މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލުގައި ވަޒީފާ އަދާކުރާ މިރުޒާ ހާބަރުގެ ފުޑްކޯޓު ކައިރީގައި ފުރޮޅުލީ ގޮނޑީގައި އިން އިރު އޭނާގެ ރައްޓެއްސަކު އެހީތެރިވަނީ: އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ޑީވޯޓަރިން ހޮޅިތަކާ ހެދި މާލޭ މަގުމަތީގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައި.
16 މާޗް 2019 - 08:28
އޮފީހުގެ މަސައްކަތް ނިންމާފައި ކައިރީގައި ހުންނަ ތަނަކަށް ސައި ތައްޓެއް ބޯލަން ވަނުމަކީ މާލޭގައި ވަރަށް އާއްމު އަދި ގިނަ މީހުންނަށް ވަރަށް ފަސޭހަ އިން ކޮށްލެވޭ ކަމެކެވެ. އެކަމަކު މިރުޒާ މުނީރު އަށް އެކަން ކުރެވެނީ ދެ މީހެއްގެ އެހީ ހޯދައިގެންނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މިރުޒާ، 25، މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލުގައި ޑިއުޓީ އަދާކޮށް ނިންމާލާފައި ޖެހިގެން އޮތް ފުޑް ކޯޓަށް ވަންނަން ބޭނުންވިޔަސް ފަލަ ހޮޅިތަކެއްގެ ހުރަހާ ހެދި އެކަނި އެކަން ކުރެވޭކަށް ނޯވެ އެވެ.
އިމާރާތްކުރަމުންދާ ތަންތަނުން ފެން ބޭރުކުރަން މާލޭގެ މަގުތަކުގައި އަޅާފައި ހުރި ހޮޅިތަކުގެ އުނދަގުލާ ހެދި އާއްމުން ޝަކުވާކުރާތާ އެތައް ދުވަހެއް ފަހުން އެ މައްސަލަ އަށް މިއަދު ލުޔެއް ލިބެން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުންޏެވެ. ކައުންސިލުން ވަނީ ބައެއް ހޮޅިތައް ނެގުމުގެ މަސައްކަތް މިއަދު ހެނދުނު ފަށަން ތައްޔާރުވެފަ އެވެ. އޭގެ ތެރޭގައި ދެކުނު ހާބަރުގެ ފުޑް ކޯޓު ކައިރީގައި އަޅާފައި ހުރި ހޮޅިތައް ހިމެނޭނެތޯ ސުވާލު ކުރި ވަގުތު ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު އަށް ކަމާ ގުޅޭ ތަފްސީލްތައް ލިބިވަޑައިގެންފައެއް ނުވެ އެވެ. އެކަމަކު އެ ތަނުން ވެސް ހޮޅިތައް ނަގާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހޮޅިތަކާ ހެދި އެންމެ ބޮޑު ތަކުލީފެއް އުފުލަނީ މިރުޒާ އެވެ. އޭނާ އެ ވާހަކަ މި ނޫހަށް ކިޔައިދިނުމާއި ސިޓީ ކައުންސިލުން ހޮޅިތައް ނަގަން ފެށުމަކީ އިއްތިފާގެކެވެ.
"މިއަދު ވެސް އެތާ މަތިން ދެ މީހަކު ވެގެން އުފުއްލަން ޖެހުނީ. އެއީ ވަރަށް އުނދަގޫ ކަމަކަށް ވަނީ. ގޮނޑިއަކީ ވެސް ވަރަށް ބަރު އެއްޗެއް. އެހާ ގިނަ ހޮޅިތަކެއް އެތާ ހުރީމާ އުފުލާ މީހަކަށް ވެސް އިތުރު ބުރައަކަށްތާ ވާނީ!" އެމްޓީސީސީގެ ފެރީ ޓާމިނަލްގައި ޓިކެޓު ކަނޑަން އިންނަ މިރުޒާ ބުދަދުވަހު ކިޔައިދިނެވެ.
