ރިޕޯޓް

އެންޑީއެމްއޭ: މަދު ބަޔަކާ އެކު ބުރަ މަސައްކަތުގައި

އަލިފާންގެ ހާދިސާއިން ގެއްލުންވި މީހުންނަށް އެކި ފަރާތްތަކުން އެއްޗެހި ފޯރުކޮށްދެނީ: މި ހުރިހާ އެއްޗަކާ ހަވާލުވެ، ބެހުމަކީ އެންޑީއެމްއޭގެ ޒިންމާއެއް

ސުނާމީ ކާރިސާއަށް ފަހު އުފެއްދި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ހަޔާތުގައި މިދިޔަ ހުކުރު ދުވަހަކީ ބުރަ ބޮޑު ދުވަހެކެވެ. މިވީ 15 ވަރަކަށް އަހަރު އެކި ކާރިސާތަކުގައި ހަރަކާތްތެރިވާން ޖެހުނަސް މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއިން ލިބުނުވަރުގެ ގެއްލުމެއް އެހާތަނަށް ލިބިފައެއް ނުވެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފެނުނު އަލިފާނުގެ ބޮޑު ހާދިސާއެކެވެ.

ހ. ތިލަފުށި ގޭގެ ގުދަނެއްގައި ރޯވެ ހިނގި ހާދިސާގައި އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލުނެވެ. އެ ހާދިސާގައި ހަތް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު ގިނަ ގެތަކަކަށް އަލިފާނާއި ދުމުގެ އަސަރުކޮށް މީހުން ދިރިނޫޅެވޭވަރުވި އެވެ. އޭގެ ތެރެއިން 53 ގެއެއްގެ 326 މީހަކަށް އެންޑީއެމްއޭން ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. ޖުމްލަ 786 މީހުންނަށް އެކި އެހީތައް އެ ހާދިސާއާ ގުޅިގެން މިހާތަނަށް ދީފައިވެ އެވެ.

އެޕްރީލް 18، 2016 ގައި ސަން ފްރޮންޓް ލިވިންގެ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް އޭރު ހުރި، ކޯސްޓްލައިންގެ ހާޑްވެއާ ބޮޑު ފިހާރާގައި ރޯވި ހާދިސާއަކީ މީގެ ކުރިން ހިނގި އެފަދަ އެންމެ ބޮޑު ހާދިސާ އެވެ. ނަމަވެސް މިފަހަރުގެ ގެއްލުމަށް ވުރެ އެފަހަރު ލިބުނު ގެއްލުން މާ ބޮޑުތަން ވެސް ކުޑަ އެވެ. އެފަހަރު ވެސް ބައެއް ގެތައް އެނދި އެވެ. ނަމަވެސް ވަގުތީ ހިޔާއަށް ގެންގޮސްފައިވަނީ 70 މީހުންނެވެ. މިފަހަރު އެއަށް ވުރެ އެތައް ގުނައެއް އިތުރަށް މީހުން ހާލުގައި ޖެހުނެވެ.

އެނދި ގޭގޭ ސާފު ކުރުމުގެ މަސައްކަތް ކުރަނީ: މިއީ ސުނާމީއަށް ފަހުން ހިނގި އެންމެ ބޮޑު ހާދިސާ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ސުނާމީއަށް ފަހު މިއީ މިހާ ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިގެން އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު ފަހަރު. ވަރަށް ބުރަކޮށް ވަރަށް ގިނައިރު މަސައްކަތްކޮށްގެން އެހީތެރިކަން ފޯރުކޮށްދެވުނީ،" އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ރޭ 7:25 ކަންހާއިރު އެ ހާދިސާގެ ރިޕޯޓް ލިބުމާ އެކު 7:30 ގައި އެންޑީއެމްއޭން މަސައްކަތް ފެށި އެވެ. އާންމު އުސޫލުގެ މަތިން އެއްބަޔަކު ފޮނުވީ ފީލްޑަށެވެ. ރޯވި ސަރަހައްދުގެ ހާލަތު ބެލުމަށެވެ. ދެން ތިބި މީހުން އޮފީހަށް އައިސް އިދާރާި ކަންކަމުގަ އެވެ.

