އަނީގާ އޭނާގެ މަސައްކަތުގައި: ތަފާތު މަސައްކަތަކުން ގިނަ ބައެއްގެ ރުހުން ހޯދައިފައިވޭ -- ފޮޓޯ: ނިޝާން އަލީ މިހާރު
22 ސެޕްޓެމްބަރ 2016 - 06:32
ފުރަތަމަ، ތިރީގައި ހުރި ހުރިހާ ފޮޓޯތަކެއް ބަލައިލާށެވެ! މިއީ، ގޭގައި އިންނަ އަންހެނަކު އޭނާ ހުސްވަގުތު ހޭދަކުރާ ގޮތެވެ. ދެ ދަރިން ބަލަމުން އޭނާގެ އަމިއްލަ ހިތްހަމަޖެހުމަށް ޓަކައި ވެސް ކުރާ މިކަމުން އެކަށީގެންވާ އާމްދަނީއެއް ކޮންމެ މަހަކު ލިބެ އެވެ. އޭނާގެ މެސެޖަކީ މި އެވެ. "ގޭގައި ވެސް ހުރެގެން ކޮންމެ އަންހެނަކަށް ވެސް ރަނގަޅު އާމްދަނީއެއް ލިބިދާނެ" އެވެ.
އެކަމާ ދެބަސް ވެވޭކަށް ނެތެވެ؛ އަނީގާ އުމައިމާ އަންނަނީ އެކަން ސާބިތުކޮށްދެމުންނެވެ. އޭނާގެ އަތުން އެ ތައްޔާރުކޮށްލާ ހިތްގައިމު ޑިޒައިންތަކާއި ތަކެތި މިހާރު މި ވަނީ ވައިގައި ހިފައިފަ އެވެ. ހަ އަހަރެއްހާ ދުވަހުން މިކަން އޭނާ މި ހިސާބަށް ގެނައިއިރު، މަހެއްގެ މައްޗަށް މިހާރު މަދުވެގެން ދުވާލަކު އޯޑަރެއް ކަހަލަ ގޮތަކަށް ނަގަ އެވެ. އެކަމަކު އެއީ އޭނާގެ އެންމެ ޕީކެއް ނޫނެވެ. މިއަށް ވުރެ ސީރިއަސްކޮށް މިކަން އޭނަ ކުރާ ނަމަ، ނުކުރެވޭ ވަރަށް މަސައްކަތް ފުނި ޖެހޭނެ ކަމަށް އޭނާ ވެސް ގަބޫލު ކުރެ އެވެ. މިހެން އިނދެ ކޮށްލާ މި ކުޑަކުޑަ، އެކަމަކު ހުނަރުވެރި މަސައްކަތުން ބައެއް މަސްމަހު 15000ރ. ވަރު ނަގަ އެވެ.
އަނީގާގެ ބައެއް އުފެއްދުންތައް
މިއީ، އަންހެނުންނަށް ނަމޫނާ މަސައްކަތެކެވެ. އޭނާގެ "އައިނީސް ވޯލް ޑެކަ" އަކީ މިހާރު ބްރޭންޑެކެވެ. މި އުފެއްދުންތަކަށް ވަރަށް ގިނަ މީހުން ލޯބި ކުރެ އެވެ. މިއީ، ކޮޓަރިތަކުގެ ފާރުތައް ޒީނަތްތެރިކުރަން ބޭނުންވާ މީހުންނަށް އޭނާ ދޭ ޚިދުމަތެކެވެ. އެކަން އޭނާ ކުރަނީ މާ ބޮޑު ފީއަކާ އެކު އެއް ވެސް ނޫނެވެ. ފޮޓޯތަކުން އެ ފެންނަ ނަންކޮޅެއް ގާތްގަނޑަކަށް 500 ވަރަކަށް ރުފިޔާ އަށް ހަދާލެވެ އެވެ. އެއީ މުޅިން އެކަމަށް ތައްޔާރުކޮށްފައި ހުންނަ ޚާއްސަ ކަރުދާހަކުން ކޮށްފައިވާ ކަވި މަސައްކަތެކެވެ.