"ޑިއުޓީ ނިންމާފައި ޓާމިނަލުން ނުކުމެގެން ރައްޓެހިންނާ އެއްކޮށް ސައެއް ބޯލަން ވެސް ވަންނަން ހުރީ އެ ތަން. އެ ތަނަށް ފަސޭހަ އިން ވަދެ ނިކުމެ އުޅުން އެއީ ހަމަ އެހެން މީހުންނެކޭ އެއްގޮތަށް އަހަރެމެންނަށް [ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް] ވެސް އޮންނަން ޖެހޭ ކަމެއް."
ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކުން އިމާރާތްތަކުގެ ފައުންޑޭޝަން އަޅަން ކޮނުމަށް ފަހު މޫދަށް ފެން ބޭރުކުރަން ބޭނުންކުރާ ހޮޅިތައް އާއްމު އުނދަގުލަކަށް ވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ އިރު އޭގެ އަސަރު އެންމެ ބޮޑަށް ފޯރާފައި ވަނީ މިރުޒާ ފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ހިނގާބިނގާވެ އުޅެން އުނދަގޫ އުމުރުން ދުވަސްވީ މީހުންނަށެވެ.
މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގެ ދުވާރުތަކާއި ޕާކިން ޒޯންތަކުން ހޮޅިތަކަށް ބޮޑު ޖާގައެއް ނަގާތީ އާއި އެ ހޮޅިތަކަކީ ނުރައްކަލަކަށް ވާތީ އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ވަރަށް ބޮޑުވެ އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
Holhingé kibain Male’ salaamaiy kohdheynee kaakuba? 😩😩😩 pic.twitter.com/vQAUPVZLWQ
— Aminath Zoona (@zooxter) February 28, 2018
އާ ސަރުކާރު އައިސްގެން ވެސް މިހާތަނަށް ހައްލު ނުވެ އޮތް މައްސަލަ މީހުންގެ ސަމާލުކަމަށް ގެންނަން މިރުޒާ ވަނީ މިދިޔަ ޖެނުއަރީ މަހު ފުޑް ކޯޓު ކައިރީގައި ފޮޓޯއަކަށް ހުއްޓިފަ އެވެ. އުމުރުން ދުވަސްވީ މީހަކު ހޮޅިތަކެއްގެ މަތިން ގެއަކަށް ވަންނަން އުޅޭ މަންޒަރު ފެންނަ ފޮޓޯއެއް ކުރިން ފެތުރުނު ގޮތަށް، މިރުޒާގެ ރަހުމަތްތެރިއަކު ޝާއިއުކުރި އޭނާގެ ފޮޓޯ ވެސް ވަރަށް ބޮޑަށް ދައުރުވި އެވެ. މިރުޒާ ބުނީ އެ ފޮޓޯއަކީ "ބަޔަކަށް އެއްޗެއް ވިސްނައިދޭން ގަސްދުގައި ކުރި ކަމެއް" ކަމަށެވެ.
"އޮފީހުގައި އުޅޭ ރައްޓެހި ދެ ކުއްޖަކާ އެކީ ސައިބޮއެ ނިންމާފައި ހިތަށް އެރީ ފޮޓޯއެއް ނަގާނަމޭ. އެއީ އެ ތަނަށް ދިޔަ ދެވަނަ ދުވަސް،" އުފަންވި އިރު ވެސް އުނަގަނޑުން ތިރި ވާގިނެތިފައިވާ މިރުޒާ ބުންޏެވެ.
