ރިޕޯޓް / މީހުން

ފަހުން ލިބުނީ އިއްޒަތް، މާކުރިން ލޯބި ލިބިއްޖެ!

އެއީ 1980ގެ ފަހުބައިގެ އަހަރެކެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ އުސްތާޒް އަބްދުﷲ ސޯދިގު (ސޯދުބެ) އޭނާގެ އަމިއްލަ ގެކޮޅު، ހ. އާމުލީގޭގައި ހުންނަވަނިކޮށް ޒިޔާރާތްކުރެއްވީ އޭނާގެ ދަރިވަރުންތަކެކެވެ. މުދައްރިސް ކުރެން އެ ކުދިން އެހީ ހައްޖަށް ދާން ބޭނުންހޭ އެވެ. ކީއްވެހޭ ބޭނުންނުވާންވީ އޭ ވިދާޅުވެ ސޯދުބެ އަށް ރަނގަޅަށް ޖަވާބުނުދެއްވެނީސް އެ ކުދިން ބުނީ މިއައީ ހައްޖަށް ދާން މުދައްރިސްގެ ނަމުގައި ފައިސާ ދައްކާފައި ކަމަށެވެ.

އޭގެ ތިރީހަކަށް އަހަރު ފަހުން މިއަދު ވެސް ސޯދުބޭގެ ހަނދުމަފުޅުން އެ މަންޒަރު ފޮހެވިގެން ނުދެ އެވެ. މިދިޔަ ހޯމަދުވަހުގެ ރޭ ދިވެހި ސަރުކާރުން ސޯދުބެ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) އެރުވުމުން އެކަމާ ބެހޭ ގޮތުން ވާހަކަދައްކައިލަން "މިހާރު" ގެ ނޫސްވެރިން ދިއުމުން ވެސް ވިދާޅުވީ އެ ވާހަކަ އެވެ. އަހަރެމެންނަށް ދޭހަވީ އެންމެ ކަމެކެވެ؛ ކިތަންމެ މަތީ އިއްޒަތެއް ލިބިވަޑައިގަތަސް ސޯދުބޭ އަދިވެސް އެންމެ ބޮޑަށް އަގުކުރައްވަނީ މުދައްރިސެއްގެ ގޮތުން ދަރިވަރުންނަށް ދިވެހި ބަހާއި އަދަބިއްޔާތު ކިޔަވައިދެއްވި ދެއްވުމާއި އެ ދަރިވަރުން އޭނާ ދެކެ ވާ ލޯތްބާއި ކުރާ އިހުތިރާމް ކަމެވެ.

"އަބަދުވެސް އެންމެ ރަނގަޅު މަސައްކަތަކީ ކިޔަވާ ދިނުން. އެތައް ހާސް ދަރިވަރުން އުފެއްދުނު. އެކަމަށްޓަކައި ފަހުރުވެރިވަނީ. އެ ކުދިންގެ ހެޔޮކަން ފެނި މާ އުފާވޭ،" ސޯދުބެ ވިދާޅުވި އެވެ.

އެތައް ހާސް ދަރިވަރުންގެ ދިވެހި މުދައްރިސް: އެއީ އެންމެ ފަހުރުވެރިވާ މަސައްކަތް --ފޮޓޯ: ރައީސް އޮފީސް

