ކޮރޯނާވައިރަހުގެ އަލާމަތްތައް ހުރި މީހަކު، އެމެރިކާގެ ހޮސްޕިޓަލެއްގައި ޗެކްކުރަނީ --ފޮޓޯ:އޭއެފްޕީ
14 އެޕްރީލް 2020 - 08:08
"ބަލިމީހުންތަކުން ފުރިފައިވާ ކޮޓަރީގައި އޮތް ކޮންމެ މީހެއްގެ ލޮލުން ވެސް ފެންނަނީ ބިރުވެރިކަމެވެ. އޮކްސިޖަން މާސްކްގެ މަތިން ބަލަމުން އެ ދަނީ ގެނބެމުން ދާ މީހެއްގެ ނޭވާ ހާސްވާ ބީދައިން، އެހާމެ އުނދަގުލުން ނޭވާލަމުންނެވެ. މަރުުވުމުގެ ކުރިން، ގާތް އެކަކާ ވެސް ބައްދަލުވެދާނެތޯ، އެއިން ކޮންމެ މީހެއްގެ ހިތަށް ވެސް އަރާނެ އެވެ."
ނިއު ޔޯކް ޓައިމްސްގެ މަޝްހޫރު ލިޔުންތެރިޔާ ނިކޮލަސް ކްރިސްޓޯފް، މިދިއަ ހަފުތާގައި ދެ ހޮސްޕިޓަލެއްގައި ހޭދަކޮށްގެން ލިއުނު މަޒުމޫނު ފަށަމުން އައިސީޔޫއެއްގެ މަންޒަރު ސިފަކޮށްދިނެވެ.
އޭނާއަށް ފެނުނީ ސިއްހީ މި ކުއްލި ހާލަތުގައި ތޮއްޖެހިފައި އޮތް ހޮސްޕިޓަލްތަކެވެ. ޔަގީންކަމާ އެކު ފަރުވާއެއް ދެވެން ނެތުމުން، މާޔޫސްވެ، ކަންބޮޑުވެފައި ތިބި ސިއްހީ އެހީތެރިންނެވެ. މަރާ ހަނގުރާމަކުރަމުން ދާ އެކި އުމުރުގެ، އެކި ޖިންސްގެ ބަލިމީހުންނެވެ.
"މިއީ މަރުވަން ޖެހޭ ވަގުތެއް ނޫނެވެ،" މަޒުމޫން ފަށަމުން، ކްރިސްޓޯފް ލިއުނީ މި ކުޑަކުޑަ ޖުމްލަ އެވެ.
"އާއިލާގެ އެއްވެސް މީހަކަށް މިތަނަށް ވަނުމުގެ ހުއްދައެއް ނެެތެވެ. ތަނުގެ އަސްލު ޖާގައަށް ވުރެ ދެ ގުނަ އިތުރަށް ބަލިމީހުން އެބަ ތިއްބެވެ. އުމުރުން 31 އަހަރުން ފެށިގެން 97 އަހަރާ ދެމެދުގެ 80 މީހުންނެވެ. އަލަށް އައި ބަލިމީހުން، އެއް ކަނެއްގައި ތިބީ އޮށޯންނާނެ އެނދެއްގެ އިންތިޒާރުގައި، ކަންބޮޑުވެފަ އެވެ. ރައްކާތެރިކަމުގެ ހެދުމުގައި، ޑޮކްޓަރުންނާއި ނަރުހުން ބާރުބާރަށް ކޮޅުކޮޅަށް ދަނީ އެވެ. ބައެއް ސާމާނަކީ ހަމައެކަނި މި ވަގުތަށް، އެނޫން ގޮތެއް ނެތިގެން، ބޭނުންކޮށްލާ އެއްޗިއްސެވެ. ވެލްޑްކުރާ އިރު އަޅާ ހެލްމެޓެވެ. ސްކީ ކުރާ އިރު އަޅާ މޫނުމައްޗެވެ. މި އެއްޗެހީގައި ތިބި ސިއްހީ އެހީތެރިންނަކީ ކޮބައިކަން އެ މީހުންގެ ކޮންމެ ދުވަހެއްގެ މަސައްކަތު ބައިވެރިންނަށް ވެސް އެނގޭ ވަރެއް ނުވެ އެވެ،" ނިއު ޔޯކްގެ ބްރޮންޒް ސަރަހައްދުގައި ހުރި ޖެކް ޑީ ވައިލާ ހޮސްޕިޓަލްގެ އެމަޖެންސީ ޑިޕާޓްމަންޓްގެ ހާލަތު، ލިއުންތެރިޔާ ސިފަކޮށްދިނެވެ.