އިމާރާތްކުރަން ފެން ބޭރުކުރާ ހޮޅިތައް މަގުމަތީގައި އަޅަން ފެށީ އެމްޑަބްލިޔުއެސްސީގެ ނިޒާމަށް ބާރު ބޮޑުވެ މައްސަލަތައް ދިމާވާތީ އެ ކުންފުނީގެ ނެޓްވޯކު ތެރެއިން އެކަން ކޮށްދިނުން ހުއްޓާލުމުންނެވެ. މިހާރު އެފަދަ ހޮޅިތައް މޫދާ ހަމައަށް ގެންދަން ޖެހޭ އިރު މާލޭގެ މެދުތެރޭ ހިސާބެއްގައި އަޅާ އިމާރާތެއް ވެއްޖެއްޔާ، ވަރަށް ދުރަށް ހޮޅި އަޅަން ޖެހި އެތައް މަގަކުން އެކަމަށް ޖާގަ ނަގަ އެވެ. އަދި މާލޭގައި އެއްފަހަރާ އެތައް ތަނެއް ހަދަމުންދާތީ ހޮޅިތައް އެހާ ގިނަ އެވެ. މައްސަލަ އިތުރަށް ގޯސްވެފައި ވަނީ އިމާރާތްތައް ހަދާ ބައެއް ކޮންޓްރެކްޓަރުން ހޮޅިތައް ނުނަގާތީ އެވެ. އެކަން އެނގޭ ބައެއް މީހުން ބުނާގޮތުގައި އެއް ސައިޓުން ފެން ބޭރުކުރަން ބޭނުންކުރާ ހޮޅިތައް، އެ މީހުން ދެން ހަދާ ސައިޓަކަށް ގުޅަން ނުވަތަ އެހެން ބަޔަކަށް ވިއްކާލަން މަގުމަތީގައި ބަހައްޓަ އެވެ.
އާ ސަރުކާރާ އެކު ސިޓީ ކައުންސިލަށް ބާރުތައް އަނބުރާ ލިބި، ކަންކަން ރަނގަޅުކުރަން ފަށައިފައިވާ މަސައްކަތުގެ ތެރެއިން ހޮޅިތަކުގެ މައްސަލަ އެއްކޮށް ހައްލުކުރަން އެތައް ބަޔަކު ތިބީ އުއްމީދުކޮށްގެންނެވެ.
"މާދަމާ [މިއަދު] އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ. ގިނަ ހޮޅިތަކެއް ނަގާނެ،" ޝަމާއު ވިދާޅުވި އެވެ.
މިރުޒާގެ އެންމެ ބޮޑު އިންތިޒާރަކީ ދެކުނު ހާބަރު ސަރަހައްދުގައި ހުރި ހޮޅިތައް ނެގުމެވެ.
"އަސްލު ވަރަށް އުނދަގޫވޭ އެ ތަން އެހެން ހުންނާތީ،" އޭނާ ބުންޏެވެ.
"ފޮޓޯ ނެގި އިރާ ބަލާފައި މިހާރު ތަންކޮޅެއް ހޮޅި ގިނައޭ ވެސް އެބަ ހިތަށް އަރާ. މިއަދު ދިޔަ އިރު ވެސް ވަރަށް އުނދަގުލުން އެ ތަނަށް އެރީ ވެސް، ފޭބީ ވެސް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
18 March 2019
