ހިތްދަތި މަންޒަރެއް! ދަރަވަންދޫގެ ގޮނޑުދޮށް "ކާލައިފި"!

ގޮނޑުދޮށަށް ރާޅުތައް ބީއްސާލަ ހިތްގައިމު އަޑެވެ.


ރޭގަނޑުގެ ހިމޭން ވަގުތު ނަމަވެސް، ތަރުތީބެއްގެ ތެރެއިން އުފެދިގެން އަންނަ އެ އަޑުން، އާންމު ރެއެއް ނަމަ، ގެނެސްދޭނީ ހިތްހަމަޖެހުމެވެ. އެކަމަކު އެރޭ ގުދުރަތުގެ މި މިޔުޒިކްގެ އަޑު ނިސްބަތުން ގަދަ އެވެ. ފަތިހުގެ އަލިކަމާ އެކު ފެނުނު މަންޒަރުން އޭގެ ސަބަބު ވަރަށް ސާފުކޮށް އެނގުނެވެ؛ އެ ރާޅުތައް މި ރަށުގެ ރީތި ގޮނޑުދޮށް ކައި ހުސްކޮށްފި އެވެ. ލޮނުގަނޑު އައިސް މިހާރު ބީއްސާލަނީ ރަށުތެރެއަށެވެ.

މި ރަށުގައި ހުރި އެންމެ ބޮޑު ގެސްޓް ހައުސް، ކިހާ ބީޗުގެ ކުރިމަތީގައި ކުރިން އޮތީ ބޮޑު ބީޗެކެވެ. އެކަމަކު ދިޔަވަރު ބޮޑުވެ، އަންނަ ކޮންމެ ރާޅެއް އެ ދަނީ ވެލިގަނޑު ހިފައިގެންނެވެ. ބިމު އަޑިން ވަޅުލާފައި ހުރި ހޮޅިތައް މިހާރު ހުރީ ދިމާއަށް ފެންނާށެވެ. ބައެއް ހިސާބުތަކުގައި، މި ވަގުތަށް، ވެލިބަސްތާ ޖަހާފައި ހުއްޓަސް، އެއަކުން ހިމާޔަތެއް ނުލިބެ އެވެ.

މިއީ ރަށްގިރުމެވެ. އެކަމަކު މިއީ އާދައިގެ ގިރުމެއް ނޫނެވެ. މިއީ ރަށް ހަލާކުވުމެވެ. މިއީ ހަޅައިގެ ދުވަސްތައް ދިގުވެ، ވައި ގަދަވެ، ލޮނުގަނޑު ބޮޑުވެ، އޮއިވަރު ބާރުވެ، ރަށުގެ ސިފަ ނައްތާލުމެވެ.

ކިހާ ބީޗުގައި ޗުއްޓީ ހޭދަކުރާ މީހުންނަށް ކުރިން ނަމަ، ރާޅުތައް ބީއްސާލާ ހިތްގައިމު އަޑު އިވޭނީ މަޑުންނެވެ. އެކަމަކު މިހާރު ރާޅު ޖަހަނީ ގެސްޓް ހައުސްއާ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ކައިރިއަށެވެ.

ބޮޑު ބީޗުގެ ހިލަމެއް ވެސް ނެތް!

ދަރަވަންދޫގެ އެންމެ ހިތްގައިމު ބީޗު އޮންނަނީ ރަށުގެ އުތުރު ފަރާތުގަ އެވެ. އެ ބީޗުގައި ކައިވެނި ޕާޓީތައް، ކުޑަކުދިންގެ ޕާޓީތައް ބާއްވައިފި އެވެ. ހިތްހަމަޖައްސާލަން އިށީނދެ ތިބެވޭނެ އަށިތައް ހަދައިފި އެވެ. އަންހެންވެރިން ކަސްރަތަށް މޫދަށް އެރި އުޅެފި އެވެ. ޓޫރިސްޓުން ސާފު ރީތި މޫދާއި އެ މޫދާ ގުޅިފައި އޮތް ދޮން ފަސްގަނޑުގެ މަޑު ވެލިތަކުގައި ހިނގައިފި އެވެ. އެކަމަކު މިއަދު އެ އުފަލެއް ނެތެވެ.

