އާ ހޮސްޕިޓަލާ އެކު އައްޑޫ އިންގިލާބީ ބަދަލަކަށް!

މި ވަދެވުނީ، 2011 ގައި އައްޑޫގައި ސާކް ސަމިޓު ބޭއްވި ދަރުބާރުގެ އަށެވެ. ސަރަހައްދީ ގައުމުތަކުގެ ވެރިންގެ އެ ބޮޑު ބައްދަލުވުމަށް އިމާރާތްކުރި ކޮންވެންޝަން ސެންޓަރެވެ. އެކަމަކު މިހާރު މިއީ ބޮޑު ޓާޝަރީ ހޮސްޕިޓަލެކެވެ.


ސަރުކާރުގެ ވިސްނުން ހުރި ގޮތަށް ބަލާ ނަމަ މާލެ އާއި ހުޅުމާލެ އިން މި ފެންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި ހަތަރު ބުރީގެ ޓްރީ ޓޮޕް ހޮސްޕިޓަލާ ޚިދުމަތުގެ ގޮތުން ބޮޑު ތަފާތެއް ނުފެންނާނެ އެވެ. ތަނުގެ އުސްމިނާއި ވަށައިގެންވާ ސަރަހައްދުގެ ތަފާތު ކިތައްމެހާ ވެސް ބޮޑެވެ. މިއީ ވަށައިގެން ފެހިކަން އޮތް ތަނެކެވެ.

މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމްކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްއަކާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްހީ ހުރިހާ ވަސީލެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ފިޒިއޮތެރަޕީ ޑިޕާޓްމަންޓާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދައިފަ އެވެ.

އައްޑޫ އާ ހޮސްޕިޓަލްގެ އެތެރޭގެ ކޮޓަރިއަކުން ބޭރު ފެންނަ ގޮތް: މި އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގެ ލޭންޑް ސްކޭޕިން އަށް ފަހުން ބަދަލުތަކެއް ގެންނާނެ.---ފޮޓޯ: މިހާރު

ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫއަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ ހަދައިފަ އެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތް ވެސް، ހިތަދޫގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ހޮސްޕިޓަލުން ލިބޭނެ އެވެ.

ނަފްސާނީ ބަލިތަކުގެ މީހުންގެ ޚާއްސަ ޑިޕާޓްމަންޓުގެ ބޭރުން ފެންނަން އޮތީ ޗާލު ޕޮންޑުތަކާއި ފެހި ގަސްތަކެވެ.

ސަތޭކަ އެނދުގެ މި ހޮސްޕިޓަލްގައި ޖުމްލަ ފަސް ތިއޭޓަރު ހުންނައިރު، އެތަނުން އެއް ތިއޭޓަރު ޚާއްސަ ކޮށްފައި ވަނީ އަންހެނުންގެ ސިޒޭރިއަނަށެވެ. އެއީ ދެ ބުރީގެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ ދެ ތިއޭޓަރުގެ ތެރެއިން އެއް ތިއޭޓަރެވެ. ގްރައުންޑް ފްލޯގައި ދެން ހުންނަނީ އިމަޖެންސީ އޮޕަރޭޝަންތައް ކުރާ ތިއޭޓަރެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރުގައި ގާއިމް ކޮށްފައިވާ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލްގެ އައިސީޔޫ: މި ހޮސްޕިޓަލަށް ދެން އޮތީ މެޝިނަރީޒް ވެއްދުން.---ފޮޓޯ: މިހާރު

އައިސީޔޫގައި 10 އެނދު ހުރެ އެވެ. ޑޮކްޓަރުން މީހުން ބަލަން ގާތްގަނޑަކަށް 33 ކޮޓަރި އެބަ ހުއްޓެވެ. މިވަގުތު ހޮސްޕިޓަލްގައި ހުރީ ޕްރައިވެޓް އެންމެ ހަ ކޮޓަރި ނަމަވެސް ފަހުން 14 ކޮޓަރި އަށް އިތުރު ކުރާނެ އެވެ. މިހާރު ހުރި ޕްރައިވެޓް ހަ ކޮޓަރީގެ ތެރެއިން އެއް ތަނަކީ އެގްޒެކެޓިވް ސުއިޓެކެވެ.

