ރައީސް ޔާމީނާއި މައުމޫން ސަލާމް ކުރައްވަނީ
16 އޮކްޓޯބަރ 2016 - 06:26
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގައި ހުޅު ރޯވެ، އަނދަމުން ދާއިރު، ކުރިން އާންމުންނަށް ނޭނގެ އެތައް ކަމެއް މަޑުމަޑުން މިވަނީ ހާމަވާން ފަށައިފަ އެވެ. ދެ ބޭފުޅުންގެ ދެމެދު މައްސަލަ ޖެހެން ފެށި ސަބަބު އަދި މައުމޫންގެ ފަރާތްޕުޅުން ކުރިމަތިވާ ހުރަސްތަކުގެ މައުލޫމާތު ވެސް ރައީސް ޔާމީން ވަނީ މިދިޔަ ބުދަދުވަހު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނަށް ތިލަކޮށްދެއްވައިފަ އެވެ. އެއާ އެކު މައުމޫންގެ އާއިލާގެ ބޭފުޅުންނާއި ގާތް ބޭފުޅުން ވެސް ވަނީ ރައީސް ޔާމީނާއި މައުމޫނާ ދެމެދު ހިނގި ބައެެއް ކަންތައްތަކުގެ ވާހަކަ މީޑިއާއަށް ތިލަކޮށް ދެއްވަން ފައްޓަވައިފަ އެވެ.
ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ހާދިސާތަކެވެ.
ރައީސް ޔާމީނާއި މައުމޫން ބައްދަލުނުކުރައްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ރައީސް ޔާމީނާ ބައްދަލުކުރައްވަން މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި ތިން ފަހަރު މައުމޫން އެދިވަޑައިގަތުމުން ވެސް އެއަށް އިޖާބަ ނުދެއްވި ކަމަށް، މައުލޫމާތު ހުރި ބޭފުޅަކު ވިދާޅުވި އެވެ.
"އެއް ފަހަރު އެދިވަޑައިގެންފައި އަނެއްކާ އެ ދެމެދަށް ހަފުތާއެއް ވަރު ދޫކޮށްލާފައި އެޕޮއިންޓްމަންޓަކަށް އެދިވަޑައިގަތީ. އެގޮތަށް ރައީސް ޔާމީނާ ބައްދަލުކުރައްވަމުން ރައީސް މައުމޫން ތިން ފަހަރު އެދިވަޑައިގަތުމުން ވެސް އެކަމާ އަޅައެއް ނުލެއްވި. އެ ހިސާބުން ދެން ރައީސް މައުމޫން ބައްދަލު ކުރައްވާކަށް ނޫޅުއްވާ،" އޭނާ ވިދާޅުވި އެވެ.
"ގައުމުގެ ބޮޑެތި ކަންތައްތަކާ ރައީސް މައުމޫން، ރައީސް ޔާމީނާ ބައްދަލު ކުރައްވަން ބޭނުންފުޅުވަނީ. އެއްގޮތަކަށް ވެސް އެއީ ކުދިކުދި، އާދައިގެ ކަންކަމެއް ނޫން."
ރައީސް ޔާމީނާ ބައްދަލުކުރައްވަން އާންމުކޮށް މައުމޫން އެދިވަޑައިގަންނަވަނީ ސީދާ ރައީސް ޔާމީންގެ އަރިހުންނެވެ. އޭގެ ފަހުން ރައީސް އޮފީހުގައި ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ތެރެއިން މައުމޫނަށް ކުރިން އެޕޮއިންޓްމަންޓް ދެއްވަމުން ގެންދެވި ކަމަށްވެ އެވެ.