"ފީލްޑަށް ދިޔަ ޓީމުން ދިން މައުލޫމާތާ ފޮޓޯތަކުން އެނގިއްޖެ މިއީ ބޮޑު ކަމެއްކަން. މި އޮފީހަށް އެކަނި މެނޭޖް ކުރެވޭ ވަރު ކަމެއް ނޫންކަން ވެސް. އެހެންވެ ކަލާފާނަށް ގުޅައިގެން އެކޮޅު ހަމަޖެއްސީ. އެކޮޅަށް މީހުން ގެންނަން ފެށީމަ އެއް ތަނުން ނުވާނޭ ހީކޮށް އިމާދުއްދީން ތައްޔާރުކުރީ،" އޮޕަރޭޝަނާ ގުޅޭ ގޮތުން އެންޑީއެމްއޭގެ ޑިރެކްޓަ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވި އެވެ.

ކަލާފާނު ސްކޫލު ކަނޑައެޅީ އެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީވާ މައި މަރުކަޒުގެ ގޮތުގަ އެވެ. އެންޑީއެމްއޭގެ ލަފާގެ މަތިން ކަންކަން ކުރުމަށް ވޮލަންޓިޔަރުންގެ ގޮތުގައި ރެޑް ކްރެސެންޓާއި ސްކައުޓް، ކެޑޭޓް، ގާލްގައިޑް އަދި ބައެއް މަދަނީ ޖަމިއްޔާތަކުގެ މީހުން ގެނަ އެވެ. ހާދިސާ ހިނގިތާ ގަޑިއެއްހާއިރުގެ ތެރޭގައި ހާލުގައި ޖެހުނު މީހުން އެ ސްކޫލަށް ގެންގޮސް އެހީތެރިކަން ދޭން ފަށައިފި އެވެ.

"ބައެއް މީހުން ދިޔަ ގާތްތިމާގެ މީހުން ގާތަށް ވެސް. ދާނެ ތަނެއް ނެތް ކަމަށް ބުނި އެންމެނަށް އެރެއިން ރެއަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނިން،" އެންޑީއެމްއޭގެ ސީނިއަ ޕްރޮގްރާމް އޮފިސަރު ފަރޫޝާ އަލީ ވިދާޅުވި އެވެ.

އަލިފާންގެ ހާދިސާއިން ގެއްލުންވި މީހުންނަށް އެހީވާން ހިންގި އޮޕަރޭޝަންގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ކަމާ ބެހޭ އިދާރާތަކުގެ ވެރިން-- ފޮޓޯ: އެންޑީއެމްއޭ

ހާލުގައި ޖެހޭ މީހުން ނިދަން ގޮދަޑި އަޅައި ކްލާސް ރޫމްތައް ވަގުތުން ހަމަޖެއްސި އެވެ. ސިއްހީ ފަރުވާ ދިނުމަށް ކްލާސް ރޫމެއްގައި ކްލިނިކް ހެދި އެވެ. އެތަނުގައި ހެލްތު މިނިސްޓްރީން ފޮނުވި ޑޮކްޓަރުންނާއި ނަރުހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެފަދަ ހާދިސާއެއްގެ ސަބަބުން ދިމާވާ އެކިއެކި ނަފްސާނީ ކަންކަމަށް އެހީތެރިވާ ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށް ރެޑްކްރެސެންޓާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ގެންދިޔައީ މަސައްކަތް ކުރަމުންނެވެ.

"ކުޑަ ހޮސްޕިޓަލެއް އެއީ. ދާއިމީކޮށް ބޭސްކާ މީހުންނަށް ބޭސް ލިޔެދިނުމާއި ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ މީހުންނަށް އެ ހިދުމަތް ވެސް ދިޔައީ ދެމުން،" ފަރޫޝާ ވިދާޅުވި އެވެ.

ހާލުގައި ޖެހިގެން އެ ރޭ 400 އަށް ވުރެ ގިނަ މީހުން ކަލާފާން ސުކޫލަށް ގެންދިޔަ އެވެ. އެރޭ އެ ސްކޫލުގައި މަޑުކުރަން ޖެހުނު ނަމަވެސް މާ ގިނަ އިރުތަކެއް ނުވަނީސް އެކި ގެސްޓް ހައުސްތަކަށް މީހުން ބަދަލު ކުރަން ފެށި އެވެ. އެގޮތުން 300 އެއްހާ މީހުން އެރޭ ވަނީ އެކިއެކި ގެސްޓްހައުސްތަކަށް ބަދަލުކޮށްފަ އެވެ.