ވޯޑުތަކުގައި އެވްރެޖުކޮށް 4-6 އެނދު ހުންނާނެ އެވެ. ހޮސްޕިޓަލްގައި ޖުމްލަ ފަސް ލިފްޓު ހުރެ އެވެ. އޭގެ ތެރެއިން ދެ ލިފްޓު ޚާއްސަ ކޮށްފައި ވަނީ އޮޕަރޭޝަން ތިއޭޓަރުތަކަށެވެ.

އައްޑޫ އާ ހޮސްޕިޓަލްގައި ބަހައްޓަން ގެނެސްފައިވާ އެމްއާރުއައި މެޝިން އެ ހޮސްޕިޓަލް އިމާރާތުގައި ބަހައްޓާފައި: ދެން އޮތީ މެޝިނަރީޒް އިންސްޓޯލް ކުރުން.---ފޮޓޯ: މިހާރު

އައްޑޫ އާ ހޮސްޕިޓަލްގައި މިހާރު އޮތީ އިކުއިޕްމަންޓުތައް ބެހެއްޓުމުގެ މަސައްކަތެވެ. އެމްއާރުއައި މެޝިން ފަދަ ބައެއް ސާމާނުތައް މިހާރު އައްޑު އަށް ގެނެސްފައި ވާއިރު، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. ދެން އޮތީ އިމާރާތުގެ ފުރާޅު ބަދަލުކުރުމެވެ. އެ ދެ މަސައްކަތް ނިމުމުން ހޮސްޕިޓަލްގެ ދޮރުތައް އާންމުންނަށް ހުޅުވައިލެވުނީ އެވެ. މިއީ ބަޖެޓު އޮވެގެން ފަށާފައިވާ މަޝްރޫއެއް ކަމުން، ސާމާނު ނުގެނެވިގެން، އަދި ގެނެސް އެ ތަކެތި އިންސްޓޯލް ކުރުމުގައި މައްސަލަތަކެއް ނެތެވެ.

އައްޑޫ އާ ހޮސްޕިޓަލާ ގުޅޭ މައުލޫމާތުތައް ކުރުކޮށް:

- ޚާއްސަ ބަލިތަކާ ގުޅޭ 20 ޑިޕާޓްމަންޓު.

- 51 ޑޮކްޓަރުން (ޚާއްސަ ބަލިތަކުގެ 35 ޑޮކްޓަރުން، 16 މެޑިކަލް އޮފިސަރުން)

- 340 ނަރުހުން (ޚާއްސަ ބަލިތަކާ ގުޅޭ ޑިޕާޓްމަންޓުތަކުގައި 198 ނަރުހުން، އެހެނިހެން ޑިޕާޓްމަންޓުތަކަށް 142 ނަރުހުން)

- ޕަބްލިކް ހެލްތުގެ ދާއިރާގައި 12 މީހުން.

- އެމްއާރުއައިގެ ޚިދުމަތާއި ސީޓީ ސްކޭން އަދި މެމޯގްރާމްގެ ޚިދުމަތް ލިބޭނެ.

- ކާޑިއޮލޮޖީ ޑިޕާޓްމަންޓު، ޑަޔަލިސިސް ޔުނިޓު، އެންޑޯސްކޮޕީ، ކަށީގެ ޑިޕާޓްމަންޓު، ފިޒިއޮތެރަޕީ ޑިޕާޓްމަންޓު، އީއެންޓީ ޑިޕާޓްމަންޓު، ނަފުސާނީ ފަރުވާ، އެންއައިސީޔޫ، ކުޑަކުދިންގެ ޑިޕާޓްމަންޓު، އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރުތައް، އިމަޖެންސީ ތިއޭޓަރުތައް، ލޮލަށް ލޭޒާ ދިނުމުގެ ފަރުވާ، ޕަބްލިކް ހެލްތު ޑިޕާޓުމަންޓު، ގައިގައިން ނާރާ ބަލިތަކާ ބެހޭ ޑިޕާޓްމަންޓު.

- މި ހޮސްޕިޓަލްގައި ބަޔޯ މެޑިކަލް އިންޖިނިއަރުން ވެސް މަސައްކަތް ކުރާނެ. (މިއީ މާލެ ފިޔަވައި އެހެން އަތޮޅެއްގައި ބަޔޯ މެޑިކަލް އިންޖިނިއަރުން ބައިތިއްބާ ފުރަތަމަ ފަހަރު)

މެނޭޖުމަންޓުގެ މަގާމުތައް:

- މެޑިކަލް ޑައިރެކްޓަރެއް

- ނާސިން ހެޑް.

