ސުއޫދުގެ ޖެހިލުމެއް ނެތް! އާންމުންގެ ލޯ ހުޅުވާލަދީފި

ދީނީ ގޮތުން ހައްދުފަހަނައަޅައި ދާކަމާއި އެ ފިކުރު ފަތުރަމުން ދާކަން ނޭނގި އޮތީކީ ނޫނެވެ. އަޑުއިވޭ ކަމަށް ނުހަދައި ތިބީ އެވެ. ފެންނަ ކަމަށް ވެސް ނުހެދީ އެވެ. އެ ވަބާގެ ސަބަބުން އިގުތިސާދަށް އަސަރުކޮށްފާނެތީ އެވެ. ނުވަތަ އެހެން ގައުމުތަކަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނީވެ އެވެ. ނޫނީ އަމިއްލަ ފުރާނަ އަށް ނުރައްކަލެއް އަތުވެދާނެ ކަމުގެ ބިރަށެވެ. ނަތީޖާއަކަށް ވީ، ހަރުކަށި ފިކުރުގެ މީހުންނަށް އެކަން ކުރަން ޖާގަ ލިބުމެވެ.


އަހަރެމެން ބީރު ކަންފަތަކާއި ކަނު ލޮލެއް ދީގެން ތިބި އެ ހަގީގަތުން ބައިކުޅަ ބަޔެއް ނަމަވެސް، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން އިއްޔެ އެވަނީ މިދިއަ އާދިއްތަދުވަހު ތިލަކޮށްދީފަ އެވެ.

ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދޫ، އެއްވެސް ޖެހިލުންވުމެއް ނެތި، މުޅި ގައުމަށް ހާމަކުރެއްވީ، މިހާތަނަށް ކަމާ ބެހޭ އެއްވެސް ފަރާތަކުން ހާމަނުކޮށް ހުރި ނުވަތަ ހާމަކުރަން ނުކެރި ހުރި ވާހަކަތަކެކެވެ. ޓެރަރިޒަމުގެ އަމަލުތައް ހިންގާ ޖަބްހަތުއްނުސްރާ އާއި އަލްގައިދާ އާއި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ބައެއް ދިވެހިންގެ އަމަލުތަކެވެ.

ރިލްވާނަށް ވީ ގޮތެއް ހާމަކުރުމަށް ގޮވާލާ ބަޔަކު އަޑު އުފުލަނީ: ރިޔާސީ ކޮމިޝަންގެ ތަހުގީގުން ވަނީ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައި-- ފޮޓޯ: މިހާރު

އަލްގައިދާއަށް ނިސްބަތްވާ ދިވެހިން ރާއްޖޭގައި މީހުން މެރުން ފަދަ ކަންކަން ކުރަމުން ދާ ކަމަށާއި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ނޫސްވެރިޔާ އަބްދުﷲ ރިލްވާން ވެސް މަރާލީ އޭގެ ބައެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.

އައިއެސްއަށް ނިސްބަތްވާ މީހުން މާލޭގައި ބޮޑެތި ފޭރުންތައް ހިންގައި ފައިސާ ހޯދަމުން ދާ ކަމަށާއި އޭގެ ތެރެއިން އެއް ފޭރުމަކީ ބީއެޗްއެމް ޓްރޭޑާސް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

މި ގްރޫޕްތަކުން ރާއްޖޭގައި ތަފާތު ވިޔަފާރިކުރެ އެވެ. އެއިން ލިބޭ އާމްދަނީގެ ބައެއް ހަނގުރާމައަށް ދިވެހިން ފޮނުވާށާއި ބޭރުގެ އެފަދަ ޖަމާއަތްތަކަށް އެހީވުމުގެ ގޮތުން ރާއްޖެ އިން ބޭރުކުރެ އެވެ. އެ މީހުން ރާއްޖޭގައި ކުރާ ވިޔަފާރިތަކުގެ ތެރޭގައި ފޮތި ފިހާރަތަކާއި ތަރުކާރީ ވިއްކާ ފިހާރަތަކާއި ހޮޓާތަކާއި ކަންނެލި މަސްވެރިކަން ހިމެނެ އެވެ.

މައިންބަފައިން އެންމެ ސަމާލުކަން ދޭން ޖެހޭނެ އެއް ވާހަކައެއްގެ ގޮތުގައި ސުއޫދު ވިދާޅުވީ، ހަރުކަށި ވިސްނުމުގެ މީހުން މިސްކިތްތަކުން ކުދިން ހޯދައިގެން އެ ކުދިންގެ ފިކުރާ ކުޅެމުން ދާ ކަމަށެވެ.

ބިރުވެރި ވާހަކަތަކެކެވެ. ސިހުން ގެނުވި ވާހަކަތަކެކެވެ. އެކަންކަމުގެ ހަގީގަތް ހާމަކުރުމަށް ސުއޫދާއި ކޮމިޝަނުން ކުރި މަސައްކަތް ގިނަ އެވެ.