"ވެރިކަމުގެ ކުރީކޮޅު ވަރަށް ގިނައިން ރައީސް ޔާމީނާއި މައުމޫން ބައްދަލުކުރެއްވި. ހިޔާލުތައް ދެއްވަމުން ގެންދެވި،" މައުމޫންގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ރައީސް ޔާމީން، މި ސަރުކާރުގެ ކުރީކޮޅު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ދެ ބޭފުޅުން އެއްވެސް ގޮތަކަށް ބައްދަލު ނުކުރައްވާތާ އަހަރެއް ވީ ނަމަވެސް، ބައެއް ކަހަލަ ބޮޑެތި މައްސަލަތަކުގައި މައުމޫނަށް ފެނިވަޑައިގަންނަވާ ހިޔާލުފުޅުތައް އެސްއެމްއެސް އިން އަދި ބައެއް ފަހަރު ސިޓީގެ ޒަރީއާއިން ރައީސް ޔާމީނަށް ހިއްސާ ކުރެއްވި ކަމަށް "މިހާރު"އާ ބައެއް ވާހަކަތައް ހިއްސާ ކުރެއްވި، މައުމޫންގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް ކަންކަން މީޑިއާއާ ހަމައަށް ވެސް އައެވެ.
"އެކަމަކު މާ ބޮޑަކަށް ކަންކަމަށް ރެސްޕޮންޑެއް ނުކުރައްވާ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން، މައުމޫނާ ބައްދަލު ނުކުރެއްވުމުން، ޕާޓީ އާއި ސަރުކާރާ ގުޅޭ ތަފާތު ކަންކަމުގައި މައުމޫންގެ ހިޔާލުތައް ފަހުން ޕީޕީއެމް ޕީޖީ ގުރޫޕް އަދި ސޯޝަލް މީޑިއާގައި ވެސް އާންމުކުރެއްވި އެވެ. އެކަމަކު ބައެއް ކަންބޮޑުވުންތައް މީޑިއާއާ ހަމައަށް ދާން ޖެހުނީ، ރައީސް ޔާމީނާ ބައްދަލުކުރެއްވޭނެ މަގު ބަންދުވުމުން ކަމަށް، މައުލޫމާތުތައް ހިއްސާ ކުރެއްވި ބޭފުޅާ ވިދާޅުވި އެވެ.
"އެ ވެސް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެވޭނެ ގޮތެއް ނެތުމުން. ބައްދަލު ކުރަން އެދިވަޑައިގަތަސް އެއަށް ޖަވާބެއް ނުދެއްވާތީ. އެކަމަކު ރައީސް ޔާމީން ހޮވިވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށް ވާތީ، އާންމު މެމްބަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫނަށް ޖެހިވަޑައިގަންނަވާ ރައީސް ޔާމީނާ ހިއްސާ ކުރައްވަން. ގަވައިދުތަކާއި އުސޫލުތަކުން ބޭރުން ކަންކަން ދާ ކަމަށް ވަނީ ނަމަ އެކަން ކުރައްވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މި ސުވާލުގެ ޖަވާބު އެހާ ސާފެއް ނޫނެވެ.
ނަމަވެސް ރައީސް ޔާމީންގެ ގާތް ބޭފުޅަކު ވިދާޅުވީ އެމަނިކުފާނު، މައުމޫނާ ބައްދަލު ނުކުރައްވަނީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް އަދީބާ ހަމައިން ނުނިމޭނެ ކަމަށް މައުމޫން ކޮންމެވެސް ބޭފުޅެއްގެ ގާތު ވިދާޅުވި ކަމުގެ އަޑުތަކެއް ރައީސް ޔާމީނަށް އިވިވަޑައިގަތުމުންނެވެ.