މި ރަށުގެ މޫނުމަތިން މިވަނީ ތަންގަނޑެއް "ކާލައިފަ" އެވެ. ގުދުރަތުގެ މި އަނިޔާގެ ބިރުވެރިކަން ކިތައްމެހާ ވެސް ބޮޑެވެ. ފެންނަނީ ކުރީގެ ވެލިގަނޑެއް ނޫނެވެ. ވެއްޓެން ކައިރިވެފައި ހުރި ރުއްތަކާއި ފުނަގަސްތަކުގެ ކަޅު މޫތަކެވެ. ރާޅުފަށަށް ލައްގާފައި ހުރި އެކި ވަރުގެ ގާތަކެވެ.

މިހާރު ވެސް އެތައް ރުކެއް، ގަހެއް ވެއްޓިއްޖެ އެވެ. އެއިން ކޮންމެ އުނިވުމަކާ އެކު، ގިރައިގެން ދަނީ ބޮޑު ބައެކެވެ.

ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުގެ ފަސްގަނޑު ހިފަހައްޓައި ދެނީ، ރުކާއި ފުނަގަސް ފަދަ ގަސްތަކުގެ މުލުގެ ބާރުގަ އެވެ. މުޅި ގޮނޑުދޮށުގެ އަޑީގައި ގެތިފައި އޮންނަނީ އެ މޫތަކެވެ. ނަމަވެސް އެއަށް އޮބިނޯންނަ ވަރަށް ކުރިމަތިވާ ރާޅާއި އޮއިވަރުގެ ހަމަލާތަކުގައި ވެލިގަނޑު ގިރާލައި، މޫތަކުގެ އަޑިން ފަސްގަނޑު ދަމާލަ އެވެ.

"މިއީ ކުރިން ވެސް ގިރާ ރަށެއް. އެކަމަކު މިވަރެއް ނޫން،" ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވި އެވެ.

ގިރައިގެން ގޮސް ދެ ރުއް ވެއްޓިފައި: މިއީ ދަަރަވަންދުއަށް އަންނަ ޓޫރިސްޓުންނަށް ހާއްސަ ބީޗު ހިމެނޭ ސަރަހައްދު --މިހާރުފޮޓޯ/ހުސެއިން ވަހީދު

"މިހާރު"އާ ވާހަކަ ދެއްކެވި އިރު އޭނާ އިންނެވީ މި ވަގުތު ރަށުގެ އެންމެ ގޮނޑުދޮށަށް ވާ ގޮތަށް ހުރި ބޮޑު ފުނަގަސް ފެންނަ ހިސާބުގަ އެވެ. އެ ގަހުގެ ބުޑުން ވެލިގަނޑު ދެމޭކަށް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. އެ ގަހާ ޖެހިގެން އިރަށް ހުރި ގަސް މިހާރު ވަނީ އަރިއަޅާލައިފަ އެވެ. ވެއްޓޭނީ މާދަމާ ނޫނީ އަނެއް ދުވަހު ކަމެއް ނޭނގެ އެވެ.

"މިއީ ފަންސާހަކަށް އަހަރު ވެފައި ހުންނާނެ ގަސްތައް، އެހެންވީމާ މިހާ ހިސާބަށް ގިރައިގެން މި ދިއައީ ކުރިއަކުން ނޫންކަން އެނގޭ،" އަލީ ވިދާޅުވި އެވެ.

"މި ހުންނަނީ ޒަމާންވީ ފުނަގަސްތައް. މި ހިސާބަށް ގިރައިގެން ދިޔައިމާ ވަރަށް ކަންބޮޑުވޭ."