"އޭގެ އަނެއް ދުވަހުގެ ހެނދުނު ހައެއް ޖަހާކަންހާއިރު އެންމެ ފަހު ޓީމް ވަގުތީ ހިޔާތަކަށް ބަދަލުކޮށްދިން. ކަލާފާން ހުސްކޮށް އަޅުގަނޑުމެންގެ ޓީމް އައިސްފިން ހަތެއް ޖަހާކަންހާއިރު،" ސޮފީނާޒް ވިދާޅުވި އެވެ.

ވަގުތީ ހިޔާތަކަށް 53 އާއިލާގެ މީހުން ބަދަލުކުރީ އެމީހުންނަށް ބޭނުންވާ އަންނައުނާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖެއްސުމަށް ފަހުގަ އެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ސާމާނު ގިނަ ބަޔަކު ހަދިޔާ ކުރުމުން އެތަކެތި ހާލުގައި ޖެހުނު މީހުންނަށް ހަމަ އެރޭ ވަނީ ދީފަ އެވެ. މިހާރުވެސް އެ އެހީތައް އެ އާއިލާތަކަށް އަންނަނީ ދެމުންނެވެ. ކެއިންބުއިމަށް ކޮންމެ ދުވަހަކު ފައިސާ އާއި ބޭނުންވާ އިތުރު އެހީތައް އަންނަނީ ފޯރުކޮށްދެމުންނެވެ.

އެންމެ 20 މުވައްޒަފުން، ބުރަ ބޮޑު

އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހިގެން އެހީތެރިވާން އެންޑީއެމްއޭގައި ތިބީ އެންމެ 20 މުވައްޒަފުންނެވެ. އެއީ މަސައްކަތު މީހުންނާއި ވެރިން ވެސް ހިމެނޭ ގޮތަށެވެ. ބޮޑު ހާދިސާއެއް ހިނގައިފި ނަމަ އެ މީހުން ތިބެން ޖެހެނީ ހޭލަ އެވެ. އެއްބަޔަކު ފީލްޑުގައި މަސައްކަތް ކުރާއިރު މުޅި އޮޕަރޭޝަން ހިންގާ މީހުން މަސައްކަތް ކުރަނީ އެންޑީއެމްއޭގެ އޮފީހުގަ އެވެ. ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އޮފީހުގައި ތިބޭ މީހުންގެ ލަފާގެ މަތިންނެވެ. ލަފާ ދޭ މީހުންގެ ތެރޭގައި އެ އޮފީހުގެ ވެރިންގެ އިތުރުން ސިފައިންނާއި ފުލުހުން ވެސް ހިމެނެ އެވެ. ނަމަވެސް ކާރިސާއަކަށް ވާތީ ކަންކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހެނީ އެންޑީއެމްއޭއިންނެވެ.

އަލިފާންގެ ހާދިސާއިން ގެއްލުންވި މީހުންނަށް އެހީވާން ހިންގި އޮޕަރޭޝަންގެ ތެރެއިން--

ވޮލަންޓިޔަރުން ލިބުނު ނަމަވެސް އެންޑީއެމްއޭގެ މުވައްޒަފުން ނެތި ނުކުރެވޭ މަސައްކަތްތައް ގިނަވުމުން އެ މުވައްޒަފުން ގިނަ އިރުތަކެއް ވަންދެން މަސައްކަތުގައި އުޅެން ޖެހެ އެވެ. މީހުން މަދުވުމުން ޝިފްޓް ޑިއުޓީއަކަށް ބަހާލައިގެން މަސައްކަތް ކުރެވޭކަށް ނޯވެ އެވެ. މިފަހުގެ ހާދިސާ ހިނގައިގެން ވެސް އެ މުވައްޒަފުންނަށް ގެއަށް ދާން ފުރުސަތު ދިނީ މަސައްކަތް ކުރާތާ 30 ގަޑިއިރަށް ވުރެ ވެސް ފަހުންނެވެ.

"ބަޖެޓާއި ޕްރޮކިއުމަންޓް ކަހަލަ ޑިޕާޓްމަންޓުތަކުގައި ތިބެނީ އެންމެ މީހެއް. ވޮލަންޓިޔަރުން ތިއްބަސް [އެންޑީއެމްއޭގެ] މުވައްޒަފުން ނެތީސް ފައިސާ އާއި ތަކެތި ދުލެއް ނުކުރެވޭ. އެހެންވެ އެ މުވައްޒަފުން ޖެހޭ ތިބެން،" ސޮފީނާޒް ވިދާޅުވި އެވެ.