އޭނާ އަށް ދިވެހި ސަރުކާރުން އެ ޝަރަފް އެރުވި އެންމެ މުހިއްމު އެއް ސަބަބަކީ ވެސް އެއީ ކަމާ މެދު ޝައްކެއް ނެތެވެ. ކިޔަވައި ދެއްވުމުގެ މަސައްކަތަކީ އޭނާ ލިޔުއްވި ވާހަތަކާއި ހެއްދެވި ޅެންތަކާއި ޝާއިއުކުރެއްވި ފޮތްތަކުގެ އަދަދާ އެ އަދަބީ އުފެއްދުންތަކުން ކުރި އަސަރާ ނުބައްދަލު ހިދުމަތެކެވެ. އެތައް ހާސް ދިވެހި ދަރިވަރުންތަކެއްގެ ހިތުގައި ދިވެހި ބަހުގެ ވޮށް ދިއްލައިދޭން ކުރެއްވި މަސައްކަތްޕުޅަކީ، ގައުމިއްޔަތުގެ އެންމެ މުހިއްމު އެއް ރުކުން ކަމަށްވާ ދިވެހި ބަސް ޖީލުން ޖީލަށް، ޒަމާނުން ޒަމާނަށް ދިރުވައި އާލާކުރުމަށް ސޯދުބޭ ކުރެއްވި އަގުނުކުރެވޭނެ ފަދަ ހިދުމަތެކެވެ. މާލޭގެ ސްކޫލްތަކާއި ޓިއުޝަން ކިލާސްތަކުގައި ކިޔަވައިދެއްވުގެ އިތުރުން ސްރީ ލަންކާގައި ކިޔަވަން ތިބި ދިވެހި ކިޔަވާ ކުދިންނަށް ވެސް ދިވެހި ބަސް ކިޔަވައި ދެއްވި އެވެ. ކަތީބުންނާއި އަތޮޅުވެރިންނާއި ސަރުކާރުގެ މުވައްޒަފުންނާއި ނޫސްވެރިން ދިވެހި ބަހުގެ ގަވާއިދުތަކަށް އަހުލުވެރިކުރުވި އެވެ. އޭނާ ލިޔުއްވި ދިވެހި ބަހުގެ ގަވާއިދު ފޮތްތަކުންނާއި ދަރިވަރުންގެ ފޮތްތަކުންނާއި މުދައްރިސުންގެ ފޮތްތަކުން އެދުރުވީ މީހުންގެ ލިސްޓް ކޮޅުންނުލާނެ އެވެ.

ދިވެހި ބަހާއި އަދަބިއްޔާތަށް މީހަކު ކުރާ ހިދުމަތެއް ބަލައިގަނެ ގައުމުގެ މަތީ އިއްޒަތެއް އެފަދަ މީހަކަށް އަރުވާނީ ވެސް ގައުމިއްޔަތުގެ އެ އަސާސްތަކަކީ ގައުމެއް ބިނާކުރުމުގައި ކިހާ މުހިއްމު ކަމެއްކަން އެނގިވަޑައިގަންނަވާ ރައީސެއް ކަމާ މެދު ޝައްކެއް ނެތެވެ. ސޯދުބެ އަށް އެ އިއްޒަތް ދެއްވަން ނިންމަވައި އަދި އެ ބޭފުޅެއްގެ އަތްޕުޅުން އޭނާ އަށް އެ އިއްޒަތް އެރުއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް ސޯދުބޭގެ ދަރިވަރެކެވެ.

ސޯދުބެ (ކ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަގަބު އަރުވަނީ.--- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވަމުން ވެސް ލިޔުއްވުމުގެ މަސައްކަތް ގަވާއިދުން ކުރައްވައި ދިވެހި އަދަބިއްޔާތަށް ސޯދުބެ ކޮށްދެވި ހިދުމަތުން އެނގެނީ އޭނާ އަކީ ރާއްޖޭގެ ފަހު ޒަމާނުގައި ބަހާއި އަދަބުގެ ޖަށްވުން އެރި އެންމެ އަލިގަދަ އެއް ތަރިކަމެވެ. އުމުރުފުން 84 އަހަރުވީ އިރު 50 ފޮތް ޝާއިއުކުރައްވައިފި އެވެ.

