ހައްލެއް ނައި، ނިމުމެއް ނެތް ސްޓިކާގެ ޝަކުވާ!

ދާދި އިހަކަށް ދުވަހު ސޯޝަލް މީޑިއާއިން ފެނުނު ޕޯސްޓެކެވެ. އޭގައި ބުނެފައިވާ ގޮތުން ރާއްޖޭގެ އިގްތިސޯދު އޭގެ މައްޗަށް ބިނާވެފައިވާ، ދިވެހިންގެ ލޭނާރަކީ މިހާރު މަސްވެރިކަމެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް މަގުމަތީގައި، ގަވައިދާ ހިލާފަށް ޕާކުކޮށްގެން ފުލުހުން ޖަހާ ސްޓިކާއިން ދައުލަތަށް މާ ބޮޑު އާމްދަނީއެއް މިހާރު ލިބެ އެވެ.


ޖޯކެއްގެ ގޮތުގައި ބުނެފައި އޮތް ނަމަވެސް މިއީ މުޅިއަކުން ދޮގެކޭ ބުނެވޭކަށް ނެތެވެ. ޓްރެފިކް ވަޔަލޭޝަން ސްޓިކާ ޖަހައިގެން، މިދިޔަ އަހަރު މަދުވެގެން ނުވަ މިލިޔަން ރުފިޔާ ފުލުހުން ވަނީ ހޯދައިފަ އެވެ. ބައެއް ހަފުތާތަކުގައި 1،300އަށް ވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހާފައިވާއިރު، މިއީ ޖޫރިމަނާގެ ގޮތުގައި ނަގާ އެންމެ ކުޑަމިންވަރު ކަމަށް ވާ 250ރ. އަށް އަގުކޮށްގެން، ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އެވެ.

ފުލުހުން ނިކުމެ، މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހައި، ބޮޑު އަދަދަކުން ޖޫރިމަނާ ކުރާތީ އާއްމުން ރުޅިގަދަވެ އެވެ. ހުކުރު ވަގުތު މިސްކިތަށް ވަދެފައި ނިކުންނައިރު، ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ބަރިބަރިއަށް ހުންނަނީ ސްޓިކާ ޖަހައިފަ އެވެ. ބައެއް މީހުން ބުނާގޮތުން، ފުލުހުން އެކަން ކުރަނީ ވާދައަށް، އެކަކަށް ވުރެ ގިނަ ސްޓިކާ އަނެކަކު ޖެހޭތޯ ހެން ހީވާ ފަހަރު ވެސް އާދެ އެވެ.

އެ މީހުން ދެކޭގޮތުގައި، ޕާކު ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ސަރުކާރުން ވެފައިވާ ވައުދާ އެވަނީ ހިލާފުވެފަ އެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ސަރުކާރުން ވި އެ ވައުދާ އެއްގޮތަށް، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެހިކަލްގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ޖެހިގެން އައި މަހު، އަލުން ސްޓިކާ ޖަހަން ފެށީ ހަމައެއް ލަމައެއް ނެތި، އެ މީހަކަށް ޖެހުނުތަނެއްގައި ޕާކުކުރަން ފެށުމުންނެވެ.

"ސްޓިކާ ޖަހަނީ އުނދަގޫވާތީ، ޕާކު ކުރާނެ ތަންތަން އެބަހުރި"

މިއީ ސްޓިކާ ޖެހުމުގެ މައްސަލަ ބޮޑުވެ، އާއްމުން ރުޅިގަދާވާން ފެށުމުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިދިޔަ ޖުލައި މަހުގެ ތެރޭގައި ދެއްވި ޖަވާބެކެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރައްވައި، ސްޓިކާ ޖެހުމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ފުލުހުން ސްޓިކާ ޖަހަނީ އާއްމުންނަށް އުނދަގޫވާ ގޮތަށް ޕާކް ކުރާ އުޅަނދުތަކުގައި ކަމަށެވެ.

"ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން އެ މީހަކު ދާ ތަނެއްގައި ޕާކް ނުކުރެވޭ ނަމަ ޕާކިން ޒޯނަށް ނުބަލާ ޕާކް ކޮށްލަނީ. އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވޭ،" އޭނާ ވިދާޅުވެފައި ވެ އެވެ.

ގަވައިދާ ހިލާފަށް ޕާކުކޮށްގެން ސައިކަލެއްގައި ސްޓިކާ ޖަހާފައި: މިއީ މިހާރު އާއްމު މަންޒަރެއް

ސްޓިކާ ޖެހުން މެދުކަނޑާލި ދުވަސްކޮޅު، އިމާރާތްތަކަށް ނުވަދެވޭ ގޮތަށް ވެސް ބައެއް މީހުން ޕާކު ކުރި އެވެ. ކަފިހި ހުރަސްތަކުގެ މަތީގައި، އާއްމުންނަށް ހިނގާ ނުލެވޭ ގޮތަށް ވެސް ޕާކު ކުރި އެވެ. އެ މީހަކު ހިތަށް އެރި ތަނެއްގައި ވެހިކަލް ޕާކުކޮށްފައި ދަނީ އެވެ. އެހެންވެ، އާއްމުންގެ ޝަކުވާތައް އިތުރުވުމުން ސަރުކާރުން ނިންމީ، ކަފިހި ހުރަސްތަކާއި ދުވާރުތައް ކައިރި އަދި ސްކޫލާއި ހޮސްޕިޓަލާއި މިސްކިތް ފަދަ ތަންތަނުގައި ޕާކު ނުކުރެވޭ ގޮތް ހަދާށެވެ. އަދި ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ވެސް ސްޓިކާ ޖަހަން ނިންމި އެވެ.

