މުލިއާގެ އަށް ގަރުނެއް: ވަލީއަހުދަށް ބިނާކޮށްދެއްވި ހެންވޭރު ގަނޑުވަރު!

ސުވޭހަށް އެއީ މާމުއި ހަނދުގެ ދުވަސްތަކެވެ. މިސްރުގެ ޝަރީފާ ހާނިމާ ކައިވެނިފުޅު ބައްލައިވެގެން ރަދުން ހާޖީ އިމާދުއްދީން ގެންދެވީ ލޯބީގެ ތަހުތެއްގައި ރެދަލި ކުރައްވަމުންނެވެ. އެހެނަސް ރާއްޖެ އަށް އެއީ ކަޅުފޮއި ދުވަސްތަކެކެވެ. އެ ކައިވެނިފުޅަށް ދިވެހި ދައުލަތުގެ ހަޒާނާ އިން ހަރަދުކުރަން ޖެހި، ބުންބާ ވިޔަފާރިވެރިންނަށް ދައުލަތް ދަރަމުން ދަނީ އެވެ. ރަދުންގެ ރިޖެންޓެއްގެ ގޮތުން ކޮއްކޯފުޅު މާންދޫގޭ ދޮށީ މަނިއްޕުޅު ބޮޑު ގަނޑުވަރު ބަލަހައްޓަވަމުން ގެންދެވި ނަމަވެސް ހަގީގީ ބާރު އޮތީ ބޮޑުވަޒީރު އަތިރީގޭ އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ އަތްޕުޅުގަ އެވެ.


އެހެންކަމާ އެކު ގައުމު ހަމަޔަކަށް އެޅުއްވުމަށްޓަކައި އެމަނިކުފާނުގެ ދެ ބޭފުޅުން ކަމަށްވާ އަތިރީގޭ އަބްދުﷲ ދީދީ އާއި އަތިރީގޭ އަބްދުލްމަޖީދު ދީދީ މަސައްކަތް ފެއްޓެވި އެވެ. އިނގިރޭސިންނާއި މާލޭ ބޮޑުންގެ ރުހުން ލިބުމާ އެކު ސިއްރު ސިއްރުން ރޭވުންތައް ރާވަން ފެށުނެވެ. އެގޮތުގައި ދުވަސްތަކެއް ފާއިތުވަމުން ގޮސް މާޗު 10، 1903 ގެ މެންދަމުގެ ވަގުތު ހެންވޭރު މުލީގޭ ތެރޭގައި ހޭލަމޭލަވާން ފެށި އެވެ. އެގޭ ކުރިމަތީ ހުރި ހުކުރު މިސްކިތުގައި ދަމަށް ގޮސް އޮތް ބީރު މުހައްމަދު ފުޅަށް ފެނުނީ ކުއްލިއަކަށް އެގޭ ދޮރު ހުޅުވުނު މަންޒަރެވެ. މާވަހަރު ދުން އަޅަމުން އެގޭ މުހައްމަދު ޝަމްސުއްދީން (މުލީގޭ މަނިއްޕުޅު) ގެ އަތްޕުޅުގައި ހިއްޕައިގެން ނުކުމެވަޑައިގަތީ އަބްދުލްމަޖީދު ދީދީ އާއި ސައްޔިދު ކިލެގެފާނު (ޚަތީބު ސީދީ) އެވެ.

މުލިއާގެ، މުލީގޭގެ ގޮތުގައި ފަނުން ހަދާފައި ހުރި ދުވަސްވަރުގެ ފޮޓޯއެއް.

