އެމެރިކާގެ ސީޑީސީގައި އެލިސާ އެކާޓް އާއި ޑަން ހިގިންސް ތައްޔާރުކުރި ކޮރޯނާވައިރަސްގެ އިލަސްޓްރޭޝަން: މި ފޮޓޯއަކީ މިހާރު ދުނިޔޭގައި އެންމެ އާންމު އެއް ފޮޓޯ
02 އެޕްރީލް 2020 - 14:41
މި ފޮޓޯ މިހާރު ކިތައް ފަހަރަކު ފެނިއްޖެ ހެއްޔެވެ؟ ޓީވީތަކުގެ އެތައް ޕްރޮގްރާމެއްގެ ފަހަތުން މި މަންޒަރު ދައްކާލަ އެވެ. މި ފޮޓޯ ހިމެނޭ އެތައް ޓްވީޓެއް، އެތައް ލީފްލެޓެއް، ދައުރުވަމުން އެބަ ދެ އެވެ. ފަހަރެއްގައި އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހުވަފެނުން ވެސް މިހާރު މި ފޮޓޯ ފެނިފައި އޮވެދާނެ އެވެ.
އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) ގައި ސިއްހީ ކަންކަމާ ގުޅޭ އިލެސްޓްރޭޝަންތައް ހަދަން އުޅޭ އެލިސާ އެކާޓަށް އެއީ ދޭތެރެދޭތެރެއިން އޭނާއާ ހަވާލުކުރާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތެވެ. މުޅި ދުނިޔެއަށް ފެތުރި، ދުނިޔެ ހުއްޓުމަކަށް ގެނެސް، އެތައް ހާސް ބައެއްގެ މަރުގެ ސަބަބަކަށް ވި ކޮރޯނާވައިރަސް ތަމްސީލްކޮށްދޭ އެންމެ ވަރުގަދަ ފޮޓޯ އާންމުންނާ ހަމައަށް އައިސްފައި މި ވަނީ އޭނާ އާއި އޭނާގެ އެހެން ބައިވެރިއެއްގެ ވިސްނުމުގެ ތެރެއިންނެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ސީޑީސީގެ އެމަޖެންސީ އޮޕަރޭޓިން ސެންޓަރުގެ މަސައްކަތް ފެށީ ޖެނުއަރީ 21 ގަ އެވެ. އެދުވަހު އެކާޓާއި އޭނާގެ މަސައްކަތުގެ ބައިވެރިޔާ ޑެން ހިގިންސްއާ ހަވާލުކުރީ އެ ވައިރަސް އެނގޭނެ "ސިފައެއް" ހަދައިދިނުމުގެ މަސްއޫލިއްޔަތެވެ.
"އެއީ އާންމުންގެ ސަމާލުކަން ދަމައިގަންނާނެ އެއްޗަކަށް ވާން ޖެހޭ،" އެކާޓް ބުންޏެވެ.
އޭރު ވެސް އޭނާއަށް ގަބޫލުކުރެވުނީ ކޮންމެ ކަހަލަ އެއްޗެއް ހެދިޔަސް ޓީވީ ހަބަރުތަކާއި ޕްރޮގްރާމްތަކުގައި އެ ބޭނުންކުރާނެ ކަމެވެ. މާޒީގެ ތަޖުރިބާއަކީ އެ އެވެ.
ކުރިއާ ހިލާފަށް، އަދި ކޮރޯނާވައިރަސްގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމާ އެކު، މާ ފުޅާ ދާއިރާއެއްގައި އެ މީހުންގެ އެ ފޮޓޯ ބޭނުންކުރަން ފެށި އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ވައިރަސް ފަދަ އިން އެ ފޮޓޯ ވެސް ދުނިޔެއަށް ފެތުރުނީ އެވެ.