އޭނާ ލިޔުއްވި "ދޮންހިޔަލަ އާއި އަލިފުޅު" ނުވަތަ "ދޮންމޮހޮނާއި މިޔަރު" ވާހަކަ އަކީ ދިވެހި ފޯކްލޯރްގެ މުތްތަކެކެވެ. ތަރުޖަމާކުރެއްވި "ހިފެހެއްޓުމެއް ނެތް ކަރުނަ" ވާހަކައިން އެތައް ބައެއްގެ ހިތް ރޮއްވާލި އެވެ. އެފަދަ އަސަރުތައް ހަގީގީ ދިރިއުޅުމުގައި ކުރި ހިތްތަކަށް ހަމަޖެހުން ގެނެސްދެއްވީ ލިޔުއްވި ސަމާސާ އަދަބުގެ ފޮތްތަކުންނެވެ. އޭނާ ހެއްދެވި "ދާނަމޭ ދާނަމޭ މިރޭ ދާނަމޭ" ފަދަ ލޯބީގެ ލަވަތަކާއި "އީދު އައީ ހިނިތުން ވަމުން" ފަދަ އިޖްތިމާއީ ލަވަތައް އަހައި ފޫހިނުވާނެ އެވެ. "އެންމެން ކިޔެވީ އެއް ފޮތަކުންނޭ" އޭ ވިދާޅުވެ ހެއްދެވި ޅެމަކީ މިއަދުގެ ދިވެހި މުޖުތަމައުގެ ހާލަތު ސިފަކޮށްލަދޭން އެހާމެ ފުރިހަމަ ޅެމެކެވެ.

އެހެންވެ ސޯދުބެ އަށް ނ.ޢ.ޢ.ވ ގެ ޝަރަފް ލިބުމަކީ ދިވެހި އަދަބިއްޔާތުގެ ކަރުގައި ރަން ފައުނެއް އަޅާލެވުން ފަދަ ކަމެކެވެ. އެކަމަކު ސޯދުބެ ގަބޫލުފުޅުކުރައްވާ ގޮތުގައި ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރެއްވި ބޭފުޅުން ކުރެއްވި މަސައްކަތްތައް ކުރެވެން އޭނާ އަށް އަދި ގާތް ވެސް ނުވެ އެވެ.

"އެ މީހުންނަށް ހީވީ ކަންނޭނގެތާ އަހަންނަށް މިހާވަރަށް މަސައްކަތްކުރެއްވިއްޖެޔޭ. އެކަމަކު އެ މަސައްކަތްކުރި މީހުން ކޮށްފައި އެވަނީ ހާދަ ބޮޑު މަސައްކަތެކޭ. ހުސެއިން ސަލާހުއްދީން، އަބްދުﷲ ޖަލާލުއްދީން، އަހުމަދު ކާމިލް ދީދީ ފަދަ ބޭފުޅުން ކުރެއްވި މަސައްކަތް ކުރެވެން އަޅުގަނޑަށް އަދި ގާތް ވެސް ނުވޭ،" ސޯދުބެ ހިތްޕުޅުތިރިކުރެއްވި އެވެ.

ސޯދުބެ "މިހާރު" އަށް އިންޓަވިއުދެއްވަނީ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިފަދަ ޝަރަފަކަށް އޭނާ ދުވަހަކު ވެސް އުއްމީދެއް ނުކުރައްވަ އެވެ. އޭގެ ސަބަބަކީ ސޯދުބެ ވިދާޅުވި ގޮތުގައި އޭނާ އަކީ އެކަމުން ފައިދާއެއް ވާނެ ކަމަށް ހީކޮށް ކަންކަން ކުރާ މީހަކަށް ނުވުމެވެ. އެއީ ސޯދުބެ ތުއްޕުޅުއިރު ދިމާވީ ކަމަކުން ކަމަށް ވެސް ވެދާނެ އެވެ. ލިބިފައި ހުނަރެއް ބަދުނަސީބަކަށް ވީ އެވެ.

