ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އެންމެ ބޮޑު ހިތާމަ އާއި މޮޅިވެރިކަމެއް ކުރިމަތިވީ މުހައްމަދު ގިޔާސް، 24، އަށެވެ. ގިޔާސްގެ މަންމަ އާއި ބައްޕަ އާއި ދައްތަ އާއި ދައްތަގެ ހުރި ހަމައެކަނި ދަރިފުޅު މި ދުނިޔެއާ ވަކިވެގެން ދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިންދާލި ބިޔަ ރާޅަކުންނެވެ. އެ ރާޅު ވެގެން ދިޔައީ ގިޔާސްގެ އާއިލާގެ ނިމުމަށެވެ.
ލޯންޗު އަޑިއަށް ދިޔަ ހިތާމަވެރި ހާދިސާގައި މަރުވި ގިޔާސްގެ ބައްޕައަކީ ނޮޅިވަރަންފަރުގެ ގިނަ ބަޔަކު ދަންނަ ބޮޑު ޓީޗަރު ހުސެއިން އަބްދުﷲ، 55، އެވެ. ގިޔާސްގެ މަންމަ އަދި ހުސެއިންގެ އަންހެނުންނަކީ މަރިޔަމް މައުސޫމް، 48، އެވެ. ގިޔާސްގެ ދައްތަ އަދި ހުސެއިނާއި މަރިޔަމްގެ ދަރިފުޅަކީ ފާތުމަތު ގުރައިޝާ، 30، އެވެ. ގުރައިޝާ އަށް ލިބިފައިވާ އުމުރުން ތިން އަހަރުގެ އީރާ ހަސަން ޝިފާޒް، 3، އަކީ ގިޔާސް އަށް ބޮޑުބޭބެ ކިޔާ ހަމަައެކަނި ކުއްޖާ އެވެ.
ނޮޅިވަރަމުން ފުރައިގެން ހުސެއިނާއި މަރިޔަމާއި ގުރައިޝާ އާއި އޭނާގެ ދަރިފުޅު އީރާ ހަނިމާދު އަށް ދަތުރުކުރީ ސްކޫލް ބަންދުވެ ލިބުނު ކުރު ޗުއްޓީގައި މާލެއަށް ދާށެވެ. އެކަމަކު އެ ދަތުރު ވެގެން ދިޔައީ ގިޔާސްގެ ހިތުން ނުފިލާނެ ދުވަހަކަށެވެ. ގިޔާސްގެ މުޅި އާއިލާ މި ދުނިޔެ ދޫކުރީ ވަރަށް ވެސް ހިތްދަތި ގޮތަކަށެވެ.
ލޯންޗުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން މަރުވި ފަސް މީހުން ހިނަވާ މޫނު ދެއްކުމަށް ފަހު، ކަށު ނަމާދު ކުރުމަށް ރަށުގައި އޮތް ހަމައެކަނި އެމްބިއުލާންސްގައި ފަހަރަކު މައްޔިތެއް ގެނެސް މިސްކިތަށް ވެއްދި އިރު ގިޔާސް ހުރީ މިސްކިތުގެ ފެންޑާ ކައިރީގައި މޮޅިވެރިކަމާ އެކީގައި މަޑުކޮށްލައިގެންނެވެ. އިއްބެ އާއި އޭނާގެ އެކުވެރިން އޭރުގައި ތިބީ ގިޔާސް ވަށާލައިގެން އޭނާގެ ކޮނޑަށް އަތްލައިގެންނެވެ. ގިޔާސްގެ މޫނު މަތިން އޭރުގައި ފެނުނީ މާޔޫސް ކަމާއި ނުތަނަވަސްކަމެވެ. ގިޔާސް ހުރީ ފެންކަޅިވެފަ އެވެ.
ކޮންމެ މައްޔިތެއް ގެންގޮސް، މިސްކިތަށް ވެއްދުމާ އެކު، ގިޔާސް ސިޑި ބަރި މަތީގައި އިށީނދެ އެވެ. އިށީނުމާ އެކު، ކައިރީގައި ތިބޭ ރައްޓެހިން ވެސް އޭނާއާ އެކުގައި އިށީނެވެ. އަދި އެހެން މައްޔިތުން ގެންނަ ކޮންމެ ފަހަރެއްގައި އެ މީހަކަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އަނެއްކާ ވެސް ކޮޅަށް ތެދުވެ އެވެ.
އެމްބިއުލާންސްގައި ފަހަރަކު މައްޔިތެއް ގެންދިޔަ ކަމުގައިވިޔަސް، ވަޅުލާން ސަހަރާ އަށް މައްޔިތުން ގެންދިޔައީ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާ އެކީގައި ހިނގައިފަ އެވެ. އެކަމުގައި ގިޔާސް ވެސް ބައިވެރިވި އެވެ. އެކަމަކު، ދެން އޭނާ އަށް ފެނުނު މަންޒަރަކީ ލޮލުން ކަރުނަ އައުން ހިފަހައްޓަން އުނދަގޫވި މަންޒަރެކެވެ.