އެކާޓަކީ ސިއްހީ ގޮތުން ވަރަށް އުނދަގުލުން ސިފަކޮށްދޭން ޖެހޭ ކަންކަން އާންމުންގެ ސަމާލުކަމަށް ފަސޭހައިން އަންނާނެ ގޮތަށް ކުރެހުންތެރިކަން ބޭނުންކުރާ ފަންނާނެކެވެ. އުފެދުމުގައި ހުންނަ އައިބުތައް ފޮޓޯއަކުން އާންމުންނަށް ނަގައިގަނެވޭ ވަރަށް ވުރެ މާ ފަސޭހަކޮށް އަދި ސަމާލުކަން ބޮޑުވާ ގޮތަށް، މިދިއަ އެތައް އަހަރެއްގައި އޭނާ ވަނީ އިލެސްޓްރޭޝަންތައް ހަދައި، އާންމުކޮށްފަ އެވެ.
"އެ އެއްޗެހި މާ ފަސޭހަ އާންމުންނަށް ވިސްނައިގަންނަން އަސްލު ފޮޓޯއަކަށް ވުރެ ބޮޑަށް،" އެކާޓް ބުންޏެވެ.
ވަރަށް ގިނަ ފަހަރަށް އޭނާގެ އެ ހުނަރަކީ، ހަމަ ލޮލަށް ނުފެންނަ އެއްޗެހި ރީތި ސިފައެއްގައި އާންމުންގެ ކުރިމައްޗަށް ހުށައަޅައިދިނުމެވެ.
ކިހުނު ބަލީގެ ޖަރާސީމު ސިފަކޮށްދޭން މި ފަހުން އޭނާ ތައްޔާރުކުރި އިލެސްޓްރޭޝަނަކީ އޭގެ ނަމޫނާއެކެވެ. އެންޓިބައޮޓިކް ބޭނުންކުރިޔަސް ޖަރާސީމު މަރުނުވާ މައްސަލައާ ބެހޭ ގޮތުން 2019 ގައި ތައްޔާރުކުރި ހާއްސަ ރިޕޯޓްގައި ހިމެނީ އޭނާގެ އެ އިލެސްޓްރޭޝަނެވެ. އެ ފޮޓޯއިން ފެންނަނީ ޖެލީ ފިޝްތަކެއް ފަދައިން އެ ޖަރާސީމު ދެމިލަމުން ދާ ތަނެވެ. އޭގެ ނަރުތައް ވެސް ކޮޅުކޮޅަށް ހަރަކާތްތެރިވާހެން ހީވެ އެވެ.
"އޭގައި ދައްކައިދޭން ބޭނުންވީ އެއީ ދިރިހުރި އެއްޗެއްކަން. އޭރުން އާންމުންގެ ސަމާލުކަން އެއަށް މާ ބޮޑަށް ލިބޭނެ،" އެކާޓް ބުންޏެވެ.
އޭނާ އާއި ހިގިންސް އަދި އެހެން ބައިވެރިން މިދިއަ އަހަރުތަކުގައި ވަނީ އެކި ވައިރަސްތައް ހުށައަޅައިދޭން ވަރަށް ތަފާތު އުކުޅުތައް ބޭނުންކޮށްފަ އެވެ. މިސާލަކަށް ޒިކާއާ ބެހޭ ގޮތުން ތައްޔާރުކުރި ފޮޓޯތަކުގައި، ވައިރަސްގެ ބަދަލުގައި ބޮޑަށް ބޭނުންކުރީ މަދިރި އެވެ. އަނެއް ބައި ފަހަރުތަކުގައި ސަމާލުކަން ދެނީ ވައިރަސްގެ ސަބަބުން ކުރިމަތިވާ ބަލީގެ ނިޝާނެއް މެދުވެރިކޮށް އާންމުންގެ ޝައުގުވެރިކަން އަތުލާށެވެ.
އެކަމަކު ކޮރޯނާވައިރަސްގައި މިފަހަރު އެ މީހުން ބޭނުންކުރީ، ސިއްހީ ދާއިރާގެ ކަންކަމަށް ހާއްސަ ކުރެހުންތެރިން ސިފަކުރާ ގޮތަށް، "އެންމެ ނަލަ ޝޮޓް" އެވެ. އެއީ ވައިރަސްގެ ސީދާ ސިފަ އެންމެ ކައިރިން އެނގޭހާ ތަފްސީލުކޮށްލުމެވެ.