އަތޮޅުތަކުން ދާރުލްއިގާމާ އަށް 1944 ގައަި ކިޔަވަން މާލެ ގެނައި ކުދީންގެތެރޭ ހިމެނިވަޑައިގެން މަޖީދިއްޔާގައި ތައުލީމު ހާސިލްކުރައްވަމުން ގެންދަވަނިކޮށް، އަތުލިޔުން މާ ރީތިވުމުން، އޭނާގެ ބޭނުން ސަރުކާރުގެ ޗާޕުހާނާ އަށް ބޮޑުވުމުން ސްކޫލުން ވަކިވެވަޑައިގަންނަވަން ޖެހުނީ އެވެ. އެކަމަކު އެއް ދޮރު ބަންދުވެއްޖެ ނަމަ އެތައް ދޮރެއް ހުޅުވޭ ވާހަކަ ވީ ތެދަކަށެވެ. ސަރުކާރުގެ ޗާޕުހާނާގެ ނޫސް ލިޔާ ކާތިބެއްގެ ވަޒީފާ އިން ފެއްޓެވި ދަތުރުގައި، ސޯދުބޭފގެ ނޫސްވެރިކަމުގެ މަސައްކަތް ވީ އޭނާގެ ނަސީބު އަތުގައި ހިފުމަށެވެ. ރާއްޖޭގެ އިލްމުވެރިންނާއި ކުޅަދާނަ ލިޔުންތެރިންނާއި އަދީބުންގެ ލިޔުންތައް "ސަރުކާރު ހަބަރު" ނޫހުގައި ޖެހުމަށްޓަކައި، ލިޔަމުން ގެންދިޔައިރު، އެ ލިޔުންތަކުގެ މީރު ވަހާއި ރަހަ ސޯދުބެގެ ހިތަށް ހަމަޖެހުން ގެނެސްދެމުން ދިޔަ އެވެ. ސްކޫލުގައި އުޅުއްވި ދުވަސްވަރު ޅެން ހައްދަވާތީ، ފުރަތަމަ ވެސް ނޫހަށް ހެއްދެވީ ޅެމެކެވެ. "އަމީނުލް އުއްމަތަށް ވެދުމޭ މި އެރުވީ ހިތުގެ ގުލްޒާރޭ، ޒަމީރު އެދޭ ގޮތުން މި ފުރާލަނީ ލޯބީގެ ކަންވާރޭ" މި އިބާރާތުން ހެއްދެވި ޅެން އޭރުގެ ރައީސް އަދި ނޫހުގެ އެޑިޓަރު މުހައްމަދު އަމީނުގެ އަރިހުގައި ވަރަށް މަގުބޫލުވެ އެ ޅެން ނޫހުގައި ޝާއިއުކުރެއްވި އެވެ.

އެންމެ ފުރަތަމަ ކުޑަކުދިންގެ ސަފުހާ ހެއްދެވި ނަމަވެސް ފަހުން މަޒްމޫން ލިޔުއްވަން ފެއްޓެވި އެވެ. އެގޮތުން ސޯދުބެގެ ގަލަމުން އެންމެ ފުރަތަމަ އެޅުއްވި ވަރުގަދަ އެއް ސުރުހީ އަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން އެޅުއްވި ސުރުހީއެކެވެ. އެއީ ރާއްޖޭގައި ވަރަށް ފަހަޖާ ޖެހެންދެން މީހުން ދައްކަން، ލިޔަން އަދި އަޑުހަން ބިރުގަންނަ ޒާތުގެ ވާހަކަތަކެކެވެ. އެ މަޒުމޫނު ޗާޕުޖެހުމާ އެކު، ބައެއް ބޭފުޅުން ސަލާންކޮށްލައްވާފައި، ވައި އަޑުފުޅުން ވިދާޅުވަމުން ދިޔައީ ކޮއްކޯ ބިރެއް ނުގަހޭނޭ އެވެ. އެއީ ރާއްޖޭގެ 75 އަހަރު ވީ ނޫސްވެރިކަމުގެ ތާރީހުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން ލިޔުނު ފުރަތަމަ ލިޔުމަށް ވުން ވެސް އެކަށީގެންވެ އެވެ.