"އެހެންވެ ރައީސް މައުމޫނާ ބައްދަލުކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް މިވަނީ. އެ ވާހަކަ އަޑު އިވުމުން ސީދާ ރައީސް ޔާމީނަށް މައުމޫން ގުޅުއްވާފައި ދެންނެވި އެއީ ހަގީގަތެއް ނޫން ކަމަށް. އެފަދަ ވާހަކައެއް ވިދާޅުނުވާ ކަމަށް ދެންނެވި. އެކަމަކު ރައީސް ޔާމީން، ރައީސް މައުމޫންގެ ވާހަކަތަކެއް ގަބޫލު ނުކުރެއްވި،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ކޮރަަޕްޝަންގެ މައްސަލަތައް އަދީބާ ހަމައިން ނުނިމޭނެ ކަމަށް މައުމޫން ވިދާޅުވި ކަމަށް އަޑުއިވިވަޑައިގެންނެވި ވާހަކަ ރައީސް ޔާމީން ވަަރަށް ސީރިއަސްކޮށް ނެންގެވި ކަމަށްވެ އެވެ.
"އަޅުގަނޑަށް އެނގިގެން ތިން ބޭފުޅެއްގެ އަރިހުގައި އެ ވާހަކަ ރައީސް ޔާމީން ދެއްކެވި. ވިދާޅުވީ އެހެންވީމައޭ ރައީސް މައުމޫނާ ބައްދަލު ކުރައްވަން ބޭނުންފުޅު ނުވަނީ،" ރައީސް ޔާމީންގެ ގާތް ބޭފުޅާ ވިދާޅުވި އެވެ.
މައުމޫންގެ ގާތް ބޭފުޅަކު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީނަށް މައުމޫން އަރުވާ ގިނަ ހިޔާލުތަކުގެ ބޭނުމެއް ނުހިއްޕަވަ އެވެ. އަމަލު ކުރައްވަނީ ވަރަށް މަދު ކަންތައްތަކަށެވެ. އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު ކަމަށް އިބްތިޝާމް އަހުމަދު އައްޔަން ކުރަން ސަރުކާރުން އުޅުމުން އެކަމުގެ ކަންބޮޑުވުން ރައީސް ޔާމީންއާ މައުމޫން ހިއްސާކުރެއްވުމެވެ.
"އޭގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ ތިމަންނައަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫނޭ އެއީ. އަދީބު ދެއްވި ނަމެކޭ. އެފަހަރު ދެން އެ ނަން ބަދަލުކުރެއްވި،" މައުމޫންގެ އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.
މީގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުން ވެސް މައުމޫންގެ ހިޔާލުފުޅު ރައީސް ޔާމީނަށް އެރުވި ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި މައުމޫންގެ ގާތް ބޭފުޅާ ވިދާޅުވި އެވެ. އެގޮތުން ރައީސް ކަމަށް ކުރިމަތި ނުލެވޭނެ މަތީ އުމުރެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަނޑައަޅާފައި ނޯންނަ ކަމަށް ރައީސް ޔާމީނަށް، މައުމޫން ދެންނެވި ކަމަށްވެ އެވެ.
"އެފަހަރު ރައީސް ޔާމީން، މައުމޫން އަރިހުން އެއްސެވި އެމަނިކުފާނު ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ހުރިތޯ؟ ރައީސް މައުމޫން އިންތިހާބަށް ޝައުގުވެރިކަން ހުރި ނަމަ ގާނޫނުއަސާސީ ބަދަލު ނުކުރައްވާނަމޭ ރައީސް ޔާމީން ވިދާޅުވި. ޖަވާބެއްގެ ގޮތުގައި ރައީސް ޔާމީނަށް މައުމޫން ދެންނެވީ ރައީސް ކަމަށް ކުރިމަތިލައްވަން ދެން ބޭނުންފުޅު ނުވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"އެ މައްސަލާގައި ރައީސް ޔާމީން ވިދާޅުވީ ގާސިމްގެ އުނދަގޫ ބޮޑުވެގެންނޭ އެކަން ކުރައްވަނީ."