ނުރައްކާތެރި ބަޔަކު ކޮށްފައިވާ ލާއިންސާނީ އަމަލުތައް ހޯދައި އެކަންކަން ފަޅާއެރުވުމަކީ ރާއްޖޭގައި ގޮންޖެހުން ބޮޑު ކަމެކެވެ. އަމިއްލަ ނަފުސަށް އޮތް ބިރުވެރިކަމެވެ.

"ހެކިބަސް ދޭން މީހުން ބިރުގަނޭ. ގޭންގްތަކާއި ގުރޫޕުތަކުން ބިރު ދައްކާ އިންޒާރު ދޭނެތީ ހެކިބަސްދޭން މީހުން ދެކޮޅުހަދާ. ސިއްރު ހެކި ވެސް ފަޅާއަރާފާނެ ކަމުގެ ބިރު އޮވޭ. އެހެންވެ ތަހުގީގަށް އުނދަގޫތަކެއް ކުރިމަތިވި،" ސުއޫދު ވިދާޅުވި އެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ގަތުލުކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދު

އެކަމަކު ކޮމިޝަނުން ގިނަ މައުލޫމާތުތަކެއް ހާމަކުރީ ޖެހިލުމެއް ނެތި އެވެ. ބައެއް ކަން ހިންގި ގޮތުގެ ތަފްސީލާއި ބައެއް މީހުންގެ ނަންތައް ވެސް ކިޔައިދިނެވެ.

އެންމެ ގިނަ ބަޔަކު އުފައްދާ އަނެއް ސުވާލަކީ މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަހުގީގުތަކަށް ހުރަސް އެޅޭނެތޯ އެވެ. ސުއޫދުގެ ޖަވާބަކީ "ހާމަކުރީ އެނގޭ އެއްޗެއްގެ ކުޑަ މިންވަރެއް،" ކަމަށެވެ.

"ހާމަނުކުރާ ބައި ބޮޑުވާނީ. މިސާލަކަށް [ރިލްވާން] ކިޑްނެޕް ކުރި ގޮތާއި އެރުވި އުޅަނދާއި އެއީ ކާކުގެ އެއްޗެއްތޯއާ އޭގެ ޑީޓެއިލްތަކަށް އަޅުގަނޑުމެން ނުދަން،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވަނީ މުޅި މުޖުތަމައު ހޭލާ ތިބުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. ހީކުރާވަރަށް ވުރެ އެ ޖަމާއަތްތަކުގެ ނުރައްކާ ބޮޑު ކަމަށް ވިދާޅުވެ އެމީހުން ހަރަކާތްތެރިވާ ގޮތްތަކުގެ ތަފްސީލު އޭނާ ދެއްވި އެވެ. ބޭނުމަކީ މުޅި މުޖުތަމައު އެކަމަށް "އެލާޓް" ކުރުމެވެ.

"ރަށުތެރޭ މިކަންކަން ހިނގާކަން އެބަ އެނގެން ޖެހޭ އާންމުންނަށް. އޭރުން ވައްކަންތައް ވެސް މަދުވާނެ. ބެލެނިވެރިންނަށް ވެސް އެނގެން އެބަ ޖެހޭ ކުދިންގެ މިކަހަލަ ކަންކަން. އޭރުން މިކަންކަން މަދުވާނީ،" ސުއޫދު ވިދާޅުވި އެވެ.

ތަހުގީގުގެ ބައެއް މައުލޫމާތު ހާމަކުރުމާ އެކު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަދަ ބޭފުޅުން ވިދާޅުވަމުން ދިޔައީ އެއީ ކުރިން ވެސް އެނގޭ ކަންކަން ކަމަށެވެ. އަދި އެއީ މާ ކުރިން ފުލުހުން ހޯދާފައިވާ މައުލޫމާތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އެ ކޮމިޝަންގެ މަސައްކަތްތަކަށް ފުލުހުންގެ އެހީތެރިކަން ލިބުނެވެ. ތަހުގީގު އެހާ އަވަސްވީ ވެސް ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ކުށްތަކުގެ އަސްލު ދެނެގަނެފައިވަނީ އެ ކޮމިޝަނުން އަލުން ހޯދި ހެކިތަކުގެ މައްޗަށް ކަމަށެވެ.

"ކުރިން ސާބިތުވާ ވަރަށް ހެއްކެތް ނެތް. ފަހުން [ކޮމިޝަނުން] އިތުރު ހެކި ހޯދާ މުޅި ޕިކްޗާ ފެންނަ ވަރަށް ކަންކަން ހޯދިން،" އުމަރުގެ ވާހަކަކަށް އިޝާރާތްކުރައްވައި ސުއޫދު ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުގެ ތަހުގީގުތަކުން އެނގުނު ހަގީގަތްތައް އެހާ ތިލަކޮށް، ތަފްސީލުކޮށް އޭނާ ކިޔައިދެއްވި ގޮތުން ގިނަ ބަޔަކަށް ގަބޫލުކުރެވެނީ، ސުއޫދު ފަދަ ކެރޭ ބޭފުޅުން މަދުކަމެވެ. އެކަމަކު ދެން ވެސް އުފެދޭ ސުވާލަކީ ރާއްޖޭގެ ކުރިމަގު އޮންނާނީ ހަމަ އެގޮތަށްތޯ އެވެ.