ހާދިސާ ހިނގިތާ ހަފްތާއެއް ވިއިރު ވެސް އަދިވެސް އެ މުވައްޒަފުން ތިބީ އެ ބުރަކަންމަތީ މަސައްކަތުގަ އެވެ. ރޭގަނޑު ވަރަށް ދަންވަންދެން މަސައްކަތް ކުރަން ޖެހެ އެވެ. ޗުއްޓީގައި ތިބި މުވައްޒަފުން ވެސް މަސައްކަތަށް ނެރުނެވެ.

ހާދިސާއެއް ދިމާނުވި ނަމަވެސް ރަސްމީ ބަންދުތަކުގައި އެ އޮފީހުގެ ގިނަ މުވައްޒަފުންނަށް މާލެއިން ބޭރަށް ދިއުން މަނަ އެވެ. ކަމެއް ދިމާވެދާނެތީ ތައްޔާރީ ފިޔަވަޅެއްގެ ގޮތުންނެވެ.

ސޮފީނާޒް ވިދާޅުވި ގޮތުގައި އެންޑީއެމްއޭ، އޮތޯރިޓީއަކަށް ދާދި ފަހުން ބަދަލުވުމާ އެކު ކުރިއަށް ވުރެ މަސްއޫލިއްޔަތުތައް ވަނީ އިތުރުވެފަ އެވެ. އެކަމަކު މުވައްޒަފުން މަދުވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންޑީއެމްއޭން ފޯރުކޮށްދެމުން އަންނަ ބޭނުންތެރި ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމަށްޓަކައި އިތުރު މުވައްޒަފުން ބޭނުންވާ ކަމަށެވެ.

ތަނުގެ ދަތިކަމާއި އިމާރާތް ބާވުމަކީ ވެސް އެންޑީއެމްއޭއަށް އޮތް ގޮންޖެހުމެކެވެ. ކުރިން ތީމު ގޭގެ މުވައްޒަފުންނާއި ގުދަންތަކެއްގެ ގޮތުގައި ބޭނުންކުރި ކޮއްޓަކީ ދުވަސްވީ ތަނެކެވެ. ހާލުގައި ޖެހުނު މީހުންނަށް އާންމުން ދިން އެހީތައް ވެސް ބަހައްޓާނެ ތަނެއް ނެތިގެން އެއްޗިއްސާ ހަވާލުވުން މިފަހަރު ވެސް ޖެހުނީ ހުއްޓާލާށެވެ. އަލުން އެ މަސައްކަތް ފެށީ އެކަމަށް ދަރުބާރުގެ ލިބުނު ހިސާބުންނެވެ.

އެންޑީއެމްއޭގެ މުވައްޒަފުންނަށް އަދިވެސް ތިބީ ބުރަކަމާ އެކު މަސައްކަތުގަ އެވެ. ހާލުގައި ޖެހިފައިވާ 300 އެއްހާ މީހުންނަށް މިހާރު ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ވާތީ އެއީ އެންޑީއެމްއޭގެ ޒިންމާއެކެވެ.

11 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުލްތަން

27 September 2019

ސުނާމީއައް ފަހު އުފެއްދީ ޑިސާސްޓާ މެނޭޖްމަން ސެންޓަރ ކިޔާ ޑިޕާޓްމެންޓެއް. އޭރު މިކަމާއި ބެހޭ ގާނޫނެއްވެސް ނޯވޭ.. އެންޑީއެމްއޭ އުފެދުނީ ރައީސް ޔާމީންގެ ދައުރުގަ ޑިސާސްޓާ އާއި ގުޅޭ ގާނޫނުެ ދަށުން ގާނޫނީ އެތަކެއް ބާރަކާއި އަދި ބޮޑު ފަންޑެއް އެ އޮތޯރިޓީއައް ލިބޭގޮތަށެވެ

The name is already taken The name is available. Register?

ތުނިޔަ

27 September 2019

ހުރިހާ ކަމެއްބަލަން ކޮމިޝަން ހެދުމުގެ ބަދަލުގައި...މިތަނަށް އެކަށީގެންވާ ވަރަށް މުވައްޒަފުން އިތުރުކޮށްދެއްވަންވީ ނޫންތޯ؟

The name is already taken The name is available. Register?