ގިޔާސްގެ އާއިލާގެ މެމްބަރުންގެ ވަޅުލުމަށްޓަކައި ވަޅަށް ތިރި ކުރި ގަޑީގައި އޭނާގެ ލޮލުން ކަރުނަ އޮހޮރެން ފެށި އެވެ. އެއީ ވަޅަށް ތިރި ކުރި އިރުން ފެށިގެން ގޮސް، ފަސް އަޅާ ވަޅުލުމާ ހަމައަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މަސައްކަތް ކުރަމުން އަންނަ ގިޔާސްގެ ރައްޓެހިން ބުނި ގޮތުގައި އޭނާއަކީ ގާތް ރައްޓެހިންނާ ގުޅޭ، ސަކަ މިޒާޖެއްގެ ހިތް ހެޔޮ މީހެކެވެ. ފަށުވި ބަސްތަކުން ގިނަ ރައްޓެހިން އޭނާ އަށް ކުރީ ތައުރީފެވެ. މަޑުމައިތިރި މިޒާޖެއްގެ މީހަކަށް ވީތީ އެކަންޏެއް ނޫނެވެ. މީހުންނަށް އެތައް އެހީއެއް ވެދޭ ގިޔާސްއަކީ ނަމޫނާއެއް ކަމަށް ގިނަ މީހުން ސިފަކުރެ އެވެ. ބައެއް މީހުން ބުނި ގޮތުގައި އޭނާގެ ހުރީ އޭނާގެ ބައްޕަގެ ވިސްނުން ތޫނުކަމާއި މޮޅުކަމެވެ.
ގިޔާސްގެ ދެބޭންގެ ދެދަރި ބޭބެ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ބުނި ގޮތުގައި އޭނާ އާއި ގިޔާސް މާލޭގައި އުޅެނީ އެއްކޮށެވެ. ގިޔާސްއަކީ މީހުންނާ ގުޅޭ ވަރަށް މަޖާ މިޒާޖެއްގެ ބޭބެއެއް ކަމަށް ވެސް އިއްބެ ހަނިމާދޫގައި ހުރެ "މިހާރު" އަށް ކިޔައިދިނެވެ.
ގިޔާސްގެ ބައްޕަ އަށް ކުރާ ތައުރީފް!
ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ "މިހާރު" އަށް ވިދާޅުވި ގޮތުގައި ގިޔާސްގެ ބައްޕައަކީ މުޅި ރަށުގެ ރައްޔިތުން ދަންނަ ޓީޗަރެކެވެ. އަދި ގިޔާސް ވެސް ދޭތެރެ ދޭތެރެއިން ނޮޅިވަރަންފަރަށް ގޮސް، ހަދާ ކަމަށް ވިދާޅުވި އެވެ.
ނޮޅިވަރަންފަރުގައި ރަނގަޅު ޖީލެއް ބިނާ ކުރަން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކަށް ގިޔާސްގެ ބައްޕަ ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ގިޔާސްގެ ބައްޕައަކީ އެންމެންނާ ގުޅޭ ހުރިހާ ކަންކަމުގައި ވެސް ޝާމިލްވާ މީހެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ހަނދާން ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ފުޓްބޯޅަ މެޗެއް އެއްވަރުވެގެން އެންމެ ފަހު ޕެނަލްޓީ ޖަހަން މި ދިޔައީ ހުސެއިން. ހުސެއިން މެދު ރޮނގާ ހަމައަށް ދިޔަ ބޯޅައިގައި ޖަހަން. ދުވެފައި ގޮސް އެ ބޯޅައިގައި ޖަހާފައި ނުކުމެގެން ދިޔައީ ނަމާދަށް،" އެންމެ ކައިރި ހަނދާނަކަށް ހުސެއިންގެ ވަނީ ކޮން ހަނދާނެތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ހުސެއިން ހަރުދަނާ އުސޫލެއްގެ މަތިން އުނގަންނައި ދިނުމުގެ ނަތީޖާއެއްގެ ގޮތުން ނޮޅިވަރަންފަރުގައި މަސްތުވާތަކެތި ބޭނުން ކުރާ އެއްވެސް ކުއްޖެއް ކުރިން ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހަނދާންވާ ކަމެއް ހުކުރު ދުވަސް ދުވަހު 11 ޖަހާ އިރު، މޫދުން އަރަން ޖެހޭނެ ކަމަށް ހުސެއިން ބުނާ ވަހަކަ. ހުސެއިން ބުނެފި ނަމަ، އެކަމެއް ކުރަން ޖެހޭނެ. އޭރުގައި އިހްސާސްވި އަޅުވެތި ކަމެއްގައިއޭ މިއުޅެނީ ވެސް. އެކަމަކު، މިހާރު އިހްސާސްވޭ އޭރު ކުރީ ރަނގަޅު ކަމެއް ކަން،" ހުސެއިނަކީ އޭރުގައި ނަޝީދަށް ކިޔަވައިދިން ޓީޗަރެއް ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
"ހުސެއިން މި ރަށުގެ އެންމެންނާ ގުޅޭނެ. ރަށުތެރެ ސާފު ކުރިޔަސް، ކުޅިވަރުތައް ކުޅުނަސް، މުބާރާތެއް ބޭއްވިޔަސް ކޮންމެ ކަމެއް ކުރުމުގައި ކުރީ ސަފުގައި އުޅޭ މީހެއް އެއީ،"
ހުސެއިން ވަނީ ނޮޅިވަރަންފަރު ސްކޫލްގައި 35 އަހަރަށް ވުރެ ގިނަ އަހަރު ހޭދަކުރައްވައިފަ އެވެ.