އެ ބޭފުޅުން ޝަމްސުއްދީން ގެންދެވީ ބޮޑުގަނޑުވަރަށެވެ. އަދި އައް ސުލްތާން މުހައްމަދު ޝަމްސުއްދީން އިސްކަންދަރު އައް ސާލިސް ސުލްތާން ޖަޒާއިރް މަހަލްދީބުގެ ގޮތުގައި ދިވެހި ރަސްކަމަށް އެމަނިކުފާނު އިސްކުރި އެވެ. ހާޖީ އިމާދުއްދީން ކައިވެނިފުޅަކަށް މިސްރުގައި ހުންނަވަނިކޮށް ރަސްކަމުން އަޒުލުކުރެވުނީ އެވެ. ގައުމުގެ ކަންކަން ހަމަޔަކަށް އެޅުވުމަށްޓަކައި އަތިރީގޭ ދެބެންގެ ރޭއްވެވުމުގެ މަތިން ރަސްކަމަށް އިސްކުރި ޝަމްސުއްދީނަކީ އެ ދެބެންގެ ޅިޔަން ބޭފުޅެކެވެ. އެހެންވެ ޝަމްސުއްދީނަށް ރަސްކަން ހޯދައިދެއްވުމުގެ ފަހަތުގައި އެހެން ބޭނުމެއް އޮތްކަން އެނގި ހާމަވެ އެވެ.

ޝަމްސުއްދީން ރަސްކަމަށް އިސްކުރެއްވުމަށް ފަހު ޚަތީބު ސީދީ ވިދާޅުވީ ތިޔަ މާތް މަނިއްޕުޅު އަމިއްލަފުޅަށް ފައިބައިވަޑައިގެން ނޫނީ ތިޔަ ތަހުތުން ބާލާނެ މީހަކު ނުވާނެ ކަމަށެވެ. އަތިރީގޭގެ ބާރު އެހާ ވެސް ގަދަ އެވެ. އެ ބަސް ތެދުވި އެވެ. އޭގެ 31 އަހަރާ ހަ މަހާ 28 ދުވަސް ފަހުން ޝަމްސުއްދީން ރަސްކަން އަމިއްލަފުޅަށް ދޫކޮށްލެއްވީ އެވެ. ރަސްކަމުގެ އާރާއި ބާރާއި ޝާނާ ޝައުކަތު އެމަނިކުފާނު ދޫކޮށްލެއްވީ، ރަސްކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި އެއް ރެއެއްގެ މެންދަމު ނުކުމެވަޑައިގެންނެވި އަމިއްލަ ގެކޮޅު ކަމަށްވާ ހެންވޭރު މުލީގެ، އެ ބޭފުޅަށްޓަކައި ހެންވޭރު ގަނޑުވަރުގެ ގޮތުގައި ބިނާކުރެއްވި ދަރިކަލުން އަލްއަމީރު ހަސަން އިއްޒުއްދީނުގެ ހައްގުގަ އެވެ. އިބްރާހިމް ޝިހާބު ވިދާޅުވި ފަދައިން ރައްޔިތުންގެ ލޯބި މިލްކުކުރައްވައިގެން ހުންނެވި ރަދުން ރަސްކަމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ހުރި އެންމެ ފިރިހެން ބޭފުޅެއްގެ މައްޗަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ.

މި އަހަރު 100 އަހަރު ފުރޭ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގެ އަކީ ޝަމްސުއްދީން ރަދުން، ދަރިކަލުން އަދި އޭރު ރާއްޖޭގެ ވަލީއަހުދުގެ ގޮތުގައި ހުންނެވި އިއްޒުއްދީނަށް ބިނާކޮށްދެއްވި ހެންވޭރު ގަނޑުވަރެވެ. ދެ ލޮލުގެ ނޫރުކަމުގައިވި ދަރިކަލުންނަށް ހިތްޕުޅުގައި އޮތް ލޯބި ރަމްޒުވި ގަނޑުވަރެވެ. އެ ގަނޑުވަރުގެ ފެށުމަކީ މ. މުލީ މުހައްމަދު މަނިކު މާލޭގައި ދިރިއުޅުއްވަން ދަނޑިފަނުން އެޅުއްވި ގެކޮޅެވެ. މުލީ ދޮން ހަސަން މަނިކުފާނު (ދޮން ބަންޑާރައިން) އަށް މަންމަ ފުށުން ވާރުވަތެ އެގޮތުގައި ގޮސް އިބްރާހިމް ނޫރައްދީނަށް ހިބައިން މިލްކުވެ އަދި އޭނާގެ ދަރިކަލުން ޝަމްސުއްދީނަށް ވާރުތައިން ލިބިވަޑައިގެންނެވި ގެކޮޅެވެ. ޝަމްސުއްދީނަށް ކަޅުހުރާގޭ އަލީ ބޮޑުސީދީގެ ސިއްތި ދީދީގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި އިއްޒުއްދީން ސިލޯނުގެ ރޯޔަލް ކޮލެޖުން ކިޔަވާވިދާޅުވާން ވަޑައިގަތުމުން، އެމަނިކުފާނު ނިންމެވީ ދަރިކަލުން އެނބުރި ވަޑައިގަންނަވަން ވާއިރަށް ވަލީއަހުދުގެ ގަނޑުވަރުގެ ގޮތުގައި އެގެ ބިނާކުރައްވާށެވެ.

