މިދިޔަ ދެ ދުވަހު އެންމެ ބޮޑަށް ފާހަގަވީ ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމެވެ. ފޯރަމްގައި ބޭރުގެ 130 ވަރަކަށް މަންދޫބުން ބައިވެރިވި އިރު ސަރުކާރުން ވަނީ ވެރިކަމުގެ ފަސް އަހަރު ދުވަހު ކުރަން ބޭނުންވާ މަޝްރޫއުތަކުގެ ތަފްސީލު ހުށަހަޅައިފަ އެވެ. އެގޮތުން 70 މަޝްރޫއުއަކަށް އެއް ބިލިއަން ޑޮލަރު ހަރަދު ކުރާނެ ކަން މި ފޯރަމުން އެނގުނެވެ.
ރާއްޖެއަށް އިންވެސްޓަރުން އިތުރު ކުރުމަށް މި ސަރުކާރުން މަސައްކަތް ފެށި އިރު ވޭތުވެދިޔަ ސަރުކާރުތަކުން ވެސް އިންވެސްޓަރުން ހޯދަން އެކި އުކުޅުތައް ބޭނުން ކުރި އެވެ. ނަމަވެސް މިފަދަ ފޯރަމްތަކުން ނަތީޖާ ނެރުމުގައި ސަރުކާރުތަކުން އުޅެނީ ތަންކޮޅެއް ފަހަތުގަ އެވެ. ގިނަ މަޝްރޫއުތައް ވެގެންދަނީ ހިޔާލީ ވާހަކައަކަށެވެ.
އާ ސަރުކާރުން ބުނަނީ، މި ފޯރަމް ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށާއި، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތަފްސީލުތައް ބައިވެރިވާ މަންދޫބުންނަށް ވަރަށް ބޮޑަށް ސާފުވި ކަމަށެވެ.
މިއީ ރާއްޖޭގެ ސަރުކާރުތަކުން ޕާޓްނާޝިޕް ފޯރަމް ބާއްވާ ހަތަރު ވަނަ ފަހަރެވެ. މި ފޯރަމްގައި ހަ ޕެނަލް ޑިސްކަޝަނާއި އެކި ދާއިރާތަކުން ޕްރެޒެންޓޭޝަންތައް ހުށަހެޅި އެވެ. މުޅި ފޯރަމް ހާއްސަކޮށްލީ، މި ސަރުކާރުގެ ނޫ އިގްތިސާދުގެ ސިޔާސަތާއި އިޖްތިމާއީ ގޮތުން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރާނެ ގޮތްތަކުގެ އިތުރުން އަދުލް އިންސާފު ގާއިމް ކުރުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންވެސްޓްމެންޓް ފޯރަމްގެ ނަމުގައި ސިންގަފޫރާއި ޗައިނާ ފަދަ ގައުމުތަކުގައި ހަރަކާތްތައް ހިންގި އެވެ. އިންވެސްޓްމެންޓް ފޯރަމާ ހިލާފަށް ޕާޓްނާޝިޕް ފޯރަމްގައި ގުޅުން ބަދަހިކުރުމަށް ވަރަށް ހާއްސަ ސަމާލު ކަމެއްދިނެވެ.
ވަޒީރުން ހުރިހާ ކަމެއް ތިލަކޮށްދިން
މި ފޯރަމްގެ ކޮންމެ ސެޝަނަކުން ވެސް ސަރުކާރުގެ ކެބިނެޓްގެ މިނިސްޓަރުން ފެނުނެވެ. ބައިވެރިވި ބޭރުގެ ފަރާތްތަކުން އެއްސެވި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ އިތުރަށް ހަމައެކަނި ދެއްކީ ސަރުކާރުގެ "ފޮނި ވާހަކައެއް" ނޫނެވެ. އޭގެ ބަދަލުގައި ހުރި މައްސަލަތައް ރިއަލިސްޓިކް ގޮތަކަށް ކިޔައިދެއްވި އެވެ. އިސްލާހު ކުރަން ބޭނުންވާ ކަންކަމާއި އެހީތެރިކަން ބޭނުންވާ ދާއިރާތައް ތަފްސީލު ކޮށްދެއްވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޯރަމް ބޭއްވި ފުރަތަމަ ދުވަހު، ރާއްޖޭގެ ދަރަނީގެ ހާލަތާއި، ކުރިން ނަގާފައިވާ ސޮވެރިން ގެރެންޓީތަކުގެ ވާހަކަ އާއި މާލީ ހާލަތު ރަނގަޅު ކުރުމަށް ހުރި ގޮންޖެހުންތައް ތަފްސީލުކޮށްދެއްވި އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކުގެ އިތުރުން، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި އިސްލާހު ކުރަން ޖެހޭ ކަންކަމުގެ ވާހަކަ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިއްސާކުރެއްވި އެެވެ. މިކަން ފޯރަމްގައި ބައިވެރިވި އެމްބެސެޑަރުންނާއި މާލީ އިދާރާތަކުގެ އިސް ވެރިން ފާހަގަކުރެއްވި އެވެ.