ޕާކު ކުރުމަށް މަގުމަތިން ޖާގައެއް ހޯދުމަކީ މިހާރު ފަސޭހަކަމެއް ނޫނެވެ. ހާއްސަކޮށް، ކުރިން މަގުމަތީގައި އޮންނަ ޕާކިން ޒޯނުތައް ބައެއް މަގުތަކުން މިހާރު ނަގާފައިވުމުންނެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި ބައެއް މަގުތަކުން ޕާކިން ޒޯނު ނެގީ މަގުގެ ޖާގަ ތަނަވަސް ކުރުމަށެވެ.

މިނިސްޓްރީގެ ޕްލޭނަކީ މާލެއަށް މިނީ ބަސް ތައާރަފްކުރުމެވެ. އެކަމަކު އެފަދަ އާއްމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރެވޭނީ، ތޮއްޖެހިފައިވާ މާލޭގެ މަގުމަތިން ޖާގަ ހަދައިގެންނެވެ. މާލެއަށް ނުކަތާވަރަށް އުޅަނދު ހުރި އިރު، އެ ހުރިހާ ދުއްވާ އެއްޗެއްސަށް ޕާކު ކުރެވޭނެ ގޮތް ހަދައިދިނުމަކީ ބޮޑު ގޮންޖެހުމެކެވެ.

"ޕާކިން ސިސްޓަމް ތައާރަފްކޮށް، ޕާކު ކުރުމަށް އިތުުރު ގޮތެއް ހޯދައިދިނުން މިހާރު ލަސްވެފައިވާކަން ގަބޫލުކުރަން. އެކަމަކު އެކަމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ކުރިން ވިދާޅުވި ގޮތުގައި ޕާކު ކުރާނެ ތަންތަން ސަރުކާރުން ވަނީ ދައްކައިދީފަ އެވެ. އަދި އިތުރު ތަންތަން މިހާރު ވެސް އަންނަނީ ހަދަމުންނެވެ. ބައެއް ސަރަހައްދުތަކުގައި ޕާކިން ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މި އަހަރުގެ ތެރޭގައި އެ ހިދުމަތް ފެށޭނެ ކަމަށް އެތަނުން ލަފާ ކުރެ އެވެ.

"އޭރުން ޕާކިން މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޕާކިން ޒޯނެއް: މި ފަދަ ގިނަ ތަންތަން މިހާރު މާލޭގައި ވަނީ ހަދާފައި

ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 11 ތަނެއް ވަނީ ކައުންސިލުން ހަދައިދީފަ އެވެ. އެ ތަންތަނުގައި 80-400އާ ދެމެދުގެ އުޅަނދަށް ޕާކްކުރެވޭނެ ކަމަށް އެތަނުން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި ޕާކިންގެ މައްސަލައަށް ހައްލެއް ގެނެވޭނީ މިނިސްޓްރީގެ އިތުރުން ގުޅުން ހުރި އެހެން އިދާރާތަކުން އެކުގައި މަސައްކަތްކޮށްގެންނެވެ. ޕާކު ކުރާނެ ޖާގަ ހޯދަން މަސައްކަތް ކުރާހެން، ވެހިކަލް ލިމިޓް ކުރަން ވެސް ޖެހެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކު ވެސް މަދުވެގެން 10،000 އެއްގަމު އުޅަނދު އަލަށް ރާއްޖޭގައި ރަޖިސްޓްރީކުރެ އެވެ. ރަސްމީ އަދަދު ނޭނގުނު ނަމަވެސް، މިހާރު ހުރި ވެހިކަލްގެ އަދަދު 115،000އަށް ވުރެ އިތުރުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މީގެ ތެރެއިން 90 ޕަސެންޓަކީ ސައިކަލެވެ. އަދި 60 ޕަސެންޓަކީ ހަމައެކަނި މާލޭގައި ދުއްވާ އުޅަނދެވެ.

އެކަަމަކު ވެހިކަލް ލިމިޓް ކުރުން އަދިވެސް އޮތީ މަޝްވަރާގެ މަރުހަލާގަ އެވެ.