- ކޯޕަރޭޓިވް ސާވިސް ޑިވިޝަން.

- ޕަބްލިކް ރިލޭޝަން ޔުނިޓު.

- އިންފޮމޭޝަން ޕްރޮސެސިން ޔުނިޓު.

- ޖެނެރަލް އެޑްމިނިސްޓްރޭޝަން.

- ޓްރާންސްޕޯޓް ސާވިސަސް.

- ބަޔޯ މެޑިކަލް ޔުނިޓު

ހޮސްޕިޓަލްގެ ގްރައުންޑް ފްލޯގައި ޚާއްސަ ކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި އެމްއާރުއައި އާއި ސީޓީ ސްކޭނާއި އިމަޖެންސީ ޚިދުމަތްތަކާއި ދެ ތިއޭޓަރު އަދި ލެބޯރެޓަރީ ހިމެނެ އެވެ. އިމާރާތުގެ ދެވަނަ ބުރީގައި ހިމެނެނީ އައިސީޔޫ ތިން އޮޕަރޭޝަން ތިއޭޓަރާއި ވޯޑުތަކާއި ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކޮޓަރިތަކާއި ހޮސްޕިޓަލަށް ދާ މީހުން މަޑުކޮށްލައިގެން ތިބޭ ބަޔަކާއި ޕްރައިވެޓް ކޮޓަރިތަކެވެ.

ޑިޒައިން ކުރުމާއި ހޮސްޕިޓަލެއްގެ ގޮތަށް އިމާރާތް ބަދަލުކުރުމުގެ މަސައްކަތް ކުރީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޮވެމްބަރު 14، 2016 ގައި އެ މަސައްކަތް އެލިއާއާ ހަވާލުކުރީ 161.8 މިލިއަން ރުފިޔާ އަށެވެ. މިދިޔަ އަހަރު މަސައްކަތް އެއްކޮށް ނިންމައިލަން ކަނޑައަޅާފައި އޮތަސް ތަފާތު ސަބަބުތަކާ ހެދި މަސައްކަތް ދިގުލައިގެން ދިޔައީ އެވެ.

އައްޑޫ އާ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމެއް: ގާތްގަނޑަކަށް 33 ކޮންސަލްޓޭޝަން ރޫމް މި ތަނުގައި ހުންނާނެ.---ފޮޓޯ: މިހާރު

އެ އިމާރާތް މިހާރު ބަލަހައްޓާ ޕްލޭނިން މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިބިގެން "މިހާރު" ގެ ނޫސްވެރިން މިދިޔަ ހޯމަ ދުވަހު އެ ތަނަށް ވަން އިރު، ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ހެން ވަނީ ނިމިފަ އެވެ. އިމާރާތުގެ ވަށައިގެން ފެންނަނީ ހައެއްކަ ޕޮންޑެވެ. ކޮންވެންޝަން ސެންޓަރުގައި ސާކް ސަމިޓު ބޭއްވި އިރު އޮތް ގޮތަށް އެ އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގެ ލޭންޑް ސްކޭޕް ސަޅި ކޮށްފި ނަމަ ހޮސްޕިޓަލްގެ ތެރޭގައި ތިބޭއިރު ބޭރުން ފެންނަ މަންޒަރު ވަރަށް ހިތްގައިމު ވާނެ އެވެ. ޗާލުވާނެ އެވެ. އެކަމަކު އެ ސަރަހައްދު ބޭނުން ނުކޮށް، ގިނަ ދުވަސް ވުމުން މިހާރު އޮތީ އަސްލު ރީތިކަން ގެއްލިފަ އެވެ. ހޮސްޕިޓަލް ހުޅުވަން ވާ އިރަށް އެތަނުގެ ވަށައިގެންވާ ސަރަހައްދުގެ ލޭންޑްސްކޭޕަށް ބަދަލުތަކެއް އަންނާނެ އެވެ.