"އާންމުކޮށް މީހުން އަންނަނީ ކުއްޖަކު ލިބިގެން އޭނާގެ އެނދު ކައިރި ޒީނަތްތެރިކޮށްލާ ހަދަން،" އަނީގާ ބުންޏެވެ. "މިހާތަނަށް ވަރަށް ގިނަ ގޭގޭގެ ކޮޓަރިތަކުގެ ކޯނާތައް މިގޮތަށް ހަދައިދެވިފައި ހުންނާނެ."
އަނީގާގެ ބައެއް އުފެއްދުންތައް
މިއީ، މުޅިން ކަރުދާސް ބޭނުންކޮށްގެން ކުރާ އަތްތެރި މަސައްކަތަކަށް ވާތީ، އެންމެ އޯޑަރަކަށް ވެސް ފުދޭވަރަކަށް ވަގުތު ހޭދަވެ އެވެ. ކުދިންގެ ނަންތައް އަޅާއިރު، އެ ނަމުގައި ހިމެނޭ އަކުރުތައް ޒީނަތްތެރިކުރުމަށް ދެން ކުރަން ޖެހޭ އިތުރު ކަންތައްތަކަށް ވިސްނަން ޖެހޭ ވިސްނުން ބޮޑެވެ. އަދި އެތަކެތި ހެދުމަށް ކުރަން ޖެހޭ ކޫސަނި މަސައްކަތްތަކަކީ ވަރަށް ފަރުވާތެރިކަމާ އެކު ނޫނީ ނުކުރެވޭނެ ކަންތައްތަކެކެވެ. މި މަސައްކަތުގައި އޭނާ ގެންގުޅޭ ހުރިހާ ޓޫލްސް އަކީ ވެސް އަމިއްލަ އަށް ތައްޔާރުކޮށްފައިވާ އެއްޗިއްސެވެ. އަކުރުތަކުގައި ފެންނަން އެ ހުރި މާތަކާއި އެހެނިހެން ކެފުންތައް ވެސް އެއީ އަތު މަސައްކަތެވެ. ނުވަތަ މިއީ، 100 ޕަސެންޓް ހޭންޑް މޭޑެވެ.
އަނީގާގެ ބައެއް އުފެއްދުންތައް
"މިއީ، ގާތްގަނޑަކަށް ދެ ގަޑިއިރުގެ މަސައްކަތް،" ފިރިމީހާގެ އެހީތެރިކަން ލިބޭކަން ފާހަގަކޮށް، ފަސް އަކުރުގެ ނަމެއް ހަދަމުން އޭނާ ބުންޏެވެ. "މިއީ އިއްޔެ ލިބުނު އޯޑަރެއް. މިއަދު މި ފެށީ. މިއަދު ނިމޭނެ."
ފޯނުކޮށްލައިފައި އޯޑަރު ދީ، ބޭނުންވާ ޑިޒައިން ބުނުމުން އެކަމެއް އޭނާ އެކަން ކޮށްދެ އެވެ. އެކަމަކު އޯޑަރުތައް އޭނާ ނަގަނީ ވަކި ބާވަތްތަކެއްގެ އެވެ.
އަނީގާގެ ބައެއް އުފެއްދުންތައް
"އަޅުގަނޑު މި ކޮށްދެނީ ހަމައެކަނި ކުޑަކުދިންގެ ކޯނާތަކާއި ބައެއް ކަހަލަ ފްރޭމްތަކުގެ މަސައްކަތް. ދެން ބައެއް ފަހަރު ކުލާސްތައް ޒީނަތްތެރިކޮށްލުން ކަހަލަ ކަންކަން ހިމެނޭ،" މޫނުބުރުގާ އަޅައިގެން އުޅޭ އަނީގާ ބުންޏެވެ. "ގިނަ އޯޑަރުތައް ލިބިދާނެ އެގޮތަށް ކުރަން ވިސްނައިފިއްޔާ. އެކަމަކު އަޅުގަނޑަކަށް ކުދިން ބަލަމުން މިކަމަށް އެހާ ބައިވަރު ވަގުތެއް ނުދެވޭ. މިކަން ހަގީގަތުގައި ފުޅާ ނުކުރެވި އޮތް އެއް ސަބަބަކީ ވެސް އެއީ."