ސޯދުބެ "މިހާރު" އަށް އިންޓަވިއުދެއްވަނީ: މިހާރު ވެސް ގަވާއިދުން ފޮތްފޮތާއި ނޫސް ވިދާޅުވޭ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭގެ ފަހުން ފަސް އެނބުރުމެއް ނެތެވެ. ރާއްޖޭގެ ނޫސްވެރިކަމުގައި ޒަމާލީ ކުލަ ޖައްސައިލި "ހަވީރު" ނޫހުގެ ފުރަތަމަ އެޑިޓަރުގެ އަދަބީ ހަޔާތްޕުޅު ވަރަށް ކާމިޔާބެވެ. އޭނާ ދިވެހި ބަހަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން 1980 އަދި 1983 ގައި އާއްމު ހިދުމަތުގެ އިނާމް ދިނެވެ. މިނިވަން 25 ގެ އިނާމް 1990 ގައި، ޅެންވެރިކަމުގެ އިނާމް 1992 ވަނަ އަހަރު އަދި ދިވެހި ބަހަށް ހިދުމަތްކުރުމުގެ ރޮނގުން 1998 ވަނަ އަހަރު ޝަރަފްވެރިކަމުގެ އިނާމް ލިބިވަޑައިގަތެވެ. ނޫސްވެރިކަމުގެ ރަން ގަލަމާއި، އަލިމަސް ގަލަން އަދި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ވަނީ ހާސިލްކުރައްވައިފަ އެވެ. މަދުވަނީ އޭނާ އެންމެ ލޯބިފުޅުވާ ދާއިރާ ކަމަށްވާ ތައުލީމީ ދާއިރާގެ ޝަރަފެކެވެ.

އެކަމަށް އިޝާރާތެއް ކުރެއްވުމާ އެކު، ސޯދުބޭ އަނބިކަނބަލުން ފާތިމަތު މުނީރާ ވިދާޅުވީ ސޯދުބޭގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފާހަގަކުރައްވައި ނ.ޢ.އ.ވ ގެ ޝަރަފް ދެއްވުމަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. ސިއްހީ ހާލަތު ތަންނުދޭތީ ގެއިން ނުކުންނެވުން ދަތިފުޅުކަމަކަށް ވީ ނަމަވެސް އެ ޖަލްސާ އަށް ވަޑައިގަތުމަށް ސޯދުބޭ ވަރަށް ހިތްވަރުކުރެއްވި އެވެ.

"ވަރަށް ބަލިވެ އުޅުއްވަމުން ވެސް ސޯދިގު ޖަލްސާ އަށް ވަޑައިގަތީ ވެސް. ޖަލްސާގެ ވިއްސަކަށް މިނެޓް ކުރިން ވެސް ސެނަހިޔާ އަށް ވަޑައިގެން އާވި އަރުވައިގެން ޖަލްސާ އަށް ވަޑައިގަތީ ވެސް،" މުނީރާ ވިދާޅުވި އެވެ.

ސޯދުބެ (ވ) އަނބިކަނބަލުން މުނީރާ (މ) އާއި ހަގު ދަރިކަލުން ރައުފަތާ އެކު ގައުމީ ދުވަހުގެ ޖަލްސާގައި. --ފޮޓޯ: ރައީސް އޮފީސް

އެ ޝަރަފް ސޯދުބޭ އަށް ލިބިވަޑައިގެންނެވި އިރު އެންމެ އަރިހުގައި ހުރި 23 އަހަރުގެ ޒުވާނާ އަކީ އެންމެ ހަގު ދަރިފުޅު ރައުފަތު ސޯދިގެވެ. އެހެން ގޮތަކަށް ސިފަކޮށްދޭ ނަމަ، ސޯދުބޭ އެންމެ ލޯބިފުޅުވާ މަސައްކަތް، ވަރަށް ޒުވާން އުމުރެއްގައި ކުރައްވާ، ބިލަބޮންގް ސްކޫލުގެ ދިވެހި މުދައްރިސެވެ. ރައުފަތު ބޮޑުވަމުން އައިއިރު ސޯދުބެ ހުންނެވި ރިޓަޔާކުރައްވައިގެން ގޭގައި ކަމަށް ވުމުން އޭނާގެ ވަރަށް ގިނަ މަސައްކަތްތަކުގައި ރައުފަތު ބައިވެރިކުރައްވައި އަދަބީ ދަނޑަށް ނެރުއްވީ އެވެ.

