މަރު ކޮމިޝަންގެ މިސްރާބާއި އިތުބާރު ގެއްލެނީ؟!

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް ތިން މަރެއްގެ ފުނަށް ވާސިލްވާން މަރު ކޮމިޝަނުން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކުރީ މުހިއްމު މައުލޫމާތުތަކެކެވެ. އިންސާފު ނުލިބި ދިގުލައިގެން ގޮސްފައިވާ ތިން މަރުގެ ހަގީގަތާއި އެއް މަރު އަނެއް މަރާ ގުޅިފައިވާ މިންވަރެވެ. މިވެނިއެވެނި ބަޔަކީ ގާތިލުންނާއި އެހީތެރިންނާއި ފާރަވެރިން ކަމަށް، ކޮމިޝަނަށް ޔަގީންވެއްޖެ އެވެ. މަގްސަދާއި އަޑީގައި ތިބި މީހުންގެ ނަންތައް ވެސް އެ އޮތީ އާއްމުވެފައިވާ ރިޕޯޓް ނުވަތަ ޑްރާފްޓްތަކުގައި ފެންނާށެވެ. އޭގެ އިތުރުން، ދެން ތަހުގީގުކުރާ މައްސަލަތަކުގައި ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.


އެކަމަކު، މި ހޯދުންތައް ބޭކާރު ވެދާނެ ކަމުގެ ބިރު މިއޮތީ ހީވެފަ އެވެ. ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ ވެސް މުހިއްމު މައުލޫމާތުތަކެއް އާއްމުކުރި އިރު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ނާޅަ އެވެ. ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ހަގީގަތް ވެސް އޮތީ ހޯދައިފަ އެވެ. އެކަމަކު އެ ތަހުގީގު އަދި އާއްމެއް ނުކުރެ އެވެ. މިހާތަނަށް އާއްމުކުރި ދެ ރިޕޯޓުން ކުށްވެރިންނަށް، އެ މީހުންނާ މެދު ކޮމިޝަނުން ކުރާ ތުހުމަތު ވަރަށް ސާފެވެ. ކުރިއެކޭ އެއްގޮތަށް އެއްވެސް ޖެހިލުމެއް ނެތި އެ މީހުން އަދި ވެސް ތިބީ މިނިވަންކަން މަތީގަ އެވެ.

ތަހުގީގުގައި އެއްކުރި މައުލޫމާތުތަކާއި ހޯދި ހެކިތަކުން ނަންތައް އާއްމުކުރި އިރު ފިޔަވަޅު ނޭޅެންވީ ސަބަބެއް، އެއް ބައެއްގެ ނަޒަަރުގައި، ނެތެވެ. ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ. ތަހުގީގަށް މީހުން ހާޒިރުކޮށް ސުވާލު ކުރުމާއި ފުލުހުން މެދުވެރިކޮށް ހައްޔަރުކުރުމާއި ބަލައި ފާސްކުރުމާއި ދައުވާ ކުރަން ފޮނުވަން ހުރަހެއް ނެތެވެ.

އެއްވެސް މީހަކަށް ފިޔަވަޅު އެޅޭކަށް ނެތް!

އެންމެ ބޮޑު ކަންބޮޑުވުމަކީ މި އެވެ؛ ކޮމިޝަނުން ހިންގި ތަހުގީގުގެ މައްޗަށް މީހަކު ހައްޔަރުކުރެވެން ނެތް ކަމަށް ބުނުމެވެ. ތަހުގީގުތައް ފުރިހަމަތޯ ސުވާލު އުފައްދާނެ ޖާގަ ލިބެނީ ކޮމިޝަނާއި ފުލުހުންގެ ވާހަކަތަކުގައި ހުރި ފުށުއެރުންތަކުންނެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގަށް ފުލުހުން ގެއެއް ފާސްކުރަން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވެފައި ވަނީ، މަރު ކޮމިޝަންގެ ރިޕޯޓްތަކާ ގުޅޭ ގޮތުން އެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅޭވަރުގެ ހެއްކެއް ނެތް ކަމަށެވެ. ދެ ބޭފުޅުން މި ވާހަކަ މިގޮތަށް ވިދާޅުވަނީ ރިޕޯޓްތަކާ ގުޅޭ ގޮތުން މަރު ކޮމިޝަންގެ މެމްބަރުންނާ އެކު ކަމާ ބެހޭ އިދާރާތަކުން ބޭއްވި ބައްދަލުވުމެއްގައި މެމްބަރަކު ދެއްކެވި ވާހަކައަކާ ހަވާލާ ދެއްވަ އެވެ.