ކޮންވެންޝަން ސެންޓަރުގެ ބޭރުން ވެސް ދެ އިމާރާތެއް

ކޮންވެންޝަން ސެންޓަރު ހިންގި ދެ ބުރީގެ އިމާރާތުން އެކަށީގެންވާ ޖާގަ ނުލިބުމުން އެ ތަނުން ބޭރުގައި އެކަމަކު ހޮސްޕިޓަލްގެ ގޯތިތެރޭގައި ވަނީ އާ ދެ އިމާރާތެއް ހަދައިފަ އެވެ. އޭގެ ތެރެއިން އެއް ތަނަކީ އެޑްމިނިސްޓްރޭޓިވް ބިލްޑިންގެކެވެ. ދެން ހުރީ ސާވިސް ބިލްޑިންގެކެވެ. ކެފެޓީރިއާ ހަދާފައި ވަނީ އެ އިމާރާތުގަ އެވެ. އެ ދެ ބިލްޑިންގާ ގުޅޭ ގޮތަށް ހަދާފައިވާ ކުޑަކުޑަ ބްރިޖަކުން ހޮސްޕިޓަލްގެ ގޯތިތެރޭގައި އޮންނަ އޯޕަން އޭރިއާ އަށް ނުކުމެވޭނެ އެވެ.

ހޮސްޕިޓަލްގެ މައި އިމާރާތުން ބޭރުގައި 50 ވަރަކަށް މީހުންގެ ޖާގައިގެ މިސްކިތެއް އެބަ ހުއްޓެވެ. މިސްކިތަށް ދެވޭ ގޮތަށް ވެސް ކުޑަކުޑަ ބްރިޖެއް ހަދާފައިވެ އެވެ.

އައްޑޫ އާ ހޮސްޕިޓަލްގެ މައި އިމާރާތުން ބޭރުން، އެ ތަނުގެ ގޯތިތެރޭގައި ހަދާފައިވާ މިސްކިތް.---ފޮޓޯ: މިހާރު

ހޮސްޕިޓަލްގެ މައި އިމާރާތާއި އެޑްމިނިސްޓްރޭޓިވް ބިލްޑިންގް ވޯކްވޭ އަކުން އަދި ފަހުން ގުޅުވައިލާނެ އެވެ. އެޑްމިނިސްޓްރޭޓިވް ބިލްޑިންގް ޚާއްސަ ކޮށްފައި ވަނީ ހޮސްޕިޓަލްގެ ވެރިންނާއި އިދާރީ މުވައްޒަފުންނަށެވެ. ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އެ ތަނުގެ މައި އިމާރާތުގެ ބޭރުގައި ހަދާފައިވާ އެޑްމިނިސްޓްރޭޓިވް ބިލްޑިންގްގަ އެވެ.

އައްޑޫ މީހުންގެ ދިގު އިންތިޒާރެއްގެ ނިމުން

އައްޑޫގައި މިހާރު ހިންގާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، އެކަށީގެންވާ ޚިދުމަތްތަކެއް ދެވޭ ގޮތް ނުވުމުން 100 އެނދުގެ އާ ހޮސްޕިޓަލެއްގެ ވާހަކަ ފެށީ 2005 ގަ އެވެ. އޭގެ ފަހުން ކޮންމެ ސަރުކާރަކުން ވެސް އައީ މި ސިޓީގެ މީހުންނަށް ފޮނި ހުވަފެން ދައްކަމުންނެވެ. ކޮންމެ އިންތިޚާބަކާ ގުޅުވައިގެން އުންމީދުތަކެއް ދެ އެވެ.

ތަފާތު ފަހަރު މަތިން ސުންގަޑި ކަނޑައަޅަމުން އައިސް މި ޕްރޮޖެކްޓަށް ލޯނު ލިބި، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. ލޯން ދިނީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުންނާއި އޯޕެކް ފަންޑް ފޮ ޑިވެލޮޕްމަންޓް (އޯޕިޑް) އިންނެވެ. އެކަމަކު، އެ ސޮއިރުމުގައި އަމަލީ ސިފައެއް ނުޖެހުނެވެ. އެއްވެސް ކަމެއް ނުކޮށް، އެއްބަސްވުން އޮތީ މޭޒުމަތީގައި ބާއްވައިފަ އެވެ.

ނަމަވެސް، ކުރީގެ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ނޮވެމްބަރު 2016 ގައި އެ މަސައްކަތް އަލުން ފައްޓަވަން ނިންމަވައި އަމަލީ ހުރިހާ ކަމެއް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލު ކުރެއްވި އެވެ. އެއީ، ފަހުން ހޮސްޕިޓަލްގެ މަސައްކަތުގެ ފެށުމެވެ.