"ރައު ލައްވާ ސޯދުބޭ ލިޔުއްވާނީ ވެސް. ސޯދުބޭ ހަވީރު ނޫހަށް ލިޔުއްވާ ކޮލަމް ވެސް ރައު ލައްވައި ޓައިޕްކުރުވައި ފޮނުއްވާނީ ވެސް. ރައު އަށް ކޮލަމަކަށް މިހާވަރެއްކަން ކަނޑައަޅައި، ނިމުނީމާ ދެނީ މަހަކު އެއް ހާސް ރުފިޔާ ނޫނީ މަހަކު ފައްސަތަކޭ ރުފިޔާ. އޭރުން އެ ކުދިންނަށް ވަޒަންކުރެވޭނެ ހަމަހުރެފައި ކަންކަން ނުވާނެކަމާއި މަސައްކަތްކޮށްގެންކަން ލާރި ލިބޭނީ،" މުނީރާ ވިދާޅުވި އެވެ.

ހަޔާތުގެ އަސުރުގެ ކުރިން އަމިއްލަފުޅު މަސައްކަތުން ދިވެހި ބަހާއި އަދަބިއްޔާތަށް ކޮށްދެއްވި ހިދުމަތް މިއަދު ސިއްހީ ހާލުކޮޅު ތަންނުދޭތީ ކުރެއްވެން ނެތަސް، ޒަމާނުގެ ކުލަތަކުގެ ތެރެއިން ދިވެހި ބަހާއި އަދަބިއްޔާތު ގެއްލިޔަނުދޭން ރައުފަތު ފަދަ ޒުވާނުންގެ ބޭނުން ގައުމަށް ޖެހިފައިވީ ހިނދު ސޯދުބެ އެވަނީ އޭނާގެ އަމިއްލަ ދަރިފުޅު އެގޮތުގައި ތަރުބިއްޔަތު ކުރައްވައިފަ އެވެ.

"ބައްޕައާ މެދު މިއަށް ވުރެ ބޮޑަށް ފަހުރުވެރިއެއް ނުވެވޭނެ. ޔަގީނުން ވެސް މިއީ ހަނދާނުގައި ބަހައްޓަން ޖެހޭ ރެޔެއް."

އެރޭގެ ޖަލްސާ އަށް ފަހު ރައުފަތު ނެގި ބައްޕަގެ ފޮޓޯ ޓްވީޓްކޮށް އޭނާ ކެޕްޝަނުގައި ލިޔެފައިވެ އެވެ. އެ ފޮޓޯއަށް 1400 ލައިކް ލިބުނެވެ. މިއަދުގެ ޖީލުގެ ޒުވާނުން ސޯދުބެ އަށް މަރުހަބާކީ އެ ޓްވީޓަށް ފޮނުވި މެސެޖްތަކުންނެވެ. އެ ޒުވާނުންނާ ހަމަޔަށް ދިވެހި ބަސް އޭގެ ގޮތުގައި ގެނެސްދެވި ސޯދުބޭގެ ކަރުގައި އެ އޮތީ އެ ޒުވާނުންނާ ހަމަޔަށް މި ގައުމު ގެނެސްދިން ބަތަލް ސުލްތާން ޙަސަން އިއްޒުއްދީނަށް (ދޮންބަންޑާރައިން) އަށް ނިސްބަތްކޮށް ދިވެހި ސަރުކާރުން ދޭ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފެވެ.