އުމުރުން 29 އަހަރުގެ ޑރ. ނިކޮލް ޑެލް ވާލޭގެ ވާހަކައިން ހިތްފަޅައިގެންދެ އެވެ. އޭނާއަށް އެންމެ އަސަރުކުރަނީ މިހާރު ފަރުވާދޭން ޖެހިފައިވާ 30 އަހަރުގެ ޒުވާން އަންހެނަކަށް ދިމާވި ހާލަތެވެ. އެ އަންހެންމީހާގެ 23 އަހަރުގެ އަންހެން ކޮއްކޮ، ކޮވިޑް-19 ގައި ދުނިޔެ އެ ދޫކުރީ ދާދި ދެންމެއަކު އެވެ. ޑރ. ޑެލް ވާލޭގެ އަންހެން ކޮއްކޮއަށް ގުޅާފައި، ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އަންގައިފަ އެވެ.
މުޅި ދުވަހު ހޮސްޕިޓަލްގައި އޭނާ ވަގުތު ހޭދަކުރަނީ އަމިއްލަ ނަފުސަށް ޔަގީންކަން ދެމުންނެވެ. ބަލިމީހުންގެ ހަށިގަނޑަށް ހޮޅިތައް ގުޅަމުން، އެމީހުންގެ އަތުގައި ހިފަހައްޓާލަ ދެމުން، އެ މީހުން ސަލާމަތްކުރެވޭތޯ ވެވުނު ކޮންމެ ކަމެއް ކުރަމުންނެވެ. އޭގެ ފަހުން އެނބުރި ގެޔަށް ގޮސް އޭނާ ރޮނީ އެވެ.
ކްރިސްޓޯފް ލިއުނު ގޮތުގައި ނިއު ޔޯކްގެ ދެ ހޮސްޕިޓަލެއްގައި އެއް ދުވަސް އޭނާ ހޭދަކުރީ މިފަދަ ބޮޑު ބަލިމަޑުކަމެއްގައި ސިއްހީ ނިޒާމަށް އެ އަންނަ ލޮޅުން ދެކިލުމަށެވެ.
މި ހާލަތުގައި ހޮސްޕިޓަލްތަކަށް ވަނުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބެނީ ވަރަށް މަދުންނެވެ. އޭނާ ބުނި ގޮތުގައި އިރާގާއި އަފްގާނިސްތާނުގެ ހަނގުރާމަ ކަވަރުކުރަން ސިފައިންނާ އެކު ދާނެ ފުރުސަތު ވެސް، މިއަށް ވުރެ މާ ފަސޭހަކޮށް ލިބެ އެވެ. ހަގީގަތުގައި ހޮސްޕިޓަލްތަކުން ކަންބޮޑުވާ ކަންކަން ގިނަ އެވެ. އޭގެ ތެރޭގައި ބަލިމީހުންގެ ޕްރައިވަސީ އާއި ބަލި ފެތުރުމުގެ ފުރުސަތު އޮތުމުގެ އިތުރުން ހޮސްޕިޓަލްތައް ލަދުވެތިވެދާނެ ފަދަ ހަގީގަތްތައް ހާމަވުން ހިމެނެ އެވެ.
ނިއު ޔޯކުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ގެންދަނީ: މި ބަލީގައި މިހާރު އެންމެ ގިނައިން މީހުން މަރުވަނީ އެމެރިކާގައި --ފޮޓޯ:އޭއެފްޕީ
އެކަމަކު ނަސީބުދެރަކަމުން، އޭގެ މާނައަކީ، ކަން ހިނގަމުން ދާ ގޮތުގެ ހަގީގަތް އެމެރިކާގެ އާންމު ރައްޔިތުންނާ ހަމައަށް ގެނެވޭނެ ގޮތް ނެތުމެވެ. ބޮޑެތި ކެއުންތަކާއި ކޮންމެެވެސް ކުޅިވަރެއްގައި އެތައް ބަޔަކު އެއްވެގެން ވަގުތު ހޭދަކުރަން މިހާރު ވެސް ރާވަނީ އެވެ. ހޮސްޕިޓަލްތައް ފުރިގެން ދިމާވެފައި އޮތް ހާލަތު އެފަދަ މީހުންނަކަށް ރޭކައެއްނުލަ އެވެ.