ރައީސް ޔާމީނާއި ގާސިމް ސަލާމް ކުރައްވަނީ: އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަން ނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން ގާސިމަށް ވަނީ ފުރުސަތު ގެއްލިފައި ---ފޮޓޯ: ނިޝާން އަލީ
ގާނޫނުއަސާސީ އަށް އެ އިސްލާހު ގެނައުމުގެ ނަތީޖާއަކަށް ވީ، 2018 ގެ ރިޔާސީ އިންތިހާބަށް ގާސިމަށް ފުރުސަތު ގެއްލުމެވެ. އޭނާގެ މިހާރުގެ އުމުރަކީ 65 އަހަރެވެ. މައުމޫންގެ އުމުރުފުޅު އެއަށް ވުރެ މައްޗެވެ.
ދެން އޮތީ ޕްރޮސިކިއުޓަ ޖެނެރަލް ކަމަށް ރައީސް ޔާމީނާއި މައުމޫންގެ ވެސް ކޮއްކޯފުޅު މައުމޫން ހަމީދު އައްޔަން ކުރައްވަން ރައީސް ޔާމީން އުޅުއްވުމަށް ފަހު، އެކަން ފަހު ވަގުތު ބަދަލުކުރެއްވި މައްސަލަ އެވެ. މައުމޫން ހަމީދު އެ މަގާމަށް އައްޔަން ކުރައްވަން ނިންމެވީ، މައުމޫންގެ އާއިލާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން އަމިއްލަފުޅަށެވެ. އެ ނިންމެވުމަށް މައުމޫން ތާއީދުކުރެއްވި އެވެ. ނަމަވެސް ފަހު ވަގުތު ކުއްލި ގޮތަކަށް ނިންމެވުން ރައީސް ޔާމީން އަނބުރާ ގެންދެވުމުން މައުމޫން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަތެވެ.
ނައިބު ރައީސް ކަމަށް އަހުމަދު އަދީބު އައްޔަން ކުރައްވަން މައުމޫން ދެކޮޅު ހައްދަވަމުން ގެންދެވިކަން ކުރިން ވެސް މީޑިއާގައި، އިތުބާރުކުރެވޭ ބައެއް މީހުންނާ ހަވާލާދީ ވަނީ ރިޕޯޓް ކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް މައުމޫން އެއްޗެއް ވިދާޅެއް ނުވެ އެވެ.
"މިހާރު" އަށް ރައީސް ޔާމީނާއި މައުމޫންގެ ސިޔާސީ ވާހަކަތައް ހިއްސާކުރެއްވި ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު މައުމޫން ވަނީ ވަރަށް ސާފުކޮށް ރައީސް ޔާމީނަށް ހިޔާލު އަރުވައިފަ އެވެ. އެގޮތުން ސީދާ ރައީސް ޔާމީނާ ބައްދަލުކުރައްވައި، ނައިބު ރައީސް ކަމަށް އަދީބު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ދެންނެވި ކަމަށް އެއް ބޭފުޅަކު ވިދާޅުވި އެވެ.
"އެ ވާހަކަތައް ރައީސް ޔާމީނަށް ދެންނެވީ މިދިޔަ އަހަރުގެ ރޯދަމަހު އާއިލާގެ ބޭފުޅުންނަށް މުލީއާގޭގައި ރައީސް ޔާމީން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން. އެ ބައްދަލުވުމުގައި ހުންނަވާފައި ރައީސް ޔާމީނާ ވަކިން ބައްދަލުކޮށްލުމަށް މައުމޫން އެދިވަޑައިގަތުމުން ރައީސް ޔާމީން، މައުމޫނާ ބައްދަލުކުރެއްވި. އެ ބައްދަލުވުމުގައި ރައީސް މައުމޫން، ރައީސް ޔާމީނަށް ދެންނެވި ނައިބު ރައީސް ކަމަށް އަދީބު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް،" މައުމޫންގެ ސިޔާސީ ނިންމުންތައް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
"އެ މީޓިންގައި ރައީސް މައުމޫން ދެންނެވި އަދީބަކީ ވަރަށް އެމްބިޝަސް، ކޮރަޕްޓް ބޭފުޅެކޭ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ ތިމަންނަގެ ފިކުރެއް ނެތޭ އަދީބު [ނައިބު ރައީސް ކަމަށް] ގެންނާކަށް. އެހެން ތިން ފަހަރު ރައީސް ޔާމީން ވިދާޅުވި."