ދޮންބަންޑާރައިންގެ މަންމާފުޅަކީ ސޯދުބޭގެ ރަށް މ. މުލީ ބޭކަނބަލަކެވެ. އެ ރަށަށް ނިސްބަތްކުރައްވައި ދޮންބަންޑާރައިންގެ އާއިލާ އިން މާލޭގައި އެޅުއްވި މުލީގެ (ފަހުން ހެންވޭރު ގަނޑުވަރަށް ބަދަލުވެ އޭގެ ފަހުން މުލިއާގެ އަށް ބަދަލުވި) އިބްރާހިމް ނާސިރުގެ ދައުރުގައި ތަޅައިލަން އުޅުމުން ސޯދުބޭ ނިންމަވައިގެން ހުރީ މާލެއިން އޭނާ އަށް ލިބިވަޑައިގެންނެވި ގެޔަށް މުލިއާގެ ކިޔާށެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ ކަތި ފިޔަވަޅު ސަރުކާރުން އަޅާފައެއް ނުވެ އެވެ. އެއާ އެކު ސޯދުބެ އޭނާގެ ގެޔަށް ދެއްވި ނަމަކީ އާމުލީގެ އެވެ. ރަށާ ގުޅުން ހުރި އެ އިއްޒަތްތެރި އެގެކޮޅުގެ ނަން އަމިއްލަ ގެކޮޅަށް ކިޔަން ސޯދުބެ އަށް ފުރުސަތެއް ލިބިވަޑައިނުގަތަސް އެގޮކޮޅަށް ނިސްބަތްވި ގައުމީ ބަތަލުގެ ނަންފުޅަށް ނިސްބަތްކުރެވޭ އިއްޒަތް ސޯދުބޭ އަށް މިވަނީ ސަރުކާރުން އަރުވައިފަ އެވެ. ފަހުރާއި ޝަރަފްވެރިކަމެވެ. އެކަމަކު އެ ހުރިހާ ޝަރަފަކާއި ފަހުރަކާއި އިއްޒަތަކަށް ވުރެ ސޯދުބެ އަދިވެސް އެންމެ އަގުކުރައްވަނީ އެއަށް ވުރެ މާކުރިން އޭނާ އަށް މިލްކުވެވަޑައިގެންނެވި ދިވެހި ދަރިންގެ ލޯތްބެވެ. ދަރިވަރުން ދިން ހައްޖުދަތުރުގެ ވާހަކަ އަދިވެސް ތަކުރާރުކުރެއްވެނީ އެހެންވެ އެވެ.

27 ކޮމެންޓް, 179 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 1%
icon angry icon angry 2%
icon wow icon wow 1%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަރިވަރެއް

02 November 2019

ސޯދުބެގެ ދަރިވަރެކޭ ފަހުރުވެރިވެފަ ބުނަން. ވަރަށް ލޯބިވެތިކޮށް ސޯދުބޭ ކިޔަވާދިނީ. 1997 ގެ ހަނދާންތައް ވަރަށް މަޖާ. ކިޔަވާހިތްވާ ކުދިން ސޯދުބޭ ވަށާލާފަ ތިބޭނެ ރަނގަބީލު ޖަހަންދެން. ކިޔަވާނެ ކުއްޖެއް ކިޔެވި. ވަރަށް މޮޅުވެސްމެ. މިހާރު ތަންތަނުގެ ވެރިން. ވަރަށް ލޯބިވޭ ސޯދުބެ ދެކެ.

The name is already taken The name is available. Register?

އެންދެރިގަލަން

01 November 2019

ސޯދުބެއަކީ އަޅުގަނޑުމެންގެ ހިތުގައި އެންމެ ބޮޑު ޤދަރެއް ދެވޭ އެދުރު

The name is already taken The name is available. Register?

ސަރުކާނު

01 November 2019

ވާނީވެސް އެެނތާއެވެ. މިހާރުން ބަލާނީ އެމީހުން މެޑަލް ޖަހަންތާއެވެ. ދިވެހިރާއްޖޭގެ އަޑުން ސޯދުބެ މެދުބެރިކޮށް ކޮށްދިން ޚިދުމަތް ކޮބާހެއްޔެވެ. ޢެވާހަކަ ނެތުމަކީ ސޯދުބެގެ ދަތުރުގެ 2 ބިކުޅަ އެއްބައި މަދުވުމެވެ.

The name is already taken The name is available. Register?

