ރާއްޖޭގެ ރީތި ކަމަށް ވެސް ދެން އޮތީ އެންމެ 20 އަހަރު ބާ؟

ރަށް ގިރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ނަމަވެސް މި އަހަރުގެ އިރުވައި މޫސުމުގެ ހަޅަ ދިގުދެމިގެންގޮސް، ވަޔާއި އޮއި ބާރުވެ، ކުރިމަތިވި ގިރުމުގެ މައްސަލައިން، ބައެއް ރަށްރަށުގެ ރައްޔިތުން ތިބީ ކަންބޮޑުވެފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ބަހުސްތައް ފަތުރައިލި އެވެ. ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވި އެވެ. އެވަރަށް ގިރަންޏާ ދެން ހެދޭނެ ގޮތެއް ނެތް ކަމަށް، ސިޔާސީ މީހުން ބުނަން ފެށި އެވެ.


މިހާރު އަނެއްކާ ދިވެހިންނަށް ނުބައި އަނެއް ހަބަރެވެ. ނުރައްކަލުގެ އިންޒާރެވެ. މިފަހަރު ސައިންސްވެރިންގެ ހޯދުންތަކުންނެވެ. ޔުނިވަސިޓީ އޮފް ހަވާއީ މަނޯއާގެ ސައިންސްވެރިންގެ ދިރާސާ އިން ދައްކާ ގޮތުގައި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ދުނިޔޭގެ މުރަކައިގެ ފަރުތަކުގެ 70 އާއި 90 ޕަސެންޓް، މަރުވެ ނެތިދާނެ އެވެ. މި ދައްކަނީ ގަރުނެއްގެ ވާހަކައެއް ނޫނެވެ. އެންމެ 20 އަހަރުގެ މުއްދަތެއްގެ ލަފާކުރުމެކެވެ.

ރާއްޖެއަކީ މުރަކައިގެ ފަރުތަކުގެ އެންމެ ނާޒުކު ތިމާވެއްޓެއް އޮތް އެއް ގައުމެވެ. ރާއްޖޭގެ ރީތިކަމުގެ އެންމެ މުއްސަނދި ބަޔަކީ ވެސް އެ އެވެ. ދުނިޔެ ހޫނުވުމުގެ އަސަރުތަކާ އެކު އެތައް ފަރެއްގެ ރީތިކަން ގެއްލި، ގާތައް ހުދުވެއްޖެ އެވެ. ކުރިން ހިތްގައިމުކަމުން މަޝްހޫރު ބައެއް ހިސާބުތަކަށް، އެ ނުރައްކާ ކުރިމަތިވެއްޖެ ކަމުގެ ހިތާމަވެރި ހަބަރުތައް، ދިވެހި ޑައިވަރުން ދެ އެވެ.

އާ ހޯދުމާ އެކު، މުސްތަގުބަލާ މެދު ވިސްނާ ދިވެހިންގެ ލޮލުން ކަރުނަ ހިލިދާނެ އެވެ. ނުވަތަ އަހަރެމެންގެ މި ގައުމުގެ ކުރިމަގަކީ ކޮބައިތޯ ވެސް ސުވާލު އުފައްދަފާނެ އެވެ.

އޯޝަން ސައިންސަސް ކޮންފަރެންސެއްގައި ސައިންސްވެރިން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި އެސިޑްގެ މިންވަރު މަތިވުމާއި އެހެން ބާވަތުގެ ތަގައްޔަރުކަން ބޮޑުވުމުން ފަރުތަކަށް އޮތީ އަނދިރި މުސްތަގުބަލެއް ކަމަށެވެ.

"ދެންނެވެން އޮތީ 2100 އަންނަން ވާ އިރަށް، މަންޒަރު ފެންނަނީ ވަރަށް ބަނަކޮށް ކަމަށެވެ،" އެ ޔުނިވާސިޓީގެ ސައިންސްވެރިއެއް ކަމަށް ވާ ރެނީ ސެޓާ ނެރުއްވި ބަޔާނެއްގައި ލިއުއްވި އެވެ.