ސުލްތާން މުހައްމަދު ޝަމްސުއްދީން (ކ) އާއި ދަރިކަލުން އަލް އަމީރު ހަސަން އިއްޒުއްދީން.

ދައުލަތުގެ ހަޒާނާ އިން ހޭދަކުރައްވައިގެން، އަތިރީގޭ އަހުމަދު ދޮށިމޭނާ ކިލެގެފާނު އިސްކޮށް ހުންނަވައި ފެބްރުއަރީ 1914 ގައި ގަނޑުވަރު ބިނާކުރެއްވުމުގެ މަސައްކަތް ކުރެއްވީ ސިލޯނުން އާކިޓެކްޗަރުންނާއި މަސައްކަތްތެރިން ގެންނަވައިގެންނެވެ. ވިކްޓޯރިއަން ޒަމާނުގެ ފަރުމާއަށެވެ. ކޮލޯނިއަލް ޒަމާނުގެ ކުލަތަކާ އެކު އެވެ. ފަރުނީޗަރުތައް ވެސް ހަމަކުރީ ސިލޯނުންނެވެ. އެކަމަކު ޖާލިތައް ފަރުމާކުރައްވައި ތައްޔާރުކުރެއްވީ ހއ. ކެލާ އީސާ މުހައްމަދުފުޅެވެ. ހާއްސަ މައުލޫދެއް ކިޔައި ގަނޑުވަރު ހުޅުވީ ޑިސެމްބަރު 7، 1919 ގަ އެވެ.

ކިޔަވާވިދާޅުވެގެން އެނބުރި ރާއްޖެ ވަޑައިގެން ވަލީއަހުދުގެ ގޮތުގައި ނުވަތަ ހެންވޭރު ގަނޑުވަރު މަނިއްޕުޅުގެ ގޮތުގައި އެ ގަނޑުވަރު އުޅުއްވަމުން ގެންދެވީ "ދިވެހިރާއްޖޭގެ ރަސްކަލެއްގެ ފިރިހެން ބޭފުޅަކަށް، މި ޒަމާނުގެ ތާރީހުގައި ދުވަހަކު ވެސް ލިބިވަޑައިގެންފައި ނުވާ ފަދަ މަތީ އިއްޒަތު" ގަ އެވެ. އެމަނިކުފާނަކީ ޕާފޯމިން އާޓްސްގައި އަރައިހުންނެވި ކުޅަދާނަ މިއުޒީޝަނަކަށް ވުމާ އެކު ހެންވޭރު ގަނޑުވަރު ވެގެން ދިޔައީ މިއުޒިކީ ނާދީއަކަށެވެ. ހަރުމޯނިއާ ކުޅުއްވަމުން ނުހަނު ރީތި އަޑުފުޅަކުން އިއްޒުއްދީން ލަވަ ވިދާޅުވާއިރު އޭނާގެ ނަށާ ޕާޓީގެ މެމްބަރުން އަންހެން ހެދުން އަޅައިގެން ނަށަމުންދެ އެވެ. ބޮޑުބެރުގެ ފޯރި ވެސް އެހާ ގަދަ އެވެ. ގިނަ ރޭރޭ ދަންވަންދެން އެގޭގައި އޮންނަނީ ނާޗަރަންގީ ކުޅުމެވެ. މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީ (ދޮންތުއްކަލާ) ލިޔުއްވި އަސަރު ގަދަ ނާވިލް "ގެއްލުނު ފުރާވަރު" ބިނާކުރައްވާފައިވަނީ އެ ގަނޑުވަރުކޮޅުގައި ހިނގައިދިޔަ ހާދިސާއަކަށް ކަމަށް ބުނެވެ އެވެ.