ކްރިސްޓޯފް، އޭނާގެ ދިގު މަޒުމޫނުގައި ލިއުނު ގޮތުގައި، ކޮރޯނާވައިރަސްގެ އަސްލު ހާލަތު ދެނެގަނެވޭނީ ކޮންމެ ދުވަހަކު ވައިޓް ހައުސްގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުން ބަލައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި ފްރޮންޓްލައިންގައި އެ އޮތް ހިތްދަތި އަދި ހިތްފަޅައިގެންދާ މަންޒަރުތަކުން ކަމުގެ އަސްލު ސިފަ މާ ބޮޑަށް ފެންނާނެ އެވެ.
"މިކަމާ އަހަރެން މި ހުންނަނީ ރުޅިއައިސް،" ކޮވިޑް-19 އިން ޑޮކްޓަރުންގެ މަސައްކަތަށް ކުރިމަތިކުރުވި ނުކުޅެދުންތެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، މޮންޓެފިއޮ މޯސެސް ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށް ވާ ޗެލްސީ ގިފޯޑް، 29، ބުންޏެވެ.
"ތިމަންނަ ބިރުގަންނަނިއްޔޭ ބަލިމީހާ ބުނާ އިރު ދޭނެ އެއްވެސް ފަރުވާއެއް ނެތުމަކީ އަހަރެންގެ އަމިއްލަ ލަގޮނޑި ފަޅައިގެންދާ ވަރުގެ ކަމެއް."
ނުކުޅެދުންތެރިކަން ހުންނަ މީހުން ގެންގުޅޭ މަރުކަޒަކުން ގެނައި ފިރިހެނެއްގެ ވާހަކަ، ގިފޯޑް ކިޔައިދިނެވެ.
"އޭނާ ބުނީ ވަރަށް ބިރުގަނެއޭ. ކޮވިޑް ޖެހޭކަށް ބޭނުމެއް ނޫނޭ. އޭނާ އުޅުނު ތަނުން އެތައް ބަޔަކު އެބަ މަރުވެއޭ."
އެ ބަލިމީހާގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ، އޭނާގެ ދެ އަތުގައި، ގިފޯޑް ހިފަހައްޓާލި އެވެ.
"އަހަރެމެންނަށް ކުރެވުނު ހުރިހާ ކަމެއް މިކުރަނީ ފަސޭހަކޮށްދޭން، ހިތްހަމަޖެހުން ގެނެސްދޭން،" ބަލިމީހާ ގާތު އޭނާ ބުންޏެވެ.
"ބިރުގަންނާނެކަން އަހަރެމެންނަށް ވެސް އެނގޭ. އެކަމަކު އަހަރެމެން މި ތިބީ ބަލިމީހުންނާ އެކު، ބަލިމީހުންނަށް އެހީތެރިވާން."
މި ބަލިމަޑުކަމުގެ އެންމެ އުނދަގޫ އަދި ހިތްދަތި އެއް ވަގުތަކީ، ނޭވާނުލެވޭ މީހުން ވެންޓިލޭޓަރާ ގުޅުމެވެ. ފުރާނަ ސަލާމަތްކުރުމުގެ އެންމެ ފަހު މަސައްކަތަށް އެކަން ވިޔަސް، އެއީ އެހާ ބިރުވެރި ވެސް ކަމެކެވެ. އަދި އެ އެހީތެރިކަމަށް ފަހު ވެސް އޭގެ ތެރެއިން ގިނަ މީހުން މަރުވެ ދެ އެވެ. އެގޮތަށް މަރުވާ މީހުންނާ ބެހޭ މާ ގިނަ މައުލޫމާތެއް ލިބޭކަށް އަދި ނެތެވެ. އެކަމަކު ނިއު ޔޯކްގައި، ވެންޓިލޭޓަރުގައި ތިބި ބަލިމީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން ހަތަރު މީހަކު ސަލާމަތެއް ނުވެ އެވެ.