"އެ ބޭފުޅުން [މަރު ކޮމިޝަންގެ ބޭފުޅުން] ވިދާޅުވި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރުކުރުގެ އަމުރެއް ނެރުމަށް އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރަން ޖާގައެއް ނެތް ކަމަށް،" އިމްރާން ވިދާޅުވެފައިވެ އެވެ.

ކޮމިޝަންގެ މެމްބަރަކާ ހަވާލާ ދެއްވައި މިނިސްޓަރު މިގޮތަށް ވިދާޅުވެފައި ވަނިކޮށް، ރިޕޯޓްތަކާ ގުޅޭ ގޮތުން ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ތިން މަރުގައި ވެސް ތުހުމަތުކުރާ، ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދު ހިމެނެ އެވެ. މިއީ، އެ ތިން މަރުގެ ވެސް މޭސްތިރިން ކަމަށް ކޮމިޝަނުން ބުންޏެވެ.

އޭގެ އިތުރުން، ރިޕޯޓާ ގުޅިގެން ދައުވާކުރަން ފޮނުވީ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ ތަހުގީގަށް ދޮގު މައުލޫމާތު ދެއްވިކަމުގެ ތުހުމަތުކޮށްފަ އެވެ. މިއީ ވެސް ކޮމިޝަނަށް ފާޑުކިއުން އަމާޒުވި ކަމެކެވެ.

ތިން މަރުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަން ނުފޮނުވައި ޝަހީމްގެ މައްސަލަ ފޮނުވީ ކޮމިޝަނުން ސިޔާސީ މަގްސަދެއް ހާސިލްކުރަން ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމަކު، ރިޕޯޓްތައް ފުރިހަމަވާނެ ކަމަށް ބުނުން ފިޔަވައި، ކޮމިޝަނަށް އަމާޒުކުރާ ފާޑުކިއުންތަކަކަށް އެ ކޮމިޝަނުން މިހާތަނަށް ޖަވާބެއް ނުދެ އެވެ.

ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ މަރު ކޮމިޝަންގައި މިވަގުތު ތިއްބެވީ ތިން މެމްބަރުންނެވެ. ކޮމިޝަންގެ ރައީސަކަށް ހުންނެވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް އޮފީހުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދަށް ތަކުރާރުކޮށް ކުރިމަތިވީ، މަރު ކޮމިޝަނާ މެދު ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ ސުވާލެވެ.

ރިޕޯޓްތަކުގައި ތުހުމަތުކޮށްފައިވާ މީހުންނާ މެދު ފިޔަވަޅު ނާޅައި ލަސްވަނީ ކީއްވެތޯ ނޫސްވެރިން އެހުމުން ހޫދު ވިދާޅުވީ މިހާތަނަށް ފައިނަލް ރިޕޯޓް ނެރެވުނީ އެންމެ މަރަކާ ގުޅޭ ގޮތުން ކަމަށެވެ. އެއީ، އަފްރާޝީމްގެ މަރެވެ. ދެން ހުރީ ޑްރާފްތަކެއް ކަމަށާއި ތަހުގީގު ކުރިއަށްދާ މިންވަރަކުން އެއަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ. އަޅާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމާނީ، ރިޕޯޓްތައް ފައިނަލްވުމުން ކަަމަށް ހޫދު ވިދާޅުވި އެވެ.