މެދުޒިޔާރަތްމަގުގެ ކުރީގެ ފޮޓޯއެއް: ކަނާތް ފަރާތުގައި ހުކުރު މިސްކިތު މުންނާރު އަދި މުލިއާގެ ވާތް ފަރާތުގައި.

ކޮންމެއަކަސް ޝަމްސުއްދީނަށް ފަހު ދިވެހި ތަހުތުގައި ރެދަލި ކުރައްވަން ހުންނެވި ބޭފުޅާގެ އުޅުއްވުމާ މެދު އަތިރީގޭ ބޭފުޅުން ހިތްޕުޅާނުވެ އެވެ. ހަސަން އިއްޒުއްދީން ބެލުނީ ރަސްކަމަށް ކުފޫހަމަނުވާ ބޭފުޅެއްގެ ގޮތުގަ އެވެ. ނަތީޖާއަކަށް ވީ ރަސްކަމުގެ ދައުރުވާނެ ގޮތް ބަޔާން ކުރުމަށް ގާނޫނު އަސާސީއެއް ހެދި، ރާއްޖެ އަށް ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއްގެ ހިޔާވަހިކަން ލިބުމެވެ. އަދި ރަސްކަން، ދޮންބަންޑާރައިންގެ ދަރިފަސްކޮޅުން އައިސް ރަސްކަލަކަށް ކާފަ ވިދާޅުވާ ބޭފުޅަކަށް ވާރުތަވާނެ ކަމަށް ގާނޫނު އަސާސީގައި ލިޔެވުމާ އެކު އިއްޒުއްދީނަށް ހާއްސަވެފައި އޮތް ވަލީއަހުދުކަން ކެނޑުނީ އެވެ.

އެކަމަކު އެ ގާނޫނު އަސާސީ ވެގެން ދިޔައީ ރައްޔިތުންނަށް ތުރާލަކަށެވެ. ވަރަށް ގިނަ އާ ގާނޫނުތައް ވެސް ފާސްކުރަން ފެށުމުން، ހޭލުންތެރިކަމެއް ނެތް ދިވެހި މުޖުތަމައު އަށް އޭގެ ނޭދެވޭ އަސަރުތައް ކުރަން ފެށި އެވެ. އެހިސާބުން "ގާނޫނަކާ ހެދި ފޮރުއްޕާކަށް ނެތޭ" ބުނެ ރައްޔިތުންތަކެއް ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ބައެއް ވަޒީރު ބޭފުޅުން ހަވަރަށް ދޭން މަސައްކަތްކޮށް ގާނޫނީ އަސާސީ ވީދާލީ އެވެ. ދެން ފެނިގެން ދިޔައީ އިއްޒުއްދީން ވެރިކަމަށް ވަޑައިގަންނަވަން ވެގެން ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގަވަން ފެއްޓެވި ތަނެވެ. އެކަމުގެ ތަހުގީގަށް، "ބޮޑުވަޒީރު" ހަސަން ފަރީދު ގެންދެވީ އިއްޒުއްދީނުގެ ނަށާ ޕާޓީގެ މެމްބަރުން ހައްޔަރުކުރަމުންނެވެ. އެއާ އެކު އެކުވެރިން ސަލާމަތްކުރައްވަން ބޮޑު ބަނޑޭރިގެއަށް އިއްޒުދީން ސީދާ ވަޑައިގެންނެވި އެވެ. އެއީ ޝަމްސުއްދީނަށް ތަހައްމަލުކުރެއްވޭނެ ކަމަކަށް ނުވި އެވެ. އެހެންވެ މަޖުބޫރުވެވަޑައިގަތީ ލޯބިފުޅުވާ ދަރިކަލުންގެ ހައްގުގައި، ތަހުތު ދޫކޮށްލައްވައި ބޮޑުބަނޑޭރިގެ އަށް ވަޑައިގަންނަވާށެވެ. އެއީ ރަދުން ގާނޫނު އަސާސީއާ ހިލާފުވެވަޑައިގަތުމެވެ. ނަތީޖާއަކަށް ވީ އިއްޒުއްދީނަށް ރަސްކަމަށް ވަޑައިނުގެންނެވޭނެ ގޮތަށް މަގު ކޮށްޓަވަމުން ގެންދެވި ހަސަން ފަރީދު އިސްވެ ހުންނަވައި ރަދުން ޝަމްސުއްދީން އަޒުލުކުރައްވައި އެމަނިކުފާނާއި އިއްޒުއްދީން ފުވައްމުލަކަށް ފޮނުވާލެއްވުމެވެ. އެ ރަށުގައި ހުންނަވަނިކޮށް އާލާސްކަންފުޅެއް ޖެހިވަޑައިގެން އިއްޒުއްދީން އަވަހާރަވީ އެވެ. ޝަމްސުއްދީން އަވަހާރަވީ ހާލުކޮޅު ދެރަވެގެން މާލެ ގެންނަވާފައި ހުންނަވަނިކޮށެވެ.