އާ ހޮސްޕިޓަލްގެ ކުރީގެ މާޒީ:

- އައްޑޫގައި އާ ހޮސްޕިޓަލެއް އިމާރާތް ކުރާކަން 2005 ގައި އިއުލާން ކުރި.

- ލޯނު ހަމަޖެހުނީ 2011 ގައި. - އޯޕިޑުން 8.5 މިލިއަން ޑޮލަރު، ސައޫދީ ފަންޑުން 12. މިލިއަން ޑޮލަރު.

- ހޮސްޕިޓަލް ޑިޒައިންކޮށް، ސާވޭގެ މަސައްކަތް އޭރު ކުރީ ރިއަން ޕްރައިވެޓު ލިމިޓެޑުން.

- ޖެނއަރީ 22، 2015 ގައި ހޮސްޕިޓަލް އިމާރާތް ބީލަމަށްލި.

- ޝައުގުވެރިކަން ނުވަ ފަރާތަކުން ފާޅު ކުރި، ހަ ފަރާތެއް ޕްރިކޮލިފައި ކުރި

- ނޮވެމްބަރު 2014 ގައި ބިން ސާފުކުރުމުގެ މަސައްކަތް ކުރި

- ޖެނުއަރީ 2015 ގައި ބިމުގެ ސާވޭތަކެއް ކުރި

- ނޮވެމްބަރު 19، 2015 ގައި އަލުން ބީލަމަށްލި

- ނޮވެމްބަރު 26، 2015 ގައި ބީލަން ބާތިލްކުރި

- ޑިސެމްބަރު 10، 2015 ގައި މަސައްކަތް މަޑުޖައްސާލިކަން އިއުލާންކުރި

- ނޮވެމްބަރު 14، 2016 ގައި އަލުން މަސައްކަތް އެލިއާއާ ހަވާލުކުރި

ހޮސްޕިޓަލް ހުޅުވާއިރު ވެސް ހުރިހާ ޚިދުމަތެއް ލިބޭނެ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަންނަ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހު އާ ހޮސްޕިޓަލް ހުޅުވާނީ މިހާރު ވެސް ކަނޑައަޅާފައިވާ ހުރިހާ ޚިދުމަތްތަކާ އެކު ކަމަށެވެ.

"ހޮސްޕިޓަލް ހުޅުވާއިރު، އެ ތަނުގައި އެހެރަ ހުރިހާ ޚިދުމަތެއް ލިބޭނެ. އެކަމުގައި ޝައްކު ކުރާނެ ޖާގައެއް ނެތް. އެކަމަށް އަޅުގަނޑުމެން ވަނީ ފުރިހަމަ އަށް ތައްޔާރުވެފައި،" އަމީން ވިދާޅުވި އެވެ.

އައްޑޫގައި 100 އެނދުގެ އާ ހޮސްޕިޓަލެއް އިމާރާތް ކުރުމަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދައްކަމުން އައި ވާހަކައެކެވެ. ތަފާތު ސަބަބުތައް މެދުވެރިވެ، އެކަން ހަގީގަތަކަށް ނުވެ އޮތުމަށް ފަހު، މި ބޮޑު ހޮސްޕިޓަލް ލިބުމަކީ މި ސިޓީގެ މީހުންނަށް ބޮޑު އުފަލެކެވެ. މީގެ އިތުރުން ދެކުނު ސަރަހައްދުގެ ސިއްހީ ޚިދުމަތަށް އަންނަ ބޮޑު އިންގިލާބެއް ވެސް މެ އެވެ. އެހެންވެ، ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންގެ އުންމީދުތައް ހުންނާނީ ވަރަށް މަތީގަ އެވެ.

އަމީން "މިހާރު" އަށް ވިދާޅުވީ އެ ސަރަހައްދުގެ މީހުން އުންމީދުކުރާ މިންވަރަށް ވުރެ އާ ހޮސްޕިޓަލްގެ ޚިދުމަތް މާ ބޮޑަށް ވެސް ރަނގަޅު ވާނެ ކަމަށެވެ.

"އެ ޔަގީންކަން އަޅުގަނޑު ދެން. އަޅުގަނޑުމެން އެންމެ މަތީ ފެންވަރުގައި ޚިދުމަތް ދޭނަން. އެކަމުގައި ފަހަތަކަށް ނުޖެހޭނަން،" އަމީން ވިދާޅުވި އެވެ.