އާދައިގެ ރަށެއް ނޫން

އެއާޕޯޓާ އެކު ދަރަވަންދޫ، އިގުތިސާދީ ގޮތުން ބަދަލުވެއްޖެ އެވެ. މިއީ ރާއްޖޭގެ އެންމެ ބިޒީ ޑޮމެސްޓިކް އެއާޕޯޓެވެ. ދުވާލަކު 24 ފްލައިޓް ޖައްސާ ދުވަސް ދުވަސް ވެސް މި ރަށު ރައްޔިތުން ތަޖުރިބާކޮށްފި އެވެ. ރަށަށް ގެސްޓްހައުސް ޓޫރިޒަމް އަތުވެއްޖެ އެވެ. އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކާ އެކު ރަށުގައި މި ވަގުތު 180 އެނދު އެބަ އޮޕަރޭޓްކުރެ އެވެ. ރަށުގެ ވަށައިގެން ކަހަލަ ގޮތަކަށް ހުރީ ޓޫރިސްޓުންގެ ޝައުގުވެރިކަން އަތުލެވޭނޭ ގުދުރަތީ ކަނޑު އަޑީގެ މަންޒަރުތަކާއި ދިރުންތަކެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން ވެސް ގަބޫލުކުރަނީ ރާއްޖޭގެ އާދައިގެ ރަށެއްގެ ގޮތުގައި ދަރަވަންދޫ މިހާރު ނެގެން ނެތް ކަމަށެވެ.

"މިއީ އެތައް މިލިއަން ރުފިޔާއެއް ވައްދާ، ސަރުކާރަށް ވެސް ދައްކާ ރަށެއް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުންޏެވެ.

"މި ރަށުގެ ބީޗު ސަލާމަތްނުކޮށް، ޓޫރިޒަމެއް ނޯންނާނެ. ރަށުގެ އެއާޕޯޓާ އެކު އައި ބަދަލުތަކަށް ޖެހޭނެ ހައްލެއް ހޯދައިދޭން ސަރުކާރުން ވެސް."

އޭނާގެ އެ ބަހުގެ މާނަ ވަރަށް ސާފެވެ. ރަށުގެ ބޮޑު ބައެއް ގުރުބާންކޮށްފައި ވަނީ އެއާޕޯޓަށެވެ. އެއާޕޯޓަށް ބިން ވެސް ހިއްކި އެވެ. ބަނދަރު ވެސް ބޮޑުކުރި އެވެ. އެެހެންކަމުން އެ ދެ ބަދަލުގެ ސަބަބުން ގުދުރަތީ ގޮތުން ރަށަށް އަތުވެދާނެ ނުރައްކަލަކަށްޓަކައި، ކަނޑު ތޮށިލުން ފަދަ ހިމާޔަތެއް ވެސް ބޭނުންވާނެ އެވެ.

އަލީ ވިދާޅުވި ގޮތުގައި ރަށް ގިރުމުގެ މައްސަލަ ބޮޑުވުމުން އެކަން ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް ގެންނަވައިފަ އެވެ. އޭގެ ތެރޭގައި 417 ސަފުހާގެ ރިޕޯޓެއް ހުށައެޅުން ހިމެނެ އެވެ. އެކަމަކު މިހާތަނަށް އަަމަލީ ގޮތުން އަދި އެއްވެސް ކަމެއް ނުފަށަ އެވެ. އަދިވެސް އޮތީ ރިޕޯޓުތައް ހުށަހެޅުމެވެ.

"އިގުތިސާދީ ގޮތުން މިރަށް މިހާރު ވަރަށް މުހިންމު. އެކަމަކު މިރަށް މިހެން ދޫކޮށްލައިފިއްޔާ މިދާ ގޮތުން ވަރަށް ބޮޑު ލަނޑެއް ލިބޭނީ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ތިން އަހަރު ކުރިން އެންމެ ބޮޑަށް އެ ހިސާބު ގިރާލި އިރު ވެސް، އެންމެ ގޮނޑުދޮށުން ދޫކޮށްފައި ހުރި ގެތަކާއި މޫދާ ދެމެދު 10 ވަރަކަށް ފޫޓު ހުއްޓެވެ. އެކަމަކު މިފަހަރުގެ ގިރާލުމުގައި، ބައެއް ގޯތިތަކުގެ އިންފާރާއި ރާޅު ޖަހާ ހިސާބާ ހުރީ ފޫޓެއްހާ ދުރުމިނެވެ.

ކަންބޮޑުވުންތަކުން ޕެޓިޝަނެއް

ރަށު ކައުންސިލް ކުރިމަތިން، ގޮނޑުދޮށާ ކައިރީގައި، ހިޔާކޮށްފައި ހުރި އަށިތަކެއް ހުއްޓެވެ. ހަވީރުގެ ހިތްފަސޭހަކަމުގައި އެތައް ބަޔަކު އެތަނުގައި ވަގުތު ހޭދަކުރި އެވެ. އެކަމަކު މިހާރު އަށިތަކުގެ ކުރިމަތީގައި ޖެހިގެން އެ އޮތީ މޫދެވެ. ވެލިގަނޑު ކަހާލުމުން ފެންނަނީ ހުސް ގަލެވެ.