ރައީސް މުހައްމަދު އަމީން (ކ-2) ވަލީ ކޮމިޓީގެ މެމްބަރުން، ސިލޯނަށް ކަނޑައަޅުއްވާފައި ހުންނެވި އިންޑިއާ ސަފީރު ވ.ވ ގިރީއާ އެކު މުލިއާގޭގައި މަޝްވަރާކުރައްވަނީ.

އެ ހިސާބުން ހެންވޭރު ގަނޑުވަރުން ދިރުން ނެތިގެން ދިޔައީ އެވެ. އެ ގަނޑުވަރު ދައުލަތަށް ނެގުނީ އެވެ. އަދި ބޮޑުގަނޑުވަރު ފިޔަވައި ދެން ހުރި ހުރިހާ ގަނޑުވަރުތަކެއް އުވާލުމާ އެކު ހެންވޭރު ގަނޑުވަރު ބަދަލުވީ މުލީގޭގޭގެ އާގޭގެ ގޮތުގައި "މުލީއާގެ" އަށެވެ. ދުލަށް ފަސޭހަވެ ކިޔަން ފެށުނީ "މުލިއާގެ" އެވެ. އޭގެ ފަހުން މިވީ އަށްޑިހަ ވަރަކަށް އަހަރު އެގެ ބޭނުންކޮށްފައިވަނީ ދިވެހި ދައުލަތުގެ އެކިއެކި ބޭނުންތަކަށެވެ. އެގޮތުން ސުލްތާން ހަސަން ނޫރައްދީނުގެ ރަސްކަމުގައި، 1942 ވަނަ އަހަރުން ފެށިގެން 1947 ވަނަ އަހަރުގެ ނިޔަލަށް އެގޭގައި ވުޒާރަތުއް ދާހިލިއްޔާ، މަހްކަމަތުލް ދާހިލިއްޔާ، މަހްކަމަތުލް އަމަން އާއްމު އަދި ކާތިބުއްސިއްރުގެ އޮފީސް ހިންގި އެވެ. އޭގެ ފަހުން ދައުލަތުގެ ހަޒާނާ ވެސް އެގޭގައި ހިންގި އެވެ. ދިވެހިރާއްޖޭގައި ނެރުނު ފުރަތަމަ ނޫސް ކަމަށްވާ "ސަރުކާރުގެ ހަބަރު" ގެ އިދާރާ އަކީ ވެސް އެއީ އެވެ.

ރަސްކަން އުވި ގޮސް 1953 ވަނަ އަހަރު ފެށި ފުރަތަމަ ޖުމްހޫރިއްޔާއާ އެކު، ފުރަތަމަ ރައީސް މުހައްމަދު އަމީން މުލީއާގެ ބަދަލުކުރެއްވީ ދާރުއްރިޔާސާ އަށެވެ. ރާއްޖޭގެ ފުރަތަމަ ރިޔާސީ ގަނޑުވަރުގެ ގޮތުގަ އެވެ. ޖުމްހޫރިއްޔާ އުވި އަލުން ރަސްކަން އައުމާ އެކު އެގެ ވެގެންދިޔައީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ބޮޑުވަޒީރުން ކަމަށް ވާ އިބްރާހިމް ފާމުދޭރިކިކިލެގެފާނާއި އިބްރާހިމް ނާސިރުގެ އޮފީސްކޮޅަށެވެ. އަދި އަދި މަޚްކަމަތުލް އިރުޝާދާއި މަޚްކަމަތުލް ހާރިޖިއްޔާ ވެސް ހިންގި އެވެ.