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓު ދޮރުމަތީ ހުންނަވައި، އެތަނުގައި ތިބި މީހުންނަށް އަތުން އިޝާރާތްކޮށްލައްވަނީ: އޭނާ ނައިބު ރައީސް ކަމަށް ނުގެންނަވަން މައުމޫން، ރައީސް ޔާމީނަށް ދެންނެވި. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ނައިބު ރައީސަކަށް އަދީބު ގެންނަވައިފި ނަމަ، މި ދައުރު ރައީސް ޔާމީނަށް ފުރިހަމަ ނުކުރެއްވޭނެ ކަމަށް އަދި ކުރިއަށް އޮތް ދައުރުގައި ރައީސް ކަމަށް އަދީބު ކުރިމަތިލައްވާނެ ކަމަށް ވެސް މައުމޫން، ރައީސް ޔާމީނަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ނައިބު ރައީސްކަން އަދީބަށް ދޭން މައުމޫން އިއުތިރާޒް ކުރައްވާނެތޯ އޮޅުންފިލުއްވުމަށް އެ ދުވަސްވަރު އަދީބު ވެސް މައުމޫނަށް ގުޅުއްވި ކަމަށްވެ އެވެ.
"މައުމޫން އަދީބަށް ދެންނެވީ ރައީސް ޔާމީން ފޮނުއްވާ އެއްވެސް ނަމަކަށް އިއުތިރާޒެއް ނުކުރައްވާނަމޭ،" މި މައުލޫމާތު ދިން، މައުމޫންގެ ގާތް ބޭފުޅާ ވިދާޅުވި އެވެ.
ނައިބު ރައީސް ކަމަށް އަދީބު ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ޔާމީނަށް މައުމޫން ދެންނެވުމުގެ ކުރިން ވެސް، އެކަމަށް އަދީބު ކެމްޕެއިން ކުރައްވާތީ އެ ވާހަކަ ރައީސް ޔާމީންގެ ސަމާލުކަމަށް މައުމޫން ގެންނެވި ކަމަށްވެ އެވެ.
"އެފަހަރު ރައީސް ޔާމީނަށް މައުމޫން ދެންނެވީ، ނައިބު ރައީސްކަމުގެ މަގާމަކީ ކެމްޕެއިން ކޮށްގެން ހޯދާ މަގާމެއް ނޫނޭ. އެކަމަކު އަދީބު ރަށްރަށުގައި ކެމްޕެއިންކޮށް އެބަ ހައްދަވައޭ. ރައީސް ޔާމީން ވިދާޅުވީ އަޅުއްވާ ނުލައްވާށޭ ތިޔަ ކަމުގައި،" އޭނާ ވިދާޅުވި އެވެ.
ނައިބު ރައީސް ކަމުން އަދީބު ވަކިކުރުމަށް ފަހު، އާ ނައިބު ރައީސަކު އައްޔަން ކުރުމާ ގުޅޭ ގޮތުން ވެސް މައުމޫން ހިޔާލު ދެއްވި އެވެ. އެކަމަކު އޭރު ރައީސް ޔާމީން ވިދާޅުވި ކަމަށް ވަނީ ނައިބު ރައީސަކު އައްޔަންކުރުން "އަދި މާ އަވަސް" ކަމަށެވެ.