ފޯރަމް ނިންމާލީ، ބޭރުގެ މަންދޫބުން ހިތްހަމަޖެހިގެން
ބަހްރެއިން އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަބްދުއްރަހްމާން މުހައްމަދު އަލް ގައުދު ވިދާޅުވީ ސަރުކާރުން ރާއްޖޭގައި ހުރި މައްސަލަތައް ފާހަގަކުރުމަކީ، ރާއްޖެ ރަނގަޅު މިސްރާބަކަށް ދާ ކަމުގެ ހެތްކެއް ކަމަށެވެ.
އެހާ ފާޅުކަން ބޮޑު ގޮތެއްގައި ގައުމުގެ ހާލަތު ކިޔައިދިނުމަކީ އިންވެސްޓަރުންގެ އިތުބާރު ލިބޭނެ ކަމެއްކަން ފާހަގަކޮށް، ރާއްޖޭގައި ބަހްރެއިން އިން އިންވެސްޓް ކުރާނެ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ބަހްރެއިނުން އިންވެސްޓް ކުރުމަށް ޝައުގު ހުރިކަން ވެސް ފާޅުކުރެއްވި އެވެ.
އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް ހޮލީ ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށާއި، ސަރުކާރުގެ ތަރައްގީގެ ޕްލޭނާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ތަރައްގީ ގެނައުމުގައި އޮސްޓްރޭލިއާއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުވައިތް ފަންޑުގެ އީސްޓް ސައުތް އޭޝިޔާގެ ރީޖަނަލް މެނޭޖާ، ޔޫސުފް އަލް ބަދުރު ވިދާޅުވީ މިފަދަ ފޯރަމެއްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ސަރުކާރުން ހުށަހެޅި ހުރިހާ މަޝްރޫއުއަކަށް ވެސް ޝައުގުވެރިކަން ހުރި ކަމަށެވެ.
ކުވައިތް ފަންޑުން މިހާރު ވެސް ރާއްޖޭގައި 13 މަޝްރޫއުއެއް ހިންގާފައިވެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ. އަދި އެއާޕޯޓަށް އިތުރަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫސުފް ވިދާޅުވީ ތައުލީމާއި ސިއްހީ ހިދުމަތާ ގުޅޭ މަޝްރޫއުތަކުގެ ފީސިބިލިޓީ ހެދުމުން، ބޭނުންވާ ޕްރޮޖެކްޓްތައް ފާހަގަކުރާނެ ކަމަށެވެ.
"ވަރަށް ޝައުވެރިވާ ޕްރޮޖެކްޓްތައް އެބަހުރި. މި ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރާނަން. އެގޮތުން ގިނަ ޕްރޮޖެކްޓްތަކެއް ޝާމިލްވާ ގޮތަށް މަޝްރޫއުއެއް ހިންގުމުގެ ވިސްނުން ގެންގުޅެން،" އޭނާ ވިދާޅުވި އެވެ.
ފޯރަމް ނިމުނު ނަމަވެސް، މީގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް އަދި ފެށުނީ ކަމަށް ސަރުކާރުން ބުނެ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ދެ ދުވަހު މަޝްވަރާ ކުރުމުން ނިމުނީ ނޫން ކަމަށެވެ.
"ޕާޓްނާޝިޕެއްގެ މާނައަކީ ދިގު ދެމިގެންވާ ގުޅުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބޭރުގެ މަންދޫބުން ބައިވެރިވި މި ފޯރަމް ސަރުކާރުން ނިންމާލީ އުފަލާ އެކު އެވެ. ފޯރަމަށް ގިނަ ރަށްރަށަށް އަމާޒުކޮށް މަޝްރޫއުތައް ހުށަހެޅި އިރު ރައްޔިތުން ބޭނުންވަނީ، މިކަންކަން ހަގީގަތަކަށް ވާށެވެ. މި ފޯރަމާ އެކު ސަރުކާރުގެ އުއްމީދުތަކަށް މިވަނީ ބޮޑު ޔަގީންކަމެއް ލިބިފަ އެވެ.