ދުނިޔޭގެ ފަރުތައް "ބޮޑު މަރަކުން މަރުވަމުން ދާކަމު"ގެ އިންޒާރު ސައިންސްވެރިން ދޭތާ ކިތައްމެ ދުވަހެކެވެ. އެއީ މުޅި ދުނިޔެއަށް ވެސް މުސީބާތެއް ކަމަށް ސައިންސްވެރިން ސިފަކުރެ އެވެ. ފަރުތަކުގެ އެތައް ސަރަހައްދެއް މިހާރު ވެސް ވަނީ މަރުވެފަ އެވެ.

މުރަކައިގެ ދިރުން ހުރި ދުވަސްވަރާއި މުރަކަތައް ހުދުވެފައި ހުއްޓާ: ސައިންސްވެރިން ބުނަނީ ކުރިއަށް އޮތް 20 އަހަރު ތެރޭ ގިނަ ފަރުތަކެއް މަރުވާނެ ކަމަށް

އޭގެ އެންމެ ބޮޑު މިސާލަކީ އޮސްޓްރޭލިޔާގައި އޮންނަ 2،300 ކިލޯމީޓަރުގެ ގްރޭޓް ބެރިއަ ރީފެވެ. ވޭތުވެ ދިޔަ 20 އަހަރު ތެރޭގައި ގާ ހުދުވުމުގެ އެތައް ހާދިސާއެއް އެތަނަށް ކުރިމަތި ވެއްޖެ އެވެ. މިސާލަކަށް 2016 އާއި 2017 ގައި ކަނޑަށް ކުރިމަތިވި "ހީޓް ވޭވް" އާ އެކު ގްރޭޓް ބަރިއަ ރީފްގެ ދެބައިކުޅަ އެއްބައި މުރަކަތައް ވަނީ މަރުވެފަ އެވެ.

ރާއްޖޭގެ އެތައް ފަރަކަށް ވެސް އެ މައްސަލަ ކުރިމަތިވި އެވެ.

ފަރުތައް ނެތި ހިނގައްޖެ ނަމަ، ދުނިޔޭގެ ދިރުންތަކުގެ މާހައުލު ވެސް ނެތިދާނެ ކަމުގެ އިންޒާރު ސައެންސްވެރިން ދެ އެވެ.

އާ ދިރާސާގައި ވެސް ބުނެފައި ވަނީ ފަރުތަކަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ. އިންސާނުންގެ ސަބަބުން ދިމާވާ ތަގައްޔަރުވުމަކީ ދުނިޔެ ހޫނުވުމުން ކުރިމަތިވާ މައްސަލައިގެ ކުޑަ މިންވަރެއް ކަމަށް ވެސް، ސައިންސްވެރިން ލަފާކުރެ އެވެ.

"ގޮނޑުދޮށްތައް ސާފުކުރުން ރަނގަޅެވެ. އަދި ނުސާފުވުމާ ދެކޮޅަށް މަސައްކަތްކުރުން އެއަށް ވުރެ ވެސް ރަނގަޅެވެ. މި މަސައްކަތްތަކުގައި އަޅުގަނޑުމެން ދެމިތިބެން ވެސް ޖެހެ އެވެ،" ސެޓާ ވިދާޅުވި އެވެ.

"ނަމަވެސް ފަރުތައް ރައްކާތެރިކުރަން ބޭނުން ނަމަ އިސްކަން ދޭން ޖެހިފައި ވަނީ ހަގީގަތުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށެވެ."

ފަރުތަކުގެ ހިމާޔަތަށް އުއްމީދެއް ނެތް!

ލެބޯރަޓަރީތަކުގައި މުރަކަތައް ދިރުވައިގެން އެ ގެންގޮސް މޫދުގައި އިންދުން ފަދަ ކަންކަން ސައިންސްވެރިންނާއި ތިމާވެށީގެ ހިމާޔަތްތެރިން އަންނަނީ ކުރަމުންނެވެ. ނަމަވެސް އެއީ ފަރުތައް ސަލާމަތްކުރަން އެކަށީގެންވާ ވަރުގެ މަސައްކަތެއް ނޫން ކަމަށް، ސައިންސްވެރިން ބުނެ އެވެ.