"އެ މައުލޫއުގައި ވެސް ރައީސް މައުމޫން، ރައީސް ޔާމީނަށް ދެންނެވި ނައިބު ރައީސަކަށް ދެން އެހާ އެމްބިޝަސް ނޫން، ވަރަށް ތަޖުރިބާކާރު، ހަރުދަނާ ބޭފުޅެކޭ ގެންނަވަންވާނީ،" މައުމޫންގެ ގާތް ބޭފުޅާ ވިދާޅުވި އެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ އަށް ޑޮލަރު ގަތުމަށް އެމްޕީއެލް އިން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލާގައި ވެސް ރައީސް ޔާމީންއާ މައުމޫން ވާހަކަފުޅު ދެއްކެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެފަހަރު ވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް ވަނީ އެއީ ރަނގަޅަށް ހިނގާފައިވާ މުއާމަލާތެއް ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި މައުމޫންގެ މި ކޯޅުން މިހާރު މިވަނީ "ހައްލެއް ނެތް" ދަރަޖައަށް ގޯސްވެފައި ކަމަށް ދެ ފެކްޝަނުން ވެސް ގަބޫލުކުރެ އެވެ. ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ ސީދާ ރައީސް ޔާމީނަށް ކަމަށް ވާއިރު، މައުމޫންގެ އަގު ވައްޓާލައި، އެމަނިކުފާނު ގޮވައިގެން ކޯޓަށް ވަޑައިގެންނެވި ބޭފުޅުން މާފަށް އެދިވަޑައިގަތުމުން ނޫނީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން މައުމޫން ބޭނުންފުޅެއް ނުވެ އެވެ. ކައުންސިލް ނުބާއްވާ މައްސަލަ މިހާރު ވެސް އޮތީ ކޯޓުގަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"މިއަދަކު ނޫން މައުމޫނާ ބައްދަލުކުރަން އެބޭފުޅުން [ރައީސް ޔާމީންގެ ފެކްޝަން] އުޅުއްވަން ވީ. މީގެ އެތައް ދުވަހެއް ކުރިން، ރައީސް ޔާމީނާ ބައްދަލު ކުރައްވަން މައުމޫން ތަކުރާރުކޮށް އެދިވަޑައިގަތުމުން އެއަށް އިޖާބައެއް ނުދެއްވި. އެކަމަކު އެބޭފުޅުން ބޭނުންވީމާ މިއަދު މައުމޫން ވީ ބައްދަލުކުރަން. އެބޭފުޅުން މާފަށް އެދޭކަށް ނުޖެހޭ. ޕާޓީގެ ރައީސް އެދިވަޑައިގަންނަވާ ކަމެއް ކޮށްގެނެއް ނުވޭ. ނަމަވެސް މައުމޫން އެބަ ޖެހޭ ގޮތް ދޫކުރައްވަން. އެއީ ހަމަހަމަ އުސޫލެއް ނޫން،" މައުމޫނަށް ސަޕޯޓް ކުރައްވާ، ޕީޕީއެމްގެ ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، އިންތިހާބު ވެއްޖެ ނަމަ، މައުމޫންގެ ތަޖުރިބާ ހުރިހާ ކަމެއްގައި ވެސް ހޯއްދަވާނެ ކަމަށް ރައީސް ޔާމީން ކޮންމެ ވާހަކަފުޅެއްގައި ކަހަލަ ގޮތަކަށް ވިދާޅުވި ނަމަވެސް ފެނުނީ އެއާ ތަފާތުކޮށް ކަމަށެވެ.
މައުމޫންގެ އަމިއްލަފުޅު ވާހަކަތައް ހިއްސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، އެމަނިކުފާނު މިހާރު ހުންނެވީ ރައީސް ޔާމީނަށް ދޫދެއްވާ ގޮތަކަށް ނޫނެވެ. އަދި ރައީސް ޔާމީން އިހަށް ދުވަހު ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ވެސް ވިދާޅުވީ އެހެންނެވެ.