އެތަނުން އައްޓެއްގައި، "މިހާރު"ގެ ނޫސްވެރިންނާ އެކު، އައިމިނަތު ނާޒިމާ އިން އިރު އޭނާގެ ކަންބޮޑުވުން ވަރަށް ރަނގަޅަށް އެނގެ އެވެ.

"ވަރަށް ގިނަ ޕާޓީތައް މި ތަނުގައި އޭރު ބޭއްވި. ހަވީރު ކުޑަކުދިން ވެސް ވަރަށް އަންނާނެ. ވަރަށް ހިތްފަސޭހަ ތަނެއް މިއީ ކުރީގައި،" ނާޒިމާ ކިޔައިދިނެވެ.

ރަށުގެ އަންހެންވެރިން ކަސްރަތަށް އެ ހިސާބަށް މޫދަށް އެރި އުޅުނެވެ. އެކަމަކު ގިރަން ފެށުމާ އެކު ވެލިގަނޑުގެ ބަދަލުގައި ފަތުރާލީ އެކި ވަރުގެ ގާތަކެވެ. އެ ގާތަކުގެ މަތިން ހިނގާފައި ގޮސް، މޫދަށް އެރިއުޅުމަކީ، ނާޒިމާގެ ބަހުން ނަމަ، ބައެއް އަންހެނުންނަށް ވަރަށް އުނދަގޫ ކަމެކެވެ.

ޕެޓިޝަން ތައްޔާރުކުރި ނާޒިމާ، "މިހާރު"އާ ވާހަކަ ދައްކަނީ: ކުރިން ބީޗު އޮތް ތަނުން މިހާރު ފެންނަނީ ހުސް ގާ --މިހާރު ފޮޓޯ/ހުސެއިން ވަހީދު

ނާޒިމާ އިސްވެ ހުރެ، އޭނާގެ ފެންވަރުން މަސައްކަތެއް ފެށި އެވެ: ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެ މައްސަލަ ގެންނަން ޕެޓިޝަނެއް ތައްޔާރުކުރުމެވެ. އޭނާ ބުނި ގޮތުގައި އެ ޕެޓިޝަނުގައި ރަށުގެ 250 އަށް ވުރެ ގިނަ މީހުން ސޮއިކުރި އެވެ. ޕެޓިޝަން މިހާރު ވެސް ވަނީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލިހަށާއި އެންވެޔަރުމެންޓް މިނިސްޓްރީ ފަދަ ތަންތަނަށް ފޮނުވައިފަ އެވެ.

"މިހާ ބޮޑަށް ގިރާލުމަކީ ވަރަށް ބޮޑު ދެރައެއް. އަޅުގަނޑަށް ވަރަށް އަސަރުކުރޭ،" ނާޒިމާ ބުންޏެވެ.

"ޕެޓިޝަން ހެދިއިރު ވަރަށް ގިނަ މީހުން ސޮއިކުރަން ބޭނުންވި. އެންމެންގެ ވެސް އުއްމީދަކީ މި މައްސަލައަށް ހައްލެއް އައުން."

އެކަމަކު މިހާ ވަރުގެ ނުރައްކާތެރި ގިރުމަކުން ސަލާމަތްވާން ކުރަން ޖެހޭ މަސައްކަތް ބޮޑުކަން އޭނާ ވެސް ގަބޫލުކުރެ އެވެ. އެއީ ކައުންސިލަށް، ރަށުގެ ރައްޔިތުންނަށް ނުވަތަ ރަށުގައި ޓޫރިޒަމް ވިޔަފާރިކުރާ އިންވެސްޓަރުންނަށް ވެސް، އެކަނި ކުރެވޭނެ ކަމެއް ނޫންކަން، އޭނާއަށް އެނގެ އެވެ.

"އަޅުގަނޑު ބެލީ މި މައްސަލަ އެންމެންގެ ސަމާލުކަމަށް ގެންނަން،" ނާޒިމާ ބުންޏެވެ.