"މިއިން ބުނެދެނީ އެންމެ ވައިރަސްއަކަށް ސަމާލުވާށޭ،" ފޮޓޯއިން ދޭހަކޮށްދޭ މައިގަނޑު މާނައާ ބެހޭ ގޮތުން އެކާޓް ކުޑަ ތަފުސީލެއް ދިނެވެ.
ކިހުނު ބަލީގެ ޖަރާސީމާ ބެހޭ ގޮތުން ސީޑީސީގެ އެލިސާ އެކާޓް އާއި ޑެން ހިގިންސް ތައްޔާރުކޮށްފައިވާ އިލަސްޓްރޭޝަނެއް
އެހެން ވައިރަސްތަކެކޭ އެއްފަދައިން ކޮރޯނާވައިރަސްގެ މައިގަނޑު ސިފަ ގުޅިފައި އޮތީ ޕްރޮޓީންއާ އެވެ. އޭގެ ވަށައިގެން އެ ހުންނަ ކަށިތަކަކީ ވެސް ޕްރޮޓީން އެވެ. ފޮޓޯގައި ރަތުން އެ ފެންނަނީ އެ ބައިތަކެވެ. އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ސެލްތަކުގައި ތަތްކޮށްލަން ބޭނުންކުރަނީ އެ ކަށިތަކެވެ. ފޮޓޯގައި ފެންނަ ރީނދޫ ކުލައިގެ އެތިކޮޅުތަކަކީ ސެލްގެ ތެރެއަށް ވައިރަސް ވައްދަން އެހީތެރިވާ ޕްރޮޓީންގެ ބަ އެވެ. ވައިރަސް އޭގެ ގޮތުގައި ދެމިގެންދާނެ މެދުވެރިއަކަށް ވަނީ އޮރެންޖް ކުލާގައި ހުރި ޕްރޮޓީންތަކެވެ.
ކަމާ ބެހޭ ސައިންސްވެރިންނާ މަޝްވަރާކޮށް، އަދި ދިރާސާކުރުމަށް ފަހު އެ ބައިތަކުގެ ތަފުސީލު އެކާޓާއި ހިގިންސް ހޯދީ ވައިރަސްތަކުގެ ޕްރޮޓީންއާ ބެހޭ ހުރިހާ މައުލޫމާތަކާއި ތްރީޑީ ފޮޓޯތައް ރައްކާކޮށްފައި ހުރި ހާއްސަ ޑޭޓާ ބޭންކެއް މެދުވެރިކޮށެވެ.
"އެ ތަނުން އެ ބައިތައް ހޯދައި، އެއްކޮށްގެން ދެން ފޮޓޯ ހަދަން ހާއްސަ ސޮފްޓްވެއާއެއް ބޭނުންކުރީ،" އެކާޓް ބުންޏެވެ.
ފޮޓޯގައި ޕްރޮޓީންގެ ބައިތައް ބޮޑަށް ފެންނަ އިރު، އެ ބައިތައް ހަރުލާފައި ހުންނަ މައިގަނޑު ވައް ބުރަށް ގަލުގެ ސިފަތަކެއް ގެެނެއީ، އޭނާ ބުނި ގޮތުގައި، ބަލާ މީހާއަށް އޭގައި އަތް ޖައްސާލެވޭކަމުގެ އިހުސާސްކުރުވާށެވެ.
އުފުއްލިފައި ހުރި ކަށިތަކުގެ ހިޔަންޏާއި އެކި މިންވަރަށް އަލި އެޅިފައި ހުންނަ ގޮތް ހެދީ މި ކުއްލި ހާލަތަށް ވީހާ ވެސް ބޮޑަކަށް އާންމުންގެ ސަމާލުކަން އަތުލުމުގެ ނިޔަތުގަ އެވެ.