ރާއްޖެ އާއި އިނގިރޭސިންނާ ދެމެދު ދާހިޚީ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހު މުހައްމަދު އަމީން (ކ) އަދި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު (ވ) އިނގިރޭސިންގެ އޮފިސަރުންނާ އެކު މުލިއާގޭ ފެންޑާގައި މަޝްވަރާކުރައްވަނީ.

އެއް އިދާރާ އިން އަނެއް އިދާރާ އަށް، ރިޔާސީ ގަނޑުވަރުން ބޮޑުވަޒީރުގެ އޮފީސްކޮޅަށް މުލިއާގެ ބަދަލުވަމުން ދިޔައިރު އެ ހުރިހާ ކަމެއް ދެކެން އެގޭގައި އޮތް އިއްޒުއްދީނުގެ މިލްކަކީ، އެމަނިކުފާނުންގެ ކާރުކޮޅެވެ. ދިވެއްސަކު މާލޭގައި ދުއްވި ފުރަތަމަ ކާރުކޮޅުގެ ގޮތުގައި މަޝްހޫރުވި އެ ކާރުކޮޅު ދެން ހެކިވީ، ދެ ވަނަ ޖުމްހޫރިއްޔާއާ އެކު ނޮވެމްބަރު 3، 1970 ގައި މުލިއާގެ އަނެއްކާވެސް ރިޔާސީ ގަނޑުވަރަކަށް ބަދަލުވި ވުމަށެވެ. އެކަމަކު ރައީސް އިބްރާހިމް ނާސިރު އަމިއްލަގެކޮޅު ހ. ވެލާނާގާ ޒަމާނީ ފެންވަރަށް ބިނާކުރެއްވުމަށްޓަށްޓަކައި އެގެއިން ނުކުމެވަޑައިގެން ހުންނެވި ދުވަސްކޮޅު ފިޔަވައި ނާސިރު މުލީއާގޭގައި ދިރިނޫޅުއްވަ އެވެ. އެ ދުވަސްވަރު ވެސް ގިނައިން އަވަހާރަފުޅުލައްޕަވަން ވަޑައިގަންނަވަނީ ޕްރެޒިޑެންޝިއަލް ރިޓްރީޓުގެ ގޮތުގައި އެމަނިކުފާނު ތަރައްގީކުރެއްވި އާރަށެވެ.