އަބަދުވެސް ބީޗު ބޭނުން

ކުރިން ނަމަ އެ އުނދޯލި ހެއްލާ އިރު ތިރީގައި އޮންނާނީ ބީޗުގެ ހިތްގައިމު ވެލިގަނޑެވެ. އެކަމަކު މިއަދު ޖޯލީގެ ތިރިން ފެންނަނީ ވެއްޓެން ކައިރިވެފައި ހުރި ގަސްތަކުގެ މޫތަކެވެ. އޭގެ ދަށުން ވެލިގަނޑު ދަމާލާ ރާޅުތަކެވެ. ރަޝިޔާގެ އަންހެން ޓޫރިސްޓް، މެންދުރު ކެއުމަށް ފަހު، އެ ޖޯލީގައި، ފޮތެއް ހިފައިގެން އޮތެވެ. މިއީ އޭނާ ރާއްޖެއަށް ކުރި ދެވަނަ ދަތުރެވެ. އަމިއްލަ ސިޓީގެ ފިނިހޫނުމިން ހުރީ ޒީރޯގަ އެވެ. އެހެންކަމުން ރާއްޖޭގެ ހޫނު މާހައުލުން އޭނާއަށް ލިބެނީ ވަރަށް ބޮޑު އަރާމެކެވެ.

އެކަމަކު އޭނާ އެންމެ ބޭނުންވި ކަހަލަ ބީޗެއް ނެތެވެ. ވެއްޓިފައިވާ ރުއްތަކާއި ވެއްޓެން އަރިއަޅާލާފައި ހުރި ގަސްތަކާ ދިމާއަށް ބަލަހައްޓައިގެން އޮވެ އޭނާ ބުނީ "މިއީ ގުދުރަތީ ކަމެއްކަން އެނގޭ" ކަމަށެވެ.

"އަބަދުވެސް އަހަރެން ބޭނުންވަނީ ރާއްޖޭގެ ބީޗު. މިތަނުގައި ބީޗު ނެތީމާ އެނގޭ ކަމެއް ގޯސްކަން،" މަންމަ އާއި ފިރިމީހާ އާއި ކުދިންނާ އެކު ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓް، ނަން ބުނުމެއް ނެތި، ވާހަކަ ދެއްކި އެވެ.

"ވެއްޓިފައި ހުރި ރުއްތައް ވެސް ފެނޭ. ރޭގަނޑު ނިދަން އޮންނަ އިރު ރާޅުގެ އަޑު ތަންކޮޅެއް ގަދަ. އެކަމަކު ވެސް ރާއްޖޭގެ މާހައުލު ވަރަށް ރަނގަޅު."

އޭނާ ބުނީ މި ވަގުތު ބީޗު ނެތަސް، ރާއްޖެއާ މެދު އޭނާގެ ހިތުގައި އޮތް ލޯތްބަށް ބަދަލެއް ނާންނަ ކަމަށެވެ. ނަމަވެސް ބީޗެއްގެ މަޑު ވެލިގަނޑުން އެ ލިބޭ އުފަލަކީ ރާއްޖެއިން ހޯދަން އެންމެ ބޭނުންވި ހިތްހަމަޖެހުމޭ އޭނާ ބުނެލި އެވެ.

ރުކާއި ފުނަ ގަސްތަކަކީ ރަށްރަށުގެ ހިމާޔަތް: ގިރުން ބޮޑުވެ، ރުއްގަސް ވެއްޓިފައި --މިހާރު ފޮޓޯ/ހުސެއިން ވަހީދު

އެއީ މި ރަށަށް އަންނަ އެހެން ޓޫރިސްޓުންގެ ވެސް ބަހެވެ. އެކަމަކު ގިރާފައިވާ ބޮޑު ސަރަހައްދަކީ، ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ ބީޗު އޭރިޔާ އެވެ. އެހެންކަމުން އެ މީހުންގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުން މިވަނީ ނެތިފަ އެވެ.

ދާއިމީ ހައްލެއް ހޯދައިދެވެން އޮތީ ސަރުކާރަށެވެ.