ސަލާހު

01 November 2019

ތިލަގަބު ހައްގުބޭފުޅަކައް ދެއްވިކަމުގަ ދެކެން މަރުހަބާ ސޯދުބެ

The name is already taken The name is available. Register?

ނިޒާމް / މުލި

31 October 2019

ހުރިހާ ބޭފުޅުންގެ ސޯދުބެ (އަޅުގަނޑުމެންގެ ތިއްތިބޭ) އަކީ ބަސް ދިރުވާ ފަހުގެ ޖީލުތަކާ ހަމައަށް ގެންގޮސްދިނުމަށް ވަރަށް ބޮޑަށް ލޯބިފުޅުކުރެއްވި ބޭފުޅެއް. މިހާ ކުރު ކޮމެންޓެއްގައި ތަފުޞީލު ނުކުރެވުނަސް ހަމައެކަނި ދިވެހިބަހުގެ މާތްގޮތް "ލައްބަ ދުރުވުން" މި ބަސްތައް އުވި ހިނގައިދާނެކަމަށްޓަކައި ފޮތެއް ލިޔުއްވައި ނެރެދެއްވި. މިއީ ހަމައެކަނި އެ މަޤުޞަދަށްޓަކައި ކުރެއްވި ކަމެއް. ތިއްތިބެއަށް އަބަދުވެސް ކާމިޔާބަށް އެދެން. އަޅުގަނޑުމެން ވ. ފަޚުރުވެރިވޭ.

The name is already taken The name is available. Register?

އާދަނުބޭ

31 October 2019

ސްކޫލްގެ އެންމެ ފަހު އަހަރު ކިޔެވިއިރު އަޅުގނަޑުގެ މަަސައްކަތްބައްލަވާފައި ވިދާޅުވާ ހަނދާން ހުރޭ އަދިވެސް. .ތީ ވަަށް މޮޅުކުއްޖެކޭ. ކީއްވެހޭ ދިވެހި ފޮތް ނުގެންގުޅެނީ؟ ސޯދުބެކިޔަވައިދެއްވުން އެއީ ވަރަށް ހެޔޮފާލެއް. އޭގެ ސަބަބުން މާދަރީ ބަހަށް ވަރަށް ލޯބިޖެހުނު. ސޯދުބޭގެ ސަމާސާ އަދަބު އަޅުގަނޑަށް ވަރަށް ކަމުދޭ. ވަރަށް އިޙްތިރާމްކުރާ މުދައްރިސެއް ސޯދުބެއަކީ. ރުޅިއިސްކުރައްވާ ދަރިވަރުންނާ ދިމާލަށް އެއްޗެއް ވިދާޅުވަނިކޮށް ނުދެކެން.

The name is already taken The name is available. Register?

ހުވަދޫ ޑޮކް

31 October 2019

ވަރަށް ހިތްހެޔޮ އޯގާތެރި މުދައްރިސެއް ސޯދުބެއަކީ، މާތްﷲ ޞޯދުބެއަށް ދުޅަހެޔޮ ސިއްކަތާކާއި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރައްވާށިއެވެ. އާމީން..

The name is already taken The name is available. Register?

ފަތްތޫރަ---

31 October 2019

މަރުހަބާ ސދުބެ

The name is already taken The name is available. Register?

ފުންއަސަރު

31 October 2019

މަވެސް ހަމަ އެހާލޯބިވޭ ސޯދުބޭ.

The name is already taken The name is available. Register?

އިސްލާހު

31 October 2019

އަޅުގަނޑު ވަރަށް އިޙްތިރާމް ކުރާ ލޯބިވާ އަޅުގަނޑުގެ މުދައްރިސެކެވެ. މިހާރުވެސް އީޕީއެސް ސްކޫލް ގައި 1993 ގައި ސޯދުބެ ކިޔަވައިދެއްވި ހަނދާން ހިތުން ފިލައިގެން ނުދެއެވެ. މުދައްރިސައް މަރުޙަބާ އެވެ ބާއްޖަވެރި ކަމަށް އެދެމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454