Abdullah

27 September 2019

ނޑމއ މިއީހަމައ ެކަނި މާލެއައް ދިމާވާ ހާދިސާތަކައް ތިބޭ ބައެއްތަ؟ ޔަގީނުންވެސް މި މީހުނައް މުސާރަދެނީ ދިވެހި ދައުލަތުން. މިރާއްޖޭގެ ދެންހުރި ސަރަހައްދުތަކައް ކާރިސާ ދިމާނުވާނީތަ؟ ކީއްވާނީ ތި 20 މުއައްޒަފުން 20 ސަރަހައްދައް ބަހާލައި އެ 20 މީހުންގެ ބެލުމުގެ ދަށުން މަސައްކަތް ކުރާނެ ވޮލަންޓިއަރުން ކޮންމެ ސަރަހައްދަކުން ހޯދާތަމްރީނުކޮއްފައި ނުބޭތިއްބެންވީ. ހާދިސާަ އަކީ ަބަދު ދިމާވަކަމެއްނުންވީމަ މުސާރަދީފައި ގިނަ މީހުން ނުބޭތިއްބޭނެ.

The name is already taken The name is available. Register?

ވާރޭ

27 September 2019

މާލެއަށް ތޮއްޖެއްސުން ހުއްޓުނީމަ ދެންވެސް ރަގަޅުވާނީ.

The name is already taken The name is available. Register?

ރަސާދު

27 September 2019

އެމްޕީއެލްގައި މިހާރުވެސް އެބަތިބި ކަމެއްނެތި ތިބި 400 މުވައްޒަފުން

The name is already taken The name is available. Register?

ގަޓް ބްރޯ

27 September 2019

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގަ ކަމެއްނެތި އުޅޭ މުއައްޒަފުން އެމްޑީއެމްއޭ ގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކުރާ ގަވައިދެއް ހަދަނިކޮށް ތިޔަ މައްސަލަ ހައްލުވެދާނެ. މިހާރުވެސް ސަރުކާރުގެ ރަސްމީ ގަޑީގަ ކުރާނެ ކަމެއްނެތިގެން އަމިއްލަ މަސައްކަތުގަ އުޅޭ ކިތަންމެ ބަޔަކު އުޅޭނެ.

The name is already taken The name is available. Register?

ޙަޖަމެއެއް ނުވި

27 September 2019

2 އަހަރުން 1 އަހަރު މަސައްކަތެއް ކުރަން ޖެހުނީމަ ވާވަރު މި! ނަސީބެއް ކާރިސާ ތަށް އާނމުނޫންކަން.

The name is already taken The name is available. Register?

އައިންތު

27 September 2019

ތިޔަ ކުރައްވާ ބުރަ މަސައްކަތަަށް ސާބަސް

The name is already taken The name is available. Register?

އެދުރުބެ23

27 September 2019

ތީ އެެއްވެސް ކަމެެއް ވާ ބައެއް ނޫން

The name is already taken The name is available. Register?

ބެދުނުބެ

27 September 2019

އެމީހުން ކަމެއް ނުކޮށް ތިއްބާ އެދުރުބެ23 އެތަނަށް ގޮސްތަ ހުރިހާ ކަމެއްކުރީ؟

The name is already taken The name is available. Register?

ދަންނަ ނުދަންނަ

27 September 2019

ކާރިސާއެއް ދިމާވާނެ ކަމަށް ބަލައިގެން އެތައް ބައިވަރު މުވައްޒަފުން ލުމުގެ ބޭނުމެއްނެތް. ސޮއިކޮށްފައި ކުރާނެ ކަމެއް ނެތް މުވައްޒަފުން ލުމުގެ ބޭނުމެއް ނެތް. ކާރިސާއެއް ދިމާވެއްޖެނަމަ ހަރަކާތެރިވާނީ ސިފައިންނާއި ފުލުހުން. މުވައްޒަފުން ބޭނުންވާނަމަ ވަގުތީގޮތުން ދައުލަތުގެ އެހެނިހެން އިދާރާތަކުން މުވައްޒަފުން ހޯދޭނެ. ތިޔަ ތަނުން ކުރަންޖެހޭނެ ކަމަކީ ކާރިސާއެއް އަތުވެދާނެ ކަމަށް ބަލައިގެން މައުލާތު އެއްކުރުމާއި އެހީވާނެ ގޮތްތައް ހަމަޖެއްސުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454