އެއް ބަޔަކު ވައިރަސްއަށް ހާއްސަ ސިފައެއް ގެެނައުމުގެ މަސައްކަތްކުރި އިރު ސީޑީސީގެ އެހެން ފަންނުވެރިން ގެންދިޔައީ އެއާ އެކު ތައްޔާރުކުރާ ލީފްލެޓް ކަހަލަ އެއްޗެހި ވެސް ހަދަމުންނެވެ. މިއީ އެތައް ބައެއްގެ ވިސްނުމާއި ހިޔާލު އެކުލެވިގެންވާ އުފެއްދުމެކެވެ. މިއީ އާންމުންގެ ސަމާލުކަން އަތުލެވޭނެ ހުރިހާ ކޮޅެއް ބަލައި، ދިރާސާކޮށްގެން، ވަގުތާއި ހާލަތާއި އޭގެ ނުރައްކާތެރިކަމުގެ މައްޗަށް ވެސް ހިޔާލުތައް ދޫކޮށްލައިގެން ކުރި ބޮޑެތި މަސައްކަތްތަކެކެވެ.
ނިއު ޔޯކް ޓައިމްސްގެ ކާރާ ގައިމޯ ލިއުނު ރިޕޯޓްގެ ހުލާސާ ތަރުޖަމާއެއް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސބއ
02 April 2020
ވައިރަސް ވިޒިބަލް ސެޕެކްޓރަމް ގެ ވޭވްލެންތަށް ވުރެ ކުޑަ. އެހެންވީމަ ކުލައެއް ނުހުންނާނެ. މިފެންނަނީ ލިއުމުގައި ވާ ފަދައިން ދެ އާޓިސްޓުން ޖެއްސި ކުލައެއް. އެއީއސްލަށް ވުރެ ބޮޑަށް މީހުންގެ ސަމާލުކަން ހޯދަން ކުރި ކަމެއް. މި ދެމީހުންގެ ކުޅަދާނަކަމަށް ތައުރީފު ކުރަމެވެ.
މަސްރަ
02 April 2020
ނިމުނު އިރު ތައުރީ މިކުރެވެނީ އާޓިސްޓައްދޯ.
އޭނަ
02 April 2020
މާތް ﷲ ގެ ކުޅަދުންވަންތަކަން. ސައެންސްވެރިން ބުނާގޮތުގައި އިންސާނާގެ ހަށިގަނޑުގެ ސެލްއަކަށް ވައިރަސް ވަނުމަށް ހުއްދަ ލިބިގަތުމަށްފަހު ނޫން ގޮތަކަށް އެވައިރަސް ހަށިގަނޑުގެ ސެލްއަކަށް ނުވަދެވޭ.. އެހެންވީމާ ގިނަގިނައިން ދުޢާ ކުރަންވީ އަދި ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަންވީ. ދުޢާ އަކީ އައްޑަނައެއް.
falcon_autho
02 April 2020
އެ ވައިރަސް އިން ފެންނަނީ ކޮންމެވެސް ވައްތަރެއްގެ ސޫރައެއް. އޮރެންޖް ކްލައިގައި އިސްތަށިގަނޑު ހުރުމުގެ ބަދަލުގައި ބީޓްރޫޓް ކުލައިގައި ހުރީ. ހައިރާންކޮށްލާވަރުގެ ކުރެހުމެއް.
އެހެންވެ
02 April 2020
ކުރެހުން އެހާ ރީތިވީމަ ކޮރޯނާ ވައިރަސް ދެކެ ނުރުހުން ނުވެވޭ. އެ މަސައްކަތްކުރާ ގޮތް އެނގުމުން އޭގެ މޮޅުކަން ފެނި އަޖައިބުވަނީ. އެ ވައިރަސް އިންސާނުންގެ ސެލްތަކުގެ ތެރެއަށް ދެމިގަންނަން ނިންމާ ގޮތް ކޮމްޕިއުޓަރ މޮޑެލްތަކާ ތަފާތުވެ ވައިރަސް ދެމިގަންނަން ނިންމާ އަމިއްލަ ގޮތްތަކުން ހައިރާންކުރުވާތީ ސައިންސް ފަހަތަށް ޖައްސާލާފައި ވައިރަސް އުފެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ހާމަވަނީ.