އައްޑޫ އާ ހޮސްޕިޓަލްގެ އިމާރާތުގެ ބައެއް: މިއީ ކުރިން ކޮންވެންޝަން ސެންޓަރަކަށް ވިޔަސް، އެތަނުގެ އެތެރެއަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިހާރު ވަނީ 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައި.

"ހޮސްޕިޓަލް ހުޅުވާއިރު ވެސް، މިތަނުގައި މި ގާއިމްކޮށްފައި ހުރި ހުރިހާ ޚިދުމަތް ދިނުން އަޅުގަނޑުމެންގެ މަގުސަދަކީ. އެކަން އިރާދަކުރެއްވިއްޔާ ހާސިލް ވާނެ."

މިހާރު ހިތަދޫގައި ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދާ މިންވަރަށް ބަލާއިރު، ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވެސް އެކަށީގެންވާ ފެންވަރެއްގައި އާ ހޮސްޕިޓަލުން ލިބޭނެ ކަމަށް، ސަރުކާރުން އުއްމީދުކުރެ އެވެ. މާލޭގެ އައިޖީއެމްއެޗާއި އޭޑީކޭ އަދި ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެވޭ ސާޖަރީތައް އާ ހޮސްޕިޓަލްގައި ފަހިވުމަކީ މުޅި ސަރަހައްދުގެ ސިއްހީ ދާއިރާ އަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ.

ގޮންޖެހުންތައް ގިނަ

މުޅިން އެހެން ކަމަކަށް ހަދާފައި ހުރި އިމާރާތެއްގައި 100 އެނދުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ހޮސްޕިޓަލް ހަދަން ފެށުމުގެ ކުރިންނާއި ފަހުން ވެސް ބޮޑު ބަހުސެކެވެ. އަދި އައްޑޫ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ޔާމީންގެ ސަރުކާރުން ފެށީ ވެސް އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުއްޓަ އެވެ. އައްޑޫ ސިޓީ ކައުންސިލުން ބޭނުންވީ، ހިތަދޫގައި ކުރިން ޕޮލިސް ޓްރެއިނިން ސްކޫލް ހިންގި ތަނުގައި އާ ހޮސްޕިޓަލް އިމާރާތް ކުރުމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން ބޭނުންވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ހެދި ޗާލު އިމާރާތުގައި އާ ހޮސްޕިޓަލް ހެދުމަށެވެ.

މިހާރުގެ ސަރުކާރުން ދެކޭ ގޮތުގައި، އައްޑޫ އާ ހޮސްޕިޓަލް، ކޮންވެންޝަން ސެންޓަރުގެ އިމާރާތުގައި ހެދުމުގެ ނަތީޖާ އަކީ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވުމެވެ.

ހެލްތު މިނިސްޓަރު އަމީނާއި ސްޓޭޓް މިނިސްޓަރު ޝާހް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައްޑު އަށް ކުރެއްވި ޒިޔާރަތުގައި، ހޮސްޕިޓަލްގެ ޗާޓު ބައްލަވާލައްވަނީ.

"އެ އިމާރާތް ކޮށްފައި ވަނީ ބެލެހެއްޓުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވާ ގޮތަށް. ޓާޝަރީ ހޮސްޕިޓަލެއް ހަދަން އެކަށީގެންވާ ތަނެއްގައެއް ނޫން އެކަން ކޮށްފައި ވަނީ. އެކަމަކު، އަޅުގަނޑުމެން މި ހޮސްޕިޓަލް ހިންގާނީ އެ ސަރަހައްދުގެ މީހުން އުންމީދު ކުރާ ވަރަށް ވުރެ ވެސް ރަނގަޅަށް،" އަމީން ވިދާޅުވި އެވެ.

"އެހެން ކަމަކަށް އަޅާފައި ހުރި އިމާރާތެއް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރީމާ ވަރަށް ބައިވަރު ކަންކަން ލިމިޓު ވާނެ. ޓާޝަރީ ހޮސްޕިޓަލެއް އަޅާއިރު މީހުން ބަލާނެ ޚަރަދު ކުޑަކުރެވޭނެ ގޮތަކާއި މަދުން މުވައްޒަފުން ބޭނުންކުރާނެ ގޮތެއް. އެކަމަކު، މިހެން ހެދީމާ އެ ހުރިހާ ކަމަކަށް ނުބެލޭނެ."