ގާނޫނަށް ބަދަލުތަކެއް، އިސްލާހެއް ފެންނާނެތަ؟

އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ވަނީ ބަހުސްތަކެއް ކޮށްފަ އެވެ. މިހާރު ކޮމެޓީ މަރުހަލާގައި އޮތް އެ ބިލުގައި، ގަވައިދާ ހިލާފަށް ޕާކުރުމާއި ޖޫރިމަނާއާ ގުޅޭގޮތުން ވެސް އިސްލާހުތަކެއް ހިމަނާފައި ވެ އެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ވެސް ޖޫރިމަނާގެ ގޮތުގައި 250 ރުފިޔާ ނެގުމެވެ. މިހާރުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ނަގަނީ 500ރ. އެވެ. ދެ ވަނަ ފަހަރަށް ނަމަ 750ރ. އަދި ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،000ރ. އަށް ޖޫރިމަނާ ބޮޑުވެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގިނަ މީހުން، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޖޫރިމަނާކޮށްފައި ވެ އެވެ. ބައެއް މީހުންގެ ޖޫރިމަނާގެ އަދަދު އެތައް ހާހަކަށް އަރަ އެވެ. އެހެންވެ، މި އިސްލާހު ފާސްވެއްޖެ ނަމަ، ޖޫރިމަނާގެ ގޮތުގައި އާއްމުންގެ އަތުން ނަގާ ފައިސާގެ އަދަދު މަދުވާނެ އެވެ.

ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ކިތަންމެ ގިނަ ވިޔަސް، ބައެއް މީހުން އެ ފައިސާ ނުދައްކާ އަހަރުތަކެއް ވަންދެން ވެސް ތިބެ އެވެ. އެކަމަކު، އާ އިސްލާހުގެ ދަށުން އެ ފައިސާ ވާނީ އެ މީހަކު ދައުލަތަށް ދައްކަން ޖެހޭ ދަރަންޏަކަށެވެ. އަދި ޝަރީއަތަށް ހުށަހަޅައިގެން، އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު (މީރާ)އަށް ލިބިގެން ވާ ކަމަށް ވެސް އިސްލާހުގައި ހިމަނާފައި ވެ އެވެ.

ފުލުހުން ވެހިކަލްތަކެއްގައި ސްޓިކާ ޖަހަނީ --ފޮޓޯ/މިހާރު

ގަވައިދާ ހިލާފަށް ޕާކު ކުރާނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން، ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ ބާރު ވެސް އޮވެ އެވެ.

ސްޓިކާ ޖަހައިގެން އަރާ ޖޫރިމަނާއާ ގުޅޭގޮތުން އާއްމުންގެ ކިތަންމެ ޝަކުވާއެއް ހުރި ނަމަވެސް، އިދާރީ ގޮތުން އެ ޝަކުވާ ހުށަހެޅޭނެ އެންމެ ރަނގަޅު މަގެއް މިހާތަނަށް ފަހިވެފައެއް ނެތެވެ. އެކަމަކު އާ އިސްލާހުގެ ދަށުން އެ ފަދަ މަގެއް ދައްކައިދޭން، ޓްރާންސްޕޯޓް މިނިސްޓްރީ އަށް މަޖުބޫރުވާނެ އެވެ.

ބިލްގައި ބުނާގޮތުން ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް މިނިސްޓްރީން ގާއިމު ކުރަން ވާނެ އެވެ. އަދި އެ ނިޒާމުގެ ދަށުން ޝަކުވާތައް ބަލައި، ޖޫރިމަނާގެ އަދަދުތައް މުރާޖައާ ކުރެވޭނެ ހާލަތްތަކާއި ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުސޫލުތަކެއް ގަވައިދެއްގެ ދަށުން ހަދަން ޖެހެ އެވެ.

ބިލްގައި ބުނާގޮތުން، ޖޫރިމަނާއާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމަށް ފަހު، ގަވައިދުގައި ބުނާ ހާލަތްތަކުގައި، ޖޫރިމަނާގެ އަދަދުތައް މުރާޖައާކޮށް، ބަދަލުކުރުމުގެ އިހްތިޔާރު ނުވަތަ އެ ޖޫރިމަނާ ބާތިލް ކުރުމުގެ އިހްތިޔާރު ވެސް މިނިސްޓްރީ އަށް ލިބިގެންވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދެކޭގޮތުގައި މި އިސްލާހުތަކަކީ، ސްޓިކާ ޖެހުމާ ގުޅޭގޮތުން މީހުންގެ ހުރި ޝަކުވާތައް ކުޑަވާނެ ކަމެކެވެ. އަދި ސިސްޓަމެޓިކްކޮށް އެކަން ބަލައި، އިންސާފުވެރިކަމާ އެކު އެކަމަށް ހައްލެއް އަންނާނެ ކަމެއް ކަމަށް އެތަނުން ގަބޫލު ކުރެ އެވެ.

ޕާކު ކުރާނެ ތަނެއް ނުދައްކައި، އެތެރެ ކުރާ ވެހިކަލް ލިމިޓް ނުކޮށް، ކިތަންމެ ވަރަކަށް ސްޓިކާ ޖެހިޔަސް، އަދި އެކަމުން ލިބޭނެ ދާއިމީ ފައިދާއެއް ނެތެވެ. ޖޫރިމަނާކޮށްގެން ކިތަންމެ ގިނަ ފައިސާއެއް ލިބުނަސް ދެރަ އޮތީ ރައްޔިތުންނަށެވެ.