"ރައީސް މައުމޫން ވަނީ މައްސަލަ ހައްލުކުރަން، އަދި ރައީސް ޔާމީނާ ބައްދަލު ކުރުމަށްޓަކައި އެކި ގޮތްގޮތަށް މަސައްކަތްޕުޅު ކުރައްވާފައި. ބައެއް މެމްބަރުން ވެސް މެދުވެރި ކުރެއްވި. އެ މެމްބަރުން މެދުވެރި ކުރައްވައި މެސެޖުތައް ވެސް ރައީސް ޔާމީނަށް ފޮނުއްވި. ނަމަވެސް ކާމިޔާބެއް ނުވި،" މައުމޫންގެ އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން މައުމޫން ދުރުކުރުމުގެ މައްސަލަ، ރައީސް ޔާމީންގެ ފެކްޝަންގެ ދެ ބޭފުޅަކު މިހާރު ވަނީ ސިވިލް ކޯޓަށް ވައްދައިފަ އެވެ. މި މައްސަލާގައި މިއަދު ހަވީރު ކޯޓުގައި ޖަވާބުދާރީވުމަށް ޗިޓް ފޮނުވާފައިރު، މައްސަލަ ނިމޭ ގޮތަކުން ޕީޕީއެމުން މައުމޫންގެ ބާރުތައް ކުރިއަށް ވުރެ ބޮޑަށް ދާނެ ކަމަށް ބެލެވެ އެވެ. އެ ހިސާބުން ދެން އޮތީ އެމަނިކުފާނުގެ ސިޔާސީ ކުރިމަގު ދެން ބައްޓަން ކުރައްވާނެ ގޮތުގެ ސުވާލެވެ. ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެބައޮތެވެ. އެ ދެ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދު ނުކުރައްވާނެކަން ޔަގީންވެފައިވާއިރު، މައުމޫންގެ އެހީތެރިކަން ހޯދާނެ ޕާޓީ ވާނީ ސިޔާސީ ރޭހުގައި މުހިންމު ޕާޓީއަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
16 October 2016
ސަރުކާރު ހިންގަވަނީ ޔާމީނެއްނޫން ، ޔާމީން އަށް ނޭގޭ ބިރެއް ކުރިމަތި ކުރުވައިގެން ބަޔަކު ވަނީ ޔާށމީން އަތްދަށުގާ ލައިފާ ހެން ހީވޭ ؟ ދަވްލަތުގެ މަގާމް ތަކަށް މީހުން މި ހަމަޖައްސަނީވެސް ވަކިތާކުން ވަކި މީހަކު ފޮނުވީމާ ތަ ؟ ރައީސަކަށްރައްޔިތުން ހޮވީ ޔާމީން ރައީސްކަމުގެ މަގާމް އެހެންމީހަކު ފުރުއްވަނީތަ ؟
ޓިއަރ ވަން
16 October 2016
އެ މައުލޫއުގައި ވެސް ރައީސް މައުމޫން، ރައީސް ޔާމީނަށް ދެންނެވި ނައިބު ރައީސަކަށް ދެން އެހާ އެމްބިޝަސް ނޫން، ވަރަށް ތަޖުރިބާކާރު، ހަރުދަނާ ބޭފުޅެކޭ ގެންނަވަންވާނީ،" މައުމޫންގެ ގާތް ބޭފުޅާ ވިދާޅުވި އެވެ.....ސޯ ތަސްމީން ވޯޒް ނޮޓް އަ އެމްބިޝަސް މޭން
ފެކްޝަން
16 October 2016
އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެޔޯ ބައްދަލު ނުކުރައްވާތާ؟ އެހންވީއިރު ބައްދަލުނުވާ ދެމީހުން ހާދަ ވާހަކައެއް އެކަކު އަނެކަކާ ހިއްސާ ކޮށްފައޭ މިއޮތީ.. މިހާރުގަ ހިއްސާކޮށްފަ މިހިރަ ވާހަަކަ ތަކަކީ ކުދި ކުދި ކަންތައްތަކުގެ ވާހަކަތަ؟
އެދުރުބެ
16 October 2016
މައުމޫން އާ އިލްޔާސް ގެ ކޯޅުން ހަދާންވަނީ. މިވެސް ހަމަ ޑްރާމާ. ހެޔޮނުވާނެ ވިސްނާލަބަލަ. މައުމޫން، ޔާމީން އަދި ކީއްކުރަން އިދިކޮޅު ލީޑަރުންނަކީވެސް ހަމަ އެކައްޗެއް. ޑްރާމާ ހަދާފަ ރައްޔިތުން ލޮލުގަ އަދުން އަޅުވަނީ.
