ ކުނިތައް މިހާރު ވެސް ނަގަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރޯދަ މަހުގެ ކުރިން މިހާރު މާލޭގެ ކަންކަން މައްޗަށް އެއްވެފައިވާ ކުނި ތައް ވީހާ ވެސް އަވަހަށް ނެގުމުގެ މަސައްކަތްތައް ވެމްކޯއިން ކުރާނެ އެވެ.
ކުންފުންޏަށް ރަނގަޅު މުވައްޒަފުން ނެގުން
ވެމްކޯއަކީ 70 ޕަސެންޓް ދިވެހިން މިހާރު ވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ. މުވައްޒަފުން ސަލާމް ބުނުން ފަދަ ކަންކަން ކޮންމެވެސް ވަރަކަށް އެ ކުންފުންޏަށް ވެސް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން މަދު ކުރުމަށްޓަކައި މުވައްޒަފުންނާއި މިހާރު ވެސް ވާހަކަދައްކަމުންދާ ކަމަށާއި ބޭނުން ވަނީ ކުންފުނީގެ މުވައްޒަފުންނަކީ އެންމެ ފުރިހަމަ އަށް މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.
އާދަމް ވިދާޅުވީ، އެ ކުންފުންޏަކީ އާންމުކޮށް ދައުލަތުގެ އެހެން ކުންފުނިތަކަށް ވުރެ މުސާރަ ރަނގަޅު ކުންފުންޏެއް ކަމަށާއި އެއީ ވެސް މުވައްޒަފުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލީ ދަތިކަން
ކުންފުނިން ކުނި އުކާލުމުން ކުންފުންޏަށް ދައްކަންޖެހޭ ފީ އެންމެ ރަނގަޅަށް ދައްކަމުން ނުދާކަން ފާހަގަކުރައްވއި، އާދަމް ވިދާޅުވީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ދައްކަން ޖެހޭ މިންވަރު އެ ގޭބީސީތަކަށް ސާފުކޮށްދެމުންދާ ކަމަށެވެ.
މިއީ ހިދުމަތް ހުއްޓާލުމަށް ކުރާ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި ގޭބީސީތަކުން އެކަންޏެއް ނޫން. އޮފީސްތަކުން ވެސް އެބަހުރި ކުނި އުކާނުލާ. އަދި ދައުލަތުގެ މުއައްސަސާތަކުން ވެސް އެބަހުރި ފީ ނުދައްކާ،" އޭނާ ވިދާޅުވި އެވެ.
ކުލި ނުދައްކާ ހުރި ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި ފަރުދީ ގޮތުން ނަގަން ޖެހޭ ޒިންމާ ހުރިހާ ފަރާތްތަކުންވެސް ނަގަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެމްކޯ އަށް ހެޔޮ ރަނގަޅު ބަދަލުތަކެއް ގެނައުމުގެ ޕްލޭނެއް އޮތް އިރު އެކުންފުނިން ދުވާލަކު މާލެއިން 1150 ޓަނުގެ ކުނި އުފުލަ އެވެ. މާލެއިން ކުނި އުފުލުމައްޓަކައި ތިން ވެހިކަލް ހަރަކާތްތެރިވާ އިރު ހުޅުމާލެއިން ކުނި އުފުލުމަށް އެއް ވެހިކަލް އަންނަނީ ބޭނުން ކުރަމުންނެވެ.