އެކަމަކު ނާސިރުގެ ރައީސްކަމުގައި އެގޭގައި ރާއްޖޭން ބޭރުގެ ވަރަށް ހާއްސަ މެހެމާނަކު ވަގުތުކޮޅެއް ހޭދަކުރެއްވި އެވެ. ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ދައުލަތެއްގެ ފުރަތަމަ އިސް ވެރިޔާ ކަމަށްވާ އިނގިރޭސި ރާނީ އެލިޒަބަތު ރާއްޖެ ވަޑައިގެން މާލޭގައި ހޭދަކުރެއްވި ކުޑަ ވަގުތުކޮޅުގެ ތެރޭގައި އަރާމުކުރައްވަން ހުންނެވީ އެގޭގަ އެވެ. އަދި އެކަމަނާ އާއި ފިރިކަލުން ޑިއުކް އޮފް އެޑިންބަރާ ފްރިންސް ފިލިޕްސްގެ ޝަރަފުގައި ދިވެހި ސަރުކާރުން ބޭއްވި ރަސްމީ ފަރިއްކޮޅު ވެސް އޮތީ އެގޭގަ އެވެ. ރާއްޖެ އަށް ބޭރު ގައުމަކުން ފޮނުވި ފުރަތަމަ ސަފީރުގެ ގޮތުގައި އިނގިރޭސި ދައުލަތުން ފޮނުވި އާތިންޓަން ޑޭވީ ވެސް ފުރަތަމަ ދިރިއުޅުއްވީ މުލިއާގޭގަ އެވެ. އެކަމަކު އިނގިރޭސިންނާ ދެކޮޅަށް ދިވެހިން އަޑުއުފުލަން ފެށުމުން ކުރިމަތިވި ތަކުލީފުތަކާ ގުޅިގެން ދޫނިދޫ އަށް ބަދަލުވެވަޑައިގަތީ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީ (ކ) އާއި އަނބިކަނބަލުން ސޯނިއާ ގާންދީ (ވ) 1986 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ރައީސް މައުމޫން (ކ-2) އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމާ އެކު މުލިއާގޭގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ނާސިރަށް ފަހު ރައީސްކަމަށް ވަޑައިގެންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް 1978 ގައި ވެރިކަމަށް ވަޑައިގެން ފުރަތަމަ އެގޭގައި ދިރިއުޅުއްވި ނަމަވެސް ދުވަސްކޮޅެއް ފަހުން ތީމުގެ އަށް ބަދަލުވެވަޑައިގަތީ އެވެ. އެކަމަކު 1988 ގައި މާލެއަށް ބާގީން އަރައި ދިން އުދުވާނީ ހަމަލާއާ ގުޅިގެން ސިފައިންގޭގައި މަހެއްހާ ދުވަހު ހުންނެވުމަށް ފަހު އަލުން މުލީއާގެ އަށް ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. އެގެއިން ނުކުމެވަޑައިގަތީ މިހާރުގެ ފެންވަރަށް ރިޔާސީ ގަނޑުވަރު ބިނާކުރެއްވުމަށް ފަހު 1994 ގަ އެވެ. އަދި މިހާރުގެ ފެންވަރަށް ރައީސް އޮފީސް ބިނާކުރެއްވި ދުވަސްކޮޅު ރައީސް އޮފީސް މުލިއާގޭގައި އެމަނިކުފާނު ހިންގެވި އެވެ.

ރައީސްގެ އާ އޮފީހާ އެކު، މުލިއާގެ އަނެއްކާ ވެސް ހުސްވީ އެވެ. އެގެޔަށް އަލުން ދިރުމެއް ލިބުނީ 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއާ އެކު އުފެދުނު އިންތިގާލީ ސުޕްރީމް ކޯޓުގެ އޮފީސް އެތަނުގައި ހިންގަން ފެށުމުންނެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ، އެ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދު ނިންމެވީ ކުރީގެ ރިޔާސީ ގަނޑުވަރަށް ސުޕްރީމް ކޯޓް ބަދަލުކުރެއްވުމަށް ރިޔާސީ ގަނޑުވަރުގެ ގޮތުގައި މުލިއާގެ ބޭނުންކުރައްވާށެވެ. ފެބްރުއަރީ، 2012 ގައި ރައްޔިތުންތަކެއް ނުކުމެ ހިނގައިދިޔަ ހައިޖާނުގަނޑާ އެކު އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައިއިރު ދިރިއުޅުއްވަމުން ގެންދެވީ އެގެކޮޅުގަ އެވެ.

އެމަނިކުފާނަށް ފަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އޭރުގެ ނައިބް ރައީސް މުހައްމަދު ވަހީދު ނިންމެވީ ކުރިން ވެސް ދިރިއުޅުއްވަމުން ގެންދެވި މ. ހިލާލީގޭގައި ދިރިއުޅުއްވާށެވެ. ވަހީދުގެ ވެރިކަމުގައި މުލިއާގެ ބޭނުންކުރީ ނަޝީދުގެ ވެރިކަން ނިމުނީ، ބަޣާވާތަކުން ކަމަށް ބުނެ އެމްޑީޕީން ކުރި ތުހުމަތުތައް ބަލަން އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަން (ކޯނީ) ގެ އިދާރާގެ ގޮތުގަ އެވެ. ވަހީދަށް ފަހު ރައީސްކަމަށް ވަޑައިގެންނެވި އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް މުލިއާގެ އަކީ ރިޔާސީ ގަނޑުވަރެވެ. އެކަމަކު ދިރިއުޅުއްވީ އަމިއްލަފުޅު ގެކޮޅުގަ އެވެ. މުލިއާގެ ބޭނުންކުރީ ޕާޓީގެ ހަރަކާތްތައް ހިންގުމަށެވެ. އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހު އެގެ ބޭނުންކުރައްވަނީ ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުލިއާގޭގައި ބޭއްވެވި ރަސްމީ ޖަލްސާއެއްގެ ތެރެއިން. --ފޮޓޯ: މައުރޫފް ޚަލީލް (ރައީސް އޮފީސް).