ކޮވިޑް-19 ގެ ބަލިމީހުންގެ ތެރެއިން ވެންޓިލޭޓަރުގެ އެހީ ހޯދުން ނޫން އެހެން މަގެއް ނުފެނިއްޖެ ނަމަ، ހަށިގަނޑަށް ހޮޅިތައް ލެއްވުމުގެ ކުރިން އާއިލާގެ މީހަކާ ފޯނުން ގުޅޭ ގޮތް ހަދައިދެނީ ވެސް، އެންމެ ފަހުގެ ބައްދަލުވުމަށް އެ މުއާމަލާތް ވެދާނެތީ އެވެ. އެކަމަކު ބައެއް މީހުންނަށް އެ ނަސީބެއް ވެސް ނުލިބެ އެވެ. ކްރިސްޓޯފަށް އެ މަންޒަރު ފެނުނެވެ. އޭނާ ލިއުނު ގޮތުގައި 68 އަހަރުގެ އަންހެނެއްގެ ހާލު މާ ބޮޑަށް ގޯސްވީ ކުއްލިއަކަށެވެ. އޭނާގެ އޮކްސިޖަންގެ މިންވަރު ވެއްޓުމާ އެކު، ޑޮކްޓަރުންނާއި ނަރުހުން އަވަހަށް ގޮސް ވެންޓިލޭޓަރާ ގުޅަން ޖެހުނީ، އާއިލާގެ މީހަކާ ފޯނުން ބައްދަލުކުރުވާނެ ވަގުތު ނުލިބި އެވެ.
ދެ ހޮސްޕިޓަލުން ވެސް ލިއުންތެރިޔާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ވެންޓިލޭޓަރު ނުވަތަ ސީޓީ ސްކޭން ފަދަ، ހައިޓެކް އުފެއްދުންތަކަކަށެއް ނޫނެވެ. ލޯތްބާއި އަޅާލުމާ އެކު ބަލިމީހުންނަށް ފަރުވާ ދެމުން އަންނަ ސިއްހީ އެހީތެރިންނަށެވެ. އަދި ބައެއް ފަހަރަށް، ބަލިމީހާގެ އަތުގައި ހަމައެކަނި ހިފަހައްޓާލައިގެން ހުރުމަކީ ވެސް، ވަރަށް ބޮޑު އެހީއަކަށް ވެ އެވެ.
މޮންޓެފިއޮ މޯސެސްގެ ނަރުހެއް ކަމަށްވާ ކެތަރިން ޗާވޭޒްގެ ހަނދާނުން ފިލައިގެން ނުދާނެ އެއް ކަމަކީ ބަލި ފިރިހެނެއްގެ އަތުގައި ހިފަހައްޓާލައިގެން އޭނާ ހޭދަކުރި ވަގުތެވެ. އޭނާ ބުނި ގޮތުގައި 12 ގަޑިއިރު އެމީހާގެ ކައިރީގައި ހުންނަން ޖެހުނެވެ.
"އޭނާ އަހަރެންގެ އަތަށް ބާރުކޮށްލާ. އަހަރެމެން ބުނަމުން ދިޔައީ، ހުރިހާ ކަމެއް ރަނގަޅުވާނޭ،" ޗާވޭޒް ކިޔައިދިނެވެ.
ކްރިސްޓޯފް ވަގުތު ހޭދަކުރި ދެ ހޮސްޕިޓަލްގެ ވެސް އެމަޖެންސީ ޑިޕާޓްމަންޓްގެ ޑޮކްޓަރުންނަށް ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހުންނެވީ ޑރ. މައިކަލް ޕީ. ޖޯނެސް އެވެ. އޭނާގެ ބެލުމުގެ ދަށުން ތަމްރީންވަމުން އަންނަ ޒުވާން ޑޮކްޓަރުންނަށް މިދިއަ މަހު ވަރަށް ޚާއްސަ އީމެއިލްއެއް ފޮނުއްވި އެވެ. އޭގައި ލިއުއްވާފައިވެ އެވެ:
"ވާހަކަ ދައްކާލާނެ ދެތިން މިނިޓް ލިބުނަސް، ބަލިމީހާގެ އާއިލާގެ މީހުންނާއި އެމީހުންގެ ހުވަފެންތަކާ ބެހޭ ގޮތުން އެއްޗެއް ބުނެލާށެވެ. ކަލޭމެންނަށް ފަހުން ގުޅިދާނެ މީހަކު ހުރިތޯ އަހާލާށެވެ. އަދި ވަރަށް އުނދަގޫ ދެ ކަމެއް ހަނދާންކޮށްދޭނަމެވެ: މަރުވަން ކައިރިވުމާ އެކު ނުވަތަ މަރުވުމާ އެކު ބަލިމީހާގެ އަތުގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިފަހައްޓާލަދޭށެވެ. އަދި ފަސް ސިކުންތު ނުވަތަ 10 ސިކުންތު ވަރު، ހުރިހާ ކަމެއް ހުއްޓާލަން، މުޅި ޓީމުގެ ކިބައިން އެދޭށެވެ. އިސްޖަހާލާށެވެ. ބަލިމީހާގެ ނަން ބުނެލާށެވެ. އަދި އެންމެން ހިމޭންވެލުމަށް އެދޭށެވެ.