ޔާހުންބަރަސް
16 October 2016
މި ވެެ ރި ކަން 2018 ގެ އިންތިހާބުގަ ނުހޮވޭނެ
ސޯޓު
16 October 2016
ކޮރަޕްޝަނޭ މީހަކު ވިދާޅުވުމުން ރައީސް ވަރަށް ކޯފާ އިސްކުރައްވާ... މިވެސް ވަރަށް ބޮޑަށް ފާހަގަވަމުން އަންނަށް ކަމެއް....
އުމަރު
16 October 2016
ތިޔައިގައި ގިނައީ މީޑިއާ މެދުވެރިކޮށް އެނގިފައިވާ ވާހަކަ، އެކަމަކު ނޭގޭ ވާހަކައަކީ މައުމޫނުއާއި ޔާމީނު ދުރުކުރުވި މީހުންގެ ވާހަކަ، އަދި ޔާމީނު އެގޮތަށް ބަދަލުވި ސަބަބުގެ ވާހަކަ، އޭގެ އިތުރުން ޔާމީނުއަކީ އެފަދަ ބޭފުޅެއްކަން އެނގިހުރެ މައުމޫނު ރައްޔިތުންގެ ކުރިމައްޗަށް ޔާމީނު ގޮވައިގެން ވޯޓްހޯދިސަބަބު
އެންދެރިބޭ
16 October 2016
މީހަމަ ގޭމް. މައުމޫނު އަތަކުން ގެއްލޭނެ އެއްވެސް އެއްޗެއްނެތް. މިއީމިދެމީހުން ރާވައިގެން ކުރިޔަށް ގެންދާ ކަަންކަން. ދެން ރައްޔިތުން ތިބޭނެ އަތްޖަހަން. ހެހެހެ
ކޯރާޑި
16 October 2016
ކަލޯ ޔާމީނު އިށީދެ އިން ގޮފިގަނޑު އަމިއްލަ އަތުން ކޯރާޑީން ޖަހާ ބުރިކޮށްލީމާވެސް މަނިކުފާނަކީ ގަޓު ރައީހޭ ކިއާނެ ފަދަ 2 އުޅިއެއް ނުވާ ތަނެއް ދޮރެއް ނޭގޭ މީހުން ކައިރިކޮށްގެން އުޅެނީ. ދެން ވާނެ 6 އެތި މިވަނީ.
ހގހ
16 October 2016
ތިތާކު ނެތް މީހަކަށް ނޭގޭ އެއްޗެއް! ހެއްވާކަމަކީ ގައުމެއްގެ ގަވަރުނަރަށް މީހަކު ހޮވަން އުޅޭއިރު ތިމަންނައަކަށް ނޭގޭ އަދީބު ދިންނަމެކޭ ކިޔާ އަދީބު ދިން ނަން ތަނެއް ދޮރެއް ނުބަލާ އައްޔަންކުރަން އުޅުން. އެވަރަށް ކަންކަން ނުބަލާ މީހަކު ވެރިކަމުގައި ހުންނަންވާނެތަ. އިންޓެލިޖެންސް ރިޕޯޓްވެސް ނުބަލާތާ އެތައް ދުވަހެއް ވީފަހުން ފިނިފެންމާ ގޮވީ. ބަލަނީ އެންމެ ކަމެއް. ރައީސް ނަޝީދާ އިދިކޮޅު މީހުން އުޅޭ ގޮތް. މިވަރުމީހަކު ކިހިނެއް ވެރިކަން ކުރާނީ. މިހާރު ހިތައް އަރާ ވެރިކަމަށް އައީ އަޅެފަހެ ކީއްކުރަން ބާއޭ.