"އެއް ޑްރާފްޓުން އަނެއް ޑްރާފްޓަށް ދާއިރު ޑްރާފްޓަށް ބޮޑެތި ބަދަލުތަކެއް އައިސް ހުރޭ. އެހެންވީމާ ޑްރާފްޓަކަށް އަމަލެއް ނުކުރެވޭނެ. ރިޕޯޓް ފައިނަލް ވެގެން މިކޮޅަށް ހުށަހެޅުމުން އެ އަށް އަމަލު ކުރާނީ،" ހޫދު ވިދާޅުވި އެވެ.

ފިޔަވަޅު އަޅައި އިތުބާރު އުފައްދަން ޖެހޭ!

މަރު ކޮމިޝަންގެ ރިޕޯޓްތައް ފުރިހަމަކަމަށް، އެ ކޮމިޝަނުން ނުވަތަ ސަރުކާރުން ބުނުމަކުން ނުފުދެ އެވެ. ތަހުގީގުތަކުގައި ފުލުހުން އިހުމާލުވުމުގެ ތުހުމަތާ އެކު އުފެއްދި ކޮމިޝަނުން ހޯދާފައިވާ ހޯދުންތަކުގެ ސައްހަކަން ކަށަވަރުކޮށްދޭން ޖެހެ އެވެ. މަރުގެ އިލްޒާމް އަޅުވައި ބައެއްގެ ނަންތައް އާއްމުކުރުމަށް ފަހު ދޫކޮށްލުމަކީ ޒިންމާދާރު ގޮތެއް ވެސް ނޫނެވެ. ރިޕޯޓްތައް އާއްމުވި ދެ މަރުގެ އިތުރުން ވެސް އިންސާފު ހޯދައިދޭން ގޮވާލަމުން އަންނަ ގިނަ މައްސަލަތަކެއްގެ ތަހުގީގު ކޮމިޝަނުން ކުރިއަށް އެބަގެންދެ އެވެ.

ރިލްވާން މައްސަލައިގެ ތަފްސީލީ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ކުރީގެ ރައީސް ސުއޫދު (ވ) އަދި ކޮމިޝަންގެ މެމްބަރު މިސްބާހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރިޕޯޓްތައް ނެރޭނީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ މެދު ފިޔަވަޅުތަކެއް އަޅައި ފަހަތުގައި ތިބި މީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ގޮތެއް ހޯދުމަށް ފަހު ކަމަށް، ކޮމިޝަނުން އޮތީ ވައުދުވެފަ އެވެ. އެކަމަކު ފެންނަ ކަންކަން ފާހަގަކޮށްފައި އާދައިގެ ރިޕޯޓެއް ނެރެ ފުއްދާލުމަކީ މަގްސަދު ހާސިލްވާނެ ކަމެއް ނޫނެވެ.

އެއީ، ހެކިތައް ފޮރުވުމަށާއި ސަލާމަތްކަން ހޯދަން ތުހުމަތުކުރެވޭ މީހުންނަށް ޖާގަ ލިބޭނެ ކަމެއް ކަން ވެސް ކޮމިޝަނުން ބުނެފައިވެ އެވެ. އެކަމަކު، ކޮމިޝަންގެ އަމަލުތައް މި ފެނުނީ މި ޔަގީންކަމާ އިދިކޮޅަށެވެ. އިންސާފަށް އެދި ތިބި އާއިލާތަކަށް ކޮމިޝަނާ މެދު އިތުބާރު ގެއްލި މާޔޫސްވާ ފަދަ ގޮތަކަށެވެ.

ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި މަރު ކޮމިޝަނެއް ރައީސް އުފެއްދެވީ އިންސާފު ހޯދައި ދެއްވަން އިސްކަން ދެއްވާތީ އެވެ. އެމަނިކުފާނުގެ ވައުދަކީ، އާއިލާތަކަށް އިންސާފު ހޯދައި ދެއްވުމެވެ. އެހެންކަމުން ކޮމިޝަންގެ މި މިސްރާބު ގެއްލިފައިވާ ކަމަށް އެ އާއިލާތަކާއި ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމަކީ މައްސަލައެކެވެ.

ކޮމިޝަނާ މެދު މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި، ރައްޔިތުންގެ އިތުބާރު އުފައްދައި އިންސާފަށް ވާސިލްވާން ޖެހެ އެވެ.