ހޮޅިއަޅާ މަގްސަދް 2 އެއްކަމަކީ ރުފިޔާހޯދުން ދެވަނަކަމަކީ މިމާލޭގެ ފެންކޮޅު ލޮނުކޮއްލުން އޭރުން ވޯޓާސަޕްލާފެންބޭނުންކުރަން މަޖްބޫރްވާނެނު ތިހޮޅިލައިނަކަށް ޗާޖް ކުރޭ 60000 ހާހުން ގޮސް 1 ލަސްކަ ރުފިޔާ ރޭޑިއޯއިންނާއި ޓިވީން ގޮވަނީ ބިމައް ފެންހިންދާށެ އެކަމަކު އަމަލުން މިދައްކަނީ އިދިކޮޅު މިކަމަކީ ވަރަށްފަސޭހައިން ވާންއޮއްކަމެއް ކޮނެ އިމާރާތެއްގަވެސް ވަޅެއްބަހައްޓާ ފެންއެވަޅަށް ހިންދޭ ކޮންމެހެންނުޖެހޭ ހޮޅިއެއް އަޅައިގެން ހުރިހާފުންކޮޅު ކަނޑަށްއުކާލާކ
ބޭބެ
17 March 2019
ހަބަރުގައި އެއްޗެއް ލިއުނީމަ އެއްކަމެއް މިސަރުކާރުން ބަލަނީ.. ހުސްފޯނާއި ކުޅުން ކަމަކީ
ރައްޔެތު
16 March 2019
އަހަރަމެން ނުކުމެ މިއެއްޗެތި ނަގަން ފެނޭ. ކޮންމެ ސަރުކާރަކުން ވެސް ބަލަނީ ޕުރޮޕޮގެންޑާ ފެތުރޭތޯ. އާންމު މީހަކަށް ކަމެއް ކޮށްދޭކަށް ނޫޅޭނެ
ދޯ
16 March 2019
ސިޓީކައުންސިލު ކަންތައް ކުރަނީ އެއްވެސް ފުލޭނެއް އޮވެގެން ނޫން ކަން އެގޭ. ބަރަވެލި ސުފީޑް ކަންކޮށްގެން އެއްވެސް ކަމެއް ނުވާނެ. މީ ރޮކެޓް ސުފީޑްގެ ޒަމާން. ނޫސްކޮށްފަރެސަކުން ކަމެއް ނިމޭނަމަ މިހާރު އޮންނާނި ހުރިހާ ކަމެއް ނިމިފައެއްނު
މޯޑޭ
16 March 2019
މާލޭ ސިޓީ ކައުންސިލު މޭޔަރު ދުވާލު ދެދަޅަ އަށް ޓީވީ ތަކަށް އަރާ ދަށްކާ ވާހަކަ އާއި އަމަލެއް ދިމަލެއް ނުވޭ. މާލޭ މަގުމަޗަށް ފެންބޯލާ ފުޅި އެއްލާލާ ވާހަކަ ދަށްކާއިރު މި މުއަށްސަސާ އަށް ނުކުރެ ޑަސްބިން ތަކެންވެސް ބަހަށްޓަށް މާލެތެރޭ. ދެން ފެލެޓް ތަން ވެސް ނެގީ ނަމަކަށް މިހާރު މުޅިމާލެ ފުރާ ފެލަޓް އެކަމް ކޮންމެ ހޮނިހިރަކު ފެލަޓް ނަގާނަމޭ ބުނި. ދެން ކޮބާ ފޭންމަޓް ކައިރީ ވަދެ ނިކުމެ ހަދަށް ބުނި ގާފޮޅު. އެއެއް ވެސް ސާފަލު ހެދިގޮތަަށް ގާވީ. މަގުމަތީ ބޭނުން ނުކުރާ ވެހިކަލު ތައްވެސް ނަގަށް ބުނި އެކަންވެސް ނުވޭ.
ތިމާވެށި
16 March 2019
އެމްޑަބްލިޔު އެސްސީ އަށް އެތައް ސަތޭކަމިލިއަން ފައިދާ ލިބެއެވެ. ސަރުކާރު ބޮޑު ހިއްސާ އޮންނަތެކެވެ. ހޮޅިން އިޖްތިމާއީ އަދި އިގްތިސާދީ ގެއްލުން ލިބެއެވެ. މިކަމަށް އަވަސް ހައްލެއް ބޭނުމެވެ.