މިއީ އޭނާގެ ފުރަތަމަ ދަރިފުޅު އައިނީ ލިބުމާ އެކު ދަރިފުޅުގެ ކޮޓަރި ޒީނަތްތެރިކުރުމަށް ޓަކައި އޭނާ ކުރި ތަޖުރިބާއެކެވެ. އެ ހިސާބުން އޭނާ އަށް ވިސްނުނީ މިކަން ކުރަން އެހެން މީހުން ވެސް ބޭނުންވެދާނެ ކަމެވެ. އެ ހިސާބުން ފޭސްބުކްގައި "އައިނީސް ވޯލް ޑެކަ"ގެ ޕޭޖެއް ހަދައި، އޭނާގެ ހުރިހާ އުފެއްދުމެއް އަންނަނީ އިޝްތިހާރު ކުރަމުންނެވެ. އެ ޕޭޖްގެ ކޮމެންޓްތަކަށް ބަލާއިރު، އޭނާގެ އުފެއްދުންތަކަށް މީހުން ލޯބިކުރާ މިންވަރު އެނގެ އެވެ.
އަނީގާގެ ބައެއް އުފެއްދުންތައް
"އެންމެން ވެސް ބުނާނެ ހަމަ ވަރަށް ރީއްޗޭ. އަނެއްކާ އެއް ފަހަރު މި ތަކެތި ހެދުމަށް ފަހު ހަމަ އެ މީހުން ދެ ވަނަ ފަހަރަށް އަޅުގަނޑު ގާތަށް އެއްޗެހި ހަދަން އަންނާނީ ވެސް މި މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭތީ ކަންނޭނގެ،" އޭނާ ބުންޏެވެ.
މިހާތަނަށް މިކަހަލަ ވަރަށް 100 އަށް ވުރެ ގިނަ ޑިޒައިން އޭނާ ވަނީ ހަދައިފަ އެވެ. އަދި އެ ޑިޒައިންތަކުގެ ވަރަށް ބައިވަރު ނަންތައް ވެސް އޭނާ ވަނީ އެކި މީހުންނަށް ތައްޔާރުކޮށްދީފަ އެވެ.
"އެހެންވެ، އަޅުގަނޑު މިހާރު އެބަ ވިސްނަން މިކަން ފުޅާކުރެވޭނެ އެހެން ގޮތްތަކަށް. މިސާލަކަށް މިހާރު މި ހަދަނީ ފޯމް ބޯޑާއި ކަރުދާހުގައި. މުސްތަގުބަލުގައި އަޅުގަނޑުމެން ވިސްނާފައި ވާނީ ލަކުޑި ކަފައިގެން އަކުރުތައް ހަދައިގެން މިކަން ކުރަން،" އޭނާ ބުންޏެވެ. "ފުޅާކުރުމުގެ ވިސްނުން އެބަހުރި. މިއީ މާކެޓް އޮތް ކަމެއް."
އަނީގާގެ ބައެއް އުފެއްދުންތައް
މިއީ، ވަރަށް މަދުން ނޫނީ މީހަކު ނުކުރާ ކަހަލަ ކަމެކެވެ. ޚާއްސަކޮށް ވިޔަފާރި އުސޫލުން މިކަން ކޮށްގެން މިހާ ބޮޑު މާކެޓެއް އުފެއްދިދާނެ ކަމަށް ފަހަރެއްގައި މީހަކު ހީ ވެސް ނުކޮށްފާނެ އެވެ. އެހެން ނަމަވެސް އަނީގާ ބުނަނީ އެކަން އޮތީ އެހެން ނޫން ކަމަށެވެ.