ނިއު ޔޯކުގައި ހަދާފައިވާ ވަގުތީ ހޮސްޕިޓަލެއްގައި އެމެރިކާގެ ސިފައިން ހަރަކާތްތެރި ވަނީ: ބައެއް ހޮސްޕިޓަލްތައް ވަނީ ފުރިފައި --ފޮޓޯ:އޭއެފްޕީ
މިކަހަލަ ނާޒުކު، ހިތްދަތި ހާލަތުގައި އަހަރެމެންނަށް އިންސާނިއްޔަތުކަން ދެމެހެއްޓޭނީ މިހެންނެވެ. އަދި ބަލިމީހާއާ މެދު އަމަލްތައް ބެހެއްޓުނީ އިހުތިރާމާ އެކު ކަން އާއިލާއަށް އެނގި، އެ މީހުންނަށް ހަމަޖެހުމެއް ވެސް ލިބޭނީ އޭރުންނެވެ."
ބަލިމީހާގެ އެނދު ކައިރީގައި ވަގުތު ހޭދަކުރާ ސިއްހީ އެހީތެރިންނަށް އެމީހުންގެ އަމިއްލަ ނަފުސަށް އިތުބާރު އޮންނަން ޖެހެ އެވެ. އެކަމަކު ބިރު ދެމިގެން ދާ ނަމަ އެ އިތުބާރު ދަމަހައްޓަން ވެސް އުނދަގޫވެ އެވެ.
"އޭނާ ބިރުގެންފައި އޮތް މިންވަރު ދެ ލޮލުން އަހަންނަށް ފެނޭ،" އެނދު ކައިރީގައި 12 ގަޑިއިރު ހޭދަކުރި ނަރުސް ބުންޏެވެ. ހަމަ އެގޮތަށް އޭނާ ވެސް ބިރުގަތެވެ.
"އަހަންނަކަށް ނޭނގޭ ވައިގެ ތެރެއިން އެ ވައިރަސް އަރާނެކަން ނުވަތަ ނާރާނެ ކަމެއް ވެސް. އެކަމަކު އެ ކޮޓަރީގައި 12 ގަޑިއިރު އަހަރެން މި ހޭދަކުރީ."
ސިއްހީ އެހީތެރިން އުޅެން މި ޖެހެނީ ވައިރަސްތަކުގެ ތެރޭގަ އެވެ. އެހެންކަމުން އެ މީހުންނަށް އެ ނުރައްކާ އެބަ އޮތެވެ. ކްރިސްޓޯފް ލިއުނު ގޮތުގައި އޭނާ ޒިޔާރަތްކުރި ދެ ހޮސްޕިޓަލްގެ އެތައް ޑޮކްޓަރުންނަކަށް ކޮވިޑް-19 ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން އެކަކު އޮތީ އައިސީޔޫގަ އެވެ.
ހިތްވަރުގަދަކަމަކީ ބިރުނުގަތުމެއް ވެސް ނޫނެވެ. ބިރުގަތަސް ހަނގުރާމައިގެ މައިދާނަށް ނުކުތުމަކީ ސިފައިންގެ ހިތްވަރު ގަދަކަމެވެ. ކޮވިޑް-19 ގެ ބަލިމީހުންނަށް ކޮންމެ ދުވަހަކު ފަރުވާދީ، އެހީތެރިވެ، ހިތްހަމަޖެހުން ގެނެސްދެވޭތޯ، ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހެން އެހީތެރިން އެ އުޅެނީ އެ ހިތްވަރުގަ އެވެ. އެކަމަކު އެމެރިކާ ކަހަލަ ކުރިއަރާފައިވާ ގައުމެއް އެ ހާލަތަށް ވެއްޓުމަކީ، ޑރ. މައިކަލް ޓާ، 29، ފަދަ ސިއްހީ އެހީތެރިންނަށް އޮތް މާޔޫސްކަމެކެވެ.