ހުދުވެފައިވާ ފަރެއް ކައިރިއަށް މީހަކު ފީނަނީ: ފަރުތައް ނެތިދިއުމުގެ ބިރު ބޮޑު

ދުނިޔެ ހޫނުވުން ކޮންޓްރޯލް ނުކޮށްފި ނަމަ މުރަކަތަކަށް ދިރުމެއް ނާންނާނެ އެވެ. އެހެންކަމުން މުރަކަ ހައްދައިގެން ދިރުވަން ކުރާ މަސައްކަތަކީ، ކަނޑުގެ ލޮނުގަނޑުގެ ހޫނުކަން މައްޗަށް ދިއުމުން މަރުވަމުން ދާ މުރަކަތަކާ އެއްވަރުގެ ކަމަކަށް ނުވެ އެވެ. އެހެންކަމުން މިދާ ސްޕީޑްގައި ފެންނަ މަންޒަރުތަކަކީ ސައިންސްވެރިން ދޭ ރަނގަޅު އިންޒާރެކެވެ. އަދި އެއީ އެތައް މިލިއަން އިންސާނުންގެ ދިރި ތިބުމަށް ވެސް އޮތް ގޮންޖެހުމެކެވެ.

އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ ކޮރަލް ރީފް ވޮޗްގެ ކޯޑިނޭޓަރު މާކް އީކިން ވިދާޅުވާ ގޮތުގައި ބިލިއަނެއްހާ މީހުންގެ ހަށިގަނޑަށް އެތެރެވާ ޕްރޮޓީންގެ ބާވަތްތައް ލިބުން ގުޅިފައި އޮތީ ފަރުތަކުގެ ދިރުމާ އެވެ.

ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ދުނިޔޭގެ 70-90 ޕަސެންޓް ފަރު މަރުވެދާނެކަމުގެ އިންޒާރު ދިނުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއްގެ ހަބަރެވެ. އެއީ ދިވެހިންގެ ކުރިމަގުގެ އުފާވެރިކަމާ ގުޅިފައި އޮތް މައްސަލައެއް ވެސް މެ އެވެ.

މިހާރު ކުރިމަތިވެގެން އުޅޭ ރަށްތައް ގިރުމުގެ އާދަޔާ ހިލާފު ހާދިސާތަކުން ލިބެނީ ހިތްދަތިކަމެކެވެ. ގިރައިގެން ދިޔަ ހިސާބުގަނޑު އަލުން ވޮޑި، ފަސްގަނޑު އަރާފާނެ އެވެ. ނުވަތަ ނާރާ ވެސް ހިނގައިދާނެ އެވެ. އެކަމަކު ހަގީގަތަކީ މިއީ މޫސުމަށް އަންނަ ބަދަލުތައް ކަމެވެ. އެހެންކަމުން ސައިންސްވެރިން މިހާރު ދޭ އިންޒާރަކީ ވެސް ދިވެހިންނަށް ކުރިމަތިނުވެ ނުދާނެ ހިތްދަތިކަމަކަށް ވުން ކައިރި އެވެ. އެއީ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައި އޮތް އިންޒާރެކެވެ.

ދެބަސްވެވެން ނެތް ހަގީގަތަކީ ރާއްޖޭގެ ރީތިކަމުގެ ބޮޑު ބައި ގުޅިފައި އޮތީ ފަރުތަކާ ކަމެވެ. އޭގެ އިތުރުން ގޮނޑުދޮށްތަކުގެ ހިމާޔަތަކީ ވެސް ފަރުތަކެވެ. އެ ފަރުތައް މަރުވެ، ނެތި ހިނގައްޖެ ނަމަ ރާއްޖޭގެ ރީތިކަން ވެސް އެއާ އެކު ފޮރުވިގެން ދާނީ އެވެ. ސުވާލަކީ ދުނިޔޭގެ ސުވަރުގެއެއްގެ ގޮތުގައި މަޝްހޫރު ދިވެހިރާއްޖޭގެ އެ ރީތިކަމަށް ވެސް ދެން އޮތީ އެންމެ 20 އަހަރު ބާވަ އެވެ؟