މުލިއާގޭގެ އުމުރުން މި އަހަރު 100 އަހަރު ފުރޭއިރު ޔަގީނުން ވެސް އެއީ މި ވަގުތު ރާއްޖޭގައި ފެންނަން ހުރި ގެތަކުގެ ތެރެއިން އެންމެ ޝަރަފްވެރި ގެ އެވެ. މުލިއާގޭގެ ހަޔާތުން ނުދެކެނީ ކޮން މަންޒަރެއް ހެއްޔެވެ؟ ރަސްކަމާއި ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުތް ދުވަސްތައް ތަޖުރިބާކޮށްފި އެވެ. ހިޔާވަހިކަން ނުދެނީ ކޮން ބަޔަކަށް ހެއްޔެވެ؟ ރަދުންނާއި ރައީސުންނާއި ބޮޑުވަޒީރުންނާއި ވަލީއަހުދަށް ހިޔާވަހިކަންދިނެވެ. ރާނީ އެލިޒަބަތާއި އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަށް މެހެމާންދާރީ އަދާކުރި އެވެ. ނުހިންގަނީ ކޮން އިދާރާތަކެއް ހެއްޔެވެ؟ ބޮޑުވަޒީރާއި ރައީސްގެ އޮފީހުން ފެށުގެން ދާހިލީ، ހާރިޖީ އަދި އަމްނާ ބެހޭ އޮފީހާއި ދައުލަތުގެ ހަޒާނާ އާއި ނޫހެއްގެ އިދާރާ ވެސް ހިންގި އެވެ. ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހާއި ވަލީ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވި އެވެ. އަދުލު އިންސާފުގެ އެންމެ މަތީ މުއައްސަސާ، ސުޕްރީމް ކޯޓް ހިންގި އެވެ. އިނގިރޭސިންގެ އަތުން ދާހިލީ މިނިވަންކަން ހޯދުމުގެ މަޝްވަރާތަކުން ފެށިގެން ރޯދަމަހުގެ ރޭތައް އިހްޔާކުރުމުގެ ޖަލްސާތައް ބާއްވާފައިވެ އެވެ.

އެކަމަކު، އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ މުލިއާގެ ހާއްސަވާ ސަބަބެއް އެބައޮތެވެ. އެއީ އެ ގެކޮޅަކީ ދިވެހި ގައުމުގެ ހައްގުގައި ހޮޅީން ބަލިކޮށްލައްވަން ކަމަރު ބަނދެވަޑައިގެން ދޮން ބަންޑާރައިން ހަނގުރާމައަށް އެގެޔަކުން ނުކުމެވަޑައިގެންނެވި އެމަނިކުފާނުންގެ މައިފުނަ ގެކޮޅަށް ވުމެވެ. ޒުވާން ތާރީހު އިލްމުވެރިޔާ އަހުމަދު އަލާ ދީދީ ވިދާޅުވި ފަދައިން "ދިވެހިންގެ މިނިވަންކަމުގެ ދިދަ އެއްކޮށް ބިމުގެ ވެއްޔާ މޮޑެވި ޗަސްވެފައި ވަނިކޮށް އެ ދިދަ އަލުން މިނިވަންކަމާއި އިއްޒަތާއި ޝަރަފުގައި މަރަވަރާއި އަމަރާލީގައި ވިހުރުވާލެއްވި ދޮން ބަންޑާރައިން ކަމަށްވާ މުލީގޭ ދޮން ހަސަން މަނިކުފާނަށް އެގެކޮޅު ނިސްބަތްވުމަށް ވުރެ ބޮޑު ޝަރަފެއް، އިއްޒަތެއް މުލިއާގެއަކަށް ނުލިބޭނެ" އެވެ.