"ހަގީގަތުގައި އެހާ ވަރަކަށް އަޅުގަނޑުމެން އިޝްތިހާރެއް ވެސް ނުކުރަން. ފޭސްބުކްގައި އެ އިން ޕޭޖުން ނޫން ގޮތަކަށް ނޭނގޭނެ. ދެން އެނގޭނީ އެކި މީހުންގެ ފަރާތުން. މިކަން އިޝްތިހާރުކޮށްގެން އަދި މިއަށް ވުރެ ގިނައިން އޯޑަރުތައް ނަގައިގެން ކުރިޔަށް ގެންގޮސްފިއްޔާ މިކަން ހަމަ ވަރަށް ރަނގަޅުވާނެ،" އޭނާ ބުންޏެވެ. "މިއީ ހަމަ ވަރަށް ރަނގަޅު އާމްދަނީއެއް ގޭގައި ހުރެގެން ވެސް ލިބިދާނެ ކަމެއް."
އަނީގާގެ އެ މަސައްކަތް ކުރިއަށް ދަނީ ފޫހިވުމެއް ނެތި އެކަމުގައި ދެމިހުންނާތީ އެވެ. މިއީ ހަމަޖެހިލައިގެން ތަނެއްގައި އިނދެ، ކެތްތެރި ކަމާ އެކު ކުރަން ޖެހޭ ވަރަށް ކަވި މަސައްކަތެކެވެ. އެކަމަކު އެ މަސައްކަތް ފުރިހަމަވެ ނިމޭއިރު ބަލާލަން ވަރަށް ހިތްގައިމެވެ. ހަމައެއާ އެކު އެ އުފެއްދުމުން ލިބޭ ހިތްހަމަޖެހުން އަނީގާ އަށް ވެސް ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜރރ
23 September 2016
ޑޮކްޓަރީ ކަން ކިޔާވާފަ ކަންބަލުން ގޭގައި އިނުންވެސް މާ ބުއްދިވެރިވީތާދޯ.
ޢައި
24 September 2016
ޑރ. ކަން ކިޔެވިޔަސް ހާލަތު ނިޔާކުރާ ގޮތުން ވަޒީފާއަކަށް ދިއުމަށް ޢުޒުރުވެރިވެދާނެ. ތިހާ ޖަޖްމެންޓަލް ކޮމެންޓެއްވީމަ ހަމަ ބުނެލީ
މުޙައްމަދު
23 September 2016
މާޝާﷲ
ވެރީ ކިއުޓް
23 September 2016
ހާދަ މޮޅޭ...
ފަރީސް
22 September 2016
ޕްރޮފެސަރ އަކަށް ވަންދެން ކިޔާފަ ދެ އަހަރު ތެރޭ ވަޒީފާއިން ކެނޑެންޖެހުމަށްވުރެ މިކަހަލަ މަސައްކަތް އަންހެނުންނާއި އަސްލު މާ ގުޅޭ ދޯ ؟؟
މާހިރު
22 September 2016
ގޭގައި ތިބެ ދަރިން ބަލަމުން، ގޭގެ މަސައްކަތް ކުރަމުން އަދި އާމްދަނީ ހޯދާ އަންހެނުންނަކީ އޮފީސް ވަޒީފާއަށް ދާ އަންހެނުންނަށް ރީތި ނަމޫނާއެއް....
ފަރީދު
22 September 2016
ލާރީ ހޯދުމަށްޓަކައި ގަޔަށް ބާރު ހެދުން ލައިގެން އަންހެނުންނާއި ފިރިހެނުން މަސްހުނިވާން ނުޖެހޭކަން އަނީގާ ހާމަކޮށްދީފި! ވަރަށް އުފާވެއްޖެ މި ލިޔުން ކިޔާފަ! ތި މަސަައްކަތުގައި ބަރަކާތް ލައްވާށި!!
3ޑީ
22 September 2016
އެމަސައްކަތް 3ޑީ ޕްރިންޓަރަކުން މާފަސޭހައިން މާއަވަހަށް މާހަރަދުކުޑަކޮށް ކޮށްލެވޭނެ.
4ޑީޑީ
24 September 2018
މި ކަހަލަ އަތު މަސައްކަތްތައް މި ބީދައިން ކޮށްލުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ
އަލީ
22 September 2016
ވަރަށް ފުރިހަމަ މަސައްކަތެއް
ސަމާހު
22 September 2016
ވަރަށް ރީތި. ވަރަށް ފުރިހަމަ
ތިޔައީ ދިވެހި ދަރިންނަކީ
22 September 2016
100% ތާއީދު