"އެމެރިކާގައި ކަންކަން އިންތިޒާމް ވެފައި ހުންނާނީ ވެސް އެންމެ ރަނގަޅަށޭ އަހަރެމެންނަށް ހީކުރެވިދާނެ. އެކަމަކު އެމެރިކާގައި މި އުޅެނީ ވެންޓިލޭޓަރު ނެތިގެން، ބޭނުންވާ ސާމު ހުސްވެގެން. މިއީ ކުރިން ނަމަ ހިޔާލަށް ވެސް ގެނެވުނު ކަމެއް ނޫން،" ޑރ. ޓާ ވިދާޅުވި އެވެ.
ކްރިސްޓޯފް ލިއެފައިވާ ގޮތުގައި ސިއްހީ އެހީތެރިންގެ ރައްކާތެރިކަމަށް ބޭނުންވާ ސާމާނާއި ވެންޓިލޭޓަރާއި ގިނަ ބަޔަކަށް ޓެސްޓް ހެދޭނެ ގޮތް ހަމަނުޖައްސައި، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެ މަސްދުވަސް ބޭކާރުކުރައްވައިފަ އެވެ. އެހެން ނޫން ނަމަ ކޮވިޑް-19 ގައި އެމެރިކާގައި މަރުވާ މީހުންގެ ނިސްބަތް މިލިއަން މީހަކުން 55 މީހުންނަށް އަރައިގެން ނުދިޔައީހެވެ. އެ އަދަދު ސައުތު ކޮރެޔާގައި އުޅެނީ ކޮންމެ މިލިޔަަނަކަށް އެންމެ ހަތަރެއް، އަދި ސިންގަޕޫރާއި ތައިވާންގައި ނަމަ އެންމެ 0.2 މީހުންނެވެ.
ހޮސްޕިޓަލްގައި ބަލިމީހުންނަށް ހިތްވަރުދިނުމުގެ އުނދަގޫ މަސައްކަތަށް ފަހު އެނބުރި ގެޔަށް ގޮސް ރޯން ހުންނަ ޑޮކްޓަރު ޑެލް ވާލޭއާ އަދި އެއް ފަހަރު ބައްދަލުކޮށްލަމާ ހެއްޔެވެ؟ ކްރިސްޓޯފް އޭނާއާ ސުވާލުކުރީ، މި ނުރައްކާތެރި، ހިތްދަތި ހާލަތާ މިވަގުތު ކުރިމަތިވެފައި ނުވާ އަދި ގައިގޯޅިވެ ނޫޅެން ދޭ މެސެޖްތައް ގަބޫލުނުކުރާ މީހުންނަށް ބުނެލާނެ ވާހަކައެއް އޮތްތޯ އެވެ.
"ހޮސްޕިޓަލްތައް މިހާރު ވެސް މިވަނީ ފުރިފައި،" އޭނާ ކިޔައިދިނެވެ.
"އެނދު ކައިރީގައި އާއިލާގެ އެއްވެސް މީހަކު ނެތި ބަލިމީހުން އެ ތަހައްމަލްކުރާ ވޭން ބަލަން ހުރުމަކީ ޑޮކްޓަރެއްގެ ގޮތުން އަހަންނަށް ވަރަށް ދަތި ކަމެއް. މި ތަނުގައި އުޅޭ ކޮންމެ މީހަކަށް ވެސް އެއީ ވަރަށް އުނދަގޫ ކަމެއް. އާންމުން ކައިރީ އަހަރެމެން މި އެދެނީ އާދޭސްކޮށްފައޭ މި ބުނަނީ، ގޭގައި މަޑުކުރާށޭ!"