އަލީ ވިދާޅުވި ގޮތުގައި އެންމެ ފަހުން ކައުންސިލަށް ލިބުނު މައުލޫމާތުން އެނގެނީ ދަަރަވަންދޫ އޮތީ ރަށް ގިރުމުގެ ނުރައްކާ ކުރިމަތިވެފައިވާ ދެ ވަނަ ދަރަޖައިގެ ރަށްތަކުގެ ތެރޭގައި ކަމެވެ. އެކަމަކު އިރުވައިގެ ހަޅައިގެ ދުވަސްތައް ދިގުދެމިގެން ގޮސް، ރަށް ގިރާފައި އޮތްލެއް ބޮޑުކަމުން، މިހާރު ދަަރަވަންދުއަށް އޮތް ނުރައްކާތެރިކަން އެއް ވަނަ ދަރަޖާއި، ސަރުކާރުން ބެލުން ކައިރި އެވެ.

ރައްޔިތުންގެ ޕެޓިޝަނާއި ކައުންސިލުން ފޮނުވި ރިޕޯޓްތަކާއި އަދި މިހާރު ވެސް ކަމާ ބެހޭ ފަރާތްތަކަށް އޮއްސަމުން އަންނަ އާދޭސްތަކަކީ ކޮންމެހެން މި ރަށަށް ހައްގު ނޫން އެއްޗެއް ހޯދަންވެގެން އުޅޭ އުޅުމެއް ނޫނެވެ. އަލީ ގަބޫލުކުރައްވާ ގޮތުގައި މިހާ ވަރަށް ހާލަތު ގޯސްވުމުން ދެން އެހީވާން ޖެހޭނީ ވެސް ސަރުކާރުންނެވެ.

މިދިއަ އަހަރު އޮތް ބީޗުގައި ޓުރިސްޓުންނަށް ގޮނޑި ޖަހާފައި. މިހާރު އޮތީ މޫދަށް ހަދާލައިފައި --މިހާރު ފޮޓޯ/ހުސެއިން ވަހީދު

މޫދަށް ހާމައަށް އޮތް މޫތަކުން ބުނެދެނީ ގިރުމުގެ ނުރައްކަލެވެ. މި ރަށުގައި ގިރާލާފައިވާ ސަރަހައްދުގެ ބޮޑުމިން ގާތްގަނޑަކަށް ކިލޯ މީޓަރަކަށް ދެމިގެންދެ އެވެ. އެހާ ބޮޑު އޭރިއާއަކުން މޫދަށް ދަމައިގަތް ފަސްތައް ކަނޑަށް އެޅި ހުސްވީއެއް ނޫނެވެ. ރަށުގެ ހުޅަނގު ކޮޅުގައި މިހާރު ވަނީ ބޮޑު ތުނޑިއެއް އުފެދިފަ އެވެ. އެ ތުނޑި ގިރާލައި، އޭގެ ވެލިތައް އަަލުން އުތުރު ފަރާތަށް ޖަމާވާނެ އެވެ. އެކަމަކު އެއީ މިހާރު ތަޖުރިބާކުރަމުން ދާ ނުރައްކަލަށް އޮތް ދާއިމީ ހަައްލެއް ނޫނެވެ.

ކުރިން އެއްގޮތަކަށް ވެސް ނުގިރާ ހިސާބެއް މޫދަށް ހަދާލައި، ރުއްތަކާއި ގަސްތައް ވައްޓާލުމުން އެނގެނީ، އަލުން ބީޗެއް ހެދުނު ނަމަވެސް ދެން ކުރިމަތިވާ ގިރުމެއްގައި، ކުރިއަށް ވުރެ ބޮޑު ބައެއް ރަށުން ގެއްލިދާނެ ކަމެވެ. އޭގެ މާނައަކީ މިހާރު އެންމެ ގޮނޑުދޮށަށް ހުރި ބައެއް އިމާރާތްތަކުގެ ބުޑަށް ރާޅުތައް ބީއްސާލުމެވެ. އެއީ މި ރަށުގައި ފުޅާވަމުން އަންނަ ޓޫރިޒަމަށް އޮތް ބިރެކެވެ. ރައްޔިތުންގެ ގެދޮރަށް އޮތް ބިރެކެވެ. ރަށުގެ މުޅި އިގުތިސާދަށް ވެސް އޮތް ބިރެކެވެ.