އަމީން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، އެއް ޑިޕާޓްމަންޓް އަނެއް ޑިޕާޓްމަންޓާ އެކަށީގެންވާ މިންވަރަށް ވުރެ ދުރުވުމާއި ބައެއް ތަންތަން އެކަށީގެންވާ ވަރަށް ވުރެ ބޮޑުވުން ހިމެނެ އެވެ. އޭގެ ސަބަބުން ސާފުކުއަރުމާއި ބެލެހެއްޓުމާއި ކަރަންޓުގެ ޚަރަދު މައްޗަށް ދާނެ އެވެ.

"ދެން ސަރުކާރަށް ފަހަތަކަށް ނުދެވޭނެ. ދެން ސަރުކާރުން ޖެހޭނީ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދަން. ކަރަންޓު ޚަރަދު ކުޑަކުރާއިރު، އިޔާދަކުރުމުގެ ހަކަތަ ބޭނުންކުރެވޭނެ ގޮތާއި ސާފުކުރުމުގެ ޓެކްނޮލޮޖީގެ ގޮތްތައް ސަރުކާރުން ހޯދަން ޖެހޭނެ. މިއަދު ސަރުކާރުން އެތަނާ ހަވާލުވާއިރު ހާލަތަކީ ކަރަންޓުގެ ޚަރަދު ބޮޑުވާނެ. ބެލެހެއްޓުމުގެ ޚަރަދު ވެސް ބޮޑުވާނެ،" އަމީން ވިދާޅުވި އެވެ.

މި ފޮޓޯގައި ދުރުން އެ ފެންނަނީ އައްޑޫ އާ ހޮސްޕިޓަލްގެ މައި އިމާރާތުގެ ބޭރުގައި ހަދާފައިވާ ސާވިސް ބިލްޑިން.---ފޮޓޯ: މިހާރު

އައްޑޫގެ ސިއްހީ ދާއިރާ އަށް އިނގިލާބީ ބަދަލުތަކެއް އާ ހޮސްޕިޓަލުން އަޔަސް، އެފަދަ ބޮޑު ތަނެއް ހިންގުމުގެ ގާބިލްކަން އެބަހުރިތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ. ޚާއްސަކޮށް، މާލެ އިން ބޭރުގައި މިފަދަ ތަނެއް އިމާރާތް ކުރިއިރު، ތަޖުރިބާގެ އަލީގައި ބައެއް މީހުން އެހާ ޕޮޒިޓިވްއެއް ނޫނެވެ.

ނަމަވެސް މިނިސްޓަރު އަމީން ދެކެވަޑައިގަންނަވާ ގޮތުގައި، މިފަދަ ހޮސްޕިޓަލެއް ހިންގޭނެ ފެންވަރުގެ މީހުން ދިވެހިންގެ ތެރޭގައި ތިބޭނެ އެވެ. ގާބިލް މީހުން ތިބޭނެ އެވެ.

"އެހެންވީމާ މި ހޮސްޕިޓަލްގެ އިސް މަގާމުތަކަށް އަޅުގަނޑުމެން ހުޅުވައިލުމުން އެކަމަށް ގާބިލް ދިވެހިން ކުރިމަތިލުމަކީ ވަރަށް ބޮޑު އެދުމެއް. ހޮސްޕިޓަލަށް މީހުން ނަގާއިރު ބަލާނީ ވީހާ ވެސް ގާބިލް، ތަޖުރިބާ ހުރި، މަސައްކަތުގައި ކުރިއަށް ދެވޭނެ މީހުންނަށް،" އަމީން ވިދާޅުވި އެވެ.

އައްޑޫ ރައްޔިތުންގެ ޒަމާންވީ ޝަކުވާއަށް ނިމުން އައުން މިއޮތީ ކައިރީގަ އެވެ. ސާކް ސަމިޓް ބާއްވައިގެން ތާރީޚުން ޖާގަ ހޯދި ދަރުބާރުގެ، އައްޑޫގައި އަލުން ހުޅުވާލަދޭނީ އެހެން ސަފުހާއެކެވެ: ޒަމާނީ ފެންވަރުގެ ސިއްހީ ހިދުމަތުންނެވެ.