މިއީ އެޕްރީލް 11، 2020 ގައި، ނިއު ޔޯކް ޓައިމްސް އަށް ނިކޮލަސް ކްރިސްޓޯފް ލިއުނު މަޒުމޫނެއްގެ ހުލާސާ ތަރުޖަމާއެކެވެ. ކްރިސްޓޯފަކީ ހާވަޑް ޔުނިވަސިޓީގައި ގާނޫނީ ރޮނގުން މަތީ ތައުލީމް ހާސިލްކޮށްފައިވާ ލިއުންތެރިއެކެވެ. އޭނާ އަރަބި ބަސް ކިޔެވީ ގާހިރާގަ އެވެ. އެ ނޫން ވެސް އެތައް ބަހަކުން އޭނާ ވާހަކަ ދައްކަ އެވެ. އޭނާގެ ނޫސްވެރިކަމުގެ ދިގު މާޒީގައި ދުނިޔޭގެ ބޮޑެތި ބައެއް މައްސަލަތައް ކަވަރުކޮށްގެން، މަތީ އެވޯޑްތައް ހާސިލްކުރި އެވެ. އޭގެ ތެރޭގައި ޗައިނާގައި 1989 ގައި ހިނގި ޓިއަނަމަން ސްކެއާގެ ގަތުލު އާންމާއި ދާފޫރުގެ ކަވަރޭޖް ހިމެނެ އެވެ. އޭނާ ވަނީ ހަތަރު ކޮންޓިނެންޓްގައި ދިރިއުޅެ، 150 އަށް ވުރެ ގިނަ ގައުމަށް ދަތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންނަ ނުދަންނަ
15 April 2020
ހިތްދަތި ވާހަކައެއް. އެކަމަކު ބަރު ހަތިޔާރު ހަދައިގެން ފަނާކުރަމުން ދުވި މީހުންނަށް ދުނިޔެ ދޫކުރި މައުސޫމް ނިކަމެތިންގެ ޝަކުވާތައް އެންމެ ސިކުންތަކަށްވެސް އަޑުއަހައިލެވުނުބާ. ހަށިތައް ފުނޑުފުނޑުވެ ވިއްސިވިހާލިވެގެން ދިޔައިރު އަސަރެއް ކުރިބާ. އެންމެ މަންޒަރެއް ބަލާފައި އަސަރާއެކު ލިޔުނު މީހާ، ބޮން އަޅައިގެން ތަންތަން ހަލާކުކޮށްލައި އެތައް ބަޔަކު މަރާލި ވާހަކަ ލިޔުނީ ބޮޑާކަމާ ފަޚުރުވެރިކަމާއެކު. މައުސޫމް ނިކަމެތިންނަކީ ހިތެއް ފިތެއް ނެތް ބަޔަކީބާ.
ސިމްޕަލް
14 April 2020
ކޮރޯނާވައިރަސް އާއި ގުޅިގެން މާލޭގައި އުޅޭ މީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިފައިވާ ގޮތްތައް "މިހާރު" ނޫހުން ގެނެސްދޭންވީ ނޫންތޯ؟ ކުޑައިރުއްސުރެ ކޮންމެ ނަމާދެއް މިސްކިތުގައި ޖަމާއަތުގައި ކުރަމުން އައި ކާފަގެ އިހްސާސް ތަކެވެ. ކުދިން ބަހައްޓާ ގޭގޭގައި ދިރިއުޅެމުންނަ ކިޔަވާ ކުދިން މުޅި ދުވަސް ކޮޓަރީގައި ހޭދަ ކުރަންޖެހޭ ގޮތްތަކެވެ. 3 އިރު ހޮޓަލުން ކައިގެން މާލޭގައި އުމުރު ދުވަސް ހޭދަވި މީހާއަށް ދިމާވާ ގޮންޖެހުންތަކެވެ.
ނަހޫ
14 April 2020
ހާދަހާ ބިރުވެރިއެވެ. މިވަރުގެ ކަމެއް މި ދިވެހިރާއްޖޭގައި ފެތުރިދާނެތީ އަހަރެން ވަރަށް ހިތާމަކޮށް ބިރުވެތިވަމެވެ. ދިވެހިންނޭ ފަރުވާ ކުޑަނުކުރޭ! މިހިރަފެންނަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި އެއްވަނައިގާ އޮތް ގައުމުގެ ވާހަކަ.
ބުޝް ޖޮޖު
15 April 2020
ކޯންޗެއް! އެއްވާނާގައި އޮތީ ދުނިޔެ ފަނާކުރުމާއި ކެހިވެރި ރޭވުންތައް ރޭވުމުގައި، ޖަޕާނަށް ނިއުކްލިއާ ބޮން އެޅުން، ވިއެޓްނާމު ގައި އެތައްހާސަ ބަޔަކުމަރާފައި މުޅިގައުމުގައި މައިން ވަޅުލާފަ ދިަޔއީ ، ކިތައް ހާސަ ކުދިންނާއި މީހުންގެ ފައި ނެތި، ފައްލޫޖާއަށް އެޅި ކެމިކަލް ބޮމުގެ އަސަރު އަދިވެސް ނުކެޑޭ،