މާލެ މީހާ
16 March 2019
ހޮޅިތަށް އެކަނިތޯ؟ ކޮބާތޯ ކޮންމެ ދުވާރެއްގެ ކަންމަތިންގޮސް ގޯޅިތެރެއަށް ޕާކުކުރާ ސައިކަލުތަ؟ އެއްކޮޅުން ދުވާރު މައްޗައް އެރުނަސް ޔަގީން ކަމެއް ނޯވޭ އަނެއްކޮޅުން ފޭބޭނެކަމެއް. މަންމަތަށް ކުޑަ ދަރިފުޅު ރިކްޝޯއަށް ލައިގެން މަގު މެދުގަ ސައިކަލު ތަކާ ކާރުރަކުން ރެކެމުން. ޏުކުޅެދޭ ކުދިން ގޮވައިން ވީލްޗެއަރ ދުއްވަން މިޖެހެނީ ސްއިކަލު ތަކާ އެއްކޮށް. ޢަދިވެސް މާލެއަށް މީހުން ގިނަ ކުރެވޭތޯ
އަހްމަދު
16 March 2019
ބޮޑުތަކުރުފާނާއި، ދޮންބަންޑާރައިންނާއި، އަލިރަސްގެފާނުފަދަ ބަތޮލުންގެ ހިތްވަރުފުޅު ގަދަޖިހާދުން ހޮޅިންގެ ކިބައިން މާލެ ސަލާމަތް ކުރެއްވިއެއްކަމަކު މިއަދު މާލެ މިވަނީ ހޮޅިދަށުވެފާ. މިހޮޅިދަށުން މާލެ ސަލާމަތްކޮށްދެވޭފަދަ ހިތްވަރުހުރި ބަތޮލެއް ނެތީބާ؟
ކޮއްކި
16 March 2019
ވަރަށްސަޅި
ދިސްވޭއޭ
16 March 2019
މާލޭގެ މަގުމަތީގައި ހޮޅި އަޅަން ނުޖެހޭނެއޭ އެއީ އިންޖިނިއަރިންގް ގެ އަލިފުބާ ވެސް ދަންނަ މީހަކު އެކަން ރަނގަޅަށް ބަލާނަމަ ހަމަ އެކަނި ކުރަން ޖެހޭނެ ކަމަކީ އެއީ އެމްޑަބްލިޔު އެސްސީގެ ލިފްޓިންގް ސްޓޭޝަންސް ތަކުގެ ޕަންޕް ކެޕޭސިޓީ ބޮޑު ކުރުން ނުވަތަ ޕަންޕްސް ތައް އިތުރު ކުރުން ދެން ކޮންމެ ގެއަކުން ޑްރެއިން ކުރާ ފެނުގައި ސްޓްރެއިނަރ ހަރުކުރުން އެއިރުން މިކަން ހައްލުވީއޭ މިކަން ހައްލު ނުވެގެން އުޅެނީ އެމްޑަބްލިޔު އެސްސީ އަށް މިކަން ކުރަން ނޭގިގެންނޭ
ކަނޑަށޭ
16 March 2019
ހޮޅިތަކުގެ އުނދަގުލުން ސަލާމަތްވުމުގެ އުއްމީދުގައި ތިބި ބަޔަކަށް އެކަން ކުރެވޭނެއޭ ހަމަ އެކަނި ކުރަން ޖެހޭނެ ކަމަކީ އެމްޑަބްލިޔު އެސްސީގެ ލިފްޓިންގް ސްޓޭޝަންސް ތަކުގައި ހުރި ޕަންޕް ކެޕޭސިޓީ ދެގުނަ އަށް ބޮޑު ކުރަން އެއިރުން މިކަން ވާނެއޭ މިކަން ނުކޮށް ހޮޅި ތައް މާލެ ވަށައިގެން މިއަޅަނީ އެއީ މިއިން ޖިނިއަރިންގްގެ އަލިފުބާ ވެސް އެމްޑަބްލިޔު އެސްސީ އަށް ނޭގޭތީއޭ މާލެ އަކީ އެއީ އެސްޓީފީ އެއް ހުރި ތަނެއް ނޫނޭ ހުރިހާ ނަޖިހެއް ޑައިރެކްޓް ކޮށް ބޭރުކުރަނީ